އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (6)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(4 އޮގަސްޓް 2020 ގައި ޝާއިޢުކުރެވުނު ހިސާބާ ގުޅޭ)

އިތުރު ކޮށްލުމެއް: އަލްފާތިޙާ ސޫރަތާ ގުޅޭ އިތުރު ބައެއް މައްސަލަތައް

ދެން ގެނެސް ދެވޭނީ އަލްބަޤަރާ ސޫރަތުގެ ތަރުޖަމާއާއި ތަފްސީރު ކަމުގައި، އެންމެ ފަހުން ނިމި ދިޔަ ބައިގައި، ވާނީ ދެންނެވިފައެވެ. ނަމަވެސް، އެ ކަން ކުޑަކޮށް ފަސްކޮށްލައިފައި، ބައެއް ކިޔުންތެރީންގެ އެދިވަޑައިގަތުމުގެ މަތީން، އަލްފާތިޙާ ސޫރަތާ ގުޅޭ ދެތިން މައްސަލައެއް މި ބައިގައި ހުށަހަޅައިލާން ގަސްދުކުރަމެވެ. އަލްފާތިޙާ ސޫރަތުގެ އިސްވެދިޔަ ވާހަކަތަކަށް އިތުރުކޮށްލެވޭ އިސްތިދްރާކެއް ނުވަތަ ސަޕްލިމެންޓެއްގެ ގޮތުގައެވެ. މި ގޮތުން ބަލައިލާން ގަސްދު ކުރަނީ އަޢޫޛާއި ބިސްމިއާއި އާމީން ކިޔުމާ ގުޅޭ ބައެއް ކަންކަމުގެ މައްޗަށެވެ.

ތަޢައްވުޛު (އަޢޫޛު)އާ ގުޅޭ ބައެއް މައްސަލަތަކުގެ މައްޗަށް ބަލައިލުން

'އަޢޫޛު' މި ލަފްޒަކީ އަރަބި ބަހުގެ 'ތަޢައްވުޛު'ގެ ދިވެހި ތަރުޖަމާއެވެ. އެއިން ގަސްދުކުރެވެނީ أعوذ بالله من الشيطان الرجيم މިހެން ކިޔައި މާތްﷲގެ ހަޟްރަތަށް ވެވޭ އިލްތިޖާއެވެ. ޝައިތާނީ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވައި، އެ ކަމުން ސަލާމަތްކަން އެދި މާތްﷲ ހަޟްރަތުގައި ދެންނެވޭ ދެންނެވުމެވެ. އަލްފާތިޙާ ސޫރަތުގެ ތަފްސީރު ލިޔުއްވުމުގައި، އަޢޫޛާ ބެހޭ ގޮތުން މުފައްސިރުން ވާހަކަދައްކަވައެވެ. އަޢޫޛުގެ މާނައާއި އަދި ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރީން، އަޢޫޛު ކިޔެވުމުގެ ޙުކުމާ ބެހޭ ގޮތުންނެވެ.

މަތީގައިވާ އަޢޫޛުގެ ޞީޣާއަށް، (އަޢޫޛު ކިޔަން އޮންނަ ގޮތް،) އިބާރަތްކުރެވި ލިޔެވިފައިވާ ގޮތަށް ބަލައިލާއިރު، އެންމެ ފުރަތަމަ އޮތީ أعوذ بالله، (މާތް)ﷲގެ ރައްކާތެރިކަން އަޅު ހޯދަމުއެވެ' މިހެންނެވެ. ބައެއް ފަހަރު މިބަޔަށް السميع العليم، އައްސަވާ ވޮޑިގެންވާ، (އަދި) ދެނެވޮޑިގެންވާ، މިދެސިފަފުޅު އިތުރު ކުރެވިފައިވެއެވެ. އަނެއްބައިގައި އޮތީ من الشيطان الرجيم، '(މާތްﷲގެ ރަހުމަތުން) ބޭރުކުރެވިފައިވާ ޝައިތާނާގެ (ވަސްވާސް) ތަކުން (ސަލާމަތްވުން އެދި)އެވެ' މިފަދައިންނެވެ. މާތްﷲގެ ރައްކާތެރިކަން ހޯދުމަކީ އެކަލާނގެ ކިބަފުޅަށް ރުޖޫއަވެ، ލިބިދާނެ ދެރައަކުން ނޫނީ ގެއްލުމަކުން، އެކަލާނގެ ހަޟްރަތުން އިސްމަތްތެރިކަން، ސަލާމަތްކަން، ހޯދުމެވެ. ޝައިތާނާގެ ވަސްވާސްތަކަކީ ތިމާ ގަސްދުކުރާ ކަމަކަމާ މެދު ތިމާގެ ވިސްނުމާއި ސަމާލުކަން ގެއްލުވައިލައި، އެ ކަމުން ތިމާ ދުރުހެލިކުރުވާ ފިކުރުތަކާއި ޚިޔާލުތަކެވެ.

