އަދުގެ ޚާއްސަ

Print

ލާމަސީލު އުސްތާޛު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު

ކައުޘަރު އަޙްމަދު ލަޠީފް

އާދަމް ޒާހިރު 2017 ވަނަ އަހަރު ޖަމާޢަތުގެ ޚަބަރުގައި ލިޔުއްވާފައިވާ ގޮތުގައި މުދައްރިސުންންގެ ވާޖިބާއި މަސައްކަތަކީ އަގުނުކުރެވޭ ގައުމީ މަސައްކަތެކެވެ. މުދައްރިސުންނަކީ ގައުމެއްގެ ދިރުމާއި އެގައުމުގެ ދަރިން ހެދި ފޯދުމުގެ މޭސްތިރިންނެވެ. ކިހާބޮޑު ތެދުފުޅެއް ތޯއެވެ. ތަޢުލީމީ ދާއިރާ ނުވަތަ އުނގަންނައިދިނުމާއި ތަރުބިއްޔަތު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަކީ ހަމަ ހަގީގަތުގައި ވެސް ބުރަ ޒިންމާދާރު އަބުރުވެރި ކަމެކެވެ. ސަބަބުތައް ގިނަގުނައެވެ. އަޅުގަނޑަށް ވެސް އުނގަންނައިދިނުމުގައި ގާތްގަނޑަކަށް ހައެއްކަ އަހަރު ހޭދަކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ. މިދާއިރާގައި މަސައްކަތްކުރާ ކޮންމެ މީހަކީ އަދި ކާމިޔާބު މީހަކަށް ނުވެދާނެއެވެ. ކޮންމެ ކަމެއްގެ ވެސް ކާމިޔާބު ފެށޭ ހިސާބު ކަމަށް އަޅުގަނޑު ގަބޫލުކުރާ ހިސާބަކީ، ކުރަން އުޅޭ ކަމަކާމެދު ހިތުގައި ވަރުގަދަ ލޯތްބެއް އުފެދޭ ހިސާބެވެ. ދައްކާން މިއުޅޭ ވާހަކައަކީ އަޅުގަނޑަށް އުނގަންނަވައިދެއްވި އަޅުގަނޑުގެ ލާމަސީލު އުސްތާޛެއްގެ ވާހަކައެވެ. 

ވަގުތަކީ ކޮންމެ އިންސާނަކަށް ހަމަހަމައަށް ލިބޭ ހަމައެކަނި ހައްގެވެ. އެވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރާ މީހަކީ އެންމެ ކާމިޔާބު މީހާއެވެ. ގަޑިނުޖެހި ކުލާހަށް ދާން އަޅުގަނޑު ލައްކަ މަސައްކަތެއް ކުރަމެވެ. އެހެން ނަމަވެސް އަޅުގަނޑުގެ އުސްތާޛު ތޯއެވެ؟ ހުރިހާކުދިންނަށް ވުރެ ކުރިން އުސްތާޛު އަބަދުވެސް ކިލާހަށް ހާޟިރުވެވަޑައިގަންނަވާނެއެވެ. މިކަމުގައި އުސްތާޛާ އަޅުގަނޑު ވާދަވެސް ކުރީމެވެ. ނަމަވެސް މިކަމުގައި އަޅުގަނޑަކަށް އުސްތާޛު ކުރިއަރައި ނުދެވުނެވެ. އުސްތާޛުގެ މިސިފައަކީ އަޅުގަނޑު ހިތުން، ޒަމާނީ ކުދިންނަށް އުނގަންނައިދޭ މުދައްރިސުން ކޮންމެހެން ދަސްކުރަންޖެހޭ ސިފައެކެވެ. ދަރިވަރުން މުދައްރިސުންގެ ފަރާތުން ހީވެސް ނުކުރާހާ ގިނަ އާދަތައް ދަސްކުރާނެއެވެ. މުދައްރިސުންނޭވެ! މިކަމާ ހޭވެރިވެ ތިއްބަވާށެވެ! ކާމިޔާބުވާނީ އޭރުންނެވެ. 

