www.fanvai.info

Print

ޣިޔާސުއްދީން ރަދުން ހޯއްދަވައި ދެއްވި، މިނިވަންކަމުގެ ހަދިޔާ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތާރީޚް

 

ޠާހާ އަބޫބަކުރު، ލ.ގަން

ޤައުމެއްގެ ޙަޔާތުގައި އެ ޤައުމެއްގެ އެންމެ މަތީ ވަލީއާ ޙަވާލުވެހުންނަވާ ކޮންމެ ވެރިއަކީ ވެސް ޙަޤީޤަތުގައި އެ ޤައުމެއްގެ ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ ޚާދިމެކެވެ. މަތިވެރި ރަސްދަރިކޮޅަކުން ވިރާސީ ރަސްކަމެއްގެ ތަޚުތުގައި ވެޑުވޭ ރަސްކަލަކަސް، ޢާންމު ރައްޔިތުންގެ ވޯޓުން ހޮވިގެން ޤައުމުގެ ސިންގާސަނާގައި ވެޑުވޭ ރައީސަކަސް މި ކަން އޮތީ މި މަގަށެވެ. އެހެންނަމަވެސް، ތާރީޚުގެ ފަތްފުށްތަކުން ފެންނަ ގޮތުގައި އެ އިރެއްގައި ހުންނަވާ ވެރިއަކު "މޫނުބައްލަވާން ގެންގުޅުއްވާ ލޯކޮޅުން ބައްލަވާ އިރު ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި" އެ ވެރިޔަކަށް އެ ވެރިޔަކު ފެނިވަޑައިގެން ޚިދުމަތްކުރެއްވި ވެރީންކަމުގައި ބެލެވޭ ވެރީންގެ ލިސްޓަކީ އެހައި ދިގު ލިސްޓެއްނޫނޭ ދަންނަވާންޖެހެއެވެ. މި ލިސްޓުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރީންގެ ވާހަކަ ތާރީޚުގައި ލިޔެވިފައި ހުންނަނީ ތާރީޚު ލިޔާ މީހުންނާއި ވެރިކަމުގެ ފަރާތުން ބޭނުން މިންވަރަކަށް ބޭނުންވާ ކުލައެއް ޖައްސައިގެންނެވެ. އެހެންކަމުން މި ދެންނެވި ލިސްޓްގައި ހިމެނޭ ބޭފުޅުންގެ ޚިދުމަތްތަކުގެ މައުލޫމާތު ފަހު ތިބީންނާ ހަމައަށް އައިސްފައި ހުއްޓަތީ ފެންނަނީ ވަރަށް ފެންފެންކޮށެވެ.

އަޅުގަނޑު ލިޔާން ފަށައިގެން މި އުޅޭ ސިލްސިލާގައި އަލިއަޅުވައިލެވޭތޯ މި ބަލައިލަނީ ދިވެހި ޤައުމު ދެމިއޮތްހައި ހިނދަކު، އެ ދަރިއެއްގެ ޤައުމީ ޚިދުމަތްތަކަށްޓަކައި ދިވެހި ޖައްވުގައި ވިހުރޭ ދިވެހި ދިދަ ކުރުނީސްކުރާނެ ޚިދުމަތްތަކަކަށެވެ. އެ ޚިދުމަތްތަކަށްޓައި ދިވެހިބަސް ޝުކުރުވެރިވޭވެ އޮންނާނެ ބަޠަލެއްގެ ޚިދުމަތްތަކަކަށެވެ. އެ ޚިދުމަތްތަކަށް ޓަކައި ދިވެހި ބިން ހެކިވޭވެ އޮންނާނެ ބަޠަލެއްގެ ޚިދުމަތްތަކަކަށެވެ.

އާދޭހެވެ! އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން ސިރީ ކުލަރަންމަނި ކީރިތި މަހާރަދުން ނުވަތަ ހާޖީ ބަންޑާރައިންގެ ޚިދުމަތްތަކަކީ ދިވެހި ތާރީޚުގައި ވަރަށް ކުލަގަދަކޮށް ފެވިފައިވާ ލާމަސީލު ޚިދުމަތްތަކެކެވެ. އެ ޚިދުމަތްތަކަކީ އޭގެ ފޮނިމީރުކަން މިއަދާ ހަމައަށް ވެސް ލިބެންހުރި ޚިދުމަތްތަކެކެވެ.

