ކުޑަކުދީންގެ ވާހަކަ (9): ތަރުތީބު ރާވެރިބޭ
ސާދުނާ ޢަބްދުލްކަރީމް
މަރޮށީ ރާވެރިބޭގެ އަނބި ރ. ރަސްމާދޫ ރޯނުގޭ ހަރީރާއަކީ މުރާލި އަންހެނެކެވެ. ރާވެރިބޭ ހަވީރު ރުއްތަކުން ރާބާލައިގެން އައިއިރު ހަރީރާ ހުރީ، ރާވެރިބޭ މެންދުރު ނަމާދަށް ދަމުން ދޮވެފައި ރޯނުގައި އެޅުވި ރަތް ސޯޓުން ރޫ ފިލުވާށެވެ.
ރާވެރިބޭ ބުންޏެވެ. "ހަރީރާ! ރޭ ފަތިހު ރާބަދިތައް ހިފައިގެން ފައިބަނިކޮށް ރުކުގެ ހަރެއްގައި އަޅައިގަނެފައި ތިޔަ ސޯޓުގެ ފައިކުރި ވީދުނު ރަތް ރޮދިކޮޅެއް ހޯދައިގެން އެތަންކޮޅު މަރާމާތު ކޮށްލާ!"
ހަރީރާ ބުންޏެވެ. " ރަތް ރޮދިކޮޅެއް ނުލިބިގެން ރީނދޫ ރޮދިކޮޅަކުން މިއޮތީ ސޯޓުގެ އާބާތުރަ ފިލުވައިފަ! ދެން ރާބަދިތައް ބަހައްޓައިފައި އަވަހަށް ރޭނިގެއަށް ވަދޭ! ހޫނުހޫނު ސަޔާއި މުރަނަ ރޮށްޓާއި މީރުމީރު ކުޅި ރިހާކުރު ތައްޔާރުކޮށްފައި ހުންނާނެ! ސައިބޮއިގެން ފެންވަރައިގެން މަޣުރިބު ނަމާދަށް ދާން އަވަސްކުރޭ!
"ނޫނޭ ހަރީރާ! ހީކަރުވައިގަނެގެން ރޫރޫލިޔަސް ރާރުކުން އައިސް ސައިބޯން ވާނީ ރީއްޗަށް ފެންވަރާލައިގެން." ރާވެރިބޭ ބޯ ހޫރައިލައިފައި ބުންޏެވެ.
"އަވަސް އަރުވައިލިޔަސް ރަނގަޅަށް، ބަރާބަރަށް ރައުޢަތްތައް ފުރިހަމަކޮށްގެން ނަމާދުކުރާތި!" ހަރީރާ ސަމާސާ ރާގެއްގައި ބުނެލިއެވެ.
"ހަރީރާ! ފަރުޟު ނަމާދުގެ ރުކުންތަކާއި ހުރިހާ ނަމާދެއްގެ ރައުޢަތްތަކާއި ރުކޫޢު ސުޖޫދު ފުރިހަމަކުރާން ޖެހޭނެކަން މަށަށް ރޭކައި ނުލާނޭ ކަމަށް ހަރީރާ ހީކުރަނީތާ!" ރާވެރިބޭ ރީރި ރާގެއްގައި ތަކުރާރު ކޮށްލިއެވެ.
"ނޫން. ފިރިކަލޭގެޔާ! ހުރިހާ ފަރުޟު ނަމާދެއްގެ އިތުރަށް ޛިކުރުތަކާމެދު ބަރާބަރަށް މަގޭ ފިރިމީހާ ފަރުވާތެރިވާނެކަން އެނގޭ." ހަރީރާ ހީނލިއެވެ. "ތިޔައީ ރުޅިއަރާން ނުދަންނަ މަގޭ ރީތިރީތި ތަރުތީބު ފިރި، ތަރުތީބު ރާވެރިއެއްކަން އަބަދު ވެސް ހަނދާންހުރޭ!"
"ބަރާބަރު އަތްނބެއް ތިޔައީ. އެކަމަކު ދެން މިރޭ މަޣުރިބު ނަމާދަށް ގޮސްފައި އާދެވޭނީ ރަވާތިބު ސުންނަތްތައް ވެސް ކުރެވުނުހާ ފުރިހަމައަކަށް ކޮށްލައިގެން ޛިކުރުކުރާން މަޑުކޮށްލައިފައި. އަދި ޢިޝާ ނަމާދާއި ރަވާތިބު ސުންނަތާއި ވިތުރި ވެސް ތަރުތީބުން ބަރާބަރަށް ފުރިހަމަކުރުމަށް ފަހު." ރާވެރިބޭ ފަތިވަރެއްހެން ކިޔައިލިއެވެ.
____________________________