އަދުގެ ޚާއްސަ

Print

ދުނިޔޭގެ ލިޔުންތެރިކަމަށް ކަޅިއެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަރަގު:

ބަސްމޮށުންތެރިކަމުގެ މަތިވެތި ނިޢުމަތަކީ މާތް ﷲ އިންސާނުންނަށް ދެއްވައިފައިވާ ގުނައި ޢަދަދު ނުކުރެވޭ ފަދަ މަތިވެރި ނިޢުމަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ނިޢުމަތެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ބަސްމޮށުންތެރިކަމަކީ އިންސާނީ ތަރައްގީގެ މައިގަނޑު އަސާސެވެ. އިންސާނާ ތަރައްޤީވެ ކުރިއަރައިދަނީ ބަހުންކުރެވޭ މުއާޞަލާތުގެ ސަބަބުންނެވެ. 

އިންސާނުން ދުނިޔޭގައި އުޅޭން ފެށިއިރު އެކަކު އަނެކަކާ މުޢާމަލާތުކުރުމަށްޓަކައި މޮށެއުޅޭ ބަސް ރެކޯޑްކުރެވޭނެ ނިޒާމެއް ނެތެވެ. އެހެންނަމަވެސް ދުނިޔެ ތަޢުމީރުކުރުމުގެ މަސްއޫލިއްޔަތު އިންސާއާ ޙަވާލުކުރެއްވީ އެ ފަދަ ނިޒާމެއް ޤާއިމުކުރެވޭނެ ވިސްނުމާއި ބުއްދި ދެއްވައިފައެވެ. ﷲ ސުބްޙާނަހޫ ވަތައަލާ އިންސާނުންނަށް ބުއްދިއާއި ވިސްނުން ދެއްވީ ވިސްނައި ފިކުރުކުރުމަށްޓަކައެވެ. ދުނިޔެ ތަޢުމީރުކޮށް ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައެވެ. އެހެންކަމުން އިންސާނުން ވުޖޫދަށް އައީއްސުރެ އެބައިމީހުންގެ ތަރައްޤީއަށްޓަކައި ވިސްނާންފެށިއެވެ. ތަރައްގީގެ މަގުން ފިޔަވަޅުތައް ކުރިއަށް އަޅާންފެއްޓިއެވެ.

އިންސާނާ ބަސް ބޭނުންކޮށްގެން  މުޢާމަލާތުކުރަމުން އައި އައުމުގައި އެ ވާހަކަތައް ރެކޯޑްކުރެވޭނެ ނިޒާމަކަށް ބޭނުންވިއެވެ. އެއީ އެކި އެކި މުޢާމަލާތްތަކާއި އެއްބަސްވުންތައް ތާރީޚަށްޓަކައި ރެކޯޑްކުރާން ބޭނުންވުމުންނެވެ. "ކަމަކުން ދަތިވެގެން ވިސްނާން ފެށުމަކީ އީޖާދުގެ ބައްޕައޭ" ބުނާ އުޞޫލުން މި ކަމާމެދު އިންސާނުން ވިސްނާންފެށިއެވެ. ފުރަތަމަ ލިޔުމުގެ ނިޒާމެއް އުފަންވީ މި ވިސްނުމުގެ ތެރެއިންނެވެ.

ބަސްބަހުގެ އަޑުތައް ފާހަގަކުރުމަށްޓަކައި މިނިވަން ގޮތެއްގައި އެންމެ ފުރަތަމަ ކުރެހުމުން ތަޞްވީރީ ރަމްޒުތަކެއް އިޖާދުކުރީ މީލާދީ ތާރީޚުގެ 3200 އަހަރު ކުރީންކަމަށް ބެލެވެއެވެ. އެއީ ކައިރި އިރުމަތީ ޤައުމުތަކާއި(1) ސީނުކަރައާއި މެސޯމެރިކާ(2)ގައެވެ. އެހެންނަމަވެސް އަކުރު ގޮތަށް ރޮނގު ބޭނުންކޮށްގެން (އަކުރު އުފައްދައިގެން) ލިޔާ ނިޒާމެއް އެންމެ ފުރަތަމަ އުފެއްދި ކަމަށް ބުނެވެނީ މެސެޕޮޓޭމިއާގައެވެ.(3)  މި ނިޒާމުގެ ތެރެއިން ވިޔަކުރުމާއި ޢިބާރާތް ވެސް އެ މީހުން ރެކޯޑްކުރިއެވެ. 

ކޮންމެއަކަސް ލިޔެކިޔުމުގެ ނިޒާމުތަކުގެ ގޮތުގައި ކައިރި އިރުމައްޗާއި ސީނުކަރައާއި މެދުތެރޭ އެމެރިކާ (މެސޯމެރިކާ) ސަރަހައްދުގައި އުފަންވި ލިޔުމުގެ ނިޒާމުތައް އުފަންވުމުގެ ފުރަތަމަ މަރުހަލާގައި އެ މީހުން އަޑުތަކާއި ލަފުޒުތައް ފާހަގަކުރާން އެތައް ސަތޭކަ ނިޝާންތަކެއް ނުވަތަ ރަމްޒުތަކެއް ބޭނުންކުރިއެވެ. މިޞްރުގައި ބޭނުންކުރި ހައިރިގުލިފިކްސައަކީ މި ދެންނެވި ނިޒާމުތަކުގެ ތެރެއިން އުފެދުނު ލިޔުމުގެ ނިޒާމެކެވެ. 

