އަދުގެ ޚާއްސަ

Print

އިސްލާމްދީނުގެ އަޞްލުތަކަކީ ކޮބާ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުމެން ކުޑައިރުއްސުރެ ބަލައި އުޅުނު ފޮތްތަކުން އެނގޭ ގޮތުގައި އިސްލާމް ދީނުގެ އިބްތިދާއީ ނުވަތަ އަސާސީ މަޞްދަރަކީ اللهގެ މުޤައްދަސް ފޮތް (ކީރިތި ޤުރުއާން) އާއި ކައު ސާހިބާގެ ސުންނަތެވެ.  ސުންނަތޭ މި ދެންނެވީ އިތުރު އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކަށެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ކަމެއް ހިނގިއިރު އެކަން މަނާނުކުރައްވާ ހުރިހާ ކަމެއް ވެސް ހިމެނޭ ގޮތުންނެވެ. 

އަޅުގަނޑުމެން އެންމެން ވެސް ދަންނަ ފަދައިން ކީރިތި ޤުރުއާނަކީ މީސްތަކުން އުޅުނުމަށް މާތްﷲ ރުއްސެވި ގޮތްތައް ބަޔާންކުރެއްވުމަށްޓަކައި، އެ ފޮތް ކިޔެވުމަކީ އަޅުކަމެއް ކަމުގައި ލައްވައި، އަދި ސޫރަތުލްފާތިޙާއިން ފެށިގެން ސޫރަތުއްނާސްގެ ނިޔަލަށް އެ ފޮތުގައި ހިމެނޭ ގޮތުން، رسول الله صلى الله عليه وسلم ގެ މައްޗަށް الله سبحانه وتعالى  ޢަރަބިބަހުން ބާވައިލެއްވިގެންވާ، މާތް اللهގެ ކަލާމްފުޅެވެ. މި މާތް ކަލާމްފުޅު މުޞްޙަފެއްގެ ގޮތުގައި ފެންނާނެހެން މުތަވާތިރު ގޮތެއްގައި ފުރޭފުކުރެވި ރައްކާތެރިކަމާއެކު ޠާހިރުކަން މަތީ އަޅުގަނޑުމެންނާ ހަމައަށް ވަނީ ވާޞިލުވެފައެވެ. އަދި ޤިޔާމަތާ ހަމައަށް މި ފޮތް ރައްކާތެރިކަމާއެކު ދެމި އޮންނާނޭކަމުގެ ކަށަވަރުކަން އިންސާނުންނަށް الله ވަނީ ދެއްވައިފައެވެ. ކީރިތި ޤުރުއާނުގައި، ބައެއް ކަންކަން ވަނީ ޤަޠުޢީ (އެއިން އިތުރު މާނައެއް ނުނެގޭނެހާ ސާފުކޮށް ޞަރީޙަކޮށް ކަނޑައެޅި ބަޔާންވެގެންވާ) ގޮތެއްގައި ބަޔާންކުރައްވައިފައެވެ. މިސާލަކަށް، ނަމާދާއި ޒަކާތާއި ރޯދަ ފަރުޟުކުރެއްވި އާޔަތްތަކާއި ވާރުތަ މުދަލުން ވާރިޘުންނަށް ލިބޭ މިންވަރު ބަޔާންކޮށްދެއްވައިފައިވާ އާޔަތްތަކާއި ތަރިކަމުދާ ބެހުމާ ގުޅޭ އާޔަތްތަކާއި، ޒިނޭއާއި ޤަޒުފާއި، އަދި ޔަތީމުންގެ މުދާކެއުމާއި ޙައްޤަކާ ނުލައި މީހަކު މެރުން ޙަރާމުކުރެއްވި އާޔަތްތައް ފަދަ އާޔަތްތައް ބާވައިލައްވައިފައި ވަނީ އެއިން އިތުރު މާނައެއް ނުނެގޭ ފަދަ ސާފު، ޞަރީޙަ ގޮތެއްގައެވެ. މި ދެންނެވި ފަދަ ޤަޠްޢީ ހުކުމްތަކަކީ ކޮންމެ އިންސާނަކުމެ އެއަށް ތަބާވާން ޖެހޭ، އަދި އެއާ ދެކޮޅު ހަދައިފިނަމަ ދީނުން ބޭރުވާނެ ޙުކުމްތަކެވެ. 

