އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (5)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(31 ޖުލައި 2020 ގައި ޝާއިޢުކުރެވުނު ހިސާބާ ގުޅޭ)

އަލްފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބެން އޮތް ބައެއް ފިލާވަޅު

އަލްފާތިޙާ ސޫރަތުގެ ތަރުޖަމާއާއި ތަފްސީރު ނިންމައިލުމުގެ ގޮތުން، މި ތަނުގައި ދެން އެއްޗެއް ލިޔެލާން ގަސްދު ކުރަނީ މި ސޫރަތުން، މިއަދު، މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ ކޮބައިކަމާ ބެހޭ ގޮތުންނެވެ. މި ގޮތުން، އަޅުގަނޑު ދެ ފިލާވަޅެއް ފާހަގަކޮށްލާން ބޭނުން ވެއެވެ. ބައެއް އާންމު އިސްލާމީ އަދަބުތަކާ ގުޅޭ ފިލާވަޅަކާއި އަދި މިސޫރަތުގެ މައިގަނޑު މައުޟޫއުއާ ގުޅޭ ފިލާވަޅެކެވެ.

އާންމު އަދަބުތަކުގެ މައްޗަށް ބަލައިލާއިރު، އެންމެ ފުރަތަމަ ފާހަގަކޮށްލާން ޖެހެނީ ބިސްމި ކިޔައި މި ސޫރަތް ފެށުމަށް، މުއުމިނުންނަށް، އިރުޝާދު ދެވިފައިވާ ކަމެވެ. މި ކަމުން، މިއަދު ވެސް، މުއުމިނުންނަށް، މުހިއްމު ފިލާވާޅެއް، ލިބެން އެބަ އޮތެވެ. އެއީ މުއުމިނުންގެ އާންމު ދިރިއުޅުމުގައި ވެސް، ކަންކަން ކުރަން ފެށުމުގެ ކުރީން، ބިސްމި ކިޔުމެވެ. ކީރިތި ރަސޫލާގެ އެތައް ހަދީސްފުޅެއްގައި ވެސް މިކަމަށް އިރުޝާދުދެވި، ބާރުއެޅިފައި ވެއެވެ. މި ގޮތުން، އެންމެ އާންމު، އެއް ހަދީސްގައި އޮވެއެވެ. "ކަމަކުން ކަމަކަށްވާ ކަހަލަ، ވާހަކައެއް، ނުވަތަ ކަމެއް ވިޔަސް، (މާތް)ﷲ (ގެ އިސްމުފުޅު) ނަންނުގަނެ، ފަށައިފި ނަމަ، އެ ވާހަކައެއް ނުވަތަ އެކަމެއް ވާނީ (އެކަލާނގެ ބަރަކާތުން) ކެނޑިފައެވެ." (އިމާމު އަޙްމަދުގެ މުސްނަދުން ނެގިފައި.) މީގެ އިތުރަށް، ކެއުމުގެ ސުފުރާމަތީގައި އިން ކުޑަ ކުއްޖަކަށް އިރުޝާދު ދެއްވަމުން ކީރިތި ރަސޫލާ ވިދާޅުވިއެވެ. "ބިސްމިﷲ ކިޔައި ކާން ފަށާށެވެ! އަދި ކަނާތުން ކާށެވެ! އަދި އިނބަ ކައިރީގައިވާ އެއްޗަކުން ކާށެވެ!" (ޞަޙީޙު އަލްބުޚާރީއިން ނެގިފައި.) އަދި މި މައްސަލައާ ބެހޭ ގޮތުން އިސްލާމީ ފިގުހުގެ އެންސައިކްލޮޕީޑިޔާގައި ބަޔާންކުރެވިފައި ވެއެވެ. 'ގިނަ ފިގުހުވެރީން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އަޅުކަމެއް ވިޔަސް އަދި އެހެން ކަމެއް ވިޔަސް، ކަމަކަށް ވާކަހަލަ ކަމެއް ކުރުމުގެ ކުރީން، ބިސްމި ކިޔުމަކީ (އިސްލާމް ދީނުގައި) ޝަރުޢުކުރެވި ކަނޑައެޅިފައި އޮތް ކަމެކެވެ' (ފިގުހުގެ އެންސައިކޮލޮޕީޑިޔާ 92/8). އާދޭހެވެ! މިއިން އެނގެނީ، ކެއުން ބުއިމުގެ ކުރީގައްޔާއި އަދި އެހެނިހެން ކަންކަން ވެސް ފެށުމުގެ ކުރީން ބިސްމި ކިޔުމަކީ، އަޅުގަނޑުމެންގެ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއް ކަމެވެ. އަދި މި ކަމަކީ މުއުމިނާ އޭނާގެ ދީނާ ގުޅުވައިލައިދޭ އަދި އޭނާގެ ހުވިއްޔަތު ނުވަތަ އައިޑެންޓިޓީ ދިރުވައި ހިފަހައްޓާން އެހީވެދޭނޭ ވެސް ކަމެއް ކަމެވެ.

އާއްމު އަދަބުތަކާ ބެހޭ ދެވަނަ ފިލާވަޅު ގުޅެނީ، މި ސޫރަތުގައި މާތްﷲ ދެއްވި ނިއުމަތްތަކަށް ހަމްދުކޮށް، ޝުކުރުމަށް ދެވިފައިވާ އިރުޝާދާއެވެ. މިކަމުން ވަރަށް މުހިއްމު ފިލާވަޅެއް ލިބެން އެބައޮތެވެ. އެއީ މާތްﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުކުރާ ފަދައިން، އެހެން މީހުންގެ ފަރާތުން ލިބޭ ހެޔޮކަން ކަމަށް، އެމީހުންނަށް ވެސް، ޝުކުރުއަދާ ކުރުމެވެ. އިމާމު އަޙްމަދު ރިވާކުރައްވައިފައިވާ ހަދީސެއްގައި މިކަމަށް ބާރުއެޅިފައިވެއެވެ. "މާތްﷲއަށް އެންމެ ބޮޑަށް ޝުކުރުވެރިވާ މީހަކީ މީސްތަކުންނަށް އެންމެ ބޮޑަށް ޝުކުރުވެރިވާ މީހާއެވެ.' މިނޫނަސް މި މާނައިގައި އެތައް ހަދީސެއް ވާރިދުވެފައި ވެއެވެ.

