އަދުގެ ޚާއްސަ

Print

(17) ޝާފީޢީ މަޒްހަބުގެ ޝައިޚު: އަލް ޤާޟީ އަބޫ ޝުޖާޢު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

 

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

އަލް ޤާޟީ އަބޫ ޝުޖާޢަކީ، "އަބޫ ޝުޖާޢު އަޙްމަދު ބިނުލް ޙަސަނުލްއަޞްފަހާނީ އަލްބަޞްރީ" އެވެ. ރައްކައުވީ ބަޞްރާގައެވެ. އެކަލޭގެފާނަކީ ޝާފިޢީ މަޒްހަބުގެ އިސް އިމާމުންގެ ތެރޭގައި ފާހަގަކޮށް ލެވޭ ޢާލިމެކެވެ. ޤާޟީކަމުގައި ހުންނެވި އިރު ނިޔާތައް އިއްވަވަވަމުން ގެންދެވީ ﷲދެކެ ބިރުފުޅުން ހުންނަވައެވެ.  މީހަކު ބުނެފާނެ އެއްޗަކަށް ނުބައްލަވައެވެ.އެކަލޭގެފާނުގެ ޢުމުރުފުޅުގެ ފަހު ދުވަސްތައް ހޭދަ ކުރެއްވީ އަލްޙަރަމުއްނަބަވީގެ ޚިދްމަތުގައެވެ. އަވަހާރަވުމުން އެ ޙަރަމުފުޅުގެ ޖިބްރީލުގެފާނުގެ ދޮރޮކޮޅު ކައިރީގައި ފަސްދާނުލުމަށް ވަޞިއްޔަތް ކުރެއްވިއެވެ. 

ބަޞްރާގެ މަދަރުސާތަކުގައި ޝާފިޢީ ފިޤްހު ކިޔަވާ ދެއްވުމުގައި ސާޅީހަކަށް އަހަރު ހޭދަކުރެއްވިއެވެ. އަބޫ ޝުޖާޢު ފުރިހަމަ ޞިއްޙަތުގައި ދުނިޔޭގައި 160 އަހަރު އުޅުއްވިކަމަށް ބައެއް މުއައްރިޚުން ވިދާޅުވެފައި ވެއެވެ.  މީހަކު އެކަލޭގެފަނުގެ ޞިއްޙަތާ ބެހޭގޮތުން ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. " ތިމަންކަލޭގެފާނު އެއިން އެއްވެސް ގުނަވަނަކުން ﷲ އަށް އުރެދިފައެއް ނުވާނެއެވެ. މިހެންވެ ﷲ އެ ގުނަވަންތައް ރައްކައުތެރިކޮށް ދެއްވީއެވެ. " އަބޫ ޝުޖާޢު ޤާޟީ ކަމަށް އިސްކުރެވުނީ 447ވަނަ އަހަރުއެވެ. ޢުމުރުފުޅުގެ ފަހުކޮޅުގައި އުޅުއްވީ މަދީނާގައި އަލްޙަރަމުއްނަބަވީގެ އަރިހުގައެވެ. އެކަލޭގެފާނު ފަސްދާނު ލެވުނީ އެކަލޭގެފާނުގެ ގެކޮޅުގެ ގޯތިތެރޭގައި ބިނާކުރެއްވި މިސްކިތުގައި ރަސޫލާގެ ޒިޔާރަތްފުޅާ ވަރަށް ކައިރީގައެވެ. އެކަލޭގެފާނު ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ (غاية التفريب)  ނުވަތަ  (متن ابى شجاع) އެވެ. 

______________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