އަދުގެ ޚާއްސަ

Print

ޅެންބަހުރުވައިގައި ކޮރު ފިލި

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އާދައިގެ ނަސަރު ލިޔުމާއި ޅެންވެރިކަމުގެ ލިޔުމާ ދެމެދު ތަފާތުތަކެއް ހުންނަކަމީ އެންމެންނަށް ވެސް އެނގޭނޭ ކަމެކެވެ. އެންމެ ބޮޑު ތަފާތަކީ ޅެންވެރިކަމުގެ ޢިބާރާތްތައް ވަޒަން ބަހުރުވައިން ހުންނަ ހުރުމެވެ. އަދި އެހެން ބައެއް ކަންކަމުގައި ވެސް ތަފާތުތަކެއް ހުރެއެވެ. ލަފުޒުގެ ތަރުތީބުގައި ވެސް ތަފާތުތަކެއް ހުރެދާނެއެވެ. ގަވާއިދުގެ ބައެއް ކަންކަން ދޫކޮށްލުމަކީ ޅެންވެރީންނަށް ހުއްދަކަމެކެވެ. އެ މީހުންނަށް އިޚުތިޔާރު ލިބިގެންވާ ކަމެކެވެ. މިއީ މަޝްހޫރު ޅެންވެރީން އެއްބަސްވާ ހަމައެކެވެ. މީގެ މާނައަކީ ލަފުޒުތަކުން އަކުރުތަކާއި ފިލިތައް އުނިކޮށް ގަވާއިދު ހަލާކުކޮށްލުމެއް ނޫނެވެ. އަދި ބޭނުމެއް ނެތް، މާނައެއް ނެތް "ކޮރު އަކުރު" ވައްދައިގެން ޅެންބައިތު ގަޑުބަޑުކުރުމެއް ވެސް ނޫނެވެ. އެހެންކަމުން ކޮރު އަކުރާއި ކޮރު ފިއްޔާ މެދު މި ފަންނުގެ މާހިރުން ދެކެވަޑައިގަންނަވާ ގޮތާއި، ކޮރު އަކުރާއި ކޮރު ފިއްޔަކީ ކޮބައިކަމާއި، ޢާއްމު ލިޔުންތަކުގައި (ނަސްރުގައި) ހުއްދަ ނޫން، އެކަމަކު ޅެންބަހުރުވައިގައި ބަހުގެ ޢާއްމު ގަވާއިދާ ޚިލާފު، ހުއްދަ މިންވަރަކީ ކޮބައިތޯ ބަލައިލާން ގަސްތުކުރަމެވެ.

ކޮރު ފިއްޔަކީ ކޮބައިތޯއެވެ! ދިވެހި ބަސްފޮތް ބުނާ ގޮތުގައި އެއީ "ޅެން ހެދުމާއި ޢިބާރާތްކުރުމުގައި އޮމާންކަމެއް ނެތް" ފިލިކަން ވަރަށް ސާފުކޮށް އެނގެއެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އެންމެ މަޤުބޫލު، އެއް ޝާޢިރުކަމަށް ވާ އުތީމު އާދަމް ޢަބްދުއްރަޙުމާން ވިދާޅުވަނީ ކޮރުފިއްޔޭ މި ކިޔަނީ (ޅެން ހެދުމާއި ޢިބާރާތްކުރުމުގައި އޮމާންކަމެއް ނެތް) ކުރު ފިއްޔަށް ކަމަށެވެ. މާނައަކީ ދިގު އަޑު ކުރުކޮށްލުމެވެ. މިއީ ނުފޯރައިގެން ނުވަތަ ބަސްކޮށާރުގެ ފަގީރުކަމުން ކުރާ ކަމެއްކަމަށް ވެސް އާދަމް ޢަބްދުއްރަޙުމާން ވިދާޅުވިއެވެ. މިއީ ދިވެހިބަހުގެ އެކެޑަމީ އިން 2020 އޮގަސްޓު ނުވަ ވަނަ ދުވަހުގެ ރޭ،  ބޭއްވި ޚާއްޞަ ދަރެހެއްގެ ތެރެއިން އޭނާއަށް ދެންނެވުނު ސުވާލެއްގެ ޖަވާބުދެއްވަމުން ވިދާޅުވި ވާހަކަފުޅެކެވެ. އަދި ފަހުން އަޅުގަނޑާ ފޯނުން ދެއްކެވި ވާހަކަ ފުޅެއްގައި ވިދާޅުވި ގޮތުގައި އެ ގޮތަށް ކޮރުފިލި ބޭނުންކުރުމަކީ ވަޒަނަށް ފެތޭ ލަފުޒު ހޯދައިލާން ވަރަށް ފަސޭހަވާނޭ ކަމެކެވެ. އެހެންވީމާ ބަސްކޮށާރު ފަގީރުވީމާ، އެފަދަ މީހުންނަށް ދެވޭނީ އެ ދިމާއަށެވެ. އެހެންނަމަވެސް އެ ގޮތަށް ކޮރުފިލި ބޭނުންކޮށްފައި ހުރުމަކީ ޅެމުގެ ފެންވަރު ދަށްވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު ޢަލީ ވެސް ވިދާޅުވީ ކޮރުފިލި ބޭނުންކުރުމަކީ އޭނާގެ ނަޒަރުގައި ވަރަށް ފެންވަރު ދަށްކަމެއް ކަމަށާއި އެއީ އެއް ގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ. ދިވެހިބަހުގެ މި ޒަމާނުގެ އުސްތާޒު ޢަބްދުﷲ ޞާދިޤު (ނ.ޢ.ޢ.ވ.) ވެސް ވިދާޅުވަނީ ޅެންވެރިކަމުގައި ކޮރުފިލި ބޭނުންކުރުމަކީ އެއް ގޮތަކަށް ވެސް ކަމުދާ ކަމެއް ނޫންކަމަށެވެ.

