އަދުގެ ޚާއްސަ

Print

ކީރިތި ޤުރްއާނަކީ ހުރިހާ ބަލިތަކެއްގެ ޝިފާއެއްތަ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

 

އިބްރާހީމް ރަޝީދު މޫސާ

ކީރިތި ޤުރްއާނުގައި " شفاء " ( ފަރުވާ)  މި ލަފުޒު 4 އާޔަތެއްގައި 4 ފަހަރު  އައިސްފައި ވެއެވެ. 2 ފަހަރު އައިސްފައިވަނީ ޢާއްމުކޮށް އެންމެހާ މީސްތަކުން (الناس) ނަށެވެ. އަނެއް 2 ފަހަރު އައިސްފައި ވަނީ ޚާއްޞަކޮށް މުއުމިނުން( للمؤمنين ) ނަށެވެ. 

ކީރިތި ޤުރްއާނުގައި ޝިފާ 

ފުރަތަމަ އާޔަތަކީ ޔޫނުސް ސޫރަތުގައި އައިސްފައިވާ ބަސްފުޅެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَـٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ(1) - އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް وعظ އަކާއި، ބަލިތަކަށް شفاء އަކާއި، مؤمن ތަކުންނަށް ތެދުމަގަކާއި، رحمة އެއް އަތުވެއްޖެކަން ކަށަވަރެވެ.)) 

މި އާޔަތުގައި މާތް ﷲގެ ބަސްފުޅު އަމާޒުކުރައްވައިފައި މި ވަނި މީސްތަކުންނަށެވެ. އެންމެހާ އިންސާނުންނަށެވެ. މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށެވެ. މުއުމިނުންނާއި ކާފިރުން ވެސް ހެއްދެވީ ﷲއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((هُوَ ٱلَّذِى خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ(2) - އެކަލާނގެއީ، ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން كافر ން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން مؤمن ންވެސް ވެއެވެ.))

