އަދުގެ ޚާއްސަ

Print

އިންސާނާ: ކޮންމެ ފަސް އަހަރަކުން ބަދަލުވާ މަޚުލޫޤެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

އިބްރާހީމް ރަޝީދު މޫސާ

މާތް ﷲ ހެއްދެވި ކޮންމެ އެއްޗަކީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. އެކަލާނގެ މޭސްތިރިކަމުގެ މޮޅުކަމުގެ ދަލީލެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((صُنْعَ ٱللَّـهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ(1) - (އެއީ) اللَّه ގެ ހެއްދެވުމެވެ. އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ފުރިހަމަކޮށް ހެއްދެވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)) 

އިންސާނާއަކީ މި ރޮނގުން ފާހަގަކޮށްލެވޭ މަޚްލޫޤެކެވެ. އެއީ ޑަރވިންފަދަ ޢިލްމުވެރީންނޭ ކިޔާ މީހުން ބުނާފަދައިން އެހެން އެއްޗަކުން ތަރައްޤީވެގެން އައި އެއްޗެއްނޫނެވެ. މިއަދުގެ ދިރާސާތައް ސާބިތު ކޮށްދޭ ގޮތުގައި އިންސާނާގެ ހަށިގަނޑު  ބިނާވެފައިވަނީ ލޮލަށް ނުފެންނަ ކުދިކުދި އެތިކޮޅުތަކަކުންނެވެ. މި އެތިކޮޅުތަކަށް ހަތާ (cell) ވިދާޅުވެ ނަން ދެއްވީ އިނގިރޭސި ވިލާތުގެ ޙައިވިއްޔާތާ ބެހޭ ޢިލްމުވެރިއެއް ކަމުގައިވާ ރޮބަރޓް ހޫކް (Robert  Hooke) އެވެ. އެންމެ ފަހުގެ ހޯދުންތައް ބުނާގޮތުގައި އިންސާނާގެ ހަށިގަނޑުގައި 37.2 ޓްރިލިއަން ހަތާ ވެއެވެ. އޭގެތެރޭގައި 50 ބިލިއަން ސަރުބީގެ ހަތައާއި، 35 ބިލިއަން ހަމުގެ ހަތާއާއި،  ހިތުގެ މަސްތަކުގެ ގޮތުގައި 2 ބިލިއަން ހަތާވެއެވެ.

އިންސާނާގެ ހަށިގަނޑުގެ ކޮންމެ ހަތައަކަށް ކަނޑައެޅިފައިވާ ޢުމުރެއް (އަޖަލެއް) ވެއެވެ. އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ހަތާތަކުގެތެރެއިން އެންމެ ޢުމުރު ކުރު ހަތައަކީ ގޮހޮރުގެ ބަތާނާގެ ހަތާތަކެވެ. މި ހަތާތައް ކޮންމެ ދެދުވަހަކުން ދެދުވަހަކުން އައުވެ ބަދަލުވެއެވެ.  އެންމެ ޢުމުރު ދިގު ހަތައަކީ ކަށިގެ ހަތާތަކެވެ. މި ހަތާތައް ކޮންމެ 5 އަހަރަކުން ފަސް އަހަރަކުން އައުވެ ބަދަލުވެއެވެ. އިންސާނާގެ ބޮލުން  ފަށައިގެން ގޮސް ފައިތިލައިގެ އިނގިލިތަކުގެ ކުރިއާ ހަމައަށް ހުރިހާ ހަތާތަކެއް އެންމެ ލަސްވެގެން ފަސް އަހަރުތެރޭގައި މުޅިން ބަދަލުވާނެތެވެ. ތިބާގެ ހަން ވާނީ މުޅިން އައު ހަމަކަށެވެ. ތިބާގެ ކަށިތައް ވަނީ މުޅިން އައު ކަށިތަކަކަށެވެ. ތިބާގެ މަސްތައް ވާނީ މުޅިން އައު މަސްތަކަކަށެވެ. ތިބާގެ ހަށިގަނޑުގެ ގުނަވަންތައް ވާނީ މުޅިން އައު ގުނަވަންތަކަކަށެވެ. މިއީ ﷲ ޢައްޒަ ވަ ޖައްލަގެ ޙިކްމަތްފުޅެވެ. 