"ޅެންވެރިކަމުގެ ތެރެއިން ބަނޑުވައް އަކުރާއި ފިލިކޯޅި" މި މައުޟޫޢަށް ތަޤްރީރުކުރެއްވި ދާރިސް މުޙައްމަދު ޝާހިދު ޙަލީމް ވިދާޅުވީ، ދިވެހި ކާބަފައިން މިއަދުގެ ޖީލަށް ކޮރުކަމެއް ނެތި ވާޞިލުކޮށްދެއްވި ޅެންވެރިކަން އެއަށް ވުރެ ފުރިހަމައަށް، ނުވަތަ އެންމެ ކުޑަމިނުން، އެ މިންވަރަށް، އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ މި ޖީލުގެ ކިބައިގައި އެޅިފައި އޮތް އަމާނާތެއްކަމަށެވެ. ކޮރުފިއްޔާއި ކޮރު އަކުރާ ބެހޭ ގޮތުން އޭނާގެ ތަޤުރީރުގައި އެއް ވެސް ތަފުޞީލެއް ނުދެއްވައެވެ. އެހެންނަމަވެސް ދިވެހި ޅެންވެރިކަން ކޮރުކަމެއް ނެތި އަންނަން އޮތް ޖީލުތަކަށް ވާޞިލުކުރެވޭނީ ކޮރު ފިއްޔާއި، ކޮރު އަކުރުން ޅެންވެރިކަން ސަލާމަތް ކޮށްގެން ކަމަށް ވާތީ، އޭނާ ވެސް ނުސީދާ ގޮތެއްގައި އެ ވިދާޅުވަނީ މި ވާހަކަ ކަމަށް އަޅުގަނޑަށް މާނަކުރެވުނެވެ.

ރާއްޖޭގެ މަޝްހޫރު ޝާޢިރެއް ކަމުގައިވާ ފަރެސް މުޙައްމަދު ޢާމިރު އަޙުމަދު ވިދާޅުވަނީ "ކޮރުފިލި" އެ ނަމުން އެކަނި ވެސް ނުކުޅެދުންތެރިކަން ހާމަކޮށްދޭ ކަމަށެވެ. އެ ނަން ކިޔައިފައި އެ ވަނީ ވެސް އެއީ ޅެންވެރިކަމުގެ ވަރަށް ބޮޑު އައިބަކަށް އެ ފިލި ވާތީ ކަމަށް ޢާމިރު ވިދާޅުވިއެވެ. ޢާމިރު އިތުރަށް ވިދާޅުވީ ކޮރުޖަހަމުން ހީނގާ މީހެއްގެ ހިނގުން ރީތިކަމަށް ބުނާ މީހުން ތިބެދާނެ ފަދައިން ކޮރުފިލި ހުންނަ ޅެންތައް ރީތިކަމަށް ބުނާ މީހުން ވެސް ތިބުމަކީ އެކަށީގެން ނުވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޅެންވެރިކަމުގެ ޢާއްމު މިންގަނޑުން ބަލާ ނަމަ، އެއީ އައިބެއް ނޫންކަމަކަށް ނުވާނެއެވެ. އެއީ އުނި ކަމެކެވެ. ކޮރުފިލީގެ ތަފުޞީލުދެއްވަމުން ޢާމިރު އިތުރަށް ވިދާޅުވީ "ކޮރުފިލި" ކަމަށް އޭނާ ގަބޫލުކުރައްވަނީ "ކިޔުމަށް ނުވަތަ މާނައަށް އައިބުވާ ގޮތަށް އޮންނަ" ފިލި ކަމުގައެވެ. 

ޅެމާއި ރައިވަރުގެ ޝާޢިރެއްކަމަށްވާ ޢަބްދުﷲ ރަޝީދު (2020) ބަޔާންކުރައްވާ ގޮތުގައި "ކޮރުފިލީގެ ބާވަތްތަކީ، އާބާފިއްޔާއި އައިބައިފިލި އޮޅުވައިލުމާއި، އައިބައިފިލީގެ ފަހުފިލި ވަޒަން ހަމަކުރުމަށް ޓަކައި ދޫކޮށްލުމާއި،  ޅެމުގެ އޮމާންކަން ގެއްލޭ ކޮންމެ ސަބަބެކެވެ." އެހެންވީމާ، މުޙައްމަދު ޢާމިރު ވިދާޅުވެފައިވާ "ކިޔުމަށް ނުވަތަ މާނައަށް އައިބުވާ ގޮތަށް އޮންނަ" ފިލީގެ ވާހަކައާއި ޢަބްދުﷲ ރަޝީދުގެ "ޅެމުގެ އޮމާންކަން ގެއްލޭ ކޮންމެ ސަބަބެއް" ކަމަށް ވިދާޅުވި ވިދާޅުވުމާ އެއް ގޮތްކަމެއް އެބަހުއްޓެވެ.

ރާއްޖޭގައި ވަރަށް މަޤުބޫލު އެހާމެ މަޝްހޫރު މޮޅު ޅެންވެރިއެއް ކަމަށްވާ ކުޅަދާނަ ބަސްމޮށުންތެރިޔާ ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ.) ވިދާޅުވަނީ ޢާއްމު އުޞޫލެއްގެ މަތީން ކޮރުފިއްޔަކީ ޅެމަށް އުނިކަން ލިއްބައިދޭ ކަމެއް ކަމުގައެވެ. އަދި އެއީ ބަސްކޮށާރުގެ ފަގީރުކަން ދައްކައިދޭ ކަމެއް ކަމުގައެވެ. ނަމަވެސް މަދު ބައެއް އިސްތިސްނާ ޙާލަތުގައި ކޮރުފިއްޔެއް ބޭނުންކުރާންޖެހިދާނެކަމަށް ވެސް ޢަބްދުއްރަޝީދު ވިދާޅުވިއެވެ. މި ތާނގައި އެމަނިކުފާނު އެ ވިދާޅުވާކަމަށް އަޅުގަނޑަށް މާނަކުރެވުނީ، ކޮރުފިއްޔަކަށް ނުވާ ގޮތަށް (ކަންފަތަށް ނުވަތަ ލޮލަށް އައިބު ނުވާ ގޮތަށް) ބައެއް ފަހަރު ޟަރޫރަތަށް ޓަކައި ދިގު އަޑު ކުރުކުރުމަކީ އައިބުކަމެއް ނޫންކަމަށެވެ.

