އަދުގެ ޚާއްސަ

Print

ގުސްތަރުތަ، ނޫނީ ދަޖަލުސީތަ؟ ރީތީ ކޮން ލަފުޒެއް؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދަޖަލުސީއާއި ގުސްތަރަކީ ވެސް ދިވެހިބަސްފޮތުން އަދި ޖާގަލިބިފައި ނެތް ދެ ލަފުޒެވެ. ނަމަވެސް މިއީ މި ރާއްޖޭގައި އެންމެ ގިނައިން ފެންނަ ވައްތަރެކެވެ. އެހެންވީމާ މި ލަފުޒު ނުވަތަ މި ދެ ލަފުޒު އެންމެންނަށް ވެސް އެނގޭން އެބަޖެހެއެވެ. ބޭނުންކުރާން އެބަޖެހެއެވެ. މި ލަފުޒު ބޭނުން ނުކޮށް ލިޔާން އުނދަގުލެވެ. އެހެނީ އެންމެ ގިނައިން އިވެނީ މި ބާވަތުގެ ވާހަކަތަކެވެ. ފެންނަނީ މިބާވަތުގެ މީހުންނެވެ. މިއީ މުނާފިޤުންނާ ތިމާގެ ބަޔެކެވެ. މި ލަފުޒަކީ ނިފާޤީ ވާހަކަތަކާ ތިމާގެ ލަފުޒެކެވެ. އާދޭހެވެ! ފެންނަނީ ގުސްތަރު ޢަމަލުތަކެވެ. އިވެހީ ދަޖަލުސީ ވާހަކަތަކެވެ. ފެންނަނީ ބައްދަލުވަނީ މި ބާވަތުގެ މީހުންނާއެވެ.

ގުސްތަރު ނުވަތަ ދަޖަލުސީއަކީ ވެސް ނަމެއްގެ ގޮތުގައްޔާއި ނަންއިތުރެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ ލަފުޒެކެވެ. މި ލަފުޒުގެ މާނަ އޮޅުންފިލުވައިދެވޭތޯ އަޅުގަނޑު މީގެ ކުރީން ޅެމެއް ވެސް ހަދައިފައި އޮންނާނެއެވެ. މި ޅެން "އަދިވެސް"ގެ ޅެންހަރުން ފެންނާން އެބަ އޮތެވެ. އެ ޅެމުގައި އަޅުގަނޑު ބަޔާންކޮށްދެވޭތޯ ބަލައިފައިވާނީ ދަޖަލުސީގެ ތަޢާރުފެކެވެ. ހަމައެކަނި ނަމެއްގެ ގޮތުގައެވެ. ނަމަވެސް މި ލަފުޒަކީ ނަންއިތުރެއްގެ ގޮތުގައި ވެސް ލިޔުންތެރީންނާއި ޅެންވެރީންނަށް ބޭނުންފުޅުކުރެއްވިދާނެ ލަފުޒެކެވެ. އަޅުގަނޑު އަނެއްކާ ވެސް މި މަސައްކަތް ކުރަނީ މި ލަފުޒުގެ ތަޢާރުފެއް ތިޔަ ބޭފުޅުންނަށް އެރުވޭތޯއެވެ. ނަމަވެސް މިފަހަރު ވަޒަން ބަހުރުވައަކުންނޫނެވެ. ނަޒުމަކުންނޫނެވެ. އެކަމަކު ޢިބާރާތުންނެވެ. ނަސަރުންނެވެ.

ގުސްތަރެއް ނަމަ، ޙައްޤު އޮތްތާ އޮތް ގޮތަށް ބާއްވައި، އެ މީހަކު ބޭނުންވާ ގޮތް އެއީ ޙައްޤުކަމަށް ވަކާލާތު ކުރާނެއެވެ. އަދި ކިތަންމެ ބޮޑު ދޮގެއް ހަދާންޖެހުނަސް ޖެހިލުމެއް ނުވާނެއެވެ. ޤައުމަށް ކިތަންމެ ނުރައްކަލެއް ކުރިމަތި ވިޔަސް، އަދި އިޤުތިޞާދީ ގޮތުން އިނދަޖެހުނަސް އެކަން އޮޅުވައިލާން މަސައްކަތްކޮށް އެތައް ދޮގުތަކެއް ހަދާނެއެވެ. އެ މީހުން ބަލާނީ އެ މީހުންނާއި ޢާއިލާގެ މެންބަރުންނާއި ރައްޓެހީންނަށް މާލީ ފައިދާއެއް ވާނޭ ގޮތަކަށެވެ. އެ މީހުންގެ ޖިބުތައް ފުރައިލާނޭ ގޮތެއް ހޯދޭތޯއެވެ. ޙަރާމެއް ހަލާލެއް ނުބަލައެވެ. ޤައުމުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ސިޔާދަތު ވެސް އެ މީހުން ފައިސާއަށް ވިއްކައިލާކަށް ޖެހިލުމެއް ނުވާނެއެވެ. އެ މީހުންގެ ޖީބަށް ބަރުވާނަމަ މައްސަލައެއް ނެތެވެ. 