ލިޔެކިޔުމުގެ ނިޒާމުގެ ބައްޕަ:

ކައިރި-އިރުމައްޗާއި ސީނުކަރައާއި މެސޯއެމެރިކާގައި މިނިވަންކަމާއެކު ތަރައްގީކުރެވުނު ލިޔެކިޔުމުގެ ތިން ނިޒާމުން ފާހަގަކުރެވޭ ފަދަ ސާބިތު ކަމަކާއި ހަމަޖެހުމެއް އިންސާނުންނަށް ގެނެސްދިނެވެ. މިއިން ކޮންމެ ނިޒާމެއް ވެސް އެ ނިޒާމެއް ފުރަތަމަ އުފެދުނު މަރުޙަލާގައި ބޭނުންކުރި ގޮތަށް މަޑުމަޑުން ތަރައްގީކުރަމުން އެތައް ހާސް އަހަރެއް ވަންދެން ދެމެހެއްޓިއެވެ. 

މެސެޕޮޓޭމިއާ(4)  ޙަޟާރަތުގައި އެ ތާނގައި ދިރިއުޅުނު މީހުން ތަރައްޤީކުރި އަކުރުގެ ނިޒާމު، ތާރީޚު ލިޔުމުގެ ކުރީއްސުރެ، މީލާދީ ތާރީޚުގެ ކުރީގެ އަށް ވަނަ ސާސްކަފާ ހަމައަށް ފޯރައެވެ. އެމީހުން މަށީގައި ކަނޑައި ނަގައިގެން އެ މީހުންގެ ޝުޢޫރާއި އިޙުސާސްތައް މަޢުލޫމާތަށް ބަދަލުކުރިއެވެ. ހަގީގަތުގައި މި ދެންނެވި ލިޔެކިޔުމުގެ ނިޒާމު މީލާދީ ތާރީޚުގެ ތިންވަނަ ސާސްކަފާ ހަމައަށް ބޭނުންކޮށްއުޅުނީ ވިޔަކުރުމާއި ހިސާބުކިތާބުގެ މަޢުލޫމާތަށް ޓަކައެވެ. އެހެނީ ލިޔެކިޔުމުގެ އެ ނިޒާމުތަކުގައި މީހުން ބުނާންބޭޏުންވާ ވާހަކަތަކުގެ ތަފްޞީލުތައް ބުނެދިނުމުގެ ޤާބިލުކަމެއް ނުހުރެއެވެ. ރެކޯޑްކުރެވެނީ ވަރަށް އަސާސީ މަޢުލޫމާތެކެވެ. އެހެންކަމުން އެ ދުވަސްވަރާ ހަމައަށް އައި އިރު ސޫމޭރީން ގެ(5) ކަންބޮޑުވުންތައް ހުރީ މަހާނަގަލުގައި ލިޔާ ލިޔުންތަކާއި މި ނޫނަސް މީހުންގެ ޖަނާޒާގައި ފާޅުކުރާ ޝުޢޫރުތައް ފުރިހަމައަށް ލިޔެވޭނެ ނިޒާމެއް ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން އަޑުތަކާއި ބަސްތައް ރަމްޒުކޮށްދޭން ބޭނުންކުރި ކުރެހުންތަކާއި ރަމްޒުތައް ސާދާކުރުމުގެ ވިސްނުމުގައި މަސައްކަތް ފެށިއެވެ. މި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މީލާދީ ސަނަތުގެ ކުރީގެ ދެ ވަނަ ސާސްކަފާ ހަމައަށް އައި އިރު، އަޑާއި މާނަ ރަމްޒުކޮށްދޭ ގޮތަށް، ޖުމުލައެއްގައި ހިމެނޭ އެންމެ ކުޑަ މިންވަރު ވެސް ލިޔެވޭ ގޮތަށް އަލިފުބާގެ އަކުރުތަކެއް އީޖާދުކުރިއެވެ. ސޫމޭރީންނަކީ ވަރަށް ވަރުގަދަ ޙަޟާރަތެއްގެ އަހުލުވެރި ބަޔެކެވެ. އީޖާދީ (އުފެއްދުންތެރި) ބަޔަކެވެ. ބަހާއި ލިޔެކިޔުމުގެ ދާއިރާއިންނާއި ހިންގުމުގެ ނިޒާމާއި، މަދަނިއްޔަތާއި ޢުމްރާނިއްޔަތަށް އެ މީހުން ގެނައި ތަރައްޤީތަކާއި އީޖާދުތަކުގެ ސަބަބުން މި ޒަމާނުގައި އިންސާނުން މި ދެކޭ ޒަމާނީ ޙަޟާރަތްތަކުގެ ބައްޕައަކީ ސޫމޭރީން ކަމަށް ބަލައެވެ.