ރާއްޖޭގެ އެންމެ މޮޅު އެންމެ މަޤުބޫލު އެއް ޅެންވެރިޔާ އަދި ޅެންވެރިކަމުގެ މަތީ ފެންވަރުގެ ކޯސްތައް ހިންގަވާ ޒުވާން ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމް ވިދާޅުވި ގޮތުގައި ކޮރުފިލި ބޭނުންކުރުމަކީ އުނިކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޖަލާލުއްދީން ފަދަ، ޖަމީލް ދީދީ ފަދަ ޅެންވެރީންގެ ޅެންތަކުން ވެސް މަދުން ނަމަވެސް ކޮރުފިލި ފެންނަ ކަމަށް ވެސް އާދަމް ވިދާޅުވިއެވެ. އަދި ޚުދު އޭނާގެ ޅެމެއްގައި ވެސް ކޮރު ފިއްޔެއް އޮންނާނެކަން ވެސް ފާހަގަކުރެއްވިއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަދު ޙާލަތެއްގައި ނަމަވެސް ޅެންވެރިކަމުގެ ޟަރޫރަތަށްޓަކައި ބައެއް ފަހަރު ގަސްތުގައި ކޮރުފިލި ބޭނުންކުރައްވައިފައި ހުންނާނެއެވެ. އެ ފިލި ކޮރުވުމަކީ އުނިކަމެއް ކަމަށް ގަބޫފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފިލި ކޮރުވިޔަސް މާނައަށް ނުވަތަ އަޑުގެ މިޔުޒިކަށް ފުރިހަމަކަން ހޯއްދަވާން މަޝްހޫރު ބައެއް ޝާޢިރުން ގަސްތުގައި ކޮރުފިލި ބޭނުންކުރައްވައިފައި ހުރެއެވެ. ނުފޯރައިގެން ނުވަތަ ބަސްކޮށާރުގެ ފަގީރުކަމުން ކޮރުފިލި ބޭނުންކޮށްފައި ހުރުމަކީ ވަރަށް ފެންވަރު ދަށްކަމެއް ކަމަށް އާދަމް ވެސް ގަބޫލުކުރައްވައެވެ. މި ތާނގައި ފާހަގަކޮށްލައްވާން މުހިއްމު ނުކުތާއަކީ އާދަމް ނަޞީރު، ހުއްދަ ކަމަށް އެ އިޝާރާތްކުރައްވާ ފަދަ "ކޮރު" ފިއްޔަކީ ހަގީގަތުގައި "ކޮރު ފިލި" ކަމަށް ގިނަ ޅެންވެރީން ގަބޫލެއް ނުކުރައްވާކަމެވެ. މީގެ ތަފްޞީލު ފަހުން އެބަ އާދެއެވެ.

ޤައުމީ ގިނަ ލަވަތަކެއްގެ ޅެން ހައްދަވައިފައިވާ، މަޝްހޫރު ޝާޢިރު ޢަބްދުﷲ ޢަފީފު (ގދ. ތިނަދޫ) ވިދާޅުވާ ގޮތުގައި، ޅެމަކީ ވެސް ބަހަށް ކުރާ ޚިދުމަތަކަށް ވާތީ، ޅެން ހަދާންވާނީ ބަސް ހަލާކުނުކޮށް ކަމަށެވެ. ބަހުގެ ހަމަތަކާއި އުޞޫލުތަކާ ޚިލާފު ނުވާ ގޮތުގެ މަތީންކަމަށެވެ. އެހެންވީމާ ކޮރުފިއްޔާއި ކޮރުއަކުރަކީ ވެސް ޅެމުގައި ހުރެގެންވާނެ އެއްޗެއް ނޫންކަމަށް އޭނާ ވެސް ވަކާލާތުކުރައްވައެވެ. އޭނާ ވެސް ވިދާޅުވާ ގޮތުގައި ކޮންމެ ކުރުފިއްޔަކީ ކޮރުފިއްޔެއް ނޫނެވެ. އެކަމަކު އޭނާ ގަބޫލުކުރައްވާ ގޮތުގައި "ބުނާނޭ"، "ހިނގާށޭ" ފަދަ ގޮތްގޮތަށް ހުންނަ ނިމުންތަކުގައި ހުންނަ ދިގު ފިލި ކުރުކޮށްލުމަކީ، ޅެންވެރިކަމުގެ އިތުރަށް ނަސަރު ލިޔުމުގައި ވެސް ހަމަ ހުއްދަކަމެކެވެ. އެއީ ކޮރު ފިއްޔެއް ނޫނެވެ. މިއީ އަޅުގަނޑު ވެސް ގަބޫލުރާ ގޮތެވެ.

"ޝާކިރުގެ ޝުޢޫރު"ގެ މުޞައްނިފު، ޙަސަން ޝާކިރު މުޙައްމަދު ދެކެވަޑައިގަންނަވާ ގޮތުގައި ކޮރުފިއްޔަކީ ޅެމުގައި ހުރެގެން ވާނޭ އެއްޗެއް ނޫނެވެ. ލަފުޒެއް ނުލިބިގެން ލަފުޒެއް ކުރުގަޅުވައިލައިގެން ދިގުއަޑެއް ކުރުކޮށްލުމަކީ ޅެންވެރިޔާގެ ބަސްކޮށާރުގެ ފަގީރުކަމާއި ޅެމުގެ ފޭރާންދެރަކަން ހާމަވާ ކަމެކެވެ. ނަމަވެސް ކޮރުފިލީގެ ތަޢާރަފެއް އޭނާއެއް ނުދެއްވައެވެ.

