އަދުގެ ޚާއްސަ

Print

އާ މުޙާވިރާ ބަހެއް: ސީނު ތާކިހާ އެޅުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 

ޙާލަތާއި ޒަމާނަށް އަންނަ ބަދަލުތަކާއެކު އާ ލަފުޒުތަކާއި އާ ހަރުބަސްތަކާއި މުހާވިރާތައް ބަސްބަހަށް ވަންނަމުން ވައްދަމުން އައުމަކީ އަބަދުވެސް ހިނގަމުން އަންނަ ކަމެކެވެ. މި ގޮތުން ތަފާތު އެތައް ލަފުޒެއް ކޮވިޑް ނަވާރައާ ގުޅިގެން ވެސް އެކި ބަސްބަހަށް ތަޢާރުފުވިއެވެ. ދިވެހިބަހަށް ވެސް ލައްކަ ލަފުޒު ތަޢާރަފުވެއްޖެއެވެ. ފުރަބަންދާއި ގައިދުރުކަމާއި އެއްތާވުން ފަދަ ކިތަންމެ ލަފުޒެއް ދިވެހިބަހުގައި ވެސް އަލަށް ބޭނުންކުރާން ފެށުނެވެ. ބަހަށް ހީނަރުކަން އަންނަމުންދާ ކަމަށް ގިނަ ބަޔަކު ދެކޭ މި ދުވަސްވަރުގައި ހަމަ ގައިމު ވެސް މިއީ ބަހަށް ލިބުނު ކުރިއރުމެއްކަމަށް ނޫނީ އަޅުގަނޑު ނުދެކެވެ.

މިއަދު މި ހުށަހަޅައިލަނީ ދާދިފަހުން އުފެދުނު މުޙާވިރާއެކެވެ. ނުވަތަ މުޙާވިރާ ބަހެކެވެ. މިއީ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ލިޔުއްވައިފައިވާ ލިޔުއްވުމަކުން އަޅުގަނޑު ނަގައިފައިވާ ލިޔުމެކެވެ. އެ ލިޔުމުގެ ކުރީ ބައެވެ. ބަހާބެހޭ ބައެވެ.

[އާ މުޙާވިރާ ބަހަކާއި އޭގެ މާނަ / ސީނު ތާކިހާ އެޅުން: ފަސްއަޅައި ހަގީގަތް ފޮރުވުން] މި ސުރުޚީގެ ދަށުގައި އޭނާ ލިޔުއްވައިފައިވެއެވެ.

[އަނެއްކާ ވެސް ބަހަކާ ބެހޭ ވާހަކައެކެވެ. އަލަށް ދިވެހި ބަހަށް އިތުރުކުރެވިދާނޭ މުހާވިރާ ބަހެކެވެ. މި ބަހުގެ މާނައިގެ ތަފުސީލު ހުށަހަޅައިލުމުގެ ކުރީން، މުހާވިރާ ބަހާ ބެހޭ ގޮތުން އެއްޗެއް ބުނެލާން ޖެހެއެވެ. މުހާވިރާ ބަހަކީ އޭގެ، މިސާލު ބަހާއި ހަރުބަސް ފަދައިން ވާހަކަދައްކައި ލިޔެއުޅުމުގައި ބޭނުންކުރާ އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އިބާރާތެކެވެ.