ކީރިތި ޤުރްއާން ކިޔަވާން ފެށުމުގެ ކުރީން އަޢޫޛު ކިޔުމަށް، ކީރިތި ޤުރްއާނުގައި، އިރުޝާދުދެއްވައިފައި ވެއެވެ. އައްނަޙްލު ސޫރަތުގެ 98 ވަނަ އާޔަތުގައެވެ. فإذا قرأت القرآن فاستعذ بالله من الشيطان الرجيم، (ފަހެ، ކަލޭގެފާނު (ކީރިތި) ޤުރްއާން ކިޔަވައިވިދާޅުވާ ހިނދު (އެބަހީ، ކިޔަވާ ވިދާޅުވާން ގަސްދުކުރައްވައިފި ހިނދު، ކިޔަވައިވިދާޅުވާން ފެއްޓެވުމުގެ ކުރީން) ޝައިތާނާ(ގެ ވަސްވާސްތަކުން ސަލާމަތް ވުމައްޓަކައި) (މާތް)ﷲގެ ރައްކާތެރިކަން ކަލޭގެފާނު ހޯއްދަވާށެވެ.) އެހެންވެ، ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވާއިރު، ބިސްމި ކިޔުމުގެ ކުރީން، އަޢޫޛު ކިޔުން އޮވެއެވެ. އަދި މިއީ ކީރިތި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ކަމެކެވެ. ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ (އަލްފާތިހާ ސޫރަތް) ކިޔަވައިވިދާޅުވުމުގެ ކުރީން أعوذ بالله من الشيطان الرجيم ވިދާޅުވިކަމަށް ހަދީސްގައި ރިވާވެގެން ވެއެވެ.

ފިޤުހު ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔަވާން ފެށުމުގެ ކުރިން އަޢޫޛު ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. އައްޝަޥްކާނީ އޭނާގެ 'ނައިލު އަލްއަޥްޠާރު'ގައި ވިދާޅުވެފައިވާ ގޮތުގައި، ނަމާދުގެ ފުރަތަމަ ރަކުޢަތުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގެ ކުރިން އަޢޫޛު ކިޔުމުން ފުދެއެވެ. އެހެން ރަކުޢަތްތަކުގައި އަޢޫޛު ކިޔުމެއް ނެތެވެ. އަދި އަޢޫޛު ކިޔާނީ ސިއްރުންކަން ވެސް ފިގުހުވެރިން ވިދާޅުވެއެވެ. އިބްދު ޤުދާމާގެ އަލްމުޣްނީގައި ނަމާދުގައި އައޫޛު ސިއްރުން ކިޔެވުމާ މެދު އިލްމުވެރިންގެ ޚިޔާލު ތަފާތުވުމެއް ނެތްކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ. ނަމަވެސް، އައްޝާފީ މި ކަން، އަޢޫޛު އަޑު ހަރުކޮށް ކިޔުމާއި ސިއްރުން ކިޔުން، ދޫކޮށްލައްވަނީ އިމާމާގެ އިޚްތިޔާރުގެ މައްޗަށެވެ. އިމާމު އައްޝާފިޢީ ދެކިލައްވާ ގޮތުގައި، އަލްފާތިޙާ ސޫރަތް، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި، އިމާމާ އަޢޫޛު އަޑު ހަރުކޮށް ކިޔަން އެދޭނަމަ، އެގޮތް އެންމެ ރަނގަޅެވެ.

ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ކީރިތި ޤުރުއާން ކިޔެވުމުގެ ކުރިން އައޫޛު ކިޔުމުގެ ބޭނުމަކީ، ކީރިތި ޤުރްއާނުން ކިޔަވާ އެއްޗެއްގެ މައްޗަށް، އަޅުވެރިޔާގެ ހިތުގެ ސަމާލުކަން މުޅިން ދިނުމަށް މަސައްކަތްކުރުމެވެ. ކީރިތި ޤުރުއާނުން، އޭނާ ކިޔަވާ އެއްޗެއްގެ މައްޗަށް، އޭނާގެ ވިސްނުމާއި ފިކުރު މުޅިން ހުއްޓުވައިލާން މަސައްކުރުމެވެ. އޭނާ ކިޔަވާ އެއްޗެއްގެ މާނަ ފަހުމްކޮށް ދެނެގަނެ، އޭގެ މައްޗަށް ތަދައްބުރުކޮށް، ފުންކޮށް ވިސްނުމަށް ޓަކައެވެ. އަދި ނަމާދުގައި އަޢޫޛު ކިޔަވާ ނަމަ، ނަމާދުގެ އަޅުކަމުގައި މަޝްޣޫލުވެގެން ހުންނައިރު، ހިތުތެރަށް ވެރިވެދާނެ އެހެން ފިކުރުތަކާއި ޚިޔާލުތަކާއި ދުރުވެ، އޭނާގެ މުޅި ވިސްނުމާއި ފިކުރު މާތްﷲ ހަނދުމަކުރުމުގެ މައްޗަށް ހުއްޓުވައިލުމަށް ޓަކައެވެ.

ބަސްމަލާ (ބިސްމި)އާ ބެހޭ ބައެއް މައްސަލަތަކުގެ އިތުރު ތަފްސީލު

ދެވަނައަށް މި ތާގައި ބަލައިލާން ގަސްދުކުރަނީ ބިސްމީގެ މައްޗަށެވެ. ބިސްމީގެ މައްޗަށް ކުރިން ހުށަހަޅައިލެވުނު ޚުލާސާ، ކޮންމެވެސް ވަރަކަށް ނަމަވެސް، އިތުރަށް ތަފްސީލުކޮށްލައި ދިނުމުގެ ގޮތުންނެވެ. އެ ގޮތުން ބަލައިލާނީ އަލްފާތިޙާ ސޫރަތުގައި ބިސްމި ހިމެނޭތޯއާއި އަދި ނަމާދުގައި އެ ސޫރަތް ކިޔަވާއިރު، ބިސްމި ކިޔާން ޖެހޭތޯއާއި އަދި ކިޔާން ޖެހެނީ ކިހިނެއްކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ މި ވާހަކަތައް ގެނެސްދެވިފައިވާ ބައެއް މަޞާދިރުތަކުގެ ވާހަކަ ލިޔެލާނަމެވެ. ދެން އިމާމުވެރި ބޭކަލުންގެ ރައުޔު ހުށަހަޅައިލައި، އެ ބޭކަލުންގެ ރައުޔު ތަފާތުވުމުގެ ސަބަބު ބަޔާންކޮށްދެވޭތޯ ބަލާނަމެވެ. މި ވާހަކަތައް ހުށަހަޅައިލުމުގެ ބޭނުމަކީ މި މައްސަލަ ރަނގަޅަށް ފަހުމްކޮށް ދެނެގަތުމެވެ. އަދި، އެއަށްފަހު، އަމިއްލަ ވިސްނުން ބޭނުންކޮށްގެން، އެންމެ ބަރުދަން ބޮޑުގޮތަކީ ކޮބައިތޯ ހޯދާން މަސައްކަތްކުރުމެވެ. ތިމާ ދެކޭ ގޮތް ނޫން އެހެން ރައުޔުތަކަށް ވެސް އިހުތިރާމުކުރުމާއެކުގައެވެ.

