އަދުގެ ޚާއްސަ

Print

ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (12)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

މުޙަންމަދު ޝާހިދު ޙަލީމު

(18 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ގ- ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުޅުނު ތަމްސީލުތައް

1- ރުއްކުރިން ފެނުނު އަތްތިލަ

މިއީ ކޮޅުމަޑުލު އަތޮޅު ތަޢުލީމީ މަރުކަޒުން 1996 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

ޏ- މޯލްޑިވްސް ސެންޓަރު ފޯ ސޯޝަލް އެޑިއުކޭޝަނުގައި ކުޅުނު ތަމްސީލުތައް

1- މިޔާއޮ

މިއީ މުޙަންމަދު މުންތަޞިރާއި ޒުވާނުންގެ މަރުކަޒު ގުޅިގެން 1999 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު މުންތަޞިރެވެ. 

ސ- އެތީނާ ސިނަމާގައި ކުޅުނު ތަމްސީލުތައް

1- ކޮށި

މިއީ މިރާޖް އިސްޓޫޑިއޯއިން 2001 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ މުޙަންމަދު މުންތަޞިރެވެ. 

ޑ- ތާޖުއްދީން އިސްކޫލުގައި ކުޅުނު ތަމްސީލުތައް

1- ހަށިލޫޅާ

މިއީ ތާޖުއްދީނު އިސްކޫލުގެ ދަރިވަރުން 2000 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

ޒ- ގިނަ އިސްޓޭޖުތަކުގައި ކުޅުނު ތަމްސީލުތައް

1- ލޯ ބިރުން އަރާމު

މިއީ 1995 ވަނަ އަހަރު ފ. ނިލަންދޫގައްޔާއި ދ. މީދޫގައި، 1996 ވަނައަރު ތ. ތިމަރަފުށީގައްޔާއި ތ. ގުރައިދޫގައްޔާއި ލ. މުންޑޫގައްޔާއި ލ. މާވަށުގައި، 1997 ވަނަ އަހަރު ހއ. ދިއްދޫގައްޔާއި، ހދ. ކުޅުދުށްފުށީގައްޔާއި، ށ. ކަނޑިތީމުގައްޔާއި، އއ. ތޮއްޑޫގައްޔާއި، ކ. ދިއްފުށީގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ރަށްރަށުގައި މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

ޓ- ކުޅުނު އިސްޓޭޖެއް ނޭނގޭ ތަމްސީލުތައް

1- ކަލަންޑަރު

މިއީ ޖިންސުއްލަޠީފުންގެ ރޫޙުން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ކުޅުނު އިސްޓޭޖެއް، ކުޅުނު އަހަރެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. 

2- އަނދިރީގެ ދިރިއުޅުން

މިއީ މޫންލައިޓް ކުލަބުން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ކުޅުނު އިސްޓޭޖެއް، ކުޅުނު އަހަރެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. މި ތަމްސީލު ލިއުއްވައި ޑައިރެކްޓުކުރެއްވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. 

3- ލޭފޮދެއް ދެއްވާ

4- މީހުން ބިނާކުރުން

5- ހިތާމަހުރި ކަމެއް

6- ދަރިން ގިނަވުމުގެ ފިކުރު

މިއީ ސައިކުރާ އިބްރާހީމް ނަޢީމު ލިއުއްވައި ޑައިރެކްޓުކުރެއްވި ތަމްސީލުތަކެކެވެ. މި ތަމްސީލުތައް ކުޅުނު އިސްޓޭޖެއް، ކުޅުނު އަހަރެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

7- ސާމިޔާ ފާށަނާ

މިއީ އމދ ޖަމްޢިއްޔާއިން ކުޅުނު ތަމްސީލެކެވެ. މި ތަމްސީލާ ގުޅޭ އިތުރު މަޢުލޫމާތެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

8- ފަސްމީރު

މިއީ މައްޗަންގޮޅީން 1982 ވަނަ އަހަރު ބޭއްވި ޝޯއެކެވެ. މި ޝޯގައި އެކުލެވުނީ ތަފާތު ތަމްސީލުތަކެވެ. މި ޝޯގައި އެކުލެވުނު ތަމްސީލުތަކުގެ ތެރެއިން މިހައިތަނަށް އެނގުނު ތަމްސީލުތައް ތިރީގައި މި ވަނީއެވެ. 

1. ދަގަނޑު ކެނޑޭނީ ދަގަނޑުންތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

2. ތަރުތީބުތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

3. ނަގޫރޯޅިތަމްސީލު ލިއުއްވީ: ކޮޕީ މުޙަންމަދު ރަޝީދު

މި ޝޯ ޑައިރެކްޓުކުރެއްވީ ކޮޕީ މުޙަންމަދު ރަޝީދެވެ. މި ތަމްސީލުތައް ކުޅުނު އިސްޓޭޖެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

9- އަތްދަށު ނޯކަރު

މިއީ މާލޭ އިންގްލިޝް އިސްކޫލުން 1990 ވަނަ އަހަރު ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ތަމްސީލު ކުޅުނު އިސްޓޭޖާއި މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

10- ގޮނޑުން ރަންވި ރަންގަނޑު ދައިތަ

މިއީ އިންސްޓިޓިއުޓް އޮފް ޓީޗަރު އެޑިއުކޭޝަނުން 1996 ގައްޔާއި 1997 ގައި ކުޅުނު ތަމްސީލެކެވެ. މި ތަމްސީލު ލިއުއްވީ އާދަމް ޒާހިރެވެ. މި ތަމްސީލު ކުޅުނު އިސްޓޭޖާއި މި ތަމްސީލު ޑައިރެކްޓުކުރެއްވި ބޭފުޅެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ.