އެކުއެކީގައި ތަރައްޤީވަމުން އައި ލިޔެކިޔުމުގެ ތިން ނިޒާމު ވެސް މިނިވަންކަމާއެކު ކުރިއަރައިގެން އައެވެ. މެދުތެރޭ އެމެރިކާ އާއި(6) ކައިރިއިރުމަތީގައި ތަރައްޤީވި ނިޒާމުތައް ތަފާތު އެކި ޙަޟާރަތްތަކުގެ ސަބަބުންނާއި ބާރު ގަދަ ނުފޫޒުތަކުގެ ސަބަބުން އޭގެ އަޞްލު ގެއްލި ބަދަލުތައް އަންނަމުން ތިޔައެވެ. ނަމަވެސް ސީނުކަރައިގައި އަދި ވެސް ދަމަހައްޓަމުން އެ އަންނަނީ ލިޔުމުގެ ނިޒާމު އުފެދުނުތާ ކުރީކޮޅު ވެސް ބޭނުންކުރި ތަޞްވީރުގެ ތަމްޒުތަކުގެ އަސާސްތަކެވެ. ތަފާތު ޒަމާންތަކުގައި ގެނެވުނު ތަރައްޤީގެ ބަދަލުތަކާއެކީގައެވެ. އެހެންކަމުން މި އަދު ފެންނާން އޮތް ލިޔެކިޔުމުގެ މައިގަނޑު ތިން ނިޒާމު ކަމުގައިވާ ލެޓިންއަކުރާއި ޢަރަބިއަކުރާއި ސީނުކަރައިގެ އަކުރަކީ މި ދެންނެވި ޤަދީމީ ޒަމާނުން ފެށީގެން ތަރައްގީވަމުން އައި، ލިޔެކިޔުމުގެ ތިން ނިޒާމު ކަމަށް ގަބޫލުކުރެވެއެވެ. 

އެއްވެސް މީހަކު ދެބަސްނުވާނޭ ފަދައިން ލިޔެކިޔުމުގެ ނިޒާމަކީ، މަޢުލޫމާތު އެއްކުރުމާއި ފެތުރުމާއި މުޢާމަލާތުކުރުމާއި އޮޅުންފިލުވައިދިނުމާއި ޢިލްމުކުރިއެރުވުމާއި މިހެން ގޮސް އިންސާނީ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއްގެ އިންސާނީ ފަންނިއްޔާތުގެ އަސާސެވެ. ތާރީޚު ޢިލްމުވެރީން ލަފާކުރާ ގޮތުގައި ލިޔެކިޔުމުގެ ނިޒާމު ނުވަތަ ލިޔުންތެރިކަން ދުނިޔޭގައި އީޖާދުވީ ތިން ފަހަރެއްގެ މަތީން ދުނިޔޭގެ ތިން ހިސާބެއްގައެވެ. އެއީ ހަމަ އެއް ޒަމާނެއްގައި ނުވަތަ ވަރަށް ކައިރި ޒަމާންތަކެއްގައި ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ގަބޫލުކުރާން ޖެހޭ ހަގީގަތަކީ ތަޞްވީރީ ކުރެހުންތަކެއްގެ ރަމްޒުގެ އަސާސްތަކަކުން އުފަންވި ލިޔުމުގެ ނިޒާމު މިއަދު އަކުރުގެ ނިޒާމަކަށް ބަދަލުވެފައިވާކަމެވެ. ނަމަވެސް ތަޞްވީރީ ރަމްޒުގެ ނިޝާންތަކުގެ އަސާސްގެ މަތީގައި އަދި ވެސް ދެމި ތިބީ ސީނުކަރައިގެ މީހުން އެކަނިކަމެވެ. އެހެން ނަމަވެސް އެ މީހުންގެ ރަމްޒުތަކަށް ވެސް ވަނީ ޒަމާނީ ތަރައްގީތަކެއް ގެނެސްފައެވެ. މިޞްރުގައި ބޭނުންކުރި ތަޞްވީރީ ރަމްޒުގެ ނިޝާނީ އަކުރުތައް މިއަދު ވެސް ޤަދީމީ ތަނތާގައި ފެންނާން އެބަހުއްޓެވެ. އެއީ "ހައިރޫގްލިފިކް" އެވެ.

އަލިފުބާ – އަޑުތަކުގެ ވަކިވަކި ބައިތައް:

