އަދުގެ ޚާއްސަ

Print

އިސްލާމި ފިޤްހު ތަޤްނީނު ކުރުމަކީ ބޭނުން ކަމެއްތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

އިބްރާހީމް ރަޝީދު މޫސާ

ނިޔާ ކަނޑައެޅުމުގައި މީސްތަކުން އެއް ރައުޔެއްގެ މައްޗަށް ޖަމާކުރުމުގެ ޚިޔާލުގެ ބާނީއަކީ އިބްނުލް މުޤައްފަޢު ކަމަށް ބައެއް ދާރިސުން ދެކެވަޑައިގަންނަވައެވެ. ޢަބްދުﷲ ބުނުލް މުޤައްފަޢު ޢައްބާސީ ދައުލަތުގެ މުއައްސިސު އަބޫ ޖަޢުފަރުލް މަންޞޫރަށް މި ޚިޔާލު އެރުއްވެވީ އޭނާ ލިޔުއްވި ސިޓީފުޅު (ރިސާލަތުއް ޞަޙާބަތި) ގައެވެ. މި ސިޓީފުޅުގައި ފިޤްހީ ޙުކުންތައް ޖަމާކުރައްވައި އެއާ އެއް ގޮތަށް ނިޔާ ކަނޑައެޅުމަށް ޤާޟީންނަށް އަމުރުކުރެއްވުމަށް ވިދާޅުވެފައިވެއެވެ.(1)

މި ވިސްނުމުގެ ދަށުން ޚަލީފާ އަބޫ ޖަޢުފަރުލްމަންޞޫރު އިމާމު މާލިކުގެފާނުގެ އަރިހުން ފިޤްހު ފޮތެއް  ލިޔުއްވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އިމާމު މާލިކުގެފާނު "އައްމުވައްޠައު" ލިޔުއްވީ ޚަލީފާ މަންޞޫރުގެ އެދިވަޑައިގަތުމަށެވެ. މި ފޮތް ލިޔުއްވި ސަބަބާ ބެހޭގޮތުން މާލިކުގެފާނު ވިދާޅުވިއެވެ. "ޙައްޖުތެރޭގައި ޚަލީފާ އަބޫ ޖަޢުފަރުލްމަންޞޫރާ ބައްދަލުވެވަޑައިގަތެވެ. އެހިނދު އެ ޚަލީފާ ވިދާޅުވިއެވެ. މި ދުނިޔެ މަތީގައި މަށާއި ތިބާ ފިޔަވައި އެހެން ޢާލިމުންނެއް ނެތެވެ. ދަންނާށެވެ! އަހުރެން އަވަދިނެތިވެފައި މިވަނީ ސިޔާސަތާ ހެދިއެވެ. ފަހެ ތިބާ ސުންނަތާއި ފިޤްހާ ބެހޭ ގޮތުން މީސްތަކުންނަށް ފޮތެއް ލިޔެދޭށެވެ! އެ ފޮތުގައި އިބްނު ޢައްބާސުގެފާނުގެ  ލުއިފަސޭހަކަމާއި، އިބްނު ޢުމަރުގެފާނުގެ ހަރުކަށިކަމާއި، އިބްނު މަސްޢޫދުގެފާނުގެ ހުނިޖަހައި ނެގޭ ކަންތައްތަކާ (ޝާއްޛު ކަންތައްތަކާ) ތިބާ  ދުރުހެލިވާށެވެ! ފަހެ ތިބާ މީސްތަކުންނަށް ތައުޠީއުކޮށް ދޭށެވެ!" މާލިކުގެފާނު ވިދާޅުވިއެވެ. ޚަލީފާ މަށަށް ތައުލީފު ކުރާނެ ގޮތް ދަސްކޮށްދެއްވިއެވެ. އެމަނިކުފާނު މެދުމިނުގެ މަންހަޖަށް ތަބާވުމަށް އެންގެވިއެވެ. މާލިކުގެފާނުގެ ޙަޔާތްޕުޅުގައި މީސްތަކުންނާއި ޢިލްމުވެރިން މި ފޮތުން އުނގެނޭން ފެށިއެވެ. މި ފޮތް އެކުލައިލެއްވުމުން ޚަލީފާ ވިދާޅުވިއެވެ. "މި ފޮތް ގެފުޅުގައި އެލުވާން ގަސްތުކުރަމެވެ. އަދި ދައުލަތުގެ ކަންކޮޅުތަކަށް ފޮނުވާން ވެސް ގަސްތުކުރަމެވެ. އަދި ދެބަސްވުންތައް ނައްތައިލުމަށް ޓަކައި މި ފޮތަށް ތަބާވުމަށް އަމުރުކުރާން ވެސް ގަސްތުކުރަމެވެ. އެހިނދު މާލިކުގެފާނު ދެންނެވިއެވެ. އެހެން ނުހައްދަވާށެވެ! ހަމަކަށަވަރުން ރަސޫލާ r ގެ ޞަޙާބީން ވަނީ ރަށްރަށަށް ފެތުރިވަޑައިގެން މީސްތަކުންނަށް އުނގަންނައިދެއްވައިފައެވެ. އަހްލުލް ޙިޖާޒުގެ މީހުން އޭގެ މައްޗަށް ބަރޯސާނުވާ އެތައް ޙަދީސްފުޅުތަކެއް ވަނީ ވިދާޅުވެދެއްވައިފައެވެ. އެބައިމީހުން  އެބައިމީހުންގެ ގޮތުގައި ބައިތިއްބަވާށެވެ! އެހިނދު ޚަލީފާ ވިދާޅުވިއެވެ. އޭ އަބޫ ޢަބްދުﷲއޭވެ! މާތްﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ!"(2) ޚަލީފާ އަލްމަހްދީ ވެސް އިމާމު މާލިކާއެކު މި ކަމާބެހޭ ގޮތުން ވާހަކަފުޅުދެއްކެވިއެވެ. އެހިނދު މާލިކުގެފާނު ދެންނެވިއެވެ. [ޝާމުކަރައިގައި، މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން އަލްއައުޒާޢީ އެބަ ހުންނެވިއެވެ. ޢިރާޤަށް ބަލާއިރު ޢިރާޤުގެ އަހްލުވެރީން ފުދެއެވެ. ކޮންމެ ރަށެއް ވެސް މިވަނީ އެ މީހުންގެ ތެރެއިން ޢިލްމުވެރީން އިޚްތިޔާރުކޮށްފައެވެ.](3)