އެހެން މީހުންނަށް ޝުކުރު އަދާކުރަން ޖެހެނީ އެމީހުންގެ ފަރާތުން ލިބޭ މާއްދީ ހެޔޮ ކަންކަމާ ވިދިގެންނެވެ. އިހުސާންތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ނުވަތަ ޚިދުމަތެއް ކޮށްދިނުން ފަދަ މާއްދީ ކަންކަމެވެ. ނުވަތަ އެމީހުންގެ ފަރާތުން ލިބޭ މައުނަވީ ހެޔޮ ކަންކަމާއި ވިދިގެންނެވެ. ހެޔޮބަހެއް ބުނުން ނުވަތަ ކަމަކަށް ހިތްވަރު ދިނުން ފަދަ މައުނަވީ ހެޔޮ ކަންކަމެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް މިފަދަ ހެޔޮ ކަންކަމާއި ވިދިގެން ހިތުގައި އުފެދޭ ޝުކުރުގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން ބޭނުން ކުރެވޭ ތަފާތު އިބާރާތްތައް އެބަ ހުއްޓެވެ. 'ޝުކުރިއްޔާ'، އަދި، 'ދަރުމަހުރި' ފަދަ އިބާރާތްތަކެވެ. އަދި ބައެއްފަހަރު އެފަދަ ފަރާތަކަށް ހެޔޮއެދިގެން ދުއާކުރުމަށް ބޭނުންކުރެވޭ 'ޖަޒާކަﷲ ޚައިރް' ފަދަ އިބާރާތްތައް ވެސް މެއެވެ. މިފަދަ އިބާރާތްތައް ހުރުން ދޭހަކޮށްދެނީ، މިއީ އަޅުގަނޑުމެންގެ ތެރޭގައި ވެސް އޮތް އާދައެއް ކަމެވެ. އެހެންވެ، މިފަދަ ރިވެތި އާދަތައް ހިފެހެއްޓުމަކީ އެދެވިގެންވާ، އަދި ބޭނުންތެރި ކަމެއް ވެސް މެއެވެ. އެހެނީ، މިފަދަ އިބާރާތްތައް ބޭނުންކޮށް، ހެޔޮކަމެއް ކޮށްދޭ ފަރާތަކަށް ޝުކުރު އަދާކުރުމަކީ، ޝައްކެއްނެތް ގޮތުގައި، މަދަނީ އަދި ތަހުޒީބީ އާދަކާދަތަކުގެ ތެރެއިން ހިމެނޭ ކަމަކަށް ވާތީއެވެ. އަދި އަޅުގަނޑުމެންގެ ތެރޭގައިވެސް އޮތް، އިސްލާމީ ރިވެތި އާދައަކަށްވާތީ ވެސް މެއެވެ. އަދި ހަމަ އެހެންމެ، މިފަދަ އާދަކާދަތަކަކީ ދޭދޭ ގުޅުންތައް، ހިތް ހެޔޮކަންމަތީ ދަމަހައްޓާން، އެހީވެދޭނެ ކަމަކަށްވާނެތީ ވެސް މެއެވެ.

އަލްފާތިޙާ ސޫރަތުގައި މާތްﷲގެ ސިފަފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ސިފަފުޅެއް ބަޔާންކުރެވިފައި ވެއެވެ. އެކަލާނގެއީ ރަޙުމަތުގެ ރަސްކަލާނގެ ކަމެވެ. އޯގާވެރިކަމާއި އިހުސާންތެރިވުމުގެ ރަސްކަލާނގެ ކަމެވެ. އެކަލާނގެއީ އަޅުތަކުންނަށް ހެޔޮ ގޮތް އެދިވޮޑިގަންނަވާ އަދި ހެޔޮ ގޮތްތައް މިންވަރުކުރައްވާ ރަސްކަލާނގެ ކަމެވެ. މާތްﷲގެ މިފަދަ ސިފަފުޅުތަކާ ބެހޭގޮތުން އިލްމުވެރިން ފާހަގަ ކުރައްވާ ކަމެއް އޮވެއެވެ. އެއީ މިފަދަ އިލާހީ ސިފަފުޅުތަކުން މުއުމިނުން ވެސް ފިލާވަޅު ލިބިގަތުމެވެ. މާތްﷲ އެކަލާނގެ އަޅުތަކުންނަށް އޯގާވެރިވޮޑިގަންނަވާ ފަދައިން، މުއުމިނުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކަށް އޯގާވެރިވެ އަޅާލާ ބަޔަކަށް ވުމެވެ. ނަބަވީ އިރުޝާދުގައި ވެސް މި ކަމަކަށް ބާރުއެޅިފައި ވެއެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅެއްގައި އޮވެއެވެ. الراحمون يرحمهم الرحمن، ارحموا من في الأرض يرحمكم من في السماء '(މީސްތަކުންނަށް އަޅައިލާ) ރަހުމްކޮށް އުޅޭ އޯގާތެރީންގެ މައްޗަށް ރަޙުމާނުވަންތަ މާތްރަސްކަލާނގެ ރަހުމަތް ލައްވައެވެ. ތިޔަބައިމީހުން، ބިމުގައި، އެބަހީ، ދުނިޔޭގައި ވާ މީހުންނަށް ރަހުމްކޮށް އޯގާތެރިކޮށް ހިތާށެވެ! އެއިރުން، އުޑުގައި ވޮޑިގެންވީ ފަރާތުން ތިޔަބައިމީހުންގެ މައްޗަށް ރަހުމަތް ލައްވާނެތެވެ.'. (ސުނަނު އަބީ ދާވޫދު، ހަދީސް 4941 އަދި ސުނަނު އައްތިރްމިޛީ، ހަދީސް 1924). އެކަކު އަނެކަކަށް އޯގާތެރި ވެވިދާނެ ތަފާތު ގޮތްތައް ހުރެއެވެ. ކެރިފޯރި މިންވަރަކުން އެހީތެރިވުމެވެ. އެކަކު އަނެކަކުގެ ހާލު އަހުވާލު ބެލުމެވެ. ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކައިލުމުން ވެސް އޯގާތެރިވުން ފާޅުކުރެވިދާނެއެވެ. މީހަކާ ބައްދަލުވުމުން، ސަލާން ގޮވައިލައި ހިނިތުންވެލުމަކީވެސް ސަދަގާތެއް ކަމަށް ކީރިތ ރަސޫލާގެ ހަދީސްފުޅެއްގައި ވާރިދުވެފައި ވެއެވެ.

