ބައްޕައަށް ހުއްޓުވޭނެ
ކަނީރު ޢަބްދުއްރަޙީމް
ސަލީމު ގެޔަށް އައީ ކުޑަކުޑަ ފިނދަނައެއް ހިފައިގެނެވެ. ވަރަށް ފޮރުވައިގެން ގިފިއްޔަށް ދެވޭތޯ ބޮނދަބޮނދައިގެން ދަނިކޮށް ދައްތަޔާ ދިމާވީއެވެ. ދައްތަ ހަމީދާއަށް އެ ދޫނި ފެނި ދެ ލޯ ބޮޑުކޮށްލައިފައި އެއްޗެއް ބުނާން އުޅުނެވެ. އެ ވަގުތު ވާހަކަ ފެށީ ސަލީމެވެ. އޭނާ މަޑުމަޑުން ބުންޏެވެ.
"ދައްތަ މި ވާހަކަ ނުދެއްކިއްޔާ ދައްތަ ބޭނުންވެގެން ބުނި އެއްކަލަ އަލަނާސި ބޮލި ދޭނަން ދައްތައަށް." އެ އަޑުއިވުމުން ހަމީދާ އަވަސްއަވަހަށް ދެކޮޅު ހޯދައި ބަލައިލިއެވެ. މަންމަ ކޮބައިތޯ ހޯދައިލިއެވެ. އަދި އަތުގެ އިޝާރާތުން ދާށޭ ބުނުމުން ސަލީމް ދިއައީއެވެ.
އެ ދުވަހު ހަމީދާއަށް އެ އަލަނާސި ބޮލި ދިނެވެ. އަދި އެގޭ ގިފިލިތެރޭ ކަނެއްގައި ހުންނަ ލަގަރިއެއްގެ ތެރޭގައި ފިނދަނަ ގެންގުޅެން ފެށިއެވެ. ދެތިން ދުވަހެއް ވެސް ނުވެ ސަލީމުގެ މަންމަގެ ލޮލުގައި ފިނދަނަ އަޅައިގެންފިއެވެ.
ސަލީމަށް ގޮވައި ގިފިލިތެރެއަށް ގެންދާން ފެށުމުން ކަންތައް ގޯސްވީކަން ސަލީމު ދެނެގަތެވެ. އެއާއެކު ސަލީމު ގޮސް ގިފިލި ތެރެއަށް ވަދެވުމާއެކު މަންމަގައިގައި ބެއްދިއެވެ. އަދި އެ މަންމަގެ ވާހަކަ ފެށުމާއެކު ސަލީމު މަންމަ ގާތުބުނަން ފެށިއެވެ. "މަންމާ ކޮންކަމެއް މަންމަ އެންމެ ބޭނުމީ؟" ދަރިފުޅުގެ މި ތަފާތު ސުވާލުގެ ސަބަބުން އެ މަންމައަށް ގަނޑުވެވުނެވެ. ސިކުނޑިއާ ހަވާލުކޮށް އެ ޖުމުލައިގެ ރަނގަޅުދޭހައަކީ ކޮބައިތޯބަލާން ބޭނުންވީތީއެވެ. އެކަމަކު އެ ވަގުތު ސަލީމު އަނެއްކާ އޭނާގެ ދެ އަތުން ކިރިޔާ އެލަވަރު ކާ މަންމަގެ ބަނޑުގައި އަލުން ކުރިއަށް ވުރެ ބާރަށް ބައްދައިލައިފައި ބުނަން ފެށިއެވެ." މަންމަ ބުނޭ! ބުނި ކޮންމެ ކަމެއް ކޮށްދޭނަން. އަޅެ ބުނެބަލަ!"
އެ މަންމައަށް ދަރިފުޅުގެ އެ ޖުމުލަ ވީ އަގުހުރި ބޮޑު ފުރުސަތަކަށް ހުޅުވައިލެވޭނެ ދޮރެއް ކަމުގައެވެ. މަންމަ ބުނެލިއެވެ. ކޮންމެ ހުކުރު-ހޯމަ ވިލޭ ރެއެއްގައި ޢިޝާ ނަމާދުގެ ކުރީން ގޭގައި ޔާސީން ސޫރަތް ކިޔެވޭނެހެއްޔެވެ.
"މިރޭ ހުކުރު، ހަމަ މިރޭ ފަށާނަން." ސަލީމު ޔަގީންކަންދިނެވެ. "އެކަމަކު މަންމަ ނުވާނެ ބައްޕަގާތު މަގޭ ފިނދަނައިގެ ވާހަކަ ބުނެގެނެއް."