މި ފަދަ މީހުންނަށް މުހިއްމުވާނީ ހަމައެކަނި އޭނާގެ މުދާވެރިކަމާއި ތަނަވަސްކަމާއި ފައިސާވެރިކަން (ވަގުތީ ގޮތުން ނަމަވެސް) ކުރިއަރާނޭ ގޮތެކެވެ. މުސްތަގުބަލުގައި ގައުމަށް ވެދާނޭ ގޮތަކަށް ވިސްނައެއް ނުލާނެއެވެ. އެ މީހުންނަކީ މުސްލިމު ނަމެއް ކިޔަސް އިސްލާމް ދީނަށް ކުޑަ ވެސް ޙުރުމަތެއް ބަހައްޓާ ބަޔެއް ނޫނެވެ. އިސްލާމް ދީނަށް ބަޔަކު ހަޖޫ ޖެހިޔަސް އެކަމާ އަސަރެއް ނުކުރާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވޮޑިގެންވުމާމެދު ޝައްކު އުފައްދާން މަސައްކަތްކުރިޔަސް އަދި ކައު ރަސޫލާއަށް ހަޖޫ ޖެހިޔަސް ކާޓޫނު ކުރެހިޔަސް އެ މީހުން ސަރަމެކޭ ވެސް ހިތަކަށް ނާރާނެއެވެ. ލަދެއް ބިރެއް ނުހުންނާނެއެވެ. ޤައުމިއްޔަތަކީ ދަންނަ އެއްޗަކަށް ނުވާނެއެވެ. ދީނަކީ އެ މީހުންގެ ނަޒަރުގައި ޚިޔާލީ ފަލްސަފާއެއް ފަދައެވެ.

މި ދެންނެވި ފަދަ ގުސްތަރުން ނުވަތަ ދަޖަލުސީއިންނަކީ ނުވަ ވަނަ ހަސަން ރަސްގެފާނު ފަދައިން ޤައުމަށް ކުލުނެއް ނުބަހައްޓާ، އަދި އިސްލާމް ދީނަށް ޙުރުމަތެއް ނުބަހައްޓާ ބަޔެކެވެ. އެ މީހުންނަށް ފައިސާ ކޮޅެއް ދީފިއްޔާ އަޑިއަޑީން ޤައުމުގެ ސިޔާދަތު ވިއްކައިލާކަށް ކުޑަ ވެސް ޖެހިލުމެއް ނުވާނެއެވެ. ކިރިޔާ ފުރުޞަތެއް ލިބުނަސް އެ މީހުން ކުރާނީ އެކަމެވެ. އާދޭހެވެ! ދީނާއި ޤައުމަކަށް އެ މީހުންގެ ހިތުގައި ކުޑަވެސް ޤަދަރެއް ނޯންނާނެއެވެ. އެ މީހުންނަށް މުހިއްމުވާނީ ހަމައެކަނި ފައިސާއެވެ. ދުނިޔޭގެ  ޖާހެވެ. އާރާއި ބާރެވެ.