އަލްފާތިހާ ސޫރަތުން ދެން ލިބެންއޮތް ފިލާވަޅު ގުޅެނީ، އެސޫރަތުގައި، މާތްﷲގެ ހަޟްރަތުގައި އަދައި ދެންނެވޭ ދުއާގެ ވާހަކަ ހުށަހަޅައިލެވޭ ގޮތާއެވެ. މި އެދުމުގެ ވާހަކަ ހުށަހަޅާލެވިފައިވަނީ އެކަލާނގެއާ އެކަށީގެންވާ ގޮތުގެ މަތީން، އެކަލާނގެއަށް ހައްގު އަދަބު އިހުތިރާމު އަދާ ކުރުމަށް ފަހުގައެވެ. ހަމްދާއި ޘަނާ ދަންނަވައި ތަމްޖީދުކޮށް ތަޢުޡީމު އަދާކުރުމަށް ފަހުގައެވެ. މި ކަމުން މުއުމިނުނަށް ލިބެންއޮތް ފިލާވަޅަކީ، މާތްﷲއަށް ހައްގު އަދަބާއި އިހުތިރާމު އަދާ ކުރާފަދައިން، އެހެން މީސްމީހުންނާ މުއާމަލާތް ކުރާއިރު އަދަބުވެރިކަމާއެކު މިކަން ކުރިއަށް ގެންދިޔުމެވެ. ހުރިހާ ހާލަތެއްގައި ވެސް، މަދަނީ އަދި ތަހުޒީބީ ސިފައެއްގައި، މުއާމަލާތްތައް ކުރިއަށް ގެންދިއުމެވެ. ތިމާ ރުހިފައި ހުއްޓަސް ނުވަތަ ނުރުހިފައި ހުއްޓަސް، އުފާވެފައި ހުއްޓަސް ނުވަތަ ދެރަވެފައި ހުއްޓަސް، އެއްބަސް ވިޔަސް ނުވަތަ ދެބަސްވާން ޖެހުނަސް، ދޭދޭ މުއާމަލާތުތަކުގައި މުއުމިނާ ވާން ޖެހޭނީ ބޭއަދަބީ ބަސްތަކާއި އިބާރާތްތައް ބޭނުންކުރުމުން ދުރުހެލިވެހުރެ، އަދަބުވެރިކަމާއިއެކު މުއާމަލާތް ކުރާ މީހަކަށެވެ. މިފަދައިން އެކަކު އަނެކަކަށް އަދަބުވެރިވެ އިހުތިރާމު ކުރާ މީހުންނަކީ 'ތަޤުވާވެރިކަމުގެ އިމްތިޙާނުން' ފާސްވެ ހަގީގީ ތަޤުވާވެރިންގެ ގޮތުގައި ހިމަނައިލެވޭ މީހުންކަމުގެ އިޝާރާތް އަލްޙުޖުރާތު ސޫރަތުގެ ތިންވަނަ އާޔަތުން ލިބެއެވެ. ...اولئك الذين امتحن الله قلوبهم للتقوى...، 'އެބައިމީނުންނަކީ (މިތަނުގައި އެންމެ ފުރަތަމަ އިޝާރަތްކުރެވެނީ ކީރިތި ރަސޫލާއަށް އަދަބު އިހުތިރާމު އަދާކުރާ މީހުންނަށެވެ،) އެމީހުންގެ ހިތްތައް، މާތްﷲ، އިމްތިހާނު ކުރައްވައި ތަގުވާވެރިވުމަށް ތަނަވަސްކޮށްދެއްވި މީހުންނެވެ...' މިއާޔަތުންނެވެ. މި މާނައިގައި ގިނަގުނަ ހަދީސްތައް ވެސް ރިވާވެގެން ވެއެވެ. މިފަދަ އެއް ހަދީސެއްގައި ވާރިދުވެފައި ވެއެވެ. ކީރިތި ރަސޫލާ އަރިހުން، މުއާޛުގެފާނު ނަސޭހަތުގެ ބަސްކޮޅެއް އިއްވައި ދެއްވުމުށް އެދިވަޑައިގަތުމުން، އެކަލޭގެފާނު ހަދީސްފުޅު ކުރެއްވިއެވެ. "... މީސްތަކުންނާ މުއާމަލާތް ކުރައްވާއިރު، ރިވެތި އަޚްލާގެއްގެ މަތީ ހުންނަވައި، އެމީހުންނާ މުއާމަލާތް ކުރައްވާށެވެ!" (މުސްނަދު އިމާމު އަޙްމަދު.)

މި ދެންނެވި ދިޔަ އިސްލާމީ އަދަބުތަކާ ގުޅޭ ފިލާވަޅުތަކުގެ އިތުރަށް، ދެން އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވަނީ މި ސޫރަތުގެ މައިގަނޑު މައުޟޫޢާ ގުޅޭ ފިލާވަޅެކެވެ. އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫޢަކީ މާތްﷲގެ ހަޟުރަތުގައި ތެދުމަގު އެދި ދެންނެވުން ކަމުގައި، އެ ސޫރަތުގެ ތަފްސީރުގައި ލިޔެވި ދިޔަ ވާހަކަތަކުގައި ބަޔާން ކުރެވުނެވެ. އަދި 'ތެދުމަގު' ގުޅިފައި އޮތީ ހެޔޮލަފާ މީހަކަށް ވުމާއި އަދި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންތައްތައް ކުރުމާކަން ވެސް ބަޔާން ކުރެވުނެވެ.

އަލްފާތިޙާ ސޫރަތަކީ ފަރުޟު ފަސްނަމާދުގައްޔާއި އަދި ސުންނަތް ނަމާދުތަކުގައި ވެސް ކިޔެވޭ ސޫރަތެކެވެ. އެހެންވެ، މުއުމިނުން، ރެއާއި ދުވާލު، މަދުވެގެން، ސަތާރަ ފަހަރު ތަކުރާރުކޮށް اهدنا الطراط المستقيم މިއާޔަތް ކިޔަވައި މާތްﷲގެ ހަޟުރަތުގައި 'ތެދުމަގު' ދެއްކެވުމަށް އެދި ދުއާ ދަންނަވައެވެ. އެއީ އެ ތެދުމަގު ލިބިގަތުމުގެ އިތުރަށް، އެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުން ވެސް އެދުމުގެ ގޮތުންނެވެ. އާދޭހެވެ! ތެދުމަގު ލިބުމަށްފަހު، މުއުމިނާގެ ހިތުގައި އޮންނަ އެންމެ ބޮޑު އެއް އެދުމަކީ އެ މަގުގައި ސާބިތުވެ ދެމިހުރުމެވެ. މާތްﷲގެ ހަޟްރަތުގައި އަބަދުމެ، މުއުމިނާ ދަންނަވާ ދުއާއަކީ މިއެވެ. ربنا لا تزغ قلوبنا بعد إذ هديتنا، فهب لنا من لدنك رحمة، إنك أنت الوهاب، 'ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް (ތެދުމަގު ގެ) ހިދާޔަތު ދެއްކެވުމަށް ފަހު، އަޅަމެންގެ ހިތްތައް (އެ މަގުން) އެއްކިބާވެގެން ނުދިނުމަށްޓަކައި (އަޅަމެނަށް ވާގިވެރިވެދެއްވައި، އެމަގުގައި އަޅަމެން ދެމިތިބުމުގެ ހެޔޮ) ރަހުމަތް އަޅަމެނަށް ލައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ހުރިހާ ހެޔޮ ގޮތްތައް މެދުވެރިކުރައްވާ، ހުރިހާ އެއްޗެއް ވެސް (އެއްވެސް ބަދަލެއް ނެންގެވުމަކާ ނުލައި، ދީލަތިކަމާއެކު) ހިބައިން ދެއްވާ ރަސްކަލާނގެއެވެ.' (އާލު ޢިމްރާނު ސޫރަތުގެ 8ވަނަ އާޔަތް.) މި ދުއާގައި ނަންގަނެވިފައިވާ އެދުން، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވައި މާތްﷲގެ ހަޟްރަތުގައި، މުއުމިނާ ދަންނަވައެވެ. އެސޫރަތް، ތަކުރާރުކޮށް ކިޔަވައި، ތެދުމަގުއި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހިތްވަރާއި ބާރު ދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި، އޭނާ ދަންނަވައި ދުޢާކުރެއެވެ.

