އަދުގެ ޚާއްސަ

Print

ޤާނޫނުއަސާސީ އާއި ޤާނޫނުގެ ވެރިކަން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތާރީޚް

 

ޠާހާ އަބޫބަކުރު، ލ.ގަން

އިހު އެވޭލާ ޒަމާނުންސުރެ ދިވެހިރާއްޖޭގައި ދެމިއޮތީ ވިރާސީ ރަސްކަމެކެވެ. ކިޔަމަންތެރި ދިވެހިން ބޯލަނބަމުން ދިޔައީ ރަދުންގެ ވިދާޅު ބަސްފުޅަށެވެ. ރަދުން "ހިތްޕުޅަށް" އަރައިވަޑައިގަތް ކޮންމެ ގޮތެއް އެއީ "އެންމެ ރަނގަޅު" ގޮތްކަމަށް ރައްޔިތުން ދިޔައީ ޤަބޫލުކުރަމުންނެވެ. އަނިޔާވެރި ރަހުންނާއި ރަނީންގެ ވަކިދަށުގައި ދިވެހިން ހޭދަކޮށްފައިވާ ދަތި ދުވަސްތަކަކީ އަދުއްވުންގެ "އަޅުވެތިކަމުގެ" ދުވަސްވަރުގައި ހިތްދަތިކަމުގައި ހޭދަކުރި މުއްދަތަށްވުރެ ވަކި މަދު ދުވަސްތަކެއް ނޫނެވެ. މި ރާއްޖޭގައި ޢިލްމުގެ ދަންމަރުގެ ހުޅުކޮޅު ރޯވެ، ބޮޑުވާންފެށުމާއެކު ދިވެހިންގެ ހޭލުންތެރިކަން އިތުރުވާން ފެށީ 20 ވަނަ ޤަރުނުތެރޭގައެވެ. މިއީ ދިވެހީންނަށް ޤާނޫނުއަސާސީއެއްގެ ހިޔާވަހިކަން ލިބޭންފެށި ހިސާބުންކަމުގައި ދެންނެވިދާނެއެވެ. އެ ގޮތުން ވޭތުވެދިޔަ 80 އަހަރުތެރޭގައި ވުޖޫދަށް އައި ޤާނޫނުއަސާސީތަކާއި އެ ޤާނޫނުތަކަށް ގެނެވުނު އެތަކެއް އިސްލާޙާއެކު ދިވެހި ތާރީޚްގައި ފެވިގެން ގޮސްފައިވަނީ އާދަޔާއި ޚިލާފު ސަފުޙާތަކެކެވެ. މި ދިރާސާގައި ކުރުގޮތަކަށް މި ބަލައިލަނީ މިހާތަނަށް ރާއްޖޭގައި ތަސްދީޤުކުރެވުނު ޤާނޫނުއަސާސީތަކުގެ ބައެއް ތާރީޚްގެ މައްޗަށެވެ. ޤާނޫނުއަސާސީގެ ދަށުން ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަން ނިމުމާއި ޤާނޫނުއަސާސީއާ ހުރި ގުޅުމަށެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ސިރީކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ރާއްޖޭގެ ފުރަތަމަ ޤާނޫން އަސާސީ ތަސްދީޤްކުރެއްވީ، ހިޖުރައިން 1351 ވަނަ އަހަރުގެ ޝައުބާން މަހުގެ 17 ވީ ހުކުރު ދުވަހުގައެވެ. މީލާދީ 1932 ވަނަ އަހަރުގެ ޑިސެމްބަރ 22 އެވެ. މިއީ 92 މާއްދާގެ މައްޗަށް އެކުލެވިގެންވާ ޤާނޫނުއަސާސީއެކެވެ. ޤާނޫނުއަސާސީއަށް 10 މަހާއި 27 ދުވަސްފަހުން ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވެ ޤާނޫނުއަސާސީ ވީދައިލައިފިއެވެ. މި ކަންތަކާ ގުޅިގެން ތާރީޚުގައި މަޝްހޫރު "މޮޓަރުބޯޓްގެ ގަޑުބަޑު" ހިނގައިދިޔައެވެ. އެއަށް ފަހު އަނެއްކާ ޤާނޫނުއަސާސީ އިސްލާޙުކުރެވި، ރަދުން ތަސްދީޤުކުރެއްވިއެވެ. ދެވަނަ ފަހަރަށް ތަސްދީޤުކުރެއްވި ފަހުން މެދުވެރިވި ކަންތައްތަކަށްފަހު ސަމްޝުއްދީން ރަދުން އަޒުލުކުރެވުނީ ޤާނޫނުއަސާސީއާ ޚިލާފުވެ ވަޑައިގަތުމުގެ ކުށުގައެވެ.

