އަދުގެ ޚާއްސަ

Print

ފަލަކީ ގޮތުން މިއަހަރު ޙައްޖު ދުވަހާއި، ހިޖްރައިން 10 ވަނަ އަހަރުގެ ޙައްޖަކީ ހުކުރު ޙައްޖެއްކަން ފަލަކީ ކަށަވަރުވާ ގޮތާއި، މުހިންމު ބައެއް ހާދިސާ ހިނގި ދުވަސްތަކަށް ބަލައިލުމެއް.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް 

މައްސަރު ފެށުމާއި ޚާއްޞަ ދުވަސްދުވަސް ކަށަވަރުކޮށް ދެނެގަތުމަކީ، ކުރަންވާ ކަމެކެވެ. އެކިއެކި ދުވަސްދުވަސް ކަށަވަރުކޮށް ދެނެގަތުމުގެ އެންމެ ކަށަވަރު ވަސީލަތަކީ ފަލަކީ ޙިސާބެވެ. ދެން ތާރީޚެވެ. ފަލަކީ ޙިސާބުގެ އަލީގައި ވޭތުވެދިޔަ އަހަރުއަހަރުގެ މަސްމަހާއި ދުވަސްދުވަސް ދެނެގަނެވޭނެއެވެ. ހަމަ އެހެންމެ ކުރިއަށް އޮތް އަހަރުތަކުގެ ދުވަސްދުވަހާއި މައްސަރުތައް ކަށަވަރުކޮށް ދެނެގަނެވޭނެ ވެއެވެ. 

އިންސާނީ އާދައިގައި ކަލަންޑަރު ހަދައި އުޅެނީ އަބަދުވެސް ކުރިޔަށް އޮންނަ އަހަރަށެވެ. އެ ގޮތުން ހަދާ ކަލަންޑަރު ތަކުގައި ބަޔާންކުރާ ދުވަސްތަކާއި މައްސަރުތުގެ އެއްވެސް ތަފާތުކަމެއް ނެތުމާއި، އެފަދަ ކަލަންޑަރު ތަކުގައި އެ އަހަރެއްގެ ތެރޭގައި ހިފާނެކަމަށް ބަޔާން ކޮށްފައިވާ ކޭތައް، ހިފާ ގަޑިއާއި، ފުރިހަމަވާ ގަޑިއާއި ވީއްލާ ގަޑީގައި ވެސް އެއްވެސް ތަފާތެއް ނުވާކަމީ، އެތައް އަހަރެއްގެ ތަޖްރިބާގެ އަލީގައި އެކަކުވެސް ޝައްކު ނުކުރާ ޙަޤީޤަތެކެވެ.

އިސްވެ ދިޔަ އަހަރުތަކުން ކުރެ އަހަރެއްގައި އެ ކަމެއް ހިނގި ދުވަސް ދުވަސް ފަލަކީ ޙިސާބުން ދެނެގަތުމުގައި ހުރި ކަށަވަރުކަމުގެ މައްޗަށް ބަލައިލައި ބައެއް މުހިންމު ދުވަސް ދުވަހުގެ މައްޗަށް އަލިއަޅުވައި ލާނަމެވެ. 

ފުރަތަމަ ބަލައި މިލަނީ، ހިޖްރައިން 10 ވަނަ އަހަރުގެ ޙައްޖު މަހު ނުވަވަނަ ދުވަހާ މެދުގައެވެ. އެއީ، ކީރިތި މާތް ރަސޫލާ محمد صلى الله عليه وسلم ޙައްޖަތުލް ވަދާޢުގައި ޙައްޖުގެ ޢަރަފާތުގައި ހުންނެވި ދުވަހެވެ. ނުވަތަ އެ އަހަރުގެ ޙައްޖު ދުވަހެވެ. ފަކަލީ ޢިލްމާއި ފަލަކީ ޙިސާބުން ކަންކަން ބެލެވެން ފެށިފަހުން، ފަލަކީ ޙިސާބުގެ އަލީގައި އެ ދުވަހަކީ، ސީދާ އެ އަހަރުގެ ޙައްޖު މަހުގެ 9 ވަނަ ދުވަސްކަން އެއްވެސް ޝައްކެއް ނެތި ކަށަވަރުވެފައި ވެއެވެ.. 