ހިޖުރައިން 1182 ވަނަ އަހަރުގެ ރަމަޟާންމަހުގެ 11 ވީ ހޮނިހިރުވިލޭރޭ ރޯދަފުޅު ވީއްލަވާން އިންނަވަނިކޮށް ހާޖީބަންޑާރައިންގެ ކަންފަތްޕުޅަށް އެރުވި ޚަބަރަކީ ދިވެހީންގެ ލެޔަށް ދަހިވެތިވެފައިވާ ހޮޅިން (މަލާބާރީން)ގެ ގުރާބުތަކެއް ރާއްޖެ ހިފާން އަންނަ ޚަބަރެވެ. އޭގެ ތިން ދުވަސްކުރިން އެ ރަދުންގެ ދަރިކަނބަލެއް އަވަހާރަވެފައިވާތީ އެކަމާ މޮޅިފުޅުން އިންނަވަނިކޮށް ލިބިވަޑައިގަތް މި ޚަބަރުން ޣިޔާސުއްދީން ރަދުންގެ ޢަޒުމްފުޅެއް ނުގުޑައެވެ.

ހޮޅިންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށް ޓަކައި ކަމަރު ބަންނަވައިގެން ޣިޔާސުއްދީން ރަދުން ކޮއިލުތެރޭގައި އިންނެވީއަކީ ނޫނެވެ. ކޮމާންޑަރ-އިން-ޗީފްގެ ހައިސިއްޔަތުން ހަމައެކަނި ޙިކުމަތު ޢަމަލީއާއެކު ހަމައެކަނި ޢަމުރު މަޢުރޫފު ނެރުއްވީކީވެސް ނޫނެވެ. މާލެ ދިފާޢީ ގޮތުން ތައްޔާރުކުރައްވައި، ޢަލިރަސްގެފާނާއި އުތީމު މަހާރަދުންނާއި އިސްކަންދަރު ރަސްގެފާނާއި ބޮޑުކިލެގެފާނާއި ދޮންބަންޑާރައިން ފަދަ އަބުޠާލުން ފަދައިން ޢަމަލީ މައިދާނުގައި ވެސް ޙަރަކާތްތެރިވެވަޑައިގެންނެވީއެވެ. ނަމޫނާ މިސާލުން މަގުދައްކަވަމުން މި ކަން ދަސްފުޅުކޮށްދެއްވުމަށް އެ ރަދުންގެ އިބްރާހިމްއޭ ކިޔުނު ދަރިކަލުން ވެސް ހަނގުރާމައިގެ މައިދާނަށް ނެރުއްވިއެވެ. މި އިބްރާހިމް އަވަހާރަވީ ޣިޔާސުއްދީން ރަދުންގެ ޙައްޖުދަތުރުފުޅުގައި އަރިހުގައި ޙައްޖަށް ވަޑައިގެން އުޅުއްވަނިކޮށެވެ. (ފަހުން ޙަސަން ނޫރައްދީންގެ ރަސްކަމުގައި ޣިޔާސުއްދީން ރަދުންގެ ޢަބުދުﷲ އޭ ކިޔުނު ދަރިކަލުންނަށް ފާމުލަދޭރިކަން ދެއްވުމުން ނަންފުޅެއްކަމުގައި ހަމަޖެއްސެވީ އިބްރާހިމް ފާމުލަދޭރިކިލެގެފާނުކަމަށެވެ.)

