އަދުގެ ޚާއްސަ

Print

ދުސްމިނުންގެ އުންޑަ ނާރާނީ ބޮޑުފާރު އަމަށުން ހުރިއްޔާއެވެ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިވެހި

 

ޢަބްދުﷲ ރަޝީދު، މ. ލިނެޓް

ބޮޑުފާރަކީ، ދިފާޢީ ފާރެވެ. ދުސްމިނުންގެ އުންޑަތަކުން ވަޠަނާއި މުވާޠިނުންގެ ދިފާޢުގައި ލާފައި ހުންނަ ފާރެވެ. އެއީ، އިންފާރެއް ނޫނެވެ. އިންފާރަކީ އިންފުޅަފެވެ. މިޒަމާނު ދޫމަތީ އޮންނަ "ބޯޑަރ ލައިން" އެވެ. ބޮޑުފާރު ފޫހިނގައްޖިއްޔާ ދުސްމިނުންގެ އުންޑަތައް ނާރައެއް ނުހުންނާނެއެވެ.

ޝައްކެއްނެތެވެ! ބަޔެއްގެ ޤައުމިއްޔަތުގެ ބޮޑުފާރަކީ، އެ ބަޔެއްގެ އެބައެއްވަންތަކަމެވެ. ފިކުރާއި ވިސްނުމާއި ދީނާއި ޢާޤީދާ އާއި ސަޤާފަތު، އެހެންބައެއްގެ ނުފޫޒުން ޚާރާބުނުވެ، ދެމި އޮންނަ އަޞްލަކީ، އެބައެއްވަންތަކަން (މާދަރީބަސް) އަމަށުން އޮތުމެވެ. 

ބަޔެއްގެ ފިކުރާއި ވިސްނުމާއި ދީނާއި ޢާޤީދާ އާއި ސަޤާފަތު، ފަސާދަކޮށް ފުނޑުފުނޑުކޮށްލުމުގެ ބާރާއި ނުފޫޒު އަނެއް ބަޔަކަށް ލިބެނީ، ބައެއްގެ ޤައުމިއްޔަތުގެ ބޮޑުފާރު ފޫގޮސް ރެދުލައި، އެ ރެނދުތައް ފޭވެ، ބާބާގަނޑު ހެދޭ ހިސާބުންނެވެ.  

ބަޔެއްގެ އެބައެއްވަންތަކަމާއި ޤައުމިއްޔަތަކީ ލާމެހި ގުޅިފައިވާ ވަކި ނުކުރެވޭނެ ދެކަމެވެ. ކޮންމެ ބައެއްގެމެ ޤައުމިއްޔަތު، އެ ތަނބުތަކެއްގެ މަތީގައި ނެގެހެއްޓި ނުވެއްޓި ކޮޅަށް ހުންނަ، މައި ތިން ތަނބަކީ، 

# އެބައެއްވަންތަކަމާއި،

# އެއްބައެއްވަންތަކަމާއި،

# އެއްބައިވަންތަކަމާއި، އެވެ. 

  • އެބައެއްވަންތަކަމުގެ ބިންގަލަކީ، އެބައެއްގެ މާދަރީ ބަހެއެވެ. އެހެނީ، ބަޔަކު، އެބައެއްކަމަށް ނިސްބަތްކުރެވޭ އަޞްލަކީ، އެބައެއްގެ މާދަރީ ބަސްކަމުގައި ވާތީއެވެ. ދިވެހީންނަށް ދިވެހީންނޭ ކިޔައި ނިސްބަތް ކުރެވެނީ ދިވެހީންގެ މާދަރީބަހަކީ، ދިވެހިބަސްކަމުގައި ވާތީއެވެ. 
  • ޢަރަބީންނަށް ޢަރަބީންނޭ ކިޔައި ނިސްބަތް ކުރެވެނީ ޢަރަބީންގެ މާދަރީބަހަކީ ޢަރަބިބަސްކަމުގައި ވާތީއެވެ. މިއީ، ބައެއްގެ އެބައެއްވަންތަކަން ނިސްބަތްވެވޭ އަޞްލެވެ.

