www.fanvai.info

Print

ހިތްހަމަޖެހިގެން ދަރީން ތަރުބިއްޔަތުކުރާން ބޭނުން ނަމަ........ (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިޖުތިމާޢީ

ކައުޘަރު އަޙުމަދު ލަޠީފު 

(1 ޖުލައި 2020ގައި ޝާއިޢުކުރިބައާ ގުޅޭ)

ދަރީން ތަރުބިއްޔަތު ކުރުމުގެ ވާހަކައަކީ މުޅިދުނިޔޭގައި ދައްކާ ވާހަކައެކެވެ. ކޮންމެ ދެމަފިރިއެއްގެ ކަންބޮޑުވުމެކެވެ. އާމްދަނީ ހޯދަނީ އެކުދިންނަށްޓަކައެވެ. ބައެއް ފަހަރު ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އިތުރު އެހެން ވަޒީފާއެއް އަދާކުރަންޖެހޭ ހިސާބަށް ވެސް ދެއެވެ. ބައެއްފަހަރު ދެމަފިރިން އެއްކޮށް ވެސް އާމްދަނީ ހޯދަންޖެހޭ ފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ. 

ލޮބުވެތި ބަފައިންނޭވެ! ފުރަތަމަ ދަރިފުޅަށް ތިބާގެ އަނބިމީހާ ބަލިވެއިންނަ ފަހަރަކީ ވަރަށް ވެސް ފަރުވާތެރިވާން ޖެހޭ ފަހަރެކެވެ. ކެތްތެރިވާން ޖެހޭ ފަހަރެކެވެ. ވަރަށް ގިނަ ގުރުބާނީ ތަކެއް ވާންޖެހޭ ފަހަރެކެވެ. ވަކިން ޚާއްޞަކޮށް ބަލިވެއިނުމަކީ އަންހެނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ވިސްނުމާއި ފިކުރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ދުވަސްވަރަކީ ތިބާގެ ފުރަތަމަ ދަރިފުޅުގެ ތަރުބިއްޔަތަށް ވަރަށް މުހިއްމު ދުވަސްވަރެކެވެ.  ވަކިން ޚާއްޞަކޮށް ދަރިފުޅުގެ ހެދިބޮޑުވުމަށް އިސްކަމެއް ދޭންޖެހޭ ދުވަސްވަރެކެވެ. ކޮންމެ ކޮންމެ އެއްޗެއް އަނބިމީހާއަށް ކާން ނުދޭށެވެ. އޭނާއަށް ކޮންމެ ކޮންމެ އެއްޗެއް ނުކެވިދާނެއެވެ. މިދުވަސްވަރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، އަނބިމީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށެވެ. ނަމަނަމަ އެކަނބުލޭގެ ހިތުގައި ނުޖައްސާށެވެ. އޭނާ ދެރަވެ ހިތާމަކުރަންޖެހޭ ފަދަ ކަމެއް ނުކުރާށެވެ. މިކަންކަމަކީ ދަރިފުޅުގެ ހެދިބޮޑުވުމަށް ހުރަސްއެޅި އެކަމުގައި މައްސަލަތަކެއް ޖެހިދާނެ ކަމެކެވެ. މިހެންކަމުން، ވީވަރަކުން އެކަނބުލޭގެ އުފާކޮށްދީ ހިތްހަމަ ޖައްސައިދޭށެވެ. ތިބާގެ ދަރިފުޅަށްޓަކައެވެ. އެދަރިފުޅުގެ މުސްތަގުބަލަށްޓަކައެވެ. 

