އަދުގެ ޚާއްސަ

Print

މިނިވަންކަމާއި ޤައުމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

ޤައުމެއްގެ ރައްޔިތުން އެންމެ އަގުބޮޑު ރައުސުލްމާލުގެ ގޮތުގައި ދެކޭނީ އެ ބަޔެއްގެ މިނިވަންކަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ވެސް މިނިވަންކަމާއި އަޅުވެތިކަމުގެ ވާހަކައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިނިވަންކަމުގެ ފޮނިރަހަ އިޙުސާސްކުރެވޭނީ އަޅުވެތިވެފައިވާ ބަޔަކަށެވެ.  މުސްލިމު ޤައުމެއްގައި  އިސްލާމްދީނާއި، މިނިވަންކަން އޮތުމަކީ ކިހައި ބޮޑު ނިޢުމަތެއްތޯއެވެ؟ އަޅުގަނޑުމެން ދިވެހީންނަކީ އިސްލާމްދިނާއި މިނިވަންކަމުގެ ހިޔަލުގައި ދިރިއުޅެމުންދާ ބަޔެކެވެ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ދަރީންނެވެ. ދިވެއްސަކަށް ވީތީ އަޅުގަނޑުމެން މިއަދު ފަޚުރުވެރިވަމެވެ. 

މިނިވަންކަމަށްޓަކައި މަސައްކަތް ކުރަނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. ޤުދުރަތުން ދިރުން ލެއްވި ކޮންމެ އެއްޗެއް މިނިވަންކަމަށް އެދި ގޮވައެވެ. އެހެން ބަޔެއްގެ ބާރުގެ ދަށަށް ދިޔުމަށް ކޮންމެ ދިރޭ ފުރާނައެއް ވެސް ނަފުރަތުކުރާ ފަދައިންނެވެ. މިނިވަންކަމަކީ ފަރުދީ، ދީނީ، އިޤުތިޞާދީ، އިޖުތިމާޢީ، ޘަޤާފީ މިހެން ގޮސް އެތައް ކަމަކުން އަޅުގަނޑުމެންނަށް ލިބިފައިވާ ޙައްޤުތަކަކަށް ކިޔާ ނަމެކެވެ.

ދިވެހި ތާރީޚުގެ ސަފުހާތަކަށް ބަލައިލާއިރު މިނިވަންކަން ހޯދުމަށް ޓަކައި ކާބަފައިން ކުރެއްވި ޖިހާދުގެ މަތީން އަޅުގަނޑުމެން ހަނދާންކުރާން ޖެހެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވަނީ މަދުފަހަރެއްގައި ދިވެހި ޚާއިނުންގެ ސަބަބުންނެވެ. ބޭރުގެ ފަރާތްތަކާ ގުޅިގެން މަދު ބަޔަކު ކުރާ މި ފަދަ ލަދުވެތި ޢަމަލުގެ ސަބަބުން މިނިވަންކަން ގެއްލިފައިވާކަން ހިތާމަޔާއެކު ދަންނަވަމެވެ. އެފަދަ ކޮންމެ ފަހަރަކު މިނިވަންކަން ހޯދުމަށް ޓަކައި ކާބަފައިންގެ ތެރެއިން ހިތްވަރުގަދަ އަބްޠާލުން ނިކުމެ ކުރެއްވި ޖިހާދަށް ޝުކުރު ޙައްޤެވެ. ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކަން ހޯއްދެވުމަށް ޓަކައި އުތީމު މުޙައްމަދު ތަކުރުފާނު ވެވަޑައިގަތް ޤުރުބާނީއާއި ހޮޅީންގެ އަތްދަށުން މިނިވަންވުމަށް ޓަކައި ދޮންބަންޑާރައިން ކުރެއްވި ޖިހާދު އަޅުގަނޑުމެން ހަނދާން ކުރާންޖެހެއެވެ. އޭގެ ފަހުން 1988 ވަނަ އަހަރު ނޮވެންބަރު ތިން ވަނަ ދުވަހު ތަމަޅަ ޓައިގަރުން މާލެ އަރައި ދިން އުދުވާނީ ޙަމަލައިގެ މަތިން ހަނދާންވާ ބަޔަކު އަދި މިދުނިޔޭގައި އެބަތިއްބެވެ. އެއިން ކޮންމެ ފަހަރަކު ދިވެހީންގެ މޮޅުވިސްނުމާއި، އެއްބައިވަންތަކަން ފެނިގެން ގޮސްފައި ވެއެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ދިވެހީންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ނުގުޑާ ފަދަ ޢަޒުމާއި ހިތްވަރާއި ކެރުމެވެ. އެހެންވާންޖެހޭ ސަބަބެއް ކަމުގައި ވަނީ ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަމާ، ޞުލުޙަ މަސަލަސްކަމެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުގައި ވަރުގަދައަށް ސާބިތުވެ ތިބި ތިބުމެވެ. ކޮންމެ ފަރުދަކު އެފަރުދެއްގެ ވާޖިބު އަދާކުރުމާއެކު މިނިވަންކަން ހޯދުމަށް ޓަކައި ކުރި ބުރަ މަސައްކަތެވެ.

