އަދުގެ ޚާއްސަ

Print

(13) ވިސްނުންތޫނު ޤާޟީ: އިޔާސް ބުނު މުޢާވިޔަތު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމް ދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

އިޔާސް ބުނު މުޢާވިޔަތަކީ ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި ބަޞްރާގެ ޤާޟީ ކަމަށް އިސްކުރެވުނު ވަރަށް ވިސްނުން ތޫނު ، ޢަދްލު އިންޞާފަށް ވަރަށް ލޯބިކުރެއްވި ޤާޟީއެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު އިޔާސުގެ ވިސްނުންފުޅު ތޫނުކަމާހެދި ޙައިރާންފުޅުވެ ވަޑައިގަތެވެ. ޤާޟީ  އިޔާސް ރައްކައުވީ ހިޖްރައިން 46 ވަނަ އަހަރުގައެވެ. 

ޤާޟީ އިޔާސަކީ، އިޔާސް ބިން މުޢާވިޔަތު ބިން ޤުއްރަތު ބިން އިޔާސް ބިން ހިލާލެވެ. އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުކަމުން އަލްޖާޙިޡު ވިދާޅުވިއެވެ. "އިޔާސަކީ މުޟަރު ވަންހައިގެ ފަޚްރެކެވެ. ޤާޟީންގެ އިސްވާރެކެވެ. ދުރުވިސްނުން ވަރަށް ފުޅަލެވެ. އަޖައިބުވަނިވި ފަރާސަތެއްގެ ވެރިއެކެވެ. ޚަލީފާގެ އަރިހުގައި ވަރަށް ވަސޭހަތްތެރި ބޭކަލެކެވެ." 

އިޔާސަކީ ވަރަށް ތުއްޕުޅުއިރުއްސުރެ ވެސް ޢަދްލުވެރިކަމަށް ވަރަށް ލޯބިކުރެއްވި ބޭކަލެކެވެ. ކޮންމެވެސް ކަމެއްގައި ޢުމުރުން ދޮށީ މީހަކާ އިޔާސާ ދެމެދުގައި އަރައިރުމެއް އުފެދުނެވެ. މި މަސްއަލަ ޚަލީފާ ޢަބްދުލް މަލިކު ބިން މަރްވާނުގެ ޤާޟީއަށް ހުށައެޅުނެވެ. އެހިނދު ޤާޟީ، ވަރަށް ކޯފާވެފައި އިޔާސާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކަލެއަށްވުރެ މާ މުސްކުޅި މީހަކު ގޮވައިގެން ޝަރީޢަތަށް އަންނާން ކަލޭ ލަދެއް ނުގަނޭހެއްޔެވެ؟" އެހިނދު އިޔާސް ދެންނެވިއެވެ. "ހަމަކަށަވަރުން ޙައްޤު އޭނާއަށްވުރެ މާ ދޮށްޓެވެ. އަޅުގަނޑު ހަނުހުރެއްޖެ ނަމަ އަޅުގަނޑުގެ ޙައްޤުގެ ވާހަކަ ބުނާނީ ކާކުތޯއެވެ؟" ޤާޟީ ވިދާޅުވިއެވެ. "އަހުރެން މި ތަނުން ތެދުވާއިރުގައި ވެސް ކަލޭ ޙައްޤު ބަހެއް ނުބުނާނެއެވެ." އެހިނދު އިޔާސް ވިދާޅުވިއެވެ. "لا إله إلا الله." އެހިނދު ޤާޟި ތެދުވެ ވަޑައިގެން ޚަލީފާ ޢަބްދުލް މަލިކު ބިން މަރްވާނުގެ އަރިހަށް ވަދެވަޑައިގެން މި ޚަބަރުދެއްވިއެވެ. ޢަބްދުލްމަލިކު ބިން މަރްވާން އިޔާސްގެ މުހުތާދު ފުއްދައިދިނުމަށް ވިދާޅުވިއެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޚިލާފަތުގައި ބަޞްރާގެ ޤާޟީ ކަމަށް ބޭފުޅަކު އިސްކުރައްވަން ވެގެން ބަޞްރާގެ ވާލީއަށް އެންގެވިއެވެ. އިޔާސް ބުނު މުޢާވިޔަތާއި އަލްޤާސިމު ބުނު ރަބީޢަތާ މި ދެބޭކަލުންގެ ތެރެއިން ބޭކަލަކު ޤާޟީކަމަށް އިސްކުރައްވާށެވެ! ވާލީ މި ދެބޭކަލުން ގެންނެވުމުން އިޔާސް ދެންނެވިއެވެ. "ޢިއްޒަތްތެރި އަމީރެވެ! އަޅުގަނޑާއި ޤާސިމާ ބެހޭ ގޮތުން ބަޞްރާގެ ފަޤީހުން ކަމުގައިވާ އަލް ޙަސަނުލް ބަޞްރީއާއި މުޙައްމަދު ބިން ސީރީނާ ސުވާލު ކުރައްވާށެވެ!" އެހިދު އަލްޤާސިމު ދެންނެވިއެވެ. "އޭނާއާ ބެހޭ ގޮތުން ވެސް އަދި އަޅުގަނޑާ ބެހޭ ގޮތުން ވެސް ސުވާލު ނުކުރައްވާށެވެ! ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ރަސްކަލާނގެ ގަންދީ ދަންނަވަމެވެ. އަޅުގަނޑަށްވުރެ އިޔާސުގެ ފިޤްހުވެރިކަން މާ ބޮޑެވެ. އަޅުގަނޑަކީ ދޮގުވެރިއެއްނަމަ އަޅުގަނޑަށް ޤާޟީކަން ޙައްޤުވެގެންނެއް ނުވެއެވެ. އަޅުގަނޑަކީ ތެދުވެރިއެއްނަމަ އަޅުގަނޑުގެ ބަސް މަނިކުފާނު ޤަބޫލުކުރައްވަންވާނެއެވެ." އެހިނދު އިޔާސް ވިދާޅުވިއެވެ. "ތިބާ މީހަކު ގޮވައިގެން އައިސް ޖަހަންނަމައިގެ ތުންފަތްމަތީގައި ބަހައްޓައިފީމުއެވެ. އެހެނަސް ދޮގު ހުވައަކުން އޭނާގެ ނަފްސު ސަލާމަތްކޮށްފީމުއެވެ." އެހިނދު ވާލީ ވިދާޅުވިއެވެ. "ތިބާއަށް އެ މަޤާމު ޙައްޤު ވެއްޖެއެވެ." ޝަރީޢަތުގެ މަޖިލީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު ޝަރީޢަތުގެ މަޖިލީހުން ތެދުވެވަޑައިގަތީ  70 މަސްއަލަ ނިންމަވައިފައެވެ. 