ކީރިތި ޤުރުއާނުގައި ބައެއް ކަންކަން ބާވައިލައްވައި މީސްތަނަށް އެކަމުގެ ތަފްޞީލު ބަޔާންކޮށްދެއްވުން ވަނީ ކައު ސާހިބާއާ ޙަވާލުކުރައްވައިފައެވެ. މިސާލަކަށް ނަމާދުގެ ރަކުޢަތްތަކާއި ނަމާދުކުރާންވީ ވަގުތާއި ނަމާދުކުރާންވީ ގޮތް އުންމަތަށް އަންގަވައިދެއްވީ ކައުސާހިބާގެ ސުންނަތުންނެވެ. އާދޭހެވެ! ޤުރުއާން ބަޔާންކޮށްދެއްވައި ބައެއް ކަންކަމުގެ ތަފްޞީލުތައް ބަޔާންކޮށްދެއްވައިފައިވަނީ ކައު ސާހިބާގެ ޙަދީޘުފުޅުތަކުންނާއި ޢަމަލުފުޅުތަކުންނެވެ. ސުންނަތުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އިސްލާމް ދީނުގެ އަސާސީ ނުވަތަ އިބްތިދާއީ މަޞްދަރަކީ ކީރިތި ޤުރުއާނާއި ކައު ސާހިބާގެ ސުންނަތެވެ. ހަޤީގަތުގައި ކައު ސާހިބާގެ ބަސްފުޅުތަކަކީ ވެސް ﷲގެ ވަޙީއެވެ. އެހެނީ މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގެ ތަރުޖަމާގައި ވަނީ "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ وحىއެއްކަމުގައި ނޫނީ ނުވެތެވެ." (سورة النّجم:3~4). ވީމާ ކައު ސާހިބާގެ ކޮންމެ ބަސްފުޅަކީ ވެސް ﷲގެ ބަސްފުޅުކަމާ މެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ. ޤުރުއާނަށް އީމާންވެވޭނީ ކައުސާހިބާގެ ބަސްފުޅަށް ވެސް އީމާންވެގެންނެވެ. އަދި ޤުރުއާނަށް ޢަމަލުކުރެވޭނީ ވެސް ކައުސާހިބާގެ ސުންނަތަށް ޢަމަލުކޮށްގެންނެވެ. ކީރިތި ޤުރުއާނާއި ކައު ރަސޫލާގެ ޙަދީޘްފުޅުތަކަކީ ވެސް ﷲގެ ވަޙީ ކަމުގައި ވިޔަސް ޤުރުއާނާއި ޙަދީޘްފުޅުތަކުގައި ތަފާތެއް އެބަހުއްޓެވެ. އެއީ ޤުރުއާނަކީ ﷲގެ ވަޙީ ބަސްފުޅު އެކަލާނގެ ކަލާމްފުޅުން ލަފުޒުތަކާއި ޢިބާރާތްތައް ވެސް ބަޔާންކުރައްވައިފައި އޮތް އެއްޗަކަށް ވެފައި ކައުސާހިބާގެ ޙަދީޘްފުޅުތަކަކީ ﷲގެ ވަޙީ، ކައުސާހިބާގެ ޢިބާރާތުން ބަޔާންކުރައްވައިފައިވާ ބަސްފުޅުތަކަކަށްވުމެވެ. ޤުރުއާނާއި ޙަދީޘްފުޅުތަކަކީ ވަޙީ ކަމަށް ވިޔަސް ޤުރުއާނާއި ޙަދީޘްގައި ހުރި މި ދެންނެވި ތަފާތު އަޅުގަނޑުމެންނަށް އެނގޭންޖެހެއެވެ. 

