www.fanvai.info

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (11)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދިރާސާ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(15 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 3

އެންމެ ފަހުން، ބަލައިލެވުނީ އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގެ ފުރަތަމަ އާޔަތުގެ މައްޗަށެވެ. ވަކިކުރެވިފައިވާ އަކުރުތަކުގެ މައްޗަށެވެ. ދެން މިބައިގައި ހިމެނޭ އަނެއް ހަތަރު އާޔަތް، އާދެ، ދެވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔާތުގެ ނިޔަލަށް، ބަލައިލާން ފަށަމާތޯއެވެ. 

ދެވަނަ އާޔަތުގައިވަނީ " ذلك الكتاب لا ريب فيه هدى للمتقين"، މިފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށް އޮތް މަގުދެއްކުމެކެވެ، މިހެންނެވެ. މިއާޔަތުގައި ހިމެނޭ މުހިއްމު ލަފްޒުތަކުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. 

މި އާޔަތް ފެށިފައިވަނީ ذلك މިލަފްޒުންނެވެ. މާނައަކީ 'އެއީ' އެވެ. އަރަބި ބަހުގައި، މި ލަފުޒު ބޭނުން ކުރެވެނީ ދުރުގައިވާ އެއްޗަކަށް އިޝާރަތްކުރުމަށެވެ. الكتاب ގެ ލަފުޒީ މާނައަކީ ލިޔެވިފައިވާ ލިޔުމެވެ. ފޮތެއް، ސިޓީއެއް، ލިޔެވިފައިވާ ޚިތާބެއް، ފަދަ ކޮންމެ އެއްޗަކީ ވެސް 'ކިތާބެ'ކެވެ. މި އާޔަތުގައިވާ 'އަލްކިތާބު'، ('ފޮތް') މިއިން އިޝާރަތް ކުރެވެނީ ކީރިތި ޤުރްއާނަށެވެ. އެ ފޮތުގައި ބަޔާން ކުރެވިފައިވާ ވާހަކަތަކަށެވެ. ކީރިތި ޤުރްއާން، މި ފޮތް، 'ކައިރީގައި' އޮވެމެ، އެ ފޮތަށް ދުރުގައި އޮތް އެއްޗެއް ފަދައިން އިޝާރަތްކުރެވިފައި ވަނީ ފޮތުގެ ޤަދާސަތާއި ޢަޠަމަތްތެރިކަން، އާދެ، ފޮތުގެ މާތްކަމާއި މަތިވެރިކަން، ބަޔާންކުރުމުގެ ގޮތުންނެވެ. މި މާނައަށް ރިއާޔަތްކޮށް، ذلك الكتاب އަށް ބަލައިލުމުން، މި އިބާރާތުން ދޭހަވާ މާނައަކީ 'މި މާތް މަތިވެރި ފޮތަކީ ...'، މިއެވެ. އާދެ، ކީރިތި ޤުރްއާނަކީ، އެ ފޮތާ މެދު، މުސްލިމުން އިންތިހާ ދަރަޖައަށް ގަދަރުކޮށް، މާތްކޮށް ހިތާ ފޮތެކެވެ. އެ ފޮތުގައި ވަނީ، މުސްލިމުން ގަބޫލުކުރާ ގޮތުގައި، މާތްﷲގެ ކަލާމްފުޅެވެ. 

