އަދުގެ ޚާއްސަ

Print

އޭ ޣައްޒާ އެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ނަޞީރު އިބްރާހީމް (2009)


ތިބާގެ ޙައްޤު ތިބާއަށް ޙައްޤުވެގެންވެއެވެ.

ތިބާގެ ދަޢުވާ ތެދުވެރި އެވެ.

ޝަކުވާ ޞައްޙަ އެވެ.

އާދޭސް އަސަރު ގަދަ އެވެ.



 

ދުޝްމަނުން ތިބާގެ މޫނުމައްޗަށް ތޫނު ހަތިޔާރު ހިންގައިފި އެވެ.

ޖާނަށް ނުރައްކާ ކޮށްފިއެވެ.

ގުނަންތައް ނުކުޅެދުންތެރި ކޮށްފިއެވެ.

މި މަންޒަރުތަކުން، ކުރެހުންތެރިން އެމީހުންގެ ފަންނު މުއްސަނދި ކުރިއެވެ. ހުނަރު މަތިކުރި އެވެ.


ތިބާގެ ވޭނީ ކަރުނަ ސާފު ވާރޭ ފަދަ އެވެ.

އޭގައި ވަނީ ޠާހިރުކަމާއި މަޢުޞޫމު ކަމެވެ.

މުޅި ދުނިޔެއަށް މި އަދު މި ކަރުނައިގެ ކޯރުތައް ދެމިގެން ހިނގައްޖެއެވެ.

ދުނިޔޭގެ  ޞިނާޢީ މަސައްކަތްތެރިން އެ ކަރުނައިން އެމީހުންގެ ދަނޑުފަނގަށް ފެންދީ އޭން މޭވާ ފައްކާ ކުރި އެވެ.



ތިބާގެ ގިސްލުމާއި ރުއިމުގެ އަޑު ވައިރޯޅި ގެނެސް ދެއެވެ.

އޭގައި ވަނީ ނާއުންމީދާއި، މިސްކީނުކަމުގެ ނިހާޔަތެވެ.

މުޅި ދުނިޔެއަށް މި އަދު ތިޔަ އަޑު ފޯރައެވެ.

ދުނިޔޭގެ މިޔުޒިކު އުފައްދާ މީހުން އެ އަޑުތަކުން ރާގު އުފައްދައި އިނާމުތައް ހާސިލްކުރަމުންގެންދެއެވެ.


ތިބާގެ ދުލުން އޮހޭ އާދޭހާއި މަދަދަށް އެދުމުގެ ލަފުޒުތައް ޢަދަދެއް ނުވެވޭނެއެވެ.

އޭގައިވަނީ، އިންސާނީ ޖަޒުބާތާއި، ދިލަ އިޙްސާސްތަކުގެ އަލިފާނެވެ.

އެ ކެކުޅުންތައް ތަރުޖަމާ ކުރަން ނޭނގޭ އެއްވެސް ފުރާނައެއް ނެތެވެ.

ދުނިޔޭގެ ލިޔުންތެރިން އޭން ކާނާ ލިބިގަނެގެން  މަޤުބޫލުކަމާއި  ޝުހުރަތު ލިބިގެންފިއެވެ.


ތިބާގެ ކަށްވަޅު ތިލަވަމުން ދާތަން ދުނިޔޭގެ ލޮލަށް ފެނެއެވެ.

އެކަމާ މެދު މުޅި ދުނިޔެ އިންތިހާޔަށް ''ކަންބޮޑުވެ އެވެ.''

އެހެންކަމުން ތިބާގެ ދުޝްމަނާގެ އަނިޔާވެރިކަން ވަގުތުން ނިމުމަކަށް ގެނައުމަށް ދުނިޔޭގެ އެންމެ ގަދަ ފަދަ ބާރުން އެކަތައިގެ ޤަރާރުތައް  ފާސްކޮށްފި އެވެ.

އެކަމަކު އެ ޤަރާރުތައް ނަޞީރުގެ މި ޅެންފަދައެވެ.


                                                 ------------------------------

ނޯޓް: އާޅެމަކީ ވަޒަންބަހުރުވައިގައި ހިމެނޭ އެއްޗެއް ނޫނެވެ. ނަމަވެސް ޅެމުގެ ތެރޭގައި ހިމެނޭ އެއްޗަކަށްވާތީ، ފަންވަތުގައި ޅެން ޝާއިޢުކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި މި ޅެންވެސް ޝާއިޢު ކޮށްލީއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