މި ހިސާބުން އުފެދޭ ސުއާލަކީ، ތެދުމަގުގައި ދެމި ތިބުމަށް އަބަދުމެ، އެދިއެދި ތިބެން ޖެހެނީ، ތެދުމަގުގައި ދެމިތިބުމަކީ ހަމަ އެހާ އުނދަގޫ ކަމެއް ބާވައެވެ؟ މި ސުއާލުގެ ޖަވާބު ގުޅިފައި އޮތީ އަޅުގަނޑުމެންގެ އިންސާނީ ޠަބީޢަތާއެވެ. އަޅުގަނޑުމެންގެ ކިބައިގައި ރަނގަޅު ކަންތައް ކުރުމުގެ އެކަށޭނަކަމާއި، ހަމަ އެހެންމެ، ނުރަގަނޅު ކަންތައް ކުރުމުގެ އެކަށޭނަކަން ވެސް ލެއްވިފައިވާ ލެއްވުމާއެވެ. ބައެއް ފަހަރު، އަޅުގަނޑުމެން ހެޔޮމަގު ޚިޔާރުކޮށް ހެޔޮ ގޮތުގައި އަޅުގަނޑުމެންގެ ނަފްސު ހިފަހައްޓައި ކޮންޓުރޯލުކުރެއެވެ. އަނެއްބައި ފަހަރު، ނުރަގަޅު މަގު ޚިޔާރުކުރާން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު، އަޅުގަނޑުމެނަށް ދޫކޮށްލެވެއެވެ. މި ދެންނެވި އިންސާނީ ޠަބީޢަތުގެ މައްޗަށް، ކީރތި ޤުރްއާނުގައި ވެސް، އަލިއަޅުވައިލެވިފައި ވެއެވެ. އައްޝަމްސު ސޫރަތުގެ މި ނަންގަންނަ އާޔަތްތަކުގައެވެ. ونفس وما سواها، فألهمها فجورها وتقواها قد أفلح من زكاها وقد خاب من دساها، (ކޮންމެ ނަފްސަކާއި އެނަފްސެއް (ތިމަން ﷲ) ހައްދަވައި ފުރިހަމަ ކުރައްވާފައިވާ ގޮތް (ވެސް) ގަންދެއްވައި (ވަހީކުރައްވަމުއެވެ). ކޮންމެ ނަފްސަކަށް ވެސް ނުބައިކަންތައްތައް ކުރުމުގެ (އެކަށޭނަކަށް) އެކަލާނގެ ދެއްވާފައިވެއެވެ. އަދި ހަމަ ކޮންމެ ނަފްސަކަށް ވެސް (ރަނގަޅު ކަންތައްކޮށް) ތަޤުވާވެރިވުމުގެ އެކަށޭނަކަން ވެސް (އެކަލާނގެ) ދެއްވައިފައި ވެއެވެ. ހަމަކަށަވަރުން ކާމިޔާބު ލިބުން އޮތީ (ނުބައިކަންތައް ކުރުމުން) އެ ނަފްސު (ދުރުކުރުވައި،) ސާފުތާހިރު ގޮތުގައި (އެ ނަފްސު) ބަހައްޓާ މީހާއަށެވެ. އަދި (ނާކާމިޔާބުވެ،) ގެއްލި ހަލާކުވުން އޮތީ އެނަފްސު (ލައްވައި ނުބައިކަންތައްކޮށް، އެނަފްސު) ފާސިދުކޮށްލާ މީހާއަށެވެ'. (އައްޝަމްސު ސޫރަތް 10-7)

އާދެ، ތިމަން އީމާންވެއްޖައީމުއޭ ބުނުމަކުން، ނަފްސުގެ ތެރޭގައި ހިނގާ ރަނގަޅާއި ނުބަޔާއި ދެމެދު ކުރެވޭ ހަނގުރާމަ ނިމުމަކަށް ނާދެއެވެ. އަދި ކިއެއްތޯއެވެ؟ އެ ހަނގުރާމައަކީ އިންސާނާ ދިރިދެމި ހުރިހާ ހިނދަކު ކުރިއަށްދާނޭ ހަނގުރާމައެކެވެ. އޭނާ ދިރިދެމި ހުރިހާ ހިނދަކު، އޭނާގެ ނަފްސުގެ ކުރިމައްޗަށް، ނަފްސު ހައްލުވައިލައި، ނުރަނގަޅު މަގަށް އަނބުރައިލަނިވި ކަންތައްތައް ހުށަހެޅިހުށަހެޅި ހުރެއެވެ. ހަވާ ނަފްސުގެ އެދުންތަކެވެ. އަމިއްލަ މަސްލަހަތުތައް ރައްކާތެރިކުރުމުގެ އެދުންތަކެވެ. މިފަދަ އެދުންތައް ތިމާގެ ނަފްސުގެ މައްޗަށް ހުށަހެޅޭ ވަގުތުތަކުގައި ތިމާގެ އަމިއްލަ ނަފްސު އިމްތިހާނުކޮށްލެވެއެވެ. އިލާހީ ސުންނަތުގައިވާ ގޮތުގެ މަތިންނެވެ. "أ فحسب الناس أن يتركوا أن يقولو آمنا فهم لا يفتنون؟" 'އަޅެ، ފަހެ، ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެމީހުން (ގެ އީމާންކަން) އިމްތިހާނު ނުކުރެވި ދޫކޮށްލެވޭނޭކަމަށް، މީސްތަކުން ހީކުރީ ހެއްޔެވެ؟" (އަލްޢަންކަބޫތު ސޫރަތުގެ 2ވަނަ އާޔަތް). 