އާދޭހެވެ! ކީރިތި ޤުރުއާނުގައި އިސްލާމީ ޝަރީޢާގެ ހުރިހާ ތަފްސީލުތަކެއް ނުވެއެވެ.  އެ ތައުލީމާތުތައް މީސްތަކުންނަށް ބަޔާންކޮށްދެއްވީ ކީރިތި ރަސޫލާ،ގެ ސުންނަތުންނެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުންނެވެ. އަދި އެއަށްފަހު، އަލްޚުލަފާއުއްރާޝިދޫންގެ ދުވަސްވަރުގައި ވެސް، މި ކަން، އަމަލީގޮތެއްގައި ފެނިގެން ދިޔައެވެ. އެ ދުވަސްވަރު ކުރިމަތިވި އާ ހާލަތްތަކާއި އާ މައްސަލަތަކަށް، ޝަރީއަތުގެ ތައުލީމާތުގެ އަލީގައި، އާ ހުކުމްތައް ބަޔާންކުރެވި ދިޔަ ތަން ވެސް ފެނުނެވެ. ދެން އައި ދުވަސްތަކުގައި، އެހެން ގޮތަކަށް ދަންނަވާނަމަ، ހިޖުރައިގެ ފުރަތަމަ ގަރުނުގެ ފަހުކޮޅާއި އަދި ދެވަނަ ގަރުނުގެ ތެރޭގައި، މި ތައުލީމާތުތައް ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި އިތުރަށް ތަރައްގީ ކުރެވުނެވެ. އަދި މީގެ ނަތީޖާއަކަށްވީ އިސްލީމީ ފިޤުހު ޢިލްމެއްގެ ގޮތުގައި އުފެދި ފުރިހަމަވުމެވެ.

އިސްލާމީ ފިޤުހު އިލްމު ތަރައްގީވެ، އެއަށް ފުރިހަމަކަން ލިބުމާ ގުޅިގެން ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ޝަރީއަތުގެ ތައުލީމާތުތަކަށް، ޙިއްސީ ގޮތެއްގައި (އަތްލައި ކިޔައި ބަލައި އަޑުއެހޭ ގޮތެއްގައި) ފުރޭފުކުރެވުނެވެ. އިސްލާމީ ޝަރީޢާގެ އަސާސީ ނުވަތަ އިބްތިދާއީ މަޞްދަރުތައްކަމަށްވާ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އަދި މި މާއްދީ މަސްދަރުތައް މާނަކުރުމަށް އެހީވެދިން ވަސީލަތްތައް ކަމަށްވާ އިޖްތިހާދު-ޤިޔާސާއި އިޖުމާޢުގެ އަލީގައެވެ. އަދި އެދުވަސްވަރުގެ އިންސާނީ ހަޔާތުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށާއި އަދި އެދުވަސްވަރުގެ މުޖުތަމައީ އަގުތަކަށް (ޢުރުފަށް) ވެސް ރިއާޔަތްކުރެވިގެންނެވެ. އަދި ހަމަ އެފަދައިން އެދުވަސްވަރު، އިންސާނީ ފިކުރާއި ވިސްނުން ތަރައްގީވެ، ކުރިއަރައިފައިވާ މިންވަރުގެ އަލީގައި ވެސް މެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އިސްލާމީ ތާރީޚުގެ ފުރަތަމަ ދެގަރުނުގެ ތެރޭގައި، 'ޝަރީއަތް'، މިލަފުޒު ބޭނުންކުރެވިފައިވަނީ، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ހިދާޔަތުގެ ތައުލީމާތުތަކަށް، ޖުމްލަ ގޮތެއްގައި، އިޝާރަތްކުރާށެވެ. "ފިޤުހު" ބޭނުން ކުރެވުނީ މި ތައުލީމާތުތަކާ މެދު ވިސްނައި ފިކުރުކޮށް، މި ތައުލީމާތުތަކުން، އެކިއެކި ކަންކަމާ ބެހޭ ހުކުމްތައް ނެރެ އިސްތިންބާތު ކުރުމަށެވެ. އެ ތައުލީމާތުތަކަށް އަމަލުކޮށް، އެ ކަންކަން މުޖުތަމައުގައި ހިންގައިލެވޭ ސިފައެއް އެ ކަންކަމަށް ގެނެސްގަތުމަށްޓަކައެވެ. ފިޤުހު އިލްމު ތަރައްގީވެ އެއަށް އޭގެ އެންމެ ފަހުގެ ސޫރަ ލިބުމުން، ފިޤުހާއި ޝަރީއަތް މިދެ މަފްހޫމު ވެސް އެކައްޗަކަށްވެ، އެއް މާނައެއްގައި ބޭނުންކުރެވޭން ފެށިއެވެ. އާދެ، އިސްލާމީ ޝަރީއަތަކީ އިސްލާމީ ފިޤުހު ކަމުގައި ވެގެން ދިޔައެވެ. 

