އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (10)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ފިޤުހު

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(10 އޮގަސްޓް 2020 ގައި ޝާއިޢުކުރެވުނު ބައާ ގުޅޭ)

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 2

އިސްވެދިޔަ ހަލަގާގައި ހުށަހަޅައިލެވުނު، އަލްބަޤަރާ ސޫރަތުގެ ވަށަ ރޮނގުގައި، ސޫރަތުގެ އާޔަތްތައް ފަސް ބަޔަށް ބަހައިލެވުނެވެ. މި ފަސް ބައިގެ ތެރެއިން ފުރަތަމަ ބައިގެ ތަފްސީރު، މި ހަލަގާގައި ލިޔާން ފަށާން ގަސްދުކުރަމެވެ. މި ބައިގައި ހިމެނެނީ އެއްވަނަ އާޔަތުން ފެށިގެން އަށާވީސްވަނަ އާޔަތުގެ ނިޔަލަށްވާ އަށާވީސް އާޔަތެވެ. ކުރީން ވެސް ދެންނެވި ދިޔަ ފަދައިން، މި ބައިގައި މި ސޫރަތުގެއާއި އަދި ކީރިތި ޤުރްއާނުގެ ވެސް މައިގަނޑު މައުޟޫއުއަކީ އިލާހީ ހިދާޔަތުގެ ވާހަކަކަން ކަނޑައަޅައިލެވިފައި ވެއެވެ. އަދި އެއަށްފަހު، މި ބައިގައި، މި ހިދާޔަތް ބަލައިގަންނަ ގޮތުގެ މައްޗަށް ރިއާޔަތްކޮށް، މީސްތަކުން ތިން ބަޔަށް ބަހައިލެވިފައިވެއެވެ. އެންމެ ފުރަތަމަ އެކަން ބަލައިގަންނަ މީހުން، އާދެ، މުއިނުނުންނެވެ. ދެން، އެ ކަމަށް އިންކާރުކުރާ މީހުން، އާދެ، ކާފިރުންނެވެ. ދެން، އެކަން ބަލައިގަތުމާއި އިންކާރުކުރުމާއި ދެ ގޮތުން ކުރެ އެމީހުންގެ ގޮތަކީ ކޮބައިން ސާފުކޮށް ނޭނގޭ މީހުންނެވެ. އާދެ، ދެފުށް ދެގޮތް މުނާފިގުންނެވެ.

މީގެ ތެރެއިން މުއުމިނުންނާ ބެހޭ ވާހަކަކޮޅު، އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވެއެވެ. މުއުމިނުންނާއި ބެހޭ ގޮތުން، އެންމެ ފުރަތަމަ، ބަޔާންކުރެވިފައި ވަނީ، އެ މީހުންނަކީ 'ތަގުވާވެރިން' ކަމުގައެވެ. މާތްﷲއަށް އީމާންވެ، އެ މީހުންގެ ހަށިގަނޑު ތެރޭގައި މި އީމާންކަމުގެ ހުޅުކޮޅު ރޯކޮށް، ދަމަހައްޓުވައި، އޭގެ އަލީގައި އެ މީހުންގެ އަމަލުތައް ބަހައްޓާން މަސައްކަތްކުރާ މީހުންނެވެ. ހެޔޮ ޢަމަލުކޮށް، އެ މީހުންގެ އީމާންވާ އީމާންވުމާ ތައާރުޒުވެ، ފުށުއަރާ ނުބައި ކަންކަމުން ދުރުހެލިވެ ތިބޭ މީހުންނެވެ. މީގެ އިތުރަށް، އެ މީހުންގެ ސިފަތަކުގެ ތެރޭގައި ޣައިބަށް އީމާންވުމާއި ނަމާދު ގާއިމުކުރުމާއި، އެ މީހުންނަށް މާތްﷲ ދެއްވި ތަކެތީން އެހެން މީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރުއާނަށާއި އަދި އެހެނިހެން ވެސް އިލާހީ ފޮތްތަކަށް އީމާންވުމާއި އަދި އާޚިރަތް ދުވަހަކީ އަންނާނޭ ދުވަހެއްކަމާ މެދު ޔަގީންކޮށް ކަށަވަރުކުރުން، ހިމެނެއެވެ.

އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ މި ފަސް އާޔަތުގެ މައްޗަށް ތަފްސީލުކޮށް ބަލައިލަމާތޯއެވެ! އެންމެ ފުރަތަމަ މި ފަސް އާޔަތުގެ ދިވެހި ތަރުޖަމާއެކެވެ. ދެން އެއަށްފަހު، މި އާޔަތްތަކުގެ އިތުރު ތަފްސީލު ހުށަހަޅައިލެވޭނެއެވެ.

ތަރުޖަމާ:

بسم الله الرحمن الرحيم ރަޙުމަތް ވަންތަ، ރަޙުމަތް ލައްވާ (މާތް)ﷲގެ އިސްމުފުޅު ނަންގަނެ (ބަރަކާތް ލިބުން އެދި ފަށަމެވެ)

1- ألم އަލިފް، ލާމް، މީމް. (މި އަކުރުތަކުގެ މާނައާ މެދު، ތިރީގައި، 'އިތުރު ތަފްސީލު'، މި ސުރުޚީގެ ދަށުގައި ލިޔެވިފައިވާނެއެވެ.)

2- ذلك الكتاب لا ريب فيه هدى للمتقين މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށްޓަކައި އޮތް، (އެބަހީ، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ މީހުންނަށްޓަކައި އޮތް) މަގުދެއްކުމެވެ. (އެބަހީ، ތެދުމަގު ބަޔާންކޮށް، ދައްކާފައިވާ ފޮތެވެ.)

3- الذين يؤمنون بالغيب ويقيمون الصلوة ومما رزقناهم ينفقون ތަޤުވާވެރިންނަކީ ޣައިބަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ، އެމީހުންނަށް، ދެއްވި ރިޒުގުން (އެއްޗެހީން ނުވަތަ ކަންކަމުން، އެހެންމީހުންނަށް ޓަކައި ހެޔޮގޮތުގައި،) ހޭދަކުރާ މީހުންނެވެ. 

4- والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون އަދި އެމީހުންނަކީ ކަލޭގެފާނު (އެބަހީ، މުހައްމަދުގެފާނު) މައްޗަށް ބާވައިލެއްވުނު ފޮތަށާއި (އެބަހީ ކީރިތި ޤުރްއާނަށާއި) އަދި ކަލޭގެފާނުގެ ކުރީގެ (ރަސޫލު ބޭކަލުންގެ މައްޗަށް) ބާވާލެއްވުނު ފޮތްތަކަށް ވެސް (އެބަހީ އެ ބޭބޭކަލުންގެ މައްޗަށް ބާވާލެއްވުނު ޒަބޫރު، ތައުރާތު އަދި އިންޖީލު ފަދަ، ފޮތްތަކަށް ވެސް) އީމާންވާ މީހުންނެވެ. އަދި އާޚިރަތް ދުވަސް، (އެއީ އަންނާނޭ ދުވަހެއްކަމާ މެދު)، އެމީހުން ޔަގީންކޮށް، ކަށަވަރު ކުރެއެވެ. 

5- أولئك على هدى من ربهم وأولئك هم المفلحون އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ (ދެއްކެވި) ތެދުމަގުގައިވާ މީހުންނަކީ އެމީހުންނެވެ. އަދި (އާޚިރަތް ދުވަހުން) ދިންނެވުން ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ.

