އަދުގެ ޚާއްސަ

Print

(15) ފަރާއިޟު ޢިލްމުވެރިޔާ: އަލްޤާޟީ އަބޫބަކްރުލް އަންޞާރީ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

މާރިސްތާނުގެ ޤާޟީގެ ލަޤަބު ލިބިވަޑައިގެންފައިވާ ޤާޟީ އަބޫބަކްރުލްއަންޞާރީއަކީ ވަރަށް ގިނަ ބަޔަކަށް އުނގަންނައިދެއްވި އެދުރުކަލޭގެފާނެކެވެ. އޭނާގެ އަރިހުން ދަރިވަރުން އެންމެ ބޮޑަށް ކިޔެވި އެއް މާއްދާއަކީ ޙިސާބާއި ޢިލްމު ފަރާއިޟެވެ. ޤާޟީ އަބޫބަކްރުލްއަންޞާރީއަކީ ޢަދްލުވެރި، ބަސް ވަރުގަދަ ބޭކަލެކެވެ. މިހެންވެ ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން، މާރިސްތާނުގެ ޝައިޚު ކަމަށް އެކަލޭގެފާނު އިސްކުރެއްވިއެވެ. 

ޤާޟީ އަބޫބަކްރުލް އަންޞާރީ  ރޯމަނުންގެ އަސީރެއްގެ ގޮތުގައި ދޮޅު އަހަރުވަންދެން ހުންނަވަން ޖެހިވަޑައިގަތެވެ. މި ހައްޔަރުގައި ހުންނެވިއިރު ދީނުގައި ވަރުގަދައަށް ހިފަހައްޓަވައިގެން  ސާބިތުކަން މަތީ ދެމި ހުންނެވިއެވެ. 

އެއް ދުވަހަކު މައްކާގައި ވަރަށް ބަނޑުހައިފުޅުވެގެން ފަރިއްކުޅުއްވާނެ އެއްޗެއް ލިބިވަޑައިނުގަންނަވައިގެން އުޅުއްވަނިކޮށް ފަށުވި ފޮތިކޮޅަކުން އޮޅައިލައިފައި އޮތް ކޮތަޅެއް ފެނިވަޑައިގަތެވެ. އެ ނަންގަވައިގެން ގެއަށް ވަޑައިގެން އެ ކޮތަޅު ހުޅުވައިލެއްވިއިރު އޭގައި އޮތީ މުތީގެ ވަރަށް ރީތި ހާރެކެވެ. ޤާޟީ އަބޫބަކްރު ވިދާޅުވިއެވެ. ގެއިން ބޭރަށް ނުކުމެވަޑައިގެންނެވިއިރު، މުސްކުޅި މީހަކު ގޮވަމުން ދިޔައެވެ. އޭނާގެ އަތުގައި  500  ދީނާރު ލައި އޮޅައިލައިފާ އޮތް ފޮތިކޮޅެއް އޮތެވެ. އޭނާ ބުންޏެވެ. މުތްތައް ހުރި ކޮތަޅު ހޯދަދިން މީހަކަށް މި އިނާމު ދޭނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ." އަހުރެން ހިތަށް އެރިއެވެ. މަ މި ހުރީ ބަނޑުހައި ވެފައެވެ. މަށަށް މި ވަގުތު  ފައިސާކޮޅެއް ބޭނުން ވެއެވެ. މި ރަންކޮޅު ނަގައިފައި އޭނާއަށް އެ ކޮތަޅު ދޭނީއެވެ. އަހުރެން އެ މީހާ ގޮވައިގެން ގެއަށް ދިޔުމުން އޭނާ އެ ކޮތަޅުގެ ސިފަތައް ކިޔައިދިނެވެ. އޭގައި އޮންނާނެ މުތްތަކުގެ ޢަދަދު ކިޔައިދިނެވެ. އޭގެ ތުން ބަނދެފައި އޮތް ވައުކޮޅުގެ ސިފަތައް ކިޔައިދިނެވެ. އަހުރެން އެ ކޮތަޅު ނެރެ އޭނާއަށް ދިނީމެވެ. އަހުރެން ބުނީމެވެ. މި ކަމަށް ޝައިޚު އަތުން އެއްޗެއް ނުނަގާނަމެވެ. އެއްޗެއް ހޮވިމީހާއަށް އޭތި އޭގެ ވެރިމީހާއަށް ރައްދު ކުރުން ވާޖިބުވާނެއެވެ. އޭނާ ހުއްޓައިނުލައި އެ ފައިސާ ނަގަން ޖެހޭނެ ކަމަށް ބުންޏެވެ. އަހުރެން ނުހިފީމާ އެ ފައިސާތައް ގޭގައި ބަހައްޓައިފައި އޭނާ ނުކުމެގެން ދިޔައީއެވެ." 