މި މައްސަލައާ ބެހޭ ވާހަކަތައް، ތަފްސީރު ފޮތްތަކާއި ހަދީސް ފޮތްތަކާއި އަދި ފިގުހު ފޮތްތަކުގައި ވެސް ލިޔެވިފައި ވެއެވެ. އިހުގެ ލިޔުންތަކަށް ބަލައިލާ އިރު، މި މައްސަލައާ ބެހޭ ގޮތުން އެންމެ ތަފްސީލުކޮށް ލިޔުއްވައިފައިވާ އެއް ބޭކަލަކީ އިމާމު އައްރާޒީ، އޭނާގެ ތަފްސީރުގައެވެ. އޭނާގެ ތަފްސީރުގައި، މި މައްސަލައާ ބެހޭ ގޮތުން، ގާތްގަނޑަކަށް، ވިއްސަކަށް ސަފުހާ ލިޔުއްވައިފައި ވެއެވެ. އިމާމު އައްރާޒީގެ ވާހަކަތަކަށް ރައްދު ދެއްވައި އަލޫސީ އޭނާގެ ރޫޙު އަލްމަޢާނީ، މި ތަފްސީރު ފޮތުގައި ވެސް ބިސްމިއާ ބެހޭ ވާހަކަތައް ބަޔާންކުރައްވައިފައި ވެއެވެ. މި ޒަމާނުގެ ތަފްސީރު ފޮތްތަކަށް ބަލައިލާ އިރު، ކޮންމެވެސް ވަރަކަށް ތަފްސީލު ކުރައްވައި، މި މައްސަލަ، ޝައިޚް އަބްދުހޫގެ ތަފްސީރު އަލްމަނާރުގައި ބަޔާންކޮށް ސާފުކޮށްދެއްވައިފައި ވެއެވެ. ފިގުހީ ފޮތްތަކަށް ބަލައިލާ އިރު، އިބްނު ރުޝްދު، އޭނާގެ ބިދާޔަތު އަލްމުޖްތަހިދުގައި، މި މައްސަލަ ވަރަށް ސާފުކޮށް، ޚުލާސާކޮށް ހުށަހަޅުއްވައިފައި ވެއެވެ. އަދި ހަމަ އެހެންމެ އަލްއުސްތާޛު ސައްދިޔު ސާބިޤު އޭނާގެ 'ފިޤުހު އައްސުއްނަތި' މި ފޮތުގައި ވަރަށް ސާފުކޮށް ޚުލާސާކޮށް ދެއްވާފައިވެއެވެ. އައްޝަޥްކާނީ އޭނާގެ ނައިލު އަލްއަޥްޠާރުގައި މި މައްސަލައާ ގުޅޭ ހަދީސްތަކުގެ މައްޗަށް ތަންގީދީ (ފާޑުކިޔުމުގެ) ނަޒަރަކުން ބައްލަވައިލައްވައިފައި ވެއެވެ. ތިރީގައިވާ، ބިސްމިއާ ބެހޭ، އަޅުގަނޑުގެ ވާހަކަ ކޮޅު، މައިގަނޑު ގޮތެއްގައި، ބިނާކުރެވިފައި ވަނީ މި ދެންނެވި މަސްދަރުތަކުގެ މައްޗަށެވެ.

ބިސްމިއާ ބެހޭ ގޮތުން އިމާމުވެރި ބޭކަލުންގެ ރައުޔުތަކަށް ބަލައިލަމާތޯއެވެ! މި މައްސައިގައި މާލިކު ދެކެވަޑައިގަންވާ ގޮތުއި ފަރްޟު ފަސްނަމާދުގައި ސިއްރުން ވިޔަސް، ނޫނީ އަޑުހަރުކޮށް ވިޔަސް، އަލްފާތިޙާ ސޫރަތާއި އަދި އެހެނިހެން ސޫރަތް ކިޔެވުމުގައި ވެސް، ބިސްމި ކިޔުމެއް ނެތެވެ. އަދި މާލިކު ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ނަމާދުގައި ބިސްމި ކިޔަސް އެންމެ ރަނގަޅެވެ. އިމާމު އަބޫ ޙަނީފާ އާއި އިމާމު އައްޘަޥްރީ އަދި އިމާމު އަޙްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދުގައި ކޮންމެ ރަކުޢަތެއްގައިމެ އަލްފާތިޙާ ސޫރަތް ކިޔަވާއިރު ބިސްމި ކިޔާން ޖެހޭނެއެވެ. އަދި، މި ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ބިސްމި ކިޔަން ޖެހޭނީ ސިއްރުންނެވެ. އިމާމު އައްޝާފިޢީ ދެކެވަޑައިގަންނަވާ ގޮތުގައި އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔާން ޖެހޭނެއެވެ. އަދި ބިސްމި ކިޔާން ޖެހޭނީ، އަލްފާތިހާ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަޑު ހަރުކޮށެވެ. އަލްފާތިޙާ ސިއްރުން ކިޔަވާ ނަމާދުތަކުގައި ނަމަ، ސިއްރުންނެވެ.