ދެން ވެރިކަމަށް ވަޑައިގަތް އައްސުލްޠާން ޙަސަން ނޫރައްދީން (އައްޘާނީ) ސިރީ ބަވަނާ ދީއްތަ މަހާރަދުންގެ ރަސްކަމުގައި 23 މެއި 1942 ގައި އާ ޤާނޫނުއަސާސީއެއް އެކަށައަޅުއްވައި ތަސްދީޤުކުރެވުނެވެ. މިއީ ދިވެހިން ދުށް ދެވަނަ ޤާނޫނުއަސާސީއެވެ. 17 މާއްދާ އަށް ލިޔެފައިވާ މަޝްހޫރު "ކުޑަ ޤާނޫނުއަސާސީ"އެވެ. އަހަރު ނުވަނީސް 1943 އޭޕްރީލް 8 ގައި ރަދުން އިސްތިޢުފާދެއްވިއެވެ.

ރާއްޖޭގެ ތަޚުތު ހުރީ ހުހަށެވެ. ރައްޔިތުން އެދުނީ ޢަބުދުލްމަޖީދު ރަންނަ ބަނޑޭރިކިލެގެފާނު ތަޚުތަށް އިސްވެވަޑައިގަތުމަށެވެ. ކިލެގެފާނު ހުންނަވަނީ ރާއްޖޭން ބޭރުގައެވެ. ވެރިކަން ހިންގަނީ ވަލީ ކޮމިޓީންނެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ދެމި އޮތް ރަސްކަން ޖުމުހޫރިއްޔާއަކަށް އަނބުރައިލުމަށް ރައްޔިތުން ނިންމުމާ ގުޅިގެން މި ޤާނޫނުއަސާސީ އުވި، 1 ޖެނުއަރީ 1953މ.ގައި ތިން ވަނަ ޤާނޫނުއަސާސީ ތަސްދީޤްކުރެވުނެވެ. މި ޤާނޫނުއަސާސީ ތަސްދީޤުކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން 21 އޯގަސްޓް 1953ގައި އިންޤިލާބުކޮށްލެވުނެވެ. ވެރިކަން ހިންގުމުގެ މަސްއޫލިއްޔަތުތައް އުފުއްލަވަމުން ގެންދެވީ ނައިބުރައީސް ވެލާނާގޭ އިބްރާހިމް މުޙައްމަދު ދީދީއެވެ. ޤާނޫނުއަސާސީ އުވުނީ 31 ޖެނުއަރީ 1954މ. ގައެވެ.

މުޙައްމަދު އަމީން އަވަހާރަވުމަށްފަހު، ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން %98 ދިވެހީންނަށް ދިވެހިރާއްޖެއަށް ރަސްކަމެއް ބޭނުންވާކަމަށް ފެނުނު ހިނދު އަލުން ރަސްކަން ޤާއިމުކުރެވުނެވެ. ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއައްވަލް (ކީރިތި މަހާރަދުން)ގެ ރަސްކަމުގައި 1954 މާރޗް 7ގައި ރާއްޖޭގެ ހަތަރުވަނަ ޤާނޫނުއަސާސީ ތަސްދީޤުކުރެވުނެވެ. ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމަކީ ރަސްކަމެއްތޯ ނުވަތަ ޖުމުހޫރިއްޔާއެއްތޯ ބެލުމަށް ޓަކައި 1967 ނޮވެމްބަރ 15 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވޯޓެއް ނެގުނެވެ. 44 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވީ ރާއްޖޭގައި އޮންނާން ފެންނަނީ ޖުމްހޫރިއްޔާއެއް ކަމެވެ. މި ކަން ރައްޔިތުންގެ ކުރިމައްޗަށް ގެނެސް ވޯޓަކަށް އެހުނު ހިނދު ރާއްޖޭގެ ރައްޔިތުންގެ %93.4 ވޯޓުދިނީ ރާއްޖޭގައި ބާއްވަން ފެންނަނީ ވިރާސީ ރަސްކަމެއްގެ ބަދަލުގައި ޖުމްހޫރިއްޔާއެއް ކަމެވެ. ކީރިތިމަހާރަދުންގެ ރަސްކަން 1968 ނޮވެމްބަރ 11 ގައި ނިމިގެން ދިޔަ އިރު 84 މާއްދާގެ މި ޤާނޫނުއަސާސީގެ ހަޔާތް ވެސް ނިމުނީއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ވެލާނާގޭ އިބްރާހިމް ނާޞިރު ނ.ޣ.ޢ.ވ ގެ ވެރިކަން ފެށުމާއެކު ރާއްޖޭގެ ފަސްވަނަ ޤާނޫނުއަސާސީ އަށް 1968 ނޮވެމްބަރ 11 ގައި ޢަމަލުކުރާން ފެށުނެވެ. ރައީސްކަމުގެ 5 އަހަރުގެ ދެދައުރު ފުރިހަމަކުރައްވައި ޞިއްޙީ ހާލުކޮޅު ތަން ނުދެއްވާކަމަށްވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައި އިތުރު ދައުރަކަށް ކުރިމަތި ނުލައްވާ ގޮތަށް ނިންމެވިއެވެ. ރައީސް ނާޞިރުގެ ވެރިކަމުގައި މި ޤާނޫނުއަސާސީ ތަސްދީޤުކުރެއްވިކަން އެނގޭން ނެތްކަމުގައި ވިޔަސް 3 ފަހަރެއްގެ މަތީން މި ޤާނޫނުއަސާސީ އިސްލާޙުކުރެވުނެވެ. 