 މާތް ﷲގެ ވަޢުޡު ބަސްފުޅުން ކާފިރުންނަށް ފައިދާއެއް ނުކުރާނެތެވެ. އެއީ އެމީހުން އެ ބަސްފުޅުތައް އަޑު ނާހާތީއެވެ. އެއަށް ކަނުލައި އަޑުއަހައި ބަޔަކަށް މެނުވީ އެ ބަސްފުޅުތަކުން ލާބައެއް ނުލިބޭނެއެވެ. މަންފާއެއް ނުކުރާނެއެވެ. ޤުރްއާނަކީ އެމީހުންނަށް ލިބިގެންވާ ޝިފާއެކެވެ.އެހެނަސް މި ޤުރްއާނުން އެމީހުންނަށް ފައިދާއާއި ލާބަ ނުލިބެނީ ، އެމީހުން މި ޤުރްއާން ޤަބޫލު ނުކުރާތީއެވެ. އިސްލާމީ މަޝްހޫރު ފިލޯސަފަރު އަދި ޑަކްޓަރު އިބްނު ސީނާ  ވިދާޅުވިއެވެ. ((ވަހުމަކީ(3) ބަލިމަޑުކަމުގެ ދެބައި ކުޅަ އެއްބައެވެ. ހިތްހަމަޖެހުމަކީ ފަރުވާގެ  ދެ ބައި ކުޅަ އެއްބައެވެ. ކެތްތެރިކަމަކީ ޝިފާގެ ފުރަތަމަ ފިޔަވަޅެވެ.)) ޣައިރު މުސްލިމުން ޤުރްއާން ޤަބޫލު ނުކުރާތީ އެއީ އެމީހުންނަށް ލިބިގެންވާ ޝިފާއެއްނޫނެވެ. ޑަކްޓަރަކު ބަލިމީހަކަށް ދޭ ބޭހުން ފަރުވާ ލިބޭނެކަން ޤަބޫލުނުކުރާ މީހަކަށް ޑަކްޓަރު ކިތަންމެ ރަނގަޅު ބޭހެއް ދިނަސް އެއިން އޭނާއަށް ފައިދާއެއް ނުކުރާނެއެވެ. އެއީ އޭނާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް މި  ބޭހުގެ އަސަރު ނުފޯރާނެތީއެވެ. މި ޒަމާނުގެ ޑަކްޓަރުން ވަނީ ސައެންސީ ތަޖްރިބާތަކުގެ ތެރެއިން މި ކަން ސާބިތުކޮށްދީފައެވެ. ޑަކްޓަރުން ވަނީ ބައެއް ބަލިމީހުންނަށް ވަހްމީ ބޭހެއް ދީގެން މި ކަންކަން ބަލައި ދިރާސާކޮށްފައެވެ. މި ވަހްމީ ފަރުވާގައި ޑަކްޓަރަކު ބަލިމީހަކަށް ހަކުރުކޮޅެއް އަޅައފައި ފެންފުޅިއެއް ދީފައި މިއީ ވަރަށް އަގު ބޮޑު އަދި ވަރަށް ފައިދާހުރި ބޭހެއްކަމަށް ބުންޏެވެ. މި ސަރުބަތު ބުއިމުން އޭނާއަށް ވަރަށް އަވަހަށް ޝިފާ ލިބިގެން ދިޔައެވެ. މި ބަލިމީހާ އެ ވާހަކަ ޤަބޫލުކޮށްގެން މި ވަހްމީ ބޭސް ބޭނުން ކުރީތީއެވެ.  މިއިން އެނގެނީ  ޑަކްޓަރު ދޭ ބޭހުން އޭނާއަށް ޝިފާ ލިބޭނެކަން  ޤަބޫލުކުރާނަމަ އޭނާ ބޭނުންކުރާ ބޭހުން އެއީ (ޙަޤީޤީ ބޭހަކަށް ނުވިޔަސް) އޭނާއަށް ފައިދާ ލިބޭނެކަމެވެ. ކާފިރުން މި ޤުރްއާން ޤަބޫލު ނުކުރާތީ އޭނާއަށް ޤުރްއާން ވާނީ ގެއްލުމަކަށެވެ. ޢަޤީދާއަކީ ބޭސް ފަރުވާކުރުމުގައި ވެސް މުހިއްމު ދައުރެއް ކުޅޭ އެއްޗެކެވެ.  ޤަބޫލު ނުކުރާ މީހަކަށް ޤުރްއާނުން ނަސޭޙަތެއް ނުލިބޭނެއެވެ. އަދި ޤުރްއާނުން ޝިފާއެއް ވެސް ނުލިބޭނެއެވެ. މީގެ މާނައަކީ ޤުރްއާނުގައި ޝިފާއެއް ނުވާ ވާހަކައެއް ނޫނެވެ.

ޝިފާއާ ބެހޭ ދެވަނަ އާޔަތަކީ މާމުއީގައި ޝިފާއެއް ވާ ކަމަށް ބުނާ ﷲގެ ބަސްފުޅެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَخْرُجُ مِنۢ بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَٰنُهُۥ فِيهِ شِفَآءٌ لِّلنَّاسِ(4) - އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި މީސްތަކުންނަށް ޝިފާއެއް ވެއެވެ.)) މި އާޔަތުގައި ވެސް މާތްﷲ މި އަންގަވަނީ މާމުއިގައި މީސްތަކުންނަށް (އެންމެހާ މީސްތަކުންނަށް) ޝިފާއެއް ލިބިގެންވާ ވާހަކައެވެ. މިއީ މުއުމިނުންނަށް ޚާއްޞަ ޝިފާއެއް ނޫނެވެ. 

މި ދެ އާޔަތާމެދު ވިސްނާލަމާތޯއެވެ؟ ފުރަތަމަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މުޅި ޤުރްއާނަކީ ޝިފާއެއް ކަމެވެ. އެހެނަސް މާމުޔާ ބެހޭގޮތުން ވަޙީ ކުރައްވަނީ އޭގައި ޝިފާއެއް ވާ ވާހަކައެވެ. މިއިން އެނގެނީ މާމުޔަކީ ބައެއް ބަލިތަކަށް ހުރި ޝިފާއެއް ކަމެވެ. މާމުއިން ހުރިހާބަލިތަކަށް ފަރުވާ ނުލިބޭނެ ކަމެވެ. މާމުޔަކީ  ނަފްސާނީ ބަލިތަކަށް ހުރި ފަރުވާއެއްނޫނެވެ. އެހެނަސް އެއީ މާއްދީ ބައެއް ބަލިތަކަށް ހުރި ފަރުވާއެކެވެ. އެއީ މިސާލަކަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ. އެއީ ފާރު ރަނގަޅުކޮށްދޭ އެއްޗެކެވެ. އެއީ ބޭރަށްހިންގުމަށް ލިބިގެންވާ ޝިފާއެކެވެ.