ބިސްމި ކިޔުމުގެ މައްސަލައިގައި، އިލްމުވެރިންގެ ރައުޔު ތަފާތުވުން، ބިނާވެފައި އޮތީ ދެ ކަމެއްގެ މައްޗަށެވެ. އެންމެ ފުރަތަމަ، ބިސްމިއަކީ އަލްފާތިހާ ސޫރަތާއި އަދި، އަލްބަރާއަތު ސޫރަތް ފިޔަވައި، އެހެން ސޫރަތްތައް ވެސް ފެށުމުގައި އޮންނަ، އެސޫރަތްތަކުގައި ހިމަނައި، ގުނައިލެވޭ އާޔަތެއްތޯ ނުވަތަ ނޫންތޯ، މި ކަމުގެ މައްޗަށެވެ. ދެވަނަ ސަބަބަކީ މި މައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ހަދީސްތަކާއި އަޘަރުތައް (އަސްޙާބު ބޭކަލުންގެ ފަރާތުން އައިސްފައިވާ ވާހަކަތައް) ތަފާތުވުމެވެ.

އެންމެ ފުރަތަމަ މި މައްސަލައާ ބެހޭ ގޮތުން ވާރިދުވެފައިވާ ބައެއް ހަދީސްތަކާއި އަޘަރުތަކުގެ މައްޗަށް ބަލައިލަމާތޯއެވެ. މި ގޮތުން ވާހަކަ ދައްކާއިރު ހަދީސް އިލްމުގައި ބޭނުން ކުރެވޭ ބައެއް ޚާއްސަ އިސްޠިލާޙީ (ޓެކްނިކަލް) ލަފްޒު ބޭނުންކުރާން ޖެހެއެވެ. އެހެންވެ، އެންމެ ފުރަތަމަ އޭގެތެރެއިން އާއްމު ބައެއް ލަފުޒުތަކާއި އޭގެ މާނަ ލިޔެލާނަމެވެ. ބިސްމިއާއި ބެހޭ ހަދީސްތައް ވިސްނި ފަހުމްވެދިޔުމަށްޓަކައެވެ.

ހަދީސްގެ ސޫރައަށް ބަލާލާއިރު ދެބައެއް އޮވެއެވެ. އެންމެ ފުރަތަމަ ހަދީސްގެ ރާވީންނެވެ. އާދެ، ހަދީސް ރިވާ ކުރެއްވި ބޭކަލުންނެވެ. ހަދީސެއް ރިވާކުރެއްވި ބޭކަލުންގެ ސިލްސިލާއަށް ކިޔޭނަމަކީ 'ސަނަދެވެ'. ހަދީސްގެ ދެވަނަ ބަޔަކީ ހަދީސް ގެ 'ނައްޞު' (ނުވަތަ ޓެކްސްޓު) އެވެ. މިބަޔަށް ކިޔެނީ 'މަތުނު' އެވެ. އާދެ، ހަދީސްގެ ސޫރަ ބިނާވެފައި އޮންނަނީ ސަނަދަކާއި މަތުނެއްގެ މައްޗަށެވެ. 'ގިނަ' ސަނަދުތަކެއް އެކުލެވިގެން، އެއް ހަދީސެއް ރިވާކުރެވިފައިވާ ނަމަ އެހަދީސަކީ 'މުތަވާތިރު' (އެތައް ބަޔަކު ރިވާކޮށްފައިވާ) ހަދީސެއްކަމުގައި ބެލެވެއެވެ. ހަދީސެއް މުތަވާތިރުވެއްޖެ ނަމަ އޭގެ ސައްހަ ކަމާމެދު ޚިލާފުވުމެއް ނެތެވެ. މަދު ބަޔަކު ރިވާކޮށްފައިވުމުން، މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ހަދީސަކީ 'އާޙާދު' ހަދީސެވެ. އެކަކު ނުވަތަ ދެމީހަކު ރިވާ ކޮށްފައިވާ 'އެކަހެރި' ހަދީސްއެވެ. ބިސްމި އާ ބެހޭ ގޮތުން އައިސްފައިވާ ހަދީސަކީ އާހާދު ހަދީސެވެ. އަދި މީގެ ތެރެއިން ބައެއް ހަދީސްތަކުގެ ސަނަދު ގައި މައްސަލަތައް ހުރިކަން ހަދީސް އިލްމުވެރިން ފާހަގަ ކުރައްވައެވެ.