އަދި އެ ޙައްޖުގެ ޚުޠުބާގައި އިތުރު އެކަލޭގެފާނުން ޙަަދީސްފުޅު ކުރެއްވި ބަސްފުޅު ކަމުގައިވާ "وَإِنَّ  الزَّمَانَ قَدِاسْتَدَارَ كَهَيْئَتِهِ يَوْمَ خَلَقَ اللهُ السَّمـــوَاتِ وَالْأَرْضَ" (ހަމަކަށަވަރުން ޒަމާން އެނބުރިގެން އައިސް މާތްރަސްކަލާނގެ އުޑުތަކާއި ބިން ހެއްދެވި ދުވަހު އޮތް ގޮތަށް މިއަދު މި އޮތީ ދިމާވެފައެވެ.) މި މަތިވެރި ބަސްފުޅުގެ ތެދުކަން މައްޗަށް، ފަލަކީ ޢިލްމާއި ފަލަކީ ޙިސާބު މިއަދު ހެކި ދެއެވެ. މި ޒަމާނު މި ހަދާ ފަލަކީ ޙިސާބު އުފަންނުވާ ޒަމާނެއްގައި އެފަދަ ކަށަވަރު ކަމާއެކު އެ ޙަދީސްފުޅުކުރެއްވި ބަސްފުޅުވަނީ އެކަލޭގެފާނުންގެ ރަސޫލުކަމުގެ މައްޗަށް ހުރި ޢިލްމީ ހެތްކެއް ކަމުގައެވެ. އަދި އެ މަތިވެރި ބަސްފުޅުވަނީ، އިތުރު އެކަލޭގެފާނުންގެ ރަސޫލުކަން، ޒަމާނީ ޢިލްމެއްގެ ވަސީލަތަކުން ވެސް ފައުޅުވެ ކަށަވަރުވި ރަސޫލުކަމުގެ މުޢުޖިޒާތް ތަކުގެ ތެރެއިން ހިމެނޭ ކަމުގައި އަޅުގަނޑު ހެކިވަމެވެ. 

 ކޮންމެއަކަސް މީލާދީން 632 ވަނަ އަހަރުގެ މާރިޗް މަހުގެ 6 ވަަނަވީ ހުކުރު ދުވަހަކީ، ހިޖްރައިން 10 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 9 އެއްވީ ހުކުރު ދުވަސްކަން، އެއްވެސް ޝައްކެއް އެއްވެސް އޮޅުމެއް ނެތި ފަލަކީ ގޮތުން %100 އަށް ކަށަވަރު ވެއެވެ.

އޭގެ އިތުރުން އެ އަހަރުގެ ޝައްވާލު މަހުގެ 29 ވަނަ ދުވަސްވެސް ވަނީ، އިރު ކޭތައެއް ހިފުމުގެ ސަބަބުން 29 ވަނަ ދުވަސްކަން ކަށަވަރު ވެފައެވެ. އެއީ، މީލާދީ އަހަރުން 632 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަވީ ހޯމަ ދުވަހެވެ. އިތުރު އެކަލޭގެފާނުންގެ ދަރިކަލުން އިބްރާހީމްގެފާނު އަވަހާރަވި ދުވަހުއެވެ.

އިރު ކޭތައެއް ވީއްލާ ދުވަހުގެ ފަހު ދުވަހަކީ އާ މަހުގެ 1 ވަނަ ދުވަސްކަން ފަލަކީ ގޮތުން އެނގެން އޮންނަ ހަމަ، މި ކޭތައިގައިވެސް އެނގެން އޮވެއެވެ. 

ނަމަވެސް ހަނދުމަސް ފެށުމުގައި އިސްލާމީ އުޞޫލުން ޢަމަލުކުރާ ހަމައިގައި އިރަށްވުރެ ފަހުން ހަނދު، މަހެއްގެ 29 ވަނަ ދުވަހަކު އޮސްސުނުކަން ކަށަވަރުވެގެން މެނުވީ ކުރިއަށް އޮންނަ ދުވަހަކީ އާ މަހުގެ 1 ވަނަ ދުވަސްކަމުގައި ކަނޑައެއް ނާޅާނެއެވެ.

ބުނެވިދިޔަ ފަދަ އިރު ކޭތައެއް އިރު އޮއްސުމުގެ ކުރިން ނުވީއްލައި ހުރެ އޮއްސިއްޖެ ނަމަ އިސްލާމީ އުޞޫލުން، ޖެހިގެން އަންނަ ދުވަސް ބަލާނީ ހިނގަމުންދާ މަހުގެ 30 ވަނަ ދުވަސް ނުވަތަ ފަހު ދުވަސް ކަމުގައެވެ.