ފަރުދީ މިނިވަންކަމަކީ ކޮންމެ ފަރުދަކުމެ ބޭނުންވާނެ ކަމެކެވެ. އެހެންނަމަވެސް  އެއީ ތިމާ ބޭނުންހައި ގޮތަކަށް އުޅުމާ ބޭނުންހައި އެއްޗެއް ކޮންމެ މީހަކާ ދިމާއަށް ކިޔުމެއް ނޫނެވެ. މީހަކު، ތިމާއާ ދިމާއަށް ހެވަކަށް އެއްޗެއް ބުނާއިރަށް ތިމަންނާ އުޅޭނީ ތިމަންނާ ބޭނުން ގޮތަކަށޭ ބުނާއަޑު އިވެއެވެ. ތިމާއަށްވުރެ ދޮށީ މީހަކު އެއްޗެކޭ ބުނާއިރަށް އަމިއްލަ މިނިވަންކަން އޮންނާނޭ ބުނެ ރައްދު ދިނުމުން، އެމީހަކީ މޮޅު މީހެއްގެ ގޮތުގައި ދުށުމަކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މަދުން ނަމަވެސް ފެންނަ ވަރަށް ނޭދެވޭ ސިފައެކެވެ. މިނިވަންކަމޭ ބުނެ ބޭނުންހައި، ގޮތަކަށް އުޅުމުގެ ޙައްޤު އަޅުގަނޑުމެންނަކަށް ލިބިފައެއް ނުވެއެވެ. އެއަށް މިނިވަންކަމޭ ނުވެސް ކިޔޭނެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަން ދަނެ އިސްލާމީ ރިވެތި އުޞޫލާއި ހަމައިގައި ތިބޭން އެބަޖެހެއެވެ. ފަރުދީ މިނިވަންކަމަކީ ހެޔޮ ގޮތަށް، ހެޔޮމަގުގައި ތިމާއަށް ވާޖިބު ކަންކަންކުރުމުގެ ބާރާއި އިޚްތިޔާރު ލިބި ކަށަވަރު ވެފައި އޮތުމެވެ. 

އިންސާނުން މިބިންމަތީ ލައްވާފައިވަނީ ﷲ އަށް އަޅުކަން ކުރުމަށް ޓަކައެވެ. ޙަޤީޤީ މިނިވަންކަމުގެ އުފާ ލިބެނީ އެކަލާންގެއަށް އީމާންވެ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ދަރިންނަށްކަން ކަށަވަރެވެ. މާއްދީ ފަސޭހަތައް ފެނި ހަވާނަފުސުގެ އަޅުންނަށްވާ ކޮންމެ މީހަކަށް މިނިވަންކަމުގެ އުފަލަށްވުރެ އަޅުވެތިކަން އިޙްސާސް ކުރެވޭލެއް ބޮޑުވާނެއެވެ. އެމީހުން އަބަދުވެސް އުޅެމުން ގެންދާނީ ނުފުދިގެން ތިބޭ ބަޔެއްގެ ގޮތުގައެވެ. ހިތްހަމަޖެހުމެއް އަމުދުން ވެސް ނެތް ބަޔެއްގެ ގޮތުގައެވެ. އީމާންތެރިކަމާއެކު މަސައްކަތްކުރާ ފަޤީރުމީހާ މުއްސަންޖަކަށްވުރެ ބޮޑަށް އުފާފާގަތި ކަމުގައި ދިރިއުޅެމުން ދަނީ މިދެންނެވި ސަބަބުން ކަމުގައި ވެދާނެއެވެ.