ނަސީމާ މުޙައްމަދު (ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، 2009މ: ސ.218 ގައި) ބަޔާންކުރައްވާ ގޮތުގައި "މި ހަނގުރާމަ ފެށިގެން ހިނގަމުން ދިޔަ ދުވަސްތަކުގެ ތެރޭގައި ރަދުން މަސައްކަތްޕުޅު ކުރެއްވީ ލަސްކަރީންގެ މީހެއް ފަދައިންނެވެ. ފީސާ ބައްދަވައިގެން ހުންނަވައި، ބަޑިއަށް ބޭސްލައްވައި ތައްޔާރުކުރައްވައި، ކަނޑި، ފިސްތޯލަ، ލޮންސި ތައްޔާރުކުރެއްވުމުގެ މަސައްކަތްޕުޅުގައި އުޅުއްވިއެވެ. އަދި ހަނގުރާމައިގެ ކަންތައްތައް ހިންގަންވީ ގޮތް ވެސް ވިދާޅުވެދެއްވަނީ ރަދުންނެވެ.

ހޮޅީންގެ ހަނގުރާމަވެރި ގުރާބަށް މާލެއާ ހަމައަށް އާދެވުނުއިރު މާލެ އޮތީ ޣިޔާސުއްދީން ރަދުންގެ ރޭއްވެވުންތެރިކަމާއެކު ތައްޔާރީ ޙާލަތަށް ގެނެވިފައެވެ. ކޯއްޓޭތައް ވަރުގަދަ ކުރައްވައި ދިފާޢީ ގޮތުން ރަނގަޅަށް ތައްޔާރުކޮށްފައެވެ. މި ހަނގުރާމަ ހިނގައި ދިޔަ ގޮތް ދިވެހިތާރީޚުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.

"ދެން މި ރަދުންގެ ރަސްކަމުން ދެވަނަ އަހަރު ކަންނަންނޫރު ޢަލީ ރާޖާ ހަނގުރާމަ ހަދައިފާ ހަ ނަވާއި ނުވަ އޮޑިޔާއި ފޮނުއްވީމާއި ޛުލްޤަޢްދު މަހު އަށާވީސް ދުވަހު އައިސް ދޫނިދުވާއި ވިހަމަނާ ފުއްޓާއި ދޭތެރެޔަށް ނަގިލި ލިއޭ. ދެން ހުޅުލެޔަށާއު ފުނަދުވަށާއި ދެރަށަށް މީހުން ފޭބިޔޭ، ފައިބައިފާ ފުނަދުވަށް ފޭބި މީހުން އެރަށަށް ބަޑި ބާލައިގެން ބަޑިޖަހާން ފަށައިފިޔޭ..ދެން މާލެއިންވެސް ބަޑިޖަހާން ފެށިޔޭ.. މާލޭގެ އައުބުރުޒުން ޖެހި ބަޑިޔަކު އުންޑައިން ޖެހި އެމީހުންގެ މީހަކު މަރުވިޔޭ..އެމީހާ ހުޅުލޭގައި ވަޅުލައިފޫއެވެ. އެމީހާގެ މަހާނަ މިހާތަނަށް އަންނާންދެންވެސް ޢިމާރާތް ވެގެން ވެޔޭ.. ދެން މަލާބާރީން އެހަނގުރާމައިގައި އުންޑަ އަޅައިފައި މާލެޔަށް ފައްސަތޭކަ ނުވަދިހަ ހަތް (597) ބަޑި ޖެހިޔޭ. އެމީހުން ޖެހި ބަޑީގެ އުންޑަޔަކުން ދެއަންހެނުންގައިގައި ނޫނީ ނުޖެހެޔޭ. އޭތެރެއިން އެއް އަންހެނަކު އުރުގައި ޅަކުއްޖަކު އިނޭ.. އެކުއްޖާވެސް މަރުވިޔޭ..މާލޭން އެމީހުނާއިދިމާޔަށް ދުއިސައްތަ ސާޅީސް ފަސް ބަޑި ޖެހިޔޭ.. އެމީހުން އެ ޖެހިހާ ބަޑީގެ އުންޑަތަކުން މާތްރަސްކަލާގެ ދިވެހީން ސަލާމަތް ކުރެއްވޫއެވެ. އިހަށް މަރުވިޔޭ އެބުނި މީހާ ނޫނީ އެމީހުންގެ ތެރެއިންވެސް މީހަކު މަރުވިކަމެއް އެނގިޔެއް ނެތޭ.. ދެން އެޔަށްފަހު އެމީހުން ފުރައިގެން ކަންނަންނޫރަށް ހިގައްޖެޔޭ.."

