www.fanvai.info

Print

ލަފުޒަކާއި އޭގެ މާނައިގެ މައްޗަށް ބަލައިލުން: ދަޖަލުސީންނާއި ދަޖަލުސީ ވާހަކަ

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

މިއީ މި ދޭތެރެއިން އަޑު އެހި ލަފުޒެއްގެ ވާހަކައެކެވެ. ލަފްޒަކީ 'ސްނޮލިގޮސްޓަރ' (snollygoster) މިއެވެ. މި ލަފްޒުގެ މާނައަކީ އެއްވެސް މަބްދައެއް، އުސޫލެއް، އެހެން ގޮތަކަށް ދަންނަވާ ނަމަ، އަޚުލާގީ މިންގަނޑެއް ނެތް، ތިމާގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތުގެ މަތިން، އޭނާގެ ވާހަކަތައް ބިނާކުރާ ސިޔާސީ މީހާއެވެ. މި ލަފްޒުގެ އަސްލު ހޯދައިލާން ކުރި މަސައްކަތުން އެނގުނު އެއްޗަކީ މީގެ އަސްލު އައިސްފައިވާ ގޮތް މާ ސާފުނޫންކަމެވެ. ލަފާކުރެވެނީ މީގެ އަސްލު ގުޅެނީ 'ރޫހު'އާ ކަމެވެ. އާދޭހެވެ! އެއީ ހަލުވިކަމާއެކު ހަރަކާތްތެރިވާ އެއްޗެކެވެ. މި ދެންނެވި ފަދަ ސިޔާސީ ވެރިންނަކީ ކަންކަމާ ދޭތެރޭ އެ މީހުން ދެކޭ ގޮތް، އެމީހުންގެ މަސްލަހަތު ނިޔާކުރާ ގޮތުން ވަރަށް އަވަސްއަވަހަށް ބަދަލުކުރާ ބަޔަކަށް ވުމުން، އެ މީހުން ދެކޭ ގޮތް ރޫހެއް ހަރަކާތްތެރިވާ ގޮތަށް، އެއްވެސް ހިފެހެއްޓުމެއް ނެތި ހަރަކާތްތެރިވާތީއެވެ.

މި ލަފުޒަށް ދިވެހި ލަފްޒެއް ހެދޭތޯ ވެސް މަސައްކަތްކޮށްލީމެވެ. ހިތަށް އައީ 'ދަޖަލުސީ' މި ލަފުޒެވެ. ދަޖަލުސީ ނެގިފައިވަނީ ދެ ލަފުޒަކުންނެވެ. 'ދަޖަލުކުރުން' މި ލަފުޒާއި 'ސިޔާސީ'، މި ދެ ލަފުޒުންނެވެ. ދަޖަލުކުރުމުގެ މަގުސަދަކީ ފަހަރެއްގައި ވެސް ހައްގާ ހަމައަށް ވާސިލުވުމެއް ނޫނެވެ. އެކަމުގެ މަގުސަދަކީ، ހަގީގަތަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތި، ތިމާ ދެކޭ ގޮތް އެއީ ރަނގަޅު ގޮތް ކަމަށް ހަދަން ކޮންމެ ފަދަ ވާހަކައެއް ވެސް ދެއްކުމެވެ. ނަތީޖާއަކީ ކަންކަން ސާފުވުމެއް ނޫނެވެ. ހައްގު ގޮތް އެނގުމެއް ނޫނެވެ. ހައްގާ ހަމައަށް ވާސިލުވުމެއް ނޫނެވެ. ކަންކަން އިތުރަށް އޮޅުންބޮޅުންވުމެވެ. އާދެ، 'ދަޖަލު'ވުމެވެ. އެއްބައި އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، 'ދައްޖާލު' (މި ނަމުން) އިޝާރަތްކުރަނީ މި ފަދައިން ހަގީގަތް އޮޅުވައިލާ މީހަކަށެވެ. ފަހު ޒަމާނުގައި 'ދައްޖާލުން' ހަގީގަތް އޮޅުވައިލައިގެން ވާހަކަތައް ދައްކާ މީހުން އިތުރުވާނޭ ކަމެވެ.

ކޮންމެ އަކަސް، އަދުގެ ސިޔާސީ މަސްރަހުން މުޅިން ހެން ވެސް މި ފެންނަނީ 'ސޮނޮލިގޮސްޓަރު'ންނެވެ. ދައްޖާލުވެރި ސިޔާސީ މީހުންނެވެ. އާދޭހެވެ! ދަޖަލުސީންނެވެ. ބޭނުމަކީ ކަންކަމުގެ ހަގީގަތް ހޯދުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދައިފައި ނަމަ ވެސް ތިމާ ދެކޭ ގޮތް ރަނގަޅުކުރުމެވެ. މިކަމަކާ ގުޅޭ ކުޑަ ވާހާކައެއް ލިޔެލާނަމެވެ.

