އަދުގެ ޚާއްސަ

Print

ޙައްޖުމަހުގެ އަޅުކަންތަކުގެ ފިޤްހިއްޔާތުގެ ތެރެއިން (2)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

 އިބްރާހީމް ރަޝީދު މޫސާ

(28 ޖުލައި 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

  • ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ.  (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْداً مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ(6) – ޢަރަފާތު ދުވަހަށް ވުރެ ގިނައިން އެހެން އެއްވެސް ދުވަހެއްގައި، ﷲ  އެކަލާނގެ އަޅުން، ނަރަކައިން  މުއްތި ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ އެ ދުވަހު ކުއްތަންވެ ވޮޑިގަތުމަށް ފަހު މަލާއިކަތުންނަށް އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ، އެކަލާނގެ ވަޙީ ކުރައްވާނެތެވެ. އެބައިމީހުން އެދެނީ ކޮން ކަމެއް ހެއްޔެވެ؟) ރަސޫލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢަމްރު ބުނުލް ޢާޞްގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلىاللهعليهوسلم  ޙަދީސް ކުރެއްވިއެވެ. (إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلاَئِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ فَيَقُولُ: انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثاً غُبْراً (7) – ހަމަކަށަވަރުން އަރަހުށި މަތިވެރި ﷲ ޢަރަފާތު ދުވަހު ހަވީރު، އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހްލުވެރިން ދައްކަވައި އެކަމާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ފަހެ އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަން ތިމަންރަސްކަލާނގެ އަޅުންނަށް ބަލާބަލާށެވެ! އެމީހުން ދަތުރުގެ ވަރުބަލިކަމާއެކު  ބޯހޭވި ހިރަފުހާ ތަތްތެޅިގެންވާ ޙާލުގައި އެ ތިބީ ތިމަންރަސްކަލާނގެ ޙަޟްރަތަށް އައިސްފައެވެ.) މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންގެ ގިނަ ޢާލިމުން ވިދާޅުވާ ގޮތުން ޢަރަފާތު ދުވަހު ޙައްޖުވެރިޔާއަށް ރޯދަ ހިފުން ސުންނަތްވެގެން ނުވެއެވެ. އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު ރަސޫލާގެ އަރިހުގައްޔާއި އަބޫބަކްރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެ އަރިހުގައި ޙައްޖުވެ ވަޑައިގަތެވެ. އެއިން އެއްވެސް ބޭކަލަކު ޢަރަފާތު ދުވަހު ރޯދަފުޅެއް  ނުހިއްޕަވަތެވެ.)) ޙަނަފީން ވިދާޅުވާ ގޮތުގައި ޙައްޖުވެރިޔާއަށް ވެސް ރޯދަ ހިފުމަށް ކުޅަދާނަވެގެންވާނަމަ ރަނގަޅީ ރޯދަ ހިފުމެވެ.

ޤުރްއާން ކިޔެވުން 

ކީރިތި ޤުރްއާން ކިޔެވުމަކީ އަޅުކަމެކެވެ. ޤުރްއާން ކިޔަވާ އަޑުއެހުމަކީ ސުންނަތެކެވެ. ޤުރްއާން ކިޔަވައިދިނުމަކީ ސުންނަތެކެވެ. މާތް ﷲ މާތް ކުރެއްވި ދުވަސްތަކުގައި ޤުރްއާން ކިޔެވުން މާ އިތުރުވެގެން ވެއެވެ. 

ޙައްޖު މަހުގެ ދިހަ ރޭ އިޙްޔާކޮށް ދިރުވުން 

 ޙައްޖު މަހުގެ ފުރަތަމަ ދިހަ ރޭ ހެޔޮ ޢަމަލުތަކުންނާއި ޢިބާދާތުތަކުން ދިރުވުމަކީ ސުންނަތްވެގެންވާ ކަމެއްކަމަށް ޙަނަފީންނާއި ޙަންބަލީ ޢިލްމުވެރީން ވިދާޅުވިއެވެ. މި ކަމުގައި އެ ބޭކަލުންގެ ދަލީލަކީ ރަސޫލާ صلى الله عليه وسلم ގެ މި ބަސްފުޅެވެ. ) ما مِنْ أيامٍ أحبُّ إلى اللهِ أن يُتعبَّدَ لهُ فيها من عشرِ ذي الحجةِ، يعدلُ صيام كلِّ يومٍ منها بصيامِ سنةٍ، وقيامُ كل ليلةٍ منها بقيامِ ليلةِ القَدْرِ(8)  – ޙައްޖުމަހުގެ ދިހަ ދުވަހަށްވުރެ ﷲއަށް އަޅުކަންކުރުން އެކަލާނގެ ޒާތުފުޅަށް ލޮބުވެތިކަން ބޮޑު އެހެން ދުވަސްތަކެއް ނުވެއެވެ. އެއިން ދުވަހެއްގައި ރޯދަ ހިފުމަކީ މުޅި އަހަރު ރޯދަ ހިފުމާ އެއްވަރު ކަމެކެވެ. އަދި އެއިން ރެއެއްގައި ޤިޔާމު ކުރުމަކީ ލައިލަތުލް ޤަދްރި ވިލޭރޭ ޤިޔާމު ކުރުމާ އެއްފަދަ ކަމެކެވެ.) 