ޅެންވެރިކަމުގެ ދިގު ތަޖުރިބާއެއް ޙާޞިލުކުރައްވައިފައިވާ ޅެންވެރިޔާ ރަމްލާ ޢަބްދުލްޣަނީ ގަބޫލުކުރައްވާ ގޮތުގައި ކޮރުފިއްޔަކީ ޅެމުގައި ހުރެގެންވާނެ އެއްޗެއް ނޫނެވެ. އަދި ކޮރުފިލި ނުލައި ޅެން ހެދެން ވާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވައެވެ. އޭނާ އިތުރަށް ވިދާޅުވީ އޭނާގެ ޅެންތަކުގައި ކޮރުފިލި ބޭނުންފުޅު ނުކުރައްވާން ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމަށެވެ. ކޮރުފިލީގެ ތަޢާރަފެއް ދެއްވަމުން ވަރަށް ޖުމުލަ ގޮތެއްގައި ވިދާޅުވީ އެއީ (ދުލަށާއި ކަންފަތަށް ވެސް ކޮރުވާ ގޮތަށް) ކުރުގަޅުވައިލައިފައި ބޭނުންކުރާ ފިލިތައް ކަމުގައެވެ. 

އިސްވެ ޙަވާލާ ދެވުނު ޢިއްޒަތްތެރި ހުރިހާ ޅެންވެރީންގެ ވާހަކަފުޅުން އެނގި ހާމަވީ، ކުރީން ވެސް ދަންވައިލި ފަދައިން ކޮރުފިއްޔަކީ ލަފުޒުގައި ނުހުންނަ އެކަމަކު ގެންނަ ކުރުފިލި ކަމެވެ. މާނައަކީ ލަފުޒުގައި ހުންނަ ދިގު އަޑުތައް، ޅެމުގެ ވަޒަނަށް ފައްތާންވެގެން ކުރުކޮށްލުމެވެ. މިއީ އުތީމު އާދަމް ޢަބްދުއްރަޙުމާން ގަބޫލުފުޅުކުރައްވާ ގޮތެވެ. މިސާލަކަށް "ބުނެފައި"، "ކައިރީގައި"، "ކިޔައި"، "ހިނގައި" މި ފަދަ ތަންތަން "ބުނެފަ"، "ކައިރީގަ"، "ކިޔަ"، "ހިނގަ" މި ފަދަ ގޮތްގޮތަށް، ދެމޭ އަޑުތައް ކުރު އަޑަށް ބަދަލުކޮށް، ކުރުފިލި ޖެހުމަކީ ކޮރު ފިލިޖެހުމެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އަދި މަޝްހޫރު ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމް ގަބޫލުކުރައްވާ ގޮތުގައި ވެސް ކޮންމެ ކުރުފިއްޔަކީ ކޮރުފިއްޔެއް ނޫނެވެ. އެކަމަކު ކޮންމެ ކޮރުފިއްޔަކީ ކުރުފިއްޔެކެވެ. މިސާލަކަށް "އޮންނާނޭ"، އަށް "އޮންނާނެ" ބޭނުންކުރުމާއި "ބުނެފިޔޭ" އަށް "ބުނެފިޔެ" ބޭނުންކުރުމާއި "އޮންނާނެހޭ" އަށް "އޮންނާނެހެ" ބޭނުންކުރުމާއި މި ފަދަ ކުރުފިލިތަކަކީ "ކޮރުފިލި" ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިއީ ވަޒަން ބަހުރުވަ ފިޔަވައި ނަސަރުން ވެސް ފެންނަ، އަދި ބަލައިގަންނަ ހަމައެކެވެ. މިއީ މަޝްހޫރު ޝާއިޢު ޔުސުފު މުޙައްމަދުފުޅު (ރަޙިމަހުﷲ) ގެ ޅެންތަކުން ފެންނަ އުސްލޫބެކެވެ. އެހެންވީމާ ކޮރުފިލި ކަމަށް ގަބޫލުކުރެވެނީ އައިބައިފިއްޔާއި އާބާފިއްޔަށް ނިމޭ "އަކުރުތައް" ވަޒަނަށް ފައްތާންވެގެން ކުރުގަޅުވައިލައިގެން އަބަފިއްޔަށް ބަދަލުކުރުންކަމަށް ގަބޫކުރެވެއެވެ. މިސާލަކަށް "އެތާންގައި"ގެ ބަދަލުގައި "އެތާނގަ" އަދި ބުނެފައި" ފަދަ ލަފުޒުތައް ވަޒަނަށް ފައްތާންވެގެން "ބުނެފަ" އަށް ބަދަލުކުރުމަކީ "ކޮރުފިލި" ކަމަށް، މަޝްހޫރު ހުރިހާ ޅެންވެރީން ވެސް އިއްތިފާޤުވެވަޑައިގަނެއެވެ. އާދަމް ޢަބްދުއްރަޙުމާން ވެސް ހަގީގަތުގައި ވިދާޅުވެފައި އެވަނީ އެ ވާހަކައެވެ. އެހެންވީމާ ކޮންމެ ކުރުފިއްޔެއް އަދި ކޮރު ފިއްޔަކަށް ވެސް ނުވެއެވެ. މިސާލަކަށް: "ގުރާ" މި ލަފުޒަށް "ގުރަ" މިހެން ކިޔުމާއި، "އަލިރަސްގެފާނު" ފަދަ ލަފުޒުތަކުގެ ނިމޭ އުބުފިލި ސުކުނަށް ބަދަލުކުރެއްވުމަކީ ވެސް ޝައިޚު ޖަލާލުއްދީނާއި ޝައިޚު ޖަމީލު ދީދީގެ ޅެންތަކުން ފެނިފައި ހުރި ކަންކަމެވެ. މިއީ ހަމަ ގައިމު ވެސް ބަސްކޮށާރުގެ ފަގީރުކަމުން އެ ބޭފުޅުން ކުރައްވައިފައި ހުރި ކަންކަން ކަމަށް ގަބޫލެއް ނުކުރެވެއެވެ. މި ފަދަ ބަދަލުތަކުން ފެންނަނީ ބަހުރުވައިގެ ތަފާތާއި، ވަޒަނަށް ފައްތަވާން "ކޮރުފިލި" އޮމާންކުރައްވައި އޮފުކުރައްވައި ކޮރުކަން ކަނޑުއްވައިފައިވާ ތަނެވެ. މި ދެންނެވި ގޮތަށް ރާއްޖޭގެ މަޝްހޫ ބައެއް ޝާޢިރުން، ޟަރޫރަތަށްޓަކައި، މަދުން ނަމަވެސް އެ ފަދަ ކުރު ފިލި، ގެންނަވައިފައި އެބަ ހުއްޓެވެ. މި ގޮތަށް ކުރުފިއްޔެއް ގެންނަވާ ނަމަ، މާނައަށް ނުވަތަ ކަންފަތުގެ މިޔުޒިކަށް ފުރިހަމަކަމާއި ވަރުގަދަކަމާއި ގަދަފަދަކަން ލިބޭނެ އެހެން އުކުޅެއް އޮންނާންވާނެއެވެ. އެހެންވީމާ އެނގެނީ ކޮންމެ ކުރުފިއްޔެއް ކޮރުފިއްޔަކަށް ނުވާކަމެވެ. ނަމަވެސް ކޮންމެ ކޮރު ފިއްޔެއް ކުރު ފިއްޔަކަށްވެއެވެ. އަދި ކިތަންމެ ފުންނާބު އުސް ބޭފުޅެއް ނަމަވެސް ކޮރުފިއްޔާއި ކޮރު އަކުރު ބޭނުން ކުރައްވައިފައި ހުރެއްޖެ ނަމަ، އޭގެ ސަބަބުން ޅެމުގެ ފެންވަރަށް އުނިކަން އަންނާނެއެވެ. މާނައާއި އެހެން ގޮތްގޮތުން އެ ބައިތަކަށް އޮމާންކަން ގެނަޔަސް ކޮރުފިއްޔެއް ނުވަތަ ކޮރު އަކުރެއް ގެނައުމަކީ އުނިކަމެއްކަމުގައި ނޫނީއެއް ނުވާނެއެވެ. (ކޮރު އަކުރަކީ ކޮބައިކަން ފަހުން އެބަ ބަޔާންކުރަމެވެ.)