ދެން އޮތީ އިޤްތިޞާދީ މިނިވަންކަމެވެ. ޤައުމެއްގައި މިނިވަންކަން ދެމިއޮތުމަށް ޓަކައި އެ ޤައުމެއްގެ އިޤްތިޞާދު ކުރިއަރުވާން ޖެހެއެވެ. ފުދުންތެރި ބަޔަކަށް ވާން އެބަޖެހެއެވެ. ޤައުމުތަކަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހެއެވެ. ދުނިޔޭގެ އެއްވެސް ޤައުމެއް، އެ ޤައުމެއްގެ އަމިއްލަ ފުދުންތެރިކަމުން އުޅެއެކޭ ބުނެވޭކަށް ނެތެވެ. އެހެންނަމަވެސް، އެހެން ބަޔަކަށް މުޅި ޤައުމު ބަރޯސާވުމުގެ ބަދަލުގައި، އަމިއްލައަށް ތަކެތި އުފައްދައި އެއިގެން ނަފާ ހޯދާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ. ހަރުދަނާ ޖީލެއް އުފެދިގެން ނޫނީ މި ދެންނެވި ކަހަލަ ފުދުންތެރި ބަޔަކަށް ނުވެވޭނެއެވެ. ބަވަނަ ވަމުންދާ ދުނިޔެއަށް ލޯހުޅުވޭ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހެއެވެ. ތަޢުލީމީ ނިޒާމުގެ ތެރެއިން ޢިލްމާ އެއްވަރަށް މަސައްކަތްތެރިކަން ދަސޮށްދޭން އެބަޖެހެއެވެ. ހަމައެހެންމެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ވިޔަފާރިތަކާއި ވުނަތައް އިތުކުރާން އެބަޖެހެއެވެ. ދިވެހީންގެ އެންމެ އަގުބޮޑު ވިޔަފާރި ކަމުގައިވާ ފަތުރުވެރިކަމާ އެއްވަރަށް ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއަރުވާން ޖެހެއެވެ. ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަތްތަކަށް ވުރެ، ރާއްޖެއިން ބޭރަށް ގެންދާ ތަކެތި ގިނަކޮށްގެން ނޫނީ އިޤްތިޞާދު ކުރިއަރާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. 

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ސިޔާސީ ގޮތުންނާއި، ދީނީ ގޮތުން ދެކެވޭ ވާހަކަތަކަށް ނުވަތަ ދެވޭ ޚިޔާލުތަކަށް މަގު ހުޅުވައިލުމެވެ. މުޖުތަމަޢުގެ ފައިދާއަށް ޓަކައި ބިނާކުރަނިވި ޚިޔާލަކީ މުހިންމު އެއްޗެކެވެ. ހެޔޮ ނިޔަތުގައި ސިޔާސީ މަސްރަޙު ބައްޓަން ކުރުމަށް ޓަކައި ފާޑުކިޔުމުގެ ގޮތުން ވާހަކަދެއްކުމަކީ މައްސަލައެއް ނޫނެވެ. ދީނީ ގޮތުން ކަންކަމާ މެދު، ތިމާ ހިތުގައި އުފެދޭ ޝުޢޫރު ފާޅުކުރުމާއި، އަނެކުންނަށް ކަންކަން އޮޅުން ފިލުވައިދިނުމުގެ ނިޔަތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހެޔޮ ގޮތުގައި ކުރެވޭ ކޮންމެ ކަމަކީ އަނެކުންނަށް ފައިދާ ކުރާނެ ކަމެކެވެ. އެ ކަމުގެ ސަބަބުން ދެފަރާތަށް ވެސް ފައިދާ ވެއެވެ. އެހެންނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ބުނެ އަނެކާގެ އަބުރަށް އަރައިގަތުމުން އެ ކަމަކަށް މިނިވަންކަމެކޭ ނުބުނެވޭނެއެވެ. ހަމަ އެހެންމެ ޚިޔާލު ފާޅުކުރުމުގެ ގޮތުން ބައެއް ފަހަރު ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ވާހަކަ ގެންދެވެއެވެ. އެހެން ވުމުގެ ސަބަބުން އެންމެ ރަނގަޅު ނޫން ދަނޑިވަޅުގައި ބައެއް ވާހަކަ ބުނެވި ޢާއިލާގެ ތެރޭގައި ޒުވާބު ގިނަވެފައިވާކަން ފާހަގަކުރެވެއެވެ. ކޮންމެ ވާހަކައެއް ދެއްކިއަސް އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާންކޮށް އެ ކަމެއް ކުރާން އޮންނަ ޙުދޫދުގެ ތެރެއިން ގެންދާ ނަމަ، މުޖުތަމަޢުގެ ބައިބައިވުން ނެތި އެންމެން އެކަތިގަނޑަކަށް ވެގެން އުޅޭ ތަން ފެންނާނެއެވެ.

