www.fanvai.info

Print

އުދައާއި ބޮޑުރާޅުގެ ތަފާތު ނޭނގުނިއްޔާ ކުރާނެ ކަމެއް ނެތެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

ޢަބްދުﷲ ރަޝީދު މ. ލިނެޓް

ކަނޑުގެ ނުޤުޞާން ރާއްޖޭގެ ރަށްރަށަށް ފޯރުމަކީ، ހިނގާ ކަމެކެވެ. ނަމަވެސް، ލިބޭ ކަނޑުގެ ނުޤުޞާނުގެ ބާވަތްތައް ނަމުގެ ތަފާތުން ވަކި ނުކުރެވޭކަމީ، ކަމުގެ އަޞްލާއި ސަބަބަށް ވާޞިލު ނުވެވޭނެ އަޞްލެކެވެ.

އެހެނީ، އެއްބާވަތަކަށް ހިނގާ ކަންކަމުގެ ވެސް ތަފާތު ނަމުން ބަޔާންވާނެތީއެވެ. 

ރާއްޖެއަށް މިހާރު ކުރާ ވިއްސާރައިގައި ރާއްޖޭގެ ރަށްރަށަށް ލިބޭ ކަނޑުގެ ނުޤުޞާނުތަކަކީ، އުދައެއް ނޫނެވެ.

އުދައަކީ، އަހަރުގެ ވަކި ދުވަސްވަރެއްގައި ވައިބާރު ނަމަ، ހަޅަ ދިޔަވަރާއެކު ރަށްރަށުގެ ގޮންޑޮޅީގެ އެއްގަމަށް ވިހި ފަނަރަ ފޫޓު ހިސާބަށް ހިނދި، ހުލިވެގެންދާ ގޮތަށް އަރާ ބޮޑުރާޅުގެ ބާވަތެކެވެ. 

އުދައަކީ، ރަށުތެރޭގައި ފެންބޮޑުވެ ގަސްގަހާގެއްސާއި ކުކުޅު ހާލާއި ގޯތި ގެދޮރާއި މުދަލަށް ލޮޚުސާންވާ ބާވަތުން ހިނގާ ރާޅުގެ ބާވަތެއް ނޫނެވެ. އެކަން މިހާރު ދުނިޔޭގައި ތިއްބެވި 50 އަހަރުން މަތީ ޢުމުރުގެ މީހުންނާއި އެއަށް ވުރެ ދޮށީ މީހުން ބޮޑަށް ދަންނާނެއެވެ. 

މިއަދު އަރަމުންދާ ރާޅަކީ "ސުނާމީ"ގެ "ޅަސުނާމީ"ތަކެއް އެރުންފަދަ ރާޅު ތަކެކެވެ. 

ދުނިޔޭގެ ޙާލަތަކީ، އިންސާނުގެ ޢަމަލާއި އަތްފައިން ކުރާ ކަންތައްތަކުގެ ނަތީޖާއާ ވެސް ގުޅިފައިވާ ކަންކަމެވެ. ދުނިޔެއަކީ، ނިމި ފަނާވާނެ ތަނެއް ނަމަވެސް، ދުނިޔެ އެ ގޮތުގެ މަތީގައި ލައްވައިފައިވާ ފިޠުރީ ކަންކަމަކީ، ވަކި ވަގުތަކާއި ހަމައަށް ބަދަލެއް ނައިސް ހިނގާނޭ އަދި ދެމި ހުންނަނިވި ކަންކަމެވެ.

ރާއްޖެ އިސްލާމްވިތާ ކުޑަ ދުވަސްކޮޅެއް ފަހުން، އައްޞުލްޠާނު ދާއޫދު ސިރީސުންދުރަ ބަވަނަ މަހާރަދުންގެ ޒަމާނުގައި ވެސް، މިއަދު މި ދެކޭފަދަ ކަނޑުގެ ނުޤުޞާން ރާއްޖެވަނީ ދެކެފައިކަން ފަޟީލަތުއް ޝައިޚު ޙުސައިން ޞަލާޙުއްދީނު ލިޔުއްވާފައިވާ "ދިވެހިންގެ ވާހަކަ" މި ފޮތުގެ 30 ވަނަ ވާހަކަ ކަމުގައިވާ "تُنْجِيْنَا صَلَوَاتْ" މި ވާހަކައިންވެސް އެނގެން އޮވެއެވެ.

އެވާހަކަ ތިރީގައި ހިމަނައިލާނަމެވެ.

تُنْجِيْنَاصَلَوَاتْ

تُنْجِيْنَا صَلَوَاتْ އަކީ، اللْعلَّامة موسى الضَّريرވެ ކިޔުނު ވަލީވެރިޔަކުގެ ކިބައިން ރިވާވެގެންވާ ޞަލަވާތެކެވެ. މިصَلَوَات އެއް މި ރާއްޖޭ މީހުން މިހައި ގިނައިން ކިޔެވޭ ސަބަބާއިމެދު އަހުރެން ދުށް ތަންދޮރު ދަންނަ މުސްކުޅީންކުރެ އައްޑޫގެ މީހުންނާއި މާލޭގެ މީހުން ބުނެފައިވެޔޭ. تُنْجِيْنَا صَلَوَاتْ  فرض ފަސްނަމާދުގެ ފަހުގައި އާދަވެގެން ކިޔެވުމާއި، ކޮންމެ ގެޔެއްގައި ހުކުރު ހޯމަވިލޭރެއަށް ކިޔެއްވުމާއި މިކަން ހިނގުމުގެ ސަބަބކީ ރާއްޖެ އިސްލާންވުމަށްފަހު ދެން އައި ދުވަސްތަކުގެ ތެރޭގައި ބަޙުރުހިންދުގައި ވިއްސާރަ ނުހަނު ގަދަވެ ރާއްޖޭގެ ރަށްރަށަށް ވަރަށް ނުޤޫޞާން ފޯރާން ފަށައިފިއެވެ.