އެހެންވީމާ ކޮރުފިއްޔަކީ، "ފައި"، "ގައި"، ފަދަ ދިގު އަޑުތައް ވަޒަނަށް ފެއްތުމަށްޓަކައި ކުރުގަޅުވައިލައި ކުރުކޮށްލައިގެން "ފަ"، "ގަ" އަށް ބަދަލުކުރާ ކުރުންކަން ފާހަގަކުރެވެއެވެ. މި ގޮތަށް މި ދެންނެވި ފަދަ ލަފުޒުތަކުގެ ދިގު އަޑު ކުރުކޮށްލައި ކޮރުކޮށްލުމަކީ ކޮރު ފިލި ކަމަށް ގަބޫލުކުރެވެއެވެ. އެއީ ބަސްކޮށާރުގެ ފަގީރުކަމުން އެހެން ގޮތެއް ނެތިގެން ގެނެވިފައި ހުންނަ ފިއްޔެވެ. މި ގޮތަށް ކޮރު ފިލި ހުރުމަކީ ޅެމުގެ ފަގީރުކަމާއި ޅެންވެރިކަމުގެ ފަންނާއި ޢިލްމަށް ފަގީރުކަން އަންގައިދޭ ކަމެކެވެ. އަދި މިއީ ޅެމުގެ ފެންވަރު ދަށްކަމާއި ނުފޯރާކަން އަންގައިދޭ ކަމެއް ވެސް މެއެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނޫނެވެ. ރާއްޖޭގެ މަޝްހޫރު މޮޅު ޅެންވެރީންގެ ޅެންތަކުން ހާމަވާން ހުރި ހަގީގަތެވެ. އަޅުގަނޑު މިހާ ސާބިތުކަމާއެކު މި ވާހަކަ މި ގޮތަށް މި ދެންނެވީ ރާއްޖޭގައި މިހާރު ތިއްބެވި ފުންނާބު އުސް ޅެންވެރީން މި ގޮތަށް އިއްތިފާޤުވެވަޑައިގަންނަވާތީއެވެ. އަދި ދުނިޔެ ދޫކުރައްވައިފައިވާ މަޝްހޫރު ޝާޢިރުންގެ ޅެންތަކުން ވެސް މި ކަން މި ގޮތަށް ފެންނާތީއެވެ. 

