އަދުގެ ޚާއްސަ

Print

ބަޑި އެދުރު ވަޑައިގަތީ ކޮންތާކަށް؟

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ ތާރީޚް



މަޒުމޫނު: ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން (1928)

ބަޑި އެދުރަކީ ކާކުހެއްޔެވެ؟  އޭނާ ''ވަޑައިގެންވީ'' ކޮންތާކު ހެއްޔެވެ؟ ހާމުންޑިއާއި، ވިގަނީގެ ތަފާތަކީ ކޮބައިހެއްޔެވެ؟  ކުޑަފޫޅާއި ކަށްޑެއްވާއި ބުއްޑެވި ''ދިރިއުޅުނީ'' ކިހިނެއް ހެއްޔެވެ؟ މިތަކެއްޗާމެދު ކުރީގެ ދިވެހިން ގަބޫލުކުރަމުން އައި ޚުރާފީ ގޮތްތަކަކީ ކޮބައިހެއްޔެވެ؟

މި ސުވާލުތައް ހިތްޕުޅުގައި އުފެދޭނަމަ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ''ދިވެހި ތާރީޚާ ގުޅޭ ވަކި ޚަބަރެއް'' މި މަޒުމޫނުން  އެކަށީގެންވާގޮތުގައި އޭގެ ޖަވާބު ލިބޭކަމަށް ފެނެއެވެ.  އެހެންކަމުން، ފަންވަތުގެ އަހުލުވެރިންނަށް އެމަނިކުފާނުގެ އެ މަޒުމޫނު ހުށަހަޅާލަމެވެ. 


                                                     ދިވެހި   ތާރީޚާ ގުޅޭ ވަކި ޚަބަރެއް

ޙުސައިން ޞަލާޙުއްދީން 

ހިޖުރީ ސަނަތުން 1346 މިވަނަ އަހަރު ޙައްޖަށް ދާން، މި ތާރީޚު ލިޔާ ކަލޭގެ ގޮސް ކޮޅުނުގައި ހުއްޓައި މިސްޓަރ އެޗް. ސީ. ޕީ. ބެލް ފޮނުއްވި ސުވާލަކަށް ލިޔުނު ޖަވާބުގެ ތަރުޖަމާ.


އޭ މާތްވެގެންވާ ސާހިބާއެވެ!

ދިވެހި ރާއްޖޭގެ މީހުން (ބުއްޑެވި) އާއި މެދުގައި ހީކުރާ ގޮތްތަކާއި ރާއްޖޭގެ އެހެނިހެން ދެވިތަކުގެ ވާހަކައިން ތިޔަ ސުވާލުކުރައްވަނީ، މި ކަރައިގެ ސިންގަޅައިންގެ ގާތުގައި އެކަހަލަ ދެވިތަކެއް ނުވޭތޯއެވެ.

އަޅުގަނޑު ހީކުރަނީ ރާއްޖެއަށް ވުރެ މި ކަރައިގައި ދެވިތައް މާ ގިނަވާނޭ ކަމަށެވެ. އަދި ކަލާނގެ އެއްކައުވަންތަކަން ނުދެކެ ޖާހިލުކަމުގައި ތިބޭ ކޮންމެ ބަޔަކުމެ، އެބަޔަކާއި ކުރިމަތިވާ ޠަބީޢީ ކޮންެމެ ގަދަ ބާރަކީ،  އިލާހެއްކަމަށް، ނުވަތަ ކޮންމެވެސް ދެއްވެއްކަމަށް ހަދައި، އެއިގެ ސިފަތައް އެބަޔަކުގެ ވިސްނުމާއި އެކުލަވާގޮތަކަށް ކިޔައި ހަދަނީ ކަމަށެވެ.

މިގޮތް މަތީން ރާއްޖޭގެ މީހުންވެސް އިސްލާމް ނުވެ ތިބިއިރު ގެންގުޅުނު ދެވިތަކުގެ ތެރެއިން ކުޑަ އެތިކޮޅެއްގެ ނަންތައް އަދިވެސް ހުރީއެވެ. 