އެހެނަސް ޙައިރާން ކުރުވަނިވި ކަމެއް ވެއެވެ. އިންސާނާގެ ހަށިގަނޑުގެ ދެ ގުނަވަނަކަށް ބަދަލެއް ނާދެއެވެ. ފުރަތަމަ ގުނަވަނަކީ އިންސާނާގެ ސިކުނޑިއެވެ. އިންސާނާގެ ސިކުނޑީގެ ހަތާތައް ބަދަލުވެއްޖެނަމަ މި އިންސާނާ އެހެން އިންސާނަކަށް ބަދަލު ވެދާނެތީއެވެ. ތިބާގެ ހަނދާންތަކާއި، ޒިކުރާތަކާއި، ތަޖްރިބާތަކާއި، އުނގެނިފައިވާ އެއްޗެއްސާއި، ދަސްކޮށްފައިވާ ބަސްތައްފަދަ އެންމެހާ އެއްޗެހި ޚަޒާނާކޮށް ރައްކައުކުރެވިފައި ހުންނަނީ ސިކުނޑީގެ މި ހަތާތަކުގައެވެ. މި ހަތާތައް ބަދަލުވެއްޖެނަމަ ތިބާއަށް ތިބާއަކީ ކާކު ކަމެއް ނޭނގޭނެއެވެ. ތިބާގެ މައިންބަފައިންނާއި ދަރީންނާއި ގާތްތިމާގެ މީހުންނާއި އެކުވެރީން ތިބާއަކަށް ނޭނގޭނެއެވެ. ތިބާ ވާނީ މުޅިން "އެހެން ތިބާ" އަކަށެވެ. ﷲގެ ނިޢުމަތް ކިހާ ބޮޑުތޯއެވެ! ކޮމްޕިޔުޓަރުގެ ހާރޑް ފުހެވިއްޖެނަމަ ހުރިހާ އެއްޗެއް ގެއްލޭ ގޮތަށް "ތިބާ" ފުހެވި ގެއްލުނީއެވެ.

ތިބާގެ ހަށިގަނޑުގައި ބަދަލުނުވާ ދެވަނަ ގުނަވަނަކީ ހިތެވެ. ހިތަކީ އެއްވެސް ވަރުބަލިކަމެއްނެތި 24 ގަޑިއިރު މަސައްކަތް ކުރާ ގުވަނެވެ. ވަރަށް ފަހަކާ ޖެހެންދެން ޑޮކްޓަރުން ހީކުރަމުން ދިޔަގޮތުގައި ހިތަކީ ހަށިގަނޑުގެ ލޭ ގުންބާއެވެ. އެކަމަކު މީގެ ސާދަ ސައްތަ އަހަރު ކުރިން މާތްﷲ، މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރްއާނުގައި ހިތަށް، އެއަށްވުރެ ގިނަ މަސައްކަތްތަކެއް ވާކަން އަންގަވާފައިވެއެވެ. ސަލާމަތްތެރިކަން، އިނާބަތްތެރިކަން، ހިތްހަމަޖެހުން، ހިތްބިރުގަތުން، އީމާންކަން، ހިދާޔަތު، ޠާހިރުކަން، ސާފުކަން، އޯގާވެރިކަން، މަޑުމޮޅިކަން، ކުލުނުވެރިކަން، އަޅައިލުން، ހިތަށް އެރުން، ހިތަށް ފެނުން، ހިތްކިޔުން، ހިތްނުބައިވުން، ހިތްހެޔޮވުން، ހިތްހެޔޮކުރުން، ހިތްހަރުކަން، ހިތް ގަބުކަން، ހިތްތޫނުކަން، ހިތުން ދަސްކުރުން، ހިތް ގައުވުން، ހިތް ކިލަނބުވުން، ހިތްކިޔުން، ހިތާވުން، ހިތް ބަރުކުރުން، ހިތުގައި ޖެއްސުން، ހިތް ނުތަނަވަސްވުން، ހިތް ގޯސްވުންފަދަ ސިފަތައް ހިތާ ގުޅުއްވައިފައި ވެއެވެ. މި ސިފަތަކާ ހިތާ ގުޅިފައިވާ މިންވަރު ޢިލްމުވެރިންނަށް ފާހަގަކުރެވެން ފެށީ ވިހިވަނަ ސައްތައިގެ ފަހުކޮޅުގައެވެ. ވިހިވަނަ ސައްތައިގެ ދިރާސާތައް ބުނާގޮތުގައި ހިތުގެ ކޮންމެ އޮޕަރޭޝަނެއްގެ ސަބަބުން ހަނދާނުން އެތައް އެއްޗެއް ފުހެވިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ހަނދާން ބަލިވެއެވެ.

 ޕޯލް ޕިއަރސެލް ލިއުއްވާފައިވާ މަޝްހޫރު ފޮތް [ދަ ހާޓްސް ކޯޑް] ގައި ބަޔާން ކޮށްދެއްވާފައިވާ ގޮތުގައި ހިތް ބަދަލުކުރުމަކީ އެމީހާގެ ޝަޚްޞިއްޔަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަމެކެވެ. އޭނާގެ ކުރިން 1991 ގައި، އެންޑްރޫ އާމޯރ އިޝާރަތް ކުރައްވާފައިވާ ގޮތުގައި ހިތުގައި ކުޑަކުޑަ ސިކުނޑިއެއް ވެއެވެ. މިކަމުގެ ސަބަބުން ހިތް ބަދަލުކުރުމުން ކުރީގެ ހިތުން ސިކުނޑިއަށް ފޮނުވި އިޝާރަތްތަކަށް ބަދަލު އާދެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހާގެ ޝަޚްޞިއްޔަތަށް ބަދަލުތަކެއް އަންނަން ފަށައެވެ. 

