އަދުގެ ޚާއްސަ

Print

ހިޖްރީ އައު އަހަރު 1442 ފެށުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ހިޖްރީ ސަނަތުން 1441 ނިމި 1442 ވަނަ އަހަރު ފެށޭ މުނާސަބަތަކީ، އިސްލާމީ ދުނިޔޭގައި ވަރަށް ޚާއްޞަ މަތިވެރި ދުވަހެކެވެ. އިސްވެދިޔަ ރިސާލަތްތަކުގެ ނޫރު ދުނިޔޭން ފަނޑުވެ އަނިޔާވެރިކަމާއި ޖަހާލަތުގެ ފުރަ މެންދަމަށްފަހު ޢަދުލާއި ހިދާޔަތުގެ އިރު ދުނިޔެ ދުށް މަތިވެރި ރިސާލަތު ދުނިޔެއަށް ފެތުރިގެން ދިޔުމުގެ މަތިވެރި މަޙައްލަށް، ކީރިތި ނަބިއްޔާ محمد صلى الله عليه وسلم  ކުރެއްވި ހިޖްރައިގެ ތާރީޚީ ހަނދާން އާވެ އާލާވާ މަތިވެރި މުނާސަބަތެވެ. 

އާދޭހެވެ! ހިޖްރީ ސަނަތުގެ މައްސަރުތަކާއި ދުވަސްތައް ބިނާވެފައިވަނީ އިރުގެ (މީލާދީ) އަހަރު ފިޔަވައި ހަނދުގެ ދައުރު ވުމާއިއެވެ. އިރުގެ އަހަރަކީ، 365.25 ދުވަހުގެ މައްޗަށް އެކުލެވޭ ފަލަކެއްގައި ދުނިޔެ އިރުގެ ވަށައިގެން ޖަހާ ބުރު ފުރިހަމަ ކުރުމުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެހެންކަމުން އިރުގެ އަހަރާއި މައްސަރުތަކާއި ދުވަސްތަކަކީ، ޙިސާބުކޮށްގެން ކޮންމެ މަހަކު ނުވަތަ ކޮންމެ އަހަރު ހޯދަން ނުޖެހި، ކޮންމެ މެންދަމަކު ވެސް މެދު އުޑުގެ ސާބިތު ތަރިތަކުގެ ޛަރީޢާއިން ވެސް ދެނެގަނެވޭ ދުވަސްތަކެއްގެ މައްޗަށް ބިނާ ވެފައިވާ އަހަރު ތަކަކާއި ދުވަސްތަކެކެވެ.

އެހެނަސް، ހަނދުގެ މައްސަރުތަކާއި ދުވަސް ތަކަކީ، އެއާއި ޚިލާފަށް ދުނިޔޭގެ ވަށައިގެން ހަނދު ކޮންމެ މަހަކު ޖަހާ ބުރަށް ބަލައިގެން މެނުވީ އެނގޭ ކަމެއް ނޫނެވެ. އެކަމަކު އިރުގެ އަހަރަކީ، "ދަނަ" ރާހީގެ ނުވަތަ "ޖަދީ" (ކެޕްރިކޯން) ގެ ފުރަހަޅައިގެ 10 ވަނަ ދުވަހު، އިރު ދަނަ ރާހީގެ 9 ވަނަ ދަރަޖަޔަށް ވަނުމުން އާ އަހަރު ފެށޭ ކަށަވަރު ނިޒާމެއްގައި ސާބިތުވެ ހިނގާ ކަމެކެވެ.  

އެއާއި ޚިލާފަށް، ހަނދުގެ މައްސަރު ފެށެނީ، ކޮންމެ އަހަރަކު ވެސް 12 ރާހީގައި 12 ފަހަރު ހަނދު، އިރާއި ބައްދަލުކޮށް "އެއްއުއި" ވުމުންނެވެ. އެކަމަކީ ފަލަކީ ޙިސާބުން ކޮންމެ މަހަކުވެސް ޙިސާބުކޮށް ބަލައިގެން ނޫނީ އެނގޭ ކަމެއް ނޫނެވެ. ނަމަވެސް، ކަލަންޑަރު ހަދަން ފެށިފަހުން، ހިޖްރީ މައްސަރުތައް ފެށޭ ދުވަސްތައް އެކަށީގެންވާ މިންވަރަކަށް ބަލައި ކަށަވަރު ކުރާތީ، މިޒަމާނުގައި ހިޖްރީ ޢާންމު މައްސަރު ފެށޭ ދުވަސްތައް ދެނެގަތުމަކީ ދަތިކަމެއް ނޫނެވެ.

