ކުޑަކުދީންގެ ވާހަކަ (8): އަޟުޙާ ޢީދުދު ދުވަސް
ސާދުނާ ޢަބްދުލްކަރީމް
މިއަދަކީ ސާދަސަތޭހަ އެކާޅީސް ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. އަޟުޙާ ޢީދަށް އައިރާގެ ޢާއިލާ ރަށަށް މި އައީ އެތައް އަހަރެއްގެ ފަހުންނެވެ. އައިރާ އެދުނު ފަދައިން ޢީދުނަމާދަށް ދާން އޭނާގެ މަންމަ ފަހައިދިނީ އަޅިކުލައިގެ އަތްދިގު ހެދުމެކެވެ. އައިރާ ޢީދު ނަމާދަށް ދިޔައީ އެއްފުރާގެ އަވައްޓެރި ކުދިންކޮޅަކާ އެކުގައި އުތުރު އަވަށު އައު މިސްކިތަށެވެ.
އައިރާ ޢީދު ނަމާދުން ނިމިގެން ގެއަށް އައީ ރަށުގައި އުޅުނުއިރު، އޭނާއާއ އެއްކުލާހުގައި ކިޔަވަން އުޅުނު އަށެއްކަ އެކުވެރިން ގޮވައިގެނެވެ. އޭރު އައިރާގެ މަންމަ ހުރީ އަވެލި މޮޑެފައެވެ. އައިރާ އެކުވެރިންނާއެކު އަވެއްޔާއި ވަޅޯމަހާ ކައިގެން އެންމެން އެކުގައި ދިޔައީ އުޟުޙިޔާ ކަތިލާތަން ބެލުމަށް އިރުމަތީ ފަރާތު އަތިރިމައްޗަށެވެ.
އުޟުޙިޔާ ކަތިލާތަނުގައި ތިބެފައި އައިރާގެ އެކުވެރިން ބޭނުންވީ އަހިވައް ކާށެވެ. އެހެންވެ އެ ހިސާބުގަނޑުގައި ހުރި އަހިވައް ގަސްތަކަކުން ފައު އަހިވައްތަކެއް ބިނދެގެން އެންމެން އެކުގައި ދިޔައީ އަޔާނީ މެންގެ ގެއަށެވެ.
އަޔާނީމެންގެ ގެއަށް ގޮސް ކާށިހުނި ލައިގެން އަހިވައްތައް މޮޑެގެން ކައި ނިމުނުއިރު ހުރީ އެގާރަ ޖަހަން ކައިރި ވެފައެވެ. ދެން އެކުދިން ދިޔައީ ޢީދު ދުވަހުގެ ބޮޑު ޖަމާޢަތަށް އީދުކޭން ކައްކާ މީހުންނަށް އަތްގާތްކޮށް ދިނުމަށެވެ.
މެންދުރުގެ ކެއުމުގެ ކަންތައް ނިމުމުން ކެއުމުގެ އާލާތްތައް ސާފުކުރުމުގައި އިސްމީހުންނަށް އެހީތެރިވެދީފައި، ގެއަށް ގޮސް ފެންވަރައި ނަމާދުކޮށް ހަދައިގެން ހުރިހާ އެކުވެރިން އެއްތަންވީ ކުރިން އެއްބަސްވެފައި އޮތް ފަދައިން އުނިވަލު އަތިރިއަށް އުކުއްލި ކުޅޭށެވެ. އައިރާމެން އުކުއްލި ކުޅެ ނިންމީ ޢަޞުރަށް ގޮވަން ކައިރިވީމައެވެ.
އެއަށްފަހު އައިރާ ގެއަށް ގޮސް އަތްފައި ދޮވެ ވުޟޫކޮށް، ޢަޞުރު ނަމާދު ކޮށްގެން ނުކުންނާން އުޅެނިކޮށް އައިރާގެ މަންމަ އައިރާއަށް ގޮވާލައިފައި ދިއްކޮށްލީ މީރުމީރު އަތަފަނި ތައްޓެކެވެ. އަތަފަނިތަށި އެއްނޭވާއިން ބޯލައިގެން އައިހާ އަވަސް އަވަހަށް ނިކުތީ އުތުރު އަވަށު ކުދިންނާއެކު އަލީލާން ކުޅޭން ދިޔުމަށެވެ.
އިރު އޮއްސުމާ ގާތްވަންދެން އައިރާމެން ފޯރީގައި އަލީލާން ކުޅުނެވެ. އުކުއްލިއާއި އަލީލާން ކުޅޭނެ ގޮތުގެ އިރުޝާދު އެކުދިންނަށް ދިނީ އުތުރުއަވަށު އެދުރުދައިތައާއި އައްޔުބެއެވެ. އިހުގެ އެހާ މަޖާ ކުޅިވަރުތަކެއް އެދުރު ދައިތަމެންގެ ފުށުން އަޟުޙާ ޢީދު ދުވަހު އަލަށް ދަސްވީތީ އެދުރު ދައިތައަށާއި އައްޔުބެއަށް އެކުދިން އަދަބު އިޙްތިރާމް އަދާކޮށް، އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރިއެވެ.
"އަދި މާދަމާ އެލަންގަލަން ކުޅޭން ދަސްކުރާން އަންނައްޗޭ!" އެދުރުދައިތަ އާއި އަލިބެ ހީނލައްވާފައި ބުނުއްވިއެވެ.
_________________________________