 އެއީ އެމީހުން އިސްލާމް ނުވާއިރު ދޭވުގެ އަޞްލު މާނަ މައްޗަށް ގެންގުޅުނު ތަކެތިކަމުގައި ވިޔަސް،  އިސްލާމްވީފަހުން އެތަކެއްޗަށް ލިބިފައިވަނީ، ޝައިޠާނުންގެ ދަރަޖައެވެ. މިއީ އަޅުގަނޑަށް ފެންނަ ގޮތެވެ.

މި ގޮތްމަތީން ރާއްޖޭގެ މީހުންގާތުގައި.

(ބުއްޑެވި)       މިއީ ބުދުތަކުގެ ރޫޙާނީ ކަމެވެ. ބޫޛާ ގެ ރޫޙާނީ ކަމެއް ނޫނެވެ.

(ރަވޯ)             އަކީ ޅަކުދީންނާއި ފާވެގަނެގެން އުޅޭ ޝައިޠާނެކެވެ. ކުދީންނަށް ޒާތްޒާތުގެ އުނދަގޫދީ ހަށިހިއްކައި، ރޮއްވައި، އަރާމު ލިބުނަ ނުދީ އުޅެ އެވެ.

(އޮޑިތާން)        މިއީ ކަނޑުގެ ފަހުލަވާނާ އެވެ. ކަޅުހިލަ ދާ ޔަކަށް އަރައިގެން، ބިންހިމަ ފަތަކުން ރިޔަލެއް ނަގައިގެން ވެސް ހިނގައިދެ އެވެ.

(ހެއި މޫސަ)       އަކީ ވެސް މިފަދަ ދެއްވެކެވެ.
(ދިޔޯ)              ރޫޙާނީ ރާނީ އެކެވެ.

(މިސްކަތްދާރަ)      އަކީ ރާއްޖެ އިސްލާމްވުމަށްފަހުގައި، އުފެދުނު ދެއްވެއްކަމުގައި ފެނެ އެވެ. ކޮންމެއަކަސް މިއީ މުއުމިނު ޖިންނި އެވެ.  އެއްވެސް ނުބައި ކަމެއް އެއިގެ ކިބަޔަކުން ނާންނާނެ އެވެ.  

(ހަންޑި)            މިއީ އަންހެން ޝައިޠާނެކެވެ. ވަރަށް ދެރަ މުޑުދާރު އެއްޗެއްމެ އެވެ.
(ވިގަނި)            މިއީ މަރުގެ ރޫޙާނީ ކަމެވެ. ކުއްލި ކުއްލިއަށް މީސްތަކުން މަރުވުމާއި، ވަބާތަކާއި ރޯގާތަކުގެ ސަބަބަކީ، އެއީ ކަމުގައި ހީކުރެތެވެ.
(ކުޑަފޫޅު)          މިއީ ވަރަށް މުޑުދާރު ޝައިޠާނެކެވެ. ވަރަށް ގިނަ ދުއްތުރައު މީސްތަކުންނަށް ދޭ އެއްޗެކެވެ.
(އިފުރިންފަރާ)      އަކީ، ވަރަށް ބޮޑު ރޫޙާނީ ރަސްކަލެކެވެ. ބޮޑެތި ކިޔެވެލި ކިޔަވައިފައި، ކަތިލާ ޤުރުބާން އެއިގެ މައްޗަށް، ކަތިލެވޭކަމަށް ބުނެވެ އެވެ.
(އޮޑިވަރުރެއްސި)    އަކީ ކަނޑުގައި އުޅޭ ޝައިޠާނެކެވެ. މަސްވެރީންނާއި ދިމާކޮށްގެން އުޅެއެވެ.
(ކިއްސައްދެވި)     މިއީ ޤަބުރުސްތާނުގައި އުޅޭ ޝައިޠާނެކެވެ. މީހުނަށް ބަލިޖައްސައި ކުލަ ރީނދޫކޮށް، މާބަނޑު މީހުންގެ ބަނޑުގައި ރޮނގު ދަމައި އުޅެއެވެ.
(މުޅަދެވި)          މިއީ ވެސް ޤަބުރުސްތާނުގެ ދެއްވެކެވެ. 
(ހާމުންޑި)        މިއީ ގެޔަށް އޮޅުވެގެން އުޅޭ ޒާތުގެ ދޫނި ސޫފާ ސޫފީގެ ދެއްވެވެ. އިންނާނީ ހިޔަ ފިޔޮއް ގޮވައިގެން އިންނަ ފީކުކުޅެއް ހެންނެވެ.
(ބަބުރުކަލޯ)       ބަޑި އެދުރު ކަލޭގެ ނުވަތަ ކަލޭފާނު ނުވަތަ މާބެއި، ނުވަތަ ކިރުފެލި ހުނި ހުސެންކަލޭގެ ނުވަތަ ބަޑި ފުރޭތަ: މިއީ ކުއްފާރު ޖިންނި އެވެ. މާ ގަދަފަދަ ޝައިޠާނެެކެވެ. އަބަދުވެސް ބޮޑު ބަޑިއަކާއި، ކައިތުވައްބަޑިއަކާއި، ފިސްތޯލައަކާއި ގެންގުޅެއެވެ. އޭނާގެ ގަންގަނެވިއްޖެ ކޮންމެތާކު ހުރެ އެވެ.