މިއިން އަޅުގަނޑުމެންނަށް އެނގެނީ، ތެދުމަގު ލިބިގަނެ އެ މަގުގައި ދެމިހުރުމަކީ މުއުމިނާގެ އެންމެ ބޮޑު އެދުންކަމުގައި ވިޔަސް، އޭނާގެ އީމާންކަން އިމްތިހާނުކޮށްލެވޭ ކަންތައްތަކާ މުއުމިނާއާ ވެސް ދިމާވެދާނޭ ކަމެވެ. އަދި ތެދުމަގުގައި ދެމިހުރުމުގައި ތަފާތު ގޮންޖެހުންތަކާ އޭނާއާ ކުރިމަތިވެދާނޭ ކަމެވެ. އަމިއްލަ ނަފްސުގެ ކުރިމައްޗަށް ހުށަހެޅޭ ތަފާތު ކަންތައްތަކުގެ ސަބަބުން، ހަވާނަފްސުގެ ކޮޅަށް، ނުވަތަ ނުބައިކަންތައް ކުރުމަށް އަމުރުކުރާ ނަފްސުގެ ކޮޅަށް، ތިމާގެ ނަފްސު އެނބުރި ހިނގައިދާނޭކަމެވެ. އަދި މި ކަމުގެ ސަބަބުން ދީނީ ވާޖިބުތައް އަދާކޮށް ރަނގަޅު ގޮތުގައި ހުރުމުގެ އަޒުމަށް ހީނަރުކަން އާދެއެވެ. ހުރިހާ ހާލަތެއްގައި ވެސް ތެދުވެރިވެ، އަދުލް އިންސާފަށް މަސައްކަތްކޮށް ހެޔޮ ގޮތުގައި ހުރުމަށް ނުކުޅެދިގަނެވެއެވެ. އާދޭހެވެ! ކުރުގޮތަކަށް ދަންނަވަނީ ނަމަ، އިންސާނީ ނަފްސުގެ ބަލިކަށިކަމުގެ ސަބަބުން، އިލާހީ ތެދުމަގުން ކައްސައިލުން އޮންނަނީ ދާދި ކައިރީގައެވެ. އެހެންވެ، އަބަދާއިއަބަދު، ތެދުމަގު ހޯދުމަށްޓަކައި މުއުމިނާ މަސައްކަތް ކުރާން ޖެހެއެވެ. މި އެދުމަށް، ބަލިމަޑުކަން އައިސް، މި އެދުން މަރުވެދިޔަ ނުދިނުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާންޖެހެއެވެ. އަމިއްލަ ނަފްސުގައި އެ ކަމުގެ އެދުން ދިރުވައި ދަމަހައްޓާން ޖެހެއެވެ. ތިމާގެ އަމިއްލަ ނަފްސުގެ ކުރިމައްޗަށް އެ ނަފްސު އިމްތިހާނުކޮށްލެވޭ ކަންތައްތައް ކުރިމަތިވާ ވަގުތުގައި އީމާންކަންމަތީ ދެމިހުރުމަށްޓަކައެވެ. އެ ފަދަ ވަގުތުތަގުގައި ތެދުމަގުން އެއްކިބާ ނުވެ، އެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމައްޓަކައެވެ. އަދި އެ ފަދަ ހާލަތެއްކުރިމަތިވެ، ފައިތިލަ ކައްސާލި ކަމުގައި ވިޔަސް، އަވަހަށް، އީމާންކަން އާކޮށް، ތެދުމަގަށް އެނބުރި ރުޖޫއަވުމަށްޓަކައި ވެސް މެއެވެ. އަލްފާތިހާ ސޫރަތް ތަކުރާރުކޮށް ކިޔަވައި، اهدنا الصراط المستقيهم 'އަޅަމެންނަށް ތެދުމަގު ދައްކަވާނދޭވެ!' މިދުއާ މާތްﷲގެ ހަޟްރަތުގައި އަބަދުމެ ދެންނެވުމުގެ ބޭނުމަކީ، އެ ކަމުން ލިބޭ ދަރުސަކީ، ފިލާވަޅަކީ، ތެދު މަގުގައި ދެމިހުރުމުގެ ސާބިތުކަން ދެއްވުމަށް އެދި އަބަދުމެ ދެންނެވުމެވެ. އަދި، ތެދު މަގުން، ފައިތިލަ ކައްސައިނުލައި، ތިމާގެ ނަފްސު ތާހިރުކަންމަތީ ލަހައްޓައި ރޫހާނީ ގޮތުން، ތިމާ ކުރިއަށް ދިޔުމަށް މަގުފަހިކޮށް ދެއްވުމަށް އެދި ދެންނެވުމެވެ.

މި ކަން އިތުރަށް ސާފުކޮށްލުމުގެ ގޮތުން އިސްލާމީ ތާރީޚަށް ނަޒަރު ހިންގައިލަމާތޯއެވެ! އިސްލާމީ ދައުވަތުގެ މަސައްކަތް ފެށިގެން އައިރު، ކީރިތި ރަސޫލާ އެ މަސައްކަތް އެންމެ ފުރަތަމަ ކުރެއްވީ ސިއްރިޔާތުގައި ޚުސޫސީ (ޕްރައިވެޓް) ސިފައެއްގައެވެ. އާއިލީ ބޭފުޅުންނަށާއި އަދި ގާތް އެކުވެރި ރަހުމަތްތެރިންނަށް އަމާޒު ކުރައްވައިގެންނެވެ. "وأنذر عشيرتك الأقربين"، 'ކަލޭގެފާނުގެ އަހުލުބައިތުންނާއި ގާތްތިމާގެ މީހުންނަށް (އިސްލާމް ދީނަށް ދައުވަތުދެއްވައި) އިންޒާރު ދެއްވާށެވެ' (އައްޝުޢަރާއު ސޫރަތް 215). މިއާޔަތުގައި އިރުޝާދުދެވިފައިވާ ގޮތުގެ މަތީންނެވެ. އިސްލާމީ ދައުވަތުގެ މަސައްކަތް މި ފަދަ ވަންހަނާ ގޮތެއްގައި ވަކި ބަޔަކަށް އަމާޒު ކުރެވިގެން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވުނެވެ. فاصدع بما تؤمر وأعرض عن المشركين، 'ކަލޭގެފާނަށް އަމުރުކުރެއްވޭ ކަންތަކާއިގެން (އިސްލާމީ ދައުވަތުގެ މަސައްކަތާއިގެން) ފާޅުގައި ކުރިއަށް ވަޑައިގަންނަވާށެވެ. އަދި، މުޝްރިކުން (ގެ އުނދަގޫ ކުރުމާ މެދު) އަޅައިނުލައްވާށެވެ،' (އަލް ޙިޖްރު ސޫރަތުގެ 94) މިއާޔަތް ބާވައިލެވެންދެންނެވެ. އިލާހީ މި އަމުރުފުޅު އައުމުން، ދެން، އިސްލާމީ ދައުވަތް އެންމެންގެ ތެރޭގައި ފާޅުކޮށްލެވި، އާންމު ކޮށްލެވުނެވެ. ކީރިތި ރަސޫލާ، މައްކާގެ އެންމެން އެއްކުރައްވައި، އެންމެންގެ ކުރިމަތީ، އެކަލޭގެފާނުގެ ދައުވަތު އިއުލާނު ކުރެއްވިއެވެ.