މިކަމާއިމެދު އައްސުލްޠާނު ދާއޫދު ސިރީސުންދުރަ ބަވަނަ މަހާރަދުންގެ ޒަމާނުގައި މިކަންތައް ބޮޑުވެގެން އެދުވަސްވަރު މާލެއއަށް ވަޑައިގެން ހުންނެވި އަލްޢައްލާމާ ނޫރުއްދީނުއްޒައިދާނީއެވެ ކިޔޭ ވަރަށް ބޮޑު ދަންނަބެއިކަލަކާއި ރަސްގެފާނުން ވާހަކަފުޅު ދެއްކެވީމާ އެބެއިކަލަކު ދަންނަވައިފިޔޭ. ތިކަމާ މެދުގައި އަޅުގަނޑަށް ފެންނަ އެނެމެ ރަނގަޅު ކަމަކީ މޫސައްޟަމީރުގެ تُنْجِيْنَا صَلَوَاتْ ރާއްޖޭގެ މީހުން ގިނަގިނައިން ކިޔަވާން އެންގުމެވެ. އެއިގެ ބަރަކާތުން މާތްރަސްކަލާނގެ ތިޔަފަދަ ކަންތަކުން ރާއްޖެ ސަލާމަތް ކުރައްވައިފާނެއެވެ. 

ދެން އެ ރަސްގެފާނު މުޅި ރާއްއްޖެޔަށް އެންގެވީ އިހު ބުނި މަގުން އެ صَلَوَات ކިޔަވައި އުޅޭށެވެ. ޒަމާނުއްސުރެ އެކަން އެ މަގަށް ހިނގަމުން އަންނަނީއެވެ. އެއިގެ ބަރަކާތުން އެއިގެ ކުރީގައި އެ ފެންނަ ފަދަ ކަނތައްތައް ގިނައިން ދެން ނުފެންނާން ފަށައިފިއެވެ. މި ނަންގަތް ސުލްޠާނު ދާއޫދު އަވަހާރަވީ ހިޖްރީ ސަނަތުން 706 މި ވަނަ އަހަރުގައެވެ. ރަސްކަންކުރެއްވީ ފަސް އަހަރުއެވެ. އެ ރަސްގެފާނަށްފަހު ރަސްކަންކުރެއްވީ އައްސުލްޠާނު ޢުމަރުވީރު އަބުލްފަތްޙު ޖަލާލުއްދީނު ރަސްގެފާނެވެ. މިރަސްގެފާނީ ވަރަށް ގިނަ ދުވަހު ރަސްކަންކުރެއްވި ތޫނުފިލި ރަސްކަލެކެވެ. އަލްޢައްލާމަ މުޙައްމަދު ބުނި ބަޠޫޠާ މިރާއްޖެ ދުރުވެ އުޅުއްވީ މިރަސްގެފާނުގެ ދަރިކަލުންގެ ރަސްކަމުގައެވެ.]

މި ފަދަ ވާހަކަތަކުގެ އަޞްލާއި ދޭހައިގެ މައްޗަށް ވެސް ވިސްނުމަކީ، ނެތް ކަންކަމެއް ނޫނެވެ.

މި ވާހަކައިން އެނގޭ ގޮތުން ވެސް  މިއަދު މި ލިބޭ ކަނޑުގެ ނުޤުޞާންތަކަކީ ޒަމާން ފަސްވެގެން ހިނގާ ކަންކަން ކަމުގައި ބުނެ އެ ކަން ޒަމާނަށް ފޫޅުކަނޑައިގެން ތިބުމީ ވިސްނުމާ ނުލައި ފިޠްރީ ނިޒާމަށް ބަދު ބަސް ގޮވުމެއްކަން ސާބިތުވެއެވެ. އެއީ، ރަނގަޅުކަމެއް ނޫނެވެ. 

މި މައުޟޫޢުގައި މި ލިޔުން ލިޔެލީ ކަނޑުގެ ނުޤުޞާން އާދަޔާ ޚިލާފަށް ބޮޑުވަމުންދާތީ، މިފަދަ ވާހަކައިގެ ވެސް ހިރަފުސް ފޮޅައިލުމަށް ޓަކައެވެ. ކޮންމެހެން ތުންޖީނާ ޞަލަވާތުގެ ޞައްޙަކަމާއި ބާޠިލުކަމުގެ ވާހަކަދައްކާކަށް ނޫނެވެ. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ ރާޅުއެރުން ފަދަ ކަންކަމަކީ ހިޖުރައިން 706 ވަނަ އަހަރުގެ ތެރޭގައި ވެސް ރާއްޖެ ތަޖުރިބާކުރި ކަންތައްތަކެއްކަން ހާމަކޮށްލުމެވެ. މި ކަންކަމާ ބެހޭ ގޮތުން ދިރާސާކުރައްވައި ކަމުގެ އަޞްލާމެދު ބައްލަވައި ހޯއްދަވައި ގޮތް ނިންމަވާނީ ވިދާޅުވާ ބޭފުޅުންނާއި ޢިލްމުވެރީންނާއި ޢިލްމީ ދިރާސާގެ އަހުލުން ކަމުގައި ދެކެވެ. (والله أعلم) 

_________________________________________

www.fanvai.info