 އަންހެނުންގެ ކުށަކީ މި އެވެ. މީނާގެ ވާހަކަ ވަރަށް ދިގެވެ.
 
(ދޯނގި އައިހާ ކަނބުލޭގެ) މިއީ ބަޑި އެދުރުގެ ހެޔޮ އަނބި މީހާ އެވެ. ރުމާތީޒަމްބަލި ޖައްސަނީ މި ކަނބުލޭގެ އެވެ.

 މި މިހައިރަކަށް އައިސް ނަންވެސް ހުރި ތަކެއްޗަކީ، މިއެވެ. 

 އަޅުގަނޑުގެ ހިތުން ދިވެހި ރާއްޖޭގެ އިހު މީހުން ވެސް މި ބާވަތުގެ ޚުރާފާތުތައް ގެންގުޅުމުގައި އެހެންވެސް ގަދީމީ ޒަމާނުގެ ޖާހިލުންނެކޭ ވަކި ތަފާތެއް ނޫނެވެ. މި އިން ކޮންމެ ދެއްވެއްގެ ނަސަބާއި، ޙަސަބު ކިޔައި، ބަނދި ހަދައިފައި ހުރުމާއި، އެ ކިޔޭ ސިފަތަކީ، އިންސާނުންގެ ސިކުނޑިޔަށް ވަންނަ ވަރަށްވުރެ މާ ބޮޑެތި ފަލަ، ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމުގައި ވުމާއިއެކު، ފިކުރަކާއި ނުލައި ތެެދުކޮށްގެން ތިބުމާއި، މި ކަންކަން ހުރީ އެހެންވެސް ތަންތަނެކޭ ހަމަ އެއްގޮތަކަށެވެ.

مثلا :  ބަޑި އެދުރުކަލޭގެ ބަނދި. އިރުދޯދި ކަމަނާ ބަނޑުން، ނޫރުކީ ރަސްގޮދަފަން، ކުއްފާރު ރަސްބަޑި އެދުރު ކަލޭގެފާނެވެ... ކަލޭގެފާނީ. ކަލޭގެފާނުންގެ މައިކަމަނާޔާއި، ކާވަނި ބައްލަވައިގެން ލިބުނު ހަތް އަންހެން ބޭފުޅުންނާއި، ކާވަނި ބައްލަވައިގެން ހުންނަވާ ކަލޭގެފާނެވެ.