އިސްލާމީ ދައުވަތު އާންމުކުރެވުމާ ވިދިގެން މައްކާގެ އަހުލުވެރީން، އާންމު ގޮތެއްގައި، ކީރިތި ރަސޫލާއާ ދެބަސްވެ އިސްލާމީ ދައުވަތާ އިދިކޮޅުވެގަތެވެ. އަދި ދުވަސްކޮޅަކަށް ފަހު، މި އިދިކޮޅުވުން، ދެކޮޅުވެރިކަމަށް ބަދަލުވިއެވެ. ދެން، މި ދެކޮޅުވެރިކަން ހަތުރުވެރިކަމަށް ބަދަލުވިއެވެ. އަދި މިހަތުރުވެރިކަން އެކިއެކި ސިފައިގައި ފާޅުކުރެވުނެވެ. އެންމެ ފުރަތަމަ އަނގަ ބަހުންނެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް މަލާމާތްކޮށް ހަޑިހުތުރު އެއްޗެހި ކިޔައި ފުރައްސާރަކޮށެވެ. އެކަލޭގެފާނަކީ މޮޔައެއްކަމާއި ސިހުރުވެރިއެއްކަމާއި ޖިންނި އަވަލަވާފައި ހުންނެވި ބޭކަލެއްކަމާއި އަދި މި ނޫންވެސް މި ފަދަ އެހެން އިބާރާތްތައް ބޭނުންކޮށްގެންނެވެ. މީގެ އިތުރަށް، މައްކާގެ އަހުލުވެރީން، އެ މީހުންގެ ހިތްތަކުގައި، ކީރިތި ރަސޫލާއާއި މުސްލިމުންނާ މެދު އޮތް ހަތުރުވެރިކަން އަމަލީ ގޮތެއްގައި ވެސް ފާޅު ކުރިއެވެ. ކީރިތި ރަސޫލާއަށާއި މުސްލިމުންނަށް ދަތިތަކާއި އުނދަގޫތައް މެދުވެރިކޮށްގެންނެވެ. އަނިޔާއާއި ހާނިއްކަ ވެސް ކޮށްގެންނެވެ. ޚާއްޞަގޮތެއްގައި، މައްކާގެ އިޖުތިމާއީ-އިގްތިސާދީ ހަރުގަނޑުގެ ތިރީ ހަރުފަތްތަކުގައި ހިމެނުނު، ބިލާލު ބިން ރަބާޙު އާއި ސުމައްޔާ ފަދަ އަޅުންނާއި ދެރަ ނިކަމެތި ފަގީރުންނަށް ހާނީއްކަކޮށް އަނިޔާކޮށްގެންނެވެ. ބިލާލުގެފާނު މައްކާގެ މަގު މައްޗަށް ނެރެ، ބިންމަތީ ބާއްވައި ގައިކޮޅަށް ހޫނު ބޮޑެތި ހިލަ އަރުވައި އަނިޔާ ކުރެވުނެވެ. އަދި ސުމައްޔާއަށް އަނިޔާކޮށް އެކަމަނާ އަވަހާރަކޮށްލެވުނެވެ. އާދޭހެވެ! އިސްލާމީ ދައުވަތު އާންމުކޮށްލެވުމާ ވިދިގެން މުއުމިނުންނަށް މި ދެންނެވި ފަދަ ވަރުގަދަ އިމްތިހާނުތަކާ ކުރިމަތިލާން ޖެހުނެވެ. އެ މީހުންގެ އަގީދާ ލޮޅުން އަރުވައިލައި، އެ އަގީދާއަށް ފުރަގަސް ދޭން މަޖުބޫރުކުރުވި ފަދަ ވަރުގަދަ އިމްތިހާނުތަކާއެވެ.

މި ފަދަ ދަނޑިވަޅެއްގައި، ކީރިތި ޤުރުއާނުގައި، ކިރިތި ރަސޫލާއަށާއި މުސްލިމުންނަށް އިރުޝާދު ދެވިފައިވަނީ ނަމާދުކުރުމަށާއި އަދި ކީރިތި ޤުރުއާން ކިޔެވުމަށެވެ. އަދި މި ކަމުން ބާރާއި ހިތްވަރު ލިބިގަނެ، އުނދަގޫތަކަށް ކެތްކުރުމަށެވެ. މައްކީ ދައުރުގެ ވަރަށް ކުރީކޮޅު ބާވައިލެއްވުނު އަލްމުއްޒައްމިލު ސޫރަތުގެ މި އާޔަތްކޮޅަށް ބަލައިލުމުން މި ކަން ދޭހަ ވެއެވެ. يا أيها المزمل قم الليل إلا قليلا، نصفه أو انقص منه قليلا، أو زد عليه ورتل القرآن ترتيلا، إنا سنلقي عليك قولا ثقيلا، 'އޭ ރަޖާކޮޅު އަޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (މިތަނުގައި މުޚާތަބު ކުރެވެނީ ކީރިތި ރަސޫލާއަށެވެ، އަދި 'ރަޖާކޮޅު އަޅުއްވައިގެން އޮތުން' އިޝާރަތް ކުރެވެނީ އެކަލޭގެފާނު ހިރާ ފަރުބަދައިގައި އިންނަވަނިކޮށް ޖިބްރިލުގެފާނު ވަޑައިގެން، ވަހީގެ ފުރަތަމަ ތަޖުރިބާ ކުރެއްވުމަށް ފަހު، ބިރުފުޅުގެން ވަޑައިގެން، ގެކޮޅަށް އެނބުރިވަޑައިގަނެ، 'ޒައްމިލޫނީ ޒައްމިލޫނީ' [ތިމަންގައިކޮޅުގައި ރަޖާއަޅުއްވާށެވެ! ތިމަންގައިކޮޅުގައި ރަޖާއަޅުއްވާށެވެ!) މިހެން ވިދާޅުވި ވިދާޅުވުމާއެވެ. އަދި މިކަމުން ރަމްޒުކޮށްދެނީ ނަފްސާނީ ގޮތުން އެކަލޭގެފާނު އިސްލާމި ދައުވަތުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް އިތުރަށް ތައްޔާރުވެ ވަޑައިގަންނަވަން ޖެހޭކަމެވެ. މިސޫރަތުގައި އެކަމާ ގުޅޭ ގޮތުން ނަމާދު ކުރުމަށާއި ކީރިތި ޤުރްއާން ކިޔެވުމަށް އިރުޝާދު ދެވިފައިވެއެވެ.) ރޭގަނޑުގައި ކުޑަ ހިނދުކޮޅެއްފިޔަވައި (ނަމާދު ކުރެއްވުމުގައި) ކަލޭގެފާނު ދެމި ހުންނަވާށެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި (ނަމާދު ކުރައްވާށެވެ). ނުވަތަ (ދެބައިކުޅަ އެއްބަޔަށް ވުރެ) ކުޑަކޮށްލައްވައި (އެ ވަގުތުގައި ނަމާދު ކުރައްވާށެވެ.) ނުވަތަ (އެވަގުތު ކޮޅަށް އަދި) ކުޑަ އިރުކޮޅެއް އިތުރުކޮށްލައްވައި (ނަމާދު ކުރައްވާށެވެ.) އަދި ލަސްލަހުން (ވިސްނިވަޑައިގަންނަވާ ފަދަ ގޮތެއްގައި) ކަލޭގެ ފާނު (ކީރިތި) ޤުރުއާން ކިޔަވައިވިދާޅުވާށެވެ. ކަލޭގެފާނުގެ މައްޗަށް (ބުރަ މަސައްކަތެއްގެ) ވާހަކަ (އިސްލާމީ ދައުވަތުގެ މަސައްކަތުގެ ވާހަކަ) ތިމަންﷲ ބާވައިލައްވާ ހުރީމުއެވެ' (އަލްމުއްޒައްމިލު ސޫރަތް 5-1). މި ގޮތުގައި ކީރިތި ރަސޫލާއާއި އަދި މުސްލިމުން ވެސް ނަމާދު ކުރެއްވުން މަތީ ދެމިތިއްބެވިކަން، ދެންމެ މި ނަންގަތް އާޔަތްތަކުގެ ތަންކޮޅެއްފަހުން ބާވައިލެއްވުނު، ހަމަ މިސޫރަތުގެ 20 ވަނަ އާޔަތުން އެނގެއެވެ. إن ربك يعلم أنك تقوم أدني من ثلثي الليل ونصفه وطائفة من الذين معك... ހަމަ ކަށަވަރުން ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ، ކަލޭގެފާނު(ދަމު ނަމާދު) ގާއިމު ކުރައްވާކަން ދެނެވޮޑިގެން ވެއެވެ. ރޭގަނޑުގެ ތިންބައިކުޅަ ދެބައި ގައެވެ. ނުވަތަ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ ތިންބައިކުޅަ އެއްބައިގައެވެ. އަދި (މިއަޅުކަމުގައި) ކަލޭގެފާނާއި އެކު ވާ މީހުންގެ ތެރެއިންބަޔަކު ވެސް (އެބަހީ އަސްހާބު ބޭކަލުންގެ ބަޔަކުވެސް ދެމި ތިއްބަވާ) މެއެވެ...' މިއާޔަތުގައެވެ.

