ﷲ ލޯބިވެވޮޑި ނުގަންނަވާ މަޚުލޫޤަކު ނުވާކަން ނޭނގެނީ ކީއްވެ؟
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ބޭކާރު މަޚުލޫޤެއް މިތާ ނެތްކަން އެނގޭ މީހަކު ނުވޭ
ރޭކައި އެކަން ލައިގެން ރަޙުމު ހިތުގައި ހިނގާ މީހަކު ނުވޭ
ބިމަކީ އިލާހުގެ ބިންކަމާ ބިމުގައި ގަހާގެހި ލައްވަވައި
އިމުގައި އުޅެން އެންގެވި ގޮތަށް ބޯލެނބި މިތާ މީހަކު ނުވޭ
އޮއްޓަރު ގޮވާން މޭވާތަކާ ލެއްވެވި ތަކެތި ހަމަހަމަ ކުރަން
ފޮއްޓަށް ނުލަން އެންގެވިކަމެއް އަމުދުން އެނގޭ މީހަކު ނުވޭ
އެހެނަސް ގުދަންކޮށް ކައިހަދައި ބާކީ އުކުން ކަޅުކޮތަޅުގައި
އެހެރީ ކުށޭ ބުންޏަސް އަހައި ޢަމަލެއް ކުރާ މީހަކު ނުވޭ
އިސްރާފަކީ ގުދަނުން ނަގައި ބާކީ ނުކޮށް ކެއުމޭ ހިތައި
މިޞްރާބު ޢަދުލުގެ ތެދު މަގާ ފޭކޮށްނުލާ މީހަކު ނުވޭ
"فِي كُلِّ كَبِدٍ رَطْبَةٍ أَجْرٌ" ޙަދީސް ފުޅުގައި ވިޔަސް
ހީކުށްތަކުން ދުރުގައި އުޅޭ ރަޙުމެއް ކުރާ މީހަކު ނުވޭ
މަސްއޫލުވާން ވާނޭކަމަށް ﷲ ޙަޟްރަތުގައި ތިމަން
ބަސްފުޅު ޢުމަރު ހީފުޅު ކުރެއް ވެވިކަން އެނގޭ މީހަކު ނުވޭ
ހައިހޫނުގައި ގިސްލައި ރޮމުން ޅަދަރިން ގޮވައިގެން ގިނަ ބުޅާ
ކައިބޮއި ހެދެން ނެތި މަރުވެގެން ދާކަން އެނގޭ މީހަކު ނުވޭ
___________________________