މަޙަލްދީބާއި ބޭދާޅީ
ޢަބްދުﷲ ރަޝީދު މ.ލިނެޓް
1- މަޙަލްދީބާއި ބޭދާޅީ ގުޅޭ ކަންކަން ބަޔާންކުރަނީ
ފަހަށް އޮތް ޖީލުތައް ކިޔުމަށް އެކަންކަން ޅެންބަހުން ލިޔަނީ
2- އެރަށް ޚާއްޞަވި ސަބަބު ދިވެހީން ޖެހޭނޭ ސާފުކޮށް ދަންނާން
އެރަށަކީ ބޮޑުތަކުރުފާނުން ވިދަރިވަރު ރަށް ކަމަށް މިވަނީ
3- މި ދޭހަށް ދޭހަވާ ނަމަކީ، އިހުގެ ނަމަކަށްވި ބޭދާޅީ
ބިދޭސީން ކީނަމީ "ބޭޕޫރު" ކަން ރަނގަޅަށް އެނގޭންޖެހެނީ
4- ހުޅަނގު ދެކުނުން ބަނދަރު ރަށެކޭ އެއީ މަލަބާރު އައްސޭރީ
އުޅަނދުތައް ގިނަ އައިސްގޮސްވާ ރަށެއްކަން ސާފުކޮށް އެނގެނީ
5- އެއީ، ޢަރުޟުން އެގާރަ ދަރަޖަ ޕޮއިންޓް އެކެއް އަށެއް އުތުރުން
އެއީ، ހަތްދިހަ ފަހެއް "ތިކި" އަދި އަށެއް ދޭއް ޠޫލު އިރަށަވަނީ
6- ދުރެއްގައި ނޫނެ ކާލީކޯޓު ވީ މަޝްހޫރު ވެވިފައިވާ
ބުރެއް ޖެހުމުން އިތުރު ކަންކަން ރަށުން ރަނގަޅަށް އޮޅުންފިލަނީ
7- ކަމަށް ހެވި މޮޅު ބައެއް ބޭހާ ފިލާވެލި މާވަޑާން ކުރުމާ
ނަމަށް ނިސްބަތްވަނީ ފަހެ "މާފިލާ މުސްލިމް" ކަމޭ އެނގެނީ
8- މި ރާއްޖޭން މާފިލާފުއްޓާ އެމީހުންނާ ގުޅޭ ނަމުގައި
ގިރާކޮށް ގޮސް ސަބަބު ހޯދެން ނެތަސް ގުޅުމެއްވިކަން އެނގެނީ
9- ޔަމަނުގެ އެތައްނަވެއް ބަނދަރަށް ޙަޟުރަމައުތުން އައިސްވާތީ
ހަމައިން ޢަރަބީންގެ ސާފު ބަހުން އެމީހުން ނަށް ޢަރަބި އެނގުނީ
10- "ކަލަރި" ހެވިކަން އުތީމު ރަދުން މޮޅަށް ދަސްފުޅު ކުރެއްވި ރަށޭ
ބަލައިފިއްޔާ އެނގޭނޭ ގޮތް ލިޔެވި ތާރީޚުގައި އެ ވަނީ
11- ފިލާވެލި ބޭސް، ނަކަތް ތެރިކަން، ނިޔަމިކަން، ފަންޑިތައިގެ ބަޔާ
ފިލާފައި ރޯވެޔޭ ރަނގަޅަށް ޢަމަލު ފުޅުގައި އެނގޭށަ ވަނީ
12- ޢަރަބި ބަސް، ތަމަޅަޔާ، މަލަޔާޅަމާ ދަސްފުޅު ކުރައްވައިގެން
އަރައި ހުންނެވި ކަމުގެ ހެކިތައް އޮޅުންނެތި ސާފުކޮށް އެނގެނީ
13- ފަހުން ވިޔަޒޯރު ކިބައިން ޕޯޗުގީޒުގެ ބަސް ކުރައްވައި ދަސް
ބަހުން ޢިލްމީ ގޮތުން މޮޅު ބޭފުޅެއް ކަމުގައި ވެގެންނެވަނީ
14- ޖިހާދުން ފަތަޙަ ހޯއްދެވުމަށް ނަފާ ޢިލްމިއްޔަ ހިއްޕެވި ގޮތް
ކިހައި ރަނގަޅަށް އޮޅުން ފިލުވައި ބުރާރަ ދުުލުން ކިޔައި އެދެނީ
15- ފުރައިގެން ބަނދަރު ބޭދާޅީން ކުރޭ ދިވެހީން ދަތުރު މަލިކަށް
ބުރައިގައި ރާއްޖެ އައުމަށް ދެން މަލިކު ސާލުން ނުކުންނާނީ
16- ވަނގާރުން ނުކުމެފައި ސީދާ ގަހާޔަށް ދުއްވަނީ މަލިކަށް
ހަނގާކުރުމެއް ދެމެދު ނުވެޔޭ ފަރާ ގިރި މުސްކުޅީން ބުނަނީ
17- ދެޔޭ ބޭދާޅިޔަށް މަލިކުން ފުރައިގެން ދިގު ދަތުރު ކޮށްފައި
އެޔޭ މިދެމެދު ދަތުރުކޮށް އިހު އުޅުނު އެއްމަގު ކަމަށް ބުނަނީ
18- ޒަމާން ދިގުލައި ދިޔައި ތޯއްޗެއް މިކަންކަން ގޮސްފި އުވި ނެތިގެން
ކަމާ ގުޅިފައިވި ބަޠަލަށް މޮޅު ގަދަރު ދޭން ލިޔެ ބަޔާން ކުރަނީ
19- މި ކަންކަން ފެންނަހެން ލިޔެފައި ބެލޭނެ ގޮތެއް ހަދައި ދިނުމަށް
ނިކަން ލުއިކޮށް ޢިބާރާތްކޮށް ޅެމެއްްގައި ހާމަކޮށް މި ލަނީ
____________________________________