ދެން ބިސްމިއާ ބެހޭ ގޮތުން އައިސްފައިވާ ހަދީސްތަކުގެ މައްޗަށް ބަލައިލަމާތޯއެވެ! އެންމެ ފުރަތަމަ، ބިސްމި ނުކިޔުމަށް ހެކި ލިބޭ ހަދީސްތަކުގެ މައްޗަށެވެ. އިބްނު މުޣައްފަލުއޭ ކިޔުނު ބޭކަލަކު ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. "ތިމަންނާ (ނަމާދުގައި އަލްފާތިޙާ ކިޔެވުމުގެ ކުރިން) ބިސްމި ކިޔަވަނިކޮށް ތިމަންގެ ބައްޕަ އަޑުއެއްސެވިއެވެ. ދެން ބައްޕަ ވިދާޅުވިއެވެ. 'ދަރިފުޅާއެވެ! (ދީނުގައި) އާ ކަންތައްތައް ކުރުމުން ދުރުހެލިވާށެވެ! ފަހެ، ބައްޕަ ސަލާމާއި ޞަލަވާތް ލެއްވި މާތްﷲގެ ރަސޫލާ އަރިހުގައްޔާއި އަދި އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު އަރިހުގައި ވެސް ނަމާދު ކުރެއްވީމުއެވެ. މިއިން އެއްވެސް ބޭކަލަކު ބިސްމި ވިދާޅުވަނިކޮށް ތިމަންނާ އަޑެއް ނާއްސަވަމުއެވެ.'" ހަދީސް ޢިލްމުވެރިޔަކު ކަމުގައިވާ އަބޫ ޢުމަރު ބިން ޢަބްދު އަލްބައްރު، މި ހަދީސާ ބެހޭ ގޮތުން. ވިދާޅުވެފައި ވެއެވެ. "އިބްނު މުޣައްފަލަކީ ކާކު ކަމެއް ނޭނގެއެވެ." އާދެ، މިހަދީސް ގެ ސަނަދުގައި ހިމެނޭ އެއް ރާވީއަކީ ކާކުކަން ނޭނގޭ މަޖްހޫލު މީހެކެވެ. އެހެންވެ، މި ހަދީސް އަކީ އެއިން ހެކި ލިބިގަނެވޭ ވަރަށްވުރެ 'ޟަޢީފު'، 'ބަލިކަށި'، ހަދީސް އެކެވެ. އާދެ، ސައްހަ ނޫން ހަދީސެކެވެ.

ބިސްމި ނުކިޔުމަށް، ހުއްޖަތެއްގެ ގޮތުން ދެއްކޭ އަނެއް ހަދީސަކީ އިމާމު މާލިކު ރިވާކުރެއްވި، ކީރިތި ރަސޫލާގެ ޚާދިމު އަނަސްގެފާނުގެ ހަދީސެކެވެ. އެ ހަދީސްގައި އަނަސްގެފާނު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނު މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނު ފަހަތްޕުޅުގައި (ނަމާދަށް) ތެދުވެ ހުންނެވީމުއެވެ. އަދި މިހުރިހާ ބޭފުޅުން ވެސް ނަމާދުގައި (އަލްފާތިޙާ ކިޔަވަން) ފައްޓަވާއިރު ބިސްމި ކިޔަވާ ވިދާޅެއް ނުވެއެވެ." އަބޫ ޢުމަރު ވިދާޅުވިއެވެ. "އެހެން ބައެއް ރިވާޔަތްތަކުގައި މިފަދައިން އަނަސްގެފާނު ވިދާޅުވިކަމަށް ވެއެވެ. 'ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާގެ ފަހަތްޕުޅުގައި (ނަމާދު ކުރެއްވީމު)އެވެ. އަދި އެކަލޭގެފާނު ބިސްމި ކިޔަވާ ވިދާޅެއް ނުވެއެވެ.'" މި ޙަދީސާއި ބެހޭގޮތުން އަބޫ ޢުމަރު ވިދާޅުވެފައިވެއެވެ. 'ހަދީސް އަހުލުވެރިން އަނަސްގެފާނުގެ ހަދީސަކީ، ހުއްޖަތެއްގެ ގޮތުގައި ބޭނުންނުކުރެވޭ ދަރަޖައަށް، 'އިޟްޠިރާބު' ވެފައިވާ ('ލޮޅުން' އަރައިފައިވާ) ހަދީސެއްކަމަށް ވިދާޅުވެއެވެ. ''އިޟްޠިރާބު' ('ލޮޅުން އެރުން') މިލަފްޒުން ދޭހަކޮށްދެނީ އެހަދީސް ރިވާކުރުމުގައި، އެ ހަދީސްގެ މާނައަށް ލޮޅުން އަރާވަރަށް، އެ ހަދީސްގެ ލަފްޒުތައް ތަފާތުވެފައި ވުމެވެ.

މިކަން އިތުރަށް ސާފުވެދިޔުމަށްޓަކައި، ދެންމެ މި ދެންނެވި އަނަސްގެފާނުގެ ހަދީސް 'އިޟްޠިރާބު'ވަނީ ކިހިނެއްކަން ބަލައިލަމާތޯއެވެ! މި ހަދީސްގެ ސަނަދު ބައެއް ފަހަރު ކީރިތި ރަސޫލާއާ ހަމައަށް ފޯރައެވެ. އަދި އެސިލްސިލާ ކީރިތި ރަސޫލާއާ ހަމައަށް ފޯރާފައިވުމުން އެ ހަދީސް އަކީ 'މަރްފޫޢު' ހަދީސް އެކެވެ. އަނެއްބައި ފަހަރު މި ހަދީސް މަރްފޫޢު ހަދީސްއަކަށް ނުވެއެވެ. ހަދީސްގެ ސަނަދު ކީރިތި ރަސޫލާއާ ހަމައަކަށް ނުފޯރައެވެ. އަދި ބައެއް ރިވާޔަތްތަކުގައި ޢުޘްމާނުގެފާނުގެ ނަންފުޅު ނަންގަނެވިފައި ވެއެވެ. އަނެއްބައި ރިވާޔަތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ނަންގަނެވިފައެއް ނުވެއެވެ. އަދި ބައެއް ރިވާޔަތްތަކުގައި 'އެބޭކަލުން ބިސްމި ކިޔަވާ ވިދާޅުވާ ކަމަށް އައިސްފައި ވެއެވެ.' އަދި އަނެއްބައި ރިވާޔަތްތަކުގައި 'އެބޭކަލުން ބިސްމި ކިޔަވާ ވިދާޅު ނުވާކަމަށް އައިސްފައި ވެއެވެ.' އަދި ބައެއް ރިވާޔަތްތަކުގައި އެބޭކަލުން ބިސްމި އަޑުހަރުކޮށް ވިދާޅު ނުވާކަމަށް އައިސްފައި ވެއެވެ. އާދެ، އަނަސްގެފާނުގެ މިހަދީސްގެ ސަނަދާއި އަދި މަތުނު ވެސް މިދަރަޖައަށް 'އިޟްޠިރާބު'ވެފައި، ތަފާތުވެ، ލޮޅުން އަރައިފައި އޮތުމުން، ހަދީސް އިލްމުވެރިންގެ އަރިހުގައި މިއީ ހުއްޖަތެއްގެ ގޮތުގައި ބޭނުން ކުރެވޭނޭ ހަދީސެއް ނޫނެވެ.