ތިންވަނަ އާޔަތަކީ ((وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًا(5) - ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.))  

ހަތަރުވަނަ އާޔަތަކީ ((قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ(6) - ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، إيمان ވި މީހުންނަށްވާ ތެދުމަގެކެވެ. އަދި شفاء އެއްވެސްމެއެވެ.)) 

ﷲ ސުބްޙާނަހޫ ވަ ތަޢާލާ  މި ދެ އާޔަތް ޚާއްޞަ ކުރައްވައިފައި މި ވަނީ އެކަލާނގެއަށް އީމާންވާ  މީހުންނަށެވެ. ﷲގެ ބަސްފުޅުގައިވާ (އެ ފޮތް) އަކީ ކީރިތި ޤުރްއާނެވެ. މި އާޔަތުގެ ކުރީ ބައިން އެކަން ސާފުކޮށް އެނގެއެވެ. މި އާޔަތުގެ ފަހު ބައިގައި އޮތް ބަޔަށް ބަލާލަމާ ހިނގާށެވެ! މާތް ﷲ ވަޙީ ކުރެއްވިއެވެ. ((وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى أُو۟لَـٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍ - އަދި إيمان ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ.)) މި ބަސްފުޅުން އެނގެނީ އީމާންނުވާ މީހުންނަށް ﷲގެ ބަސްފުޅުތައް ނީވޭނެކަމެވެ. މި ޤުރްއާނަކީ އެބައިމީހުންގެ މައްޗަށް އޮތް ކަނުކަމެކެވެ. އެމީހުންނަށް މި ޤުރްއާން ކަނު އެއްޗަކަށް ވީ ކީއްވެގެންތޯއެވެ؟  ކާފިރުންނާއި ދީން ޤަބޫލުނުކުރާމީހުންނަށް ޤުރްއާނުގެ އަޑު އުވުނީމާ އެމީހުންނަށް ފޫހިކަމާއި ނަފްރަތްތެރިކަން ލިބޭނެތެވެ. މި ކަން ބަޔާން ކުރައްވައި ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (( وَإِذَا ذُكِرَ ٱللَّـهُ وَحْدَهُ ٱشْمَأَزَّتْ قُلُوبُ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمْ يَسْتَبْشِرُونَ(7) - ހަމައެކަނި اللَّه ގެ اسم ފުޅު ނަންގަނެވޭހިނދު، آخرة އަށް إيمان ނުވާމީހުންގެ ހިތްތަކަށް ފޫހިކަމާއި، نفرت ކަން ލިބިގެންދެތެވެ. އަދި އެކަލާނގެ ފިޔަވައި އެހެންތަކެތީގެ ނަން (އެބަހީ: ބުދުތަކުގެނަން) ގަނެވިއްޖެނަމަ، އެހާރުން އެއުރެން އުފާވެގެންދެތެވެ. )) މިއީ ޢިލްމީ ގޮތުން ސާބިތުވެފައިވާ ސައެންސީ ޙަޤީޤަތެކެވެ.  ﷲއަށް އީމާންވާ ބަޔަކާއި ﷲއަށް އީމާންނުވާ ބަޔަކު ލެބަށް ގެންގޮސް ލަފްޒުލް ޖަލާލަތި ( ﷲ ) އެމީހުންނަށް އިއްވުނެވެ. ޣައިރު މުސްލިމު މީހާއަށް މި ކަލިމަ އިވުމުން އޭނާގެ ސިކުނޑީގެ ތެރޭގައި ގަނޑުބަޑުކަމެއް ( ހަލަބޮލިކަމެއް )   އުފެދިގެންދިޔައެވެ. އެއީ އޭނާގެ ނަފްސުގެ އެތެރެ ހަށި (ފިޠުރީ ގޮތުން)  ޤަބޫލުކުރާ ގޮތާ އޭނާ ބޭރުފުށުން ޤަބޫލުކުރާ ގޮތް ތަޢާރުޟުވުމުން އުފެދުނު ގަޑުބަޑުކަމެކެވެ. އެއީ  މި ކަލިމަ އަޑުއެހުން އޭނާއަށް  ނަފްރަތްތެރިކަމަކަށް ވާތީއެވެ. މިއާ ޚިލާފަށް މުއުމިނު އިންސާނާއަށް ބަލާއިރު އޭނާގެ ހަށިގަނޑުގައި ފުށޫއަރާކަމެއްނެތެވެ. އޭނާގެ ނަފްސު ޤަބޫލު ކުރާ ގޮތާއި އޭނާގެ ޖިސްމު ޤަބޫލު ކުރާ ގޮތް އެއްގޮތް ވާތީއެވެ. އެހެންވީމާ އޭނާއަށް ލިބޭނީ ހިތްހަމަ ޖެހުމެވެ. ﷲ ހަނދުމަކުރުމުން މުއުމިނުންނަށް ހިތްހަމަ ޖެހުން ލިބޭނެތެވެ. މުއުމިނުންނާ ބެހޭގޮތުން މާތްﷲ ވަޙީ ކުރެއްވީ (( ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّـهِ أَلَا بِذِكْرِ ٱللَّـهِ تَطْمَئِنُّ ٱلْقُلُوبُ(8) -  އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ )) މި ބަސްފުޅުން އެނގެނީ މުއުމިނުންނަށް ﷲގެ ބަސްފުޅު އަޑު އިވުމުން އުފާލިބޭނެ ކަމެވެ. ހާސްކަން ފިލައިގެން ދާނެކަމެވެ. ކާފިރުންނަށް ލިބޭނީ އިތުރު ހާސްކަމެވެ. އެހެނަސް ޤުރްއާނުން ޝިފާ ލިބޭނެކަން ޤަބޫލު ކުރާ ކާފިރުންނަށް ޤުރްއާނުން ޝިފާ ލިބޭނެއެވެ. އެމީހުންނަށް  އެއިން ފައިދާ  ކުރާނެއެވެ. އެއީ އެމީހުންނަށް   ޤުރްއާނުން ފައިދާ ލިބޭނެ ކަން ޤަބޫލު ކުރާތީއެވެ. 

ޤުރްއާނުން ޝިފާ ލިބެނީ ކިހިނެއް

ޝީފާއާބެހޭ ގޮތުން ވާހަކަ ދައްކާއިރު ޤުރްއާނުން  4 އާޔަތެއް އެބަ ފެނެއެވެ. އޭގެތެރެއިން 2އާޔަތަކީ އެންމެހާ  މީސްތަކުންނަށް އޮތް ދެ އާޔަތެވެ. އަނެއް 2 އާޔަތަކީ މުއުމިނުންނަށް ޚާއްޞަ ދެ އާޔަތެވެ. މި ކަމުގައި މި އޮތީ ތިލަފަތް ހަމަހަމަކޮށެވެ. މި ބަސްފުޅުތަކުން އެނގެނީ ކީރިތި ޤުރްއާނަކީ ހުރިހާ ބާވަތެއްގެ ބަލިތަކަކަށް އޮތް ފަރުވާއެއް ކަމެވެ. މާއްދީ ބަލިތަކަށާއި މާނަވީ ބަލިތަކަށެވެ.ކީއްވެގެން ހެއްޔެވެ؟ މި ކަމުގެ ސިއްރަކީ ކީރިތި ޤުރްއާނުގެ ކޮންމެ ކަލިމައަކީ އެއަށް ޚާއްޞަ ތަރައްދުދެއް ( ފްރިކްއެންސީއެއް) ލިބިގެންވާ އެއްޗެކެވެ. މި ތަރައްދުދުތަކަކީ އިންސާނާގެ ނަފްސަށް އަސަރުފޯރުވުމުގެ ބާރު ލިބިގެންވާ ތަރައްދުދުތަކެކެވެ. މި ތަރައްދުދުތަކުގެ ސަބަބުން އިންސާނާގެ ހަތާތަކަށް ބަލިތައް ދެނެގަނެވެއެވެ. މި ތަރައްދުދުތަކަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި އިންސާނާއަށް ހަމަލާދޭ ވައިރަސްތަކާއި ޖަރާސީމުތަކަށް ޙަމަލާ ދިނުމުގެ ބާރު ލިބިގެންވެއެވެ. ޤުރްއާނުން އޭނާގެ ނަފްސަށް ފަރުވާދޭން މަސައްކަތްކުރާ ކޮންމެ މީހަކަށް މި ޙަޤީޤަތް ދެނެގަނެވޭނެ ކަމަށް ޑރ. ޢަބްދުއްދާއިމުލް ކަޙީލު ވިދާޅުވެއވެ. އޭނާ ވިދާޅުވާ ގޮތުގައި އަޑަކީ ވެސް ފްރިކްއެންސީތަކެކެވެ. އެހެންކަމުން ޤުރްއާނުގެ އާޔަތްތައް ކިޔަވާ އަޑު އިވުމުން އިންސާނާގެ ނަފްސަށް މި އަޑުން އަސަރުކުރާނެތެވެ. 

((وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًا(9) - ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ. )) ގެ މާނައަކީ ޤުރްއާން ކިޔަވާއިރު ތިބާގެ އަޑުފޮށިން ބޭރުވާ އަޑުތަކުގެ ތަރައްދުދު(ފްރިކްއެންސީ ))ގެ ސަބަބުން އޭނާއަށް ޝިފާ ލިބެއެވެ. މި އަޑުތައް ހަށިގަނޑުގެ ހަތާތަކަށް ވާޞިލުވުމުން ހަށިގަނޑުގައި އުޅޭ ބީރަށްޓެހި ހަތާތަކަށް ( ބޭރުން ވަދެފައިވާ  ވައިރަސް ފަދަ ހަތާތަކަށް ) ގަނޑުބަޑުކަން ލިބެއެވެ. މި ގަނޑުބަޑުކަމުގެ ސަބަބުން އެ ހަތާތައް ހަލާކުވެ މަރުވެއެވެ. މި ބީރަށްޓެހި ހަތާތަކަށް ޤުރްއާނުގެ މި ތަރައްދުދުތަކުގެ ސަބަބުން އޭގެ މަސައްކަތަށް ހުރަސްއެޅިގެން ދެއެވެ. ޤުރްއާން ޝިފާއަކަށް ވާ އަނެއް ސަބަބަކީ މި ތަރައްދުދުތައް ތިބާގެ ހަށިގަނޑުތެރެއަށް ވަދެ ތިބާގެ ދިފާޢީ ބާރުގެ ހަތާތަކާއި ސިކުނޑީގެ ހަތާތަކާއި ހިތުގެ ހަތާތައް އަލުން ޙަރަކާތްތެރިކޮށް ދިނުމުގެ ސަބަބުން އެ ހަތާތަކަށް އިތުރު ބާރެއް ލިބޭތީއެވެ.  ސައެންސް ކަށަވަރުކޮށްދޭ ގޮތުގައި ވައިރަހަކީ ދިރޭ އެއްޗެއް ނޫނެވެ. އެއީ ދިރޭ އެއްޗެއްގެ ތެރެއަށް ވަދެ އެ ދިރޭއެތީގެ ޕްރޮގްރާމު ހަލާކުކޮށްލާ އެއްޗެކެވެ. މި ކަމުގެ ސަބަބުން ހަށިގަނޑުގެ ހަތާތައް އޭތީގެ ހަށިގަނޑާ ދެކޮޅަށް މަސައްކަތް ކުރާ ގޮތަށް ޕްރޮގްރާމު ވަނީއެވެ. އެ ވައިރަހަށް ތިބާ ހުރަސްއަޅައި އޭތީގައި ހުރި މަޢުލޫމާތުތައް އޭއްޗަށް އޮޅުވައިލައިފިނަމަ އޭއްޗަށް އޭތީގެ މަސައްކަތް  ކުރާކަށް ނޭނގޭނެއެވެ.   އެހިނދު އޭތި ބަލިކަށިވެދާނެއެވެ. އަދި ހަށިގަނޑުގެ ހަތާތަކުގެ ކާނާއަކަށް އޭތި ވެދާނެއެވެ. ޤުރްއާނުން ލިބޭ މާއްދީ ޝިފާއަކީ މިއެވެ. 