ريبގެ މާނައަކީ ޝައްކާއި ކުށް ހީތަކެވެ. ޝައްކަކީ ހިތުގައި ކަމެއްގެ ތެދުކަން ނުވަތަ އެކަމަކީ ހަގީގަތެއްކަން ޔަގީނުގެ ދަރަޖައަށް ގަބޫލުކުރުމަށް ހުރަސް އަޅާ ހުރަސްތަކެވެ. لا ريب فيه (އޭގައި ޝައްކެއް ނެތެވެ) މި އިބާރަތް މާނަކުރުމުގައި މި އިބާރާތުގައިވާ އަކުރާއި ބަދަލުނަން، 'فيه'، 'އޭގައި' – ކީރިތި ޤުރްއާނުގައި – އާޔަތުގެ ދެ ބަޔަކާއި ގުޅުވައިލެވިދާނެއެވެ. އެއް ގޮތަކީ، 'އޭގައި ޝައްކުނެތުން' އާޔަތުގެ ފުރަތަމަ ބަޔާއި، އާދެ، 'ފޮތާ' ގުޅުވައިލުމެވެ. އޭރުން ދޭހަވާ މާނައަކީ، 'އެ ފޮތުގައި، އެބަހީ، ކީރިތި ޤުރްއާނުގައި، އެއްވެސް ޝައްކެއްނެތެވެ. މި މާނައެވެ. އާދެ، ކީރިތި ޤުރްއާނުގައި އެއާމެދު އެއްވެސް ޝައްކެއް އުފުދޭ ވާހަކައެއް، ބަޔާނެއް، ނެތެވެ. އެ ފޮތުގައި އައިސްފައިވަނީ ތެދު ހަގީގަތެވެ. ހަގީގަތާ ޚިލާފު އެއްވެސް ދޮގު، ބާތިލު ވާހަކައެއް އެ ފޮތުގައެއް ނުވެއެވެ. އެހެނީ އެ ފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މާތްﷲ ބާވާލެއްވި ފޮތަކަށް ވާތީއެވެ. ދެވަނަ ގޮތަކީ މި ކަން – ޝައްކެއްނެތްކަން -، ޖުމްލައިގެ ނިމުމާއި - هدى للمتقين (ތަޤުވާވެރިންނަށް އޮތް މަގު ދެއްކުމެކެވެ.) ގުޅުވައިލުމެވެ. މި ގުޅުވައިލުމުގެ މައްޗަށް ބިނާކޮށް لا ريب فيه މާނަ ކުރާ އިރު، ބުނެވޭނީ އެއްވެސް ޝައްކެއްނެތް ގޮތުގައި މި ފޮތަކީ، އެބަހީ، ކީރިތ ޤުރްއާނަކީ، ތަޤުވާވެރިންނަށް އޮތް މަގުދެއްކުމެއް ކަމުގައެވެ. އެހެނީ، އެ މަގު ދައްކަވާ ފަރާތަކީ މާތްﷲ ކަމަށްވާތީ އެވެ. އެކަލާނގެ ބާވާލެއްވި، ތެދު ހަގީގަތް ބަޔާންކުރެވިފައިވާ ފޮތް، އާދެ، ކީރިތި ޤުރްއާން، މެދުވެރި ކޮށެވެ. هدى ގެ މާނައަކީ 'މަގުދެއްކުން' މިއެވެ. އާދެ، ތެދުމަގު ނުވަތަ ހެޔޮ ގޮތް ބުނެ ބަޔާން ކޮށްދީ، އެ މަގަށް، މަގުދެއްކުމެވެ. ތިމާގެ އަމިއްލަ ހަޔާތް ވޭތުކޮށްލާނޭ ހެޔޮ މަގަށާއި އަދި ތިމާގެ މުޖުތަމުއުގެ ކަންތައްތައް ހެޔޮގޮތުގައި ރާވައި ހިންގާނޭ މަގަށެވެ. (އަލްފާތިހާ ސޫރަތުގެ ތަފްސީރު ގެނެވުނުއިރު މި ތެދު މަގާ ބެހޭ ޚުލާސާއެއް ގެނެސް ދެވުނެވެ. އިތުރު ތަފްސީލު ލިބިގަތުމަށް އެބައި ބައްލަވައިލައްވާށެވެ!)

المتقينގެ މާނައަކީ 'ތަޤުވާވެރިން' މިއެވެ. މިލަފްޒުގެ މަސްދަރަކީ، އަސްލަކީ، وقاية، 'ރައްކާތެރިކަން'، މިއެވެ. އެހެންވެ ތަޤުވާވެރިޔަކީ، ރައްކާތެރިކަން ހޯދާ މީހާއެވެ. އާދެ، 'އަލްމުއްތަޤީން' (ތަޤުވާވެރިން) ނަކީ އެމީހުންގެ ނަފްސުތައް ގެއްލި ހަލާކުވެ ދިޔުމުން ރައްކާތެރިކަން ހޯދާ މީހުންނެވެ. މި ކަން ފެށެނީ މާތްﷲއަށް އީމާންވުމުންނެވެ. އަދި އެއަށްފަހު، މި އީމާންކަން ނިޔާކުރާ ގޮތުގެ މަތީން ތިމާގެ އަމަލުތައް ބެހެއްޓިގެންނެވެ. މާތްﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެ، އަދި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެވިގެންނެވެ. އާދޭހެވެ! ތަޤުވާވެރިންނަކީ މާތްﷲއަށް އީމާންވެ، އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވެ، އަދި އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރު ހެލިވާ މީހުންނެވެ. ކުރު ގޮތަކަށް ދަންނަވަނީ ނަމަ، ނުބައި ކަންތައް ކުރުމުން ދުރުހެލިވެ، ހެޔޮ ކަންތައްތައް ކުރުންމަތީ ދެމި ތިބޭން މަސައްކަތްކުރާ މީހުންނެވެ.