ލޮބުވެތި މައިންނާއި ބަފައިންނޭވެ. ފުރަތަމަ ދަރިފުޅު ލިބޭ ދުވަހަކީ އެ ކަމަށް ބޭނުންވެގެން އުޅޭ ކޮންމެ މަޔަކާއި ބަފަޔަކަށް ވަރަށްބޮޑު އުފަލެއް ލިބޭ ދުވަހެކެވެ. ލައްކަ ގިނަ އުންމީދު ކުރެވޭ ދުވަހެކެވެ. އެދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެކަން އަބަދުވެސް ހަނދާންކުރާށެވެ. އެދަރިފުޅުގެ ތަރުބިއްޔަތުގެ ފުރިހަމަ ޒިންމާ ދެމަފިރިން ފުރިހަމައަށް ނަގަންޖެހޭ ހާލުގައެވެ. ލޮބުވެތި ފިރިންނޭވެ! ދަރިފުޅު ދުނިޔެއަށް އައުމުގެ  މަގުމަތީގައި ގިނަވަގުތު ހޭދަކުރީ އެދަރިފުޅުގެ މަންމައާ އެކުއެވެ. ދުނިޔެއަށް އައުމަށްފަހު އެދަރިފުޅަށްޓަކައި ވަގުތު ދިނުން ތިބާއަށް ބުރަކަމަކަށް ނަހަދާށެވެ. ދަރިފުޅުގެ ތަރުބިއްޔަތުގެ ފުރަތަމަ ކާނާއަކީ ވަގުތެވެ. އެދަރިފުޅަށްޓަކައި ވަގުތުހޭދަކުރަން ތިޔަ ދެމަފިރިން ވެސް ތައްޔާރަށް ތިބޭށެވެ. 

ދަރީންނަކީ ވަރަށް އަޖައިބުކުރުވަނިވި ބައެކެވެ. ދެމަފިރިންގެ ސިފަތައް އެކުވެގެން ދުނިޔެއަށް އަންނަ ލޯބިލޯބި ކުޑަ ފުރާނައެކެވެ. ސައިންސްގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ދަރީންނާ މައިންބަފައިންނާ ދެމެދު އިލާހީ ގުޅުމެއް ވެއެވެ. އެންމެ ތުއްތުއިރުއް ސުރެ އެކުދިންނަށް އެކުދިންގެ މައިންބަފައިން ވަކިކުރަން އެނގެނީ އެހެންވެ ކަމަށް ވެދާނެއެވެ. ލޮބުވެތި މައިންނާއި ބަފައިންނޭވެ! އިންސާނުންނަށް މިދުނިޔޭގައި ހަމަހަމަކޮށް ލިބެނީ އެންމެ އެއްޗެކެވެ. އެއީ ސައްވީސް ގަޑިއިރެވެ. މިވަގުތުކޮޅުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރާ މީހަކީ ދުނިޔަވީ ކަންކަމުގައި ކާމިޔާބުވެއްޖެ މީހެކެވެ. 

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ، ދަރީންނާ އެއްކޮށް ވަގުތު ހޭދަކުރަންޖެހެނީ އެކުދިންގެ މައިން ކަމަށެވެ. ބައްޕަގެ ޒިންމާއަކީ ދިރިއުޅުމަށްޓަކައި އާމްދަނީ ހޯދުމެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ތަރުބަވީ ޢިލްމުގެ މާހިރުންގެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދަރީންނާ އެއްކޮށް ބައްޕަ ހޭދަކުރާ ވަގުތުތަކުގެ މަންފާ އެކުދިންނަށް މާބޮޑަށް ކުރެއެވެ. ވަޒީފާއަށް ދިއުމަށްފަހު ލިބޭ ހުސްވަގުތު ތަކުގައި ދަރިފުޅާއެއްކޮށް ވީހާވެސް ގިނަ ވަގުތު ހޭދަކުރާށެވެ. އެ ކުދީންނާ ވީހާ ވެސް ގިނައިން ވާހަކަދައްކާށެވެ! ދަރިފުޅު ކުރާ އެއްވެސް ސުވާލަކަށް ނޭނގެއޭ ނުބުނާށެވެ. 

(ނުނިމޭ)

www.fanvai.info