ކަމަކަށް ތައްޔާރުނުވެ އެ ކަމެއް ފަށައިފި ނަމަ ގިނަ ފަހަރަށް ނަސީބު ވެސް އެ ކަމަކާ ނުބެހޭނެއެވެ. އުނގަންނައިދިނުމަކީ އާދައިގެ ކަމެއް ނޫނެވެ. މި ކަމަށް ތައްޔާރުނުވެ ކިލާހަށް ދެވުމަކީ ކާމިޔާބުގެ ކުރީން ބަލި ގަބޫލުކޮށްގެން ދިޔުން ފަދަ ކަމެކެވެ. އަޅުގަނޑުގެ އުސްތާޛުތޯއެވެ! އުސްތާޛު ފިލާވަޅު ނަންގަވައިދެއްވާ އިރު ފިލާވަޅު ކުރިއަށް ނުގެންދެވި އުސްތާޛު 'ކޮށިއެރި' ތަނެއް ދުވަހަކު ވެސް އަޅުގަނޑު ނުދެކެމެވެ. އެއަށްވުރެ ބޮޑަށް އަދި ފުރިހަމައަށް އުސްތާޛު ހުންނަވަނީ ފިލާވަޅަށް ތައްޔާރުވެވަޑައިގެންނެވެ. ނަތީޖާއަކީ ދަރިވަރުން ފޫހިނުވާ ފަދަ ޝައުގުވެރި ވަގުތުތަކެއް ހޭދަކުރެވި އުފެއްދުންތެރި މުހިއްމު ޢިލްމީ މައުލޫމާތުތަކެއް ދަރިވަރުންނަށް ލިބިގެން ދިއުމެވެ. ޒަމާނީ މުދައްރިސުންނޭވެ! ދިރި ދުނިޔޭގައި އުޅެވޭނީ ވެސް އެކަމަށް ތައްޔާރުވެގެން ތިބިއްޔާއެވެ. ތަރުބަވީ މައިދާނުގައި ކާމިޔާބުވާން ބޭނުން ނަމަ، އެކަމަށް ވަރަށް ރަނގަޅަށް އަދި ވީހާ ވެސް ފުރިހަމައަށް ތައްޔާރުވާށެވެ! 

ޝައުގުވެރި ފިލާވަޅެއް ކުރިއަށްދާ ކަމުގެ އެންމެ އަލިގަދަ ހެތްކަކީ ދަރިވަރުން މުދައްރިސާ ކުރިމަތިކުރާ ސުވާލުތަކެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ދަރިވަރުންގެ ސުވާލުކުރުން މަދުކަމަށް ވާނަމަ، ފިލާވަޅުގެ ޝައުގުވެރިކަން ކުޑައީއެވެ. މި ކަމުގެ ނަތީޖާއަކަށް ވާނީ މުދައްރިސުގެ ސިކުނޑިއަށް ބަރުވުމާއި ދަރިވަރުންގެ ސިކުނޑިއަށް ލުއިވުމެވެ. ނަމަވެސް އަޅުގަނޑުގެ އުސްތާޛު ތޯއެވެ؟ ފިލާވަޅު ކުރިއަށް ގެންދަވާއިރު ވީހާވެސް ގިނައިން ސުވާލުކުރުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވައެވެ. އަދި ދަރިވަރުން ކުރާ ސުވާލުތަކަށް އެހާމެ ޝައުގުވެރިކަމާއެކު ވަރަށް ތަފުސީލުކޮށް ޖަވާބު ވެސް ދެއްވައެވެ. އަދި ޖަވާބު ދެއްވުމަށްފަހު، އެ ދަރިވަރަކު ހިތްހަމަޖެހޭ ފަދަ ޖަވާބެއް ދެއްވުނުކަމަސް ވެސް ވިދާޅުވާނެއެވެ. ޒަމާނީ މުދައްރިސުންނޭވެ! މުދައްރިސެއްގެ އެންމެ މުހިއްމު އެއް ވާޖިބަކީ ދަރިވަރުންގެ ސިކުނޑީގެ ކާނާ އެ ސިކުނޑިތަކާ ހަމައަށް ފޯރުކޮށްދިނުމެވެ. އަދި ފޯރުކޮށްދެވުނު ކަން ޔަގީން ވެސް ކުރުމެވެ. 

ތިމާ ހިތްނޭދޭ ނުވަތަ ނަފުރަތު ކުރާ މީހަކު ދައްކާ ވާހަކައެއް އަޑު އެހުމަކީ ނުވަތަ ބަލައިގަތުމަކީ އިންސާނުންނަށް އާންމުކޮށް ފަސޭހަކަމެއް ނޫނެވެ. ދަރިވަރުން ހިތްހަމަޖެހޭ ފަދަ މީހަކަށް ވުމަކީ މުދައްރިސުންނަށް ވަރަށް މުހިއްމު ކަމެކެވެ. ކިލާސްރޫމުގައި ފިލާވަޅު ކުރިއަށް ގެންދާއިރު، އެންމެ ކުޑަމިނުން ހިނިތުންވެލުމަކީ ވަރަށް ގިނަ ފަހަރު ދަރިވަރުންގެ ޠަބީޢަތް ރަނގަޅުކޮށްދޭ ކަމެކެވެ. އަޅުގަނޑުގެ އުސްތާޛު ތޯއެވެ! އުސްތާޛުގެ ސަމާސާކުރެއްވުމާއި އިރުއިރުކޮޅާ ހިނިތުންވުމަކީ އަޅުގަނޑަށް ވަރަށް ކަމުދާ ރީތި ސިފައެކެވެ. އެ ކަމުގެ ސަބަބުން ފިލާވަޅުގެ ޝައުގުވެރިކަން ދެމިގެންދެއެވެ. އުސްތާޛުގެ ކިލާހެއްގައި އަޅުގަނޑު ދުވަހަކު ވެސް ތާއްޔާޖެހުނު ހަނދާނެއް ނުވެއެވެ. ޒަމާނީ މުދައްރިސުންނޭވެ! ތިޔައީ ވެސް އިންސާނުންކަން އަޅުގަނޑަށް ވެސް އެނގެއެވެ. އެހެން ނަމަވެސް ސަމާސާކުރެއްވުމާއި ހިނިތުންވުމަކީ ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ޓަކައި ކުރެވިދާނެ ވަރަށް މުހިއްމު އަދި އެހާމެ ފަސޭހަ ކަމެކެވެ. 