އިތުރު ތަފްސީލު:

މި ސޫރަތް ފެށިފައި ވަނީ އަލިފް، ލާމް، މީމް. މިތިން އަކުރުންނެވެ. ކީރިތި ޤުރްއާނުގެ ބައެއް ސޫރަތްތައް ފެށުމުގައި އައިސްފައިވާ މިފަދަ އަކުރުތަކަށް 'އަލްޙުރޫފު އަލްމުޤައްޠަޢާ'، ވަކިކުރެވިފައިވާ އަކުރުތައް'، މިނަމުންނާއި އަދި 'އަލްފަވާތިޙު'، 'ފެށުންތައް'، މި ނަމުން ވެސް ނަންދެވިފައި ވެއެވެ. މި އަކުރުތަކުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާތޯއެވެ! އެންމެ ފުރަތަމަ، ކީރިތި ޤުރްއާނުގައި ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވާ ގޮތުގެ މައްޗަށާއި އަދި އެއަކުރުތައް ހިމެނޭ ސޫރަތްތަކުގެ މައްޗަށް، މަތިމަތީން، ބަލައިލާނަމެވެ. ދެން، މި އަކުރުތަކުގެ މާނައާ ބެހޭ ގޮތުން މުފައްސިރުން ދައްކަވައިފައިވާ ވާހަކަތަކުގެ ކުރު ޚުލާސާއެއް ހުށަހަޅައިލެވޭތޯ ވެސް ބަލައިލާނަމެވެ.

އަރަބިބަހުގެ އަލިފުބާގައި އަށާވީސް އަކުރު ހިމެނެއެވެ. (މިއަދަދު ކަނޑައަޅައިލެވެނީ 'ހަމްޒާ'، އަޅުގަނޑުމެން ދިވެހިން ކިޔާގޮތުންނަމަ 'ކުރުއަލިފު' ހިމަނައި އަދި 'އަލިފު' އަކީ އަކުރެއް ކަމުގައި ނުހިމަނައެވެ. އަރަބި ބަހުގައި އަލިފު ހިމެނެނީ ދެމޭ ފިއްޔެއްގެ ގޮތުގައެވެ. ދިވެހި ބަހުގެ (އާބާ) ފިއްޔާ ދާދި އެއްގޮތެވެ. ތަފާތަކީ ކިޔުމުގެ ތަފާތެވެ. އަރަބި ބަހުގައި އާއްމު ގޮތެއްގައި 'އާ' ކިޔާއިރު ތުންފަތް ހަރަކާތް ކުރަނީ ދިވެހި ބަހުން 'އޭބޭ ފިލި' ކިޔާއިރު ދެތުންފަތް ހަރަކާތް ކުރާ ގޮތަށެވެ.) އަރަބި ބަހުގެ އަލިފުބާގެ އަށާވީސް އަކުރުގެ ތެރެއިން، ދެބައިކުޅަ އެއްބައި އަކުރު، އާދެ، ސާދަ އަކުރު، 'ވަކިކުރެވިފައިވާ އަކުރުތަކުގެ' ('އަލްޙުރޫފު އަލްމުޤައްޠަޢާ'ގެ) ތެރޭގައި ހިމެނިފައިވެއެވެ. އެއީ أ، ح، ر، ص، ط، ع، ف، ق، ك، ل، م، ن، هـ، ي މިއަކުރުތަކެވެ.