މިއަދު މި ދެކޭ، ލިޔެކިޔުމުގެ ނިޒާމްތައް ތަރައްގީވެގެން އައި ގޮތާއި ލިޔުންތެރިކަން ތަރައްގީވި ގޮތުގެ ވާހަކައަކީ ދިގު ވާހަކަތަކެކެވެ. މި ވާހަކަތަކުގެ މުހިއްމު ބައިތަކަށް ހިސާބަކަށް ވާހަކަދައްކައިލެވިއްޖެއެވެ. އޭގެ ޚުލާޞާއެއް މި ދަންނަވައިލެވުނީއެވެ. ކޮންމެއަކަސް މިއަދު މި ދެކޭ ފެންވަރަށް ލިޔެކިޔުމާއި ލިޔުންތެރިކަން ތަރައްގީވެ ކުރިއަރައިގެންއައީ ޢީސާގެފާނުގެ އެތައް ސާސްކަފެއްގެ ކުރީއްސުރެ ފެށިގެން ފިޔަވަހިތަކަކުން ފިޔަވަޅުތަކަކުންނެވެ. ތަޞްވީރުތަކަކުން ކުރެހުންތަކަކުން ނިޝަންތަކަކުން ރަމްޒުތަކަކުން ތަރައްގީވަމުން އައިސް އަޑުތަކުގެ ވަކި ނިޝަންތަކެއް ކަނޑައެޅުނީއެވެ. ދުނިޔޭގެ ތިން ސަރަހައްދެއްގައި މިނިވަން ތިން ނިޒާމެއްގެ ގޮތުގައެވެ. ސާސް (2005) ބަޔާންކުރާ ގޮތުގައި މިއަދު ދުނިޔޭގައި މި ދެކޭ ތަފާތު "އަލިފުބާ"ތަކުގެ އަސްލަކީ، ކުރީން ދެންނެވި ތިން ނިޒާމުގެ ތެރެއިން ކައިރި އިރުމަތީ ސަރަހައްދުގައި ތަރައްގީ ކުރެވުނު ލިޔުމުގެ ނިޒާމުގެ ތިން ވަނަ ފިޔަވަހީގައި، ޢިސާގެފާނުގެ ކުރީގެ ގާތްގަނޑަކަށް އަށް ވަނަ ގަރުނުގެ ތެރޭގައި އުފެދުނު އެއްޗެކެވެ. ޕްރޯޓޯ ސިނައިޓިކް ނުވަތަ ކަންޢާނީ "އަލިފުބާ"އެވެ. މިއީ މިއަދުގެ ލުބްނާނު ސަރަޙައްދުގައި އުފެދުނު އެއްޗެއް ކަމަށް ބުނެވެއެވެ. ގުނައި ޢަދަދު ނުކުރެވޭ ފަދަ މިންވަރަކަށް ބޭނުންކުރެވޭ ގޮތަށް އީޖާދުކުރެވުނު މި އަކުރު ސެޓްގައި ހިމެނެނީ 22 އަކުރެވެ. ނުވަތަ ރަމްޒެވެ. ކޮންމެ އަކުރަކަށް ވަކި ޚާއްޞަ ނަމެއް ދީގެންނެވެ. މިއީ ކުރީން އެތައް ސަތޭކަ ތަޞްވީރީ ނިޝާންތަކަކުން ކުރަމުން އައި ބޭނުމަށްވުރެ މާ ފަސޭހަކޮށް މި 22 އަކުރު ބޭނުންކޮށްގެން އެ މީހުންގެ ޝުޢޫރުތައް ލިޔެވޭ ނިޒާމެކެވެ. މިސާލަކަށް ގެރިއެއްގެ ބޮލުގެ ރަމްޒު (އަލްޕު)ގެ ބަދަލުގައި 'a' އަކުރު، ގެޔެއްގެ ތަޞްވީރު (ބެޓޫ) ގެ ބަދަލުގައި 'b' މިފަދަ ގޮތަކަށެވެ. ޢަރަބި އަލިފުބާގެ ނަތްތައް އަދިވެސް މިހިރީ ކަންޢާނީން ތަޞްވީރީ ރަމްޒުތަކަށް ދިން ނަންތަކަށް ނިސްބަތްކޮށްގެން ކަމަށް ގަބޫލުކުރެވެއެވެ. (މި އަލިފުބާގެ ފޮޓޯއެއް މި ލިޔުމުގައި ހިމަނައިފައި އެ ވަނީއެވެ.)

މި އަލިފުބާ ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރުމުގައި ފޮއެނޭޝިއަން(7) ވިޔަފާރިވެރީން ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. ޚާއްޞަ ގޮތެއްގައި، ގާތްގަނޑަކަށް މީލާދީ ތާރީޚުގެ އަށް ސަތޭކަ އަހަރުގެ ކުރީން އެ މީހުން އަކުރުތަކުގެ މި ނިޒާމު ގްރީކަށް ގެންދިޔައެވެ. ފިލިއަކުރުގެ ފަސް އަކުރެއް (ވަވަލްސް) އިތުރުކުރުމާއެކީގައެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުންގެ އަލިފުބާގެ އަކުރުތަކުގެ އަދަދަކީ 27 ކަމަށްވިއެވެ.

މި ޒަމާނުގެ އަލިފުބާތައް:

އެންމެ ފަހަރަކު ދުނިޔޭގައި އަލިފުބާއެއް އުފެދުމާއެކު، ކަންޢާނީ އަލިފުބާ އަށް ބަދަލުތައް ގެނެސްގެން ދުނިޔޭގެ އެކި ކަންކޮޅަށް މި ނިޒާމު ގެންދިޔައެވެ. މި ގޮތުން ލެޓިންއަކުރާއި ޢަރަބިއަކުރާއި ޢަބްރާނީ އަކުރާއި އަމްހަރީ އަކުރާއި ބްރަހްމާނީ އަކުރާއި ސިރިލީ ފަދަ އަކުރުތައް ތަޢާރުފުވިއެވެ. ލެޓިން އަލިފުބާ ދިޔައީ ހުޅަނގަށެވެ. އިޓަލީ ވިލާތުން އަކުރުތަކުގެ ސިފަކުޑަކޮށް ބަދަލުކޮށްގެން ބޭނުންކުރީ ގްރީކު އަލިފުބާއެވެ. 

