އަދުގެ ޚާއްސަ

Print

ޤާނޫނު ހަދާ އިރު، ބަހުގެ ގޮތުން ވެސް ޤާނޫނުއަސާސީ އަޞްލަކަށް ބެލުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) 

ހުކުރު ޚުޠުބާ ފަދަ ދީނީ މުހިންމު ލިޔުންތަކާއި ރާއްޖޭގެ ޤާނޫނުތައް ފަދަ މުހިންމު ޤާނޫނީ ލިޔުންތަކާއި ޝަރުޢީ ލިޔުންތަކަކީ ކޮންމެހެން ވެސް ކުށުން ސަލާމަތްވެފައިވާންޖެހޭނެ ލިޔުންތަކެކެވެ. އެހެނީ އެންމެން އެންމެ ބޮޑަށް އިޙުތިރާމްކުރާނީ މި ފަދަ ލިޔުންތަކަށެވެ. އަދި ނަމޫނާއަކަށް ވެސް މި ފަދަ ލިޔުންތައް މީހުން ބަލާނެއެވެ. ނަމަވެސް މި ފަދަ ލިޔުންތަކުން ބަހުގެ ބައެއް ހަމައަށް ސަމާލުކަން ނުދީ ހުންނަ ތަން ފެނުމަކީ ވަރަށް ދެރަވާ ކަމެކެވެ. މި މައުޟޫޢުގެ ދަށުން މިއަދު އަޅުގަނޑު ފާހަގަކޮށްލާން މި އުޅެނީ ހަމަ އެންމެ ނުކުތާއެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މަސައްކަތު ލަފުޒަކީ ދިވެހިބަހުގައި ވެސް ވަރަށް ގިނަ ލަފުޒުތަކެކެވެ. ދިވެހިބަހުގައި މިފަދަ ލަފުޒުތަކަށް ޢާއްމުކޮށް ކިޔަނީ "އަކުރު" މިހެންނެވެ. ދިވެހިބަހުގެ ގަވާއިދުގައި އޮންނަ ގޮތުން މި ޙާލަތުގައި "އަކުރު"ގެ މާނައަކީ "އެ ބަހެއް (އެލަފުޒެއް) އެކަނި އޮންނަ އިރު ފުރިހަމަ މާނައެއް ދޭހަނުވާ، ނަމަވެސް އެހެން ބަސްތަކާ (ލަފުޒުތަކާ)އެކު ބޭނުންކުރުމުން ފުރިހަމަ މާނައެއް ދޭހަވާ ކޮންމެ ބަހެކެވެ. (ލަފުޒެކެވެ.)" މި ތަޢާރުފުގައި މިހެން އޮތް ނަމަ ވެސް މާނަ ދޭހަވާ ބައެއް "އަކުރު" ހުންނަކަން ވެސް ފާހަގަކުރެވެއެވެ.

އިސްވެ މި ދަންނަވައިލެވުނު އަކުރުތަކުގެ ތެރެއިން އެއް އަކުރަކީ "ގައި" އެވެ. ގައި ބޭނުން ކުރާ އެއް ޙާލަތަކީ ތަން ބަޔާންކުރުމެވެ. މިސާލަކަށް: އޭނާ އިނީ ކާރުގައެވެ. މަގުމަތީގައި ހިނގާން ވާނީ ދުއްވާ އެއްޗިއްސަށް ބަލައިގެންނެވެ. 

މި ފަދަ އަނެއް އަކުރަކީ "އާއި" އެވެ. މިއީ، "ކަން ރައްދުވުމުގައި އެއް ގޮތްވުމާއެކު، އެއް ނަމެއް އަނެއް ނަމަކާ ގުޅަމުން ގެންދިޔުމުގެ މާނަ ދޭހަކުރުމަށްޓަކައި" ބޭނުންކުރާ ލަފުޒެކެވެ.