އިސްލާމީ ޤައުމުތަކުގައި އޮންނަ އުޞޫލުތަކާ، ހުޅަނގުގެ ޣައިރު މުސްލިމް ޤައުމުތަކުގައި އޮންނަ އުޞޫލުތަކާ، ވަރަށް ބޮޑު ތަފާތެއް ވެއެވެ. ހުޅަނގު ޤައުމުތަކުގެ މީހުންނަށް އިސްލާމްދީނުގައި އޮންނަ އުޞޫލުތަކުގެ ސަބަބުން މާބޮޑު އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ނަމަވެސް މުސްލިމް ޤައުމެއްގެ މީހަކަށް ހުޅަނގު ޤައުމުތަކުގައި އޮންނަ ދީނީ ކަންކަމާ، އެމީހުންގެ ސަގާފަތާއި، ޙައްދުފަހަނަޅައިފައި އޮންނަ މިނިވަންކަމަކީ ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެން އެ މީހުންގެ ޖާދޫގައި ޖެހިގެންނެއް ނުވާނެއެވެ. އެ މީހުންގެ މިނިވަންކަމަކީ އަޅުގަނޑުމެން މުސްލިމުންގެ ހަލާކެވެ. ކޮންމެ ކަމެއްގައި ޙައްދެއް އޮންނާނެކަން އަޅުގަނޑުމެން ދަންނަ ނަމަ، އަޅުގަނޑުމެން ތިބޭނީ އިސްލާމީ ޙުދޫދުގެ ތެރޭގައެވެ.