ދެން، އަލްފާތިޙާ ކިޔެވުމުގައި ބިސްމި ކިޔުމަށް ބާރު ލިބިދޭ ހަދީސްތަކުގެ މައްޗަށް ބަލައިލަމާތޯއެވެ! މީގެ ތެރޭގައި ނަޢީމު ބިން ޢަބްދުﷲ އަލްމުޖައްމަރުގެ ހަދީސް ހިމެނެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. [ތިމަން ކަލޭގެފާނު، އަބޫ ހުރައިރަތުގެފާނު ފަހަތްޕުޅުގައި، ނަމާދު ކުރެއްވީމެވެ. އެކަލޭގެފާނު އަލްފާތިޙާގެ ކުރީން ބިސްމި ކިޔަވައިވިދާޅުވިއެވެ. އަދި އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. 'ކަލޭމެންގެ ތެރެއިން ސަލާމާއި ސަލަވާތް ލެއްވި މާތްﷲގެ ރަސޫލާގެ ނަމާދުފުޅާ އެންމެ ވައްތަރުކަން ބޮޑީ ތިމަން ކަލޭގެފާނުގެ ނަމާދެވެ.'] މީގެ އިތުރަށް ބިސްމި ކިޔުމަށް ދަލީލު ލިބޭ ހަދީސްގެ ތެރޭގައި އިބްނު ޢައްބާސް ރިވާ ކުރައްވައިފައިވާ ހަދީސެއް ވެސް ވެއެވެ. އިބްނު ޢައްބާސް ވިދާޅުވެފައި ވެއެވެ. "ސަލާމާއި ސަލަވާތް ލެއްވި ނަބިއްޔާ ބިސްމި ކިޔަވައިވިދާޅުވަނީ އަޑުހަރުކޮށެވެ." އަދި އުއްމު ސަލަމާ ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. "ނަމާދުގައި ސަލާމާއި ސަލަވާތްލެއްވި މާތްﷲގެ ރަސޫލާ ކިޔަވައިވިދާޅުވަނީ 'بسم الله الرحمن الرحيم، الحمد لله رب العالمين، (މިހެންނެވެ.)" މާނައަކީ ބިސްމި ކޔަވާ ވިދާޅުވަނީ އަޑުހަރުކޮށްކަމެވެ.

މި ދެންނެވުނު ހަދީސްތަކުން ހެކި ލިބިގަންނަން މަސައްކަތް ކުރެވިފައިވަނީ އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔަން ޖެހޭނޭކަމެވެ. ނަޢީމު ބިން ޢަބްދުﷲގެ ހަދީސް ގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވިކަމާއި އަދި އޭނާގެ ދުވަސްވަރުގެ އެހެން އެންމެން ނަމާދު ކުރާގޮތާ އަޅައިބަލާ އިރު، ކީރިތި ރަސޫލާގެ ނަމާދުފުޅާ އެންމެ ގާތްކަން ބޮޑު ގޮތެއްގައި ނަމާދު ކުރައްވަނީ އަބޫ ހުރައިރަތުގެފާނުކަން ފާހަގަކުރައްވައިފައި ވެއެވެ. އަދި މިކަމުން، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ކީރިތި ރަސޫލާ ބިސްމިކިޔަވައި ވިދާޅުވިކަން ވެސް ދޭހަވެއެވެ. އަދި މީގެ އިތުރަށް، ކީރިތި ރަސޫލާ އަލްފާތިޙާ ސޫރަތް ކިޔަވައިވިދާޅުވުމުގައި ބިސްމި ކިޔަވައިވިދާޅުވި އަޑުފުޅު، އަބޫހުރައިރާ އެއްސެވިކަން ވެސް ދޭހަވެއެވެ. އަދި އަބޫހުރައިރާގެ މި އަޑުއެއްސެވުން ދޭހަވަނީ ކީރިތި ރަސޫލާ ބިސްމި އަޑުހަރުކޮށް ކިޔަވައިވިދާޅުވިކަމެވެ. ދެން އިތުރަށް ދެންނެވުނު ދެ ހަދީސުން ވެސް މި ކަން، އާދެ، ކީރިތި ރަސޫލާ، އަލްފާތިޙާ ސޫރަތް ކިޔާވައިވިދާޅުވުމުގައި ބިސްމި ކިޔަވައިވިދާޅުވިކަމާއި އަދި ބިސްމި ކިޔަވައިވިދާޅުވީ އަޑުހަރުކޮށްކަން ސީދާކޮށް ބަޔާން ކުރެވިފައިވެއެވެ.