އެންމެ ފުރަތަމަ އެކުއެކީގައި މިނިވަންކަމާއެކު ދުނިޔޭގެ ތިން ހިސާބެއްގައި ތަރައްގީވަމުން އައި ލިޔެކިޔުމުގެ ނިޒާމު ތަރައްގީވެ، ކައިރިއިރުމައްޗާއި މެސޯއެމެރިކާ ސަރަހައްދުގައި ތަރައްގީވި ނިޒާމުން އެއް އަލިފުބާއެއް އުފެދިގެން އައިސް އެ އަލިފުބާ އެކި ސަރަހއްދަށް ތަރައްގީވިއެވެ. އަނެއްކޮޅުން ސީނުކަރައިގައި ގަދީމީ ތަޞްވީރީ ނިޝާންތަކުން އުފެއްދި އަލިފުބާ އެ މީހުން ތަރައްގީކޮށް ކައިރި ސަރަހައްދުތަކަށް ބެހުނެވެ. ކޮރެއާ ޖަޕާން ފަދަ ގައުމުތަކުގައި ބޭނުންކުރަނީ މި ޢާއިލާގެ އަލިފުބާއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ލިޔެކިޔުމުގެ ނިޒާމު އުފެދުމުގެ މާކުރީއްސުރެ އަނގަބަހުގެ އަދަބިއްޔާތު އޮތީ ކުރިއަރައިގެން އައިސްފައެވެ. ދޫދޫމަތީން ކިޔައިދެމުން އައި ޅެންތަކާއި ތާރީޚުތަކާއި މީހުންގެ ޚިޔާލުތަކާއި ނަސޭހަތާއި އިރުޝާދުތައް އެއް ޖީލުން އަނެއް ޖީލަށް އައީ ނަޤުލުވަމުންނެވެ. އެހެންކަމުން ލިޔުންތެރިކަމަކީ ލިޔުމުގެ ނިޒާމެއް ފެށުމާއެކު ޠަބީޢީ ގޮތުން އުފެދިގެން އަންނާނޭ އެއްޗެއްކަން އެބަ ދޭހަވެއެވެ. ވީމާ، ލިޔުންތެރިކަމުގެ ތާރީޚު މިލާދީ ތާރީޚުގެ 3200 އަހަރުގެ ކުރިއަށް ވާޞިލުވާކަމީ ސާބިތު ކަމެކެވެ. އެހެން ނަމަވެސް އިންސާނުން ލިޔެކިޔައި އުޅޭން ފެށި ޒަމާނަށްވުރެ، އަދި ތާރީޚު ލިޔަން ފެށި ޒަމާނަށްވުރެ މާ ކުރިޔަށް އަދަބިއްޔާތުގެ ފެށުން ވާޞިލުވެއެވެ.އާދޭހެވެ! އަނގަބަހުގެ އަދަބިއްޔާތު ފެށިފައިވަނީ ލިޔުންތެރިކަމުގެ މާކުރީންނެވެ. އެއީ ތާރީޚު ކިޔައިދޭށާއި މީހުންގެ ދަރިފަސްކޮޅު ހަނދާންކުރާށާއި ޤާނޫނަށް ނުވަތަ މީހުން ގަބޫލުކުރާ ޤަބޫލުކުރުންތަކަށް މީސްތަކުން ހޭލުންތެރިކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިންނެވެ. އަދަބިއްޔާގެ އެންމެ ފުރަތަމަ އެއްޗެއް ކަމަށް ފާހަގަކުރެވިފައިވަނީ ސޫމޭރިއަން ބަހުން، ކިޔައި އުޅުނު ޅެންބަހުރުވަ (ހީމް) ކަމަށް އެނގިފައިވެއެވެ. އެއީ ސޫމޭރީ ހާމުދުރުން އެ މީހުންގެ ކަލާނގެއަށް ސަނާކިޔައި ތަޢުރީފުކުރާން ކިޔައި އުޅުނު ޅެމުގެ ތެރެއިންނެވެ. 

