އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (4)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(18 ޖުލައި 2020 ގައި ޝާއިޢުކުރެވުނު ހިސާބާ ގުޅޭ)

އަލްފާތިހާ ސޫރަތުގެ މައްޗަށް ބަލައިލުން 3

އަލްފާތިޙާ ސޫރަތުން މިހާތަނަށް ބަލައިލެވުނީ އެ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ މައްޗަށެވެ. އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. އިސްވެ ދިޔަ ހަލަގާތަކުގައި ނަންގަނެވި ދިޔަ ފަދައިން، މި ފަސް އާޔަތުގައި ބަޔާންކުރެވިފައި ވަނީ މާތްﷲއަށް ޙަމްދުކޮށް، އެކަލާނގެއަށް ހައްގު އަދަބާއި އިހުތިރާމު އަދާކުރުމުގެ ވާހަކައެވެ. އެއަށްފަހު، އެކަލާނގެއާއި މުއުމިނާއާ އޮންނަ ގުޅުމުގެ ވާހަކައެވެ. ދެން، ތިރީގައި، އަލްފާތިޙާ ސޫރަތުގެ ދެވަނަ ބައިގައި ހިމެނޭ މިދެއާޔަތުގެ މައްޗަށް، – ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގެ މައްޗަށް – ބަލައިލާން ގަސްދުކުރަމެވެ.

މި ދެއާޔަތުގައި ބަޔާންކުރެވިފައިވަނީ، އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ ވާހަކައެވެ. 'ތެދުމަގު' ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި،  މުއުމިނާ ދަންނަވާ ދުއާގެ ވާހަކައެވެ. އާދެ، ހަވަނަ އާޔަތުގައިވާ [اهدنا الصراط المستقيم،] ("އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ!") މި ދުއާގެ ވާހަކައެވެ. މި އާޔަތާ ވިދިގެން އޮތް ހަތް ވަނަ އާޔަތުގައި އައިސްފައި ވަނީ މި ތެދުމަގު ސިފަކޮށްދޭ ސިފަކޮށް ދިނުމެކެވެ. އެ ގޮތުން ފުރަތަމަ ބުނެވިފައިވަނީ މި ތެދު މަގަކީ صراط الذين أنعمت عليهم 'އިބަރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ނިޢުމަތް ލެއްވިމީހުންގެ މަގު'ކަމެވެ.  މިއަށްފަހު، ދެން، އެ މަގު ސިފަކޮށްދީ ބުނެދެވިފައިވަނީ އެއީ غير المغضوب عليهم ولا الضالين 'އެމީހުންގެ މައްޗަށް އިބަ ރަސްކަލާނގެ ކޯފާ ހައްގުވީ މީހުންނާއި އަދި މަގު އޮޅި ދިޔަ މީހުންގެ މަގު ވެސް ނޫން'ކަމެވެ. މިދެއާޔަތް ފަހުމްކޮށް ދެނެގަތުމަށްޓަކައި މި ދެއާޔަތުގައި ވާރިދުވެފައިވާ މުހިއްމު ތިން އިބާރަތެއްގެ މައްޗަށް ބަލައިލާން ޖެހެއެވެ. އެންމެ ފުރަތަމަ 'ތެދުމަގަކީ' ކޮބައިކަމުގެ މައްޗަށެވެ. އެއަށްފަހު، 'އެމީހުންގެ މައްޗަށް މާތްﷲގެ ކޯފާ ހައްގުވި މީހުން'ނަކީ ކޮބައިކަމާއި އަދި 'މަގު އޮޅިދިޔަ މީހުން'ނަކީ ކޮބައިކަމުގެ މައްޗަށެވެ.

'ތެދުމަގު' ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި، މުއުމިނާ ދަންނަވާ ދެންނެވުމަކީ، އޭނާގެ ހަޔާތް، ހެޔޮ ގޮތުގައި، ވޭތުކޮށްލާނޭ ގޮތުގެ މަގު ބަޔާންކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ. އެ މަގުގައި އޭނާގެ ހަޔާތް ވޭތުކޮށްލުމުން، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް، ބާއްޖަވެރިކަން، އޭނާއަށް ލިބޭނޭ މަގު، އޭނާއަށް ބަޔާންކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ.