ހަރުބަހާއި މިސާލު ބަސް، އޭގެ ބޭރު ފުށުގެ މާނައަށް ބަލައި، އެއިން ގަސްދުކުރެވޭ މާނަ އެނގިގަނެވެއެވެ. މިސާލަކަށް [ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނޭ] ބުނާ ބަހާ މެދު ވިސްނައިލާށެވެ. އޭގެ ބޭރުފުށުގެ މާނައަށް ބަލާއިރު، އެއީ ހަގީގަތެކެވެ. ހުސް ދަޅަކަށް ބާރުކޮށް ވެލިއަޅައި ހަލުވައިލައިފި ނަމަ އެ ވެލި ދަޅުތެރޭގައި ހެލޭ އަޑެއް ނީވޭނެއެވެ. ނަމަވެސް، ދަޅަށް، ގާ ފުކެއް ލައިފައި ހަލުވައިލައިފި ނަމަ، އެ ގާކޮޅު، ދަޅުގެ ތެރޭގައި ހެލޭ އަޑު އިވޭނެއެވެ. މި ހަރުބަހުން ގަސްދުކުރެވޭ ހަގީގީ މާނަ، އޭގެ ބޭރުފުށުގެ މާނައާ މެދު ވިސްނައިލުމުން އެނގެއެވެ. އެއީ އޭގެ ބޭރުފުށުގެ މާނަ މެދުވެރިކޮށް، އެއިން ގަސްދުކުރެވޭ ހަގީގީ މާނައާ ހަމައަށް ވާސިލުވެވޭތީއެވެ. ކަންކަން ރަނގަޅަށް އެނގި ދަންނަ މީހުން، އެ މީހުންނަށް ކަންކަން އެނގޭކަން ދައްކާން، އަބަދާއިއަބަދު، ވާހަކަދައްކައެއް ނޫޅޭނެއެވެ. އޭގެ ހަގީގީ މި މާނައަށެވެ.

ހަމަ އެހެންމެ، މިވެނި މީހެއްގެ ދުލަކީ ހަރުފައެއްހާ ވިހަގަދަ ދުލެކޭ ބުނުމުން، ބޭރު ފުށުގެ މާނައަށް ބަލައި، މި މިސާލު ބަހުން ގަސްދުކުރެވޭ ހަގީގީ މާނަ ދެނެގަނެ ވެއެވެ. މީހެއްގެ ދުލުގެ ނުބައިކަމުން، އޭނާ ދައްކާ، ބޭ އަދަބީ، ނުވަތަ ހަގީގާތާ ޚިލާފު، ނުރަނގަޅު ވާހަކަތަކުން، އެއިން ކުރާ ނުބައި އަސަރު ބަޔާންކޮށް ދިނުން، އެއީ މި މިސާލު ބަހުން ގަސްދުކުރެވޭ މާނަކަން، ސީދާ އެ ބަހުގެ ބޭރުފުށަށް ބަލައި ވިސްނައިގަނެވެއެވެ.

މިއާ ޚިލާފަށް މުހާވިރާ ބަހަކީ އޭގެ ބޭރު ފުށަށް ބަލައި، އެއިން ގަސްދުކުރާ ހަގީގީ މާނަ ދެނެ ނުގަނެވޭ ބަސްބަހެވެ. މިސާލަކަށް އިނގިރޭސި މި މުހާވިރާ ބަހަށް، ‘އިޑިއަމް’އަށް، ބަލައިލާށެވެ. [ބުޅަލާއި ކުއްތާގެ ވާރޭ ވެހެނީއެވެ!] މި މުހާވިރާ ބަހުގެ ބޭރު ފުށަށް ބަލައި، ކިތަންމެ ގޮތަކަށް މާނަކުރެވިދާނެއެވެ. ބޮޑު ތިކި ވާރޭ ވެހުމެވެ. ވަކި ކުލައެއްގެ ވާރޭ ވެހުމެވެ. ދޭތެރެ ދޭތެރެއިން ވާރޭ ވެހުމެވެ. ނަމަވެސް މި މުހާވިރާއިން ގަސްދުކުރެވޭ މާނައަކީ މިއިން އެއްވެސް މާނައެއް ކަމުގައެއް ނުވެއެވެ. އެ މުހާވިރާ ބަހުން، ގަސްދުކުރެވޭ މާނައަކީ ވަރަށް ބޯކޮށް ވާރޭ ވެހޭކަމެވެ.

