Print

ނަބިއްޔާގެ ހިޖްރައިގެ ހަނދާން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުﷲ ރަޝީދު، މ.ލިނެޓް

އަހަރު ހިޖުރީ ގެނެސް މިދެނީ،  ފިލާނެ  ހަނދާންތަކެއް  ނޫނޭ

           ޒަހަރުފަދަ ހިތި،  އަސަރުތަކަކާ،  ރަހައިފޮނިނެތް  ކަމެއް ނޫނޭ

ޤުރައިޝުން ދާރު ނަދުވާގައި، ވެފައި  ސައްލާއަކުން  ނިންމައި

           އުރައިން ކަނޑިތައް ނެރުނު މަންޒަރު، ބަލަން ކުޅަދާނައެއް ނޫނޭ

ނަޖިދު މުސްކުޅިޔަކަށް ހެދިގެން، އެސައްލާޔަށް އައިސް އިބްލީސް

           ނަޖިސް  ހިތްވަރުތަކެއް  ދިނުމީ،  ލަފާޒާތުގެ  ކަމެއް   ނޫނޭ

أَبُوالْبُحْتَرُ،  أَبُوْالْأَسْوَدُ،   ޚިޔާލު  ނަފީ   މުޅިން  ކޮށްފައި

           أَبُوْجَهْلُ، ގެ ބަހަށް  ބުރަވުން، އެއީ، ކުޑަ  ނިންމުމެއް  ނޫނޭ

ނަގައިގެން ކަނޑި އުރައިން ތިބިރޭ، ޤުރައިޝުންކުރެ ޒުވާނުންކޮޅު

           ނަގަން ޒިންމާ  ނުކުމެ  ތިބުމީ،  ހެވެއް އެކުވީ ކަމެއް  ނޫނޭ

فَهُم لَا يُبْصِرُوْنَ  ވިތަން، ވިދާޅުވެ  ވެލި   އުކައި   ލައްވައި 

           ރަޙުމް ނެތް ލޯތަކަށް ފިއްލެވި، ގޮތީ  ކުޑަކުޑަ  ކަމެއް  ނޫނޭ

ނުހަނު ފުރަ މެންދަމެއްގައި ކައު،  ނަބިއްޔާ އެކަނި  ގިނިކަންޏާ

            ނުހަނު  އަނދިރިން ވަޑައިގަތުމީ، ހިތަށް ކެތްވާ ކަމެއް ނޫނޭ

ޙަޒޫރާޔާ ހަމައިން ގެފުޅަށް، އެނބުރި ބެއްލެވި އަސަރު ފުޅުގައި

            ޙަޒޫރާގައި  ކުރެއްވި   ދުޢާފުޅުން  ނުރޮވޭ  ވަރެއް  ނޫނޭ

އެ މެންދަމު ޘައުރު ހޮހަޅަށްވެދެ، ވަޑައިގަތުމުން ވިމާތް ދެކަލުން

            ދެމެދު ފަރުދާކުރީ  މަކުނާ،  ކޮތަރު ގޮސް ސިއްރަކުން ނޫނޭ

މަދަދު ދެއްވެވި ދެ ދަރިފުޅަކީ، އިބުނު  ޞިއްދީޤު އަދި އަސްމާ

            ޢަދަދު ތިނަކަށް އުރައިޤަޠުވުން، އެއީ، ސިއްރުވި ކަމެއް ނޫނޭ

ފުހައިރަތު ދަރިކަލުން ކިރުފޮދު،  އެރުއްވެވި މާތްވި  ދެކަލުންނަށް

            ނުހަނު ސިއްރުން އެކަންހިނގުމީ، އެހިނދުގައި ކުޑަ ކަމެއްނޫނޭ

ދެތިން ދުވަހަށް ފަހުން ފެއްޓެވި ދަތުރުފުޅު ސިއްރިޔާތު މަގުން

            އެ ތިންކަލުނަށް އެދަތުރު ފުޅީ، އަމާން  މަގުވީ  ކަމެއް ނޫނޭ

