އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(12 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

އަލްފާތިޙާ (އަލްޙަމްދު) ސޫރަތުގެ މާނާއިގެ މައްޗަށް ބަލައިލުމެއް - 1

ސޫރަތުގެ ނަން

އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، 'ހުޅުވައިލަދޭ' –އަލްފާތިޙާ- ސޫރަތެވެ. ކީރިތި ޤުރުއާނުގެ 'މުގައްދިމާ'އެވެ. އަލްފާތިޙާ އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. ސޫރަތް ފެށިފައިވަނީ ބިސްމި (ބަސްމަލާ) އިންނެވެ. މި ސޫރަތުގެ އާޔަތްތައް ގުނުމުގައި ބިސްމި ހިމަނައިލެވިފައި ވެއެވެ. އަދި ގިނަ އިލްމުވެރިން ބުރަވެވަޑައިގަންނަވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ. 

ނަމާދުގައި، މުސްލިމުން، މާތް ﷲއަށް ހަމްދު ސަނާ ދަންނަވައި ތަކުރާރުކޮށް ކިޔާ ސޫރަތަކަށް ވުމުން މިސޫރަތަށް 'އައްސަބްޢުލްމަޘާނީ'ގެ (ތަކުރާރުކޮށް ކިޔޭ ހަތް [އާޔަތު]ގެ) ނަމުން ނަންދެވިފައި ވެއެވެ. އަދި މިނޫން އެހެން ނަންނަން ވެސް މިސޫރަތަށް ކިޔެއެވެ. 'އުއްމުލް ގުރްއާން'އެވެ. ކީރިތި ޤުރުއާނުގެ މައި ސޫރަތެވެ ނުވަތަ ޖައުހަރެވެ. މި ސޫރަތުގައި ކީރިތި ޤުރުއާނުގެ އަސާސީ އުގަންނައިދިނުންތައް އެކުލެވިގެންވާތީއެވެ. މާތްﷲގެ އެއްކައުވަންތަކަމުގެ ވާހަކައެވެ. އެކަލާނގެއީ މުޅި ކައުނާއި އެ ކައުނުގައި ލެއްވިގެން ވާހާ އެއްޗެއް އުފެއްދެވި، އަދި އެ ހުރިހާ އެއްޗެއްގެ ވެރި ރަސްކަލާނގެ ކަމުގެ ވާހަކައެވެ. އަދި، ދުނިޔަވީ ހަޔާތް ނިމުމަކަށް އައިސް އެހެން ހަޔާތެއް، އާދެ، އާޚިރަތް ދުވަސް، އަންނާނޭ ކަމުގެ އިޝާރަތް ކުރެވިފައިވާ ވާހަކައެވެ. އެ ދުވަހުން ކޮންމެ މީހަކު ވެސް، އެމީހަކު ދުނިޔަވީ ހަޔާތުގައި ކުރި ކަންތައްތަކާއި ބެހޭގޮތުން، ޖަވާބުދާރީ ކުރެވޭނޭ ކަމުގެ ވާހަކައެވެ. އެ ކަންކަމާ ބެހޭ ގޮތުން، ކޮންމެ މީހަކާ ވެސް ސުއާލުކުރެވި ހިސާބު ބެއްލެވޭނޭ ކަމުގެ ވާހަކައެވެ. 

އަލްފާތިޙާ ސޫރަތް ބާވައިލެއްވުނު ތާރީޚު

ކީރިތި ޤުރްއާނުގެ ސޫރަތްތަކާއި އާޔަތްތައް ބާވައިލެއްވުނު ތާރީޚު، މައިގަނޑު ދެ ދައުރަކަށް ބަހާލެވެއެވެ. ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ބާވައިލެއްވުނީ، ކީރީތި ރަސޫލާ، މައްކާގައި، އިސްލާމީ ދައުވަތުގެ މަސައްކަތް ފައްޓަވައިގެން، ކުރިއަށް ގެންދެވި ދުވަސްވަރުގައެވެ. އެހެންވެ، ތާރީޚީ ގޮތުން، މި ސޫރަތްތައް ސިފަކުރެވެނީ މައްކީ ސޫރަތްތަކުގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގެ އަނެއްބައި ސޫރަތްތައް ބާވައިލެއްވުނީ، ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހުގައެވެ. އިސްލާމީ ދައުލަތެއް މަދީނާގައި ގާއިމު ކުރައްވައި، ދައުވަތުގެ މަސައްކަތް މަދީނާގައި ކުރެއްވި ދުވަސްވަރު ގައެވެ. އެހެންވެ، ތާރީޚީ ގޮތުން، މި ދައުރުގައި ބާވައިލެއްވުނު ސޫރަތްތައް ސިފަކުރެވެނީ މަދަނީ ސޫރަތްތަކުގެ ގޮތުގައެވެ.

