www.fanvai.info

Print

އަތޮޅުވެރިންނަށްހިއްޕޭނީވަލުގައެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އާދަކާދަ

ޠާހާ އަބޫބަކުރު، ލ.ގަން 

ދިވެހި ބަހުގެ ބޯދާ ބުނުންތަކުގެ ތެރޭގައި ހިމެނޭ މުސްކުޅި ބަސްތަކާއި މިސާލުބަސްތައް ގުޅިފައި ހުންނަނީ ހަޤީޤަތުގައި ވެސް ހިނގައިފައިވާ ހާދިސާތަކާއެވެ. ބައެއް ހާދިސާތައް ހިނގައި ދިޔަ ގޮތް މާޒީގެ ތެރެއަށް ގެއްލިގެން ދިޔަކަމުގައި ވިޔަސް އެ ހާދިސާއަށް ނިސްބަތްކުރެވޭ ބަސް ދެމިއޮވެއެވެ. އެ ފަދަ މުސްކުޅި އެއްބަހަކީ ހައްދުންމަތީގައި ހިނގައި ދިޔަ ހާދިސާއަކަށް ނިސްބަތްކުރެވޭ "އަތޮޅުވެރީންނަށް ހިއްޕެވޭނީ ވަލުގައޭ" ބުނެވޭ މުސްކުޅި ބަހެވެ. ދިވެހި ބަސްފޮތުގައި އޮންނަ ގޮތުން މި ބަހަކީ "އިސްކޮށްހުންނަ މީހަކަށް ކުރެވޭނީ އަމުރެވެ. ކަމެއް ފުރިހަމަ ކުރެވޭނީ، އެ ކަމަކަށް އަމަލީ ސިފަ ގެންނަން ތިބި ބަޔަކަށް އެއްބާރުލެވިގެންނޭ ބުނުމަށް ބުނެއުޅޭ ބަހެކެވެ."

 

މިހާރުގެ ޖީލުގެ ދޫތަކުން މި ވާހަކަ ދައްކާކަށް ނުވެސް އެނގެއެވެ. މިހާރު ތިބި މުސްކުޅީންނަށް މި ހާދިސާ ބުނެދޭކަށެއް ވެސް ނޭނގެއެވެ. މި ހާދިސާ ހިނގި ގޮތް ދިވެހިބަހާއި އަދަބަށާއި ދީނީ ތަޢުލީމަށާއި އެތައްއެތައް ރޮނގަކުން ދިވެހިޤައުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ފަޟީލަތުއްޝައިޚުލް މަރްޙޫމް ޙުސައިން ޞަލާހުއްދީންގެ ޢިބާރާތުން ވިދާޅުވެލައްވާށެވެ. ލިޔުއްވައިފައި އޮތީ ދިވެހީންގެ ވާހަކައިގައި ސުރުޚީއަކަށް "ތަކުރުފާނުގެ ގަދަފަދަކަމުން އަހުރެންގެ އަތުން ބާރުލައްވާނީ ކިހިނެއްހޭ؟" ޖައްސަވައިފައިއެވެ. 

"ހައްދުންމަތީ ރަށަކަށް ފުރެއްދެ އޮޑިޔެއް އެހެލީ ދުވަހަކު ގަމު ނެވީންގެ ޢަލީފުޅު މިއޮޑި އެހެލާތާކަށް ނައޭ. މިކަމާ އަތޮޅުވެރީން ރުޅިދުރުވެގެން ބަލައި ފޮނުއްވާގެނެސްފައި ބުނުއްވައިފިޔޭ ބަލަގަ ކަލޭގެ މިއޮޑި އެހެލާން ނުނިކުތީ ކިޔެއްވެހޭ.

ޢަލީފުޅު: އަޅުގަނޑު ބަލިވެއުޅޭތީ ގޭގައި ހުރީޔޭ. 

އަތޮޅުވެރީން: ތިޔަހެން ހަދައިގެން ނުވާނޭ ވަލުގައިހިފާށޭ. 

ޢަލީފުޅު އަޅައިނުލައި ހުއްޓާ އަތޮޅުވެރީން ބުނުއްވައިގެން އޭނާ ލައްވައި އެހެން މީހުން ވަލުގައި ހިއްޕައިފިޔޭ. 

ޢަލީފުޅު: ތަކުރުފާނުންގެ ބާރުގަދަ ކަމުން ވަލުގައި ހިއްޕައިފީމުތާޔޭ. މަގައިގާ ހުރި ބާރު މަގޭ އަތަށް ތަކުރުފާނުންގެ ގަދަފަދަ ކަމުން ލައްވާނީ ކިހިނެއްބާވަޔޭ. 

އަތޮޅުވެރީން: ނާ ތިޔަވާ ދޮގެއް ނޫނޭ. ދެން ދޫކޮށްލާފައި އައިތަނަކަށް ހިނގައިދާށޭ. 

(މިހެން ބުނުއްވުމުން) ޢަލީފުޅު މަޑުމަޑުން ގެޔަށް ހިނގައްޖޭ."

ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވާއިރު މި ވާހަކައިގާ ބަޔާންކުރާ ގަމު ނެވީންގެ ޢަލިފުޅަކީ ގަމު ނެވިޢަލީބޭ އޭ ކިޔުނު މީހެކެވެ. މި ނެވި ޢަލިބޭގެ ދޮންއިބުރޭމު (ދޮން އިބްރާހިމް) ތަކުރުފާނުގެ ޢަލިމަނިކުފާނުގެ ބޮޑު ދަރިކޮޅެއް ހައްދުންމަތީގައި އެބައޮތެވެ. 

މި ލިޔުމާ ގުޅިގެން ޖަހައިފައިވާ ފޮޓޯއަކީ ދެވަނަ ބޮޑުހަނގުރާމައިގެތެރޭގައި ފައްތައިލައިފައިވާ، އައްޑުއަތޮޅުގެ މަޝްހޫރު ފުރެއްދެއޮޑިއެއް ކަމުގައިވާ ޔާހުންބަރާސް (ފަޠުހުލްމުބާރިކް) ބޭލުމުގެ މަސައްކަތްކުރަމުން ދަނިކޮށް ނަގައިފައިވާ ފޮޓޯއެކެވެ. ފޮޓޯނެގިކަމަށްވަނީ ޑަބްލިޔު މެނަރއެވެ. މިލިޔުމަށް ފޮޓޯ ހޯދީ ޓޫތައުސަންޑްއައިލްސް.ކޮމް އިން ނެވެ.

_________________________________

މަސްދަރުތައް:

ޙުސައިން ޞަލާހުއްދީން، ދިވެހީންގެ ވާހަކަ

އިދުރީސް ޙުސައިންދީދީ، ގުލްފާމުވާދީ، ލ.ގަން

ދިވެހިބަހުގެ އެކަޑަމީ، ބަސްފޮތް

www.fanvai.info