އެގޮތުން 27 ޖަނަވަރީ 632 ވީ ހޯމަދުވަހު ހިޖާޒު ކަރަޔަށް ފެނުނު އިހުބުނި އިރުކޭތަވީ، ޖެހިގެން އައި އަންގާރަ ދުވަހަކީ، އެ އަހަރުގެ ޛުލްޤަޢިދާ މަހުގެ 1 ވަނަ ދުވަސްކަން ކަށަވަރުވުމާއެކު، އެ އަހަރުގެ ޙައްޖު ދުވަސް، ހުކުރު ޙައްޖަކަށް ވީކަން ސާބިތުވި ދަލީލެކެވެ. އަދި ފެށުނު ޛުލްޤަޢިދާ މަހަކީ 30 ދުވަހުގެ މަހަކަށް ވީކަންވެސް ސާވިތުވި ދަލީލެކެވެ. ޛުލްޤަޢިދާ މަސް 30 މަހަކަށް ވީކަމީ، އެ އަހަރުގެ ޙައްޖު ދުވަސް ހުކުރު ދުވަހެއް ކަން ކަށަވަރުކޮށް ދިން ދަލީލެކެވެ.

އެހެނީ، މަހެއްގެ އެކެއްވާ އެއްޗެއް އޮނަތިރީސްވާ ހަަމައިން، އެ މަހުގެ އޮނަތިރީސްވަނަ ދުވަހަކީ އަންގާރަ ދުވަހެއްކަމުގައި ވުމުން، އެ މަހުގެ 30 ވަނަ ދުވަހަކީ، ބުދަ ދުވަހެއްކަން ކަށަވަރުވެ، އެ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ، ބުރާސްފަތި ދުވަހެއްކަން ސާބިތުވާތީއެވެ. މަހެއްގެ 1 ވަނަ ދުވަސް ބުރާސްފަތި ދުވަހަކަށް ވެއްޖެނަމަ، އެ މަހެއްގެ 8 ވަނަ ދުވަހަކީ ބުރާސްފަތި ދުވަހެއްކަމާ މެދަކު ޝައްކެއް ނެތި ޔަޤީންވާނެއެވެ. މަހެއްގެ 8 ވަނަ ދުވަހަކީ ބުރާސްފަތި ދުވަހެއްކަމުގައި ވެއްޖެނަމަ، އެ މަހެއްގެ 9 ވަނަ ދުވަހަކީ، ހުކުރު ދުވަހެއްކަން އެއްވެސް ހަަމައަކުން އޮޅުމެއް ނާރައި ސާބިތުވާނެއެވެ. ބުނެވި ދިޔަ ހުރިހައި ކަންތައްތައް ފަލަކީ ޙިސާބުން ކަށަވަރުކޮށްދޭކަން އެއީ، އިތުރު އެކަލޭގެ ފާނުންގެ ޚުތުބާގައި ޙަދީސްފުޅު ކުރެއްވި ފަދައިން އެ ދުވަހަކީ، ޒަަމާން އެނބުރެމުން އައިސް އުޑާއި ބިން އުފެއްދެވި ދުވަހު އޮތް ފަދައިން ދުވަސް ދިމާވެ، ދުވަސްތަކާ މެދު އެއްވެސް އޮޅުމެއް ނެތި ޒަމާން ދިމާވެފައިވާ ކަމަށް ލިބުނު ޢިލްމީ ހެތްކެކެވެ. އެއީ، ހިޖުރައިން 10 ވަނަ އަހަރުގެ ޙައްޖުމަހުގެ 9 ވަނަ ދުވަހަކީ ހުކުރު ދުވަހެއް ކަމުގެ ދަލީލެކެވެ.