ވަކިކުރެވިފައިވާ އަކުރުތައް ކީރިތި ޤުރްއާނުގައި އައިސްފައިވާ ސޫރަތްތަކާއި އަދި އައިސްފައިވާ ގޮތް ލިޔެލާނަމެވެ. މި އަކުރުތައް ކީރިތި ޤުރުއާނުގެ އޮނަތިރީސް ސޫރަތެއްގެ، އާދެ، ގާތްގަނޑަކަށް، ކީރިތި ޤުރްއާނުގެ ހަތަރުބައި ކުޅަ އެއްބައި ސޫރަތުގެ، ފެށުމުގައި އައިސްފައި ވެއެވެ. ބައެއް ސޫރަތްތަކުގައި، ބޭނުންކުރެވިފައިވަނީ މީގެ ތެރެއިން، އެންމެ އަކުރެކެވެ. އެއީ ޞާދު ސޫރަތުގައި ص އާއި ޤާފު ސޫރަތުގައި ق އާއި އަލްޤަލަމު ސޫރަތުގައި ن އެވެ. އަދި ދިހަ ސޫރަތެއްގައި އެ އަކުރުތަކުގެ ތެރެއިން ދެ އަކުރު އައިސްފައި ވެއެވެ. އެއީ ޠާހާ ސޫރަތުގައި طه އާއި އައްނަމްލު ސޫރަތުގައި طس އާއި ޔާސީނު ސޫރަތުގައި يس އާއި އަދި ހަތް ސޫރަތެއްގައި حم އެވެ. އެ ހަތްސޫރަތަކީ ޣާފިރު ސޫރަތާއި ފުއްޞިލަތު ސޫރަތާއި އައްޝޫރާ ސޫރަތާއި އައްޒުޚްރުފު ސޫރަތާއި އައްދުޚާނު ސޫރަތާއި އަލްޖާޘިޔާ ސޫރަތާއި އަލްއަޙްޤާފު ސޫރަތެވެ. އަދި ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ތިން އަކުރެއް، ތޭރަ ސޫރަތުގައި ބޭނުން ކުރެވިފައި ވެއެވެ. އެއި ألم މިތިން އަކުރު ހަ ސޫރަތެއްގައެވެ. އަލްބަޤަރާ ސޫރަތާއި އާލު ޢިމްރާނު ސޫރަތާއި އަލްޢަންކަބޫތު ސޫރަތާއި އައްރޫމު ސޫރަތާއި ލުޤްމާނު ސޫރަތާއި އައްސަޖިދާ ސޫރަތުގައެވެ. އަދި ألر ފަސް ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ ޔޫނުސު ސޫރަތާއި ހޫދު ސޫރަތާއި ޔޫސުފު ސޫރަތާއި އިބްރާހީމު ސޫރަތާއި އަދި އަލްޙިޖްރު ސޫރަތުގައެވެ. އަދި މީގެ އިތުރަށް طسم ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ އައްޝުޢަރާއު ސޫރަތާއި އަދި އަލްގަޞަޞު ސޫރަތުގައެވެ. އަދި ހަތަރު އަކުރެއް ދެ ސޫރަތުގައި އައިސްފައި ވެއެވެ. އެއީ އަލްއަޢްރާފު ސޫރަތުގައި ألمص އާއި އައްރަޢްދު ސޫރަތުގައި ألمر އެވެ. އަދި ފަސްއަކުރެއް ދެ ސޫރަތެއްގައި އައިސްފައިވެއެވެ. އެއީ މަރްޔަމް ސޫރަތުގައި كهيعص އާއި އައްޝޫރާ ސޫރަތުގައި حم عسق އެވެ.

ދެން ވަކިކުރެވިފައިވާ އަކުރުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. މި އަކުރުތަކުގެ މާނައާއި މެދު މުފައްސިރުން ތަފާތު ވާހަކަތަކެއް ދައްކަވައިފައިވެއެވެ. މި ވާހަކަތަކުގެ ތެރެއިން އާންމު ގޮތެއްގައި، ތަފްސީރު ފޮތްތަކުގައި ތަކުރާރުވާ ދެތިން ރައުޔުއެއް ތިރީގައި ހުށަހަޅާލާނަމެވެ.

ބައެއް މުފައްސިރުންގެ ރައުޔުގައި ވަކިކުރެވިފައިވާ އަކުރުތަކަކީ ކީރިތި ޤުރްއާނަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ. މިމާނަ ކުރުމަށް ރިއާޔަތްކޮށް، އަލްބަޤަރާ ސޫރަތުގެ ألم ذلك الكتاب...، މިއާޔަތުގެ މާނައަކަށް ވާނީ '(މިއަކުރުތައް ފަދަ އަކުރުތަކުން އެކުލެވޭ ކީރިތި) ޤުރުއާނެވެ. މިފޮތަކީ...،[ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].' މިއެވެ. ބައެއް މުފައްސިރުން، މި ގޮތަށް މާނަކުރައްވައި، މި ތަނުގައި ވަނީ މާތްﷲ ކުރައްވާ ހުވައެއްކަމުގައި ދެކެވަޑައިގަނެއެވެ. އެފަދަ މުފައްސިރުން މިއާޔަތް މާނަ ކުރައްވަނީ މިފަދައިންނެވެ. '(މިއަކުރުތައް ފަދަ އަކުރު ތަކުން އެކުލެވޭ ކީރިތި) ޤުރުއާން ގަންދެއްވައި (ވަހީ ކުރައްވަމުއެވެ). މިފޮތަކީ... [ތަޤުވާވެރިންނަށްޓަކައި އޮތް މަގުދެއްކުމެވެ].'

