ރައިވަރު ހެދުމުގެ ފުރަތަމަ މަރުޙަލާ، ސަފުހާއަކުން
ޢަބްދުﷲ ރަޝީދު، މ.ލިނެޓް
ރައިވަރު ހަދާން ދަސްކުރުމުގައި ފުރަތަމަ ވިސްނާންވީ، ރައިވަރަކީ، ފިލީގެ ޢަދަދަކުން ވަޒަނުގެ މައްޗަށް ބިނާވެގެންވާ ދިވެހި ޅެންވެރުކަމުގެ ބާވަތެއްކަމެވެ. ރައިވަރުގައި ޢާންމުކޮށް އޮންނަނީ 3 ބަހާއި ހަބަހުގެ ރައިވަރުކަމެވެ. 3 ބަސް ރައިވަރެއް ނަމަ 36 ފިލިކަމެވެ. 6 ބަސް ރައިވަރެއް ނަމަ 70 ފިލި ކަމެވެ.
ކުރު ފިއްޔަކުން ރައިވަރުގެ ބަސް ފަށާނަމަ ފުރަތަމަ އަކުރުގައި އޮތް ފިއްޔާއެކު ބަނޑުވައް އަކުރު، ބަނޑުވައް އަކުރުގައި އޮތް ވިއްޔާވެސް އެކު، ކޮންމެ ބަހެއްގައި ގެންނަން ލާޒިމުވާކަމެވެ. ދެމޭ ފިލިން ބަސްފެށޭ ރައިވަރެއް ނަމަ، ބަނޑުވައް އަކުރު ލާޒިމު ނޫންކަމެވެ.
ހަބަސް ރައިވަރެއް ނަމަ ފުރަތަމަ ހަތަރު ބަހުގައި ކާފިޔާ ލާޒިމު ކަމެވެ. މި ކާފިޔާގައި އަކުރު ކޮންމެހެން ލާޒިމު ނޫންކަމެވެ. ލާޒިމުވަނީ ހަމަ އެކަނި ފިލިން އެއްގޮތް ކުރުންކަމެވެ. ތިން ބަސް ރައިވަރެއް ނަމަ، ޚާއްޞަ ސަބަބެއް ނެތް ކޮންމެ ޙާލަތެއްގައި، ކޮންމެ ބަހެވެސް ސީދާ ކުރު ފިއްޔަކުން ނިންމުމީ ތިންބަސް ރައިވަރުގެ އަސަރާއި ޚާއްޞަ ސިފަކެމެވެ.
ކޮންމެ ރައިވަރެއްގައިމެ ގަތްބަހާއި (5 ބަނަބަހާއި) ފަހު ބަހުގެ އެންމެ ފަހު 3 ފިލި އަކުރާއެކު އެއްގޮތްވުން ލާޒިމު ކަމެވެ. އެއީ ދެމޭ ފިއްޔަކާއި ކުރު ފިއްޔެއް ނުވަތަ ސީދާ ކުރު ތިން ފިލިން ކަމެވެ. ދިގު ފިއްޔަކާ ކުރު ފިއްޔެއް ނަމަ އެ ތިން ފިލި ޖެހޭނީ ދެ އަކުރުގައި ކަމެވެ. ކުރު ތިން ފިލިނަމަ ތިން އަކުރުގައި ކަމެވެ.
ރައިވަރުގެ ބަހާއި ފިލީގެ ޢަދަދާއި ވަޒަނެއް
1- ފުރަތަމަ ބަހުގައި 10 ފިލި، ނާނައޭ ނާނައޭ ހޯދަމާ ހޯދަމާ
2- ދެވަނަ ބަހުގައި 12 ފިލި، ނާނަނާއޭ ނާމައޭ ހޯދަމާހޭ ހޯދަމާ
3- ތިންވަނަ ބަހުގައި 12 ފިލި، ނާނަނާއޭ ނާމައޭ ހޯދަމާހޭ ހޯދަމާ
4- ހަތަރުވަނަ ބަހުގައި 12 ފިލި، ނާނަނާއޭ ނާމައޭ ހޯދަމާހޭ ހޯދަމާ
5- ފަސްވަނަ ބަހުގައި 13 ފިލި، ނާނަނާއޭ ނަނާނާއެ ހޯދަމާހޭ މި ހޯދާށެ
6- ހަވަނަ ބަހުގައި 11 ފިލި، ނާނާއޭ ނާނާއެ ހޯދޭތޯ ހޯދާށެ
ތިން ބަސް ރައިވަރަކީ، ހަބަސް ރައިވަރެއްގެ ފަހު ތިން ބަސްކަމެވެ. ތިންބަހާއި، ހަބަސް ރައިވަރުގެ ފަހު ބަހުގައި 12 ފިލި އޮންނާތީ ފެންނަ ފެނުމަކީ، އެ ބަސް ޢިބާރާތް ކުރެވޭ ގޮތުން އިތުރު ކުރުން ހުއްދަ ފިއްޔެއްކަމާއި، އެއީ، އެންމެ އިހުގެ ރައިވަރުތަކުގެ ވެސް ހަމައެއް ކަމެވެ.