އެހެނަސް، ރޯދައާއި ޢީދު ފަދަ ޚާއްޞަ ދުވަސްތަކާއި މައްސަރުތައް ކަށަވަރު ކުރުމުގައި ކަލަންޑަރަށް ބަރޯސާ ނުވެ ދީނީ ނަޒަރުން އެކަން ދެނެ ކަށަވަރުކޮށް ޢާންމުންނަށް އަންގައި ދެއްވުމަކީ، އިސްލާމީ ދައުލަތްތަކުން ކުރަމުން އަންނަ ކަމެކެވެ. 

ފަލަކީ ގޮތުން ބަލާއިރު، މި 1441 ވަނަ އަހަރުގެ ފަހު ދުވަހާއި 1442 ވަނަ އަހަރު ފެށޭ ދުވަހަކީ 2020 އޯގަސްޓް 20 ވަނަ ބުރާސްފަތި ދުވަސްކަމާމެދު އެއްވެސް އޮޅުމެއް ނެތެވެ. 

 އެކަން ފަލަކީ ގޮތުން ކަށަވަރުވާ، ފަލަކީ ދަލީލުތަކަކީ، މި ހިނގާ 1441 ވަނަ އަހަރުގެ ޙައްޖުމަހު ދުނިޔެ ވަށައިގެން ހަނދުޖަހާ ބުރު ނިމި، އެއްއުއިވާ ފަލަކީ ޕޮޒިޝަނަނީ، އަސަދު ރާހީގެ 26 ދަރަޖަ 35 ދަގީގުގައިކަން އެނގެން އޮވެފައި، 19 އޯގަސްޓް 2020 ވަނަ ދުވަހު މާލޭގަޑި 02:41 ގައި، ދުނިޔެއާއި އިރާއި ދެމެދުން، ބުނެވިދުތަ ފަލަކީ ޕޮޒުޝަނަށް، އިރާއި ހަނދު، ދުނިޔޭގެ ނިސްބަތުން އެއްއުއި ވާކަން ކަށަވަރު ވާތީއެވެ. 

އަދި، މާލެއަށް "ތުރިއްޔާނު އަސްތަމާނު" ވީ މިޞްރާބަށް އެދުވަހު މާލޭގަޑިން 18:16:18 ގައި އިރު އޮއްސޭތާ 27 މިނެޓު 30 ސިކުންތު ފަހުން، ހަމަ އެ މިޞްރާބަށް، އިރު އޮއްސުނު މިޞްރާބަށް ވުރެ، ކުޑަ ތަންކޮޅެއް އުތުރަށް ހަނދު އޮއްސޭކަން ކަށަވަރުވާތީ އެވެ. މާނަކަތުން މި ހިނގާ ހަފްތާއަކީ ސީދާ ވިއްސާރަ ހަފްތާއެއްކަމަށް ނުވުމުން، އުޑުމަތީ ވިލާ ގިނަވި ނަމަވެސް އޯގަސްޓް 19 ވަނަ ދުވަހު އިރު އޮއްސުމުގެ ފަހުން ހަނދުގެ ހުޅެވި ފެންނާނެއެވެ. ހުޅެވި އަރިވާނީ އުތުރަށެވެ. 

ޖީ.އެމް.ޓީން 15:00 ގެ ކުރިން އެއްއުއި ވެއްޖެނަމަ ޖެހިގެން އަންނަ ދުވަހަކީ އާ ހަނދުމަހުގެ  1 ވަނަ ދުވަސްކަމުގައި "ނާސާ" އިން ފެށުނީއްސުރެ ބަލައިއުޅޭ ޝަރުޠުވެސް މިމަހުގައި ފުރިހަމަ ވެއެވެ. ޖީ.އެމް.ޓީ. ގަޑިން 15:00 އަކީ، މާލޭގަޑިން 20:00 އެވެ. 19 އޯގަސްޓް 2020 ވަނަ ދުވަހު އެއްއުއިވާ ގަޑިއަކީ މާލޭގަޑިން 02:41 ގައިކަމަށް ވުމުން، އެއީ، މާލޭގަޑިން 20:00 ގެ 17 ގަޑި 19 މިނެޓު ކުރީގެ ވަގުތެއްކަން ސާފެވެ.

އެހެންކަމުން، މުޅި އިސްލާމީ ދުނިޔެއަށްވެސް ފެށޭ 1442 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކީ 20 އޯގަސްޓް 2020 ވަނަ ބުރާސްފަތި ދުވަސްކަމުގައި ވެގެން ދާނެއެވެ. 

____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