ބައެއްފަހަރު 'އަލްމުއްތަޤީން' ނުވަތަ 'ތަޤުވާވެރިން' މި ލަފްޒުގެ މާނައިގައި ﷲއަށް ބިރުވެތިވާ މީހުންނޭ ލިޔެވެއެވެ. އެއީ ތަޤްވާގެ މަފްހޫމުގައި ހިމެނޭ މާނައިގެ މުހިއްމު އެއް އުންސުރަށް، ބާރުލެވިގެންނެވެ. މާތްﷲގެ ކޯފާއަށް ބިރުވެތިވެ، އެކަލާނގެ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަތުމުން ދުރުހެލިވުމުގެ މާނައަށް ބާރު ލެވިގެންނެވެ. ތަޤްވާގެ މަފްހޫމުގައި ހިމެނޭ މިމާނައާއި އަދި މަތީގައި ބަޔާންކުރެވި ދިޔަ އެހެން މާނަތައް ވެސް – އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެ ކަންކަން އަދާކުރުން – ހިމަނައިލުމުގެ ގޮތުން، އަލްމުއްތަޤީންގެ މާނައިގައި އެ މީހުންނަކީ މާތްﷲ ހަނދުމަކުރުން މަތީގައި ދެމި ތިބޭ މީހުންނޭ ލިޔެވެއެވެ. ސަބަބަކީ އެ ހަނދުމަކުރުން މަތީ ދެމި ތިބުން، މާތްﷲއަށް އުރެދުމުން ދުރުކުރުވައި އަދި އެކަލާނގެ އަމުރުފުޅުތައް އަދާކުރުމަށް އެހީވެދޭނެތީއެވެ. އާދެ، ތަޤުވާވެރިންނަކީ މާތްﷲއަށް އީމާންވެ، އެކަލާނގެ ހަނދުމަކުރުމުން އެމީހުންގެ ނަފްސުތައް ހޭލައްވައިލައިގެން ތިބޭ މީހުންނެވެ. އަދި މި ހަނދުމަކުރުން މަތީ ދެމިތިބުން ނިޔާކުރާ ގޮތުން، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، އަދި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކަށް އަރައިނުގަނެ ދެމިތިބުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ.

ދެންމެ މި ބަޔާން ކުރެވުނު ލަފުޒުތަކުގެ މާނައިގެ އަލީގައި "ذلك الكتاب لا ريب فيه هدى للمتقين"، މި އާޔަތުގެ މާނައިގެ މައްޗަށް އަދި އެއްފަހަރު ބަލާލަމާތޯއެވެ! އާދެ، މި މާތް ފޮތަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި، ތަޤުވާވެރިންނަށް، މާތްﷲ ހަނދުމަކުރުންމަތީ ދެމިތިބޭ މީހުންނަށް، އެ މީހުންގެ ދުނިޔަވީ ހަޔާތް، ހެޔޮ ގޮތުގައި، ވޭތުކޮށްލާނީ ކިހިނެއްކަން ބަޔާންކޮށް، އެ މަގަށް، މަގުދެއްކިފައިވާ ފޮތެކެވެ. 

މި އާޔަތުން މުހިއްމު ދެ ކަމެއް ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނުގެ މައުޟޫއަކީ ހިދާޔަތުގެ ވާހަކަ ކަމެވެ. ކަނޑައަޅާލެވޭ ވަކި އަޚުލާގީ މިންތަކެއްގެ މައްޗަށް ބިނާކޮށް، ތިމާގެ އަމިއްލަ ހަޔާތް ވޭތުކޮށްލާނީ ކިހިނެއްކަމާއި އަދި، ހަމަހަމަކަމާއި އަދުލު އިންސާފުގެ އަގުތަކުގެ މައްޗަށް ބިނާކޮށް، ތިމާގެ މުޖުތަމައުގެ ކަންތައްތައް ރާވައި ހިންގާނީ ކިހިނެއްކަން ބަޔާން ކޮށްދިނުމުގެ ވާހަކައެވެ. 