އަދި އެދުވަހު اَلْيَوْمَ أَكْمَلْتُ لَكُمْ دِيْنَكُمْ މި އާޔަތް ބާވައިލެއްވުމާ ގުޅިގެން ޔަހޫދީންގެ ދަންނަބެއިކަލަކު ޞަޙާބީ ބެއިކަލަކާ ދިމާޔަށް ”ތިޔަ އާޔަތަކީ، އަހަރެމެންގެ މައްޗަށް ބާވައިލެއްވުނު އާޔަތެއްކަމުގައި ވީނަމަ އެ ބާވައި ލެއްވުނު ދުވަހަކީ، ޢީދު ދުވަހެއްކަމުގައި ހެދީމުހެވެ.] ބުނުމުން ޖަބާބުގައި އެ ޞަޙާބީ ބެއިކަލަކު [އޭ މޮޔަޔާއެވެ! އެ އާޔަތް ބާވައިލެއްވީ ހުކުރު ޙައްޖު ދުވަހު ރަސޫލުﷲ ގެފާނުން ޢަރަފާތުގައި ހުންނަވަނިކޮށެވެ. ދެން އަލުން ހަދާނީ ކޮން ޢީދެއް ހެއްޔެވެ؟] މި ބަސްފުޅުން ވެސް އެއީ، ހުކުރު ޙައްޖު ދުވަހެއްކަން ސާބިތުވެއެވެ. 

މި ޙައްޖަށް އިތުރު އެކަލޭގެފާނުން މަދީނާއިން ނުކުމެ ވަޑައިގަތީ މީލާދީން 632 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ ހިޖުރައިން 10 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ 25 ވީ ހުކުރު ދުވަހެވެ. 

ބުނެވި ދިޔަ ފަދައިން މުހިންމު ދުވަސްދުވަސް، ތާރީޚީ ގޮތުން ވެސް ކަށަވަރު ކުރެވޭ ކަމުގައި ވެއެވެ. ތާރީޚީ ގޮތުން ކަންކަން ރިސާޗްކުރާ މި ޒަމާނުގެ ޢިލްމީ ބޭކަލުން ހާމަކުރައްވާ ގޮތުގައި އިތުރު އެކަލޭގެފާނުން ސުވަރުގެވަޑައިގަތް ދުވަހަކީ ހިޖްރައިން 11 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 14 ވަނަ ދުވަސް ކަމުގައި ހާމަ ކުރެއެވެ.

އެފަދަ ފަރާތްތަކުން ހާމަކުރަނީ މީލާދީން 632 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަސް ހޯމަ ދުވަހާ ދިމާވަނީ ހިޖްރައިން 11 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 14 ވަަނަ ދުވަހާއިއެވެ. އެ ދުވަހުގެ ތާރީޚީ ޢަދަދާ މެދު އެފަދަ ދިރާސާއެއްގައި ހާމަކުރާގޮތް ސީދާވިޔަސް ނުވިޔަސް، އިތުރު އެކަލޭގެފާނުން ސުވަރުގެ ވަޑައިގަތީ ޔަޤީނުން ވެސް ހޯމަ ދުވަހެއް ކަމާމެދު ޝައްކެއްނެތި އިސްލާމީ އުއްމަތް އިއްތިފާޤު ވެއެވެ. އަދި އެއީ، ހިޖްރައިން 11 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 12 ވަނައަށް އައި ހޯމަ ދުވަސް ކަމުގައި ވެސް ޚިލާފެއްނެތި އިސްލާމީ އުންމަތް އިއްތިފާޤުވެފައި ވެއެވެ. އަދި އިސްލާމީ އުންމަތުން ފާހަގަކުރާ ދުވަހަކީ ވެސް ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހެވެ. އަޅުގަނޑު ވެސް ޤަބޫލު ކުރާ ދުވަހަކީ ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ހޯމަ ދުވަސް ކަމުގައެވެ. ސަބަބަކީ، ތާރީޚީ އެފަދަ ދިރާސާކޮށް އުޅޭ މީހަކަށް އަޅުގަނޑު ނުވާތީ އިސްލާމީ އުންމަތުގެ އިއްތިފާޤާ ޚިލާފު ނުވުމަށެވެ. 

ހަމަ އެފަދައިން އިތުރު އެކަލޭގެފާނުންގެ މާތް ދަރިކަނބަލުން ސިއްތުނާ ފާޠިމަތުގެފާނު އަވަހާރަވީ މީލާދީން 632 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 24 ވީ ހޯމަ ދުވަހުއެވެ. އެ ދުވަހާމެދު، ހިޖްރީ ތާރީޚާއި މީލާދީ ތާރީޚް އިއްތިފާޤުވާ ދުވަހަކީ، ހިޖްރައިން 11 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ 3 ވަނައަށް އައި ހޯމަ ދުވަހެވެ. މިއީ، ފަލަކީ ޙިސާބާއި ތާރީޚުން އިސްވެދިޔަ މުހިންމު ދުވަސްތައް ކަށަވަރުވެފައިވާކަމުގެ ސާފު ހެކިތަކެވެ. 

