އަދުގެ ޚާއްސަ

Print

ކޮރުފިއްޔާއި އުނި ލަފުޒުން ޅެން ނަހަދާށެވެ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ދިވެހި ޅެންވެރިކަމަކީ، ދުނިޔޭގެ އެހެން ޅެންވެރިކަމާ އަޅައިބަލާއިރު، މަތީ ހަރުފަތެއްގައި ފައިތިލަ ސާބިތު ކޮށްފައިވާ ފުރިހަމަ ޅެންވެރިކަމެކެވެ. އަދުގެ ޖީލަށް ޅެންވެރިކަން ވާރުތަވެފައިވަނީ ފުރިހަމަ ޅެންވެރި ޖީލަކުންނެވެ. އެހެންކަމުން އިހުގެ މޮޅު ޢިލްމީ އަދީބުންގެ ޅެންތައް ބަލައި ކިޔައި ދަސްކުރަން ވާނެއެވެ. ޅެމަކީ، ހަމައެކަނި ވަޒަނަށް ބަސް އެތުރުމެއް ނޫނެވެ.   

ނަމަވެސް، އަދުގެ ޅެންވެރިކަން ހަމައެކަނި ވަޒަން ބަހުރުވަޔަށް ބަދަލުވަމުންދާތީ ފެނެއެވެ. އެއީ، ދެރަކަމެކެވެ. ހިތާމަ ހުރި ކަމެކެވެ. ދިވެހި ޅެންވެރިކަން ބިނާވެފައިވަނީ ދިވެހި ބަހުގެ ހަމަތަކާއި ޤަވާޢިދުތަކުގެ އިމުގައި ފުރިހަމަ ލަފްޒާއި ބަސްމަގު ރީތި ސާދާ ޖުމްލަ ތަކުގެ މަތީގައެވެ.

އެހެނަސް، އަދު ޅެންވެރިކަމުގެ ބިންގާ އެޅެމުންދަނީ އެފަދަ ކަންކަމަށް އެއްވެސް ވަރަކަށް އިސްކަން ދެވިގެންކަމަށް ބެލެވޭކަށެއް ނެތެވެ. އެހެނީ، މިއަދު ފެންނަ ޅެންތައް ބިނާވެފައި ހުންނަނީ ކޮރުފިއްޔާއި އުނި ލަފްޒާއި ކޮށިކަމާއި އުނި ބަސްމަގާއި މިފަދަ ކަންކަމުން ފުރިގެންވާ ފުރިހަމަ ނޫން ޖުމްލަ ތަކަކުން ވަޒަނަށް ޓަކައި ލަފްޒުވެސް ކުރުގަޅުވައިލެވިފައިވާ ގޮތުގައެވެ. އެއީ، ދިވެހިޅެން ހެދުމުގެ ހަމައެއް ނޫނެވެ. އެއީ، ހިފައިގެންވާނެ ގޮތްގޮތެއް ނޫނެވެ. ދަސްކޮށްދީގެންވާނެ ދަސްކޮށްގެންވާނެ ގޮތްގޮތެއް ނޫނެވެ. 

އެހެންކަމުން ދިވެހި ޅެންވެރިކަން، އެ އަސާސެއްގެ މަތީގައި ބިނާވެފައިވާ އަސާސީ ސިފަތަކުން ޅެމުގެ ބޭރުފުށުގެ ފޭރާން ހެޔޮވާނޭ ބައެއް ސިފަތަކުގެ ކުރު ތަފްޞީލެއް ހާމަކޮށްލާނަމެވެ. 