ޝައްކެއްނެތް ގޮތުގައި، ތަފާތު މައުޟޫއުތަކާ ބެހޭ ވާހަކަތައް ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. އަޤީދާއާއި ބެހޭވާހަކަ ތަކެވެ. އަޅުކަމުގެ ރަސްމުގެތަކުގެ ވާހަކަތަކެވެ. މާޒީވެ ގޮސްފައިވާ އުއްމަތްތަކާއި އަދި އެމީހުންނާ ބެހޭ ތާރީޚީ ބައެއް ވާހަކަތަކެވެ. އަދި، މިޒަމާނުގެ ބައެއް އިލްމީ ހޯދުންތަކާއި ގުޅުވައިލެވިދާނޭ ފަދަ ބައެއް ވާހަކަތައް ވެސް ކީރިތި ގުރުއާނުގައި ހިމެނެއެވެ. ނަމަވެސް، މީގެ މާނައަކީ ކީރިތި ޤުރުއާނަކީ އުލޫހިއްޔާތުގެ (ތިއޯލޮޖީގެ) ފޮތަކަށް ވުމެއް ނޫނެވެ. ނުވަތަ ތާރީޚީ ނުވަތަ ސައިންސްއާއި ބެހޭ ފޮތަކަށް ވުމެއް ވެސް ނޫނެވެ. މި ފަދަ މައުޟޫއުތައް ވެސް ކީރިތި ޤުރްއާނުގައި އައިސްފައިވަނީ، ކީރިތި ޤުރްއާނުގެ މައިގަނޑު މައުޟޫއުގެ ޚިދުމަތުގައެވެ. މައިގަނޑު މައުޟޫއަށް އެހީވެދީ، އެ ކަމަށް ބާރުދިނުމުގެ މަގުސަދުގައެވެ. ތެދުމަގުގައި ތިބުމަށް، އެހީވެދީ، އެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދާން ހިތްވަރުދިނުމުގެ ގޮތުންނެވެ. ނުބައި ނުރަގަޅު ކަންތައްތަކާ ދުރުވެ، ހެޔޮކަންތައްތައް ކޮށް، އަޚުލާގީ ގޮތުން މީހާ ރަނގަޅު މީހަކަށް ވުމަށް އެހީވެދިނުމުގެ ބޭނުމުގައެވެ. އެހެންވެ، ކީރިތި ޤުރްއާނަކީ، އެންމެ ފުރަތަމައިން ވެސް އަދި އެންމެ ފަހުން ވެސް، ހިދާޔަތުގެ ފޮތެކެވެ.

މި އާޔަތުން ފާހަގަކޮށްލެވޭ ދެވަނަ ކަމަކީ، މަތީގައި ބަޔާން ކުރެވިދިޔަ ފަދައިން، ކީރިތި ޤުރުއާނުގެ ހިދާޔަތުގެ މަގު ބަޔާންކުރެވިފައިވަނީ ތަޤުވާވެރިންނަށްޓަކައިކަމެވެ. އާދެ، މާތްﷲއަށް އީމާންވާ، މި އީމާންކަމުގެ ނޫރުން، އެމީހުންގެ ހިތްތައް އަލިކުރެވިފައިވާ މީހުންނަށްޓަކައިކަމެވެ. އެހެނީ، ހެޔޮ ގޮތުގައި އެ މީހުންގެ ހަޔާތުގެ ކަންތައްތައް ބަހައްޓާނީ ކިހިނެއްކަން ދެނެގަތުމުގެ އިލާހީ އިރުޝާދު އެދޭނީ މި މީހުންކަމަށް ވާތީއެވެ. އާދެ، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގުގެ ވާހަކަތަކުން ފައިދާ ލިބިގަނެވޭނޭ ބަޔަކީ މާތްﷲއަށް އީމާންވާ އަދި، އެކަލާނގެ އެންގެވި މަގުގައި ހިނގާން ބޭނުންވާ މީހުންނަށެވެ. ތަޤުވާވެރި މުއުމިނުންނަށެވެ.

މިއާއި އެކު ފާހަގަކޮށްލަން ޖެހެނީ ތަޤުވާވެރިކަމަކީ މުއުމިނާގެ އަމަލުތަކާއި ގުޅިފައިވާ ކަމެއްކަމެވެ. އިއުތިގާދީ ކަމެއް ނޫންކަމެވެ. އެހެންވެ، އެއީ އެއް ފަހަރާ ހާސިލުކޮށް، ފުރިހަމަ ކޮށްލެވިދާނޭ ކަމެއް ނޫނެވެ. ތަޤުވާވެރިކަމުގެ ފުރަތަމަ ހަރުފަތަކީ މާތްﷲއަށް އީމާންވުމެވެ. ދެން، މުއުމިނާގެ އަމަލުތައް ބަހައްޓާ ގޮތެއްގެ މަތީން އޭނާގެ ތަޤުވާވެރިކަން އިތުރުވެ ދެއެވެ. ނަހީ ކުރެވިގެންވާ ކަންތައްތަކުން ދުރުވެ، އަމަރުކުރެވިގެންވާ ކަންތައްތަކާއި ހެޔޮ އަމަލުތައް ކުރަމުން ދިޔަދިޔަހެން، އޭނާގެ، ތަޤުވާވެރިކަން އިތުރުވެއިތުރުވެ ހުރެއެވެ. ތަޤުވާވެރިކަމުގެ ސިޑީގެ ހަރުފަތްތަކުން މައްޗަށް އެރެމުން ކުރިއަށް ދެވެއެވެ. އެހެންވެ، މުއުމިނާގެ އެންމެ މުހިއްމު ފަރުދީ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ އޭނާގެ އަމިއްލަ ނަފްސު ހެޔޮ މަގަށް އަޅުވައި، އިސްލާހުކުރުމުގެ މަސައްކަތަށް އިސްކަން ދިނުމެވެ. އޭނާގެ އަމިއްލަ ނަފްސު އިސްލާހުކުރުމުގައި މަޝްޣޫލުވެ، އަވަދިނެތި އުޅުމެވެ. އޭނާގެ ތަޤުވާވެރިކަން އިތުރުވެ ދިޔުމަށްޓަކައެވެ.