ހަމަ މި ފަދައިން ޅެންބައިތު ވަޒަނަށް ފައްތާން ނުވަތަ ތައްގަނޑަށް ފައްތާން މާނައެއް، ބޭނުމެއް ނެތް އަކުރުތައް ޅެމުގައި ގެނައުމަކީ ވެސް ޅެމުގެ ފޭރާން ދަށްވާކަމެކެވެ. މިސާލަކަށް "ކަންކުރާން" ލިޔާންޖެހޭ ތަކެއްގައި ވަޒަން ހަމަކުރާން ވެގެން، މާނައެއް ނެތް ގޮތަށް "ކަން އެ ކުރާން" މި ގޮތަށް ބޭނުމެއް ނެތް އަކުރެއް އިތުރުކުރުމާއި "ކަންތައް ކުރާން" މި ފަދަ ތަންތަން "ކަންތައް މި ކުރާން" ފަދަ ގޮތް ގޮތަށް، ވަޒަން ހަމަކުރުމަށް ޓަކައި ގެންނަ، މާނައެއް ނެތް، އިތުރު އަކުރުތަކަކީ ޅެންވެރިކަމުގެ އުޞޫލުން ބަލާ އިރު، ކުށެވެ. މާނައެއް ނެތް މި ފަދަ އަކުރުތަކަށް އަޅުގަނޑު ކިޔާ ހިތްވަނީ "ކޮރު އަކުރެވެ." ކިތަންމެ މަތީ ޅެންވެރިޔަކު ނަމަ ވެސް ކޮރުފިލި ނުވަތަ ކޮރު އަކުރު ބޭނުންކުރައްވައިފައި ހުރެއްޖެ ނަމަ އެއީ އައިބެކެވެ. ކޮރުކަމަކީ އައިބެކެވެ. ފޭރާން ދެރަކަމެވެ. އެހެންނަމަވެސް ކޮރު ފިލި ބޭނުންކޮށްފައި ހުންނަ ޅެމަކީ ވެސް ހަމަ ޅެމެވެ. ފޭރާން ދަށަސް އެއީ ޅެން ނޫން ކަމަކަށް ނުވާނެއެވެ.

ގިނަ ޅެންވެރީން ގަބޫލުކުރައްވާ ގޮތުގައި ކޮރުފިއްޔާއި ކޮރު އަކުރު ބޭނުންކުރަނީ އެ ޅެމެއް ހައްދަވާ ބޭފުޅެއްގެ ބަސްކޮށާރުގެ ފަގީރުކަމުންނެވެ. ނުފުދިގެންނެވެ. ނަމަވެސް  ރާއްޖޭގެ އެންމެ މޮޅު ނާޤިދު ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވަނީ އޭގެ ސަބަބަކީ ބަސްކޮށާރު ފަގީރުވުން އެކަންޏެއް ނޫންކަމަށެވެ. އެހެން އެ ވަނީ، އެ "ޅެންވެރިޔަކު" ޅެންވެރިކަމުގެ ފަންނަށް އެ ކަމުގެ ޢިލްމަށް ފަގީރުކަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން އެ ދިމާވަނީ އެކަށީގެންވާ ލަފުޒުތައް އޭނާގެ ބަސްކޮށާރުގައި ހުއްޓަސް އެ ފަދަ ލަފުޒުތައް ހޮވައިގެން ޅެމުގެ ކޮރުކަން ފިލުވައިލުމުގެ ޤާބިލުކަން ނުހުންނާތީ ކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވެ.

އިސްވެ ދަންނަވައިލައިފައިވާނޭ ފަދައިން އާދައިގެ ނަސަރު (ވަޒަން ބަހުރުވަ ނޫން) ލިޔުމެއް ލިޔާ ލިޔުންތެރީންނަށް ނުހުންނަ އިޚުތިޔާރުތަކެއް އަދަބިއްޔާތުގައި ޅެންވެރީންނަށް ދީފައި ވެއެވެ. އެއީ ޅެންވެރީންނަށް ހުންނަ އިސްތިސްނާތަކެއް ކަމަށް މަޝްހޫރު ޅެންވެރީން ގަބޫލުކުރައްވައެވެ. ނަމަވެސް އެއީ ބަސް ހަލާކުކުރާން އޮންނަ ބަހަނާއެއް ނުވަތަ ލައިސަންސެއް ނޫނެވެ. ޚާއްޞަ އިޚުތިޔާރުތަކެއް ޅެންވެރީންނަށް އޮންނަ ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ވެސް މި ނުކުތާއަށް ވިސްނައިވަޑައިގަންނަވާންވާނެއެވެ.

ވީމާ، ދަންނަވަމެވެ. ކޮރުފިއްޔަކީ އައިބެކެވެ. އެ ފިއްޔަށް "ނަމެއް" ކިއިފައި އެ ވަނީ ވެސް އެއީ އައިބަކަށްވާތީއެވެ. ކިތަންމެ މަޝްހޫރު ޝާއިރަކު ބޭނުންފުޅުކުރައްވައިފައި އޮތަސް މި ކަން އޮންނާނީ މިހެންނެވެ.  ނަމަވެސް މާނައިގެ ނުވަތަ އަޑުގެ މިޔުޒިކަށްޓަކައި މިކަން ކުރާން ޟަރޫރަތް މަޖުބޫރުކުރާ މަދު ޙާލަތްތަކެއް ހުރެދާނެއެވެ. މި ފަދަ ޙާލަތުގައި ވެސް ކޮރު ފިއްޔެއް އޮތުމަކީ ނެތުމަށްވުރެ އުނިކަމެއްކަން ކަށަވަރެވެ. ނުފުދިގެން، ނުފޯރައިގެން ނުވަތަ ޅެންވެރިކަމުގެ ޢިލްމާއި ފަންނަށް ކޮށިކަމުން، ލަފުޒެއް ކުރުގަޅުވައިލައިގެން ވަޒަނަށް ފެއްތުމަކީ، ކޮރުފިއްޔާއި ކޮރު އަކުރު ބޭނުންކުރުމަކީ ޅެމުގެ ފޭރާން ވަރަށް ދެރަކަން ހާމަކޮށްދޭ ކަމެއް ކަމަށް ރާއްޖޭގެ މަޝްހޫރު ހުރިހާ ޅެންވެރީން އިއްތިފާޤުވެވަޑައިގަނެއެވެ. ކޮރުފިލީގެ މާނައަކީ ކުރުފިލި ކަމަށް ބައެއް ޅެންވެރީން ވިދާޅުވާއިރު އެއަށްވުރެ ތަފުޞީލުކޮށް ކޮރުފިއްޔަކީ، ކޮރުވެ އައިބުވެފައިވާ ފިއްޔެއްކަމަށް ވިދާޅުވާ ބޭފުޅުން ވެސް އެބަ ތިއްބެވިއެވެ. މި ކަމުގެ ތަފުޞީލު ދެއްވަމުން ނާޤިދު ޑރ. އަޝްރަފް ވިދާޅުވީ، "ކޮރު ފިއްޔާއި ކޮރު އަކުރަކީ މައްސަލައެއް ނޫންކަމަށް ވަކާލާތުކުރައްވަނީ ޅެންވެރިކަމުގެ ފަންނާއި ޢިލްމަށް ފަގީރުކަމުން ޅެންވެރިކަމަށް ކުފޫ ހަމަނުވާތީ އެކަން ވަންހަނާކުރާންވެގެން" ކަމަށެވެ. އެއީ ޅެމުގެ ތައްގަނޑުތައް ހިފައިގެން ތައްގަނޑަށް ލަފުޒުތައް އެޅުމަކީ ޅެންހެދުންކަމަށް ގަބޫލުކުރާތީ ވާ ގޮތެއް ކަމަށެވެ.