ދެން އޮތީ މިއަދުގެ މުހާވިރާ ބަހެވެ. އާދެ، ސީނު ތާކިހާ އެޅުމުގެ ވާހަކައެވެ. މި މުހާވިރާ ބަސް އެކުލެވިފައިވަނީ އަޅުގަނޑުމެން ދަންނަ ދެ ބަހުންނެވެ. ފުރަތަމަ ބަހަކީ [ސީނު] އެވެ. އާދެ، ސީނުތަށި އެއީ ވަރަށް ކުރިއްސުރެން އިވޭ ލަފުޒެކެވެ. ޗައިނާއިން ހަދައިގެން ގެންނަ ތައްޓެވެ. ޞީނު އެއީ އަރަބި ބަހުން ޗައިނާއަށް ކިޔާ ނަމެވެ. ސީދާ އަރަބި ބަހުން ނޫނީ ހިންދީ ބަސް ތެރެއިންލައިފައި ދިވެހި ބަހަށް ވަދެފައި އޮތް ލަފުޒެކެވެ. ދެން އޮތީ [ތާކިހާ]އެވެ. ވަކިގޮތަކަށް، ފޮތިން ނޫނީ ރޮދިން ނޫނީ ކެހެރިން ފަހައިގެން ނޫނީ ވިޔެގެން، އާންމު ގޮތެއްގައި ފިރިހެނުންގެ ބޯ ނިވައިކުރުމަށް ޓަކައި، އަޅާ އެއްޗެކެވެ. ތާކިހާގެ ވެސް އަސްލު ގުޅުނީ އަރަބި ބަހާއެވެ. އާދޭހެވެ! "ޠާޤިޔާ" މި ލަފުޒާއެވެ. މިލަފުޒު ވެސް މިއީ ސީދާ އަރަބި ބަހުން ނޫނީ އުރުދޫ ފަދަ ކޮންމެވެސް އެހެން ބަހެއްގެ ތެރެއިން ދިވެހި ބަހަށް ވަދެފައި އޮތް ލަފުޒެކެވެ.

ކޮންމެ އަކަސް، ސީން މި ލަފުޒާއި ތާކިހާ މި ދެލަފުޒު އެއްކޮށްލައިގެން ސީނު ތާކިހާ އުފެދުނީއެވެ."ޑރ. ޣަފޫރުގެ ބަޔާނުން އަޅުގަނޑު ނަކަލުކުރި ބައި ނިމުނީއެވެ. އަޅުގަނޑު މި ނަކަލުކޮށްލީ އެ ލިޔުމުން އަޅުގަނޑުގެ މައުޟޫޢަށް ފުދޭބައި އެކަންޏެވެ. މި ލިޔުގެ އަނެއްބައި އެހެން ވަސީލަތްތަކުން ވިދާޅުވާށެވެ! މިއީ ހަގީގަތަށް ފަސްއަޅައި ފޮރުވައިލުމުގެ މާނައިގައި ބޭނުންކުރެވިދާނެ މުޙާވިރާ ބަހެއްކަން ޑރ. ޣަފޫރުގެ ލިޔުމުގެ ސުރުޚީއިން ވެސް ދެނެގަނެވުނީތީ މިހައި ވަރުން ވެސް އަޅުގަނޑުގެ ބޭނުން ފުދޭތީ އަނެއްބައި ދޫކޮށްލީއެވެ. އަދި ސީދާ މި މާނަ ނޫނަސް މިއާ ކައިރިކުރާ ފަދަ ގޮތްގޮތަށް [ދެބޯގެރި ދުއްވުން] ވެސް ދިވެހީން ބޭނުންކޮށް އުޅެއެވެ. އެއީ މީހުންގެ ނަޒަރާއި ފިކުރު އެހެން އަތަކަށް ފިރުކައިލާން ކުރާ ކަންކަމަށް ބޭނުންކުރާ ބަހެކެވެ. ނަމަވެސް [ސީނު ތާކިހާ އެޅުވުމަކީ] ހަގީގަތުގައި މަތިޖަހައި ފޮރުވުމަށްޓަކައި ކުރާ ކަންތަކެވެ. މި ފަދަ ޙާލަތްތަކުގައި ބޭނުންކުރެވިދާނެ މުޙާވިރާ ބަހެކެވެ. އާދޭހެވެ! އަނެއްކާ ވެސް އާ ހަރުބަހެއް ދިވެހިބަހަށް އައީއެވެ. މިއީ ވެސް ބަހަށް ލިބުނު މުއްސަނދިކަމެއްކަމުގައި ނޫނީ އަޅުގަނޑު ނުދެކެވެ. ޑރ. ޣަފޫރަށް ތަހުނިޔާ ދަންނަވަމެވެ.

__________________________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