ވޭތުވެދިޔަ ދެ ޤަރްނުގެ ތެރޭގައި އިސްލާމީ ފިޤްހު ތަޤްނީނުކުރުމުގެ އެތައް މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އޭގެތެރޭގައި އިންޑިއާގެ ޢިލްމުވެރީންގެ ޖަމާޢަތަކުން، ޢިބާދާތާއި، ޢުޤޫބާތާއި، މުޢާމަލާތު ތަޤްނީނު ކުރުމަށް ޓަކައި ކުރެއްވި  މަސައްކަތްޕުޅުތައް [އަލްފަތާވާ އަލް ހިންދިޔާ] އިން ފެނެއެވެ. އަދި ޢުޘްމާނީ ޚިލާފަތުން، ގަނެވިއްކުމާއި، ދަޢުވާކުރުމާއި، ނިޔާ ކަނޑައެޅުމާ ބެހޭގޮތުން ކޮށްފައިވާ މަސައްކަތް [އަލްއަޙްކާމުލް ޢަދްލިއްޔާ] އިން ފެނެއެވެ. މި މަޖައްލާ ނުކުމެފައި ވަނީ 1869މ ވަނަ އަހަރުގައެވެ. އެއީ އޭގައި 1851 މާއްދާ ހިމެނޭ ޤާނޫނެކެވެ. މި މަޖައްލާގައި ހިމެނޭ ޙުކުންތައް ބުރަވެފައިވަނީ ޙަނަފީ މަޒްހަބުގެ މައްޗަށެވެ. ވިހިވަނަ ސައްތައާ ޖެހެންދެން މި ޤާނޫނުތަކާ އެއްގޮތަށް ޢުޘްމާނީ ދައުލަތުގައި ޢަމަލުކުރެވުނެވެ.