ކީރިތި ޤުރްއާނުގެ މައުޟޫއަކީ ހިދާޔަތުގެ ވާހަކަ ކަމާއި އަދި މިވާހަކަ ބަޔާން ކުރެވެނީ ތަޤުވާވެރި މުއުމިނުންނަށްޓަކައިކަން ކަނޑައަޅައިލުމަށް ފަހު، ދެން އޮތް ތިން އާޔަތުގައި އެ މީހުންގެ، ބައެއް މުހިއްމު ސިފަތައް ބަޔާން ކުރެވިފައިވެއެވެ. މި ގޮތުން ދެންއޮތް އާޔަތުގައި ވަނީ الذين يؤمنون بالغيب ويقيمون الصلاة ومما رزقناهم ينفقون، 'އެ މީހުން ޣައިބަށް އީމާންވެ، ނަމާދު ޤާއިމުކޮށް އަދި ތިމަން ރަސްކަލާނގެ އެ މީހުންނަށް ދެއްވި އެއްޗަކުން ހޭދަކުރެއެވެ'، މިހެންނެވެ. މި އާޔަތުގައި މުއުމިނުންގެ މި ނަންގަންނަ ތިން ސިފަ ބަޔާން ކުރެވިފައި ވެއެވެ. 'ޣައިބަށް އީމާންވުމާއި' 'ނަމާދު ޤާއިމު ކުރުމާއި' އަދި 'އެހެން މީހުންގެ މައްޗަށް ހޭދަކުރުން' މި ތިން ސިފައެވެ. މި ތިން ސިފައިގެ މައްޗަށް އިތުރަށް ބަލައިލަމާ ތޯއެވެ!

ފާހަގަކުރެއްވޭނޭ ފަދައިން، މި އާޔާތުގައި، ތަޤުވާވެރި މުއުމިނުންގެ އެންމެ ފުރަތަމަ ސިފަޔަކަށް، ބަޔާން ކުރެވިފައިވަނީ އެ މީހުންނަކީ 'ޣައިބަށް' އީމާންވާ ބައެއް ކަމުގައެވެ. 'ޣައިބު'، މި ލަފުޒުން، އިޝާރަތްކުރެވެނީ، ހިއްސުތަކުގެ ޒަރިއްޔާއިން، އިންސާނާގެ ހިތަށް، އެ އެއްޗެއްގެ ނުވަތަ އެ ކަމެއްގެ ވާގިއު (ރިއަލިޓީ ނުވަތަ އެއްޗެއް ނުވަތަ ކަމެއްގެ ހަގީގަތް އޮންނަ ގޮތް) އިދުރާކު ނުކުރެވޭ (ދެނިނުގަނެވޭ) އެއްޗިއްސާއި ކަންކަމެވެ. މިސާލަކަށް މާތްﷲގެ ޒާތުފުޅުގެ ވާގިއުއެވެ. މަލާއިކަތް ބޭކަލުންނާއި ޖިންނީންގެ ވާގިއުއެވެ. އާޚިރަތް ދުވަހާއި އެ ދުވަހާއި ގުޅިފައިވާ އަލުން ދިރުއްވުމާއި، މަޙްޝަރުކުރެއްވުމާއި ހިސާބު ބެއްލެވުމާއި، ސުވަރުގެ އާއި ނަރަކައާއި މި ކަންކަމުގެ ވާގިއުއެވެ. މި ދެންނެވި އެއްޗިއްސާއި ކަންކަމުގެ ހަގީގަތް އޮންނަ ގޮތް، އެއީ އިންސާނާގެ ހިތަށް ނަގައި ގަނެވޭ ކަންކަމެއް ނޫނެވެ. މި ކަމުގެ ސަބަބު ދެނެގަތުމަށްޓަކައި އިންސާނުންނަށް އެއްޗެހި ވިސްނެނީ ކިހިނެއްކަން ބަލައިލާން ޖެހެއެވެ. 