މި މަގަކީ ކޮބައިކަން ވިސްނައިގަތުމަށް ޓަކައި އިންސާނާގެ ދުނިޔަވީ ވުޖޫދުގެ، އެބަހީ، އޭނާ، ދުނިޔޭގައި، ދިރިހުންނަ ހުރުމުގެ، ތަބީއަތާ މެދު ވިސްނައިލާން ޖެހެއެވެ. ދުނިޔޭގައި، އިންސާނާ ދިރިހުންނަ ހުރުން، މައިގަނޑު ދެ ބަޔަކަށް ބަހައިލެވި ދާނެއެވެ. ފުރަތަމަ ބަޔަކީ ވަކި ފަރުދެއްގެ ހައިސިއްޔަތުން، އޭނާ ދުނިޔޭގައި ދިރިހުންނަ ހުރުމެވެ. އާދެ، އޭނާގެ އަމިއްލަ ޝަޚްސީ، ނުވަތަ ޒާތީ، ހަޔާތާ ގުޅޭ ބަޔެވެ. ދެވަނަ ބަޔަކީ، މުޖުތަމައެއްގައި ހިމެނޭ މީހެއްގެ ގޮތުގައި އޭނާ ދިރިއުޅެން ޖެހޭ ދިރިއުޅުމެވެ. އާންމު މީސްތަކުންގެ ތެރޭގައި، މުޖުތަމައުގެ ފަރުދުންނާ ގުޅި، އެމީހުންނާ މުއާމަލާތްކޮށް، އުޅޭންޖެހޭ އުޅުމެވެ. 'ތެދުމަގު' ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި ދެންނެވޭ ދެންނެވުމަކީ މުއުމިނާ، އޭނާގެ ހަޔާތުގެ ފަރުދީ ބަޔާއި އަދި އޭނާގެ ހަޔާތުގެ މުޖުތަމައީ ބައި ވެސް، ހެޔޮ ގޮތުގައި، ވޭތުކޮށްލާނީ ކިހިނެއްކަން ބަޔާންކޮށް ދެއްވުމަށް، އެކަލާނގެ ޙަޟުރަތުގައި އެދި ދެންނެވޭ ދެންނެވުމެކެވެ. ކީރިތި ޤުރްއާނުގެ ދެން ބާކީއޮތް 113 ސޫރަތުގައި ބަޔާންކޮށް ހުށަހަޅައިލެވިފައި ވަނީ މުއުމިނާގެ ހަޔާތުގެ މި ދެބައި ހެޔޮ ގޮތުގައި ވޭތު ކޮށްލާނޭ ގޮތުގެ ތަފްސީލީ ވާހަކަތަކެވެ. މި ބަޔާންކޮށްދިނުން، އަލްބަޤަރާ ސޫރަތާއި އަދި އެހެން ސޫރަތްތަކުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން، ކުރިއަށް ދިޔަހެން، އިރާދަކުރެއްވިއްޔާ، އެނގި ސާފުވަމުންދާނެއެވެ.

މި މަގާމުގައި، ކީރިތި ޤުރްއާނުގައި ހުށަހަޅައިލެވޭ ތެދުމަގު، ޚުލާސާ ގޮތެއްގައި ބަޔާން ކުރެވިފައިވާ އާޔަތެއްގެ މައްޗަށް އަވަސް ކަޅިއެއް އެއްލުން ބޭނުންތެރި ކަމަށް ދެކެމެވެ. ކުރުނަމަވެސް، އެމަގުގެ ހިއްސީ ތަސައްވުރެއް، ލިބިގަތުމައްޓަކައެވެ. އެ އާޔަތަކީ އައްނަޙްލު ސޫރަތުގެ 90ވަނަ އާޔަތެވެ. އާދެ، إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون، ("ހަމަކަށަވަރުން (އީމާންވީ މީސްތަކުންނަށް މާތް) ﷲ އަންގަވަނީ އަދުލުވެރިވުމަށާއި (އެހެން މީސްމީހުނަށް) އިހުސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށް އުޅުމަށެވެ. އަދި އެކަލާނގެ (ތިޔަބައިމީހުންނަށް) މަނާކުރައްވަނީ ފާޙިޝްކަންތައްތަކާއި (އެބަހީ ޒިނޭކުރުންފަދަ ހުތުރުކަން ބޮޑު ފާފަތަކާއި)، މުންކަރާތުތަކާއި (މީހުންމެރުމާއި ވައްކަންކުރުމާއި، ފޭރުންފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކާއި) އަދި (އެއްވެސް މީހެއްގެ ނުވަތަ ބަޔެއްގެ މައްޗަށް) އަނިޔާވެރިވުމެވެ. (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރުއަޅުއްވަނީ، ތިޔަބައިމީހުންގެ ހިތްތަކުގައި (މިކަންކަން) ހަރުކޮށްލެވި ދިޔުމައްޓަކައެވެ.") މިއާޔަތެވެ.

