ހުކުުރު ދުވަހެއްގައި ޢީދު އަތުވެއްޖެ ނަމަ، ހުކުރު ނަމާދު ކުރާން ޖެހޭނެތަ؟
އިބްރާހީމް ރަޝީދު މޫސާ
މިއީ ވަރަށް މަދުމަދުން ނަމަވެސް ދިމާވާނެ ކަމެކެވެ. އެއީ އިރުހަނދު އަރައި އޮއްސުމާ ގުޅިފައިވާ ކަމެކެވެ. އިރުގެ ވަށައިގެން ބިން ދަތުރުކުރުމާއި ބިމުގެ ވަށައިގެން ހަނދު ދައުރުކުރުމާ ގުޅިފައިވާ ކަމެކެވެ. ކީރިތި ރަސޫލާ r ކުރެއްވެވި ޙައްޖު (ޙައްޖަތުލްވަދާޢު)ގައި ޢީދު ދުވަހާއި ހުކުރު ދުވަސް ވަނީ އެއް ދުވަހަކަށް ވެފައެވެ. އެކަލޭގެފާނު ކަށަވަރުކޮށްދެއްވި ގޮތުގައި އެ ދުވަހަކީ މާތްﷲ މި ޢާލަމު ހެއްދެވި ދުވަހު ދުނިޔެ އޮތް ގޮތަށް މި ދުނިޔޭގެ ސޫރަދު ނިޒާމު އަނބުރައި އައި ދުވަހެވެ. މި ބަސްފުޅުގެ މުރާދަކީ ތިޔަބައިމީހުން މައްސަރުތަކުގެ ދުވަސްތައް ގުނައި ހަދާއިރު ދެން އޮޅުވައިނުލައި ރަނގަޅަށް ހިސާބުކުރާށެވެ.
މައުޟޫޢަކީ މި ވާހަކައެއްނޫނެވެ. އެހެނަސް މައުޟޫޢަކީ މި އަހަރު ދިމާވި ގޮތަށް ބޮޑު ޢީދު ދުވަހާއި ހުކުރު ދުވަސް އެއް ދުވަހަކަށް ވުމެވެ. ހުކުރު ނަމާދަކީ އެ ނަމާދު ވާޖިބުވެގެންވާ މީހުންގެ މައްޗަށް މަތް ﷲ ފަރްޟު ކުރައްވައިފައިވާ ނަމާދެކެވެ. އެކަމަކު ޢީދު ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ސުންނަތަކުން ފަރްޟެއް ވެއްޓިގެންނެއް ނުދާނެއެވެ. އެހެންވީމާ ޢީދު ކުރިއަސް ހުކުރު ނަމާދު ކުރުން ވާޖިބުވާނެއެވެ. ހުކުރު ނަމާދު އަޅައިގެންނެއް ނުވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ(1) - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާ ނަމަ، އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.)
ކީރިތި ރަސޫލާ rގެ ޙައްޖުތުލްވަދާޢުގައި ޢީދު ދުވަސް ދިމާވެފައިވަނީ ހުކުރު ދުވަހާއެވެ. އެކަލޭގެފާނު ޢީދު ނަމާދު ވެސް އަދި ހުކުރުނަމާދު ވެސް ކުރެއްވިއެވެ. ޢީދު ނަމާދު ކުރައްވައިފައި ހުކުރު ނަމާދު ދޫކޮށެއް ނުލައްވައެވެ. މިއީ ޙަދީސާ ބެހޭ ހުރިހާ ފޮތްތަކެއްގައި ލިޔެވި ފުރޭފުކުރެވިފައިވާ މަޝްހޫރު ވާހަކައެކެވެ. ޙަނަފީންނާއި، މާލިކީންނާއި ޝާފިޢީންގެ ބަހަކީ މިއެވެ. ޙަންބަލީ މަޒްހަބުގައި ވެސް މި ރައުޔު އައިސްފައި ވެއެވެ. ވީމާ ތަބާވާން ޖެހޭ ރައްކައުތެރި ސަލާމަތްކަން ބޮޑު އަދި ދީނުގެ އުޞޫލުތަކާ ގުޅޭ ފިޤްހީ ބަހަކީ މިއެވެ.