އިންސާނާގެ ހިތަށް އެއްޗެއްގެ ހަގީގަތް ވިސްނި ފަހުމުވުން ބިނާވެފައި އޮންނަނީ، ކުރީން، އެ އެއްޗެއްގެ ހަގީގަތް، އޭނާއަށް ފެނި ނުވަތަ ތަޖުރިބާކުރެވި، އޭގެ ތަސައްވުރު ހިތުގައި ހަރުކޮށްލެވިފައިވުމުގެ މައްޗަށް ބިނާކޮށެވެ. މިސާލަކަށް، 'ފޮތެކޭ' ބުނުމުން އޭގެ މަފްހޫމު ނުވަތަ މާނަ ވިސްނެނީ ފޮތުގެ ހަގީގަތަކީ ކޮބައިކަން ކުރިން އެނގިފައި އަދި އޭގެ ތަސައްވުރު، އޭގެ ސޫރަ ނުވަތަ ސިފަ، ހިތަށް ނެގި، ހިތުގައި ހަރުކޮށްލެވިފައި ވާތީއެވެ. މީގެ އިތުރަށް، އިންސާނާގެ ހިތަށް، ފަސޭހައިން ނަގައިގަނެ، އޭގެ ހަގީގަތް ދެނެގަނެވެނީ، އޭނާގެ އަމިއްލަ ވެށި ކަމުގައިވާ ތަބީއީ ދުނިޔެއާއި (ފިޒިކަލް ވާރލްޑްއާއި) ގުޅިފައިވާ ހިއްސީ (ކޮންކޮރީޓް) މަފްހޫމުތަކެވެ. ގަސްގަހާގެހި، މާމެލަމެލި، ޖަނަވާރާއި ދޫނިސޫފި ފަދަ މަފްހޫމުތަކެވެ. މިފަދަ މަފްހޫމުތަކަކީ އިންސާނާގެ ހިއްސުތަކުގެ ޒަރިއްޔާއިން އޭގެ ހަގީގަތް ދެނެގަނެވި، އަދި އެހެންވެ، އޭނާގެ ހިތަށް އެއެއްޗެތީގެ ވާގިއު، ނަގައިގަނެވޭ އެއްޗިއްސެވެ. މިސާލަކަށް، ބަލިޖައްސައި އެކިއެކި ޖަރާސީމުތަކުގެ ވާޤިއު، އަޅުގަނޑުމެންނަށް، ދެނެގަނެވެއެވެ. އެ ޖަރާސީމުތައް އުފެދޭ ގޮތާއި، ބަލިޖައްސާ ގޮތާއި، އަދި އެއިން ދިފާއުވެވޭނޭ ގޮތް ވެސް، އެ ޖަރާސީމުތައް މުލާހަޒާކޮށް، އިލްމީ ތަޖުރިބާތަކުގެ އަލީގައި، ދެނެގަނެ ވެއެވެ. އެހެނީ އެޖަރާސީމުތަކަކީ އަޅުގަނޑުމެންގެ ތަބީއީ ދުނިޔޭގެ ދާއިރާގެ ތެރޭގައި ހިމެނޭ، އަޅުގަނޑުމެންގެ ހިއްސުތަކުގެ ޒަރިއްޔާއިން އޭގެ ވާގިއު ދެނެގަނެވޭ އެއްޗަކަށް ވާތީއެވެ.