ކީރިތި ޤުރްއާނުގެ މައްކީ ދައުރާއި މަދަނީ ދައުރުގެ ސޫރަތްތައް، ތާރީޚީ ގޮތުން، އިތުރަށް ތިން ބަޔަކަށް ބަހައިލެވިދާނެއެވެ. އެއީ އެއިން ކޮންމެ ދައުރެއްގެ ކުރީކޮޅާއި މެދާއި އަދި ފަހުކޮޅަށެވެ. މިވެނި ސޫރަތަކީ، ތާރީޚީ ގޮތުން ބަލާއިރު މައްކީ ނޫނީ މަދަނީ ދައުރުގެ ކުރީ ކޮޅުގައި، ނުވަތަ މެދު ތެރޭގައި ނުވަތަ ފަހު ކޮޅުކޮޅުގައި، ބާވައިލެއްވުނު ސޫރަތެއް ކަމުގައި ބުނެ ކަނޑައަޅައިލެވެއެވެ.

މި ގޮތުން، ސޫރަތްތަކުގެ ތާރީޚު ކަނޑައަޅައިލުން ވަރަށް މުހިއްމެވެ. އެއީ ވަކި ސޫރަތެއް ނުވަތަ ވަކި އާޔަތެއް ބާވައިލެއްވުނު ދުވަސްވަރާއި، އެ ދުވަސްވަރު މުސްލިމުންގެ ތެރޭގައި ހިނގަމުންދިޔަ ކަންތައްތަކާއި އަދި އެ މީހުންނާ ކުރިމަތިވި މައްސަލަތަކާއި އެ ސޫރަތް ނުވަތަ އާޔަތް ގުޅޭ ގޮތް ބަލައި، މި ފަދަ މައްސަލަތަކަށް، އެ ސޫރަތުން ނުވަތަ އާޔަތުން، ހައްލުހޯދައި ދެވިފައިވަނީ ކިހިނެއްތޯ ދެނެގަތުމަށްޓަކައެވެ.

އަލްފާތިޙާއަކީ، ގިނަ މުފައްސިރުން ދެކިލައްވާ ގޮތުގައި، މައްކީ ސޫރަތެކެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ މައްކާގައި އިސްލާމީ ދައުވަތާއިގެން މަސައްކަތްޕުޅު ފެއްޓެވި ދުވަސްވަރުގެ ވަރަށް ކުރީކޮޅު ބާވައިލެއްވުނު ސޫރަތެކެވެ. މި ސޫރަތް ދެވަނަ ފަހަރަށް މަދީނާގައި ބާވާލެއްވުނު ކަމަށް ވެސް ބުނެވެއެވެ. އަލްފާތިޙާއަކީ މުޅި ސޫރަތް އެއްކޮށް ބާވައިލެއްވުނު ފުރަތަމަ ސޫރަތެވެ. މި ސޫރަތުގެ ކުރީން ބާވައިލެއްވުނީ ޢަލަޤު، މުއްޒައްމިލު، އަދި މުއްދައްޘިރު، މި ތިން ސޫރަތުން ކުރެ ކޮންމެ ސޫރަތެއްގެ ވެސް ބައެކެވެ. 