ދިވެހި ރާއްޖޭގައި ވެސް ބަޔަކު ވަޒަންވެރިވީއްސުރެން އެ ބަޔަކު ކޮންމެވެސް ބަހަކުން ވާހަކަދައްކައި މުވާސަލާތުކުރާނެކަމީ މަންޠިޤީ ގޮތުން ގަބޫލުކުރޭ ކަމެކެވެ. ނަމަވެސް ބަޔަކު ބަހަކުން މުވާސަލާތުކުރިއަސް ލިޔުންތެރިކަމެއް ނެތި ހިނގައިދާނެއެވެ. ލިޔުންތެރިކަމޭ ކިޔާކަމަށް  އަޅުގަނޑަށް ވިސްނިފައި އޮންނަނީ އަދަބީ އުފެއްދުމެއް ކަމަށް ބެލޭ ބާވަތުގެ ލިޔުންތަކަށް ކަމުގައެވެ. މި ގޮތުން ދިވެހި އަދަބުގައި އެންމެ ކުރީގެ އަދަބީ އުފެއްދުންތަކަކީ ކޮބައިކަމެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. އެއީ ބޯދާ ޒަމާނުގައި މީހަކު އަދަބީ އުފެއްދުމެއް ފަހަރެއްގައި އުފައްދައިފައި ވީ ނަމަވެސް، ޗާޕުކުރުމުގެ ވަސީލަތް ވެސް ނެތުމާ އެކު، ޗާޕުކޮށްގެން، ނުވަތަ އަތުން ލިއެގެން ނަމަވެސް އެ އުފެއްދުމެއް ފަހުގެ ޖީލުތަކަށް ރައްދުވެފައި ނެތީ ކަމަށް ވެދާނެއެވެ. ނަމަވެސް ދިވެހި ލިޔުންތެރިކަން ނުވަތަ ލިޔުމުގެ ނިޒާމު ބޭނުންކޮށްފައިވާ ކިތަންމެ މިސާލެއް މަހާނަގާތަކާއި ލޯމާފާނުތަކުގައި ލިޔެފައިވާ ޢިބާރާތްތަކުން ފެންނާން ހުއްޓެވެ. އެއީ ވެސް ލިޔުންތެރިކަމެއް ކަމުގައި ބެލެވިދާނެއެވެ. ލިޔުމުގެ ނިޒާމާއި ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ފެށުން މިހާ އިސްވިޔަސް ޗާޕުކުރުމުގެ ކަންތައް ފެށިފައިވަނީ 15 ވަނަ ޤަރުނުގެ ތެރޭގައި ކަމަށް ވެއެވެ. 

ދިވެހި ލިޔުންތެރިކަން:

އެވޭލާ ޒަމާނުއްސުރެ ދިވެހީން ލިޔެކިޔާން އެކި ޒަމާނުގައި ލިޔެކިޔުމުގެ އެކި ނިޒާމު (އެކި އަކުރު ސެޓްތައް) ގެންގުޅެ ލިޔުންތެރިކަން ކޮންމެވެސް ގޮތަކަށް ގެންގުޅުނީމުއެވެ. ލޮއިފޮއްޗާއި ގާގަލާއި ފަންވަތުގައި ތަފާތު މަޢުލޫމާތާއި ތާރީޚުތައް ރެކޯޑްކޮށް އުޅުނީމުއެވެ. ނަމަވެސް އަޅުގަނޑުމެން މިއަދު ފުޅާ މާނައެއްގައި ލިޔުންތެރިކަމޭ މި ކިޔާ "ލިޔެ ޝާއިޢުކުރުން" ދިވެހިރާއްޖޭގައި ފެށުނީ މީގެ 87 އަހަރު ކުރީންނެވެ. ލިޔެ ޝާއިޢުކުރުމުގެ ފެށުން ކަމަށް ދިވެހިރާއްޖޭގައި ބަލައި އުޅެނީ ރާއްޖޭގައި އެންމެ ފުރަތަމަ ޝާއިޢުކުރެވުނު މަޖައްލާ ޝާއިޢުކުރިކުރުމެވެ. އެއީ ވެސް އަތުން ލިޔެގެން ނެރުނު މަޖައްލާއެކެވެ. "އައްރަފީޤު" ނަމަކަށް ކިޔައިފައިވާ މި މަޖައްލާގެ ފުރަތަމަ ޢަދަދު ޝާއިޢުކޮށްފައިވަނީ 1933 ވަނަ އަހަރު ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ނޫސްވެރިކަމެއް ފެށުނުކަމަށް ބަލާ ތާރީޚަށްވުރެ ދިހަ ވަރަކަށް އަހަރުގެ ކުރީގެ ތާރީޚެކެވެ. ތަފުޞީލުކޮށް ދަންނަވާނަމަ  9 އަހަރާއި 10 މަހާއި 27 ދުވަހުގެ ކުރީގެ ތާރީޚެކެވެ. ދިވެހިރާއްޖޭގައި ނޫސްވެރިކަން ފެށުނު ތާރީޚެއް ކަމަށް ބަލަނީ 5 ޖޫން 1943 އެވެ. އެއީ "ސަރުކާރު ޚަބަރު"ގެ ނަމުގައި ނޫހެއް ޝާއިޢުކުރާން ފެށި ދުވަހެވެ. ތެދުފުޅެކެވެ. ނޫސްވެރިކަމަކީ ލިޔުންތެރިކަމުގެ ތެރެއިން ވުޖޫދަށް އަންނާނެ ފަންނެކެވެ. އެހެންވީމާ ނޫސްވެރިކަމަށްވުރެ ލިޔުންތެރިކަން ދޮށިވުމަކީ ވެސް ޠަބީޢީ ކަމެކެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ ލިޔުންތެރިކަމަށް މި މަހު 8 ގައި 87 އަހަރު ފުރުނީއެވެ. ލިޔެ ޝާއިޢުކުރާންފެށިތާ 88 ވަނަ އަހަރަށް ފެށިގެން މި ދަނީއެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ލިޔުންތެރީންނަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމެވެ. ރާއްޖޭގެ ލިޔުންތެރީންނަށް މަރުޙަބާ ދަންނަވަމެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާއި މެންބަރުންނާއި ވެރީންނާއި އެންމެހައި މުވައްޒިފުން ވެސް މި ތަހުނިޔާގައި ޝާމިލުކުރަމެވެ. ލިޔުންތެރީންގެ ގުޅުން ފަދަ، ލިޔުންތެރިކަން ކުރިއެރުވުމުގެ މަސައްކަތްކުރާ އެންމެހައި ޖަމުޢިއްޔާތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކުރަމުންނެވެ. ލިޔުންތެރިކަން ކުރިއެރުވުމަށްޓަކައި ޝާއިޢުކުރާ އޮންލައިން ވެބްސައިޓްތައް ކަމަށްވާ  liyuntherin.orgއާއި  bahuru.net އާއި  fanvai.infoފަދަ އަދަބީ މަޖައްލާތަކުގެ ޚިދުމަތްތެރީން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަމުން އިތުރު އަރުތައަށް އެދި ދުޢާކުރަމެވެ. އަދި މި މަހު 26 ގައި ވުޖޫދަށް އަންނާނެ ކަމަށް ބެލެވޭ، ދެ މަޖައްލާއެއް ކަމަށްވާ "އަދިވެސްއޮންލައިން"އަށާއި "ޅެންވެރިޔާ.ކޮމް"އަށް ވެސް ކާމިޔާބީއަށް އެދެމެވެ.