5. ނަތީޖާ

ދިވެހި އަދަބުގައި ތަމްސީލު ލިއަން ފެށުނީއްސުރެން މިހައިތަނަށް (1945 އިން 2003 އަށް) ލިއެފައި ވާ ތަމްސީލުތަކަށް ތަޙްލީލީ ނަޒަރަކުން ބަލާ އިރު، ތަމްސީލު ލިއުމުގެ ފަންނީ އުސޫލުތަކަށް ތަބާވެގެން ލިއެވިފައި ހުރި ތަމްސީލުތައް ވަރަށް މަދެވެ. ދިވެހި ބަހުން ތަމްސީލު ލިއަން ފެށުނު ފަހުން މި ވީ 58 އަހަރުގެ ތެރޭގައި ތަމްސީލު ލިއުމަށް އެކަށީގެންވާ ކުރިއެރުމެއް އައިސްފައި ވާ ކަމަކަށް ނުފެނެއެވެ. މިހެން ދިމާވެފައި ވަނީ ތަމްސީލު ލިއުމުގެ ފަންނު އޮޅުންފިލުވައިދޭ ލިއުންތައް އެކަށީގެންވާ މިންވަރަށް ދިވެހި ބަހުން ލިއެވިފައި ނެތީމާ ކަމަށް ވެދާނެއެވެ.

ދިވެހި ބަހުގެ ތަމްސީލުތަކަށް ބަލާ އިރު ގިނައީ ވަރަށް ކުރުކޮށް ލިއެފައި ހުންނަ ތަމްސީލެވެ. މި ފަދަ ތަމްސީލު ލިއެފައި ހުރީ އެއް ޝޯއެއްގައި އެތައް ތަމްސީލެއް ދެއްކުމަށެވެ. ދިގު ވާހަކައެއްގެ މައްޗަށް ލިއެފައި އޮތް، އެއް ތަމްސީލު ދެއްކި ޝޯއެއް 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން އާންމު ގޮތެއްގައި ބާއްވައިފައެއް ނުވެއެވެ. މި ކަމުގެ ސަބަބުން ތަމްސީލު ލިއުންތެރީން ދިގު ތަމްސީލު ލިއެފައެއް ނެތެވެ.

މައުޟޫޢުގެ ގޮތުން ބަލާ އިރު ދިވެހި ތަމްސީލުތަކުގެ ތެރޭގައި ގިނައީ ހެއްވާ ތަމްސީލެވެ. ނަމަވެސް މި ފަދަ ހެއްވާ ތަމްސީލުތަކުގެ ތެރެއިން ގިނަ ތަމްސީލުގައި އިޖްތިމާޢީ ބައެއް މައްސަލަތައް ހުށައަޅައިފައި ވެއެވެ. އެހެންނަމަވެސް އިންސާނީ އާންމު ދިރިއުޅުމުގެ ތަފާތު ކަންތައްތައް ދައްކައިދޭ ތަމްސީލުތައް ފެންނަލެއް މަދެވެ. މިއީ ތަމްސީލު ލިއުންތެރީން ސަމާލުކަން ދޭންޖެހިފައި ވާ ނުކުތާއެކެވެ.

ޑައިލޯގުގެ ގޮތުން ބަލާ އިރު ވެސް ދިވެހި ތަމްސީލުތަކުގެ ޑައިލޯގުގައި އާންމުކޮށް ވާހަކަދައްކާ ގޮތަށް ވުރެން އަދަބީ ގޮތަށް ލިއެވިފައި ހުރި ޑައިލޯގު މަދު ނޫން ކަން ފާހަގަކުރެވުނެވެ. އަދި ނަސޭހަތްދޭ ދިގު ޑައިލޯގުތައް ވެސް ފާހަގަކުރެވުނެވެ. މިއީ ތަމްސީލު ކުރިއެރުވުމުގައި އިސްލާހުކުރަން ޖެހޭނެ ކަމަށް ފެންނަ ކަމެކެވެ.

ދިވެހި ތަމްސީލުތަކުގެ ތެރޭގައި ބޭރު ބަސްބަހުގެ މޮޅު އަދީބުންގެ ތަމްސީލުތަކުން ތަރުޖަމާކޮށްފައި ވާ ތަމްސީލުތައް އެކަށީގެންވާ ވަރަށް ނެތް ކަން ވެސް ފާހަގަކުރެވުނެވެ. ތަރުޖަމާކުރެވިފައި ހުރި ތަމްސީލުތަކުގެ ތެރޭގައި ވެސް ގިނައީ ކުޑަކުދީންގެ ވާހަކަ ކަހަލަ ތަމްސީލެވެ. ތަމްސީލުގެ ފަންނު ކުރިއެރުވުމަށް ޓަކައި މިއީ މުސްތަގުބަލުގައި ފުޅާކުރަން ޖެހޭނެ ރޮނގެއް ކަމަށް ފެނެއެވެ.