ރަސޫލާ r މި ކަމުގައި ރުޚްޞާ ދެއްވައިފައިވަނީ މި ވަނީ މަސްޖިދުއްނަބަވީއާ ދުރުގައި ދިރިއުޅޭ މަދީނާގެ ޢަވާލީ ސަރަޙައްދުތަކުގެ(2) އަހްލުވެރީންނަށެވެ. އެ މީހުން ޢީދު ނަމާދުކޮށްފައި އެ މީހުން ދިރިއުޅޭ އަވަށަށް ގޮސް އަލުން ހުކުރު ނަމާދަށް ޖަމާޢަތަށް އައުން ބުރަކަމަކަށް ވެދާނެތީއެވެ. އެ މީހުންނަށް އެ މީހުންގެ އަވަށްތަކުގައި ތިބެ މެންދުރު ނަމާދު ކުރުމުގެ ހުއްދަ ދެއްވީ ސަބަބަކަށްޓަކައެވެ. އެއީ ރުޚްޞާއެކެވެ. ރަސޫލާ r ޙަދީސް ކުރެއްވިއެވެ. (قَدْ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ؛ فَمَنْ شَاءَ أَجْزَأَهُ مِنْ الْجُمُعَةِ، وَإِنَّا مُجَمِّعُونَ(3) - ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހުގައި ދެ ޢީދު އެކުއެކުގައި އަތުވެއްޖެއެވެ. ފަހެ ތިޔަބައިމީހުންގެތެރެއިން އެދޭ މީހަކަށް ހުކުރު ފުދިގެން ވެއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ޖަމްޢުކޮށް ނަމާދު ކުރައްވާ ބޭކަލަކީމުއެވެ.) މި ޙަދީސް ތަފާތު އެތައްއެތައް ގޮތަކަށް ވާރިދުވެފައިވެއެވެ. މީގެތެރެއިން ބައެއް ރިވާޔަތްތައް އޮތީ މުޤައްޔަދުކޮށްނެވެ. ރަށްފުށުގެ މީހުންނަށް އެކަނި އޮތް ރުޚްޞާއެއްކަން ދޭހަވާ ގޮތަށެވެ.
ޙަނަފީންނާއި މާލިކީންނާއި ޝާފިޢީން ވިދާޅުވާ ގޮތުގައި މިއީ މަދީނަތުލްމުނައްވަރާގެ ރަށްބޭރުގައި ދިރިއުޅޭ މީހުންނާ ބެހޭ ގޮތުން ޙަދީޘްކުރެއްވި ބަސްފުޅެކެވެ. އެމީހުންނަކީ ސަހަރުގެ ޢިމްރާނުން ބޭރުގައި އުޅޭ ބަޔަކަށް ވަތީ އެ މީހުންގެ މައްޗަށް އަޞްލުގައި ހުކުރު ނަމާދު ވާޖިބެއް ނުވާނެއެވެ. އެ މީހުން ވެސް ޢީދު ނަމާދަށް އައިސް ފުރުމުގެ ކުރިން މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ ނަމަ، އެމީހުންގެ މައްޗަށް ހުކުރު ވާޖިބުވާނެއެވެ.(4)
ޙަންބަލީ މަޒްހަބުގައި މިއީ އެ މަޒްހަބުގެ ޢިލްމުވެރީންގެ މެދުގައި ދެބަސްވުން އޮތް މަސްއަލައެކެވެ. މިހާރުގެ ޢިލްމުވެރީންގެ ތެރެއިން އައްޝައިޚު ޖަބްރީން ވިދާޅުވެފައިވަނީ (ހުކުރު ދުވަހާއި ޢީދު ދުވަސް އެއް ދުވަހަކަށް ވެއްޖެނަމަ ޖުމްހޫރުންގެ ރައުޔަކީ ހުކުރު ނަމާދު ކުރުން ވާޖިބުވާނެއެވެ. ޢެހެނީ ޢީދު ނަމާދަކީ ސުންނަތް ނަމާދެކެވެ. ހުކުރު ނަމާދަކީ ވާޖިބު ނަމާދެކެވެ. ހުކުރު ނަމާދަށް ދިޔުން ވެއްޓިގެންދާނަމަ، ވެއްޓިގެންދާނީ ސަހަރާގެ ދުރު ރަށްތަކުގައި އުޅޭ ރަށްފުށުގެ މީހުންނަށެވެ. ބަންގީގެ އަޑު އިވޭ ހިސާބުގައި އުޅޭ މީހުން ޢީދު ނަމާދު ވެސް އަދި ހުކުރު ނަމާދު ވެސް ކުރާން ޖެހޭނެއެވެ.)