ނަމާދުގައި އަލްޙަމްދު ކިޔާވާއިރު ބިސްމިކިޔަން ޖެހޭތޯ ނުވަތަ ނޫންތޯއާ ބެހޭ މައްސަލަގައި، އިލްމު ވެރިންގެ ރައުޔު ތަފާތުވުމުގެ ފުރަތަމަ ސަބަބަކީ، މި ދެންނެވި ފަދައިން، ތަފާތު ދެ ގޮތަށް ދޭހަވާ ހަދީސްތައް ވާރިދުވެފައިވުމެވެ. މި މައްސަލައިގައި، އިލްމުވެރިންގެ ރައުޔު ތަފާތުވުމުގެ އަނެއް ސަބަބަކީ، ބިސްމިއަކީ އަލްޙަމްދު ސޫރަތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯއާ މެދު އުފެދިފައިވާ ޚިޔާލު ތަފާތުވުމެވެ. އިމާމު މާލިކު ދެކެވަޑައިގަންނަވަނީ ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ނޫންކަމެވެ. އަދި އިމާމު އަބޫޙާނީފާ ވެސް، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި، ބިސްމި ނުހިމަނުއްވައެވެ. އިމާމު އައްޝާފިއީ ވިދާޅުވަނީ ބިސްމިއަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ. ހަމަ އެހެންމެ އިމާމު އަޙްމަދުވެސް ވިދާޅުވަނީ މިފަދައިންނެވެ. ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ، ނުވަތަ އެސޫރަތުގައި ނުހިމަނުއްވާ ބޭކަލުންގެ ހެތްކަކީ، އަލްފާތިޙާ ސޫރަތް ކިޔެވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވާ ވިދާޅު ނުވާކަމަށް ވާރިދު ވެފައިވާ، ކުރީގައި ނަންގަނެވި ދިޔަ، ހަދީސްތަކެވެ. މި ބޭކަލުން، އަލްފާތިޙާ ސޫރަތުގެ އާޔަތްތައް އަދަދު ކުރެއްވުމުގައި ހަތް އާޔަތް ހަމަ ކުރައްވަނީ صراط الذين أنعمت عليهم މިއީ ހަވަނަ އާޔަތް ކަމަށް ބައްލަވައި غير الغضوب عليهم ولا الضالين މިއީ ހަތް ވަނަ އާޔަތްކަމަށް ބައްލަވައިގެންނެވެ. މިރައުޔު، ބެލެވިފައިވަނީ އޭގެ ބުރަދަން ބޮޑު ރައުޔެއް ނޫން ކަމުގައެވެ. (އައްތަފްސީރު އަލްކަބީރު، 197-196/1، ތަފްސީރު އަލްމަނާރު 92/1، ފިޤްހު އައްސުއްނަތް 115/1)

ބިސްމިއަކީ އަލްފާތިޙާ ސޫރަތުގެ އާޔަތެއް ކަމުގައި ދެކެވަޑައި ގަންނަވާ ބޭކަލުންގެ ހެތްކަކީ، އަލްފާތިޙާ ސޫރަތް ކިޔަވައިވިދާޅުވުމުގައި، ކީރިތި ރަސޫލާ ބިސްމި ކިޔަވައިވިދާޅުވިކަމަށް އޮންނަ ހަދީސްތަކެވެ. އަދި މީގެ އިތުރަށް، ޚަތިމުގައި، އަލްފާތިހާ ސޫރަތުގެ ކުރިއަށް ބިސްމި ލިޔެވިފައި، އަދި އެސޫރަތުގެ އާޔަތްތައް އަދަދު ކުރުމުގައި ބިސްމި ހިމެނިފައި އޮތުމެވެ. ޚަތިމުގައި ކީރިތި ޤުރުއާނުގައި ނުހިމެނޭ އެއްވެސް އާޔަތެއް ލިޔެވިފައި ނޯންނާނޭކަމަށް މި ބޭކަލުން ދެކިވަޑައިގަނެއެވެ. އަދި، އާމީން، އަލްފާތިޙާ ސޫރަތް ނިމުމުން ނަމާދުގައި ކިޔާން އޮތަސް، އަލްފާތިޙާ ސޫރަތުގެ އާޔަތެއްގެ ގޮތުގައި ނުހިމެނޭތީ، އާމީން ލިޔެވިފައި ނުވާކަން ވެސް، މި ބޭކަލުން ފާހަގަ ކުރައްވައެވެ. މާނައަކީ، އަލްފާތިޙާ ސޫރަތުގައި ބިސްމި ނުހިމެނޭ ކަމަށްވާ ނަމަ، އާމީން ނުލިޔެ އޮންނަ ފަދައިން ބިސްމި ވެސް ލިޔެވިފައި ނުއޮތީހެވެ.