ކާމިޔާބާ ހަމައަށް ވާސިލްވުމަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރުމަށްޓަކައި ވަރަށް ގިނަ ފަހަރަށް އެހެން މީހެއްގެ ތަރުހީބު ބޭނުންވެއެވެ. ވަކިން ޚާއްސަކޮށް އުނގެނޭ މާހައުލުތަކުގައެވެ. ތަރުބަވީ މައިދާނުތަކުގައެވެ. އަދި އަމުދުން ކިލާހެއްގައި އުނގެނެމުންދާ ދަރިވަރުންނަށް މުދައްރިސުގެ ފަރާތުން ހިތްވަރުގެ ބަހެއް ނުވަތަ ތަރުހީބުގެ ކޮންމެވެސް މިންވަރެއް ލިބުމަކީ އިތުރަށް މަސައްކަތްކުރުމަށް ލިބޭ އުންމީދެކެވެ. އަޅުގަނޑުގެ އުސްތާޛުތޯއެވެ! ބައެއް ފަހަރު ބައެއް ކުދިން ނުބައި ޖަވާބު ދެވިދާނެތީ ބިރުން ތިއްބަސް، އެކުދިންގެ ފަރާތުން އެންމެ ކުޑަމިނުން ނުބައި ޖަވާބު ނަމަވެސް ދެވޭތޯ އުސްތާޛު އެ ކުދިންނަށް ދެއްވާ ހިތްވަރުގެ ބަސްތައް ވަރަށް ވެސް ފުރިހަމައެވެ. އުސްތާޛު ކުރައްވާ ސުވާލުތަކަށް ކޮންމެ ޖަވާބެއް ދިނަސް ހެވެއެވެ. ނުބައި ޖަވާބެއް ނަމަ ރަނގަޅުކޮށް ދެއްވައެވެ. ރަނގަޅު ޖަވާބެއް ނަމަ ތަރުހީބު ދެއްވައެވެ. ޒަމާނީ މުދައްރިސުންނޭވެ! މިއީ ކިލާސްރޫމުގެ ދިރުން ދެމެހެއްޓުމަށްޓަކައި ކުރުން މުހިއްމު ކަމެކެވެ. އަމިއްލަ ކިލާސްރޫމު އަމިއްލަ އަތުން އަމިއްލަ ފަރުވާކުޑަކަމުން  މަރައިނުލާށެވެ!

އާދޭހެވެ! އަޅުގަނޑުގެ އުސްތާޛު ވަގުތުގެ ބޭނުންކުރައްވާ ފުރިހަމަ ގޮތާއި ފިލާވަޅަށް ތައްޔާރުވާލެއް ފުރިހަމަ ކަމުގެ ވާހަކައަކީ އެހެނިހެން މުދައްރިސުންނަށް ހުރި ނަމޫނާއެކެވެ. އަދި ކިލާހުގެ ޝައުގުވެރިކަން ދެމެހެއްޓުމަށް ޓަކައި އުސްތާޛު ގެންގުޅުއްވާ އުކުޅުތަކާއި ދަރިވަރުންނާ ކުރެވޭ ސުވާލުތަކުގެ އިތުރަށް އެ ދެއްވާ ތަރުހީބަކީ މިޒަމާނުގެ އަދާހަމަ މުދައްރިސުންނަށް ހުރި ލާމަސީލު މިސާލުތަކެކެވެ. އާދެ! އެއީ އަޅުގަނޑުގެ ލޮބުވެތި އާދަމް ނަސީރު އިބްރާހީމް އުސްތާޛެވެ. ތަރުބަވީ މައިދާނުގައި އުސްތާޛަށް ކާމިޔާބު މިންވަރު ކުރައްވާށިއެވެ! އަދި އުސްތާޛުގެ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ! އަދި އުސްތާޛަށް ދުޅަހެޔޮ ސިއްޙަތެއް މިންވަރު ކުރައްވާށިއެވެ! އަބަދުވެސް އެދެނީ އުސްތާޛަށް ހެޔޮގޮތް މިންވަރު ކުރެއްވުމެވެ.

________________________________

 

އިދާރާ

އެނގޭތަ؟

ވާހަކަ