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމްގެ ވެރިކަމުގައި 1980 ނޮވެމްބަރ 29ގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރައްވައި މި ޤާނޫނުއަސާސީ އިސްލާޙްކުރުން އެ މަޖިލީހާ މަތިކުރެއްވިއެވެ. 17 އަހަރުގެ މަސައްކަތުން އިސްލާޙްކޮށް ނިމުނު މި ޤާނޫނުއަސާސީ، (ފަސްވަނަ ޤާނޫނުއަސާސީ) ތަސްދީޤުކުރެއްވީ 1997 ނޮވެމްބަރ 27 ވީ ބުރާސްފަތި ދުވަހު ރައީސް މައުމޫނެވެ. މިއީ ރައީސް ނާސިރުގެ ވެރިކަމުގައި ޢަމަލުކުރަންފެށުނު މި ޤާނޫނުއަސާސީގެ ޢުމުރުން 29 އަހަރާއި 16 ވަނަ ދުވަހެވެ. މި ޤާނޫނުއަސާސީއަށް "ނޫ ޤާނޫނުއަސާސީ" އޭ ކިޔައެވެ. 156 މާއްދާގެ މި ޤާނޫނުއަސާސީ އަށް ޢަމަލުކުރަންފެށުނީ 1998 ޖެނުއަރީ 1 އިން ފެށިގެންނެވެ.

2008 ވަނަ އަހަރުގެ ޤާނޫނުއަސާސީ ތަސްދީޤުކުރެއްވުން

2004 ޖޫން 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބުދުލްޤައްޔޫމް އެމަނިކުފާނުގެ އިސްލާހީ އެޖެންޑާ އިޢުލާންކުރެއްވިއެވެ. އިޞްލާޙީ އެޖެންޑާގެ ދަށުން، ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އެއްކުރެއްވިއެވެ. ޤާނޫނުއަސާސީ އިސްލާޙްކުރުމުގެ މަސައްކަތް ނިމި، ޤާނޫނުއަސާސީ ތަސްދީޤުކުރެއްވުމުގެ ދަރުބާރު ބޭއްވުނެވެ. 2008 އޯގަސްޓް 7 ގައި ދަރުބާރުގޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރާއްޖޭގެ ހަވަނަ ޤާނޫނުއަސާސީ ތަސްދީޤުކުރެއްވީ ރައީސް މައުމޫނެވެ. މި ޤާނޫނުއަސާސީ މަޝްހޫރުވެފައިވަނީ "ފެހި ޤާނޫނުއަސާސީ" އާއި "މުޒާހަރާ ޤާނޫނުއަސާސީ" ގެ ނަމުންނެވެ. 14 ބާބުގެ މައްޗަށް އެކުލަވައިލެވިފައިވާ މި ޤާނޫނުއަސާސީގައި 301 މާއްދާ ހިމެނެއެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ނާކާމިޔާބުވެ ވަޑައިގަތުމުގެ ސަބަބުން، ޤާނޫނުއަސާސީ ތަސްދީޤު ކުރެއްވިތާ 3 މަހާއި 4 ދުވަހުގެ ތެރޭގައި ރައީސް މައުމޫންގެ ވެރިކަން 30 އަހަރަށް ފަހު ނިމުނެވެ. އޭގެ ކުރީގެ ހުރިހާ ޤާނޫނުއަސާސީ ތަކަކަށްވުރެ ފުރިހަމައަށް އިންސާނީ ޙައްޤުތައް ކަނޑައެޅި، ދައުލަތުގެ ބާރުތައް ވަކިކުރެވި، ޑިމޮކްރެޓިކް ހަމަތައް ކަށަވަރުކުރެވިފައިވާ މި ޤާނޫނުއަސާސީގެ ދަށުން 2008 ނޮވެމްބަރ 11 ވީ އަންގާރަ ދުވަހުން ފެށިގެން ދެވަނަ ޖުމްހޫރިއްޔާގެ 3 ވަނަ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަން ހިނގްގަވާން ފެށްޓެވިއެވެ. 3 އަހަރާއި 2 މަހާއި 27 ދުވަހު ރައީސްކަން ކުރެއްވުމަށްފަހު މީޑިއާގެ ކުރިމަތީގައި ރައީސް ނަޝީދު އިސްތިޢުފާ ދެއްވިކަން އިޢުލާންކުރައްވައި 2012 ފެބުރުއަރީ 07 ވީ އަންގާރަ ދުވަހު އިސްތިޢުފާދެއްވީއެވެ. (ލިޔުނީ: 20 ފެބުރުއަރީ 2012 މ. ގައި)

______________________________

މަޢުލޫމާތު:

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ

ޤާނޫނާއި އާދަކާދަ

ވިކިޕީޑިއާ

އިދާރާ

ވާހަކަ