އަދުގެ ޚާއްސަ

Print

ޤިބްލަ ކަށަވަރު ކުރުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް 

އަޅުގަނޑުމެން މުސްލިމުންގެ އެންމެ މުހިންމު އެއް މަރުކަޒަކީ، މާތްވެގެންވާ ކައުބާއެވެ. އެތައް ގޮތަކުންނެވެ. އެއީ ކޮންމެ ދުވަހަކު މަދުވެގެން ފަސް ފަހަރު ކުރިމަތިލެވޭ ޤިބްލައެވެ. 

އެ ގޮތުން ކައުބާވީ ދިމާ ދެނެގަތުމީ ކޮންމެ މުސްލިމަކަށާއި މުސްލިމުންގެ ކޮންމެ ރަށަކަށާއި ތަނަކަށް ވެސް ލާޒިމު ކަމެއް މެއެވެ. އެއްވެސް ނަމާދެއް ޤިބުލައަށް ކުރިމަތިލުމާ ނުލައި، ޞައްޙަވެގެން ނުވާތީއެވެ.

ނަމަވެސް، ކައުބާ ނުވަތަ ޤިބްލަ ވީ ދިމާ ނުވަތަ ސީދާ މިޞްރާބު ދެނެގަތުމީ އެންމެނަށް ދެނެގަނެވޭ ކަންކަމެއް ނޫނެވެ. 

ކައުބާގެ ޕޮޒިޝަނަކީ، ޙައްޠު ޢަރުޟުން 21 ދަރަޖަ 25 ދަގީގު 21.06 ސާނިޔާ އާއި ޚައްޠު ޠޫލުން 39 ދަރަޖަ 49 ދަގީގު 34.19 ސާނިޔާ އާއި ދެ ރޮނގު ހުރަސްވާ ޕޮއިންޓެވެ. 

ފަލަކީ ގޮތުން އެ ވަގުތަކު އިރު ހުންނަ މިޞްރާބާއި އަޅައި ސަމުގާގެ ތަފާތު ހޯދައިގެން ޤިބްލަ ދެނެގަތުމަކީ، ފަލަކީ ޙިސާބުގެ އަހުލުވެރީންނަށް މެނުވީ ކުރެވޭ ކަމަކަށް ނުވެއެވެ. މިސްކިތް ބެހެއްޓުންފަދަ ކަންކަމުގައި ގިބްލަ ހޯދަނީ އެ ކަން ދަންނަ ފަލަކީ ޢިލްމުވެރިން ލައްވައެވެ.

ކައުބާ ހުރި ސީދާ މިސްރާބު އިރުގެ ހިޔަނިން ކަށަވަރު ކުރެވޭ ގުދުރަތީ ނިޒާމެއް ވެއެވެ. އެއީ، އިރުގެ ދައުރުވުމަށް ބަލައިގެން، (ނުވަތަ އިރުގެ ވަށައިގެން ދުނިޔެ ފުރޮޅޭ ފުރޮޅުމުގެ އަލީގައި) އިރުގެ އަލި އެޅިގެން ތަކެތިން އުފެދޭ ހިޔަނިން ޤިބްލަ ދެނެގަނެވޭ ދެ ގޮތް ގުދުރަތީ ނިޒާމުގައި ވާތީއެވެ. 

އޭގެ ބައެއް ދުވަސް ދުވަހަކީ، ސީދާ ގިބުލަ މަތީ އިރު ހުންނަ ދުވަސް ދުވަހެވެ. އެ ދުވަސް ދުވަހު، އިރުގެ އަލި އެޅޭ އެތިން އުފެދޭ ހިޔަނި ހުންނާނީ އެ އެއްޗަކުން ފެށިގެން ޤިބްލައާ ދުރު ކޮޅަށް ދެމިފައި ހުންނަ ގޮތަށެވެ. އެ ފަދައިން ޤިބުލައިގެ އިދިކޮޅާ ދުނިޔެއިން ދިމާވާ ޕޮޒިޝަނަށް އިރު އޮލަނބުވާ ދުވަހު އިރުގެ އަލި އެޅޭ އެތިން ފާޅުވާ ހިޔަނި ދެމިފައި ހުންނާނީ ސީދާ ގިބްލަވީ ދިމާޔަށެވެ. 

އެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހަކީ، ސީދާ ޤިބްލަ މައްޗަށް އިރު އޮލަނބުވާ ދުވަހެކެވެ.  2020 ޖުލައި 15 ވަނަ ދުވަހު މައްކާ ގަޑީން 12 ގަޑި 26 މިނެޓް 44 ސިކުންތުގައި، މާލޭ ގަޑިން 2 ގަޑި 26 މިނެޓް 44 ސިކުންތުގައި އިރު ހުންނާނީ ސީދާ ކައުބާ މަތީގައެވެ.

އެއީ، އިރު، މި އަހަރު އުތުރަށް ކުރި ދަތުރު ނިންމައި، ދެކުނަށް ދާން ކުރާ ދަތުރު ގައެވެ. މި އަހަރު މޭމަހު 27 ވަނަ ދުވަހު، މައްކާ ގަޑިން 12:17:56 ގައި، މާލޭ ގަޑިން 14:17:56 ގައި ވެސް ކައުވާ މައްޗަށް އިރު އޮލަނބުވެފައި ވެއެވެ. 

އެ ފަދަ ދުވަސް ދުވަހު، ހިޔަނި ފާޅުވާ ވަރުގެ މަޑު ވަލެއްގައި ވަރަށް ބަރު އެއްޗެއް އައްސައި އޮލަނބު ލާފައި ބަހައްޓައިގެން، އަދި އެ ވަލުގެ ހިޔަނި ހުއްޓުވާލާފައި ބަހައްޓައިގެން، އެ ވަގުތު ބިންމަތިން ފާޅުވާ، އެ ވަލުގެ ހިޔަނިން އެ ވަލާއި ދިމާޔަށް ހުރި ކޮޅު އެ ދައްކަނީ ގިބްލަވީ މިޞްރާބެވެ. އަދި އެ ރޮނގު ބިންމަތީގައި ކުރަހައިލައިފި ނަމަ އެ ހިޔަނިން ވަލާވީ ކޮޅަކީ، ސީދާ ގެފުޅުވީ މިޞްރާބެވެ. އިރުގެ ބެއަރިންގ ނަގައިގެން ސަމުގާއިން މިޞްރާބު ހޯދުމަށް ވުރެ މިގޮތުގައި 100%  އިތުބާރު ބޮޑުވާނެއެވެ.

މިއީ، ޤިބްލަ ކަށަވަރު ކުރުމަށް ޓަކައި، އެއްވެސް ޚިލާފެއް ނެތި ޤުދުރަތީ ނިޒާމުން ދެނެގަނެވޭނެ ފަލަކީ އަޞްލެކެވެ. ބައެއް އަހަރު މި ގޮތަށް ދިމާވާނެ އެވެ. މިއީ، އޭގެ އަހަރެކެވެ. އެ ފުރުޞަތުގެ ފައިދާ ލިބިގަތުމުގައި މިސްކިތް ތަކުގެ ޤިބްލަ ކަށަވަރު ކޮށްލުމަށާއި، އައު މިސްކިތް ބިނާ ކުރާ ފަރާތްތަކުން މިސްކިތް ޤިބްލައަށް ބެހެއްޓުމަށް މިއީ، ލިބޭ ރަނުގެ ފުރުޞަތަކަށް ވާނެއެވެ.  

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