އަލްފާތިޙާ ސިފަކުރެވެނީ މާތްﷲގެ ޙަޟުރަތުގައި ދެންނެވޭ ދުއާއެއްގެ ގޮތުގައެވެ. މާތްﷲ ކިބަފުޅަށް ހަމްދު ކިޔައި ޝުކުރުއަދާކޮށް އެކަލާނގެއަށް ހައްގު ޘަނާއާއި ތައުރީފުގެ ބަސްތަކުން ތަމްޖީދުކޮށް، އަދަބު އިހުތިރާމު އަދާކުރުމަށް ފަހު، ތެދުމަގު – މާތް ﷲ އަށް އީމާންވެ، ހެވާ ނުބައި ވަކިކޮށް އަދި ހެޔޮ ގޮތް ޚިޔާރުކޮށް، ރިވެތި އަޚުލާގެއްގެ މަތީ ދެމިހުރެ ހަޔާތް ވެއަތުކޮށްލާނޭ މަގު ދެއްކެވުމަށް އެކަލާނގެ ޙަޟުރަތުގައި އެދި، ދެންނެވޭ ދެންނެވުމެއްގެ ގޮތުގައެވެ. އަލްފާތިޙާގެ މި މާނައަށް ރިއާޔަތް ކޮށްލުމުން މި ސޫރަތާއި ވިދިގެން އޮތް ބަޤަރާ ސޫރަތާއި އަދި ކީރިތި ޤުރުއާނުގެ އެހެން ސޫރަތްތަކާއި ގުޅޭ ގޮތް ސާފުވެއެވެ. ބަޤަރާ ސޫރަތް ފެށުމުގައި ކީރިތި ޤުރުއާނަކީ މާތްﷲއަށް އީމާންވާ މީހުންނަށް އޮތް ތެދުމަގު ބަޔާންކޮށްދީ އަންގައިދޭ ފޮތެއްކަމުގައި ނަންގަނެވި އެދު އާގެ އިޖާބަ ދެވިފައިވެއެވެ. އަދި އެހެންމެ، މުސްލިމުން ނަމާދުގައި މި ސޫރަތް ތަކުރާރުކޮށް ކިޔަވަނީ ކީއްވެގެންކަން ވެސް އަލްފާތިޙާ ސޫރަތުގެ މާނައަށް ބަލައިލުމުން އެނގިގެންދެއެވެ. ނަމާދުކުރުމުގެ މައިގަނޑު ބޭނުމަކީ މުއުމިނާއާއި މާތްﷲއާއި ގުޅުވައިދީ، އަބަދުމެ ތެދުމަގު ހޯދާން މަސައްކަތްކޮށް، އެ މަގުގައި ސާބިތުވެހުރުމުގެ  ތައުފީގުދެއްވުމަށް އެދި މާތްﷲ ހަޟުރަތުގައި ދެންނެވުމެވެ. 

ސޫރަތުގެ މާނައިގެ ތަރުޖަމާ

(1) بسم الله الرحمن الرحيم ރަހުމަތްވަންތަ (އެންމެންގެ މައްޗަށް) ރަހުމަތް ލައްވާ (މާތް) ﷲގެ އިސްމުފުޅު (ނަންގަނެ ބަރަކާތް ލިބުންއެދި ފަށަމެވެ).

(2) الحمد لله رب العالمين ހުރިހާ ހަމްދެއް – ތައުރީފާއި ޝުކުރެއް - ހައްގުވަނީ (ހަމައެކަނި މާތް)ﷲއަށެވެ. ޢާލަމްތަކުގެ ވެރި (މާތްﷲއަށެވެ).

(3) الرحمن الرحيم ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ (މާތްﷲއަށެވެ).

(4) مالك يوم الدين ޖަޒާ (ދިނުމު)ގެ ދުވަހުގެ (ޔައުނީ ގިޔާމަތް ދުވަހުގެ)ވެރި (މާތް ﷲއަށެވެ).

(5) إياك نعبد وإياك نستعين އަޅަމެން އަޅުކަންކުރަނީ (ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅަށެވެ. އަދި އަޅަމެން ވާގި އެދެނީ (ވެސް ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅުންވެ.

(6) اهدنا الصراط المستقيم އަޅަމެނަށް ތެދުމަގު ދައްކަވާންދޭވެ!

(7) صراط الذين أنعمت عليهم  އެބޭކަލުންގެ މައްޗަށް، އިބަރަސްކަލާނގެ ނިޢުމަތްލެއްވި ބޭކަލުންގެ މަގެވެ.  

غير المغضوب عليهم އެމީހުންގެ މައްޗަށް ކޯފާލެއްވުނު މީހުންގެ (މަގެއް) ނޫނެވެ.

ولا الضالين  އަދި މަގުފުރެދިގެންދިޔަ މީހުންގެ (މަގެއް ވެސް) ނުމެނޫން މެއެވެ. 