"ތިޔަހެންބުނާނެކަން އެނގެޔޭ" މަންމަ ހީނލައިފައި ބުންޏެވެ.
ސަލީމު ހުކުރު-ހޯމައިގައި ގޭގައި ޔާސިން ކިޔަވަމުން ގެންދިޔައެވެ. ގިފިލި ތެރޭގައި ފިނދަނައަށް ކާންދީ ފެންދީ ހަދައެވެ. ހަމީދާ ވެސް ގިފިލި ތެރޭގައި ބައެއް ފަހަރު ފިނދަނައިގެ ހަރަކާތްތަކުން އުފާލިބިގަނެއެވެ. އެ މަންމަ ވީވަރަކުން އެ ދެކުދީންގެ ބައްޕައަށް އެ ދޫނި ނުފެންނާނެހާ ގޮތްގޮތް ހަދައެވެ.
ދެން ހަމަ އެއް ދުވަހަކު އެ ދެބެއިން ދެބެއިންނާއި ދެބަސްވީއެވެ. ރުޅިވީއެވެ. ނަތީޖާއަކަށްވީ ބައްޕަގެއަށް އައިމާ އެދޫނީގެވާހަކަ ބައްޕަ ގާތު ހަމީދާ ދެއްކުމެވެ. މަންމައަށް ވެސް އެނގޭނެކަމާއި ގިފިލީގައި ހުންނަ ލަބަރިބުރީގައި އެބަ އިން ވާހަކަ ވެސް ކިޔައިދިނީއެވެ. މަންމައަށް އެ ތަނަށް އައުދެވުމާއެކު ހަމީދާ މަޑުމަޑުން އެ ތަނުން ދިޔައީއެވެ.
އެކަމާ ބައްޕަ ވަރަށް ނުރުހުނެވެ. ހަމީދާ ދިޔަކަން ޔަގީންކޮށްފައި ވާހަކަދެއްކިއެވެ. "ތިހިރީ ކަލޭ ކުރާ ކަންތައް. ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ އެއީ ހިފައިގެން ނުވާނެ ދޫންޏެއްކަމާއި އެ ކަމަކީ ކަނޑަ އެޅިގެން ކުށެއްކަން. ނޭނގެއޭ ނުބުނާތި. މަށަށް ހަމަ ޔަގީން އެނގޭނެކަން. އަނެއްކާ ދެން އޭގެ މައްޗަށް ތިޔަ ހެދީ ވެސް ގޯހެއް. ރިޝްވަތު އަތުލީ........"
"ކޯންޗެއް؟ މަށެއްނާތުލަން އެއްޗެއް...."
"ހުކުރު-ހޯމަ ވިލޭރޭ ޔާސީން...."
"އަޅެ އެވާނެތަ ރިޝްވަތަށް؟ ނުވާނެ."
އެ ހިސާބުން މަންމަގެ އަޑުވެސް ގަދަކޮށްލިއެވެ. ކަލޭމެން ހިތަށް އެރީމާ ރިޝްވަތު. ހިތަށް އެރީމާ އެ ކިޔާ
ކަރަޕުސަން. ވަރިހަމަ! އެސޮރުގެ ފިނދަނައަށް އެއްވެސް ގޮތެއް ހަދައިގެންނުވާނެ. ހަދައިފިއްޔާ މަށަށް ވެސް ގޮތްގޮތް ހެދޭކަން އަންގައިލާނަން."
އެ ވަގުތު އެ ހުރިހާ ވާހަކަ އަޑުއަހާން ހުރި ހަމީދާ އެ ތަނަށް އައެވެ. އަދި ބުންޏެވެ. "ބައްޕަމެން ކަން ކުރައްވާ ގޮތުން ރިޝްވަތު ވެސް ކަރަޕުސަން ވެސް ގިނަ ވަނީ. ރުހޭ މީހާ ގޯހެއް ހެދިޔަސް އަޅައެއްނުލެއްވޭ. ނުރުހޭ މީހާ ހަފުސްކޮށްލައްވާނެ. މި ގޭތެރޭ މި ހިނގައި ދިޔަ ކަން ވެސް މި ވީ ގޮތް ވެސް ނިކަން ބައްލަވާ! ރިޝްވަތު ދިނީމަ ނުބައި އެވީ ރަނގަޅަށް. އަޑުގަދަކުރީމާ ބައްޕަ ތިޔަ އިންނެވީ ބިރުން. ބައްޕައަށް ކަން ނުކުރެއްވެނީ! ބައްޕަ ހުއްޓުވާން އުޅުއްވަންޏާ ހުއްޓުވޭނެ. ނޫންތޯ؟"
______________________________