އަދުގެ ޚާއްސަ

Print

ދީނުގައި ހައްދު ފަހަނައަޅައި ނުދިއުން (1)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

 

އަޙްމަދު ސިމާޙް

މާތްވެގެންވާ އިސްލާމް ދީނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެހައި ކަމެއް އެއަށް ބިނާކުރަންޖެހޭ މައިގަނޑު މަސްދަރެވެ. އެއީ ކާމިޔާބާއި ފަލާޙުގެ މަގެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ މަގެވެ. މި މަގު ހޯދުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އިންތިހާއަށް ބޭނުންވާނެ ކަމެކެވެ. އެހެންކަމުން ބައެއް އަޚުންނާއި އުޚުތުން އިސްލާމް ދީން އުނގެނުމުގައްޔާއި ދީނަށް އުޅުމުގައި އަނެއް ބަޔަކަށް ވުރެ ބޮޑަށް މަސައްކަތްކުރާ ތަން މުޖުތަމަޢުން ފެނެއެވެ. ނަބިއްޔާ صلى الله عليه وسلمގެ ސުންނަތް އުނގެނި އެއާ އެއް ގޮތަށް އުޅެން ގަދައަޅައި މަސައްކަތް ކުރާތަން ފެނެއެވެ. މިއީ މުސްލިމަކަށް ވީތީ ނުހަނު އުފާކުރާނެ އަދި ހިތަށް ތަސައްލީ ލިބިގެންދާ ކަމެކެވެ.  

ނަމަވެސް މިއާއެކު ހިތާމަކުރަންޖެހޭ ކަމެއް ވެސް މި ފަދަ ބައެއް މީހުންގެ ކިބައިން ފާހަގަކުރެވެއެވެ. އެއީ ވަކިވެގަތުމެވެ. ބައިބައިވުމެވެ. ދެކޮޅުވެރިވުމެވެ. ތިމާ އުޅޭ ގޮތް ނޫން ގޮތަކަށް އުޅޭ މީހަކީ ނުވަތަ ތިމާ ރަނގަޅު ކަމަށް ޤަބޫލުކުރާ ޝޭޚެއް ފިޔަވައި އެހެން ޝޭޚެއްގެ ބަސް ހޯދައިފި މީހަކީ ތިމާ ނުރުހޭ މީހަކަށް ނުވަތަ ތިމާއާ ދެކޮޅު މީހަކަށް ހަދައެވެ. ބައެއް ފަހަރު އެއީ ދީނުގައި މަގުފުރެދިފައިވާ މީހެއް ކަމަށް ވެސް ބުނެއެވެ. މިއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. އިސްލާމް ދީނަކީ އަޚުވަންތަ ކަމުގެ ދީނެވެ. އެއްބައިވަންތަކަމުގެ ދީނެވެ. ދީނުގެ މަންފާއާއި ފަލާޙާއި ކާމިޔާބު ހޯދާންވާނީ މި އަސާސްތަކުގެ މަތީގައި ޢަމަލުތައް ބަހައްޓައިގެންނެވެ. 

ވަކިވެގަނެގެން އުޅޭ މިފަދަ ބައެއް މީހުން ތިރީގައިވާ ޤާޢިދާ ޙުއްޖަތަކަށް ނަގައެވެ. 

من ليس معي فهو عليّ (އަހަންނާއެކު ނުވާ މީހަކީ އަހަންނާ ދެކޮޅު މީހެކެވެ.) މި ޤާޢިދާއާ ބެހޭ ގޮތުން ޝޭޚް العثيمين رحمه الله ވިދާޅުވެފައިވެއެވެ. 

فهذا لا شك خلاف منهج السلف، فالسلف الصالح ليسوا أحزابا بل هم حزب واحد

ފަހެ، މިއީ އެއްވެސް ޝައްކެއްނެތް ގޮތުގައި ސަލަފުއްޞާލިޙުންގެ މަންހަޖާ އިދިކޮޅު ކަމެކެވެ. އެހެނީ ސަލަފުއްޞާލިޙުންނަކީ ވަކިވެގަނެގެން އުޅޭ ބަޔެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެއް ބައެއްގެ ގޮތުގައި އުޅޭ ބަޔެކެވެ. 

ޝޭޚް رحمه الله ވިދާޅުވެފައިވަނީ وهذا مبدأ خبيث މިއީ ވަރަށް ނުބައި ޤާއިދާއެއް ކަމަށެވެ. 

لذلك نجد بعض طلاب العلم يكون عند شيخ من المشايخ ، ينتصر لهذا الشيخ باالحق ويعادي من سواه ، ويضلله و يبدعه ، ويرى أن شيخه هو العالم المصلح ، ومن سواه إما جاهل أو مفسد ، وهذا غلط كبير ، بل يحب أخذ قول من واقف قوله الكتاب و السنة وقول أصحاب رسول الله صلى الله عليه وسلم 

މީގެ ސަބަބުން ބައެއް މީހުން ހަމައެކަނި ވަކި ޝޭޚެއްގެ ބަސް ޤަބޫލުކުރާ ގޮތްވެއެވެ. އެ ޝޭޚު ޙައްޤު މަގުގައި ނުވަތަ މަގުފުރެދުމުގައި ހުއްޓަސް އެމީހުން ޤަބޫލުކުރަނީ އެ ޝޭޚުގެ ބަހެވެ. އަދި އެނޫން މީހެއްގެ ބަސް ޤަބޫލުކުރަން އެ މީހުން ދެކޮޅު ހަދައެވެ. އަދި  އެއީ ޙައްޤުމަގުން އެއްކިބާވެފައިވާ ބިދުޢަވެރިންގެ ގޮތުގައި ލޭބަލު ކުރެއެވެ. އަދި އެމީހުން ޤަބޫލުކުރާ ގޮތުގައި އޭނާ ރުހޭ ޝޭޚަކީ ކަންކަން އިސްލާޙްކުރާން ޙައްޤު މަގަށް ގޮވައިލާ މީހާއެވެ. އޭނާއާއެކު ނުވާ އެހެން ޝޭޚުންނަކީ ޖާހިލުން ނުވަތަ މަގުފުރެދިފައިވާ ބަޔެކެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ކޮންމެ ޝޭޚެއް ނުވަތަ ކޮންމެ މީހެއްގެ ބަހަކަސް އޭނާގެ ބަހަކީ ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަނާއި ސަޙާބީންގެ ޢަމަލުތަކާއި ބަސްތަކާ އެއް ގޮތަށް ބުނާ ބަހަކަށް ވާނަމަ، އެބަސް ޤަބޫލުކުރަންވާނެއެވެ.

_________________________________

އިދާރާ

ވާހަކަ