ތަރުޖަމާގެ މައްޗަށް އަވަސްކަޅިއެއް

  • الرحمنއާއި الرحيم އަކީ މާތް ﷲގެ ސިފަފުޅުތަކުގެ ތެރެއިން ދެ ސިފަފުޅެވެ. الرحمنއާއި الرحيم މި ދެލަފުޒު ވެސް އުފެދިފައިވަނީ رحمة، މިމަސްދަރުންނެވެ. رحمة ގެ މާނައަކީ އޯގާތެރިކަމެވެ. ހެޔޮކަމާއި އިހުސާންތެރިކަމެވެ. الرحمن ސިފަކޮށްދެނީ މާތް ﷲގެ ޒާތުފުޅެވެ. އޯގާތެރިކަމަކީ އެކަލާގެ ޒާތުފުޅާ ގުޅޭ ސިފަފުޅެކެވެ. މިލަފުޒުގެ މާނަ ދިވެހިން ލިއުމުގައި 'ރަހުމަތްވަންތަ' މިހެން ލިޔެވިފައިވަނީ އެހެންވެއެވެ. الرحيم ގުޅެނީ މާތްﷲގެ އަފްއާލުތަކާއެވެ. އެކަލާނގެ މިންވަރު ކުރައްވާ ކަންތައްތަކާއެވެ. އެކަލާނގެއީ ނިއުމަތްތަކާއި ހެޔޮ ގޮތްތައް ހުރިހާ އަޅުތަކުންނަށް މިންވަރުކުރައްވާ ރަސްކަލާނގެއެވެ. މިލަފުޒުގެ މާނަ ދިވެހިން ލިއުމުގައި 'ރަހުމަތްލައްވާ' ލިޔެވިފައިވަނީ މިހެންވެއެވެ. މާތްﷲއީ އެކަލާނގެ ވޮޑިގެންވުމުގައި ރަހުމަތްވަންތަ އަދި، ކަންތައްތައް މިންވަރުކުރެއްވުމުގައި، އެންމެހައި އަޅުތަކުންނަށް ރަހުމަތްލައްވައި ހެޔޮ ގޮތްތައް މެދުވެރިކުރައްވާ، ރަސްކަލާނގެއެވެ.
  • ބިސްމި އަކީ ކޮންމެ ސޫރަތެއްގައި ހިމެނޭ އާޔަތެއްތޯ ނުވަތަ ނޫންތޯ އާއި މެދު މުސްލިމު އިލްމުވެރީން ބަހުސު ކުރައްވައިފައިވެއެވެ. ހުރިހާ އިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ތައުބާ ސޫރަތް ފެށުމުގައި ބިސްމިއެއް ނުހިމެނެއެވެ. ނަމަވެސް އެހެން ސޫރަތްތައް ފެށުމުގައިވާ ބިސްމިއާއި މެދު އިލްމުވެރީންގެ ހިޔާލު ތަފާތުވެފައިވެއެވެ. އިމާމު އަބޫހަނީފާ ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމިއަކީ ސޫރަތެއް ފެށުން ފާހަގަކުރުމުގެ ގޮތުން ބާވާލެއްވިފައިވާ ނަމަވެސް ސޫރަތުގައި ނުހިމެނޭ ވަކި އާޔަތެކެވެ. އެހެންވެ، ނަމާދުގައި ހަނަފީން ބިސްމި ކިޔަނީ ސިއްރުންނެވެ. އިމާމު ޝާފިޢީގެ ރައުޔުގައި ބިސްމިއަކީ އަލްހަމްދު އާއި އަދި އެހެނިހެން ސޫރަތްތަކުގައިވެސް ހިމެނޭ އާޔަތެކެވެ. އެހެންވެ ޝާފިޢީން ނަމާދުގައި ބިސްމި ކިޔަނީ އަޑުހަރުކޮށެވެ. އަދި އަނެއްބަޔަކު ދެކޭގޮތުގައި ބިސްމިޔަކީ އަލްހަމްދު ސޫރަތުގައި ހިމެނޭ، ނަމަވެސް އެހެންސޫރަތްތަކުގައި ނުހިމެނޭ ވަކި އާޔަތެކެވެ. މިމައްސަލައާއި ބެހޭ އިތުރު ތަފްސިލު ފަހުން ގެނެވޭނެއެވެ.
  • މިސޫރަތުގެ ދެވަނަ އާޔަތުން ފެށިގެން ހަތަރުވަނާ އާޔަތުގެ ނިޔަލަށް ވަނީ އެއް ޖުމްލައެވެ.  الحمد لله [(ހުރިހާ) ހަމްދު – ތައުރީފާއި ޝުކުރު – ހައްގުވަނީ (ހަމައެކަނިމާތް)ﷲއަށެވެ] މި ޖުމްލައެވެ. ދެން ހިމެނޭ އިބާރާތްތަކަކީ މިޖުމްލައިގައި ހިމެނޭ، މާތްﷲގެ އިސްމުފުޅަށް ނިސްބަތްވާ، ނަންއިތުރުތަކެކެވެ. މިނަންއިތުރުތައް ދިވެހިބަހަށް ގެނައުމުގައި ވަކި ޖުމްލަތަކެއްގެ ސިފައިގައި ނުގެނެސްވަނީ މިހެންވެގެންނެވެ. މިސާލަކަށް رب العالمينގެ ތަރުޖަމާގައި 'އެއީ އާލަމްތަކުގެ ވެރި މާތް ރަސްކަލާނގެއެވެ، މިހެން ލިޔުމުގެ ބަދަލުގައި 'ޢާލަމްތަކުގެވެރި (މާތްﷲއަށެވެ)' މިހެންލިޔެފައިވަނީ މި ސަބަބަށްޓަކައެވެ. ކީރިތި ޤުރްއާނުގެ އަސްލު އިބާރާތާއި އެއްގޮތް ކުރުމުގެ ގޮތުންނެވެ. ދެވަނަ އާޔަތުން ފެށިގެން ހަތަރުވަނަ އާޔަތުގެ ނިޔަލަށް ޖުމްލައިގެ ބައިތައް ވަކިނުކޮށް އެކީއެކައްޗަކަށް އެ އާޔަތްތަކުގެ ތަރުޖަމާގައި މިހެން ލިޔެލެވިދާނެއެވެ. "ހުރިހާ ހަމްދެއް – ތައުރީފާއި ޝުކުރެއް - (ހައްގު)ވަނީ (ހަމައެކަނި) ޢާލަމްތަކުގެ ވެރި، ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ، ޖަޒާ (ދިނުމު)ގެ ދުވަހުގެ ވެރި (މާތް) ﷲއަށެވެ". 
  • އަލްޙަމްދު މިލަފުޒުގައި ހިމެނޭ 'އަލް' – އަރަބި ބަހުގައި އާއްމު ނަން ޚާއްސަކުރުމަށް ބޭނުންކުރެވޭ ދެ އަކުރު – އިޝާރަތްކުރަނީ ބާވަތަށެވެ. ޙަމްދުގެ ކުރިއަށް 'އަލް' އިތުރުކުރުމުން އެނަން ޚާއްސަކުރެވި ޙަމްދު ކުރުން ހައްގުވާ ހުރިހާ ސިފަޔަކާއި ކަމެއް ހިމެނުމަށެވެ. އަލްޙަމްދު، މިލަފުޒު ތަރުޖަމާ ކުރުމުގައި 'ހުރިހާ' އިތުރުކުރެވިފައިވަނީ މިކަން ދޭހަކޮށްދިނުމުގެ ގޮތުންނެވެ.
  • ربގެ ލަފުޒީ މާނައަކީ ވެރިޔާއެވެ. އަރަބި ބަހުގައި ގޭގެ ވެރިމީހާއަށް رب البيت (ގޭގެ ސާހިބުމީހާ) އޭ ކިޔެއެވެ. އޭނާއަކީ ގޭގެ ހުރިހާ ކަމެއް ބަލަހައްޓާ މީހާކަމަށް ވާތީއެވެ. އާއިލާގެ މެމްބަރުންގެ ހުރިހާ ކަމެއް - ކެއުމާއި ބުއިމާއި އަންނައުނު ހޯދައިދިނުމާއި ބޯހިޔާވެހި ކޮށްދިނުމާއި، ބަލިވީމާ ބެލުން - މިކަންކަންކުރާ މީހާ ކަމަށް ވާތީއެވެ. العالمين 'އާލަމްތައް' އިޝާރަތް ކުރަނީ މާތްﷲ ފިޔަވައި ވުޖޫދުގައިވާ ހުރިހާ އެއްޗަކަށެވެ. އިންސާނުންނާއި ޖަނަވާރުންނެވެ. މަލާއިކަތުންނާއި ޖިންނީނެވެ. މިއިން ކޮންމެ ގިންތިއަކީ އާލަމެކެވެ. މާތްﷲއީ މިހުރިހާ އާލަމްތަކެއްގެ، އާދެ، މަޚުލޫގުތަކުންގެ ވެރި ރަސްކަލާނގެއެވެ. ނެތުމުގެ ތެރެއިން އެ މަޚްލޫގުތަކުން އުފައްދަވައި އެ އެއްޗިއްސަށް ދިރުންދެއްވި ރަސްކަލާނގެއެވެ. އެ މަޚްލޫގުންނަށް ރިޒުގާއި ނިއުމަތްތައް ދެއްވައި އެ އެންމެންގެ ކަންތައްތައް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. 
  • إياك نعبد އާއި وإياك نستعين މި ދެޖުމްލައިގެ ތަރުތީބުވަނީ ވަކި ސަބަބަކަށްޓަކައި އިސްފަސް ކުރެވިފައެވެ. އާންމު ގޮތެއްގައި އަރަބި ބަހުގައި ކަމަކުން ފެށޭ ޖުމްލަ އޮންނަ ތަރުތީބަކީ 'ކަން'، ކަންކުރާ، 'ކަންރައްދުވާ' މިތަރުތީބުންނެވެ. މި ދެ ޖުމްލައިގައި 'ކަންރައްދުވާ' ކަމުގައިވާ إياك (އިބަ[ރަސްކަލާނގެ])ވަނީ ކުރިއަށް ގެނެވި އިސްކުރެވިފައެވެ. އަޅުކަންކުރުމާއި ވާގިއެދުން، ކަންރައްދުވާ ފަރާތަށް – މާތް ﷲއަށް - ޚާއްސަ ކުރުމުގެ ބޭނުމުގައެވެ. މިއާޔަތުގެ މާނަ ތަރުޖަމާކުރުމުގައި 'ހަމައެކަނި' އިތުރުކުރެވިފައިވަނީ މި މާނަ ދޭހަ ކޮށްދިނުމަށްޓަކައެވެ. 