މި މައްސަލައާ ބެހޭ ވާހަކަކޮޅު ނިންމައިލުމުގެ ގޮތުން، މި މައްސަލައާ މެދު، މުއުތަބަރު ދެއިލްމު ވެރިޔަކު ލިޔުއްވާފައިވާ ބަސްކޮޅެއްގެ ޚުލާސާ ލިޔެލާނަމެވެ. މުޙައްމަދު ޢަބްދުހޫ ވިދާޅުވާ ގޮތުގައި ބިސްމި ސިއްރުންނާއި އަދި އަޑުހަރުކޮށް ކިޔުމާ މެދު އައިސްފައިވާ ތަފާތު އާޙާދު (އެކަހެރި) ރިވާޔާތްތަކަކީ އެ ރިވާޔަތްތަކުން ހެކި ލިބިގަނެވިދާނޭ ފަދަ ބާރުހުރި ރިވާޔާތްތަކެކެވެ. ނަމަވެސް ބިސްމިއަކީ އަލްފާތިޙާގެ އާޔަތެއް ނޫން ކަމާމެދު އައިސްފައިވާ ރިވާޔަތްތަކަކީ އެއިން ހެކި ލިބިގަނެވިދާނޭ ވަރަށްވުރެ މާބޮޑަށް ވެސް ޟަޢީފު (ބަލިކަށި) ރިވާޔަތްތަކެކެވެ (ތަފްސީރު އަލްމަނާރު 90/1). އަދިވެސް އޭނާ ބަޔާން ކުރައްވާފައި ވެއެވެ. މި މައްސަލައިގައި އެންމެ ސާފުކޮށް ފެންނާން އޮތް ހެތްކަކީ ޚަތިމުގައި އަލްފާތިޙާ ސޫރަތް ލިޔުމުގައި ބިސްމި ލިޔެވި އަދި ބިސްމިއަކީ އެ ސޫރަތުގެ އާޔަތެއްކަމުގައި ހިމެނިފައި އޮތް ކަމެވެ. އަދި މިހެންވެ، މި ކަމުން އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި، އަދި ބިސްމި އަޑުހަރުކޮށް ކިޔުމަށް ބުރަވެވޭ ކަމުގައި ވެސް އޭނާ ބަޔާން ކުރައްވައެވެ. (ތަފްސިރު އަލްމަނާރު 89/1، 94/1).

އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔެވުމާ ބެހޭ ގޮތުން އައިސްފައިވާ ތަފާތު ރިވާޔާތްތައް އިއްތިފާގު ކުރެއްވުމުގެ ގޮތުން، އިބްނު އަލްގައްޔިމު، އޭނާގެ ޒާދު އަލްމަޢާދުގައި ވިދާޅުވެފައި ވެއެވެ. ސަލާމާ ސަލަވާލެއްވި މާތްﷲގެ ރަސޫލާ، (ރޭގަނޑުގެ) ނަމާދުތަކުގައި، އަލްފާތިޙާ ސޫރަތް ކިޔަވައިވިދާޅުވާ އިރު، ބައެއް ފަހަރު ބިސްމި އަޑުހަރުކޮށް ކިޔަވައިވިދާޅުވެފައިވެއެވެ. އަދި އަނެއްބައި ފަހަރު ސިއްރުން ވެސް ކިޔަވައިވިދާޅުވެފައިވެއެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކީރިތި ރަސޫލާ ބިސްމި މި މަގާމުގައި ގިނައިން ވިދާޅުވެފައިވަނީ ސިއްރުންނެވެ. (ޒާދު އަލްމަޢާދު 200-199/1).

މަތީގައި ލިޔެވުނު ވާހަކަތަކުން ނަމާދުގައި އަލްފާތިޙާ ސޫރަތް ކިޔެވުމުގައި ބިސްމި ކިޔުމާއި އަދި ބިސްމި ކިޔާނީ ސިއްރުންތޯ ނުވަތަ އަޑުހަރުކޮށްތޯއާ ބެހޭ މައްސަލައާ ގުޅޭގޮތުން އައިސްފައިވާ ހަދީސްތަކާއި އަދި އިލްމުވެރިންގެ ވާހަކަތައް، ކޮންމެވެސް ވަރަކަށް ނަމަވެސް، ސާފުވެދާނެކަމަށް އުއްމީދު ކުރަމެވެ. މިފަދަ ފަރުއީ މައްސަލަތަކަކީ އެއާ މެދު އެންމެ އެކައްޗެއް ކިޔައި އެއްބަސް ވުމަކަށް އާދެވުން ދުރު މައްސަލަތަކެވެ. މި ކަމުގެ ހުރި ހެކިތަކުގެ މައްޗަށް ބަލައި އަދި އިލްމުވެރިންގެ ވާހަކަތަކަށް ވެސް ރިއާޔަތްކޮށް، އެއާމެދު ގޮތެއް، ތިމާގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން، ޚިޔާރުކުރާންވީއެވެ. އެހެން މީހުންގެ ރައުޔުއަށް ވެސް އިހުތިރާމުކޮށް، އެ ކަމަކީ އަރައިރުންވެ، ބައިބައިވާން ޖެހޭ ސަބަބަކަށް ނުހަދައެވެ. ހީވާ ގޮތުގައި، މިހެންވާނީ، ނަމާދުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނަން ޖެހޭނީ، ނަމާދުގެ ބޭރުފުށުގެ ކަންތައްތައް ވީހާ ވެސް ރަނގަޅަށް އަދާކުރެވޭތޯ ބަލާ ފަދައިން، ނަމާދުގެ އަސްލު މަގުސަދާ ދޭތެރޭ ފުންކޮށް ވިސްނައި، އެ ކަން ހާސިލު ކުރެވޭތޯ ބެލުމެވެ. ކުރިންވެސް ބަޔާންކުރެވި ދިޔަފަދައިން، ނަމާދުގެ ބޭނުމަކީ، ނަމާދު ކުރާމީހާ، މާތްﷲއާއި ގުޅުވައިލަދީ އަދި އެގުޅުމުގެ ސަބަބުން މީހާ ހެޔޮލަފާ މީހަކަށް ވުމަށް އެހީވެދިނުމެވެ. ކުރިން ބަޔާން ކުރެވިދިޔަ إن الصلاة تنهى عن الفحشاء والمنكر ... (ހަމަ ކަށަވަރުން ނަމާދަކީ ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ... ދުރުހެލިކުރުމަށް (އެހީވެދޭ) ... (ވަސީލަތެކެވެ)، މިއާޔަތުގައި ވާފަދައިންނެވެ. އެހެންވެ ނަމާދުކުރުމުގައި އެންމެ އިސްކަން ދެވެން ޖެހޭނީ މި މަގުސަދު ހާސިލުވެވޭތޯއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