(ޢަރަބީންގެ އެއްބައިވަންތަކަން މިއަދު އެހެން އެ އޮތީ އެބައިމީހުންގެ އެބައެއްވަންތަކަން ކަމުގައިވި މާދަރީބަސް ކަމުގައިވާ "ފުޞްޙާ" އެމީހުންގެ މުށުން ދޫވެ، ޢާންމިއްޔާއަށް ރުޖޫޢަވާން ޖެހުމެވެ.) މިއަދު އަޅުގަނޑުމެންގެ މެދުންވެސް ފެންނަ ކަންމެއް ފެންނަމުން މިދަނީ ހަމަ އެސަބަބެވެ.

  • އެއްބައެއްވަންތަކަމަކީ، ބައެއްގެ ކިބައިގައި ހުންނަ އެއް ކަންތައްތަކެއް ޙިއްޞާކުރެވޭ ކަންތައްތަކެވެ. އެއީ، ބަސް، ދަރިކޮޅު، ދީން، އާދަކާދަ، މި ފަދަ މި ފަދަ، ކަންތައްތަކެވެ.
  • އެއްބައިވަންތަކަމަކީ، ގުޅުމެވެ. އެކުވެރިކަމެވެ.

މި ތިން ތަނބު ފުނޑުފުނޑުވެއްޖެ ނަމަ، ގައުމިއްޔަތު ނަގަހައިޓައި ހިފަހައްޓަން ވިއްދާނެ މުޑިއެއް، ކައްތިރިއެއް، ނޯންނާނެއެވެ.

ކަނޑައެޅިގެން އެހެން އެ ކަންކަން ހުރިއިރު، ބައެއްގެ އުނގެނުމުގެ ނިޒާމު، އެހެން ބަހެއްގެ މަތީގައި ބިނާކޮށް، އަމިއްލަ މާދަރީބަހަށް ދޭންވާ ޙައްޤު، މާދަރީބަހަށް ނުދެވިއްޖެ ނަމަ، އަމިއްލަ ޤައުމިއްޔަތުގެ ބޮޑުފާރާއި ގައުމިއްޔަތުގެ މައި ތިން ތަނބުގައި ރެނދުލައި އެ ރެނދުތައް ފޭވެ، ބޮޑުފާރު ފޫ ނުގޮހެއް ނުހުންނާނެއެވެ. 

އެހެން ވެއްޖެނަމަ، ބޭރު މީހުންގެ އުންޑަތައް، އެ މީހުންގެ ބަހުން، އޮމާންކަމާއެކު ފަށުވި ޖުމްލަތަކުގެ ސިފައިގައި، އެއްވެސް ހިފެހެއްޓުމެއް މަނާކުރެވުމެއް ހުރަސްޅެވުމެއް ނެތި، ވިސްނުމާއި ފިކުރުގެ ތެރެއަށް ފޯރުވޭ މިންވަރަށް ޤައުމިއްޔަތުގެ ބޮޑުފާރު ހުންނާނީ ފޫގޮސް ބާބާގަނޑު ހެދިފައެވެ.

އަދި، މާދަރީބަހަށް ލޯބިޖެއްސިފައިނެތް ބައެއްގެ، މުނިފޫހި ފިލުވާ ވަސީލަތްތަކަކީ، އެހެން ބައެއްގެ ބަހުން އެހެންބައެއްގެ ސަޤާފަތުގެ މައްޗަށް ބިނާވެފައިވާ ލަވަޔާއި ފިލްމާއި ޑްރާމާފަދަ ކަންކަން ވެއްޖެ ނަމަ، އެބައިމީހުންގެ ބަހުން ދައްކާ ވާހަކަތަކާއި ކިޔާ ލަވަތަކާއި ޑްރާމާތަކުގެ ސަބަބުން، އެބައިމީހުންގެ ބަހުން ނޫނީ ކަންކަން ފަހުމު ނުވުމުގެ ތަޣައްޔަރުކަން އަމިއްލަ ފަހުމުވެރިކަމަށް ނުފޯރައެއް ނުދާނެއެވެ.