މި ކުޑަކުޑަ ދިވެހިރާއްޖޭގައި ސަގާފީ މިނިވަންކަމަށް ބަލައިލާއިރު،  ދިވެހިންނަކީ ރީތި ސަގާފަތެއް އޮތް ބަޔެކެވެ. ދިވެހީންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދޭ، ރިވެތި އާދަކާދައެއް އޮތް ބަޔެކެވެ. ކޮންމެ ޤައުމެއްގައި އެ ބަޔެއްގެ އަމިއްލަ އާދަކާދަތަކާއި، އެ ބަޔެއް ފަޚުރުވެރިވާ ސަގާފަތެއް އޮންނަ ފަދައިންނެވެ. ޚާއްޞަ މުނާސަބަތުތަކުގައި އެ ބަޔެއްގެ ސަގާފަތް ދައްކުވައިދޭ ހެދުންތައް އެޅުމުގެ އުފާ ލިބިގަނެއެވެ. އަޅުގަނޑުމެން ދިވެހިން ޚާއްޞަ މުނާސަބަތުތަކުގައި ދިވެހިވަންތަ، ދިވެހި ސަގާފަތް  ދައްކުވައިދޭ ހެދުން އެޅުމަށް ޝައުޤުވެރިވަމެވެ. އެކަމުން އުފާ ލިބިގަންނަމެވެ. އެހެންނަމަވެސް ބައެއް ރަސްމިއްޔާތުތަކުގައި ހުޅަނގު ތަހުޒީބުގެ ކުލަޖެހިފައި ހުންނަ ހެދުން އަޅާކަމީ ހިތާމަ ކުރާންޖެހޭ ކަމެކެވެ. އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާން ނައްތައިލައި ހުޅަނގު ތަހުޒީބުގެ ހެދުން އެޅުމަކީ މިނިވަންކަން ބާއޭ އަޅުގަނޑު ހިތަށް އަރައެވެ. އިސްލާމީ ރިވެތި ހިޖާބުން ނިވައިވެގެން ތިބި ކަމުގައި ވިއަސް އަޅުގަނޑުމެން ދިވެހިންވާނީ މިނިވަނުންނަށެވެ. ނިވައިވުމަކީ މިނިވަންކަން ގެއްލޭ ކަމެއްކަމުގައި ދެކޭ ނަމަ، އަދި ވެސް އަޅުގަނޑުމެން ދިވެހިން މި ތިބީ ސިކުނޑީގެ އަޅުވެތި ކަމުގައޭ ދަންނަވާން ޖެހެއެވެ. މިނިވަންކަން މާނަކުރުމަކީ ހިތުހުރި ގޮތަކަށް އުޅުމެއް ނޫންކަމުގައި ދަންނަވާން ޖެހެއެވެ. އެ ބަޔެއްގެ ސަގާފަތަކީ އެ ބަޔެއްގެ މިނިވަންކަމާއި، އަމިއްލަ ވަންތަކަން ރަމުޒު ކޮށްދޭ މުހިއްމު އަސާސެކެވެ. އެހެންނަމަވެސް ޒަމާނުއްސުރު ދިވެހީންގެ މެދުގައި ހިފެހެއްޓިފައި ހުރި ރަނގަޅު އާދަތަކާއި، ރީތި ސަގާފަތް  ނެތި ގެއްލެމުން ދިޔުމަކީ ހިތާމަކުރާންޖެހޭ ކަމެކެވެ. ވިލާތުގެ ސަގާފަތް  ދިވެހީންގެ ތެރެއަށް ގަދަވެގަންނަ މަންޒަރަކީ ބަލައިލާން ހިތްގައިމު މަންޒަރެއް ނޫނެވެ. އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދަ ދިރުވާން ތިބީ އަޅުގަނޑުމެން ދިވެހީންކަން މިއަދު ހަނދާންކުރާން އެބަޖެހެއެވެ.