ދިވެހި ތަމްސީލުތަކުގެ ތެރެއިން ބައެއް ތަމްސީލުތަކުގެ އިސްކިރިޕްޓު ޗާޕުކުރެވިފައި ވާ ކަން ފާހަގަކުރެވުނެވެ. ނަމަވެސް އެ އިސްކިރިޕްޓުތަކުގައި ތަމްސީލުގެ މަންޒަރުތަކުގައި ހިމެނޭ ޝަޚުޞިއްޔަތުންނާއި ތަނާއި ވަގުތުގެ މައުލޫމާތު ފުރިހަމައަށް ބަޔާންކުރެވިފައެއް ނުހުރެއެވެ.

ތަމްސީލުކުޅުމަށް ބަލާ އިރު ކޮންމެވެސް ވަރަކަށް ކުރިއެރުން ލިބިފައި ވާ ކަން ފާހަގަކުރެވުނެވެ. ފުރަތަމަ ތަމްސީލު ކުޅުނީ ދޮންވެލިން އުސްކޮށް އިސްޓޭޖު ހަދައިގެންނެވެ. ކުޅިބަލަން މީހުން ތިބީ ތަޅުން ރަހައަށް ހުރި ހޯލުގައެވެ. ނަމަވެސް މިހާރު، ކުޅިބަލާ މީހުން ތިބޭ ހޯލު ފަހަތަށް އުސްކޮށް ހަދައިފައި ހުރި، އޮލިމްޕަސް ކަހަލަ ބައެއް ތިއޭޓަރު އެބަހުށްޓެވެ. ނަމަވެސް މި ތަންތަނަކީ ވެސް ސީދާ ތަމްސީލު ކުޅުމަށް ހަދައިފައި ހުރި ތަންތަނަށް ނުވާތީ، ތަމްސީލު ކުރިއެރުވުމަށް މި ފަދަ ތިއޭޓަރު އުފެއްދުން މުހިންމެވެ.

ތަމްސީލުގެ އައްޔާއި އަޑަކީ ވެސް ވަރަށް ބޮޑަށް ކުރިއަރުވަން ޖެހިފައި ވާ ކަމެކެވެ. 1900ގެ އަހަރުތަކުގެ ފަހުކޮޅާ ހަމައަށް އައި އިރު ވެސް މި ކަމަށް އެހައި ބޮޑު ސަމާލުކަމެއް ދެވިފައެއް ނެތެވެ. މުޙަންމަދު މުންތަޞިރު ހުށައެޅި ޝޯތަކުގައި މި ކަމަށް ކުރިއަށް ވުރެން ތަރައްގީ އައިސްފައި ވެއެވެ.

މުންތަޞިރުގެ ޝޯތަކުގައި އިސްޓޭޖުގެ ސެޓިންގަށް ވެސް ބަދަލުގެނައެވެ. ދިވެހި އިސްޓޭޖުތަކުން އޭގެ ކުރިން އާންމުކޮށް ފެންނަނީ ހަގީގީ ވެށި ދައްކަން މަސައްކަތްކުރެވިފައި ވާ ތަނެވެ. ނަމަވެސް މުންތަޞިރުގެ ތަމްސީލުތަކުގައި ބަލައިފައި ވަނީ ވީހައި މަދު ތަކެތި ބޭނުންކޮށްގެން ބެލުންތެރީންގެ ވިސްނުމަށް ވެށި ދައްކައިދޭށެވެ.

1980 އާއި 1990ގެ އަހަރުތަކުގެ ތެރޭގައި ތަމްސީލު ގިނަވެގެން ދިއަ ނަމަވެސް 2000 ގެ އަހަރުތަކަށް އައި އިރު ތަމްސީލު ލިއެ، ތަމްސީލު ކުޅުން ވަނީ މަދުވެފައެވެ.

ތަމްސީލުގެ ފަންނު އަލުން އާލާކުރެވޭނީ، މީހުން ޝައުޤުވެރިވާ ގޮތަށް، މި ޒަމާނުގެ ފަންނީ ހުނަރުތައް ބޭނުންކޮށްގެން ތަމްސީލު ލިއާނެ ގޮތް މީހުންނަށް ދަސްކޮށްދީ، އަދި ތަމްސީލު ކުޅޭނެ ރަނގަޅު އިސްޓޭޖުތަކާއި ހޯލުތައް ވެސް ތައްޔާރުކުރެވިގެން ކަމަށް ފެނެއެވެ. އަދި ބޭރުގެ ލިއުންތެރީންގެ މޮޅު ތަމްސީލުތައް ދިވެހި ބަހަށް ތަރުޖަމާކޮށްގެން ކުޅުމަކީ ވެސް މި ފަންނު ކުރިއަރުވާން ބޭނުންތެރިކަމެއް ކަމަށް ފެނެއެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