އަސާސީ ސިފަތަކަކީ، އެއީ،

  • ފިލިކޯޅި އާއި ބަނޑުވައް އަކުރު ފުރިހަމަ ކުރުން
  • ކާފިޔާ ފުރިހަމަ ކުރުން.
  • ކޮރުފިލި ނުހިމެނުން.
  • ތާލު އުނގުރު ނުބިނދޭ ގޮތަށް ބަސް އެތުރުން.
  • އަލިފާއި ށަވިޔަނި ސުކުނަށް ނިމޭ ކާފިޔާގެ ޙުކުމާ ޚިލާފު ނުވުން.
  • އަހާނަމައިގެ ހަމަ އެނގުން.
  • ތާނައިގެ ލިޔުމުން ލޮލަށް ފެންނަ ގޮތް އެއްގޮތްކުރުން ފިޔަވައި އަޑުން އެއްގޮތް ކުރުން
  • ފުރިހަމަ ލަފްޒުން ބަސް އެތުރުން.
  • ޞަދުރުގައި ނުވަތަ ޞަދުރާއި ޢަޖުޒުގައި ފުރިހަމަ ޖުމުލައެއް އޮތުން. 
  • ޝުޢޫރުގެ ބަޔާނެއް ސިފަކުރުން.
  • ނުވަތަ ޢިލްމީގޮތުން ނުވަތަ އަދަބީގޮތުން ފުރިހަމަ ބަޔާނެއް ކުރުން.

މި ނޫނަސް މަތީ ހަރުފަތްތަކަށް އެރުމަށްޓަކައި ޅެންވެރިކަމުގައި އެކުލެވިގެންވާ ވަރަށް ގިނަ ޢިލްމީ ކަންކަމާއި ސިއްރުތައް ޅެންވެރިކަމުގައި ހުރެއެވެ. އަދި ބަލާޣާތުގެ އަސަރާއި ފަޞާޙަތުގެ ސިފަޔާއި ތާލުން ލަފުޒުން އަކުރުން މިޔުޒިކު އުފެދޭ ހަމަތައް ހުރެއެވެ. އެއީ، ބޮޑަތި އުސްތާޛުންގެ ކިބައި އުނގެނި ދަރިވަރު ފަރާތްތަކަށް ލިބޭން ހުންނަ ކަންކަމެވެ. އަގުހުރި ޖަވާހިރެވެ.

ޅެންވެރިކަމުގައި އަރައިގެން ދެވޭ އުސްމިނުގައި ޙައްދެއް ނެތެވެ. އެކަންކަން ޙާޞިލުކުރުމަށް އަދަބު އެނގެނުމާއި ޢިލްމީ މަޢުލޫމާތުން ބަސްކޮށާރު ފުދުންތެރިކުރަން ޖެހެއެވެ. އެ ކަންކަމުމަށް އެންމެ ފަހި މަގަކީ ފޮތްތެރިކަމެވެ.

ނަމަވެސް، މި ލިޔުމުގައި އަލި އަޅުވައިލާން ބޭނުންވަނީ، ކޮރުފިއްޔާއި، ބަނޑުވައް އަކުރާއި، ކާފިޔާގެ މައްޗަށެވެ. އެހެނީ، ޅެމުގެ ބޭރުފުށުން ފޭރާން ރީތިވެފައި އޮތުމުގެ މުހިންމު ކަމަށްޓަކައެވެ.

  • ކޮރުފިލީގެ ބާވަތްތަކީ، އާބާފިއްޔާއި އައިބައިފިލި އޮޅުވައިލުމާއި، އައިފައިފިލީގެ ފަހުފިލި ވަޒަން ހަމަކުރުމަށް ޓަކައި ދޫކޮށްލުމާއި،  ޅެމުގެ އޮމާންކަން ގެއްލޭ ކޮންމެ ސަބަބެކެވެ.
  • ފިލިކޯޅިއަކީ، ކޮންމެ ބައިތެއްގެ ޞަދުރާއި އަޖުޒުގެ ފުރަތަމަ ދެއަކުރު ނުވަތަ ތިން އަކުރުން ފިލިން އެއްގޮތް ކުރުމެވެ.
  • ބަނޑުވައް އަކުރަކީ، ދެވަނަ އަކުރެވެ. ޞަދުރާއި އަޖުޒުގެ ދެވަނަ އަކުރު ފިލިކޯޅި ހަމަ ކުރުމަށްޓަކައި އަކުރާއި ފިއްޔާއެކު ސީދާ އެއްގޮތް ކުރުމެވެ. 
  • ކާފިޔާއަކީ، ޅެންބައިތުގެ ޞަދުރާއި ޢަޖުޒުގެ އެންމެ ފަހު އަކުރު ފިއްޔާއެކު ނަޤުލު ކުރުމެވެ. 