ޙާޖީ ބަންޑާރައިންގެ ހަނގުރާމައިން ދިވެހީންނަށް ލިބުނީ ވަރަށް މަތިވެރި ނަޞްރެކެވެ. މި ހަނގުރާމައިން ބަލިވެގެން ހޮޅީން ފުރަފުރައިގެން ދާންފެށުމުން ޣިޔާސުއްދީން ރަދުން ނިންމެވި އެންމެ ވަރުގަދަ ނިންމެވުމަކީ އެ ހޮޅީންގެ ފަހަތުން ހަނގުރާމަވެރި އުޅަނދުތަކެއް ފޮނުއްވައި، އެ މީހުން އެނބުރި އައުމުގެ ހުރިހައި ހިތްވަރެއްވެސް އަބަދުގެ އަބަދަށް ކަފުންކުރެއްވީއެވެ. އާދޭހެވެ! އެތައް ޒަމާނެއް ވަންދެން ކަންނަންނޫރު ޢަލީ ރާޖާގެ ފަރާތުން ދިވެހިންނަށް ކުރަމުން ދިޔަ ދުއްތުރާތަކާއި އަނިޔާތައް ނިމިގެން ދިޔައީއެވެ.

މަޝްހޫރު ތާރީޚު ލިޔުންތެރިޔާ އަލްމަރްޙޫމް އަހުމަދު ޝަފީޤާ ޙަވާލާ ދެއްވައި ނަސީމާ މުޙައްމަދު (ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، 2009މ: ސ.214 ގައި) ބަޔާންކުރައްވައިފައިވާ ގޮތުގައި ޣިޔާސުއްދީން ރަދުންގެ ރަސްކަމުގައި އާކޯއްޓޭ މަތިގޭގެ ދެބުރި ޢިމާރާތް ހައްދަވައި، ގަނޑުވަރުގެ"ތޮޅޭފާރު" ލައްވައި ބަޑިޔަށް އާނގު ކަނޑުއްވައި ދިފާޢީ ގޮތުން ވަރުގަދަ ކުރެއްވިއެވެ. ތޮޅޭފާރަކީ ގަނޑުވަރުގެ މައިފާރުގެ އެތެރެއިން އެފާރުގައި ޖައްސައިގެން ރާނާފައިވާ ތިރި ފާރެކެވެ. އެފާރުމަތީގައި ތިބޭއިރު، މެޔާއި ހަމައަށް ބޭރުފާރު މަތިން ފެންނަން ހުންނާނެއެވެ. އުސްފާރުގެ ތަންތަންކޮޅުގައި ނިވާފަތް ގައު ޖަހައިފައި، އަދި ބޭރުފާރުގެ ތިރިން ބަޑިދޮރު ކަނޑައިފައި ހުންނާނެއެވެ. ޣިޔާސުއްދީން ރަދުން ބިނާކުރެއްވި އައުކޯއްޓޭ ރޫޅައިލެއްވުމަށް ފެއްޓުނީ 1968 ވަނަ އަހަރުގެ މެއި 11 ގައެވެ. ދިވެހި ޤައުމީ ދިފާޢީ ބާރުގެ ނިޝާނުގެ ތެރޭގައިވާ އައްޑަނައިގާ ޖަހާފައިވާ ކޯއްޓޭ ރަމްޒުކޮށްދެނީ ދިފާޢީ އައްޑަނައެއްގެ ގޮތުގައި އެތައް ޒަމާނެއްވަންދެން ހުރި މިކޯއްޓޭއެވެ. ސިފައިންގެ މައިމަރުކަޒަށް ވަންނައިރު އެންމެ ފުރަތަމަ ފެންނަން އެހުންނަނީވެސް މިކޯއްޓޭގެ ރަމްޒެކެވެ. ދިވެހިސިފައިންގެ ކޮނޑުގައި ހަރުކުރެވިފައިވާ ސާރވިސް ބެޖްތަކުގައިވެސް އެ ރަމްޒުކުރަނީ ހަމަ މި ކޯއްޓޭއެވެ.