އައްނަޙުލު ސޫރަތުގެ މި އާޔަތުގައި މުޅި ކީރިތި ޤުރުއާނުގެ ފަތްފުށްތަކުގައި ހުށަހަޅާ ލެވިފައިވާ 'ތެދުމަގު' ޚުލާސާކޮށް ބަޔާން ކޮށްދެވިފައި ވެއެވެ. މުއުމިނާގެ ފަރުދީ ހަޔާތާއި އޭނާގެ މުޖުތަމައީ ހަޔާތް އޮންނަން ޖެހޭނޭ ގޮތުގެ ތައުލީމާތު މި އާޔަތުގައި ގެނެސްދެވިފައި ވެއެވެ. މި އާޔަތުން އެނގެނީ މުއުމިނާ، އޭނާ ވަކި ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން ޖެހޭނީ ހެޔޮލަފާ ރަނގަޅު މީހަކަށް ވުމަށްކަމެވެ. އޭނާގެ އަމިއްލަ، ޝަޚްޞީ، ހަޔާތް ވޭތުކޮށްލަން ޖެހޭނީ، ފާޙިޝް ކަންތައްތަކާއި އަދި މުންކަރާތްތައް ފަދަ ނުބައި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވެ ހުރެއެވެ. މީގެ އިތުރުން، ގާތް ތިމާގެ މީހުންނަށާއި، އަދި އެނޫން މީހުންނަށް ވެސް، އެހީތެރިވެ، މި ގޮތުން، ހެޔޮ އަމަލު ކުރުންމަތީ ދެމިހުރެ ވެސް މެއެވެ. އަދި، އޭނާގެ މުޖުތަމައީ ހަޔާތް، ރޭވި ބިނާވެފައި، އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި އަދުލު އިންސާފުވެރިކަމުގެ މައްޗަށް ކަމަށްވެސް އައްނަޙުލު ސޫރަތުގެ މިއާތުން އެނގެއެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގާ ގުޅޭ ތައުލީމާތުތަކުގެ ލަނޑުދަނޑި ގުޅެނީ މި ދެކަމާއެވެ. މުއުމިނާއަކީ ހެޔޮލަފާ އިންސާނަކަށް ހެދުމާއި އަދި އޭނާގެ މުޖުތަމައުއަކީ، އެމުޖަތަމައުގެ ޖަމާއީ ހަޔާތް، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައުއަކަށް ހެދުމެވެ.

ކުރިން ނަންގަނެވި ދިޔަ އަލްޢަންކަބޫތު ސޫރަތުގެ 45 ވަނައާޔަތް ފަދައިން، މިއާޔަތަކީ ވެސް މުސްލިމުން އުޅޭ ކޮންމެ ތަނެއްގައި، އެންމެ އިހުއްސުރެން، ކޮންމެ ހުކުރު ދުވަހަކު ހުކުރުގެ ފަހު ޚުތުބާގައި ކިޔައި އިއްވޭ އާޔަތެކެވެ. އެއާޔަތުގެ މުހިއްމު ކަމަށްޓަކައެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގު އެއާޔަތުގައި ޚުލާސާކުރެވިފައި ވާތީއެވެ. މި ދެއާޔަތަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން، ހުކުރަށް ގޮސް ހުކުރު ޚުތުބާ އަޑުއަހާ ކޮންމެ މީހަކަށް ވެސް، ތަކުރާރުކޮށް އަޑުއިވި، ދަސްވެފައި އޮންނާނޭ ދެ އާޔަތެވެ.