އެހެންކަމުން ރާއްޖޭގެ އެއްވެސް ރަށަކަށް މި ޙަދީސުގައިވާ ޙާލަތެއް ނުފެތެއެވެ. ރާއްޖޭގެ ރަށްތަކަކީ ކުދިކުދި ރަށްތަކެކެވެ. އެއިން އެއްވެސް ރަށެއްގައި ބަންގި ގޮވާ އަޑު ނީވޭހާ ދުރު ހިސާބެއްގައި ބަޔަކު އުޅޭނެހެނެއް ހީއެއް ނުވެއެވެ. އެހެންކަމުން ދިވެހީން ޢީދު ނަމާދު ކޮށްފައި ހުކުރު ނަމާދު ކުރަން ޖެހޭނެއެވެ.
ހުކުރު ނަމާދު ދޫކޮށްލެވިދާނެ ކަމަށް ބުނާ ޙަދީސަށް ބަލާއިރު މި ހަދީސުގެ ސަނަދުގައި ބަލިކަށި ކަމެއް ވާކަމަށް ޢިލްމު ވެރީން ވިދާޅުވެއެވެ. ބަލިކަށި ބަހަކުން ފަރްޟު ކަމެއް ވެއްޓިގެން ނުދާނެތެވެ. އެކުވެރި ޢަރަބި ޢިމާރާތުގެ މުފްތީން ވިދާޅުވެފައިވާ ގޮތުގައި މުސްލިމުންގެ ސަފުތައް ބައިބައިކުރާ ފަދަ އެންމެހާ ޖަދަލުތަކުން މުސްލިމުން ދުރުހެލިވާން ޖެހޭނެއެވެ. ޢަމަލު ކުރުން ވާޖިބުވެގެން ވަނީ މުޙްކަމާތު ބަސްފުޅުތަކާ އެއްގޮތަށެވެ. މުތަޝާބިހާތު ބަސްތަކާ ދުރުހެލިވެގެންނެވެ. ޢިލްމުވެރީންގެ ރައުޔު ތަފާތު މަސްއަލަތަކުގައި ޢަމަލު ކުރާން ޖެހޭނީ ގިނަ ޢިލްމުވެރީންގެ ބަސްފުޅުތަކާ އެއްގޮތަށެވެ.
_______________________________
ފުޓްނޯޓާއި ޙަވާލާ
(1) الجمعة : 9
(2) ޢަވާލީ ސަރަޙައްދަކީ މަދީނާގެ އިރުމަތީ ފަރާތުން ރަށްބޭރުގައި 4 ވަރަކަށް މޭލު ދުރުގައި އޮންނަ އަވަށްތަކެކެވެ.
(3) أخرجه أبو داود (١٠٧٣)، وابن ماجه بعد حديث (١٣١١)
(4) مغني المحتاج 1/ 539 ބައްލަވާ!