މި ދެންނެވި ދެ އަކުރު ބައްދަލުވުމުން ގެންނަންޖެހޭ ނުވަތަ އަންނަ ބަދަލެއް އޮވެއެވެ. ނަމަވެސް މިހާރަކަށް އައިސް މި ބަދަލު ގިނަ މީހުން ހަނދާނެއް ނުހުރެއެވެ. ނުވަތަ ނޭނގެއެވެ. ނުވަތަ މި ކަމަށް ފަރުވާލެއް ނުބަހައްޓައެވެ. އެހެންކަމުން މި ދެ އަކުރު ބައްދަލުވާ ހިނދު ތަފާތު ގޮތްގޮތަށް ބަދަލުގެނެސްފައި ހުރެއެވެ. މުހިއްމު ރަސްމީ ލިޔުންތަކުގައި ވެސް މި ބަދަލު ގެނެސްފައި ހުއްޓަތީ ފެންނަނީ ރަނގަޅަކަށް ނޫނެވެ. ބައެއް ޤާނޫނުތަކުގައްޔާއި ހުކުރު ޚުޠުބާ ފަދަ މުހިންމު ލިޔުންތަކުގައި ވެސް މި ހަމަ ހިފަހައްޓަމުން ނާންނަކަން މިއީ ހިތާމައާއެކު ނަމަ ވެސް ފާހަގަކުރާން ޖެހޭ ހަގީގަތެކެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނީ އެންމެ މުހިންމު މަޞްދަރުކަމުގައިވާ ޤާނޫނުއަސާސީގައި މި ހަމަ ރަނގަޅަށް ބޭނުންކޮށްފައިވާކަން ވެސް އުފަލާއެކު ފާހަގަކޮށްލަމެވެ. ޤާނޫނުއަސާސީއިން ކުށް ފިލުއްވި ލިޔުންތެރީންނަށް ޝުކުރާއި ތަހުނިޔާ ވެސް ދަންނަވަމެވެ.

ދިވެހިބަހުގެ ހަމަތަކުގެ ތެރެއިން ފެންނާން ހުރި ލިޔުންތަކަށް ބަލާ އިރު، އަދި ބަހުގެ މާހިރުން ބޭޏުންކުރައްވައިފައިވާ ހަމަތަކަށް ބަލާ އިރު، "ގައި"ގެ ފަހަތަށް "އާއި" އައުމުން ބޭނުންކުރާންޖެހޭ ހަމަޔަކީ "ގައި"ގެ އަލިފުގެ އިބިފިލި ސުކުނަކަށް ބަދަލުވުމާއެކު "އާއި"ގެ ފުރަތަމަ އަލިފު "ޔާ" އަކަށް ބަދަލުކުރުމެވެ. މިސާލަކަށް" ޤާނޫނުއަސާސީގައި އާއި ޤާނޫނުގައި" މިފަދަ ތަންތަން އޮންނަން ޖެހޭނީ "ޤާނޫނުއަސާސީގައްޔާއި ޤާނޫނުގައި" މިހެންނެވެ. ނަމަވެސް ގިނަ ފަހަރަށް މީހުން ލިޔެފައި ހުއްޓައި ފެންނަނީ "ގައާއި" މިހެންނެވެ. ނުވަތަ "ގައި އާއި" މި ފަދަ ގޮތްގޮތަށެވެ. ނަމަވެސް މިއީ ރަނގަޅު ގޮތްގޮތެއް ނޫނެވެ. 

ވީމާ، "ގައި" ގެ ފަހަތަށް "އާއި" އިތުރުވުމުން އެ ދެ އަކުރު ބަދަލުވެގެން އަންނަނީ "ގައްޔާއި" މި ގޮތަށެވެ. ކިޔަން ފަސޭހައީ ވެސް މި ގޮތެވެ. އަދި ދިވެހިބަހުގެ ހަމަ ލިޔުންތަކުގައި ވެސް ހުރީ މިހެންނެވެ. ހަމަ މިފަދައިން ބަހުގެ މަޝްހޫރު އަދީބުން ބޭނުންކުރައްވައިފައި ހުރީ ވެސް މިހެންނެވެ. އަދި ޤާނޫނުއަސާސީގައި މި ހަމައާ އެއް ގޮތަށް ލިޔެފައިވާކަން ތަކުރާރުކޮށް ފާހަގަކޮށްލަމެވެ. މިސާލަކަށް ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ވެއެވެ. ".................. ގޮތުގެ މަތީން ތަޙުޤީޤުކުރުމުގައްޔާއި، ޝަރީޢަތްކުރުމުގައްޔާއި، ކުށް ސާބިތުވެގެން ޙުކުމް ތަންފީޛުކުރުމުގައި..........". ވީމާ، ރަނގަޅު ގޮތަކީ "ގައާއި" އެއް ނޫނެވެ. "ގައްޔާއި" އެވެ. "ގައި" ގެ ފަހަތަށް "އާއި" އިތުރުކުރުމުން ގެންނަންޖެހޭ ނުވަތަ އަންނަ ބަދަލަކީ މިއީއެވެ. އަދި ޤާނޫނުތައް ފަރުމާކުރުމުގައި ވެސް އަސާސަކަށް ބަލާން ޖެހޭނީ ވެސް ޤާނޫނުއަސާސީއަށެވެ. ވީމާ ޤާނޫނު ދެލިކޮޕީކުރައްވާ އަދި ޤާނޫނު ހައްދަވާ ބޭފުޅުން މި އުޞޫލަށް ޤާނޫނުތައް ބައްޓަންކުރައްވާން ސަމާލުކަންދެއްވުމަކީ އަޅުގަނޑުގެ އުންމީދެކެވެ.

______________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