ނިންމައިލަމުން: ދިވެހީންގެ ފަޚުރުގެ ވާހަކަ

މުޅި ދުނިޔޭގައި ވެސް މިއަދު މި ބޭނުންކުރާ ލިޔުމުގެ ނިޒާމާއި ލިޔުންތެރިކަމުގެ ނިޒާމަކީ މެސޯއެމެރިކާ ސަރަހައްދާއި ސީނުކަރައާއި ކައިރިއިރުމަތީގައި ތަރައްގީކުރާން ފެށި ދެ ނިޒާމުން އުފެދިގެން އައި ނިޒާމުތަކެކެވެ. ނަމަވެސް މި ކުޑަކުޑަ ދިވެހިރާއްޖޭގައި މި ބޭނުންކުރަނީ މިއިން އެއްވެސް ނިޒާމެއްގެ އަކުރު ސެޓެއް ނޫނެވެ. އެއީ ދިވެހި ކާބަފައިންގެ އަމިއްލަ އުފެއްދުމެކެވެ. އެހެންވީއިރު މިއީ ދިވެހީން ދަމަހައްޓާން ޖެހޭނެ ފަޚުރެކެވެ. އަޅުގަނޑުމެން ލިޔާން މި ގެންގުޅެނީ އަޅުގަނޑުމެން ކާބަފައިން އަމިއްލައަށް އުފެއްދި ލިޔެކިޔުމުގެ ނިޒާމަކަށްވީ ކަމީ ކޮންފަދަ ބޮޑު ފަޚުރެއްތޯއެވެ! އެހެން އަލިފުބާތައް އެ ފެންވަރަށް ތަރައްޤީވާން އެތައް ހާސް އަހަރެއް ހޭދަވީ އިރު ދިވެހި ކާބަފައިން އަމިއްލަ އަކުރެއް އުފައްދައި މިހާރު މި އޮތް ފެންވަރަށް ތަރައްގީކުރާކަށް އެންމެ ސާސްކަފެއްގެ މުއްދަތު ވެސް ހޭދައެއް ނުވެއެވެ. އަދިވެސް މި މުއްދަތު ސާސްކަފަކާ ކައިރި ވެސް ނުވެއެވެ.

ވީމާ ލިޔުންތެރީންގެ ދުވަހެއް މި މަހު ފާހަގަކުރި އިރު، މި މުނާސަބަތުގައި އަޅުގަނޑުމެން އެންމެން ވެސް މިކަމާ މެދު ވިސްނައިލަމާތޯއެވެ! އަޅުގަނޑުމެން ޝުކުރުވެރިކަމާއި ފަޚުރުވެރިކަމާއެކު އަބަދު ވެސް ހަނދާނުގައި ބަހައްޓާންވީ ދިވެހީން ދިވެހީންގެ ބަސް ލިޔާން ގެންގުޅޭ އަކުރަކީ ދިވެހި ކާބަފައިން އުފެއްދި އީޖާދެއްކަމެވެ. ފަޚުރުވެރި އުފެއްދުމެއްކަމެވެ. މިއީ އެ ކާބަފައިން އަޅުގަނޑުމެންނަށް ޓަކައި ދޫކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެއްކަމެވެ. ވީމާ، ތާނައަކުރާއި ދިވެހިބަސް ޙިމާޔަތްކުރުމަކީ މިއަދުގެ ލިޔުންތެރީނާނާއި ނޫސްވެރީންނާއި އެންމެހައި ދިވެހީނެގެ މައްޗަށް ލާޒިމުކަމެއް ކަމުގައި ނުވޭތޯއެވެ!