އެހެނަސް ދުނިޔޭގެ އިޤްތިޞާދީ މައިދާނަށް އަންނަމުން ދިޔަ ތަރައްޤީއާ ފައިހަމަކޮށްލެވޭ ފަދަ  ޤާނޫނުތަކަކަށް މި ޤާނޫނުތައް ނުވުމުގެ ސަބަބުން މި ޤާނޫނުތަކުން ބައެއް މާއްދާތައް މަންސޫޚު ކުރެވުނެވެ. އެކަން ވެގެން ދިޔައީ ވަޟްޢީ ޤާނޫނުތަކަށް ދޮރު ހުޅުވިގެން ދިޔަ ކަމަކަށެވެ.(4) 

ސުޢޫދީ ޢަރަބިއްޔާގައި، ޢަބްދުލްޢަޒީޒު ރަސްގެފާނުގެ ޒަމާނުގައި ޙަންބަލީ މަޒްހަބާ އެއްގޮތަށް ޝަރްޢީ ހުކުންތަކުގެ މަޖައްލާއެއް އެކުލަވައިލެއްވިއެވެ. މި ބުރަ މަސައްކަތް ކުރެއްވީ ހިޖްރައިން 1309ވަނަ އަހަރު އައްޝައިޚު އަޙަމަދު ބިން ޢަބްދުﷲ އަލްޤާރީއެވެ. އޭނާއަކީ އޭރު މައްކާގެ ޝަރްޢީ އެންމެ ބޮޑު މަޙްކަމާގެ ރައީސެވެ. މި މަޖައްލާގައި 2382 މާއްދާ ވެއެވެ. ނަމަވެސް ޢިލްމުވެރިން މި މަޖައްލާ ބަލައިގަތުމާ ދެކޮޅު ހައްދަވައި ރައްދު ކުރެއްވިއެވެ.(5) 

ތަޤްނީނު ކުރުން

ކުރީގެ ޢިލްމުވެރީންގެ ރައުޔު: މިއީ ކުރީގެ ޢިލްމުވެރިން ދެނެވަޑައިގަންނަވާ މުޞްޠަލަޙެއްނޫނެވެ. އެހެނަސް ޤާޟީއަށް އޭނާގެ އިޖްތިހާދާ ޚިލާފުވިޔަސް ވަކި ރައުޔަކާ އެއްގޮތަށް ޙުކުން ކުރުމާ ބެހޭގޮތުން ކުރީގެ ޢިލްމުވެރީން ވެސް ވަނީ ބަޙުސް ކުރައްވައިފައެވެ. ޙަޤީޤަތުގައި ތަޤްނީނަކީ މިއީއެވެ. މި ކަމުގައި ކުރީގެ ޢިލްމުވެރީންގެ ދެ ރައުޔެއްވެއެވެ.