މި ބާވަތުން އިހުގެ މީހުން ކިޔައިފައި އެ ހުންނަ ތަކެއްޗަކީ، މީހަކު ވިސްނައިފި ނަމަ ހައިރާންވެދާފަދަ ތަކެއްޗެވެ. އަދި ހީވާން އުޅެޔޭ މި ބާވަތަށް ކިޔައިފައި ހުންނަ ތަކެއްޗަކީ، އެއިގެ މާނައިން ކިތަންމެ ހަރުކަށި، ކުރަކި މާނަތަކެއް ފެނުނަސް، އެތަކެތި އެ ކީ މީހުންނީ، ހުރިހައި ޠަބީޢީ ކަންތައްތަކާއި، ބާރުތަކީ، އިލާހުންކަމުގައި ލައިގެން ތިބި ބަޔަކު ކަމުގައިވުމުން،  އެބަޔަކުގެ މުރާދަކީ، އަދި އެހެން ގޮތަކަށް ހުރި މާނަތަކެއް ކަމުގައިވެސް ވެދާނެ އެވެ. ރާއްޖޭގެ ވެސް ޤަދީމީ ޒަމާނުގެ ޖާހިލުންގެ ޙާލު ހުރީ  މިކަހަލަ ގޮތަކަށެވެ.  މިހާލުގައި ރާއްޖޭގެ މީހުން ތިއްބައި އިސްލާމްދީނުގެ ނޫރު ރާއްޖެ އަށް ވަނުމުން އެބާވަތުގެ ޚުރާފާތުގެ ވިލާތައް، ވިލާގަނޑަކަށްފަހު ވިލާގަނޑެއް ކަނޑަކަނޑައިގެން ގޮސް، އަދި ވަކީން އުތީމު ރަދުންގެ ޒަމާނަށްފަހުގައި، މީސްތަކުގެ އިޢުތިޤާދުގެ އުޑުމަތި ސާފުވެ މިހައިރު ހުރީ އެބާވަތުގެ ކަންތަކުގެ ހަމަ އެކަނި ނަންތަކެވެ. އެޒަމާނަށް ފަހުގައި އުފެދުނު ޢިލްމުވެރީން ޝައިޠާނުންގެ ދައުލަތާއި ހަނގުރާމަކޮށް، އެ ދައުލަތް ފިލައިހިނގާއްޖެ އެވެ. އެޒަމާނުގެ ޢިލްމުވެރީން ކިޔައިފައި ހުރި ޅެންތަކާއި ބަސްތައް މި ބަސްމައްޗަށް ހެކި ވެއެވެ. اه:  با اختصار

މި ވާހަކަ މި މަޖައްލާގައި މި ލިޔުނީ، ރާއްޖޭގެ ދެވިތަކާއި މެދުގައި އަދި މިއަށްވުރެ އިތުރަށް ފުރިހަމަ ގޮތެއް އެނގިލައްވާ ބެއިކަލަކު، މި މަޖައްލާ ދެކިލައްވައިފިނަމަ އެބެއިކަލަކުގެ މަޢުލޫމާތުން، މި މަޖައްލާޔަށް ފައިދާޔެއް ކުރެއްވުން އެދިގެންނެވެ. 

  ( ނޯޓު: މި މަޒުމޫނުގެ އަސްލު ޝާއިޢު ކުރައްވާފައި ވަނީ، '' އަލްއިޞްލާޙު'' މަޖައްލާގެ 3 ވަނަ ޢަދަދުގައެވެ.)


ފަންވަތުގައި ހިމެނުމަށް މި މަޒުމޫނު ނަކަލު ކުރުން: 

ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް (01) ނޮވެލްޓީ ޕްރެސް (2007). ދިވެހި ތާރީޚާއި ގުޅޭ ވަކި ޚަބަރެއް.(ޞ.48).

               
 

ހަމަމިގަލަމުން

އިދާރާ

ވާހަކަ