ދެން މި ބަލައިލަނީ ފަލަކީ ގޮތުން މި ހިނގާ 1441 ވަނަ އަހަރުގެ ޙައްޖު ދުވަސް ދިމާވާ ކަށަވަރު ދުވަހަކީ ކޮބައިތޯއެވެ. 

މި ޛުލްޤަޢިދާ މަހުގެ 29 ވަނަ ދުވަހަކީ، މި 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަސްކަން އޮޅުމެއް ނެތެވެ. ސަބަބަކީ 21 ޖޫންގައި 2020 ދުވަހު އިރުކޭތައެއް ހިފާފައި ވާތީއެވެ.

ހަނދުމަހެއް ފުރިހަމަ ވަނީ، ދުނިޔޭގެ ވަށައިގެން ހަނދު ޖަހާ ބުރު ފުރިހަމަ ވުމުންނެވެ. ދުނިޔެ ވަށައިގެން ހަނދު ޖަހާ ބުރު ފުރިހަމަވަނީ، އިރާއި ދުނިޔެއާއި ދެމެދަށް ހަނދު ވަދެ "އެއްއުއި" ވުމުންނެވެ. 

މި ޛުލްޤޢިދާ މަހު "އެއްއުއި" (އިޤްރިރާން) ވާނީ ޖުލައި 20 ވަނަ ދުވަހު ޖީއެމްޓީން 17:33 ގައެވެ. އެއީ، މާލޭ ގަޑިން 22:33 އެވެ. މައްކާ ގަޑިން 20:33 އެވެ.

ޙައްޖުގެ އަޅުކަމަކީ، މައްކާއާއި ޢަރަފާތާއި މިނާއާއި މުޒްދަލިފާގައި ފުރިހަމަކުރެވޭ ޢަޅުކަމެއް ކަމުގައިވާތީ، ޙައްޖު ދުވަހަކީ ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާ ދުވަހަށް ވާންޖެހެވެ. 

މި އަހަރު ޙައްޖު މަހުގެ 1 ވަނަ ދުވަހާމެދު، ފަކަލީ ގޮތުން ބަލާ އިރު، މި ހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު ޖީއެމްޓީން 17:33 ގައި އެއްއުއި ވެއެވެ. އެއްއުއިވުމުގެ ފަހުން ހިނގާ ވަގުތުތަަކީ ފަލަކީ ގޮތުން އާ މަހުގެ ވަގުތުތަކެވެ. އެހެނަސް، އާ މަސް ފެށުމުގައި އިސްލާމީ އުޞޫލުން ބަލައި އުޅޭ ހަމައަކީ، ހިނގަމުންދާ ހަނދު މަހެއްގެ 29 ވަނަ ދުވަހު އިރަށް ވުރެ ފަހުން އެ ދުވަހު ހަނދު އޮއްސޭ ފަހުން ހަނދުގެ ހުޅެވި ފެނުމެވެ. ނުވަތަ އިރަށް ވުރެ ފަހުން ހަނދު އެ ފަދަ ދުވަހަކު އޮއްސޭކަން ފަލަކީ ޙިސާބަށް ކަށަވަރު ވުމެވެ. ނުވަތަ ހިނގަމުންދާ ހަނދު މަހުގެ 30 ދުވަސް ފުރިހަމަ ވުމެވެ.