ލަވަޔާއި ފިލްމާއި ޑްރާމާޔާއި ކުޅިވަރާއި ވާހަކަތައް މެދުވެރިކޮށް ބަޔަކު، އެ ބަޔެއްގެ އާދަކާދައާއި ސަގާފަތާއި ޤައުމިއްޔަތު ފިކުރީގޮތުން ނަގަހައްޓަން ކުރާ މަސައްކަތްތަކުގައި ހިމަނާފައިވާ ގަދަފަދަ ބާރާއި ނުފޫޒަކީ، އެ ވާޞިލުވާ މީހާގެ ޠަބީޢަތު، ތަވައެއް މަތީގައި އެއްޗެއް ފިހާހެން، އެފުށްމިފުށަށް ފުރޮޅައި ބޭނުން ގޮތަކަށް ބޭނުން މިންވަރަކަށް ފިހެ ފޮޅިކޮށްލެވޭ ބާރު އެކުލަވައިގެން ފަރުމާކޮށްފައިވާ ވަސީލަތްތައްކަމުން، މާދަރީބަސް އަމަށުންނެތް ބަޔަކަށް، އެ ފަދަ ވަސީލަތަކުން ފޯރާ އަސަރު ރޮލަށް ފޯރާނަމަ، އެ ފޯރާ ބައެއްގެ ޤައުމިއްޔަތު ފުނޑުފުނޑުވެގެން ދާނެއެވެ

އެފަދަ ނުފޫޒަކީ އަނެއް ބައެއްގެ ޤައިމުއްޔަތަށް ހުރި ބޮޑުބަޑީގެ ޙަމަލާ ފަދައެވެ. އެ ފަދަ ޙަމަލާތަކުގެ އުންޑަތަކުން ވަޠަނީން ދިފާޢުކުރެވޭ މިންވަރަށް ޤައުމިއްޔަތުގެ ބޮޑުފާރު އަމަށުން ނެތި، ފޫގޮސްފައި ހުންނަ ޙާލަތެއްގައި ވަޠަނީންގެ ދިފާޢުގައި ދިފާޢީން ބޮޑުފާރު ދޮށުގައި ފޯރިމެރުމަކުން ކުރެވޭނެ ދިފާއެއް ނޯންނާނެއެވެ. 

އަދި، ފޫގޮސްފައިވާ ބޮޑުފާރުގެ ބާގަނޑުތަކުން ވަދެގެން ވަޠަނީންގެ ފިކުރާއި ހަމަޔަށް އުންޑަތައް ވާޞިލުވޭވެ ހުންނަ ނަމަ، އެ ބަޔަކަށް، ބައެއްގެ މާދަރީބަހުން ބުނާ އެއްޗެއް ފަހުމެއް ނުވާނެއެވެ. ފަހުމުވާނީ ބޭރުބަހަކުން ބުނެދީގެންނެވެ. އެހެނީ، އެ ދަރަޖައަށް އެބައެއްގެ ތެރޭގައި އެބައެއްގެ މާދަރީބަސް ވީރާނާވެގެން ދާނެތީއެވެ.

އެހެން އެކަން ވާން ފެށުމުން، އެފެންނަނީ އެބައެއްގެ ޤައުމިއްޔަތުގެ ބޮޑުފާރު ފޫދާކަމުގެ ޢަލާމާތެވެ. ގައުމިއްޔަތުގެ މައި ތަނބުތަކުގައި ރެނދުއަޅާފައިވާ ކަމުގެ ހެކިތަކެވެ.

ބައެއްގެ މާދަރީބަސް އެދަރަޖައަށް ވެއްޓިއްޖެ ނަމަ، އެބަޔަކީ، ހަމައެކަނި ނަކަމަކަށް ނިސްބަތް ވެގެން ތިބި "އެހެންބައެއްވަންތަ" ބަޔަކަށް މެނުވީ ނުވާނެއެވެ. އެބައެއްވަންތަކަމުގެ ފުރިހަމަ އަސަރު އެބައެއްގެ ކިބައިގައި ނުހުންނާނެއެވެ. އެބައެއްގެ އެބައެއްވަންތަކަމާއި ވިސްނުމާއި ފިކުރާއި ޤައުމިއްޔަތާއި ދީނާއި ސަގާފަތާއި އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަމާއި ބޯލެނބުމާއި އަޚުލާޤުވެސް ފުރިހަމަޔަށް އެބައެއްގެ ކިބައިގައި ނެތި ގެއްލިގެން އުނިވެގެން ދާނެއެވެ.