ސޫރަތް ބިނާވެފައިވާ ގޮތް

އަލްފާތިހާ ސޫރަތުގެ އާޔަތްތައް ތިންބަޔަކަށް ބަހައިލެވިދާނެއެވެ. އެއްމެފުރަތަމަ ބިސްމިއެވެ. މާތްﷲގެ އިސްމުފުޅު ނަންގެނެ، ބަރަކާތް ލިބުން އަދައިގެން، މި ސޫރަތް ކިޔަވާން ފެށުމެވެ. ދެވަނަބައި އެކުލެވެނީ ދެވަނަ އާޔަތުންފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. މި ބައިގައި ވަނީ މާތްﷲގެ ރަސްކަންފުޅު ދެނެގަތުމާއި، އެކަލާނގެ ކިބަފުޅަށް އަދަބު އިހުތިރާމު އަދާކޮށް، އެކަލާނގެއަށް ހައްގުވެގެންވާ ގޮތުގައި އެކަލާނގެ ރަސްކަންފުޅަށް ގަދަރު ބެހެއްޓުގެ ވާހަކައެވެ. ދެން، ފަސްވަނަ އާޔަތުގައި ނަންގަނެވިފައިވަނީ،  މި ތަސައްވުރާއި ގުޅޭ،  އެ ކަލާނގެއާއި އަޅުތަކުންނާއި ދެމެދު އޮންނަންވާ، ގުޅުމުގެ ވާހަކައެވެ. މިއަށް ފަހު، ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ، އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ ވާހަކައެވެ. 'ތެދުމަގު' ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި،  މުއުމިނާ ދަންނަވާ، ދުއާގެ ވާހަކައެވެ. އަދި މި ތެދުމަގަކީ ކޮން މަގެއްކަމުގެ ވާހަކައެވެ. (އިރާދަކުރެއްވިއްޔާ، ދެން އަންނަ ބައެއްގައި އަލްފާތިޙާގެ ތަފްސީރުގެ މައްޗަށް ބަލައިލެވޭނެއެވެ.)

(ނުނިމޭ)

އިދާރީ ނޯޓެއް:

ޢަރަބިބަހާއި އިސްލާމީ ތަޢުލީމުގެ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެއް ކަމަށްވާ ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މައުޟޫޢުތަކަށް ޢިލްމީ އަދި ފަލްސަފީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ނޫސް-މަޖައްލާތަކަށް ލިޔުއްވުމުގެ އިތުރަށް މީހުން ހޭލުންތެރިކުރެއްވުމަށް ޓަކައި، ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ވެސް އޭނާ ލިޔުއްވަމުންގެންދަވައެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ދަރިކަލެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