ކުރިންވެސް ނަންގަނެވިދިޔަ ފަދައިން، އަލްފާތިޙާ ސޫރަތް ބާވާލެއްވުނީ އިސްލާމީ ދަޢުވަތުގެ އެންމެ ކުރީކޮޅުގައެވެ. ދަޢުވަތް އާންމުކުރުމުގެ ވެސް ކުރީގައެވެ. ޝައިޚު ރަޝީދު ރިޟާގެ ތަފްސީރުލްމަނާރުގައި ބަޔާން ކުރެވިފައިވާ ގޮތުގައި، މީހަކު އިސްލާންވުމުން، އެންމެ ފުރަތަމަ، އެމީހަކަށް، ދަސްކޮށްދެވޭ ސޫރަތެއް ކަމުގައި އަލްފާތިޙާ ސޫރަތްވިއެވެ. (ތަފްސީރުލްމަނާރު 84/1). މިއިން ދޭހަވަނީ، އެންމެ އިހުގައި ވެސް، މުސްލިމުން، އެންމެ ކުރިން ދަސްކުރާ ސޫރަތެއް ކަމުގައި މި ސޫރަތްވީ ކަމެވެ. ފަރުޟު ފަސް ނަމާދު ކުރުމުގެ ހުކުމް ބާވައިލެއްވުނީ މައްކީ ދައުރުގެ ފަހުކޮޅު ކަމުގައިވިޔަސް، މަތީގައި ބަޔާން ކުރެވުނު އާޔަތްތަކުންނާއި އަދި ކީރިތި ރަސޫލާގެ ސީރަތުންނާއި އަދި، ތިރީގައި ނަންގެނެވިފައިވާ ފަދަ، ނަމާދާއި ބެހޭ އެހެން ބައެއް ދިރާސާތުތަކުން ވެސް އެނގޭން އޮތް ފަދައިން، އިސްލާމީ ދައުވަތުގެ އެންމެ ކުރީކޮޅުއް ސުރެން ފެށިގެން ވެސް، ނަމާދު ކުރެވުނެވެ. ހެނދު މާއިރާ އާއި އަދި ހަވީރުގެ ވަގުތުގައި ކުރެވުނު ދެ ރަކުޢަތުގެ ނަމާދެކެވެ. އަދި ނަމާދުގައި، އަލްފާތިޙާ ސޫރަތް ކިޔެވުމަށް، ކީރިތި ރަސޫލާ އިރުޝާދު ދެއްވައިފައިވުމާއެކު، ނަމާދުގައި އަބަދު ވެސް މި ސޫރަތް ކިޔެވުނު ކަމަށް، މި ކަމުން، ދަލީލު ލިބެއެވެ. މި ގޮތުގެ މަތީން ހުރިހާ ހާލަތެއްގައިވެސް މާތްﷲގެ ކިބަފުޅަށް ޙަމްދުކޮށް، އެކަލާނގެ އަށް ތައުޡީމު އަދާ ކުރުންމަތީ ކީރިތި ރަސޫލާއާއި މުސްލިމުން ދެމިތިއްބެވިއެވެ. 'ތެދުމަގު' ލިބުން އެދި ދަންނަވައިލަދަންނަވާލައެވެ. އެ މަގުގައި ނުގުޑާ ގޮތެއްގައި ފައިތިލަ ސާބިތުކުރައްވައިގެން ތިއްބެވުމައްޓަކައެވެ. (ސިޔަރަތު އިބްނު ހިޝާމް 1/2ވަނަ ޖިލްދުގެ243 އަދި 263ވަނަ ސަފްހާ އަދި ޖަވާދު ޢަލީގެ އިސްލާމް ދީނުގައި ނަމާދުގެ ތާރީޚްގެ 23 ވަނަ ސަފުހާ).

