www.fanvai.info

Print

އިންޓަރނެޓް އެކްސްޕްލޯރަރއަށްވުރެ ފަޔަރފޮކްސް އާއި އޮޕެރާ ރަނގަޅުވާ ސަބަބުތައް.

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް

މިހާރު އިންޓަރނެޓް އެކްސްޕްލޯރަރގެ (އައި.އީ) މަޤުބޫލުކަންދަނީ ދުވަހެއްދުވަހަކަށް ދަށްވަމުންނެވެ. އިންޓަރނެޓް ބޭނުންކުރާމީހުންގެ ގިނަ ބަޔަކު މިހާރު އެނބުރެމުންދަނީ، މޮޒިއްލާ ފަޔަރފޮކްސް ނުވަތަ އޮޕެރާ ފަދަ ބްރޯޒާރތަކަށެވެ. މިލިޔުމުގައި މިބަލާލަނީ، އިންޓަރނެޓް އެކްސްޕްލޯރަރއަށްވުރެ، ފަޔަރފޮކްސްއާއި އޮޕެރާ ރަނގަޅުވާ ސަބަބުތަކުގެ މައްޗަށެވެ.

ސްކްރީނަށް އެޑްތައް އެރުން
އިންޓަރނެޓް އެކްސްޕްލޯރަރ ބޭނުންކުރާއިރު، ބައެއް ސައިޓްތަކެއް ވަންނައިރު ކުއްލިކުއްލިއަށް ސްކްރީނަށް އެކިފާޑުގެ އިސްތިހާރުތައް އެކުލެވޭ ވިންޑޯތައް އަރަމުންދެއެވެ. އައި.އީގައި އެޑް-ބްލޮކިންގ ފީޗަރ އެކުލެވިފައިވާނަމަވެސް، އޮޕެރާއާއި ފަޔަރފޮކްސް ގައިވާފަދަ މޮޅު އެޑް ބްލޮކިން ޓެކްނޮލޮޖީއެއް އައި.އީގައެއް ނުވެއެވެ.

އަވަސް ސެކިޔުރިޓީ އަޕްޑޭޓްތައް
އައި.އީގައި ސެކިޔުރިޓީ އަޕްޑޭޓްތައް އަންނާނީ ހަފްތާއަކު އެއްފަހަރުއެވެ. ނަމަވެސް، ފަޔަރފޮކްސްގައި ސެކިޔުރިޓީ އަޕްޑޭޓްތައް ހަފްތާއަކު އެތައް ފަހަރަކު ލިބެއެވެ. މިއީ، އިންޓަރނެޓުގައި ދައުރުވާ ނުރައްކާތެރި ވައިރަސްތަކާއި ސްޕައިވެއަރތަކުން ސަލާމަތްވުމަށް ވަރަށް މުހިންމު ކަމެކެވެ.

ޓެބް ބޭނުންކުރެވޭގޮތް
އައި.އީގައިވާ ޓެބްތައް ބޭނުންކޮށްގެން މަސައްކަތްކުރުމަށްވުރެ އޮޕެރާއާއި ފަޔަރފޮކްސްގައި އެ ފީޗަރ ބޭނުންކުރެވޭގޮތް މާ ފަސޭހައެވެ. ޓެބެއްގައިވާ ސައިޓެއް ބުކްމާރކް ކުރެވޭނެ ގޮތެއްވެސް އައި.އީގައި ނުވެއެވެ.

ސެޓްފިކެޓްތައް ޤަބޫލުކުރުން
ބައެއް ސައިޓުތަކަށް ވަންނައިރު، ސެކިޔުރިޓީއަށް ވިސްނާފައި އައި.އީ ގައި ސެޓްފިކްޓް ޤަބޫލުކުރަންވީތޯ ނުވަތަ ނޫންތޯ އަހާނެއެވެ. މިކަމާހެދި އެއީ އުނދަގުލަކަށްވާތަންވެސް ބައެއްފަހަރު އާދެއެވެ. އެއީ، މައިކްރޮސޮފްޓްގެ ސައިޓުތައް ފިޔަވައި އެހެން ސައިޓުތަކަށް އައި.އީ އިތުބާރު ނުކުރާތީއެވެ.