ސިލްވިޔާ ކްލެއަރ  ލިޔުއްވައިފައިވާ [A Change of Heart ] ނަމަކަށް ކިޔާ ފޮތާއި، ކޭޓް ލިންޓަން ލިޔުއްވައިފައިވާ [Knowing by Heart: Cellular  Memory in Heart Transplant] ފޮތްފަދަ ފަހުގެ ދިރާސާތަކުން އެނގޭގޮތުގައި ހިތުން ސިކުނޑިއަށް ފޮނުވާ އިޝާރަތްތައް، ސިކުނޑީން ހިތަށް ފޮނުވާ އިޝާރަތްތަކަށްވުރެ ގިނައެވެ. މި ދިރާސާތައް ބުނާގޮތުގައި ސިކުނޑީގެ އިލެކްޓްރޯމެގްނެޓިކް ދަނޑުގެ ބާރަށްވުރެ، ހިތުގެ އިލެކްޓްރޯމެގްނެޓިކް ދަނޑުގެ ބާރު، މާ ވަރުގަދައެވެ. މި ދިރާސާތައް ބުނާގޮތުގައި، ހިތާއި ސިކުނޑިއާ ދެމެދުގައި ދާއިމީ ސިފައެއްގައި މަޢުލޫމާތުތައް ބަދަލުކުރެވެމުންދެއެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ލަފްޡު [ފުއާދު] އާއި،  ލަފްޡު [ޤަލްބު] ގެ މާނަ ވަރަށް ތަފާތެވެ. ފުއާދަކީ، ޤަލްބުގެ ޤަލްބެވެ. ނުވަތަ ހިތުގެ ހިތެވެ.

ހިތަކީ ޝުޢޫރުތަކާއި ރަހަތަކުގެ މަރުކަޒެވެ. ހިތް ބަދަލުވުމުން މި ޝުޢޫރުތަކަށާއި ރަހަތަކަށް ބަދަލު އާދެއެވެ. އޮޕަރޭޝަންކޮށް ހިތް ބަދަލު ކުރެވުނު މީހުންގެ ފުށުން މި ކަންތައްތައް އަންނަނީ ފާޅުވަމުންނެވެ. ޒުވާނެއްގެ ހިތް މުސްކުޅި ފިރިހެނެއްގެ ހަށިގަނޑުގައި އިންދުނެވެ. މި ޒުވާނާއަކީ ޖާޒު މިޔުޒިކަށް ވަރަށް ލޯބިކުރި ޒުވާނެކެވެ. މި ޒުވާނާގެ ހިތް އޭނާގެ ހަށިގަނޑުގައި އިންދުނު މުސްކުޅި މީހާ ޖާޒު މިޔުޒިކަށް ޝައުޤުވެރިވެގެން ދިޔަ ތަން ފެނުނެވެ. ހިތް ބަދަލު ކުރެވުނު އެހެން މީހަކަށް ބަލާއިރު ހިތުގެ އަޞްލު ވެރިއާއަކީ ވަކި ބާވަތެއްގެ ކާއެއްޗެއް ކާ ހިތްވި މީހެކެވެ. އޭނާގެ ހަށިގަޑުގައި މި ހިތް އިންދުނު މީހަކީ ކުރިން އޭތި ކައިއުޅުނު މީހެއްނޫނެވެ.

އެހެންކަމުން މާތް ﷲ މި ދުނިޔެއަށް ފޮނުއްވި އިންސާނާ އެ ޝަޚްޞުގެ ގޮތުގައި ދެމިހުރުމަށް ޓަކައި ސިކުނޑީގެ ހަތާތަކާއި ހިތުގެ ހަތާތައް ބަދަލުނުވެ ހުންނަން ޖެހޭނެއެވެ. އެއަށް ބަދަލު އަތުވެއްޖެނަމަ އެ ޝަޚްޞު އެހެން ޝަޚްޞަކަށް ބަދަލުވެދާނެއެވެ.

ފަހުގެ ދިރާސާތައް ބުނާގޮތުގައި ސިކުނޑީގެ ހަތާތަކަށްވުރެ ހިތުގެ ހަތާތައް މާ ވަރުގަދައެވެ. މި ހަތާތަކުން ސިކުނޑިއަށް އަމުރުކުރެއެވެ. މިހެންވެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ނަފްސަށް ހިތެއް ލިބިގެންވެއެވެ. މި ހިތަކީ "ފުއާދު" އެވެ. ނުވަތަ ހިތުގެ ހިތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( لَهُم قُلوبٌ يَعقِلونَ بِها(2) – އެއުރެންނަށް  އެއިން ވިސްނައިހަދާނޭ ހިތްތަކެއް ލިބިގެންވެއެވެ.)) މި އާޔަތް ނިމިފައިވާ ބަސްފުޅާމެދު ވިސްނާލާށެވެ! ((فَإِنَّها لا تَعمَى الأَبصـٰرُ وَلـٰكِن تَعمَى القُلوبُ الَّتى فِى الصُّدورِ - އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ.)) 

____________________________________

ފުޓް ނޯޓް

(1)    النمل :88

 

(2)    الحج : 46

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