އަދުގެ ޚާއްސަ

Print

ހެޔޮ ބަދަލެއް؟!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މީލާދީ ސަނަތުން 1980ގެ އަހަރުތަކުގެ ތެރޭގައި ނުވަތަ 1990 ގެ ކުރީކޮޅުގެ އަހަރުތަކުގައި އަޅުގަނޑަށް ފާހަގަކުރެވުނީ މާލޭ ހޮތާތަކުގައި ވެއިޓަރުންގެ ގޮތުގައި މުޅިން ވެސް ދިވެހި ޒުވާނުން ހަރަކާތްތެރިވަމުން ދިޔަ ތަނެވެ. އޭރު ބިދޭސީންނަކީ މާ ގިނައިން އެ ފަދަ މަސައްކަތުގައި ޙަރަކާތްތެރި ބަޔެއް ނޫނެވެ. އޭރު ބިދޭސީން އެހާ ގިނައެއް ވެސް ނޫނެވެ. ބިދޭސީން އޭރު ޙަރަކާތްރިވަނީ ފަންނީ އެކިއެކި މަޤާމުތަކުގައި އެކަންޏެވެ. ޓީޗަރުންނާއި ޑަކުޓަރުން ފަދަ މަޤާމުތަކުގައެވެ. ނަމަވެސް ފަހަކަށް އައިސް އާދައިގެ ވަޒީފާތައް ވެސް އެއީ ބިދޭސީ ވަޒީފާތަކަކަށް ބަދަލުވިއެވެ. ކުރިޔަށް ވުރެ ރަނގަޅު އާމްދަނީ ލިބޭނެ އެހެން މަގުތައް ދިވެހީންނަށް ފަހިވީ ކަމަށް ވެސް ވެދާނެއެވެ. އިޤުތިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުން ލިބުމުން ވާ ގޮތެއް ކަމަށް މީހުން ކިޔާތީ އަޑު އިވުނެވެ. އެ ކަމާ އެއްޗެކޭ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ.

ކޮންމެއަކަސް ދެހާހުގެ އަހަރުތަކުން ފެށިގެން ބިދޭސީން މާލެއަށް އިތުރުވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ހަލުވި މިނެއްގައެވެ. އާދައިގެ ހުރިހާ މަސައްކަތަކީ ބިދޭސީންގެ މަސައްކަތްތަކަކަށް ބަދަލުވިއެވެ. ވޭޓަރުކަމާއި ފިހާރަތަކުގައި މަސައްކަތްކުރާ މީހުންނާއި ޢިމާރާތްކުރުން ފަދަ، ދަނޑު ހެއްދުން ފަދަ މަސައްކަތް ހުރިހާ މަސައްކަތްތަކަކީ ބިދޭސީންގެ މަސައްކަތްތަކަށް ބަދަލުވިއެވެ. މި ގޮތަށް ބިދޭސީން ގިނަވެގެން އައި އައުމުގައި، އަމިއްލައަށް ތަފާތު މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދާން އުޅޭ ބިދޭސީން ވަރަށް ބޮޑަށް އިތުރުވިއެވެ. އެއީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަމަށް ކިޔާ އަޑުއިވެއެވެ. އެ ފަދަ މީހުންނާ ޙަވާލުވާނޭ މީހެއް ނުތިބެޔޯލައެވެ. ނަމަވެސް އެ މީހުން ވެސް ރާއްޖެއަށް އެތެރެވާނީ ހަމަގައިމު ވެސް ކޮންމެވެސް އުޞޫލަކުން ކޮންމެވެސް ބަޔެއްގެ އެހީގައި ކަމަށް ފެނެއެވެ.