ކުރިމަތީން، ތަންކޮޅެއް ދުރުން އޮތް ފެންގަނޑެއްގެ ކައިރީގައި ކޮންމެ ވެސް އެއްޗެއް އޮތް ތަން، މަގުމަތިން ހިނގަމުން ދިޔަ ދެ މީހުންނަށް ފެނުނެވެ. ދެމީހުން ކުރެ އެކަކު ބުނީ އެ ފެންގަޑު ކައިރީގައި އޮތީ ބުޅަލެއް ކަމެވެ. އަނެކަކު ބުނީ އެ ތާނގައި އިނީ ދޫންޏެއް ކަމެވެ. ކޮންމެ އަކަސް މި މައްސަލައިގައި އެކަކު އަނެކަކާ ޒުވާބުކުރަމުން، ކޮންމެ މީހަކު ވެސް އޭނާގެ ގޮތް ދިފާއުކުރަމުން ފެންގަނޑާ ކައިރިވަމުން ދިޔައެވެ. އަދި، ފެންގަނޑާ އަރައި ހަމަވުމުން، ފެންގަޑުން ފެންބޯން އިން ދޫނި އުދުއްސައިގަނެ، އުދުހިގެން ހިނގައްޖެއެވެ. މިހިސާބުން، ފެންގަނޑުގައި އޮތީ ބުޅަލެއް ކަމަށް ދައުވާކުރި މީހާ ބުންޏެވެ. "އުދުހިފައި ދިޔަ ކަމުގައި ވިޔަސް އެއީ ބުޅަލެކެވެ!"

އާދޭހެވެ! އަދުގެ ބަހުސުތަކުގައި، ސިޔާސީ ވިޔަސް، އަދި، ބައެއް ފަހަރު ސިޔާސީ ނުވިޔަސް، ފެންނަނީ ދަޖަލުސީން ދަޖަލުސީކޮށް ވާހަކަދައްކާ ތަނެވެ. ކޮންމެ މީހަކުވެސް އެމީހަކު ދެކޭ ގޮތް، ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ދިފާއުކުރަން އުޅޭ ތަނެވެ. ހަގީގަތް އެއް ފަރާތްކޮށްލައިފައެވެ. ދެ މިސާލު ލިޔެލާނަމެވެ.

ފުރަތަމަ މިސާލު ގުޅެނީ މިހާރު އެންމެ ހޫނު ވާހަކަ ކަމުގައިވާ 'އިންޑިޔާގެ ސިފައިން' ރާއްޖޭގައި ތިބުމުގެ މައްސަލައާއެވެ. އެކަމަކީ ގައުމުގެ ސިޔާދަތާއި މިނިވަންކަމާ ފުށުއަރާކަމެއް ކަން ފާހަގަކުރެއެވެ. އަނެއް ބަޔަކު އެންމެ ފުރަތަމަ މިއީ ހަގީގަތެއް ނޫންކަން އިއުލާނުކުރިއެވެ. އާދޭހެވެ! އުދުހިފައި ދިޔަކަމުގައި ވިޔަސް، އެއީ ބުޅަލެކޭ ބުނާފަދައިންނެވެ. ދެން، މިހެން ބުނެވުނުކަން ހަނދާނުން ފިލައި ދިޔައެވެ. ދެން ފެނުނީ އިންޑީޔާގެ 'ހިލޭ' އެހީތަކުގެ ވާހަކައެވެ. މި ހިލޭ އެހީއަކީ ހިލޭ އެއްޗަކަށް ނުވިކަމުގައި ވިޔަސް ވެހެވެ. ރާއްޖެއިން ގަނެގެން ގެނައި އެތައް ޓަނުގެ ކާޑުވެސް އެއީ ހިލޭ ލިބުނު އެއްޗެއްކަމުގައި ވިޔެވެ. ނަމަވެސް، ސަރުކާރުން މި ކާޑު އާންމުންނަށް ވިއްކި ކަމެއް ހަނދާނެއް ނެތެވެ. ހިލޭ ލިބުނު އެއްޗެއް އެންމެނަށް ނުބެހުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. މިކަހަލަ ދަޖަލުސީ އެތައް ވާހަކަތަކެވެ.

އަނެއް މިސާލު ގުޅެނީ ޅެމެއްގެ އޮތް އިބާރާތަކާ ބެހޭ ގޮތުން، ދެކެވުނު ވާހަކައަކާއެވެ. އެކަކު ޅެންވެރިޔާގެ އިބާރަތް އޮތީ ނުރަނގަޅުކޮށް ކަން ފާހަގަކުރިއެވެ. ދެން، އިބާރާތުގެ މައްސަލައެއް ނެތްކަމާއި އަދި އެ އޮތީ ވަޒަނަށް ފެތޭ ގޮތަށްކަމަށް ބުނުމުން، މިއިން ކަމަކަށް ބެލުމެއް ނެތި، ހަމަ ފެނުނީ އުދުހިފައި ދިޔަކަމުގައި ވިޔަސް އެއީ ބުޅަލަކަށްވާ ފަދައިން ދަޖަލުސީ ވާހަކަތަކެއް ދެއްކި ތަނެވެ. މައްސަލާއާ ނުގުޅޭ ވާހަކަތަކެކެވެ. އާދޭހެވެ! އަނެއްކާ ވެސް ދަޖަލުސީންގެ ދަޖަލުސީފަދަ ވާހަކަތަކެކެވެ!

______________________________

 

www.fanvai.info