ތެދުމަގު ބަޔާންކޮށް ދެއްވުމަށް އެދި، މާތްﷲގެ ޙަޟްރަތުގައި ދެންނެވޭ ދުއާ އަށްފަހު، ދެންއޮތީ މި ތެދުމަގު ސިފަ ކޮށްދެވިފައިވާ ސިފަ ކޮށްދިނުމެކެވެ. މި ގޮތުން އެންމެ ފުރަތަމަ ބަޔާންކޮށް، ބުނެދެވިފައިވަނީ އެ މަގަކީ صراط الذين أنعمت عليهم، 'އެމީހުންގެ މައްޗަށް އިބަރަސްކަލާނގެ ނިއުމަތް ލެއްވި މީހުންގެ މަގު'ކަމެވެ. އާދެ، އެމަގަކީ އާ މަގެއް ނޫނެވެ. އިހުގައި ވެސް މާތްﷲއަށް އީމާންވެ، ހެޔޮ ގޮތުގައި އެ މީހުންގެ ހަޔާތް ވޭތުކޮށްލި މީހުން ވެސް ހިނގި މަގެވެ. އިހުގެ ނަބީބޭކަލުން ވެސް، އެބޭކަލުންގެ ގައުމުތަކަށް، ދެއްކެވި މާތް ރީތި މަކާރިމުލްއަޚުލާގުގެ، މާތްވެގެންވާ ރިވެތި އަޚުލާގުގެ މަގެވެ. އަދި އެބޭބޭކަލުންގެ ބަސްފުޅުގެ ތެދުކަން ގަބޫލުކޮށް، އެބޭކަލުންނަށް ތަބާވެ، އެބޭކަލުން ދެއްކެވި މަގުން ހިންގެވުންމަތީ ދެމިތިއްބެވި ޞިއްދީގުންގެ ވެސް މަގެވެ. އަދި މީގެ ތެރެއިން ބައެއް ބޭކަލުންނަކީ، ނަބީބޭބޭކަލުން ދެއްކެވި މަގުގައި ހިންގަވައި އަދި އެކަމުގެ ސަބަބުން، ދަތި އުނދަގޫތަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެން، އެބޭކަލުންގެ ފުރާނަ ގުރުބާންކުރައްވައި ޝަހީދުވެވަޑައިގެން، މި ދުނިޔެ ދޫކުރެއްވި، ބޭކަލުންނެވެ. މި އެންމެ ބޭކަލުން، އާދެ، ނަބީބޭކަލުންނާއި، ޞިއްދީޤުންނާއި އަދި ޝަހީދުންނަކީ،  އެބޭކަލުންނާ ދޭތެރޭ މާތްﷲ ރުހިވޮޑިގެން، އެބޭކަލުންގެ މައްޗަށް، ނިޢުމަތް ލެއްވި ބޭކަލުންނެވެ. އެބޭކަލުންގެ މައްޗަށް، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް، ހެޔޮ ގޮތްތައް، މާތްﷲ މިންވަރު ކުރެއްވި ބޭކަލުންނެވެ. ދުނިޔޭގައި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ނިއުމަތެވެ. އާޚިރަތުގައި ފާފަ ފުއްސެވުމާއި ސުވަރުގެ  ލިބި، ދިންނެވުމުގެ ނިއުމަތެވެ. އަލް ފާތިޙާ ސޫރަތުގައި މުއުމިނުންނަށް، މާތްﷲގެ ހަޟްރަތުގައި ތެދުމަގު އެދިގެން ދުއާ ދަންނަވަނީ މިދެންނެވި ފަދަ، އިސްވެދިޔަ އުއްމަތްތަކުގެ ހެޔޮ ލަފާ ސާލިހު ބޭކަލުން ވެސް އުޅުއްވި މާތް ރީތި އަޚުލާގީ މަގު، ލިބިދެއްވުމަށެވެ. އެ މަގުގައި ފައިތިލަ ސާބިތުކުރައްވައި، ހިންގެވުމުގެ ސަބަބުން ދެދުނިޔޭގެ ބާއްޖަވެރިކަން އެބޭކަލުންނަށް ހައްގުވީ މަގު ހޯދުމުގެ އެދުމުގައެވެ.