މި ދެންނެވި ފަދަ "ގަވާއިދާ ޚިލާފަށް އުޅޭ މީހުން" އާމަދަނީ ހޯދާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ގެންދެއެވެ. ދުވަހު މުސާރައަށް މަސައްކަތްކުރާން ތައްޔާރަށް ތިބޭ ބަޔަކާއި މީހުންގެ ވެހިކަލްތައް ފޮހެދޭ މީހުންނާނީ ބޯކަރުދާސް ފޮށި ވިއްކުމާއި ކުނި އުކައި ދިނުން ފަދަ ތަފާތު މަސައްކަތްތައް މުޅިން ވެސް ކުރަމުން ގެންދަނީ ބިދޭސީންކަމަށް ފާހަގަކުރެވެއެވެ. ބާޒާރުމަތީގައި ފިހާރަތަކުން މުދާ ހުސްކުރާ ކަރުދާޙު ހުސްފޮށި އެއްކޮށްގެން އެ ފަދަ ތަކެތި މީހުންނަށް ވިސްކުމާއި، އުތުރު ބަދަރުގެ ބޯޓުފަހަރަށް މީހުން ގެންދާ މުދާ ބޯޓާ ހަމައަށް ގެންގޮސްދިނުން ފަދަ މަސައްކަތްތައް އެ މީހުން ގެންދިޔައީ ކުރަމުންނެވެ.

ނަމަވެސް ފަހަކަށް އައިސް މި މަންޒަރަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. އަޅުގަނޑު މި އުޅެނީ މި ވާހަކަ ދަންނަވައިލާށެވެ. ދަންބެރަށްވުރެ ތަގުޑި ދިގުވީއެވެ. މާފުކުރެއްވުން އެދެމެވެ. މިއީ އުފާވެރި ކަމެކޭ ނުވަތަ ހިތާމަވެރި ކަމަކޭ ދަންނަވާކަށް ނޫނެވެ. އެކަން ނިންމަވާނީ ތިޔަ ބޭފުޅުންނެވެ. މި ލިޔުން ވިދާޅުވާ ބޭފުޅުންނެވެ. އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަމެއްގެ ވާހަކަ ދަންނަވައިލާން ބޭނުންވީއެވެ. 

ބާޒާރުމަތީގައި، ބަދަރުމަތީގައި ކަރުދާހު ފޮއްޓާއި ޓޭޕްރޯލު ހިފައިގެން މީހުން ގަންނަ މުދާ ބަންދުކޮށްދޭން، ބިދޭސީންގެ ބަދަލުގައި ދިވެހި ޒުވާނުން ޙަރަކާތްތެރިވާ މަންޒަރު ފެނުމަކީ އަޅުގަނޑަށް ހައިރާންކަން ލިބުނު ކަމެކެވެ. ފަތްޖަހައިފައި ހުރި ކަރުދާހު ފޮށިގަނޑުތަކެއް ކައިރިއަށް އޭގެ ފޮށިގަނޑެއް ގަނެލާން ކަމަށް ހީކޮށް ކައިރިއަށް ޖެހިލި ވަގުތު ދިވެއްސަކު އައިސް "ބޭނުމީ ކޮން ސައިޒެއްގެ ފޮއްޓެއްތޯ" ސުވާލުކޮށްލިއެވެ. ކުޑަ ސައިޒެކޭ ބުނެލުމުން ފޮށިގަނޑު ދައްކައިލުމަށްފަހު، "އަޅުގަނޑު ބަންދު ވެސް ކޮށްދެމޭ" ބުނެލިއެވެ. އެއީ ބިދޭސީއެއް ނޫނެވެ. ހަމަ ދިވެހި ޒުވާނެކެކެވެ. އަޅުގަނޑު ބަންދުކުރާން ބޭނުމެއް ނޫނޭ ބުނެ 20 ރުފިޔާއަށް ފޮށިގަނޑެއް ގަނެލައިގެން އެ ދުވަހު ދިޔައީއެވެ.

އެހެން ދުވަހަކު ބަނދަރުގައި އޮތް ބޯޓަކަށް ފޮށިގަނޑެއް އަރުވާން އަޅުގަނޑު ސައިކަލުގައި ގޮސް މަޑުކޮށްލި ވަގުތު ޒުވާނަކު އައިސް ބުނެފިއެވެ. އަޅުގަނޑު ގެންގޮސްދެންތޯއެވެ؟ އަޅުގަނޑު ވެސް ފޮށިގަނޑު ބަރު ވެސް ވީމަޔާއެކުގައި 10 ރުފިޔާއަށް ވިއްޔާ އެންމެ ރަނގަޅޭ ބުނެ އޭނަޔާ ޙަވާލުކޮށްލީމެވެ. ފޮށިގަނޑު ހިފައިގެން ބޭރު ތޮށީގައި އޮތް ބޯޓަކާ ހަމައަށް ހިނގައިފައި ދަމުން އަޅުގަނޑު އެނަޔާ ވާހަކަދައްކައިލީމެވެ. ރަށް ވެސް އޮޅުން ފިލުވީމެވެ. އޭނާގެ ރަށް ވެސް ބުންޏެވެ. މިއީ މިހާރު އާމްދަނީ ހޯދާން ކުރާ މަސައްކަތްތޯ އެހީމާ، ކުރީން ރިސޯޓެއްގައި އުޅެފައި ވަޒީފާ ގެއްލުނީމާ މިހާރު އާމްދަނީ ހޯދާން ކުރަނީ މި މަސައްކަތްކަމަށް ބުންޏެވެ. ކޮންމެވެސް މަސައްކަތެއް ކުރާންޖެހޭނެތާއެވެ. ރަނގަޅު ވާހަކައެކެވެ. އާމްދަނީއެއް ލިބޭނެ ކޮންމެވެސް މަސައްކަތެއް ކޮންމެ މީހަކު ވެސް ކުރާންޖެހޭނެއެވެ.