ކޮންމެއަކަސް ޅެމުގައި ކޮރުފިލިއްޔާއި ކޮރު އަކުރު ހުރުމަކީ ޅެމުގެ ފެންވަރު ދަށްވާކަމެއްކަމަށް މަތީ ފެންވަރުގެ ހުރިހާ ޅެންވެރީން ވެސް އިއްތިފާޤުވެވަޑައިގަނެއެވެ. ނަމަވެސް އިޚުތިލާފު ހުރީ ކޮރުފިއްޔަކީ ކޮބައިކަން ކަނޑައެޅުމުގައެވެ. އެއްބަސްވެވިފައިވާ މިންވަރަކީ ކުރީން ވެސް ދެންނެވުނު ފަދައިން "ފައި"، "ގައި" ފަދަ އަކުރުތައް ވަޒަނަށް ފެއްތުމަށްޓަކައި "ފަ"، "ގަ" ބޭނުންކުރުންކަމެވެ. ނަމަވެސް "ނޭ"، "ޔޭ" "ހޭ" ފަދަ އަކުރުތައް ކުރުކޮށްލުމަކީ ކޮރުފިލި ކަމަށް ގަބޫލެއް ނުކުރެވޭ ކަމެވެ. އެހެނީ ވަޒަން ބަހުރުވަ (ނަޒުމު) ފިޔަވައި އާދައިގެ ޢިބާރާތު (ނަސަރު) ގައި ވެސް މި އުސްލޫބު ބޭނުންކޮށްފައި އެބަ ހުރެއެވެ. މިއީ އިތުރު ހޯދުންތައް ހޯދައި ގޮތްތަކެއް ކަނޑައަޅާން ވެއްޖެ ކަމެއްކަމަށް ދެކެމެވެ. ނަމަވެސް ކޮރު އަކުރާ މެދު އެއްވެސް އިޚުތިލާފެއް ނެތެވެ.

މި މައުޟޫޢުގައި އަޅުގަނޑު މަޝްވަރާކުރި ފުންނާބު އުސް ބޭބޭފުޅުންގެ އިތުރަށް ވެސް ވަރަށް ގިނަ ޅެންވެރީންގެ ޚިޔާލުފުޅު ލިބޭތޯ މަސައްކަތްކުރީމެވެ. ބައެއް ޅެންވެރީން ވަރަށް ފުރިހަމައަށް ޚިޔާލުފުޅު ދެއްވުމަށް ފަހު، އެ ބޭފުޅުންގެ ނަންފުޅު ނުހިމަނާން އެދިވަޑައިގަތީއެވެ. އަދި ބައެއް ބޭފުޅުންނާ ގުޅޭ ގޮތް ނުވީއެވެ. އަނެއްބައި ބޭފުޅުން މާ ބޮޑަށް "ބިޒީ"ވެ ވަޑައިގެން އުޅުއްވާތީ، މި ކަމަށް ޚިޔާލުފުޅެއް ދެއްވާނެ ވަގުތެއް ލިބިވަޑައިނުގަތީއެވެ. އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މި ޅެމުގައި ޙަވާލާ ދީފައިވާ ޅެންވެރީންނަށް ވުރެ މާ ގިނަ އެތައް ޅެންވެރީންނެއް އެބަ ތިއްބެވިއެވެ. ނަމަވެސް އަޅުގަނޑު ވާހަކަދައްކައިލި ގިނަ ބޭފުޅުންނަކީ ޅެންވެރިކަމުގެ ދާއިރާގައި ދައުލަތުން ޤައުމީ އެތައް އިނާމެއް އަރުވައިފައި ތިއްބެވި، ޅެންވެރިކަމުގެ ތަޖުރިބާކާރުންނެވެ. ރާއްޖޭގައި ތިއްބެވި އެންމެ މޮޅު ޅެންވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޅެންވެރީންނެވެ. މި ފަދަ ކިތަންމެ ބޭފުޅުންނެއް އަދި ވެސް ތިއްބަވާނެކަން ވެސް ގަބޫލުކުރަމެވެ. ނަމަވެސް އެ ބޭބޭފުޅުންނާ ހަމައަށް އަޅުގަނޑަށް ނުފޯރީއެވެ.