ތެދުމަގު ސިފަ ކޮށްދިނުމުގެ ގޮތުން، މިއާޔަތުގެ ދެން އޮތް ބައިގައި، އިތުރު ދެ ކަމެއް ފާހަގަކޮށްދެވިފައި ވެއެވެ. އެންމެ ފުރަތަމައަށް، ފާހަގަކޮށް، ބުނެދެވިފައިވާ ކަމަކީ، އެމަގަކީ غير المغضوب عليهم، '(މާތްﷲގެ) ކޯފާ އެމީހުންގެ މައްޗަށް ހައްގުވީ މީހުންގެ (މަގެއް) ނޫން'ކަމެވެ.  އާދެ، އެއީ އެމީހުންނަކީ، އެމީހުންގެ ކުރިމައްޗަށް އެކަލާނގެ ތެދުމަގު ހުށަހަޅައިލެވުނު ހިނދު، އެއީ ހައްގު ގޮތްކަން އެމީހުންނަށް ވިސްނި ދިޔުމަށްފަހު ވެސް، އެކިއެކި ސަބަބުތައް ދައްކައި، ހައްގު ގޮތާ އިދިކީލިވެ، ދެކޮޅުހަދައިގަތް މީހުންނެވެ. އަމިއްލަ ހަވާ ނަފްސުގެ އެނދުންތަކަށާއި، ނުވަތަ އަމިއްލަ ދުނިޔަވީ މަސްލަހަތުތަކަށް ބެލެވި، އެ ކަންކަމަށް އިސްކަންދެވުން ފަދަ ސަބަބުތަކާ ހުރެ، އެމަގުން ހިނގުމަށް އިންކާރުކޮށް، އެމަގަށް ފުރަގަސްދިން މީހުންނެވެ. އިލާހީ ހިދާޔަތުގެ ތެދުމަގު ބަލައި ނުގަތުމުގެ ސަބަބުން، އެމީހުން އަމިއްލަޔަށް، މާތްﷲގެ ރަހުމަތުން ބޭރުވެގަތް މީހުންނެވެ. މާތްﷲގެ ކޯފާ، އެމީހުންގެ މައްޗަށް، ހައްގުވީ މީހުންނަކީ، މިފަދަ މީސްމީހުންނެވެ. މިއިން، މުއުމިނުންނަށް، ލިބިދޭ އިރުޝާދަކީ، އިލާހީ ހިދާޔަތުގެ މަގު، އެމީހުންގެ ކުރިމައްޗަށް ހުށަހަޅާލެވުމުން، އެކަމާ ދޭތެރޭ ވިސްނައި ފިކުރު ކުރުމަށްފަހު، އެއީ ހެޔޮގޮތްކަން އެނގުމުން، އެއްވެސް ސަބަބަކާ ހުރެ، އެކަމާ ދެކޮޅުހަދައި، އެކަމަށް، އިންކާރުކުރާ ބަޔަކުކަމުގައި، އެމީހުން ނުވުމެވެ. އާދެ، މާތްﷲގެ ކޯފާ ހައްގުވުމުގެ މިގޮތް އިޚްތިޔާރުކުރާ ބަޔެއްގެ ގޮތުގައި އެމީހުން ނުވުމެވެ. 