އަނެއްބައި މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކަކީ، އެއަކުރުތައް އައިސްފައިވާ ސޫރަތް ސޫރަތުގެ ނަންނަމެވެ. މިސާލަކަށް، ص، ق، طه، يس މިއީ ސޫރަތް ސޫރަތުގެ ނަންނަމެވެ. ވަކިކުރެވިފައިވާ އަކުރުތައް މިފަދައިން މާނަ ކުރާއިރު، ބައެއް ސޫރަތްތަކުގައި އެއް އަކުރުތަކެއް ތަކުރާރުވެފައި އޮތުމުން، ތަފާތު ސޫރަތްތަކަށް އެއް ނަމެއް ކިޔޭ ގޮތް ދިމާވެއެވެ. މަތީގައި، ކީރިތި ޤުރްއާނުގައި މިއަކުރުތައް އައިސްފައިވާ ގޮތުގެ ބަޔާނުގައި ފެންނަން އޮތް ފަދައިންނެވެ. މިސާލަކަށް ألم ހަ ސޫރަތެއްގައި އަދި حم ހަތް ސޫރަތެއްގައި އައިސްފައިވެއެވެ. މިހެންވުމުން، އެއްސޫރަތް އަނެއްސޫރަތާއި ވަކިނުކުރެވޭ ގޮތް ދިމާވެއެވެ. މިއަށް ރައްދު ދެއްވަމުން، މި ނަންގަތް ރައުޔުގެ ބޭކަލުން ވިދާޅުވަނީ، އެއްއަކުރުތަކެއް ބައެއް ސޫރަތްތަކުގައި ތަކުރާރުވެފައި ހުރުމަކީ، މައްސަލައެއް ނޫންކަމެވެ. އެ އަކުރުތަކާއި ސޫރަތުގެ އެހެން ބަޔަކާއި ނުވަތަ ނަމަކާއި ގުޅުވައިގެން، އެސޫރަތް އެހެން ސޫރަތްތަކާ ވަކިކުރެވިދާނެތީއެވެ. މިސާލަކަށް، ألم މިތިން އަކުރުން އަލްބަޤަރާ ސޫރަތާ އެކު ހަސޫރަތެއް ފެށިފައިވިޔަސް، މިއަކުރު ތަކަކީ އަލްބަޤަރާ ސޫރަތުގެ ނަމެއް ކަމުގައި ބަލާނަމަ، އަލްބަޤަރާ ސޫރަތަކީ ألم ذلك الكتاب ސޫރަތޭ ކިޔައި، މިއަކުރުތަކުން ފެށޭ އެހެން ސޫރަތްތަކާއި ބަޤަރާ ސޫރަތް ވަކިކުރެވިދާނެއެވެ. އަދި ހަމަ އެހެންމެ، حم. މިދެ އަކުރު، ހަތް ސޫރަތެއް ފެށުމުގައި ތަކުރާރު ވެފައިވިޔަސް، މިދެއަކުރުން ފެށޭ އައްސަޖިދާ ސޫރަތް އެއީ 'ޙާމީމް އައްސަޖިދާ' އޭ ކިޔައި، އެސޫރަތް، އެހެން ސޫރަތްތަކާއި ވަކިކުރެވިދާނެއެވެ. 