1- ވަކި މަޒްހަބަކާ އެއްގޮތަށް ނިޔާ ކަނޑައެޅުމަށް ޤާޟީގެ މައްޗަށް ޝަރްޠުކުރުމަކީ ޙާކިމާއަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިއީ މާލިކީ މަޒްހަބާއި ޝާފިޢީ މަޒްހަބާއި ޙަންބަލީ މަޒްހަބުގެ ޖުމްހޫރު ޢިލްމުވެރީންގެ ރައުޔެވެ. ޙަނަފީ މަޒްހަބުގެ އިސް ދެ އިމާމުން ކަމުގައިވާ އަބޫ ޔޫސުފާއި މުޙައްމަދު ބިން ޙަސަނު ވެސް ވިދާޅުވެފައިވަނީ މި ގޮތަށެވެ. އިބްނު ޤުދާމާ ވިދާޅުވާ ގޮތުގައި މި ކަމުގައި ދެ ބަސްވުމެއް ނެތެވެ.(6) މި ބޭކަލުންގެ ދަލީލަކީ ﷲގެ މި އަންނަ ބަސްފުޅެވެ. [فَاحْكُم بَيْنَ النَّاسِ بِالْحَقِّ (7) -ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ!] ޙައްޤަކީ ވަކި މަޒްހަބަކުން ޢައްޔަންވެގެންދާ އެއްޗެއް ނޫނެވެ. ފަހަރެއްގައި އެހެން މަޒްހަބަކުން ވެސް ޙައްޤު ފާޅުވެދާނެތެވެ.(8)  މި ބޭކަލުން ވިދާޅުވާ ގޮތުގައި މުސްލިމުންނަށް ލުއިކޮށް ދިނުމަށް ޓަކައި މީހަކު ކުރާ އިޖްތިހާދަކާ އެއްގޮތަށް  ޢަމަލު ކުރުން މަނާކުރުމަކީ ވަލިއްޔުއްއަމްރަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. މިހެންވެ ޢުމަރު ބިން ޢަބްދިލްޢަޒީޒު ވިދާޅުވިއެވެ. [ރަސޫލާ r ގެ އަޞްޙާބުން ކަމަކާމެދު އިޖްމާޢުވެވަޑައިގަންނަވައިފި ނަމަ، އެ ކަމާ ޚިލާފުވުމަކީ މަގުފުރެދުމެކެވެ. އެބޭކަލުންގެ ދެބަސްވެވަޑައިގަންނާ ކަމެއްގައި އެކަކު ވަކި ބޭކަލެއްގެ ބަސްފުޅަށް އަނެކަކު އެހެން ބޭކަލެއްގެ ބަސްފުޅަށް އަމުރުކުރުމަކީ ދީނުގައި އޮތް ތަނަވަސްކަމެވެ.](9) 

2- ދެވަނަ ރައުޔަކީ ވަކި މަޒްހަބަކާ އެއްގޮތަށް ޢަމަލު ކުރުމަށް ޤާޟީއަށް އަމުރުކުރުމަކީ ވަލިއްޔުލްއަމްރަށް ހުއްދަ ކަމެކެވެ. މިއީ އަބޫ ޙަނީފާގެ ރައުޔެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި ޤާޟީކަމަށް މީހަކު އިސްކުރެވެނީ ވަކި ތަނެއްގައި ވަކި ޒަމާނެއްގައި ޤާޟީކަން ކުރުމަށެވެ. އޭނާއަކީ ވަލިއްޔުލްއަމްރުގެ ފަރާތުން އެ ކަން ކުރާ މީހެކެވެ. ވީމާ ވަލިއްޔުލްއަމްރު ވަކި މަސްއަލެއްގެ އަޑުއެހުން މަނާކޮށްފައިވަނިކޮށް އެ މަސްއެއް ބަލައި ކަނޑައަޅާ ނިޔާ ތަންފީޒެއް ނުކުރެވޭނެއެވެ. އަބޫ ޙަނީފާއަށް ރައްދު ދެއްވާ ބޭކަލުން ވިދާޅުވާގޮތުގައި ވަކި މަސްއަލައެއްގައި ﷲގެ ޙުކުންފުޅު އޮތްގޮތް އެނގިފައިވާ ޤާޟީގެ މައްޗަށް އެ ގޮތަށް ޢަމަލު ކުރުން ވާޖިބުވާނެއެވެ. 

ފަހުގެ ޢިލްމުވެރީންގެ ރައުޔު: ފަހުގެ ޢިލްމުވެރީންގެ ތެރެއިން ތަޤްނީން ކުރުމަށް ގޮވައިލައްވާ އެކަން ހުއްދަވާނެ ކަމަށް ވިދާޅުވާ ޢިލްމުވެރިން ވަރަށް ގިނައެވެ. އޭގެތެރޭގައި އައްޝައިޚު މުޞްޠަފާ އައްޒަރްޤާއާއި، އައްޝައިޚު ވަހްބަތުއް ޒުޙައިލީއާއި، އައްޝައިޚު މުޙައްމަދު އަބޫ ޒަހްރާއާއި، އައްޝައިޚު ޢަލިލް ޚަފީފާއި، އައްޝައިޚު ޔޫސުފުލް ޤަރްޞާވީއާއި، އައްޝައިޚު ޢަބްދުލްމަޖީދު ބިން ޙަސަނާއި އައްޝައިޚު ޢަބްދުﷲ ޚައްޔާޠާއި، އައްޝައިޚު ޢަބްދުﷲ މަނީޢު ފާހަގަ ކުރެވެއެވެ.(10) މި ބޭފުޅުންގެ ދަލީލުތަކަކީ :-

1- މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً(11) - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.]  މި ބޭކަލުން ވިދާޅުވާގޮތުގައި ވަލިއްޔުލްއަމްރުގެ އަމްރުގައި ﷲއަށް އުރެދުމެއް ނުވާނަމަ އެ އަމުރަށް ތަބާވާން ޖެހޭނެއެވެ. ތަޤްނީނަށް ޢަމަލު ކުރުމުގައި އުރެދުމެއް ނެތެވެ. އެހެންކަމުން މި ކަމުގައި ވަލިޔުލްއަމުރަށް ތަބާވުން ވާޖިބުވާނެއެވެ. 

2- އިސްލާމީ ދައުލަތުގެ ކުރީކޮޅުގައި މީސްތަކުން ވަނީ ވަކި ބަސްފުޅެއްގައި ހިފަހައްޓައިފައެވެ. މާތްﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނު ޚިލާފަތުގައި އެއް ޙަރްފެއްގެ މަތީގައި ކީރިތި ޤުރްއާން ވަނީ ޖަމާކުރައްވައިފައެވެ. އެ ޙަރްފާ ޚިލާފަށް ލިޔެވިފައިހުރި މުޞްޙަފުތައް އަންދައިލުމަށް އަމުރުކުރެއްވިއެވެ. އެއީ މުސްލިމުންގެ މަޞްލަޙަތަށް ޓަކައެވެ. 

3- މި ޒަމާނުގެ ޤާޟީންގެ ޢިލްމީ ފެންވަރަށް ބަލާއިރު ގިނަ ޤާޟީންނަކީ މުޖްތަހިދު ޤާޟީންނެއްނޫނެވެ. އެމީހުންގެ ޢިލްމީ ފެންވަރު ދަށްކަމުން އެމީހުންނަށް އިޖްތިހާދުކުރުމުގެ ޤާބިލުކަން ލިބިގެން ނުވެއެވެ. އެމީހުން ނިސްބަތްވާ މަޒްހަބުގައި ހުރި ތަފާތު ރައުޔުތައް ވެސް އެމީހުންނަށް ރަނގަޅަކަށް ނޭނގެއެވެ.

______________________________ 

ފުޓްނޯޓާއި ޙަވާލާ:

(1) القضاء في الإسلام، محمد سلام مدكور، ص : 115

(2) އިސްލާމީ ތަޝްރީޢުގެ ތާރީޚު، އިބްރާހީމު ރަޝީދު މޫސާ ، 2020

(3) سير أعلام  النبلاء  للإمام  الذهبى

(4) التشريع والفقه في  الإسلام، الشيخ مناع  القطان، ص : 404، الطبعة الخامسة،  2001 ،  مكتبة  وهبة  - القاهرة

(5) فقه النوازل، بكر أبو زيد، ص :  25  ، افتتاحية  جريدة أم   القرى في عددها  الصادر بتاريخ 28/2/ 1346 هـ  

(6) مواهب الجليل للحطاب ، 8 / 78 ، المجموع شرح  المهذب ، 20 / 178 ، المغنى ، 14لا/ 91 بتحقيق التركى ، حاشية ابن عابدين  ، 1 / 163

(7) ص : 26

(8) مجموع الفتاوى  لابن تيمية ، 35 / 357 ، 360 ، 372 ، 373

(9) الفتاوى  لابن  تيمية ، 30/ 79

(10)مسيرة  الفقه الإسلامي  المعاصر ، للدكتور شويش على المحاميد ، ص : 438  ، الجامعة الأردنية ، 1996م

(11)النساء : 59

ހަމަމިގަލަމުން

އިދާރާ

ވާހަކަ