ފުޅަނތްގަށް ދިޔުން
އާދަމް ނަޞީރު އިބްރާހީމް (2009)
ފުޅަނތްގަށް ދިޔުމުގެ ކެޔޮޅުކަމަކީ، ވަރަށް ފޫހިފިލާ ޝައުޤުވެރި ކެޔޮޅުކަމެކެވެ. ހުކުރު ހޮނިހިރު ފަދަ ބަންދު ދުވަސްތަކުގައި ވެސް މި ކެޔޮޅުކަން ކޮށްލެވިދާނެއެވެ. ޗުއްޓީތެރޭގައި ރަށްރަށަށް ގޮސް އުޅުމުގައި ވެސް ކޮށްލެވިދާނެ ރަނގަޅު ކެޔޮޅުކަމެކެވެ.
ރަނގަޅަށް ފުޅަނގި ކޮށާ ދުވަހެއް ނަމަ މަޖަލާއެކު، ފަސް ހަ ގަޑި އިރުވެސް ފުޅަނގި ބޭނުމުގައި ހޭދަ ކުރެވިދާނެއެވެ. އެހެންކަމުން، ފުޅަނގި ބޭނުމުގެ ކެޔޮޅުކަން ކުރެވިދާނެ ގޮތެއް ލިޔެލާނަމެވެ.
ފުޅަނތްގަކީ، މީރު ލައިގެންކާނެ އެއްޗެއް ތައްޔާރު ކޮށްލަންވެސް ރަނގަޅު މަހެއް ވިއްޔާއެވެ!
ބޭނުންވާ ތަކެތި
01 – ފަންސަވީހުގެ ކަންވާރެއް (ނަނެއް)
02 – ވިހި ނަންބަރު ބުޅި (އެއްބުޅިޔަށްވުރެ ގިނަ ބުޅި ގެންދިޔުން ބުއްދިވެރި)
03 – ދިހަ ވަރަކަށް، ރޯ ކަކުނި (ގުންފޮށިގަނޑުގައި ދެއިންޗި / ދޮޅު އިންޗި ހުންނަވަރު)
04 - ފިޔޮއްސެއް
05 – ދެމީހަކަށް ކެޔޮޅުކަމުގެ ނިކުމެ އުޅެވޭވަރުގެ ކުޑަވަރު ބޮއްކުރައެއް (ފަލިޖަހާނެ މީހަކާއި ނަނުދަމާ މީހާ)
މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް:
ހ – ކަކުނި ހިފުން
އާންމު ކޮށް ކަކުނި ހިފަން ފަސޭހަ ވާނީ ރޭގަނޑު އެވެ. އެހެންވީމާ ރޭގަނޑު ހެޔޮވަރުވަރުގެ 10 ވަރަކަށް ކަކުނި ހިފާށެވެ. ހިފައިފައި ކޮންމެ ކަކުންޏެއްގެ ފައިތައް ގުންފޮށިގަނޑު ދަށަށްލެނބި ހައްޔަރުވެފައި އޮންނާނޭހެން އުނިފަތެއްގެ ތެރެޔަށްލައި އޮޅައިލައި ނައިލޯނުވަކަ ކޮޅަކުން ނުވަތަ ސުތުލި ކޮޅަކުން ބަނދެލާށެވެ. ކެޔޮޅުކަމު ނިކުންނަ އިރު ކަކުނިތައް މަރުވެފައި ހުރެގެން ނުވާނެއެވެ. ދިރިދިރި ތިބެންވާނެއެވެ.
މޫސުން
ފުޅަނތްގަށް ދާން އެންމެ ރަނގަޅީ އިރުވައި މޫސުމެވެ. މާބޮޑަަށް ކަނޑު ގަދަ ވެއްޖެއްޔާވެސް ފުޅަނގިކޮށުން ދެރަވާނެ އެވެ. މަޑު ދުވަސް ދުވަހަށް ވަރަށް ފޯރީ ގަދަވާނެ އެވެ.
ށ – ކެޔޮޅުކަމު ނިކުތުން
ފަތިހު އިރުގެ އަލިކަމަށް ދުނިޔެ ދޮންކޮށްލާ ވަގުތު ބޮއްކުރާގައި ދެމީހުން ރަށުގެ ބޭރުމައްޗަށް ނިކުންނާށެވެ.
ފަލިޖަހާފައި ގޮސް ރަށުގެ ދަށްފަރާތަށް މަޑު ކޮށްލާށެވެ. އިރުވައި މޫސުމުގައި ނަމަ އެހިސާބުގައި ރަށާގާތަށް ވަވޮއި ދަމާފައި އޮންނާނެ އެވެ. މި އޮއިވަރުގެ ބޭރުން އޮޑި ދަމާނީ ރަށާ ދުރަށެވެ. މި ދެމެދުގައި އޮންނަ އޮއިކަނު ދަނޑިފަށް ފާހަގަ ކޮށް އެތަނުގައި މަޑު ކޮށްލާށެވެ.
ނ – ފިލި ކުރުމާއި އެންގަނޑު ތައްޔާރު ކުރުން
ބަނދެފައިވާ ތަނުން ކަކުންޏެއް މޮހާލާށެވެ. އޭގެ ގުންފޮށިގަނޑު ނައްޓާލައި ކޮޅުފަސްކޮޅުން ބޮއްކުރާ ދޮށަށް މޫދުން ކަކުނި ދޮވެލާށެވެ. ގުންފޮށިގަނޑު ފިޔޮހިން ކުދިކުދިކޮށް މަޅުމަތީ ޗިސްޖިސް ކޮށްލުމަށްފަހު، އެބައި މޫދަށް ގިރުވާލާށެވެ. މިހާރު ހުންނާނީ ރަނގަޅަށް ފިލިވެފަ އެވެ.