ނަމަވެސް، ކުރުފިލިން ކާފިޔާ ހުންނަ ޅެންޅެމުގައި ފަހު އަކުރު އޭގެ ފިއްޔާއެކު އޭގެ ކުރީ އަކުރުގެ ފިއްޔާއެކު އެއްގޮތް ކުރުމީ ޅެން ރީތިވާނެ ކަމެކެވެ. ދެމޭ ފިލީގެ ކާފިޔާއެއް ނަމަ ފަހު އަކުރުގެ ކުރީ އަކުރާއި ފިއްޔަށް ނުބެލިޔަސް ފަރުވާލެއް ނެތެވެ. 

* ފިލިކޯޅި ހަމަކުރުމުގެ މިސާލު 1-: 

     "ހާމަވީ ރީތި މަންޒަރުތަކޭ ނެތިދަނީ

           މާމަލުން އޭގެ   ތާޒާކަމޭ  ގެއްލެނީ

                ދާމަގުން ދުނިޔެ ހިނގަމުން މިހިރަގެންދަނީ

                      އާމަގެއްގައި ހިނގޭކަށް  ނެތޭ  އަންގަނީ"

           ހާމަ، މާމަ، ދާމަ، އާމަ، މިއީ، ފުރިހަމަ ފިލިކޯޅިއެވެ.

          (ފަޟީލަތުއްޝައިޚު މުޙައްމަދު ޖަމީލު ދީދީ)

* މިސާލު 2-: 

     "ވިމާމޮޅު ނަސަބަކުން އަޔަތީ، ތިމާމެން ކިބުރުވެރިމިވަނީ

              ރިމާދަށް ފުރޮޅިގެން އެދަނީ، ދިމާޔަށް އަނގުރު އަލިފާނޭ"

          ވިމާ، ތިމާ، ރިމާ، ދިމާ، މިއީ، ފުރިހަމަ ފިލިކޯޅިއެވެ.

         (ފަޟީލަތުއް ޝައިޚު ޙުސައިން ޞަލާޙުއްދީން)

* މިސާލު 3-: 

     "ރިކަން ކުޅަދުންވެ ނުމެ ހީކޮށް، ފިކަންދޮގު މާބުނުން ގިނަކޮށް

            މި ކަން އަފިލައި މުޅިން މޫނުން، ނިކަން ކަމެކޭ ހިނގައިދާނޭ"

          ރިކަން، ފިކަން، މިކަން، ނިކަން، މިއީ، ފުރިހަމަ ފިލިކޯޅިއެވެ.

         (ފަޟީލަތުއް ޝައިޚު ޙުސައިން ޞަލާޙުއްދީން)

* ބަނޑުވައް އަކުރުގެ މިސާލު 1-:

     "ދެހާޖީންނާއި ދަންޑެހެލާ ގޮވައިގެން އޭގެ ތިން ބަޠަލުން

              ޖިހާދު ކުރައްވަމުން ގެންދެވި ގޮތީ ޤައުމީ މިސާލެއްތާ"

          (ފަޟީލަތުއް ޝައިޚު މުޙައްމަދު ޖަމީލު ދީދީ)

          "ދެހާޖީން" މި ޖުމްލައިގެ "ހާ" އާއި "ޖިހާދު ކުރައްވަމުން" މި ޖުމްލައިގެ "ހާ" އަކީ ބަނޑުވައް އަކުރެވެ.     