އެހެނީ، ބައެއްގެ އެބައެއްވަންތަކަމުގެ ބިންގަލަކީ، އެބައެއްގެ މާދަރީބަށް ވާކަމެވެ. މާދަރީބަހަށް ލޯބިޖެއްސިފައި ނެތް ބައެއްގެ ކިބައިގައި އެބައެއްގެ ބަހަށް ލޯތްބެއް ނުހުންނާނެއެވެ. އެބައެއްގެ ބަހަށް ލޯތްބެއްނެތް ބައެއްގެ ކިބައިގައި ގައުމީލޯތްބެއް ނުހުންނާނެއެވެ. ގައުމީލޯބިނެތް ބައެއްގެ ކިބައިގައި އެއްބައެއް ވަންތަކަމުގެ އިޙުސާސެއް ނުހުންނާނެއެވެ. އެއްބައެއްވަންތަކަމުގެ އިޙުސާސް ނެތްބައެއްގެ މެދުގައި އެއްބައި ވަންތަކަމެއް ނޯންނާނެއެވެ. އެއްބައިވަންތަކަންނެތް ބައެއްގެ ކިބައިގައި ކިޔަމަންތެރިކަމެއް ނުހުންނާނެއެވެ.

އެހެންކަމުން، "ގައުމިއްޔަތުގެ ބޮޑުފާރު" އަމަށުން ބެހެއްޓުމީ، އެބައެއްގެ ޤައުމިއްޔަތުގެ ޙައްޤުގައި ކޮންމެ ބައެއްގެ މައްޗަށްމެ އޮންނަ ގައުމީ ވާޖިބެކެވެ. މާދަރީބަހުން ބުނާ އެއްޗެއް ބޭރުބަހަކުން ބުނެދީގެން މެނުވީ ދޭހަނުވާ ގޮތުގައި ގައުމެއްގެ ދަރީން ބިނާކުރުމަށްވުރެން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް، އެބައެއްގެ ޤައުމިއްޔަތަކަށް ނުވެވޭނެއެވެ. 

އިނގިރޭސި ބަހުން އުނގަންނައިދިނުމުގެ ނުފޫޒު ދުނިޔޭގެ ނުފުދުންތެރި ގައުމުތަކަށް ލާޒިމުވުމުން އެފަދަ ގައުމުތަކުގެ ދަރީންގެ ވިސްނުމާއި ފަހުމުވުން އިނގިރޭސި ބަހުގެ މައްޗަށް ރުޖޫޢަވެ ނުފުދުންދެރި ގައުމުތަކުގެ ދަރީންގެ ވިސްނުމާއި ފިކުރާއި ފަހުމުވެރިކަން ފާސިވެ ޤައުމިއްޔަތު ގެއްލުނަސް އިނގިރޭސީންގެ ދަރީންގެ ޠަބީޢަތާއި އެއުރެންގެ ޤައުމިއްޔަތަށް ފޯރާނެ ނޭދެވޭ އަސަރެއް ނެތެވެ. 

އޭގެ ޙިކުމަތާއި އޭގައި ފޮރުވިގެންވާ ސިއްރާމެދު ވިސްނައި ބޮޑުފާރުގެ އާބާތުރަ ފިލުވުމަކީ، ގައުމުގެ ކަންކަމާ މަތިވެތިބޭ މަސްއޫލުވެރި ފަރާތްތަކުން އަދާކުރާން ޖެހޭ ގައުމީ ވާޖިބެކެވެ.

އެބައެއްވަންތަކަން ގެއްލުމަކީ ގައުމިއްޔަތު ގެއްލުމެވެ. އެއީ، ގައުމެއްގެ މިނިވަންކަން ގެއްލުމަށް ވުރެ ނުބައި ކަމެކެވެ. ބޮޑު ކަމެކެވެ. އެހެނީ، ގައުމުގެ މިނިވަންކަން ގެއްލުމުން އަނބުރާ ހޯދޭކަން ތާރީޚުގެ ޞަފްޙާތައް ސާބިތުކޮށްދެއެވެ. 