މިނިވަންކަމުގެ ތެރޭގައި އެ ބަޔެއްގެ އަމިއްލަ ވަންތަކަން ދައްކުވައިދޭ ކަންކަން ހިމެނެއެވެ. އެ ގޮތުން ޤައުމީ އެއްބައިވަންތަކަމަކީ މުސްތަޤިއްލު މިނިވަން ޤައުމެއްގެ ގޮތުގައި އެ ޤައުމެއް ކުރިޔަށް ދިޔުމުގެ އެންމެ މަތިވެރި އަސާސް ކަމުގައި ވީހިނދު، އަޅުގަނޑުމެން ވާހަކަދައްކައި، ލިޔެކިޔާން ވަކި ބަހެއް އޮތުމުގެ ޝަރަފު އަބަދު ވެސް ލިބިގަންނަމެވެ.  މި ކުޑަކުޑަ ދިވެހިރާއްޖޭގެ ކޮންމެ ދަރިއަކު އަމިއްލަ ބަހެއް އޮންނަ ވާހަކަ އެހެން ބަޔެއްގެ ގާތުގައި އިސްއުފުލައިލައިފައި ބުނަނީ ފަޚުރުވެރި ކަމާއެކުއެވެ. އެފަޚުރު ލިބިގަންނަމުން ދިޔަކަމުގައިވިއަސް ދިވެހި ބަހުގެ ތެރެއަށް ބޭރުބަސްތަކުގެ ހިޔަނި އެޅިފައިވުމީ ހިތާމަހުރި ކަމެކެވެ. 2006 ވަނަ އަހަރު ބައިނަލްއަޤުވާމީ މާދަރީ ބަހާބެހޭ ދުވަހުގެ މުނާސަބަތުގައި ޔުނެސްކޯއިން ނެރުނު ރިޕޯޓްގައި ވަނީ ދުނިޔޭގައި ބޭނުންކުރަމުންދާ 6700 ބަހުގެތެރެއިން 45 އިންސަންތަ ބަސް މި ޤަރުނުގެ ތެރޭގައި އުވިގެން ދާނެކަމުގެ ވާހަކައެވެ. އެ ރިޕޯޓުގެ ސަބަބުން އަޅުގަނޑުގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައި ވެއެވެ. އަޅުގަނޑުމެންގެ ދިވެހިބަހަށް އެތެރެއިންނާ ބޭރުން އަންނަ ނުފޫޒުން ޙިމާޔަތްކުރުމަށް ޓަކައި އަޅުގަނޑުމެން ނިކުންނާން ޖެހިއްޖެއެވެ. ބޭރުގެ ބަސްބަހުން މުޢާމަލާތްކުރުމުގެ ބަދަލުގައި ދިވެހިބަހުން މުޢާމަލާތް ކުރެވިގެން ނޫނީ ދިވެހިބަހުގެ މިނިވަންކަން އޮތްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. ދިވެހީން ލިޔެ ކިޔުމުގައި ދިވެހިބަހަށް އިސްކަން ނުދެވޭންވީ ސަބަބެއް ނެތެވެ. ދިވެހިބަހުން ނުބުނެވޭ އެއްޗެއް ވަކި އެހެން ބަހެއްގައި ވޭތޯއެވެ؟ ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަކީ ކޮންމެ ދިވެހި ފަރުދެއްގެ ވާޖިބަކަށް ވީހިނދު އެ ވާޖިބު އަދާކުރުމުގައި ދިވެހިބަހަށް ސަމާލުކަން ދޭން އެބަޖެހެއެވެ. އެހެނީ މުޖުތަމަޢެއް އެއްބައިވަންތަ ކުރުމަށްޓަކައި އެންމެން ވާހަކަ ދައްކާ އެއްބަހެއްގެ ގޮތުގައި ދިވެހިބަސް އޮވެ، އެ ބަހުން ވާހަކަ ނުދައްކައި އެހެން ބަސްބަސް ބޭނުން ކޮށްގެން ޖުމްލައެއް ނިންމާލުމުން އަޅުގަނޑުގެ ހިތަށް ސިފަވަނީ އަޅުގަނޑުމެން ދިވެހީންގެ ނާޤާބިލު ކަމެވެ. ކޮންމެ ފަރުދެއްގެ ޒިންމާއެއްގެ ގޮތުގައި ދެކި ދިވެހިބަހަށް އިސްކަން ދިނުމަކީ މިއަދު ކުރާން ވެއްޖެ ކަމެކެވެ.

ދިވެހި ޤައުމަށް ސިޔާސީ ގޮތުން މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ. އޭގެފަހުން ބައިޤަރުނަށް ވުރެ ގިނަ ދުވަސް ވޭތުވެ ދިޔައީއެވެ. މިއަދު ލިބިފައިވާ މިނިވަންކަމުގެ ކުރިއެރުމާ އެއްވަރަށް އިޖުތިމާޢީ، ސިޔާސީ މިނިވަންކަމުގެ ވާހަކަތައް އެބަދެކެވެއެވެ. ފަރުދުންނަށް ޤާނޫނުން ލިބިދެވޭ ރައްކައުތެރިކަން ހޯދައިދީ، ހަމަޖެހޭ މުޖުތަމަޢެއް ޤާއިމު ކުރެވޭނީ ސިޔާސީ ނިޒާމުގައި ހުރި އަޑިގުޑަންތައް ޙައްލުކުރެވިގެންނެވެ. މިނިވަންކަމުގެ ވާހަކަ ދައްކާއިރު ޤައުމުގެ ޙާލަތު އޮތްގޮތާ މެދު ވިސްނާން އެބަޖެހެއެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުވެ ޒުވާނުން ކުށްކުރުން އިތުރުވެއްޖެއެވެ. މީހުންމެރުމަކީ އާދައިގެ ކަމަކަށް ވެއްޖެއެވެ. ކޮންމެ ދުވަހަކު އެއް ފަހަރު ކޮންމެވެސް ގުރޫޕަކުން ދިން ޙަމަލާއެއްގައި މީހަކު ޒަޚަމު ކުރުމާއި، މީހުން މެރުމުގެ ޚަބަރު އިވެމުން ދިޔުމަކީ ބިރުވެރި ރަނގަބީލެއްގެ އަޑުއިވުމެވެ.  އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުންދީ، ވައްކަންކުރުމާއި ގަނާކުރުން އިތުރުވެފައިވާ މުޖުތަމަޢަކަށް މި މުޖުތަމަޢު ވެއްޖެއެވެ. ކުށްކުރާ ބަޔަކު އެ ކަން ކުރަނީ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. މި ފަދަ ކަންކަން ޢާއްމުވުމުން ޤައުމުގެ އަމަން އަމާންކަން ދެކެ އަޅުގަނޑުމެންގެ ޅަދަރީން ބިރުގަންނަން ފަށައިފިއެވެ. ޞުލްޙަ މަސްލަޙަތު ދަމަހައްޓާން އެއް ބަޔަކު މަސައްކަތްކުރާ އިރު، އަނެއް ބަޔަކު ދަނީ އެ މަޞްލަޙަތު ނެތިކުރެވޭތޯ ބަލަމުންނެވެ. ބޭރުގެ ފަރާތްތަކުން އަމާން، އޮމާން ޤައުމެއްގެ ގޮތުގައި ދެކެމުންދާ އިރު، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އެ އަމާންކަން ނުފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެކެވެ. 