_________________________________

ފުޓް ނޯޓާއި ޙަވާލާ:

 

(1) ކައިރި އިރުމަތީ ޤައުމުތައް ކަމަށް ޖުޣުރާފީ ގޮތުން ބަލަނީ ހުޅަނގު އޭޝިއާގެ ސަރަހައްދާއި ތުރުކީ ވިލާތް ހިމެނޭ ސަރަހައްދާއި މިޞްރު ހިމެނޭ ސަރަހައްދަށް ކަމަށް އެނގިފައިވެއެވެ. އުޘްމާނީ ޚިލާފަތުގެ ވެރިކަން އޮތީ މިސަރަހައްދުގައެވެ. (ވަﷲ އަޢުލަމް)

 

(2) މެސޯމެރިކާ (ނުވަތަ މެސޯއެމެރިކާ)އަކީ މެކްސިކޯ މެދުތެރެއިން ފެށިގެން ހޮންޑިއުރާސްއާއި ނިކަރާގުއާ ހިމެނޭ ސަރަހައްދެވެ. ފަހުން ކޮލަމްބިއާ ޙަޟާރަތް އުފެދުނީ މި ސަރަހައްދުގައެވެ. މެސޯމެރިކާއަކީ އެންމެ ސާދާކޮށް ބަޔާންކުރާނަމަ މެދުތެރޭ އެމެރިކާއެވެ.

(3) މެސޯޕޮޓޭމިއާ އޮތީ މިއަދު ޢިރާޤު ހިމެނޭ ސަރަހައްދުގައެވެ.

(4) "މެސޮޕޮޓޭމިއާ" މި ނަމަކީ ލެޓިންބަހުގެ "މެސޯ" އާއި "ޕޮޓޭމޯސް" ގުޅުވައިގެން އުފައްދައިފައިވާ ނަމެކެވެ. "މެސޯ"ގެ މާނައަކީ ދޭއްޗެއްގެ ދެމެދު ނުވަތަ މެދުތެރެއެވެ. "ޕޮޓޭމޯސް"ގެ މާނައަކީ ފެންދެމޭ ކޯރެވެ. މި ނަން ދެވިފައިވަނީ މެސެޕޮޓޭމިއާގެ ސަރަހައްދަކީ ދިޖުލަތު ކޯރާއި ފުރާތު ކޯރާ ދެމެދުގައިވާ ބިން މޮޅު ތިރި ބިމުގައި ޤާއިމުވެފައިވާ ޙަޟާރަތަކަށް ވާތީއެވެ. މި ޒަމާނުގައި އެއީ ޢިރާޤާއި ކުވައިތާއި ތުރުކީވިލާތާއި ސޫރިއާ ހިމެނޭ ސަރަހައްދެވެ.

(5) ސޫމޭރީންނޭ ކިޔަނީ ސޫމަރުގެ އަހުލުވެރީންނަށެވެ. ސޫމަރަކީ (Sumer) މެސޮޕޮޓޭމިއާ ސަރަހައްދުގައި އޮތް ޤަދީ ޙަޟާރަތެކެވެ. 

(6) މެސޯމެރިކާ (ނުވަތަ މެސޯއެމެރިކާ)އަކީ މެކްސިކޯ މެދުތެރެއިން ފެށިގެން ހޮންޑިއުރާސްއާއި ނިކަރާގުއާ ހިމެނޭ ސަރަހައްދެވެ. ފަހުން ކޮލަމްބިއާ ޙަޟާރަތް އުފެދުނީ މި ސަރަހައްދުގައެވެ. މެސޯމެރިކާއަކީ އެންމެ ސާދާކޮށް ބަޔާންކުރާނަމަ މެދުތެރޭ އެމެރިކާއެވެ.

(7) މިއީ މިއަދުގެ ލުބްނާނާއި ސޫރިއާގެ އައްސޭރި ސަރަހައްދުގައި ޤަދީމީ ޒަމާނުގައި އޮތް ޤައުމެއްގެ  ސާމީ ދަރިކޮޅޫގެ އަހުލުވެރީން ކަމަށް ބުނެވެއެވެ.

Sass, B. (2005) The Alphabet at the Turn of the Millennium, The West Semitic Alphabet ca. 1150-850

BC – The Antiquity of the Arabian, Greek and Phrygian Alphabets, Tel Aviv: Tel Aviv University.

https://sites.utexas.edu/dsb/tokens/the-evolution-of-writing/#:~:text=Writing

http://www.funsci.com/fun3_en/writing/writing.htm

މީގެ އިތުރަށް މި މަޢުލޫމާތުގެ ކަށަވަރުކަން ހޯދުމަށްޓަކައި ތާރީޚު ޢިލްމުވެރިޔާ މުޙައްމަދު ދީދީއާ 6.7.2020 ގައި ފޯނުން މަޝްވަރާކުރެވުނެވެ.

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