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކީރިތި ޤުރުއާނަކީ މުޅި އިސްލާމީ ތަޢުލީމާތުގެ އަސާސެވެ. އިސްލާމީ ތަޢުލީމާތުގެ މަޞްދަރެވެ. މި މަޞްދަރުން ގެނެސްދެއްވި ތަޢުލީމާތުގެ ތަފްޞީލުތައް ބަޔާންކޮށްދެއްވީ ކައު ސާހިބާގެ ސުންނަތުންނެވެ. ކީރިތި ޤުރުއާނެކޭ އެއް ފަދައިން ކައުސާހިބާގެ ސުންނަތްތައް ވެސް ވަނީ މުތަވާތިރު ގޮތެއްގައި ފުރޭފުކުރެވިފައެވެ. މުތަވާތިރު ގޮތެއްގައި އެކިއެކި މުޙައްދިޘުން އެއް ކުރައްވައިފައިވާ ޙަދީޘް ފޮތްތަކުގައެވެ. މި ފަދަ ވަރަށް ގިނަ ޙަދީޘް ފޮތްތައް ފެންނާން އެހެރީއެވެ. ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަކަން ބޮޑު ފޮތަކީ صحيح البخاريއެވެ. އެއަށްފަހު صحيح مسلم އެވެ. މިއީ ޙަދީޘްތައް ޖަމާކުރެވިފައިވާ އެންމެ މަޝްހޫރު ދެ ފޮތެވެ. އަދި سنن النسائي އާއި سنن أبي داود އާއި جامع الترمذي އާއި سنن ابن ماجه އަކީ ވެސް ހަމަ މަޝްހޫރު ޙަދީޘް ފޮތްތަކެވެ. 

ޚުލާޞާ ގޮތެއްގައި ދެންނެވެން އޮތީ، އިސްވެ ދެންނެވިފައި ވާނޭ ފަދައިން ޤުރުއާނާއި ސުންނަތަކީ އިސްލާމީ ތަޢުލީމާތުގެ އަސާސީ ނުވަތަ އިބްތިދާއީ މަޞްދަރުތައް ކަމުގައެވެ. އެއީ އިސްލާމް ދީނުގެ މައިގަނޑު އަޞްލެވެ. މީގެ އިތުރަށް އިސްލާމްދީނުގެ އަޞްލުތަކުގެ ތެރޭގައި ސާނަވީ މަޞްދަރުތަކެއް ވެސް ހިމެނެއެވެ. ސަބަބަކީ ޤުރުއާނުގެ އާޔަތްތަކުން ފެންނާންހުރި ޤަޠުޢީ ޙުކުމްތަކުގެ އިތުރަށް ޤުރުއާނުގެ ޙުކުމްތަކާ ގުޅޭ ގިނަ އާޔަތްތަކުގައިވާ ޙުކުމްތަކަކީ އޭގެ މުރާދު ކަނޑައެޅިގެން ދޭހަނުވާ ނުވަތަ އެއް މާނަޔަށް ވުރެ ގިނަ މާނަ ދޭހަވާ ޙުކުމްތަކެވެ. މި ބާވަތުގެ ޙުކުމަށް ޡައްނީ ޙުކުމޭ ކިޔައެވެ. ޢިލްމުވެރީން އިޖްތިހާދުކުރައްވައި ޤުރުއާނާއި ސުންނަތުގެ އަލީގައި ދިރާސާކުރައްވައި ގޮތްތަކެއް ކަނޑައަޅުއްވައި ޙުކުމް ނެރުއްވާންޖެހެނީ މި ބާވަތުގެ ކަންކަމަށެވެ. މި ގޮތުން މި ދެންނެވި ފަދަ ބޮޑެތިބޮޑެތި ޢިލްމުވެރި އިމާމުވެރި ބޭކަލުން ޙުކުމް ހޯއްދަވައި އެއްބަސްވެވަޑައިގަންނަވާ ކަންކަމަށް "ދަންނަބޭކަލުންގެ އިޖުމާޢު"އޭ (Consensus) ކިޔައި އުޅެއެވެ. އަދި ޤުރުއާނާއި ސުންނަތުން ދަލީލުލިބޭ ޙުކުމް އެނގޭ ބާވަތުގެ ކަންކަމުގެ ޢިއްލަތު ސާބިތުވެއްޖެ ނަމަ، ފަހުން ދިމަވާ ކަންކަން އެ ގޮތަށް ރިޢާޔަތްކުރައްވައި ނެރުއްވާ ޙުކުމްތަކަށް "އިޖުތިހާދޭ" ނުވަތަ "ޤިޔާސްކުރުމޭ" (Analogy) ކިޔައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މުޖުތަހިދުންގެ އިޖުތިހާދު–ޤިޔާސް އާއި ދަންނަބޭކަލުން އިޖުމާޢު (ޤުރުއަނާއި ސުންނަތުގެ އަލީގައި އިސްތިންބާޠުކުރައްވައިގެން ގިނަ ދަންނަ ބޭކަލުން އެއްބަސްވެވަޑައިގެންފައިވާ ގޮތް) މިއީ އިސްލާމްދީނުގެ އިސްލާމީ ތަޢުލީމާތުގެ ސާނަވީ މަޞްދަރުތަކެވެ. އަޞްލުތަކެވެ. އުޞޫލެވެ. 