މި ކުޑަ ރީތި މިނިވަން ޤައުމުގައި މީގެ ކުރީން އަޅުގަނޑުމެން ދިރިއުޅެމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުންމަތީގައެވެ. އެ ދުވަސް މާޒީއާއެކުވެ ހިނގައްޖެއެވެ. ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް ރާއްޖޭގެ އަގުވައްޓައިލާން މަސައްކަތްކުރާ ބަޔަކު އެބައުޅޭކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. މިއީ ދިވެހި ކޮންމެ ފަރުދަކު ލަދުވެތިކަމާއެކު ނަމަ ވެސް ވިސްނާން ޖެހިފައިވާ ހަގީގަތެކެވެ. މިނިވަންކަން ބައިޤަރުނުގައި އޮތީތީ އެ ގޮތުގައި އަބަދު އޮންނާނެކަމަށް ދެކިގެން މިއަދު ތިބެވޭކަށް ނެތެވެ. އެ ކަންކަމާ ވިސްނައި ފިކުރުކުރާން އެބަޖެހެއެވެ. ބޭރު ޤައުމުތަކަށް ދިވެހީން ގޮސް ރާއްޖެ ބަދުނާމުކޮށް މިނިވަންކަން ނެތް ޤައުމެއްގެ ގޮތުގައި އަޑުއުފުލާ ނަމަ، އެ ގެއްލުން ދެވެނީ އެންމެ ފަރުދަކަށް ނޫނެވެ. އަޅުގަނޑުމެން އެންމެން ލޯބިވާ މި ދިވެހިރާއްޖެއަށެވެ.  މުޅި ޤައުމަށް ދެރައެއް ލިބޭ ފަދަ ގޮތަކަށް މަސައްކަތްކުރަމުން ގެންދާ ނަމަ، ކުރިމަގުގައި އަންނާން އޮތް ޖީލުތަކަށް ނޭދެވޭ އަސަރު ފޯރާނެއެވެ. އެއިގެ ގެއްލުން އާޚިރުގައި ލިބޭނީ ދިވެހި އެންމެ ފަރުދަކަށް ނޫނެވެ. މުޅި ޤައުމަށެވެ. ރާއްޖޭގެ އިސްތިޤުލާލަށާއި، މިނިވަންކަމަށް ހުރަސްއެޅޭ ބަޔަކަށް އަޅުގަނޑުމެން ދިވެހިން ވެގެން ނުވާނެއެވެ. 