ﷲއަށް ޛިކްރުކުރުން ގިނަކުރުން 

 ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ ތެރޭގައި ﷲ އަށް ޛިކްރު ކުރުން ގިނަކުރުމަކީ މުސްތަޙައްބު ކަމެކެވެ. ނަވަވީގެފާނު ވިދާޅުވެފައިވާ ގޮތުގައި މި ދުވަސްތަކުގައި ވަކިން ޚާއްޞަކޮށް ޢަރަފާތު ދުވަހު ޛިކްރު ކުރުން ގިނަކުރުމަކީ މުސްތަޙައްބު ކަމެކެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. ((لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ(9)  - އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ. ))  

އުޟުޙިޔާ ކަތިލުން

ﷲ ތަޢާލާގެ ނިޢުމަތްތަކަށް ޝުކްރު އަދާކުރުމަށް ޓަކައި އުޟްޙިޔާ ކަތިލުމަކީ ވަރަށް ބޮޑަށް ސުންނަތްވެގެންވާ ކަމެކެވެ. އެއީ ޤުރްއާނާއި ސުންނަތުން ޝަރްޢު ކުރައްވައިފައިވާ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فَصَلِّ لِرَبِّكَ وَانْحَرْ(10)  - ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!)) މުފައްސިރުން ވިދާޅުވާގޮތުގައި މި ބަސްފުޅުގެ މާނައަކީ އަޟްޙާ ޢީދު ނަމާދު ކުރައްވައި އުޟްޙިޔާ ކަތިލުއްވާށެވެ!)) މާތް ﷲ ރުއްސުންލެއްވި އަނަސު ބިން މާލިކުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ދަޅު ފަޅައިފައިވާ ދެ ކަންބަޅި ބަކަރި އެކަލޭގެފާނުގެ މާތް އަތްޕުޅުން ކަތިލެއްވިއެވެ. އެކަލޭގެފާނު މި ދެ ބަކަރި ކަތިލެއްވީ ބިސްމި ވިދާޅުވެ ތަކްބީރު ވިދާޅުވަމުންނެވެ. 

- އުޟްޙިޔާ ކަތިލުމުގެ ޙުކުން: އުޟްޙިޔާގެ ޙުކުމާ ބެހޭގޮތުން ޢިލްމުވެރީންގެ ތިން ރައުޔެއް ވެއެވެ.