ޝިފާއެއްނެތް ބަލިތަކަށް އޮތް ޝިފާއަކީ ޤުރްއާން

މިހާތަނަށް އާދެވުނުއިރުގައި ވެސް ޝިފާއެއް ނެތް އެތައްއެތައް ބަލިތަކެއް  އެބަ ހުއްޓެވެ. ޕްރެޝަރާއި ހަކުރާއި، ކެންސަރާއި، ކްލޮސްޓްރޯލްފަދަ ބަލިތަކަށް ޝިފާއެއް ފެނިފައި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ޑރ. އަލްކަޙީލު ވިދާޅުވާ ގޮތުގައި ސަބަބަކީ މި ބަލިތައް ޖެހޭ ސިއްރު ނޭނގުމެވެ. މި ބަލިތައް ޖެހެނީ އެ ކަމާބެހޭ ނިޒާމަށް އަންނަ ގަނޑުބަޑުކަމެއްގެ ސަބަބުންނެވެ. ޑަކްޓަރުން ދޭ ބޭހަކީ މި ނިޒާމުގައި އުފެދުނު ގަނޑުބަޑުކަން ރަނގަޅު ކުރުމަށް ދޭ ބޭހެއްނޫނެވެ.  މިސާލަކަށް ހަކުރުބަލީގެ މީހުންނަށް  ދޭ ބޭހަކީ އެމީހުންގެ ލޭގައި ހުންނަން ޖެހޭ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށް ދޭ ބޭހެކެވެ.މި ގަޑުބަޑުކަމަކީ މާއްދީ ގަޑުބަޑުކަމެއްނޫނެވެ. އަދި ކިއެއްތަ! އެއީ ޕްރޮގްރާމު ކުރުމުގައި ކުރިމަތިވެފައިވާ މައްސަލައެކެވެ. ސޮފްޓްވެއަރގެ މަސައްލައެކެވެ. ހާރޑްވެއަރގެ މަސްއަލައެއް  ނޫނެވެ.މި ކަމަށް ފަރުވާ ދެވޭނީ ކީރިތި ޤުރްއާނުގެ އާޔަތްތަކުންނެވެ. މި ގަނޑުބަޑުކަން ރަނގަޅުކޮށްދޭނެ ތަރައްދުދެއް  ލިބިފައިވާ އާޔަތްތަކުންނެވެ. 