މީލާދީ ސަނަތުން 1887 އިން ފެށިގެން 1965 ވަނަ އަހަރާ ހަމައަށް އަޅުވެތި ބައެއްގެ ގޮތުގައި ދިވެހިން ތިބި ތިބުން މާޒީވެ ހިނގައްޖެއެވެ. ކާބަފައިންގެ ބުރަ މަސައްކަތުން ލޭއޮހޮރުވުމަކާ ނުލައި ގެނެސްދެއްވި މިނިވަންކަން އަބަދުގެ އަބަދަށް ދެމިއޮންނާނީ މިއަދުގެ ޖީލުން މަސައްކަތްތަކެއް ކޮށްގެންނެވެ. ފަރުދުންގެ ގޮތުގައި ޤައުމަށް ކޮށްދެވިދާނެ ކަމަކީ ކޮބައިތޯ މިއަދު ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާ ސުވާލު ކުރުން މުހިންމެވެ. ތިމާގެ ފަރާތުން ޤައުމަށް ލާބަޔާއި މަންފާއަށް އެދި  ކިތަންމެ ކުޑަކަމެއް ކޮށްދިނަސް އެއީ ޤައުމަށް ކޮށްދެވޭ ވަރަށްބޮޑު ހެޔޮ ކަމެކެވެ. ޤައުމަށް މި ފަދަ ކަމެއް ކޮށްދިނުމަށް ޓަކައި ތިމާއަކީ ތަނަވަސް މުއްސަނދި ފައިސާވެރިއަކަށް ވާކަށް ނުޖެހެއެވެ. ތިމާއަކީ ބަސްވިކޭ އަޑުގަދަ މީހަކަށް ވެސް ވާކަށް ނުޖެހެއެވެ. ބޭނުންވަނީ އިޚުލާޞްތެރި ހިތެކެވެ. ޤައުމަށްޓަކައި ހެޔޮބަހެއްބުނާ، ޤައުމީ ނަޒަރަކުން ވިސްނައި ފިކުރުކުރާ ދިވެހި ދަރިއެކެވެ. ޤައުމަށް ވަފާތެރި ތެދުވެރިއެކެވެ. ޤައުމަށްޓަކައި ޤުރުބާންވާ ތައްޔާރަށްހުރި މަދަދުގާރެކެވެ. އިސްލާމްދީނަށް ލޯބިކުރާ، ދީނުގެ ހަމަތަކާ އުޞޫލުތަކަށް އިޙުތިރާމްކުރާ ޚުލުޤު ރަނގަޅު ދަރިއެކެވެ. މުޖުތަމަޢުގެ އެންމެންގެ ލޯބި ލިބޭފަދަ ހިތްތިރި މިތުރެކެވެ. ޤައުމުގެ ހަލާކު ކަމުގައިވާ މަސްތުވާގެ ވަބާއިން ދުރުވެފައިވާ އީމާންތެރިއެކެވެ. އެފަދަ މީހަކު ޤައުމުގެ އެންމެ އާދައިގެ ވަޒީފާއެއްގައި ހުރެގެން ނަމަވެސް ޤައުމަށް ކޮށްދޭ ޚިދުމަތަކީ އޭގައި ވަރަށް ބޮޑު ބުރަދަނެއް ހުރި ޚިދުމަތަކަށް ވާނެއެވެ.

ޤައުމުގެ ކަރާމާތާއި ޝަރަފަށްޓަކައި މަސައްކަތްކުރާން ތިބީ އަޅުގަނޑުމެން ދިވެހީންނެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ސުވާލުކުރުމުގެ ބަދަލުގައި، ތިމާ ޤައުމަށް ކޮށްދޭނެ ކަމަކާމެދު ފުރަތަމަ ވިސްނާށެވެ. ޤައުމެއް ދިރިދެމި އޮތުމަށް ޓަކައި އެ ޤައުމެއްގެ އަހުލުވެރީންގެ ބުރަމަސައްކަތުން ހޯދައިފައިވާ މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ ފަރުދެއްގެ ޒިންމާ ކަމުގައި ދެކެމާ ހިންގަވާށެވެ! މި ޤައުމުގެ މިނިވަންކަންމަތީ އަބަދުގެ އަބަދަށް ލެހެއްޓެވުން އެދި އެންމެންގެ އަތްތައް އުފުލައި ދުޢާކުރަމާ ހިންގަވާށެވެ!

____________________________________

އިދާރާ

އެނގޭތަ؟

ވާހަކަ