ތާރީޚުގެ ޞަފްހާތަކުން އެނގޭ ގޮތުގައި ޙާޖީ ބަންޑާރައިންގެ ހަނގުރާމައަށް ފަހަކުން ދިވެހިރާއްޖެ އޮތްކޮޅަށް ބޯ ލާކަށެއް ވެސް އުތުރުކަރައިގެ ހޮޅިންނަކަށް ނުކެރުނެވެ. އަދި ކީއްތޯއެވެ! 1887 ވަނަ އަހަރުގައި އިނގިރޭސީންގެ ހިމާޔަތުގެ އުނގަށް ވައްޓައިލުމަށް ކުޅަ އެގްރީމެންޓްގައި ސޮއި ކުރުވުމަށް ބިރުދެއްކުމުގެ ގޮތުން މާލެޔާ ދިމާލަށް ބޮޑުބަޑިތައް އަނބުރައިލި މަނަވަރަށް ނޫނީ ބޭރުގެ ބާރަކުން ރާއްޖޭގެ ވެރިކަމުގެ ކިއްލާއަށް ހަތިޔާރެއް އަމާޒު ވެސް ކޮށްލެވިފައެއް ނުވެއެވެ. އެ އިނގިރޭސީންގެ ޙިމާޔަތުގެ އުނގުން ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލަކީ ވެސް ޙާޖީ ބަންޑާރައިންގެ ހޫނު ލޭފޮދު ހިނގަހިނގައި ހުންނެވި އެ ރަދުންގެ ދަރިކޮޅުން ވަޑައިގެންނެވި ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނެވެ. އާއިލީ ވަނަވަރުތައް ލިޔުއްވުމުގައި މަޝްހޫރު ތިނަދޫ ޢަބުދުﷲ ޙިލްމީ ބަޔާންކުރައްވާފައިވަނީ އެއީ އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ކަރައްޔެ ގަނޑުވަރު ޙަސަންދީދީގެ ޙުސައިންދީދީގެ މަރިޔަމްދީދީގެ މޫސާދީދީގެ އައިޝާދީދީގެ ދަރިކަލުން އިބްރާހިމް ނާޞިރު ކަމުގައެވެ.

ދިވެހީން މިނިވަންކަމުގެ އުފާ ޙާޞިލުކުރަމުންދާއިރު ޣިޔާސުއްދީން ރަދުން ނުވަތަ ޙާޖީ ބަންޑާރައިން ނުވަތަ ޝަހީދުކުޅަ ބަންޑާރައިންގެ ޒިކުރާ އައުކުރާންޖެހެއެވެ. އެ ރަދުންގެ ދެމިހުންނަނިވި ހަދިޔާތަކުގެތެރެއިން އެންމެ މަތިވެރި ހަދިޔާ ހަނދާނަށް ގެންނާންޖެހެއެވެ. އާދޭހެވެ! އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީން ރަދުންގެ މި ޚިދުމަތަކީ އެ ޚިދުމަތަކަށްޓަކައި ދިވެހިޖައްވުގައި ވިހުރޭ ދިވެހި ދިދަ ތާއަބަދު ކުރުނީސްކުރާނެ ޚިދުމަތެކެވެ.

އަނިޔާވެރި ގޮތެއްގައި ޝަހީދުކުޅަ އެ ބަންޑާރައިންގެ ފާފަ ފުއްސަވައި، އެ ރަދުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވާށިއެވެ. އާމީން.

____________________________

ފޮޓޯ: އާކޯއްޓޭ (ފޮޓޯގެ މިލްކުވެރިކަން ޙައްޤުވެރިފަރާތައް. ފޮޓޯ ނެގީ މާކޮއްރާހުން)

މަޢުލޫމާތުގެ މަސްދަރުތައް:

·       ނަސީމާ މުޙައްމަދު، 2009މ، ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން

·       ޢަބުދުﷲ ޙިލްމީ (ޖަނަވަރީގެ، ގދ. ތިނަދޫ)، ލިޔުއްވާފައިވާ ދަރިކޮޅުގެ ވަނަވަރުތައް

·       ދިވެހިބަހާއިތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، 1981މ. ދިވެހިތާރީޚް

www.fanvai.info