އަދުގެ ޚާއްސަ

Print

ދޫނިސޫފާސޫފީގެ ޢިއްފަތްތެރިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް

އިބްރާހީމް ރަޝީދު މޫސާ 

ޢިލްމުވެރީން ވެސް ޤަބޫލުފުޅު ކުރައްވަމުން ވަޑައިގެންނެވި ގޮތުގައި އަންހެން ދޫނި ހޯދުމަށް ޓަކައި ފިރިހެން ދޫނިތައް އެކަތި އަނެކައްޗާ ތަޅައިފޮޅައި ހަދައެވެ. އެ ކަމުގައި އޭއްޗެހީގެ މެދުގައި އެއްވެސް އަޚްލާޤެއް ނެތެވެ. އޮތީ ގަދަބަދަވިކަމާއި ވާދަވެރިކަމެވެ. އެހެނަސް ކަން އޮތީ އެހެން ބާވައެވެ!

އިސްތިވާއީ ދޫންޏެއްކަމުގައިވާ މެނަކިންޒް (manakins) ދޫންޏަކީ ކުޑަކުޑަ ރީތި ދޫންޏެކެވެ. އެ ޢާއިލާގައި ފަސްދޮޅަހަކަށް ބާވަތުގެ ތަފާތު ދޫނި އުޅެއެވެ. ވަރަށް ފަހުގެ ސައެންސީ ދިރާސާއެއް ބުނާ ގޮތުގައި އަންހެން ދޫނި ލިބޭނީ ހަމައެކަނި އޭތީގެ ފިރި ދޫންޏަށެވެ. ފިރި ދޫންޏާ ވާދަކުރި ފިރިހެން ދޫނި އަންހެން ދޫންޏާ ގާތްނުވެ އޭތީގެ ފިރި ދޫނި މަރުވަންދެން އިންތިޒާރު ކުރަމުންދާނެތެވެ. ފިރި ދޫނި މަރުވުމުން ހުވަފަތް ދޫންޏާ އިންނާނެތެވެ. މިއީ އިޚްލާޞްތެރިކަމާއި ޢިއްފަތްތެރިކަން ނޫންތޯއެވެ؟ އިންސާނުންނަށް މިއީ ވަރަށް ޢިބްރަތްތެރި ދުނިޔެއެކެވެ. 

އެމެރިކާގެ ވަޔޯމީ ޔުނިވަރސިޓީގެ ޙައިވާނިއްޔާތުގެ އިޚްޞާއީއެއް ކަމުގައި ޑރ. ޑޭވިޑް މެކްޑޮނަލްޑް ކޮސްޓަރީކާއަށް ވަޑައިގެން މި ދޫންޏާ ބެހޭ ގޮތުން ކުރެއްވި ދިރާސާއެއް ބުނާ ގޮތުގައި އަންހެން ދޫންޏާ ވާދަކުރާ ދެ ފިރިހެން ދޫނީގެ މެދުގައި ބޭއްވޭ ނެށުމާއި ކުޅިސަމާއަށްފަހު އަންހެން ދޫނި ލިބޭނީ ފިރިހެން ދެ ދޫނީގެ ތެރެއިން ކޮންމެވެސް އެއް ދޫންޏަކަށެވެ. ވާދަވެރި ދެވަނަ ދޫންޏަށް މި އަންހެން ދޫނި ލިބޭނީ އަސްލު ފިރިމީހާ މަރުވީމައެވެ. ދެވަނަ ދޫނި އުޅޭނީ ވާގިވެރިވާ ދޫންޏެއްގެ  ގޮތުގައެވެ. ވާދަވެރި ދޫނި ފިރި ދޫންޏަށް ލަނޑެއްދީ މަރައިލާކަށް ވެސް ނޫޅޭނެއެވެ. ވާދަވެރި ދޫންޏަށް ފަހަރެއްގައި 10ވަރަކަށް އަހަރުވެސް އިންތިޒާރު ކުރާން ޖެހިދާނެއެވެ. މި މުއްދަތުގެ ތެރޭގައި އޭތި އަންހެން ދޫންޏާ ގާތެއް ނުވާނެއެވެ. ފިރި ދޫނި މަރުވުމުން ހުވަފަތް ދޫންޏާ ކާވެނި ކުރާނެއެވެ. 

މި ދިރާސާއިން އެނގޭ ގޮތުގައި ދޫނިސޫފާސޫފީންގެ ކިބައިގައި ވެސް އަބުރުވެރިކަމާއި ނަފްސުގެ ޢިއްޒަތްތެރިކަމާއި އެއްބާރުލުމާއި ޤުރްބާނީވުން ފަދަ އަޚްލާޤީ މަތިވެރި އަގުތަކަކީ އޮންނަ އެއްޗެކެވެ. މިއިން އެނގެނީ ދޫންޏަކީ އަޅުގަނޑުމެން އިންސާނުންފަދަ އުއްމަތެއް ކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ثُمَّ إِلَى رَبِّهِمْ يُحْشَرُونَ]  - ([ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ.]) (الأنعام:38)

މި މަޚްލޫޤާތުންނަކީ ވެސް ހެޔޮ ނުބައި ވަކިކުރުމުގެ ޤާބިލުކަން ދެއްވާފައިވާ އެއްޗެހިތަކެކެވެ. ލޮބުވެތި ރަސޫލާ އަޅުގަނޑުމެންނަށް އަންގަވަނީ މުއުމިނުން އެކަކު އަނެކަކު ދެކެ ލޯބިވަން ޖެހޭނެއެވެ. ދޫނިސޫފާސޫފިފަދަ އަޅުގަނޑުމެންނަށްވުރެ ނިކަމެތި މަޚްލޫޤާތުތައް އެކަތި އަނެކައްޗަށް އެހީވާ އިރު، އެކަތި އަނެކަތީގެ ޝަރަފަށާއި އަބުރަށް އަރައިނުގަންނައިރު، އަޅުގަނޑުމެންގެ ޙާލަތާމެދު ވިސްނައިލަމާތޯއެވެ؟ މާތްﷲ އަންގަވަނީ ދޫންޏަކީ އަޅުގަނޑުމެންފަދަ އުއްމަތްތަކެކެވެ. މީގެ ސާދަ ސައްތަ އަހަރުކުރިން ކީރިތި ޤުރްއާނުގައި އައިސްފައިވާ ބަސްފުޅުގެ ތެދުކަން މިއަދު މި ކަށަވަރުވީއެވެ. ދެންވެސް ބުނާނީ ކީކޭބާވައެވެ! މުޙައްމަދުގެފާނު ހެއްދެވި އެއްޗެކޭ ބުނާނަން ހެއްޔެވެ؟  

___________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