ޤުދައިދުގެ މަންޒިލުން  މަޢުބަދުގެ  މަންމަގެ ޖާފަތެއް  އެރުވީ

            ޤުދައިދުން ހިނގި ކަރާމާތާ، ގުޅުން ނެތި ހިނގި ކަމެއް  ނޫނޭ

ސަތޭކަ ޖަމަލްގެ  އިޢުލާނަށް، ނުކުތް ބަދަވީންގެ  ފައުޖުތަކުން

            ގަތޭލައި  ބިޔަ  ސުރާޤަތުއާ،  ތަބާވުން  ކުޑަ  ކަމެއް  ނޫނޭ

ދިމާޔަށް "كَيْفَ بِكَ" ބަސްފުޅު، ޙަދީޘްފުޅު އޭނަޔަށް އިއްވައި 

            ޙިމާޔަތުގައި  ފަތެއް  ދެއްވުން،  އެއީ  ފޮރުވޭ  ކަމެއް  ނޫނޭ

ދަތުރުފުޅުގައި ވި ބައްދަލު މާތް، ޒުބައިރާ  ޠަލްޙަތާ  ދެކަލުން

            އަތުރުކަން ރޮދިނުވާ  ފޭރާން،  ވެދުން  ދެއްވީ  އަގަށް  ނޫނޭ

ބުރައިދާޔާއި  ބައްދަލުވީ،  ހިސާބުން  މަގު  އަމާން  ވީކަން

            ހުރަސްތައް ނެތި ހިނގައްޖެކަމަށް، ޙަދީސްފުޅު ނެތް ކަމެއް ނޫނޭ 

މުހާޖިރުނާއި  އަންޞާރުން،  ވަޑައިގެން  ޙައްރަތާ  ހަމައިން

            އުހައުވެރިކަން މަތީ  ބައްދަލް،  ކުރެއްވުން ފަނޑުކަމެއް  ނޫނޭ

ރަބީޢުލް  އައްވަލުން  ބާރަވި،  އުޖާލާ  ހޯމަ  ދުވަހެއްގައި

            ޢަބީރުން މީރު ހުވަނދެއް  ލެވި، ޤުބާ  ނުވިދާ  ވަރެއް  ނޫނޭ 

މަދަޙަ  ތާރީފު  ލިބިގެންވީ،   ޤުބާމިސްކިތް  އެޅުއްވެވުމަށް

            ޢަދަދު މަދުމަދު ދުވަސްކޮޅަކަށް، އެ ހުންނެ ވުމެއް ދިގެއް ނޫނޭ

ހުކުރު  ދުވަހަކު  މަދީނާޔަށް، ވަޑައިގަތުމުގެ  ދަތުރުފުޅުގައި

            ނުކުންނެވިޔަސް ބަނީސާލިމް،  އަވަށު މިސްކިތް  ދުރެއް  ނޫނޭ

ބަނީ ސާލިމްގެ މިސްކިތުގައި، ކުރެއްވީ އިސް ހުކުރު ނަބަވީ

            ވަނީ އަސަރުންނެ ޚުތުބާ މާތް،  އެހެންނަމަވެސް  ދިގެއް  ނޫނޭ

ނަމާދަށްފަހު  މަދީނާޔަށް،  ވަޑައިގަތުމަށް  ޖަމަލުކޮޅުގައި

            އަމާޒު  ހިފަން  ޖަމަލުކޮޅު ވީއްލެވުން ކުޑަކުޑަ  ކަމެއް  ނޫނޭ 

އަބޫ އައްޔޫބު  ގެކޮޅަށް ކައު ރަސޫލާ  މަޑު  ކުރައްވާފައި

            އަބޫބަކުރާއި  ދެކަލުން  ވަކި، އެހިނދު ވުން ދެރަކަމެއް  ނޫނޭ

ރިސާލަތުގައި އަލުން ބާބެއް،  އެއަށްފަހުގައި އަލުން ފެށިފައި

            މިސާލެއް  ނެތް  ނަމޫނާތައް، ފެނުން  ކުޑަ ނިޢުމަތެއް  ނޫނޭ

            _____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