ލިޔެފައިވާ ނަމޫނާ މިސާލުތަކުގައި 6 ވަނަ ބަސް (ފަހުބަސް) އެ ވަނީ 12 ފިލީގައެވެ. އެއީ، އިހާއި މިހާރުގެ އަދީބީ ޝާޢިރުން ވެސް ރައިވަރުގެ ރާގަށް ޓަކައި ގެންގުޅުއްވައިފައިވާ ހަމައެކެވެ. ރައިވަރުގެ 5 ވަނަ ބަހަށް ކިޔަނީ ގަތްބަހެވެ. ގަތްބަސް ނިމޭ އަކުރުން ފަހުބަސް ފެށުމީ ރައިވަރުގެ އެންމެ ފުރިހަމަ ހަމައެވެ. އަދި ކުރުފިލިން ފަށާ ރައިވަރެއް ނަމަ ފިލިކޯޅި އާއި ބަނޑުވަށް އަކުރު ލާޒިމު ވާނެއެވެ.
މިސާލަކީ، ރައިވަރެއް ލިޔެ ދޭށެ މޮޅު
ހައިވަކަރު ލާކޮ ޅެއްގައި ފި
ލައިގެން ދާނު ގޮތުގައި ފި
ނަމަވެސް، ރައިވަރުގެ ފަހު ބަހުގައި 11 ފިލި އޮތުމަކީ، ރައިވަރުގެ ޢާންމު ހަމައެވެ.
އެ މިސާލަކީ: "ހޯދާށޭ ހޯދާ މި" މި ގޮތެވެ. މިއީ، 6 ބަހާއި 3 ބަހުގެ ރައިވަރުގައި ވެސް ފަހުބަހަށް އޮންނަ ހަމައެކެވެ.
ބަސް އޮޅުވުމުގެ ހަމަ ދަސްކުރަން އުޅެންވާނީ މި މިންވަރަށް ވަޒަނުގައި ފިލި ހަމަކޮށް ފަސޭހަ ކަމާއެކު ރައިވަރު ހަދަން ދަސްވުމުގެ ފަހުގައި ކަމެވެ. ރާގުގައި އޮމާންކޮށް ރައިވަރު ކިޔެނީ ވަޒަނުގައި އެތުރިފައިވާ ނަމަކަމެވެ. ކޮންމެ ކަމެއްވެސް ރަނގަޅަށް ދަސްވާނީ އެދުރެއްގެ އިރުޝާދާ އެކުގައިކެމެވެ.
އަދި އަލަށް ރާޒުވާ ދަސްކުރާއިރު 2 ފޫޓު 2 ފޫޓު ކުޑަ ގޮނޑިގަނޑެއްގެ މަތީގައި އަތުރާފައި ހުންނަ ކުޅިތައް ރޭވިފައި ހުންނަ ގޮތުގެ މައްޗަށް ނަޒަރު ނުފޯރާތީ މަނާ ތުނބުގައި މަންތިރި ހުންނަ އިރު ނުފެންނަ ފަދައިން ރައިވަރުގެ 4 ވަނަ މަރުޙަލާ އެނގުމުގެ ކުރިން ރައިވަރު ލިޔާ މީހާޔަށް ރައިވަރުގެ ވަޒަން ރައިވަރު ހަދާއިރު ނުފެންނާނެކަން ހަނދާން ބަހައްޓާން ވާނެއެވެ.
މި ކަންކަން ހަނދާނުގައި ބަހައްޓާން ވާނެއެވެ. އެހެން ނޫނީ ރައިވަރު ހަދާން ފަށައިފައި ރަނގަޅަށް ދަސްނުވަނީސް ރައިވަރު ހަދާން އުނދަގޫކަމަށް ދެކެގެން ރައިވަރު ހަދާން ފޫހިވާ ގޮތް ވެދާނެއެވެ. ރައިވަރަކީ ޅެންބައިތެއްހައި ލުއި އެއްޗެއް ނޫންކަން ވެސް ދަންނަން ވާނެއެވެ. ވަޒަނެއް ދަސްވުމުން ޅެންބައިތެއް ފިކުރަކާ ނުލައި އަތުރައިލެވޭނެއެވެ. އެކަމަކު ރައިވަރު ތަފާތު ވާނެއެވެ.
އަދި އިހުގެ ރައިވަރުތައް ގިނައިން ބަލާންވާނެއެވެ.
އަޅުގަނޑުގެ ދުޢާއަކީ، ރައިވަރުގެ ޒަމާން އުވިގެން ނުގޮސް ދިވެހީންގެ މެދުގައި ރައިވަރު އަބަދުވެސް އާވެ އާލާވެ ދިރިދިރި އޮތުމާއި ދަސްކުރުމުގެ ޝައުޤު ހުންނަ ފަރާތްތަކަށް އެކަން ފަސޭހައިން ފަހުމުކޮށް ދެއްވުމެވެ.
_____________________________