މިއީ އެއް ގޮތަކުން ބަލާއިރު، ރަނގަޅު ބަދަލެކެވެ. ބިދޭސީންގެ އަތްމަތީގައި އޮތް މިފަދަ ކިތަންމެ ކަމެއް ދިވެހި ޒުވާނުންގެ އަތްމައްޗަށް އައުމަކީ އިޖުތިމާޢީ އޮތުންނާއި އިޤުތިޞާދީ ގޮތުން ވެސް ރަނގަޅު ބަދަލެއް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް އަނެއް ކޮޅުން ބަލާ އިރު، މި ކަމުން ދައްކައިދެނީ އާމްދަނީ ހޯދާނެ މަގުތައް ބަންދުވެ، ޒުވާނުން ހާލުގައި ޖެހި ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި މި ފަދަ އާދައިގެ މަސައްކަތްތައް ކުރާންޖެހިފައިވާކަމެވެ.

ކޮންމެ ގޮތަކަށް މާނަކުރެވުނަސް، ދިވެހި ޤައުމުގައި ކުރާންޖެހޭ ކޮންމެ މަސައްކަތެއް ކުރާން ދިވެހީން ތިބުމަކީ ޤައުމުގެ އަމާންކަމަށްޓަކައި މުހިއްމު ކަމެކެވެ. އަޅުގަނޑުމެން ކުދި އިރު، ދިވެހީން މާލެ ފައިބައި މަސައްކަތް ހޯދަނީ "ޕޯޓް ކޮމިޝަނުން"ނެވެ. ދެން "ޝިޕިންގ ޑިޕާޓްމެންޓުން"ނެވެ. އަދި "މަގުހަދާބައި"ގެ މަސައްކަތެވެ. އަނެއް ބަޔަކު އުޅެނީ ހޮޓާތަކުގެ ކައްކާއިންނަށާއި ސައިގިރުމުގެ މަސައްކަތުގައެވެ. އަދި ވެއިޓަރުންނަށެވެ. ފިހާރަތަކުގެ ސޭޓުންނަށާއި މިނެކިރާ މީހުންނަށެވެ. މިއިން ކޮންމެ ވަޒީފާއަކީ ވެސް އޭރު ދިވެހީން ބޭނުންވެގެން އެކަމަށް އެދިއެދި ތިބޭ ވަޒީފާތަކެކެވެ. މި ފަދަ ހުރިހާ ވަޒީފާތަކެއް ވެސް އަލުން ދިވެހީންގެ އަތްމައްޗަށް އައުމަކީ ދިވެހި އިޤްތިޞާދާއި ދިވެހީންގެ އިޖުތިމާޢީ ޙާލަތާއި ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. ކޮންމެއަކަސް އަޅުގަނޑަށް މި ތަޖުރިބާކުރެވުނު ޒުވާނުންގެ މަސައްކަތްތަކީ ހެޔޮ ބަދަލެއްގެ ފެށުމަށް ވުމަކީ އަޅުގަނޑުގެ އުއްމީދެވެ. ހުއްދަ ޙަލާލު ކޮންމެ މަސައްކަތަކީ ވެސް ހަމަ އަބުރުވެރި މަސައްކަތެއް ކަމުގައި ދިވެހީންނަށް ގަބޫލުކުރެވުމަކީ ވެސް ހެޔޮ ބަދަލެކެވެ.

_____________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