ބޭރުގެ ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ޙާޞިލް ކުރެވެނީ ބޭރުބަހަކުން ކަމަށްވެގެން، އެކަމަށްޓަކައި ބޭރުބަސް އުނގޭ އުނގެނުމަކީ، އެހެން ބަހެއް އުނގެނެން ޖެހުނު ސަބަބާއި މަޤްޞަދު ހަނދާން ނެތެންވީ ކަމެއް ނޫނެވެ. މަޤްޞަދު ހަނދާން ނެތުމީ، މަތީ ތަޢުލީމަށްފަހު، އަމިއްލަ ގައުމުގެ ފަރުދުންނަށް ކަންކަން ބަޔާން ކޮށްދިނުމުގައި، މާދަރީބަސް ފިޔަވައި ބޭރުބަހަށް އިސްކަން ދިނުމެވެ. މާދަރީބަސް ފިޔަވައި ބޭރުބަސްބަހުން ވަޠާނީންނާ ވާހަކަ ދެއްކުމާއި، ބޭރުބަސްބަހުން ވަޠަނީން ވަޠަނީންނާ ވާހަކަ ދެއްކުމެވެ. 

ދައުލަތުގެ ބޭނުންތަކަށާއި، އަމިއްލަ ފަރާތްތަކުގެ ބޭނުންތަކުގައި، ބޭރުގެ ފަރާތްތަކާއި ކުރެވޭ މުޢާމަލާތްތަކުގައި ބޭރު ބަސްބަސް ބޭނުން ކުރުން ލާޒިމުވާތީ، އެފަދަ ކަންކަމުގައި މިންވަރަށް އެކަންކަން ކުރުމަކުން، ގައުމެއްގެ ޢާންމުންނަށް އެއިން ކަމަކުން ފޯރާނެ އަސަރެއް ނޯންނާނެއެވެ. އަދި ބޭރު ފަރާތްތަކާއި ބޭރުބަހުން ކަންކަމުގައި މުޢާމަލާތް ކުރުމަކީ، ގައުމެއްގެ ނިސްބަތުން ޢާންމުންގެ ކަމެއް ވެސް ނޫނެވެ.

އެހެންކަމުން، މާދަރީބަހުން ބަޔާން ކޮށްދިނުމުން ފަހުމު ނުވެގެން، ބޭރުބަހުން ބުނެދީގެން ފަހުމު ކުރެވޭ ދަރަޖައިގައި ޒުވާން ޖީލުތައް، ނޭނގި ނުވަތަ ގަސްތުގައި ވިޔަސް ބިނާކުރަމުން ގެންދިއުމަކީ، އަމިއްލަ ޤައުމިއްޔަތަށް ދޭ ބޮޑު ގެއްލުމެއްކަމާއި އެއީ، ކިހާވަރެއްގެ ބޮޑުކަމެއްކަން ވިސްނެން ވާނެއެވެ. 

ބޭރުބައެއްގެ ސިކުނޑިން ވިސްނައިދޭނެ ދުވަހަކަށް އެކަމުގައި ފަސްވެ ނުތިބެ ވިސްނައިގަނެވޭ ފަދަ ޢިލްމީ މުފައްކިރުން މިރާއްޖޭގައި މިއަދުވެސް ތިބޭނެކަމާމެދު ޝައްކެއް ނެތެވެ. ނެތީ އެ ފިކުރު ކުރާ ބައެކެވެ. 

ބޭރުބަސް ނުދަންނަ ބަޔަކަށް އެއްޗެއް ބަޔާންކޮށްދެވެނީ އެބައެއްގެ މާދަރީބަހުންނެވެ. 

އެހެންކަމުން، މާދަރީބަސް ބޭނުން ހިފައިގެން ބަޔާންކޮށް ދިނުމަށް އިސްކަން ދިނުމުގައި ހުރި ފައިދާއާއި ސިއްރުތަކާއި ނަފަޔަށް ވިސްނައިގެން އަމަލު ކުރުމުގައި ހިފާން ވެއްޖެއެވެ.

___________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