އަލް މުހައްލަބު ބިނުލް ޤާސިމު ރާފޮދު ހިއްޕަވަމުން އޭނާގެ އަނބިކަނބަލުންނަށް ރާ ބުއިމަށް އަމުރުކުރެއްވިއެވެ. ރާފޮދު ނުހިއްޕަވައިފި ނަމަ، އަނބިކަނބަލުން ތިންފަށް ވަރިއަކުން ވަރިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަނބިކަނބަލުންގެ ކުރިފުޅުމަތީގައި ރާތަށި ބެހެއްޓެވިއެވެ. އެ ވަގުތު ދޫންޏެއް އައިސް އެ ތަށި ވައްޓައިލުމުން ތަށި ތެޅިގެން ދިޔައެވެ. މި ނުބައި ފިރިމީހާގެ ކިބައިން ސަލާމަތްވެ ވަޑައިގެންނެވުނީތީ އެކަމަނާ މަތްﷲ އަށް ޙަމްދު ކުރެއްވިއެވެ. އެކަމަނާ އެކަމަނާގެ އަހްލުން ގެންނަވައި ގެއަށް ވަޑައިގަތެވެ. އެހިނދު މުހައްލަބު އެ ވާހަކަ ދޮގު ކުރެއްވިއެވެ. އެކަމަނާގެ ބައްޕާފުޅު ބަޞްރާގެ ވާލީ ޢަދިއްޔު ބިން އަރްޠައާގެ އަރިހަށް މަސްއަލަ ހުށައެޅުއްވިއެވެ. ވާލީ އަމުރު ކުރެއްވީ އެކަމަނާ އެކަމަނާގެ ފިރިމީހާގެ ގެއަށް އަނބުރައި ފޮނުވުމަށެވެ. ނަމަވެސް އެކަމަނާ އެކަމާ ދެކޮޅު ހެއްދެވިއެވެ. މިހެންވެ މަސްއަލަ ޤާޟީ އިޔާސަށް ހުށައެޅުއްވިއެވެ. މިކަން ހިނގި ގޮތުގެ ވާހަކަ 4 އަންހެނަކު ޤާޟީ އިޔާސަށް ޝަރީޢަތުގެ މަޖިލީހުގައި ދެންނެވިއެވެ. އެ ހިނދު އެކަމަނާ  ވަރިވެއްޖެކަމަށް އިޔާސް ނިޔާ އިއްވެވިއެވެ. 

އިޔާސް ބިން މުޢާވިޔާ އަވަހާރަވީ ހިޖްރައިން 122 ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އޭރު އެކަލޭގެފަނުގެ ޢުމުރުފުޅަކީ 76 އަހަރެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އެކުވެރީންނަށް އެ އަހަރުގެ ތެރޭގައި އެކަލޭގެފާނު އަވަހާރަވާނެ ކަމަށް ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އަހުރެންގެ ބައްޕައާއެކު  އަހުރެމެން ދެބަފައިން  ދެ އަހުގައި ދުއްވައިފައި ދަނިކޮށް ހުވަފެނުން ފެނިއްޖެއެވެ. އަހަރެމެން ދެ ބަފައިންކުރެ އެކަކަށް ވެސް އަނެކަކު ކުރިއަރެއް ނުދެވުނެވެ. އެއީ އަހަރެންގެ ޢުމުރެވެ. މިހާރު މި އޮތީ ބައްޕަގެ ޢުމުރުފުޅާ އެއްވަރު ވެފައެވެ. މިއީ ކޮން ރެއެއްކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ. ބައްޕާފުޅުގެ ޢުމުރުފުޅު ހަމަވީ މި ރޭގައެވެ." އެ ރޭ އިޔާސް އަވަހާރަފުޅު ލައްޕަވައިފައި އަވަހާރަވީއެވެ. 

_________________________________ 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