ނަމަވެސް ތަބީއީ ދުނިޔެއިން ބޭރުގައިވާ މާވަރާއީ ދުނިޔެއާއި (މެޓަފިޒިކަލް ވާރލްޑްއާއި) ގުޅިފައިވާ މައުނަވީ (އެބްސްޓްރެކްޓް) މަފްހޫމުތަކުގެ ވާގިއު ދެނެގަތުމަކީ އިންސާނާގެ ސިކުޑިއަށް ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. ކުރީން ވެސް ނަންގަނެވުނު ފަދައިން މާތްﷲ، މަލާއިކަތުން، ސުވަރުގެ، ނަރަކަ، މި ލަފުޒުތަކުން އިޝާރަތްކުރެވޭ ވާގިއުގެ ހަގީގީ ތަސައްވުރު، އިންސާނީ ހިތަށްގެނެސް ގަތުމަށް އިންސާނާގެ ސިކުނޑި ކުޅެދިގެން ނުވެއެވެ. ސަބަބަކީ މިއީ އިންސާނާގެ ތަޖުރިބާއިން ބޭރުގައިވާ ކަންކަމަށްވާތީއެވެ. އޭނާއަށް، މާތް ﷲ ނުވަތަ މަލާއިކަތްބޭކަލުން، ފެނިފައެއްނުވެއެވެ. އަދި ސުވަރުގެއާއި ނަރަކަ ފެނި ތަޖުރިބާ ކުރެވިފައެއް ނެތެވެ. މި ނަންގަތް ފަދަ އެއްޗިއްސާއި ކަންކަމަކީ އަޅުގަނޑުމެންގެ ތަބީއީ ދުނިޔޭގެ ކަންތައްތައް ފަދައިން ހޯދައި އޭގެ ހަގީގަތް އޮންނަ ގޮތް ދެނެގަނެވޭނޭ އެއްޗިއްސާއި ކަންކަމެއް ނޫނެވެ. މާތްﷲ ވޮޑިގެންވުމާއި، އުޚުރަވީ ހަޔާތާއި ގުޅޭ ސުވަރުގެއާއި ނަރަކައަކީ، ޖަރާސީމު ފަދަ ތަބީއީ ދުނިޔޭގެ ކަންތައްތައް ފަދައިން، ބަލައި، މުލާހަޒާކުރެވޭ އެއްޗިއްސާއި ކަންކަމެއް ނޫނެވެ. އެހެންވެ، މި ފަދަ އެއްޗިއްސާއި ކަންކަމީ، އިލްމީ ތަޖުރިބާގެ އަލީގައި، އޭގެ ހަގީގަތް، ސާބިތުކޮށް ދެވޭނޭ ނޫނީ އޭގެ އަލީގައި އެއީ ބާތިލު ކަންތައްތަކެއް ކަމުގައި ކަނޑައަޅައިލެވޭނޭ ކަންކަމެއް ވެސް ނޫނެވެ. އެހެނީ، މި ފަދަކަންކަމީ އިލްމީ ތަޖްރިބާތަކުގެ ދާއިރާ ކަމުގައިވާ ތަބީއީ ދުނިޔެއިން ބޭރުގައި ހިމެނޭ މާވަރާއީ ދުނިޔެ (މެޓަފިޒިކަލް ވާރލްޑް)އާއި ގުޅޭ ކަންކަމަށް ވާތީއެވެ. އާދެ، 'ޣައިބު' މި ލަފުޒުން އިޝާރަތްކުރަނީ މާވަރާއީ ދުނިޔޭގައި ހިމެނޭ މި ދެންނެވި ފަދަ އެއްޗިއްސާއި ކަންކަމުގެ ވާގިއުތަކަށެވެ.

އަޅުގަނޑުމެން އިންސާނުންގެ ވާގިއު ގުޅިފައި ވަނީ ހަމައެކަނި ތަބީއީ ދުނިޔެއާއި ނޫންކަމާއި އަދި އަޅުގަނޑުމެންގެ ހިއްސުތަކުގެ ޒަރިއްޔާއިން ދެނެގަނެވޭނޭ ކަންތައްތަކާއި ނޫންކަމާއި، އަދި އަޅުގަނޑުމެންގެ ވާގިއު ފުރިހަމަވަނީ އެ ކަމުގައި މާވަރާއީ ދުނިޔެއާ ގުޅޭ ކަންތައްތަކެއް ވެސް ހިމެނިގެންކަން، ހިތުގެ އަޑީން ގަބޫލު ކުރެވިގެން މެނުވީ އިންސާނާއަކަށް، މާތްﷲ ވޮޑިގެންވާ ކަމާއި އަދި ހަޔާތުގެ ހަގީގީ މާނައެއް އޮތްކަން ދެނެއެއް ނުގަނެވެއެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ޣައިބަށް އީމާންވުން ހިމަނައިލެވިފައިވުމުން ދޭހަވަނީ، ކީރިތި ޤުރްއާނުގައި ހުށަހަޅައިލެވިފައިވާ އިލާހީ ތެދުމަގުގެ ފައިދާ ލިބިގަތުމަށް ޓަކައި މިއީ މުހިއްމު ސިފައެއް ކަމެވެ. މި ސިފަ ލިބިގެން ނުވާ މީހުންނަކަށް، ކީރިތި ޤުރްއާނުގައި ހުށަހަޅައިލެވޭ އިލާހީ ހިދާޔަތުން ކުރާނޭ ފައިދާއެއް ނެތްކަމެވެ.