އެހެންކަމުން، 20 ޖުލައި 2020 (29 ޛުލްޤަޢިދާ 1441) ވަނަ ދުވަހު، ޖީއެމްޓީން 17:33 އަކީ އެދުވަހު މާލޭ ގަޑިން 22:33 އެވެ. މައްކާގަޑިން ނަމަ 20:33 އެވެ. އެއީ، މާލެއަށް ވެސް މައްކާއަށް ވެސް އެ ދުވަހު އިރު އޮއްސުމުގެ ފަހުގެ ވަގުތެކެވެ. އެއްއުއިވަނީ އިރު އޮއްސުމުގެ ފަހުން ކަމުގައިވާ ނަމަ އެފަދަ ދުވަހަކު އިރަށް ވުރެން އޮއްސުމުގައި ސިކުންތަކަށް ވެސް ހަނދު ފަސްވުމަކީ ޢާންމުކޮށް ޙާލަތެއް ނޫނެވެ. އެކަމަކު އިރާ ހަނދުގެ ސެމީ ޑައިމީޓަރުގައި އެ ފަދަ ދުވަހަކު ހުންނަ ތަފާތަކުން އެހެން ދިމާވުމީ ނުވާނެކަމެއް ނޫނެވެ. ވާނެ ކަމެކެވެ. އެހެން ވާނީ އެ ސަބަބު ފުރިހަމަ ވުމާއެކު އިރާއި ހަނދާ އޮއްސުމުގައި އެ ދުވަހު ހަނދު އޮއްސުން ފަސްވާ މިންވަރު ފަލަކީ ޙިސާބަށް ކިތަންމެ ކުޑަ މިންވަރަކަށް ވިޔަސް ދައްކާ ނަމައެވެ.

މި ޖުލައި މަހުގެ 20 ވަަނަ ދުވަހު، ސެމީޑައިމީޓަރުގެ ގޮތުން އިރަށް ވުރެ ހަނދުގެ ސެމީޑައިމީޓަރ 0.1 އިތުރެވެ. ނަމަވެސް އޮއްސުމުގައި އިރަށްވުރެ އެ ދުވަހު ހަނދު އިސްވާކަން ފަލަކީ ޙިސާބަށް ކަށަވަރު ވެއެވެ.

ފަލަކީ ޙިސާބުން ދައްކާ ގޮތުގައި މި ޖުލައި މަހުގެ 20 ވަނަ ދުވަހު (މިއަދު) މާލެއަށް ހަނދު އޮއްސެނީ މާލޭ ގަޑިން 18:11:31 ގައެވެ. އެއީ، މާލެއަށް އިރު އޮއްސުމުގެ ކުރީގެ ވަގުތެކެވެ. ސައުދީ ޢަރަބިއްޔާގެ ޖިއްދާއަށް މިއަދު ހަނދު އޮއްސެެނީ އެ ތާނގެ ގަޑިން 19:06:55 ގައެވެ. އެއީ، ޖިއްދާއަށް މިއަދު އިރު އޮއްސުމުގެ 44 ސިކުންތުގެ ކުރިއެވެ. ޖިއްދާއަށް ވުރެ އިރުން އޮންނަ، މައްކާއަށް މިއަދު ހަނދު އޮއްސެނީ އެތާނގެ ގަޑިން 19:04:09 ގައެވެ. އެއީ، މައްކާއަށް އިރު އޮއްސުމުގެ 50 މިނެޓުގެ ކުރީގެ ވަގުތެކެވެ. އެެ މިންވަރުގެ ތަފާތުން މިރާއްޖޭގައި ހަނދު ނުލައްވައެވެ. ނަމަވެސް މޮޮކޯއަށް ހަނދު އޮއްސޭނީ އިރު އޮއްސުމަށް ވުރެ ފަހުންނެވެ. ހަނދު ލެއްވުމުގައި ޢަމަލުކުރާ އުޞޫލުން، އެ ތަނަކަށް އެ ދުވަހަކު އިރަށްވުރެ ފަހުން ހަނދު އޮއްސޭކަން ފަލަކީ ޙިސާބަށް ކަށަވަރުވާ ދުވަހަކު މެނުވީ، އެހެން ތަނަކަށް އިރަށްވުރެ ފަހުން ހަނދު އޮއްސޭކަން ކަށަވަރު ވިޔަސް ހަނދު ނުލައްވައެވެ. 

އެހެންކަމުން 21 ޖުލައި 2020 ވަނަ އަންގާރަ ދުވަހަކީ، މިހިނގާ ޛުލްޤަޢިދާ މަހުގެ 30 ވަނަ ދުވަސްކަމަށް ވެގެންދާނެއެވެ. އަދި ޙައްޖު މަހު 1 ވަނަ ދުވަހަކީ، 22 ޖުލައި 2020 ވަނަ ބުދަ ދުވަސް ކަމުގައި ވެގެންދާނެއެވެ. 

އެހެން އެކަންކަން ހުރުމުން މިއަހަރު ޙައްޖު ދުވަހަކީ، ޖުލައި މަހުގެ 30 ވަނަ ބުރާސްފަތި ދުވަސް ކަމުގައި ވާނެއެވެ.

__________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