އަދި ބައެއް މުފައްސިރުންގެ ރައުޔުގައި، ވަކިކުރެވިފައިވާ އަކުރުތަކުގެ ތެރެއިން ކޮންމެ އަކުރެއް ވެސް ރަމްޒުކޮށްދެނީ ކަލިމައެކެވެ. ނުވަތަ މާތް ﷲގެ އިސްމުފުޅު ނޫނީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ސިފަފުޅެކެވެ. އެ ކަލިމައިގައި ހިމެނޭ އެހެން އަކުރުތައް ވަނީ ޙަޛްފުކޮށް، އުނިކުރެވިފައެވެ. މި ގޮތުން، ألم ގައި ހިމެނޭ އަލިފާއި ލާމާއި އަދި މީމު ރަމްޒުކުރަނީ أنا الله أعلم (ތިމަންﷲއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.) މިތިން ކަލިމައަށެވެ. ނޫނީ ألم ގައިވާ ތިން އަކުރު ރަމްޒުކޮށްދެނީ الله (މާތްﷲ)އާއި، اللطيف (ފޮރުވި ވަންހަނާކުރެވިފައިވާ އެންމެ ކުދި ކުދި ކަންތައްތަކަށް ދާންދެންވެސް ދެނެވޮޑިގެންވާ، އަދި ހީނުކުރާހާ ގޮތްގޮތަށް އެކަލާނގެ އަޅުތަކުންނަށް ދީލަތިވެވޮޑިގަންނަވާ ކަލާނގެ،) އާއި އަދި المجيد (ނުހަނު ދީލަތި، މާތް، ރަސްކަލާނގެ،) އަށެވެ. 

އަދި ހަތަރު ވަނަ ރައުޔެއްގެވެރި މުފައްސިރުން ދެކިލައްވަނީ ވަކިކުރެވިފައިވާ އަކުރުތަކުން އިޝާރަތް ކުރެވެނީ ތަހައްދީ އަކަށެވެ. ގޮންޖެހުމަކަށެވެ. ކީރިތި ޤުރުއާނަކީ އިލާހީ ފޮތެއްކަމަށް އިންކާރުކޮށް، ކީރިތި ރަސޫލާގެ ރިސާލަތާ ދެކޮޅު ހެދި އަރަބީންނަށް ކުރެވުނު ތަހައްދީ އަކަށެވެ. މި އަކުރުތައް، މަތީގައި ބަޔާން ކުރެވިފައިވާ ފަދައިން، ސޫރަތްތަކުގެ ފެށުމުގައި، އައިސްފައިވަނީ އެއްއަކުރާއި ފަސް އަކުރާއި ދެމެދުގެ އަދަދަކަށެވެ. މި ރައުޔުގެވެރި މުފައްސިރުން ފާހަގަކުރައްވާ ގޮތުގައި، މި އަދަދު އިޝާރާތް ކުރަނީ އަރަބި ލަފުޒުލަފުޒު އުފެދުމުގައި، އާންމު ގޮތެއްގައި، ލަފުޒެއްގެ މަސްދަރަށް، އަސްލަށް، އަކުރު އިތުރު ކުރެވޭ އަދަދެވެ. އަދި، ކީރިތި ޤުރުއާން ވެސް އެކުލެވިގެން ވަނީ އަލިފުބާގެ މިފަދަ އަކުރުތަކުން އެކުލެވޭ ލަފްޒުތަކުންނާއި އެލަފްޒުތަކުން އެކުލެވޭ ޖުމްލަތަކުންނެވެ. ކީރިތި ޤުރްއާނަކީ، މައްކާގެ މުޝްރިކުން ދެކޭ ގޮތަށް، މުހައްމަދުގެފާނުގެ އުފެއްދުމެއް ކަމަށް ވަންޏާ، އެމީހުންނަށް ވެސް، މި ކަން ކުރެވެން ޖެހޭނެއެވެ. ކީރިތި ޤުރްއާނާއި އަދަބީ ގޮތުން އެއްފަދަ ފޮތެއް އެމީހުންނަށް ވެސް، އެކުލަވައިލެވި އުފެއްދޭން ޖެހޭނެއެވެ. ސަބަބަކީ، އެ މީހުން ދެކޭގޮތުގައި، އެ މީހުންނަކީ، ސާފުކޮށް، އަދި އެހެން މީހުނަށް އަސަރު ކުރާފަދަ ބަލާޣާތްތެރި ކަމާއެކު، އެ މީހުންގެ އިހުސާސުތަކާއި ޝުއޫރުތައް، ޚިޔާލުތަކާއި ފިކުރުތައް، އިބާރާތްކޮށް ހުށަހަޅައިލާ ބަޔެކެވެ. އަދި، މި ކަމުގައި އިންތިހާއަށް ފަޚުރުވެރިވާ ބަޔެއް ވެސް މެއެވެ. އާދޭހެވެ! އެމީހުން ދުށް ގޮތުގައި، އެހެން އުއްމަތްތަކުގެ މީހުންނަކީ 'ޢަޖަމުން'ނެވެ. އަމިއްލަ ހިތުގައި ހިނގާ ޝުއޫރުތަކާއި ފިކުރުތައް ސާފުކޮށް ބުނެދޭން ނޭނގޭ މީހުންނެވެ. އެހެންވެ، ބައެއް މުފައްސިރުން ދެކެވަޑައިގަންނަވަނީ، ވަކިކުރެވިފައިވާ އަކުރުތައް އައިސްފައިވަނީ، އަދަބިއްޔާތުގެ ރޮނގުގައި މި ދަރަޖައަށް ފަޚުރުވެރިވާ، ކީރިތި ރަސޫލާއާ ދެކޮޅުވެރިވެގަތް އަރަބީންނަށް، ކީރިތި ޤުރުއާނާއި އެއްފަދަ އަދަބީ އުފެއްދުމެއް ގެނެސްގަތުމަށް، ތަހައްދީކުރުމުގެ ގޮތުންނެވެ.