އެކަލޭގެފާނާ ކުރިމަތިވެ ވަޑައިގަތް އެހެން ޙާދިސާއެއްގެ ވާހަކަ ވިދާޅުވެ ދެއްވަމުން ވިދާޅުވިއެވެ. " އަހުރެން މައްކާއި ނުކުމެ ކަނޑު ދަތުރެއް ކުރީމެވެ. އައި ޠޫފާނެއްގައި އޮޑި ބިންދައިގެން ގޮސް ގިނަ ބަޔަކު ޣަރަޤުވެ އެމީހުންގެ މުދާތައް ގެއްލުނެވެ. އޮޑީގެ ފިލައެއް މައްޗަށް އަރައި މަށަށް އިނދެވުނެވެ. ދެވޭނުދެވޭ ތަނެއް ނޭނގި އެތައް ދުވަހެއް ވުމަށްފަހު މީހުން އުޅޭ ޖަޒީރާއަކަށް މަށަށް ދެވިއްޖެއެވެ. އަހުރެން  އެ ރަށުގެ ބައެއް މިސްކިތްތަކަށް އަރައި ހެދީމެވެ. އަހުރެން ޤުރްއާން ކިޔަވާ އަޑު އިވުމުން އެ ރަށު މީހުން އަހުރެން ގާތަށް އައިސް ޤުރްއާން ކިޔަވަން ދަސްކޮށްދޭން އެދުނެވެ. އަދި އެ ރަށުގެ ކުދީންނަށް ޤުރްއާން އުނގަންނައިދޭން އެދުނެވެ. އެމީހުންގެ އަތުން ވަރަށް ގިނަ ފައިސާ ލިބުނެވެ. އެ ރަށުގެ މިސްކިތުން މަށަށް މުޞްޙަފުގެ ގަނޑުތަކެއް ފެނުނެވެ. އެ ގަނޑުތައް ކިޔަން ފެށުމުން މަށަށް ލިޔަން ކިޔަން އެނގޭތޯ ސުވާލު ކުރިއެވެ. އާއެކޭ ބުނުމުން އެމީހުންނަށް ލިޔަންކިޔަން ދަސްކޮށްދޭން އެދުނެވެ. މި ކަމުން ވެސް މަށަށް ވަރަށް ގިނަ މުދާ ލިބުނެވެ. އެއަށްފަހު އެމީހުން ބުންޏެވެ. މި ރަށުގައި ޔަތީމު އަންހެން ކުއްޖަކު އެބަ އިނެވެ. އެއީ ތަނަވަސް ކުއްޖެކެވެ. އެކުއްޖާއާ ކަލޭގެފާނާ ކާވެނިކޮށްދޭން އަޅުގަނޑުމެން ބޭނުންވެއެވެ. އެކަމާ އަހުރެން ދެކޮޅުހެދުމުން އެމީހުން އެކަމަށް އާދޭސް ކުރިއެވެ. މިހެންވެ އަހުރެން އެ ކުއްޖާއާ އިންނަން ޤަބޫލުވީމެވެ. އެ ކުއްޖާއާ ކާވެނިކުރުމަށްފަހު އެ ކުއްޖާއަށް ބަލައިލުމުން އޭނާގެ ކަރުން މަށަށް ފެނުނީ އެއްކަލަ ހާރެވެ. އެ ކުއްޖާއަށް ނުބަލައި މަށަށް ބެލުނީ އެ ހާރަށެވެ. އެބައިމީހުން ބުންޏެވެ. އޭ އެދުރުކަލޭގެފާނޭވެ! ކަލޭގެފާނު އެކުއްޖާއަށް ބައްލަވައިނުލައްވައި އެ ހާރަށް ބެއްލެވުމުން އެ ކުއްޖާ ހިތުގައި ޖެހިއްޖެއެވެ. އެހިނދު އަހުރެން އެބައިމީހުންނަށް މި ހާރުގެ ވާހަކަ ކިޔައި ދިނީމެވެ. އެހިނދު  އެމީހުން ތަކްބީރު ތަހްލީލު ކިޔާން ފެށިއެވެ. މި އަޑު އިވި ރަށުގެ އެންމެން އެ ތަނަށް އަތުވެއްޖެއެވެ. އަހުރެން ބުނީމެވެ. ތިޔަބައިމީހުންނަށް ތިޔަ ވަނީ  ކިހިނެއް ހެއްޔެވެ؟ އެމީހުން ބުންޏެވެ. ކަލޭގެފާނުގެ އަތްޕުޅުން އެ ހާރު ނެންގެވި ޝައިޚަކީ މި ކުއްޖާގެ ބައްޕައެވެ. އޭނާ ބުންޏެވެ. އެފަދަ އަމާނަތްތެރި ޢިއްފަތްތެރި ހޮވޭ އެއްޗެހީގެ ޙުކުންތައް ރަނގަޅަށް ދަންނަ މީހަކު މި ދުނިޔެ މަތީން މަށެއް ނުދެކެވެ. އޭނާގެ އަބަދުވެސް ދުޢާއަކީ އޭނާގެ މި ދަރިފުޅާ އެމީހާއާ ކާވެނިކޮށް ދެއްވުމެވެ. އޭނާއާ މި ރަށުން ބައްދަލު ކޮށް ދެއްވުމެވެ. މިއަދު މި އޮތީ އެ ދުޢާ އިޖާބަ ކުރައްވައިފައެވެ. މި ކުއްޖާއާއެކު އަހުރެން ދުވަސްތަކެއް ހޭދަ ކުރީމެވެ. އޭނާގެ ކިބައިން މަށަށް ދެ ދަރިން ލިބުނެވެ. އެ އަންހެނާ މަރުވުމުން އެ ހާރު ލިބުނީ މަށަށާއި މަގޭ ދެ ދަރިންނަށެވެ. އެ ދަރިން މަރުވުމުން އެ ހާރު މަށަށް ލިބުނީއެވެ. އަހުރެން  އެ ހާރު އެއްލައްކަ ދީނާރަށް ވިއްކައިލީމެވެ. މިއަދު އަހުރެން އަތުން މި ފެންނަ ތަނަވަސްކަމަކީ އެ މުދަލުން ލިބުނު އެއްޗެކެވެ." 

އަލްޤާޟީ އަބޫބަކްރުލް އަންޞާރު އަވަހާރަވީ ޢުމުރުފުޅުން 90 އަހަރުގައި ހިޖްރައިން 535 ވަނަ އަހަރުއެވެ. 

_________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