ތެދުމަގު ސިފަ ކޮށްދިނުމުގެ ގޮތުން، ދެވަނައަށް، އަލްފާތިޙާ ސޫރަތުގެ ހަތްވަނަ އާޔަތުގައި، ފާހަގަކޮށް، ބުނެދެވިފައިވަނީ، އެމަގަކީ ولا الضالين، 'މަގު އޮޅިދާ މީހުން'ގެ މަގެއް ވެސް ނޫންކަމެވެ. މަގުއޮޅި ދިއުމަށް ތަފާތު ސަބަބުތައް ވެއެވެ. އިލާހީ ހިދާޔަތުގެ އަލި ނުލިބި، އެކަމުން މަހުރޫމު ވެފައިވުމުން، މަގުއޮޅި ދިޔުމެވެ. ނުވަތަ ހިދާޔަތުގެ އަލި ފަނޑުވެ އެމަގު ރަނގަޅަށް ސާފުވާ ގޮތް ނުވުމުން މަގުއޮޅި ދިޔުވެ. ނުވަތަ ހިދާޔަތުގެ އަލި ލިބި، އޭގެ އުޖާލާކަން ގަދަވި ކަމުގައި ވިޔަސް، އެއަލިން ފައިދާ ލިބިގަތުމަށް އަމިއްލައަށް މަސައްކަތް ނުކުރެވުމުން މަގުއޮޅި ދިޔުމެވެ. އިލާހީ ހުކުމްތަކާއި ދީނީ ތައުލީމާތުތަކުގެ ހަގީގީ މަގުސަދާއި ލަނޑުދަނޑިތަކަކީ ކޮބައިކަމާ ދޭތެރޭ ރަނގަޅަށް ވިސްނައި ފިކުރު ނުކުރެވި، އެހެންވެ، ތެދުމަގު ހޯދައިނުގަނެވި، މަގު އޮޅި ދިޔުމެވެ. މި ގޮތުން މަގު އޮޅިދާ މީހުންނަކީ، އަމިއްލަ ވިސްނުން ބޭނުންނުކޮށް، ކަނު އަނދިރި ގޮތެއްގައި، މީސްމީހުން ބުނާ ބަސް ބަހަށް ތަބާވެ، އެއާ އެއްގޮތަށް އަމަލުކުރުމުގެ ސަބަބުން. ތެދު މަގުން އެއްކިބާވެ، މަގު އޮޅި ދިޔަ މީހުންނެވެ. އާދެ، މުއުމިނާގެ ދުއާ އަކީ، އެއްވެސް ސަބަބަކާ ހުރެ، ތެދު މަގުން އޭނާގެ ފައިތިލަ ކައްސައިލައިގެން ދާ މީހަކަށް، އޭނާ ނުވުމެވެ. ތެދު މަގު ހޯދުމުގައި އަބަދުމެ މަސައްކަތްކުރާ މީހެއްގެ ގޮތުގައި އޭނާ ލެހެއްޓުމެވެ. (މި މައްސަލަ، މި ޒަމާނުގެ އިލްމުވެރި ބޮޑެތި މުފައްސިރުންގެ ތެރޭގައި ހިމެނޭ މުފައްސިރެއް ކަމުގައިވާ ޝައިޚު މުޙައްމަދު ޢަބްދުހޫގެ (އަވަހާރަވީ 1323ހ./1905މ.ގައި)، ތަފްސީރާ ބެހޭ ލިޔުންތައް ޖަމާކުރެއްވި އޭނާގެ އިސްދަރިވަރު، ޝައިޚު މުޙައްމަދު ރަޝިދު ރިޟާ (އަވަހާރަވީ 1354ހ./1935މ.) އެކުލަވާލެއްވި ތަފްސީރުލް މަނާރުގެ 1/72-69ސ. ގައި ތަފްސީލީ ގޮތެއްގައި ބައްލަވާލައްވާފައި ވެއެވެ.) 

އާދެ، ތެދުމަގަކީ ކޮބައިކަން އިތުރަށް ސާފުވެ ދިޔުމަށް ޓަކައި އަލްފާތިޙާ ސޫރަތުގެ ހަތް ވަނަ އާޔަތުގައި ބޭނުން ކުރެވުނު ތިން އިބާރާތުގެ މައްޗަށް އަދި އެއްފަހަރު ބަލައިލަމާތޯއެވެ! صراط الذين أنعمت عليهم غير المغضوب عليهم ولا الضالين މިއާޔަތުން ދޭހަވަނީ، މުއުމިނުން، މާތްﷲގެ ޙަޟްރަތުގައި، އެމީހުންނަށް، ދެއްކެވުމަށް އެދި ދަންނަވާ ތެދުމަގަކީ ކުރީގެ އުއްމަތްތަކުގެ ސާލިހު އަޅުތަކުންވެސް ހިންގެވި މަގެވެ. ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންގެ ވެސް މަގެވެ. އިލާހީ ހިދާޔަތު ލިބި، ތެދު މަގަކީ ކޮބައިކަން އެނގުމަށްފަހު، އެމަގުން ހިނގުމަށް އިންކާރު ކުރި މީހުންގެ މަގެއް ނޫންކަމެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ތެދު މަގުން، އެމީހުންގެ ފައިތިލަ، ކައްސާލައިގެން ދިޔަ މީހުންގެ މަގެއް ވެސް ނޫންކަމެވެ.

މިހިސާބުން އަލްފާތިޙާގެ ހަތް އާޔަތުގެ ތަރުޖަމާއާއި ތަފްސީރު ނިމުނީއެވެ. މިކަމުގެ ތައުފީޤު ދެއްވިކަމަށްޓަކައި މާތްﷲއަސް ހަމްދުކުރަމެވެ. ދެން އަންނަ ހަލަގާއެއްގައި ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލްފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބެދޭ ފިލާވަޅުގެ މައްޗަށެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