* މިސާލު 2-:

     "ބިސްމިން އިތުރު ފަށައިގެން ކިޔަމުން މިއަންނަނީ

               ވިސްނުންވެ އިސްނަގާހެން ކުރިއަށް މިގެންނަނީ"

          (އައްސައްޔިދުއް ޝައިޚު ބޮޑުފެންވަޅުގޭ ސީދީ)

"ބިސްމިން" މި ޖުމްލައިގެ "ސް" އާއި "ވިސްނުންވެ" މި ޖުމްލައިގެ "ސް" އަކީ، ބަނޑުވައް އަކުރެވެ.

* މިސާލު 3-: 

      "ތިޔަބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ

               ނިޔަނެތިވި މަންމާ ނިކަން އަދު ސިފަ މަށަށް ކޮށްދޭނުހޭ"

           (އަންނަބީލާ އާމިނަތު ޙޫސައިން)

      "ތިޔަބުނާ" މި ޖުމްލައިގެ "ޔަ" އާއި، "ނިޔަނެތިވި" މި ޖުމްލައިގެ "ޔަ" މިއީ، ފުރިހަމަ ބަނޑުވައް އަކުރެވެ.

* ކާފިޔާގެ މިސާލު 1-: 

       "ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ

                   ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ" 

            (އައްސައްޔިދުއް ޝައިޚު ބޮޑުފެންވަޅުގޭ ސީދީ)

12 ބައިތުގެ މައްޗަށް އެކުލެވޭ "މަގޭ ގުލްޒާރު" ޅެމުގެ ހުރިހައި ބައިތެއް ނިންމަވާފައިވަނީ "ނެޔޭ" މި ބަހުންނެވެ. އެއީ، ފުރިހަމަ ކާފިޔާ އެވެ. ނަމަވެސް، "ޔޭ" މި ފަލްޒު އެކަނިވެސް އެއީ، ކާފިޔާއެވެ. 

* މިސާލު 2- 

           "ޙަޔާތުގެ ފިކުރު ނެތް ތަނެކޭ މަރެއްގެ ޚިޔާލު ނެތް ތަނެކޭ

                      ގަޔާވެވިގެން ތިބޭ މަތިވެރި ޙަޔާތެއްވާ އެއީ ތަނެކޭ"

            (އަލްއުސްތާޛު އިބްރާހީމް ޝިހާބު)

16 ބައިތުގެ މައްޗަށް އެކުލެވޭ "ސުވަރުގެ" ޅެމުގެ ހުރިހައި ކާފިޔާއެއް ގެންނަވާފައިވަނީ "ނެކޭ" މި ބަހުންނެވެ. އެއީ، ފުރިހަމަ ކާފިޔާއެވެ. އެކަމަކު ހަމަ އެކަނި "ކޭ" މި ލަފޭޒަކީ ވެސް ކާފިޔާ އެވެ. 

މިސާލު 3-: 

        "ކުޅޭށެ ކުރިކެޓް ކުޅޭށެ ކުރިކެޓް ބަހާއި ޢަމަލުން ކުޅޭށެ ކުރިކެޓް

               އުޅޭށެ އަންގާ ގޮތަށް އެކުރިކެޓް ހިތާއި ރޫޙުން ކުޅޭށެ ކުރިކެޓް"

         (އަންނަބީލާ އާމިނަތު ޙުސައިން)

10 ބައިތުގެ މައްޗަށް އެކުލެވޭ "ކުޅޭށެ ކުރިކެޓް" ޅެމުގެ ހުރިހައއި ކާފިޔާއެއް ގެންނަވައިފައިވަނީ "ކްރިކެޓް" މި ބަހުންނެވެ. އެއީ ފުރިހަމަ ކާފިޔާއެވެ. އެކަމަކު، "ކެޓް" މި ލަފުޒަކީ ވެސް ކާފިޔާ އެވެ. 

ވީމާ، ޅެން ހެދުމުގައި އެންމެ ކުޑަމިނުން މި އަސާސްތައް ހިފެހެއްޓުމީ ލާޒިމުކަމެކެވެ. 

____________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