ނަމާދުކޮށް ތެދުމަގު ލިބުމަށް އެދި ދުއާކުރުމުގެ ތައުސީރާއި މައުނަވީ ބާރު، ބިލާލުގެފާނުގެ ކިބައިން އަޅުގަނޑުމެންނަށް ފެނިގެން ދެއެވެ. އެކަލާގެފާނުގެ މޭ ފުޅުމައްޗަށް ހޫނު ބަރު ހިލައަރުވައި ފިއްސަމުން، އެކަލޭގެފާނަށް އަނިޔާކުރި މީހުން، އެމީހުންގެ ދީނަށް އެނބުރި އައުމަށް އެކަލޭގެފާނަށް އަމުރުކުރަމުން ދިޔައިރު، އެކަލޭގެފާނު ވިދާޅުވަމުން ގެންދެވި 'އަޙަދް، އަޙަދް' 'ހަމަ އެންމެ، އެއްކައުވަންތަ އިލާހެކެވެ، ހަމަ އެންމެ އެއްކައުވަންތަ އިލާހެކެވެ' މި ބަސްފުޅުންނެވެ. އަދި ހަމަ އެހެންމެ ސުމައްޔަތުގެފާނަށް އަނިޔާކޮށް އެކަމަނާފާނު އަވަހާރަކޮށްލެވުނު އިރު ވެސް އީމާންކަންމަތީ ދެމިހުންނެވި ދެމިހުންނެވުމުންނެވެ. (މުސްލިމުންނަށް މައްކާގައި ކުރެވިދިޔަ އަނިޔާތަކުގެ ވާހަކައިން ކޮންމެވެސް މިންވަރެއް އިބްނު ހިޝާމު އޭނާގެ އައްސީރާ އައްނަބަވިއްޔާގައި ލިޔުއްވައިފައިވެއެވެ. އޭނާގެ ސީރަތުގެ 1/2ޖިލްދުގެ 321-317.) އަދި މީގެ އިތުރުން، ކުށްކުރެވޭ ހިނދު، އަސްހާބު ބޭކަލުން އަމިއްލައަށް ކީރިތި ރަސޫލާގެ އަރިއަހަށް ވަޑައިގެން ކުށަށް އިއުތިރާފުވެ ތައުބާވުމަށް އަވަސްވެގަތުމުން ވެސް ނަމާދުގެ އަޅުކަމާއި އަލްފާތިޙާ ސޫރަތް ކިޔަވައި ތެދުމަގު ލިބިގަތުމަށް އެދި ކުރެވޭ ދުއާގެ އަސަރު ފެނެއެވެ. ކީރިތި ރަސޫލާގެ ދުވަސް ވަރު، ޒިނޭކުރުމަށް ފަހު ތައުބާވި ޣާމިދީ ވަންހައިގެ އަންހެނާގެ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭނާގެ ތައުބާއާއި ބެހޭ ގޮތުން، އިމާމު މުސްލިމު، އޭނާގެ ސަޙީޙު ހަދީސް ފޮތުގައި އެކަމަނާއާ ބެހޭ ހަދީސް ރިވާކުރައްވައިފައި ވެއެވެ. މި ހަދީސްގައި، އެކަނބުލޭގެ އަމިއްލަ އެދުމުގެ މަތިން، އެކަނބުލޭގެ، ރަޖަމު ކުރެވި އަދަބު ދެވުނު ހިނދު، އެކަނބުލޭގެއަށް ނިސްބަތްކޮށް ބަދު ބަހެއް ޚާލިދު ބިން ވަލީދު ވިދާޅުވުމުން، ޚާލިދުގެފާނާއި މުޚާތަބުކޮށް ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއް އޮވެއެވެ. ޚާލިދުގެފާނާ މުޚާތަބުކުރައްވައި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެކަނބުލޭގެ ތައުބާވުން މަދީނާގެ ހަތްދިހަ މީހުންގެ މައްޗަށް ބަހާލެވުނަސް ފުދުނީހެވެ! ތިމާގެ އަމިއްލަ ނަފްސު، ގަދަކީރިތިވަންތަ މާތްﷲއަށްޓަކައި އެހާ ދީލަތި ގޮތެއްގައި ހޭދަކޮށްލި، އޭނާއަށް ވުރެ ވަކީން އިތުރު އެހެން މާތް މީހަކު ކަލޭގެފާނަށް ފެނިވަޑައިގެންފައި ވޭތޯއެވެ؟"

އާދޭހެވެ! މި ދެންނެވި ކަންކަމުން ދަލީލު ލިބިގަންނަން މަސައްކަތްކުރެވެނީ އަލްފާތިޙާ ސޫރަތަކީ މުއުމިނުންނަށް ތެދުމަގުގައި ދެމިތިބުމަށް އެހީވެދޭ ސޫރަތެއް ކަމުގައެވެ. ޝައްކެއްނެތް ގޮތުގައި، ހޭލުންތެރި ކަމާއެކު ނަމާދުގައި، އެ ސޫރަތް ކިޔަވައި، އެނގިހުރެ، މާތްﷲގެ ހަޟްރަތުގައި ތެދުމަގު އަދައި ދަންނަވާ މީހަކަށް، އެ ގޮތުގައި ހުރުމުގެ ހިތްވަރާއި ބާރު ލިބިދޭކަން، މި ދެންނެވި ކަންކަމުން އެނގި ސާފުވެއެވެ. ބިލާލު ބިން ރަބާހުއާއި އަދި ސުމައްޔާ އަދި ޣާމިދީ އަންހެންނާގެ އީމާންކަން ފަދައިން ތިމާގެ އީމާންކަން ވަރުގަދަވެ، އިލާހީ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ހުރުމަށްޓަކައި، އަލްފާތިޙާ ސޫރަތް އެހީވެދެއެވެ. އަދި އެ މަގުން ފައިތިލަ ކައްސައިލައިގެންދާ ވަގުތުގައި މާތްﷲއަށް ތައުބާވެ، އެމަގަށް އަވަހަށް ރުޖޫއަވެ ދިޔުމަށް ވެސް މެއެވެ.

އާދޭހެވެ! މި ހިސާބުން އަލްފާތިޙާ ސޫރަތުގެ ތަރުޖަމާއާއި ތަފްސީރުގެ ވާހަކަ ނިމުނީއެވެ. މި ހިސާބަށް މސައްކަތް ކުރިއަށް ގެންދިޔުމުގެ ތައުފީގު ދެއްވިކަމަށްޓަކައި މާތްﷲ ޙަޟްރަތަށް ޙަމްދު ކުރަމެވެ. ދެން ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލް ބަޤަރާ ސޫރަތުގެ މާނައިގެ މައްޗަށެވެ. އަލްބަޤަރާ ސޫރަތަކީ، ކުރިންވެސް ނަންގަނެވުނު ދިޔަހެން، އަލްފާތިޙާ ސޫރަތުގައި ކުރެވުނު ދުޢާގެ އިޖާބައެވެ. ތެދު މަގު ހޯދަން މާތްﷲގެ ޙަޟުރަތުގައި ދެންނެވި ދެންނެވުމުގެ ޖަވާބެވެ. މާތްﷲ މުއުމިނުންނަށް ދައްކަވައިފައިވާ ތެދުމަގު ބަޔާން ކުރެއްވުމުގެ ފެށުމެވެ. އެހެންވެ، އަލްބަޤަރާ ސޫރަތުގެ މައިގަނޑު މައުޟޫއުއަކީ ހިދާޔަތުގެ ވާހަކައެވެ. 286 އާޔަތުގެ މައްޗަށް އެކުލެވޭ، މި ސޫރަތުގެ މައިގަނޑު މައުޟޫއުއާ ގުޅޭ ސާނަވީ މައުޟޫތަކަށް ރިއާޔަތްކޮށް ހަތަރު ފަސް ބަޔަކަށް، އަލްބަޤަރާ ސޫރަތް ބަހާލެވިދާނެއެވެ. މިބައިތަކުގެ ތަފްސީލު ދެން އަންނަ ހަލަގާއެއްގައި ގެނެސް ދެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަމެވެ. 

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