މި ވައްތަރުގެ މީހުން ފެންނަނީ ވަކި އެއް ދާއިރާއަކުންނެއް ނޫނެވެ. ހަމައެކަނި ސިޔާސީ ދާއިރާއަކުންނެއް ނޫނެވެ. ދީނީ ތާޖުއަޅައިގެން ވެސް މި ބާވަތުގެ މީހުން އުޅުމަކީ މީގެ އެންމެ ނުރައްކާތެރިކަން ބޮޑުވާ ކަމެވެ. އެ މީހުންގެ އެދުމާ އެއް ގޮތަށް މި ފަދަ މީހުން ފަތުވާ ދޭނެއެވެ. ހަގީގަތް އޮތްތާ އޮންނާނީއެވެ. އެ މީހުން ތާއީދުކުރާ މީހުން އިސްލާމް ދީނަށް ފުރައްސާރަ ކުރިޔަސް އެއީ ގަސްތުގައި ކުރި ކަމެއް ނޫންކަމަށް ބުނެ އެ މީހުންގެ ޙިމާޔަތުގައި ތެދުވާނެއެވެ. އެ ފަދަ ލާދީނީ މީހުންނަށް ޙިމާޔަތާއި ޢިނާޔަތް ދިނަސް އެއީ އެ މީހުންގެ ނަޒަރުގައި މައްސަލައެއް ނޫނެވެ. އަދި އެ ކަމުގެ ދިފާޢުގައި ވަކާލާތު ވެސް ކުރާނެއެވެ. އެ މީހުން ތާއީދުކުރާ މީހުން ކުރާ މުންކަރާތްތަކާއި ދައްކާ ލާދީނީ ވާހަކަތަކާއި ނިރުބަވެރި ވާހަކަތަކަށް ދޭނީ ބީރު ކަންފަތެކެވެ. ތިބޭނީ ހަނުއެވެ. ނަމަވެސް އެ މީހުން ތާއީދުކުރާ މީހުން ނޫން އެހެން ބަޔަކު، މި ފަދަ ކަމެއް ކޮށްފި ނަމަ، ނުވަތަ މި ފަދަ ވާހަކައެއް ދައްކައިފި ނަމަ، ހީވާނީ ޤިޔާމަތެއް ޤާއިމުވަނީހެންނެވެ. އަދި މިފަދަ މީހުން ގަބޫލުކުރާ، ދީނީ ކުދިކުދި ފަރުޢީ ކަންކަން ވެސް ވާޖިބެއްހައި ބޮޑުކޮށް މީހުންނަށް ވިސްނައިދޭން މަސައްކަތްކުރާނެއެވެ. އެ މީހުންގެ ގޮތް ގަދަކުރުމަށް ޓަކައި، މަރުދޫދު ޙަދީސާއި ޟަޢީފު ޙަދީސުން ވެސް ދަލީލުދައްކާނެއެވެ. އެ މީހުންގެ ރައުޔާ އިދިކޮޅަށް ހުންނަ ޙަދީސުތައް އިހުމާލުކޮށްލާނެއެވެ. އެއީ މުތަވާތިރު އަދި ޞަޙީޙު ޙަދީސެއް ވިޔަސް ފަރުވާލެއް ނުބަހައްޓާނެއެވެ.

އަދަބީ ދާއިރާގައި ވެސް އަދި ނޫސްވެރިކަމުގެ ދާއިރާގައި ވެސް މިބާވަތުގެ މީހުން އުޅެއެވެ. މީހަކު ކިތަންމެ ހެތްކެއް ދެއްކިޔަސް ޢިލްމީ ގޮތުން ކިތަންމެ ބުރަދަން ހުރި ވާހަކައެއް ދެއްކިޔަސް އޭނާ ގަބޫލުކުރާ ގޮތް ކުރިއަށް ނެރޭން ވަކާލާތުކުރާނެއެވެ. ހަގީގަތް އެނގުނަސް ހަގީގަތް ފޮރުވައި އޮޅުވައިލައިގެންނެވެ. މި ފަދަ މީހުން ހެކި ދައްކާން ބޭނުންކުރާނީ އެ މީހުން ވަކާލާތުކުރާ ގޮތަށް ރައުޔު ދީފައި ހުންނަ މީހުންގެ ނަންތަކެވެ. ބުނެފައި އޮތް އެއްޗެއްގެ ހަރުދަނާ ކަމަކަށް ދޯދިޔާ ކަމަކަށް ނުބަލާނެއެވެ. 

އާދޭހެވެ! ގުސްތަރުންނަކީ ނުވަތަ ދަޖަލުސީންނަކީ ޙައްޤު ފޮރުވައި، ހަގީގަތް އޮތްތާ އޮތް ގޮތަށް ބާއްވައި، އެތައް ދޮގުތަކެއް ހަދައި، އެ މީހުންގެ އަމިއްލަ އެދުމަށްޓަކައި އެ މީހުންގެ ގޮތް އެއީ ހައްޤުކަމަށް ހަދާން ދޮގުތައް ހަދާ މީހުންނެވެ. އެ ގޮތަށް ވަކާލާތުކުރާ މީހުންނެވެ. އެ މީހުންނަށް ދީނެއް، ގައުމެއް މުހިއްމެއް ނުވާނެއެވެ. އެ މީހުންނަށް މުހިއްމުވާނީ ކުރީން ވެސް ދެންނެވި ފަދައިން މާލީ ތަނަވަސްކަމެވެ. ޖާހެވެ. އާރާއި ބާރެވެ. ޝާނާއި ޝައުކަތެވެ. ޙައްޤެއް ބާޠިލެއް އެ މީހުންނެއް ނުބަލާނެއެވެ. މި ކަމަށްޓަކައި އެ މީހުން ދައްކާނީ ގުސްތަރު ވާހަކައެވެ. ނުވަތަ ދަޖަލުސީ ވާހަކައެވެ. އެ މީހުންނަކީ ގުސްތަރުންނެވެ. ނުވަތަ ދަޖަލުސީންނެވެ. 