ޑރ. ޢަބްދުއްދާއިމުލް ކަޙީލު ވިދާޅުވަނީ ކީރިތި ޤުރްއާން އަޑުއަހާށެވެ. ފޯނުންނާއި ކޮމްޕިޔުޓަރުންނާއި އެހެނިހެން ވެސް ވަސީލަތްތަކުންނެވެ. ގޭގައި އުޅުނަސް ނޫޅުނަސް ޤުރްއާން ޖަހާފައި ބަހައްޓާށެވެ. މި ޤުރްއާން އަޑުއެއްސެވުމަށް މަލާއިކަތުން ވަޑައިގަންނަވާނެތެވެ. އެ ގެއަށް ރައްކައުތެރިކަން ލިބޭނެތެވެ. ތިބާއަށާއި ތިބާގެ ޢާއިލާއަށާއި ތިބާގެ ވަށައިގެން އުޅޭ އެންމެހާ އަވަށްޓެރީންނަށް ޝިފާ ލިބޭނެތެވެ. ޤުރްއާނުން ޝިފާ ލިބޭނީ ހަމައެކަނި އެ ވަގުތު ތިބާއަށް ޖެހިފައިވާ ބަލިތަކަކަށްނޫނެވެ. މީގެއިތުރަށް ކުރިމަގު ވެސް އަމާންވެގެން ދާނެއެވެ. ކުއްލިއަކަށް ޖެހޭ އެންމެހާ ބަލިތަކުންނެވެ.ރަސޫލާe ކުރައްވާ ދާއިމީ ދުޢާފުޅަކަށް " اللَّهُمَّ إِنِّى أَسْأَلُكَ العَفْوَ وَالعَافِيَةَ(1) – ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ!މިއަޅާއަށް ޢަފޫކުރެއްވުމާއި ދުޅަހެޔޮކަން ދެއްވާނދޭވެ!" މި ދުޢާފުޅުވީ މިހެންވެގެންނެވެ. ބައެއް ފަހަރަށް އަޅުގަނޑުމެންނަށް ބަލި ޖެހެނީ ކުއްލިއަކަށެވެ. މިހެންވެ މި ގޮތަށް ދުޢާކުރަން އެބަ ޖެހެއެވެ. ރަސޫލާeގެ އެހެން ދުޢާފުޅަކީ " أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ كُلِّ مَا خَلَقَ(11) - ﷲ ހެއްދެވިހާ އެންމެހާ އެއްޗެހިން މިއަޅާ ރައްކައުތެރި ކޮށްދެއްވުމަށް ﷲގެ ފުރިހަމަ ބަސްފުޅުތަކުން އެދެމުއެވެ."  މި ބަސްފުޅުގައި އެންމެހާ އެއްޗެހި ހިމަނުއްވައިފައިވުމުން އޭގައި ފެންނަ އެއްޗެއްސާއި ނުފެންނަ އެއްޗެހި ( ވައިރަސް ފަދަ އެއްޗެހި ) ހިމެނެއެވެ. މި ހުރިހާ ވާހަކަތަކެއް ޚުލާޞާ ކޮށްދެއްވައި މާތް ﷲ ވަޙީ ކުރައްވަނީ ((قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ - ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1) އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.))  ޢަރަބިބަހުގައި "فَلَق" އަކީ ހަމައެކަނި ފަތިހެއް ނޫނެވެ. ފަލަޤަކީ ފަޅައިގެން ދިޔުމެވެ. ފަޅަފަޅައިގެންގޮސް (ނުވަތަ ކިބަކިބަވެގެން) އިތުރުވެ ގިނަވާ ދިރޭ އެއްޗެހި ވެއެވެ. ހަތާތައް ގިނަވަނީ ކިބަވެގެންނެވެ. ވީމާ މި ބަސްފުޅުގައި ހުރިހާ ބާވަތެއްގެ ވައިރަސްތަކާއި ޖަރާސީމުތައް ހިމެނެއެވެ. ހަމަ އެފަދައިން "غاسق" އަކީ ހަމައެކަނި ރޭގަނޑެއް ނޫނެވެ. އޭގެ ތެރޭގައި ލޮލަށް ނުފެންނަ ހުރިހާ އެއްޗެއް ހިމެނެއެވެ. 

ވީމާ ޤުރްއާނަކީ ތިބާއަށް ލިބިފައިވާ ޝިފާއެކެވެ. ތިބާގެ ނަފްސަށް ޤުރްއާނުން ފަރުވާ ދޭށޭވެ! ޚާއްޞަކޮށް ކުޑަކުދީންނަށް ޤުރްއާނުން ފަރުވާ ލިބޭލެއް އަވަސްވާނެއެވެ. އެހެނީ އެކުދީންނަކީ އަދި ހުސް ޞަފްޙާތަކެކެވެ. މި ޞަފްޙާތައް ޤުރްއާނުން ސާފުކޮށް އޮފުކުރާށެވެ! 

______________________________

ފުޓް ނޯޓް:

(1)    يونس : 57

(2)    التغابن : 2

(3)    ރަދީފު ބުނާ ގޮތުގައި ވަހުމަކީ ޝައްކެވެ. ނުވަތަ އެއީ ވަސްވާހެވެ.

(4)    النحل : 69

(5)    الإسراء : 82

(6)    فصلت :  44

(7)    الزمر :  45

(8)    الرعد :  18

(9)    الإسراء : 82

(10)  رواه أبو داود ( 5074 )  و ابن ماجه ( 3871)

(11)  أخرجه أحمد، 2/ 290، برقم 7898، والنسائي في عمل اليوم والليلة، برقم 590، وابن السني، برقم 68، وانظر: صحيح الترمذي، 3/187، وصحيح ابن ماجه، 2/266

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