ދެން ކަކުނީގެ ފައެއް ލުއްސާލާށެވެ. ފައި ލުއްސާލާއިރު، ކަކުނީގެ މައިހަށިގަނޑުން ވަރަށް ރީތި މަސްބޮޅެއް ފަޔާއެކީ ލުހިގެން އަންނާނެއެވެ. ފައިގެ މެދު ހުޅުންފެށިގެން މަސްބޮޅާ ގުޅުނު ހިސާބު ބުރިކޮށްލާފައި އެބައި ބުޅީގެ ތަނޑިޔަށް އަމުނާލައި ތަނޑި ފޮރުވާލާށެވެ. ދެން މަސްބޮޅު ބުޅީގެ ގުދަށް އަމުނާލާށެވެ. އޭރުން އެވަނީ އެންގަނޑު ފުރިހަމަޔަށް ތައްޔާރު ކުރެވިފަ އެވެ. ދެން ނަނު ދޫކުރަންވީއެވެ. ނުވަތަ ނަނު އެއްލަންވީއެވެ.
ރ- ފަލިޖެހުން
ފުޅަނގި ބޭނުމުގައި ފަލިޖަހާ މީހާގެ ހުނަރެއް ބޭނުން ވެއެވެ. އެއީ ނަނަށް ދޫލިބުނަ ނުދީ އަބަދުވެސް އެއްވަރަކަށް ދިގުބާންޏަށް ފަލިވަޅު އަޅަމުން ގެންދިޔުމެވެ. އޮމާން ކޮންނެވެ. ކުއްލި ކުއްލިޔަކަށް ނޫނެވެ.
ބ – ފުޅަނގި ބޭނުން
އޮއިކަނަކީ ފުޅަނގި ވަރަށް ގިނަވާނެ ތަނެކެވެ. އެތަނަށް ފިލިކޮށް ނަނު ދޫކޮށްލާއިރަށް ފުޅަނގި ކޮށަން ފަށާނެއެވެ. ނަނުގައި އިންނަ މީހަކަށް މި ކަން އިޙްސާސް ކުރެވޭނެއެވެ. ވަރަށް މަޑުމަޑުން އައިސް ބުޅީގައި ފުޅަނގީގެ ތުނބުން ކޮށްޓާލައި މަޑު ވާމެއް ކޮށްލާނެއެވެ. އެކަން އިޙްސާސް ކުރެވުމުން މަޑު މަޑުން މާ މުށެއްހައި ޖާގައަށް ވާވަރަށް ފުޅަނތްގާވީ ދިމާޔަށް ނަނު ފަހަތަށް ގެންދާށެވެ. މުށުތެރޭން ދޫކުރުމަކާ ނުލައި އަތުން އެ ޙަރަކާތް ގެންނާށެވެ. ނަނަށް ރަނގަޅަށް ދޫ ދޭށެވެ. އެއާއެކު ފަލިޖަހާ މީހާއާއި ދެމީހުން އެކީގައި ކުރިޔަށް ހިފާށެވެ. ފަލިޖަހާ މީހާ ފަލިވަޅެއް އަޅާލައި ބޮއްކުރާ ކުރިޔަށް ފިރުކާލާނީ އެވެ. ނަނުގައި އިންމީހާ އެ ފަލިވަޅާ އެއްހަމަ ވާގޮތަށް ނަނު ދަމަންފަށާނީއެވެ. އޭރު ފުޅަނގި އިންނާނީ ރަނގަޅަށް އެންގަނޑު ގިލައިލައިގެންނެވެ.
ޅ - ފުޅަނގި އަމިއްލަޔަށް ބުޅިނައްޓައިލުން
ފުޅަނތްގަކީ، ވަރަށް ބާރަށް އުދުހޭ މަހެކެވެ. ބައެއް ފަހަރަށް އުދުހިފައި އަންނަލެއް ބާރުކަމުން ނަނަށްް ދޫލިބެއެވެ. އެވަގުތުގައި އެ ސޮރު އަމިއްލަޔަށް ގެންނަ ޙަރަކާތަކުން ބުޅި ނައްޓާލައެވެ. އެހެންވިމާ ފުޅަނގި ނަނުގައި ގަތުމާއެކު ނަނުދަމާ މީހާއާއި، ފަލިޖަހާމީހާ ވަރަށް ހުޝިޔާރުވާންވާނެއެވެ. ވަރަށް އަތްމަތި އަވަސް ވާންވާނެއެވެ. ކޮންމެ ފަހަރަކުވެސް އަލުން ނަނު އެއްލަންވާނީ، އެންކޮޅު ހެޔޮ ކޮށްލައި ރީތި ކޮށްލައިފައެވެ.
ރަނގަޅު މޫސުމެއްގައި ރަނގަޅު އޮއިކަނެއްގައި ގަޑިއެއްހައި އިރު ހޭދަ ކޮށްލެވުނަސް އިރާދަ ކުރެއްވިއްޔާ ގެޔަށް ދާންޖެހޭނީ ދެއަތަށް ކިރެމުންނެވެ. ފުޅަނގިފަތީގެ ބޮޑުކަމުންނެވެ.