ނިންމައިލުމުގެ ކުރީން ފާހަގަކޮށްލާން ބޭނުން އެހެން ކަމެއް އެބަ އޮތެވެ. ޅެން ލިޔެފައި އޮންނަ ގޮތާއި ހުށަހަޅާ ގޮތުގައި ތަފާތުތުތަކެއް ހުރެދާނެކަން ފާހަގަކޮށްލެއްވުން އެދެމެވެ. ޅެމުގައި ހުންނަ ދަމާ އަޑު، ޅެން ހުށަހެޅުމުގައި، އެކި މިންވަރަށް ދެމުމާއި ކުރުކުރުން ފަދަ ކަންކަމަކީ ކިޔުމުން އަންނާނެ، ފެންނާނެ ބަދަލެވެ. ރާގަށް، ވަޒަނަށް ޅެން ހުށަހެޅުމުގައި ފެންނަ ބަދަލުތައް އެ ގޮތަށް ހުއްޓަސް ޅެން ލިޔެ ހަދާންވާނީ ބަސް ހަލާކު ނުވާނޭ ގޮތަށް ބަހުގެ ހަމަތަކަށް އިޙުތިރާމްކޮށްގެންނެވެ. ޅެމުގައި ކޮރުފިލި ހުރުމާއި ކޮރު އަކުރު ހުރުމަކީ މި ދެންނެވި ކަންކަމާ ގުޅުން ހުރި ކަމެއް ކަމުގައި ވެދާނެކަމަށް ގަބޫލުކުރާންޖެހެއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ކޮރުފިއްޔަކީ، އެ ފިއްޔެއްގެ ސަބަބުން ކިޔާށާއި ނުވަތަ މާނައަށް އައިބުވާ ގޮތަށް ގޮތަށް ހުންނަ ފިއްޔެވެ. އަދި އެ ފިއްޔެއްގެ ސަބަބުން ލޮލަށް ވެސް، ދުލަށް ވެސް އަދި ކަންފަތަށް ވެސް އުނދަގޫވެފައި، ޅެމުގެ އޮމާންކަން ގެއްލޭ ގޮތަށް ބޭނުންކުރެވޭ ފިއްޔެވެ. އަދި ބަހުގެ ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައި ހުންނަ ފިއްޔެވެ. ކޮރު އަކުރަކީ ވަޒަނަށް، ތައްގަނޑަށް ފެއްތުމަށް ޓަކައި، މާނައެއް ނެތް ގޮތެއްގައި އިތުރުކުރެވޭ، "މި" "އެ" ފަދަ އަކުރުތަކެވެ. ގަވާއިދުގެ ގޮތުން ޅެންވެރީންނަށް އިސްތިސްނާ ގޮތެއްގައި ހުއްދަ މިންވަރު ކަމަށް އަޅުގަނޑު ދެކެނީ އައިބައިފިލި އާބަފިއްޔަށް ބަދަލުކުރުމާއި "އާއި" މި އަކުރު "އާ" އަށް ބަދަލުކުރުމާއި، "އާ" މި އަކުރު "އާއި" އަށް ބަދަލުކުރުން ފަދަ މަދު ކަންތައްތަކެކެވެ. އަދި އޭބޭ ފިއްޔަށް ނިމިފައި ހުންނަ ބައެއް ފިލިތައް އެބެފިއްޔަށް ބަދަލުކުރުން ފަދަ ކަންކަމެވެ. އަދި ޖުމުލައިގައި ލަފުޒުތަކުގެ ތަރުތީބު އޮޅުވުން ފަދަ ކުދިކުދި ކަންކަން ވެސް މެއެވެ. އަދި މަދު ބައެއް ޙާލަތުގައި އަކުރު އޮޅުވުމެވެ. މި ވާހަކަ މި ގޮތަށް މި ދެންނެވީ ރާއްޖޭގެ ޅެންވެރިކަމުގެ ދާއިރާގައި މޮޅު ޅެންވެރީންގެ ޅެންތަކުން ފެންނާންހުރި ހަގީގަތްތަކަށް ރިޢާޔަތްކޮށްގެންނެވެ. އަދި މަޝްހޫރު ގިނަ ޅެންވެރީންނާއި ނާޤިދުން މި ގޮތަށް އެއްބަސްވެވަޑައިގަންނަވާތީއެވެ. މި ލިޔުން މާ ދިގުވެދާނެ ކަމަށްޓަކައި ކޮންމެ ކަމަކަށް ޅެންބައިތަކުން މިސާލު ނުގެނަޔަސް އަޅުގަނޑު ދަންނަވާން އުޅުނު ވާހަކަ ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް ސާފުވެވަޑައިގެންފާނެކަމަށް ހީކުރަމެވެ. މި ކަމާ ބެހޭ ގޮތުން، އަދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާ ދަރިވަރުން ދިރާސާކުރައްވައި އިތުރު ތަފްޞީލުތައް ހާމަކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެކެވެ. އެއީ ދިވެހި ޅެންވެރިކަމަށް ލިބޭ އިތުރު މުއްސަނދިކަމަކަށް ވާނެކަން ކަށަވަރެވެ.

___________________________

ޙަވާލާ:

ޙަސަން ޝާކިރު މުޙައްމަދު

ރަމްލާ ޢަބްދުލްޣަނީ

އަޝްރަފް ޢަލީ (ދިވެހިބަހުގެ އެކެޑަމީގެ ރައީސް)

އާދަމް ނަޞީރު އިބްރާހީމް

އުތީމު އާދަމް ޢަބްދުއްރަޙުމާން

ޢަބްދުއްރަޝީދު ޙުސައިން (ނޢޢވ)

ޢަބުﷲ ޞާދިޤު (ނޢޢވ)

ޢަބްދުﷲ ޢަފީފު (ތިނަދޫ)

މުޙައްމަދު ޝާހިދު ޙަލީމް

މުޙައްމަދު ޢާމިރު އަޙުމަދު ފަރެސް

ޑރ. އަޝްރަފް ޢަބްދުއްރަޙީމް

http://fanvai.info/index.php?option=com_content&view=article&id=3000:korufiyyaai&catid=36&Itemid=56 (ޢަބްދުﷲ ރަޝީދު، ކޮރުފިއްޔާއި އުނި ލަފުޒުން ޅެން ނަހަދާށެވެ!) (ނެގީ: 13.8.2020 ން)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