މި ދެ ލަފުޒު ވެސް ބޭނުންފުޅުކުރެއްވިދާނެއެވެ. ބޭނުންފުޅުކުރައްވާންވީއެވެ. މުސްތަޤުބަލާއި ކުރިމަގު ވެސް ބޭނުންކުރާ ފަދައިން އެއް މާނައެއް ދޭހަވާ ގޮތަށް ދެ ލަފުޒު އޮތުމަކީ މުއްސަނދި ކަމެކެވެ. ޅެންވެރީންނަށް ވެސް ފަހިވާނޭ ކަމެކެވެ. އެ މީހަކު ހިތާވާ ލަފުޒެއް ބޭނުންކުރެވިދާނެތާއެވެ. މި ދެ ލަފުޒުގެ މާނަ ވެސް ކުރީން މި ދަންނަވައިލީއެވެ. އެއީ ޙައްޤު ފޮރުވައި، ހަގީގަތް އޮތްތާ އޮތް ގޮތަށް ބާއްވައި، އެތައް ދޮގުތަކެއް ހަދައި، އެ މީހުންގެ އަމިއްލަ އެދުމަށްޓަކައި އެ މީހުންގެ ގޮތް އެއީ ހައްޤުކަމަށް ހަދާން ދޮގުތައް ހަދައި މީހުންނަށް އޮޅުވައިލާ މީހުންނެވެ.

މި ދެ ލަފުޒުގެ ތެރެއިން "ގުސްތަރު" ނަގައިފައިވަނީ މި މާނައިގައި އިނގިރޭސިބަހުން ބޭނުންކުރާ "ސްނޮލީގޮސްޓަރ" (snollygoster) މި ލަފުޒުންނެވެ. މި ލަފުޒުގެ ފަހުބައި ދިވެހި ކޮށްގެންނެވެ. "ދަޖަލުސީ"އަކީ ޢަރަބި ލަފުޒަކާއި ދިވެހި ލަފުޒެއްގެ ފަހުބައި ގުޅުވައިގެން އުފައްދައިފައިވާ ލަފުޒެކެވެ. ޢަރަބިބަހުގެ "ދަޖަލަ" (ހަގީގަތް ފޮރުވައިފި، އޮޅުވައިލައިފި) މި ލަފުޒުގެ ފަހަތަށް "ސިޔާސީ"ގެ "ސީ" ގުޅުވައިގެންނެވެ. "ދަޖަލުސީ" އެންމެ ފުރަތަމަ ބޭނުންފުޅުކުރައްވައިފައިވަނީ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމެވެ. އެންމެ ފުރަތަމަ "ގުސްތަރު" ބޭނުންކުރެއްވި ލިޔުންތެރިއެއް އަޅުގަނޑަށް ދަންނަވައިލާން އެނގޭ ވަރެއް އަދިއެއް ނުވެއެވެ.

ގުސްތަރާއި ދަޖަލުސީގެ ތަޢާރަފުގައި އަޅުގަނޑަށް ދެންނެވޭން ހުރި ވާހަކަތައް މި ދަންނަވައި ނިމުނީއެވެ. ލިޔުންތެރީންނާއި ޅެންވެރީން، މި ލަފުޒު (މިއިން ކޮންމެ ލަފުޒެއް ވިޔަސް) ބޭނުންފުޅުކުރައްވާންވީއެވެ. އޭރުން އެ ދެ ލަފުޒަށް ވެސް ދިވެހި ބަސްފޮތުން ޖާގަ ލިބޭނެއެވެ. ކޮންމެއަކަސް މި ބާވަތުގެ މީހުންނަކީ މުޖުތަމަޢުން ވަރަށް ގިނައިން ފެންނަ ބަޔަކަށް ވާތީ، މި ފަދަ ލަފުޒެއްގެ މުހިއްމުކަން ވަރަށް ބޮޑުކަމުގައި ދެކެމެވެ. ނަމަވެސް އަޅުގަނޑުމެންނަކީ ގުސްތަރުންނަށް ނުވަތަ ދަޖަލުސީންނަށް ނުވާން ޢަޒުމު ކަނޑައަޅާން އެބަޖެހެއެވެ. އެހެންނޫން ނަމަ، ރާއްޖޭގެ އިސްލާމީ ވަޙުދަތާއި ޤައުމީ ސިޔާދަތު ގާދޫކޮލުން ބުރިޖު ދަށުން ނުކުމެގެން ހިނގައިދާނެއެވެ.

_____________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