އަދި ވަރަށް ގިނަ މުފައްސިރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ އިލާހީ ފޮތެއްގައި ވެސް ފޮރުވި ވަންހަނާ ކުރެވިފައިވާ ސިއްރެއް ވެއެވެ. ކީރިތި ޤުރުއާނުގައި ފޮރުވިފައިވާ ސިއްރަކީ މިއަކުރުތަކުގެ މާނައެވެ. އެ ކަން ދެނެވޮޑިގެންވަނީ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ މާތްﷲއެވެ. އެހެންވެ، މިރައުޔުގެ ވެރި މުފައްސިރުން މި އަކުރުތައް މާނަ ކުރެވުމުގައި ވިދާޅުވަނީ 'والله أعلم'، 'މީގެ މާނަ އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ'، މިފަދައިންނެވެ.

އާދޭހެވެ! މަތީގައި ބަޔާން ކުރެވި ދިޔައީ 'ވަކިކުރެވިފައިވާ އަކުރުތަކުގެ' މާނައާއި ބެހޭ ގޮތުން ތަފްސީރު ފޮތްތަކުގައި އާންމުކޮށް ބަޔާންކޮށްފައި ހުންނަ މަޝްހޫރު ރައުޔުތަކުގެ ޚުލާސާއެކެވެ. މި އަކުރުތަކާ ބެހޭ ވާހަކަކޮޅު ނިންމައިލުމުގެ ގޮތުން ދެ ނުކުތާއެއް ފާހަގަކޮށްލާނަމެވެ. އެންމެ ފުރަތަމަ ފާހަގަކޮށްލާން ބޭނުންވަނީ ވަކިކުރެވިފައިވާ އަކުރުތަކުގެ މާނަ ބަޔާންކުރުމާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކައަކީ ވެސް މުފައްސިރުންގެ އަމިއްލަ، ޚާލިސް ފިކުރީ ވާހަކަތަކެއް ކަމެވެ. ބަހުގެ މާނައިގެ އަސްލެއްގެ މައްޗަށް، ނުވަތަ ހަދީސެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫންކަމެވެ. ދެވަނަ ކަމަކީ، މި އަކުރުތަކުގެ ހަގީގީ މާނައަކީ ކޮބައިކަން އެނގިފައި ނެތުމަކީ، ކީރިތި ޤުރްއާނުގެ މައިގަނޑު ވާހަކަ، އާދެ، ހިދާޔަތުގެ ވާހަކަ، ފަހުމްކޮށް ވިސްނައިގަތުމަށް ހުރަސްއަޅާ ކަމެއް ނޫންކަމެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