މިތާނގައި ޢިލްމުވެރީންނޭ، އިސްލާމް ދީނުގެ ދަންނަބޭކަލުންނޭ އަޅުގަނޑު މި ދެންނެވީ އަޞްޙާބު ބޭކަލުން ފަދަ، ތާބިޢީން ފަދަ، އެކި މަޛުހަބުތަކުގެ އިމާމުންފަދަ ތަޤުވާވެރި، ޢިލްމުވެރި، ތެދުވެރި، އަމާނާތްތެރި ވިސްނުންފުޅު ތޫނު ބޭބޭކަލުންނަށެވެ. މި ކަން ފާހަގަކުރެއްވުން އެދެމެވެ. މި ބޭބޭކަލުން މާތް ﷲއަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރެއްވި އިޖުތިހާދާއި ޤިޔާސްކުރުން ވެސް އަދި އިޖުމާޢު ވެސް ބިނާވެފައި ވަނީ އިސްލާމްދީނުގެ އިބްތިދާއީ މަޞްދަރުގެ މައްޗަށެވެ. އެހެންވީމާ މި ހުރިހާ އަޞްލަކުން ނެގޭ ޙުކުމްތަކަކީ ވެސް ހަމަ ﷲގެ ޙުކުމްފުޅުތަކެވެ. އިސްލާމީ ޝަރީޢާއެވެ. އިސްލާމީ ޝަރީޢާގެ ތަޢުލީމާތެވެ.

ކޮންމެއަކަސް އަޅުގަނޑު ކުރުކުރުކޮށް މި ދަންނަވައިލީ އިސްލާމް ދީނުގެ އަޞްލުތަކެވެ. އެއީ ކީރިތި ޤުރުއާނާއި ކައު ސާހިބާގެ ސުންނަތާއި (ކުރީން ދެންނެވި ފަދަ) ޢިލްމުވެރީންގެ އިޖުތިހާދާއި ޤިޔާސްކުރުމެވެ. އަދި ދަންނަބޭކަލުންގެއިޖުމާޢެވެ. މިއިން އެއްވެސް މަޞްދަރަކާ ޚިލާފުވުމަކީ އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވުމެވެ. މިއިން އެއްވެސް އަޞްލަކުން ސާބިތުބާ ޙުކުމަކާ ޚިލާފުވުމަކީ އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުވުމެވެ. 