ވެބް ސްޓޭންޑާރޑްސް
ފަޔަރފޮކްސްއާއި އޮޕެރާ ޤަބޫލުކުރާ ވެބްސްޓޭންޑާރޑްތަކަކީ އައި.އީ ޤަބޫލުކުރާ ވެބް ސްޓޭންޑާރޑްތަކަށްވުރެ ރަނގަޅު ވެބްސްޓޭންޑާރޑްތަކެކެވެ. އަދި މާގިނަ ސްޓޭންޑާރޑްތައް އެ ދެ ސޮފްޓްވެއަރގައި ބޭނުންކުރެވެއެވެ.

ޕޯރޓެބިލިޓީ
އޮޕެރާއާއި ފަޔަރފޮކްސްއަކީ ބޭނުންތަނަކަށް ތިބާޔާ އެކީގައި ގެންދެވިދާނެ ދެ އެޕްލިކޭޝަނެވެ. އެއީ ޕެން ޑްރައިވަކަށް ޕޯރޓެބަލް ހާޑަކަށް އަޅައިގެންނެވެ. ނަމަވެސް، އައި.އީ އަބަދުވެސް އިންނާއީ ވިންޑޯސްގައި ތަތްލަވާފައެވެ. އޭގެން ބޭރަކަށް އެ ޕްރޮގްރާމެއް ނުގެންދެވޭނެއެވެ.

އައި.އީ އުފައްދާފައިވަނީ ހަމައެކަނި ވިންޑޯސްގައި ބޭނުންކުރަން
އައި.އީ އުފައްދާފައިވަނީ ހަމައެކަނި ވިންޑޯސްގައި ބޭނުންކުރުމަށްނަމަވެސް، ފަޔަފޮކްސްއާއި އޮޕެރާފަދަ އެޕްލިކޭޝަންތައް، ވިންޑޯސްނޫން އެހެން އޮޕަރޭޓިންގ ސިސްޓަމްތަކުގައިވެސް ބޭނުންކުރެވެއެވެ.

ކަސްޓަމައިޒޭޝަން
އައި.އީގައި މާބޮޑު ކަސްޓަމައިޒޭޝަން އެއް ނުހެދޭނެއެވެ. ނަމަވެސް، އޮޕެރާއާއި ފަޔަރފޮކްސްގައި ވަރަށް ގިނަ އެޑް-އޮން ބޭނުންކުރެވިދާނެއެވެ. އަދި ވަރަށް ތަފާތު ގޮތްގޮތަށް ސްކްރީނު ބަދަލުކޮށް ހިތްގައިމު ގޮތްގޮތަށް ބަދަލުތައް ގެނެވޭނެއެވެ.

ޕާސްވޯރޑް މެނޭޖްމަންޓް
ފަޔަރފޮކްސްއާއި އޮޕެރާގައި ރިމެމްބާރޑް ޕާސްވޯރޑުތައް ޑިލީޓްކުރެވިދާނެއެވެ.

ދުވެލި
ވިންޑޯސް އެކްސްޕީގައި އައި.އީ7 އަށްވުރެ، ފަޔަރފޮކްސްއާއި އޮޕެރާ ހިނގާލެއް މާއަވަސްވާނެއެވެ. ނަމަވެސް ވިސްޓާގައި އައި.އީ7 އަވަސްވެދާނެއެވެ.

ނިންމުން
މިފަދަ އެތައް ސަބަބަކާހުރެ، އައި.އީގެ މަޤުބޫލުކަންދަނީ ދަށްވަމުންނެވެ. އެހެންކަމުން، އަޅުގަނޑުވެސް ޚިޔާރުކުރީ ފަޔަރފޮކްސް އެވެ. އެއީ، ވަރަށް ފަސޭހަ، އަދި އެހާމެ ހަލުއި ބްރޯޒަރއެކެވެ. އަވަދިނެތިއުޅޭއިރު، ބުއްދިވެރީވެސް މިގޮތްކަމުގައި ދެކެމެވެ.

www.fanvai.info