  • ފުރަތަމަ ރައުޔު: އެއީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ އަބޫބަކްރުގެފާނާއި ޢުމަރުގެފާނާއި ބިލާލުގެފާނާއި ސަޢީދު ބުނުލް މުސައްޔަބާއި ޢަޠާއުއާއި އަބޫ ޘައުރާއި އަސްވަދު ފަދަ ޞަޙާބީންނާއި ތާބިޢީންގެ ރައުޔެވެ. ފިޤްހީ ޢިލްމުވެރިންގެ ޖުމްހޫރުގެ ބަހަކީ މިއެވެ. ރަސޫލާ صلىاللهعليهوسلم  ޙަދީސް ކުރެއްވިއެވެ. ((إذا دخلَ العَشرُ وأرادَ أحدُكم أن يضحِّيَ فلا يمسَّ من شعرِهِ ولا بَشَرِهِ شيئًا(11)   – ޙައްޖުމަހުގެ ދިހަ  ދުވަހުގެ ތެރެއަށް ވަދެވިއްޖެނަމަ އަދި ތިޔަބައިމީހުންކުރެ މީހަކު އުޟްޙިޔާ ކަތިލަން އެދޭނަމަ ފަހެ އޭތީގެ ކެހެރީގައި ވެސް އަދި ހަންގަނޑުގައި ވެސް ނުބީހޭ ހުށިކަމެވެ! ))  އެދޭނަމައޭ އޮތް ބަސްފުޅުން އެއީ ލާޒިމު ކަމެއްނޫންކަން އެނގެއެވެ. މީގެއިތުރަށް އަބޫބަކްރުގެފާނާއި ޢުމަރުގެފާނު ބައެއް އަހަރުއަހަރުގައި އުޟްޙިޔާ ކަތިލައްވައިފައެއް ނުވެއެވެ. އެއީ ވާޖިބު ކަމެއް ކަމުގައިވާނަމަ އެބޭކަލުން ކޮންމެ އަހަރަކު އެ ކަން ކުރައްވާނެތެވެ.
  • ދެވަނަ ރައުޔަކީ އެއީ ވާޖިބު ކަމެކެވެ. މިއީ ޙަނަފީ މަޒްހަބުގެ ރައުޔެވެ. މާލިކުގެފާނުގެ ރައުޔުތަކުގެ ތެރޭގައި ވެސް މި ރައުޔު ހިމެނެއެވެ. މި ބޭކަލުންގެ ދަލީލަކީ އިސްވެ ދެންނެވި ﷲގެ ބަސްފުޅު ((( فَصَلِّ لِرَبِّكَ وَانْحَرْ(12)  - ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!)) ކީރިތި ރަސޫލާ صلىاللهعليهوسلم  ޙަދީސް ކުރެއްވިއެވެ. ((مَن كانَ لَهُ سعةٌ ولَم يضحِّ، فلا يقربنَّ مُصلّانا(13)   – ތަނަވަސްކަން ލިބި އުޟްޙިޔާ ކަތިނުލާ މީހާ އަހުރެމެންގެ ނަމާދުގެތަކާ  ގާތް ނުވާށެވެ!)) ޖުމްހޫރުން ވިދާޅުވާ ގޮތުގައި މިއީ  މަރްފޫޢު ޙަދީސެއްނޫނެވެ. އެހެނަސް އެއީ މައުޤޫފު ޙަދީސެކެވެ.(14)  
  • އުޟްޙިޔާ ކަތިލުމުގެ ވަގުތު: ޙަނަފީންނާއި ޙަންބަލީންނާއި މާލިކީ މަޒްހަބުގައި ޢަމަލުކުރެވޭ ރައުޔަށް ބަލާއިރު އުޟްޙިޔާ ކަތިލެވޭނީ ޙައްޖު މަހުގެ 10 އާއި 11 އާއި 12ވަނަ ދުވަހުއެވެ.
  • ޝާފިޢީން ވިދާޅުވާ ގޮތުގައި 13ވަނަ ދުވަހާ ހަމައަށް އުޟްޙިޔާ ކަތިލެވޭނެއެވެ. މި ބޭކަލުންގެ ދަލީލަކީ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅު ((وفي كلِّ أيامِ التشريقِ ذبْحٌ(15)  - އައްޔާމުއްތަޝްރީޤުގެ ހުރިހާ ދުވަސްތަކެއްގައި ކަތިލުން ވެއެވެ.)) މީގެއިތުރަށް ޢަލީގެފާނުގެއަރިހުން ރިވާވެގެން ވެއެވެ.(( النحرُ يومَ الأضْحَى وَثلاثَةَ أيامٍ بعدَه – ކަތިލުން އޮތީ އަޟްޙާ ޢީދު ދުވަހުގައްޔާއި އޭގެފަހުން އަންނަ ތިން ދުވަހުގައެވެ.))

މެދުފޮއި ރޯދަ

 ކޮންމެ މަހެއްގެ 13ވަނަ ދުވަހާއި ، 14ވަނަ ދުވަހާއި، 15 ވަނަ ދުވަހު ރޯދަ ހިފުމަކީ ސުންނަތްކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( مَن صامَ مِن كُلِّ شَهرٍ ثَلاثةَ أيامٍ، فذاكَ صِيامُ الدَّهرِ(16)  - ކޮންމެ މަހަކު ތިން ދުވަހު ރޯދަ ހިފި މީހާ ފަހެ އެއީ މުޅި އަހަރު ރޯދަ ހިފުމެވެ. )) އެހެނަސް ޙައްޖުމަހުގެ 13 ވަނަ ދުވަހަކީ ރޯދާ ހިފުން ޙަރާން ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހަކަށް ވާތީ ޙައްޖު މަހުގައި މެދުފޮއި ރޯދަ ހިފާނީ 14 ވަނަ ދުވަހާއި 15ވަނަ ދުވަހާއި 16ވަނަ ދުވަހުގައެވެ.

ތަކްބީރު ކިޔުން 

 ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން މި މަހުގެ 13ވަނަ ދުވަހުގެ ޢަޞްރު ނަމާދާ ހަމައަށް ކޮންމެ ފަރްޟު ނަމާދެއްގެ ފަހުން ތަކްބީރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ތަކްބީރު ކިޔުމަށް އެތައް ޞީޣާތަކެއް ވެއެވެ. 

__________________________________

ފުޓް ނޯޓާއި ޙަވާލާ:

6.      مسلم : 1348.

7.      أخرجه أحمد (٧٠٨٩) والطبراني (١٣/٦٠٤) (١٤٥٢٢)

8.      أخرجه الترمذي (٧٥٨)، وابن ماجه (١٧٢٨)

9.      الحج : 28

10.    الكوثر : 2

11.   أخرجه مسلم (١٩٧٧)، وابن ماجه (٣١٤٩) واللفظ له

12.    الكوثر : 2

13.   أخرجه ابن ماجه (٢١٢٣) واللفظ له، وأحمد (٨٢٧٣)

14.   شرح بلوغ المرام لابن عثيمين ٦‏/٧٦اختلف علماء الحديث فيه هل هو مرفوع أو موقوف وكون الأئمة رجحوا وقفه يؤيد أنه موقوف

15.    صحيح ابن حبان ٣٨٥٤

ހަމަމިގަލަމުން

އިދާރާ

ވާހަކަ