ތަކުރާރުކޮށް ދަންނަވައިލާން ބޭނުންވެއެވެ. ކުރީން ވެސް ދަންނަވައިލި ފަދައިން ކީރިތި ޤުރުއާނުގައި، ބައެއް ކަންކަން ވަނީ ޤަޠުޢީ (އެއިން އިތުރު މާނައެއް ނުނެގޭނެހާ ސާފުކޮށް ޝަރީޙަކޮށް ކަނޑައެޅި ބަޔާންވެގެންވާ) ގޮތެއްގައި ބަޔާންކުރައްވައިފައެވެ. އަނެއް ބައި ކަންކަމަކީ ޤުރުއާނުގައި ޞަރީޙަކޮށް ނުހުންނަ ކަންކަމެވެ. ޡަންނީ ޙުކުމްތަކެވެ. މި ބާވަތުގެ ޙުކުމްތަކުގައި އިޚުތިލާފުތަކެއް ހުރެދާނެއެވެ. މިއީ ދަންނަބޭކަލުންގެ ވިސްނުންފުޅުގައި އިޚުތިލާފުތަކެއް ހުރެދާނެ ޙުކުމްތަކެވެ. ތަފާތު ރައުޔުތައް ހުރެދާނެ ޙުކުމްތަކެކެވެ. ނަމަވެސް އެއިން އެއްވެސް ރައުޔަކީ ގޯސް ރައުޔެއްކަމަކަށް ނުބުނެވޭނެއެވެ. މިސާލަކަށް އަންހެނުންގެ ޙައިޟާއި ޠުހުރު ކަނޑައެޅުމުގައި ހުރި އިޚުތިލާފާއި އަލްޙަމްދުގައި ބަސްމަލާ ކިޔުމާއި ނުކިޔުމާއި ބާރަށް ކިޔުމާއި މަޑުންކިޔުމާއި މިފަދަ ޙުކުމްތަކާ މެދު އިޚުތިލާފު ހުއްޓަސް އެއިން އެއް ވެސް ރައުޔަކީ ބާޠިލު ރައުޔެކޭ ނުބުނެވޭނެއެވެ. ސަބަބަކީ ކޮންމެ ޢިލްމުވެރިއެއްގެ ރައުޔު ބިނާކުރައްވައިފައި ވަނީ ޝަރުޢީ ދަލީލުތަކުގެ އަލީގައި ކަމަށްވާތީއެވެ.

ޝައްކެއް ނެތެވެ. އިސްލާމީ ޝަރީޢާގެ ސާފު ނައްޞުން ޤަޠުޢީކޮށް (އެއިން އިތުރު މާނައެއް ނުނެގޭނެހާ ސާފުކޮށް ޝަރީޙަކޮށް ކަނޑައެޅި ބަޔާންވެގެންވާ) ޙުކުމްތައް ވަރަށް ގިނައެވެ. މީހުން މެރުމާއި ދޮގުހެދުމާއި އަނިޔާވެރިވުމާއި އަބުރާބެހުން ފަދަ ޢަމަލުތަކަކީ ކީރިތި ޤުރުއާނުގެ ނައްޞުން ޤަޠުޢީ ގޮތުން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މި ފަދަ ކަންކަމަކީ ކަނޑައެޅިގެން އިސްލާމް ދީނުގެ އަޞްލުތަކާއި ނައްޞުތަކާ ޚިލާފު ބޮޑެތި ފާފަތަކެވެ. ވީމާ މި ފަދަ ކަންކަމާ ޚިލާފަށް ވާހަކަދެއްކުމަކީ އެއީ އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފަށް ދެއްކޭ ވާހަކައެވެ. އެހެންވީމާ، މި ދެންނެވި ފަދަ ޙުކުމްތަކާ ޚިލާފު ވާހަކަތަކަކީ އިސްލާން ދީނުގެ ތާއުލީމާތާ ޚިލާފު ވާހަކަތަކެކެވެ. އިސްލާމީ ޝަރީޢާއާއި އިސްލާމީ ފިޤުހާ ޚިލާފު ވާހަކަތަކެކެވެ. އިސްލާމްދީނުގެ އަޞްތުތަކާ ޚިލާފު ވާހަތަކެކެވެ. އެއީ އިޖުތިމާޢީ އަޚުލާޤާ ވެސް ޚިލާފު އަދި ޤާނޫނާ ވެސް ޚިލާފު ވާހަކަތަކެއް ކަމަށް ނޫނީ ނުވާނެއެވެ. އަޅުގަނޑަށް ފެނިފައި ހުރި މަޞްދަރުތަކުގެ އަލީގައި އަޅުގަނޑަށް ދެންނެވޭން އޮތީ މިހެންނެވެ. މާޒީގެ ނަޒަރުންނެވެ.

_____________________________

ޙަވާލާ:

މުޙައްމަދު ޖަމީލު. ތަޢުލީމުއްދިޔާނާ 2

ޑރ. ޢަބްދުލްޣަފޫރު. ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (ފަންވަތް.އިންފޯ)

https://lawresearchguides.cwru.edu/

 

https://guides.library.georgetown.edu/islam/primary_sources

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