ތަޤުވާވެރިން ނުވަތަ މުއުމިނުންގެ ދެވަނަ ސިފަޔަކަށް ބަޔާންކުރެވިފައިވަނީ "ويقيمون الصلاة" މި ފަދައިންނެވެ. އެ މީހުންނަކީ ނަމާދު ޤާއިމުކުރާ ބަޔެއްކަމުގައެވެ. الصلاة، ނަމާދުން މި ތަނުގައި އިޝާރަތްކުރެވެނީ، މުސްލިމުންގެ އެންމެ އިސް ދީނީ ޝިޢާރު ކަމުގައިވާ ފަރުޟު ފަސް ނަމާދަށެވެ. ނަމާދު ޤާއިމުކުރުމަކީ، ފަރްޟު ފަސްނަމާދު ދާއިމީ ސިފައެއްގައި ކުރުމަށެވެ. ކޮންމެ ދުވަހަކުމެ، ނަމާދުކުރުމަށް ކަނޑައެޅިފައިވަ ވަގުތުތަކުގައި، ނަމާދުކުރާން އަންގަވައިފައިވާ ސިފައިގައި ނަމާދުކުރުމަށެވެ. އެއީ، ނަމާދުގެ ސޫރަ، ނަމާދުގެ ހަރަކާތްތަކާއި ކިޔުންތައް، އެ ކަން އޮންނަ ގޮތުގައި ފުރިހަމަކުރުމެވެ. ނަމާދުގެ ޤިޔާމުއާއި، ރުކޫޢުއާއި، އިއުތިދާލުއާއި، ސަޖިދައާއި، ދެ ސަޖިދަމެދު އިނުމާއި، ފުރަތަމަ އައްތަހިޔާތާއި ފަހު އައްތަހިއްޔާތުއާއި، ސަލާމްދިނުމާއި އަދި މި މަގާމުތަކުގައި ކިޔާން ޖެހޭ ދުޢާތަކާއި ތަސްބީހަތައް، އެ ކަންކަން ކުރަން އޮންނަ ގޮތަށް ކުރުމެވެ. މީގެ އިތުރަށް، ނަމާދުން ގަސްދުކުރެވޭ މަގުސަދު ހާސިލުކުރުމަށް މަސައްކަތް ކުރުމެވެ. ނަމާދަކީ، ހަމަ އެކަނި އޭގެ ޒާތަށްޓަކައި ކުރެވޭ ކަމަކަށް ނުހެދުމެވެ. ކީރތި ޤުރުއާނުގައި، އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިން، ނަމާދުގެ މައިގަނޑު މަގުސަދަކީ، ނަމާދު މެދުވެރިކޮށް މާތްﷲ މަތީން ހަނދުމަކޮށް، ތިމާ ހެޔޮލަފާ މީހަކަށް ވުމަށްޓަކައި މަސައްކަތް ކުރުމެވެ. އާދެ، ނަމާދު ޤާއިމު ކުރުމުގެ މާނައަކީ މިއެވެ. ނަމާދުކުރާން އޮންނަ ސޫރައާއި އެއް ގޮތްވާ ގޮތުގެ މަތީން، ނަމާދުކުރާން ކަނޑައެޅިފައި އޮންނަ ވަގުތުގައި ނަމާދުކުރުމާއި އަދި ނަމާދުކުރުމުގެ މަގުސަދު ހާސިލުކުރާން ގަދައަޅައި މަސައްކަތްކުރުމެވެ. ތަޤުވާވެރި މުއުމިނުންނަކީ މި ފަދައިން ނަމާދުކުރުން މަތީ ދެމި ތިބޭ ބަޔެކެވެ.

ތަޤުވާވެރިންގެ ތިންވަނަ ސިފައަކަށް ބަޔާންކުރެވިފައިވަނީ މިފަދައިންނެވެ. "ومما رزقناهم ينفقون" "އެ މީހުންނަކީ، ތިމަން ރަސްކަލާނގެ އެ މީހުންނަށް ދެއްވި ރިޒްޤުން، ހޭދަކުރާ މީހުންނެވެ." ރިޒުޤުގެ ލަފްޒީ މާނައަކީ އިންސާނާ ދިރިދެމި ހުރުމަށް ބޭނުންވާ އެއްޗިއްސެވެ. ކެއުމާއި ބުއިމަށް ބޭނުންކުރާ އެއްޗިއްސެވެ. މި އެއްޗެހި ހޯދުމަށް ބޭނުންވާ ފައިސާއާއި މުދަލެވެ. އަދި، އެ މުދަލާއި ފައިސާ ހޯދާން ކުރަން ޖެހޭ މަސައްކަތެވެ. އަދި އެ މަސައްކަތް ކުރާން ބޭނުންވާ ކުޅެދުމާއި ހުނަރެވެ. މި ހުރިހާ ކަމެއް ވެސް ރިޒުގުގެ މަފްހޫމުގެ ތެރޭގައި ހިމެނެއެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި މާތްﷲ އެ މީހުންނަށް ދެއްވި ރިޒުގުން އެހެން މީހުންގެ ފައިދާއަށްޓަކައި ހޭދަކުރުން ހިމެނެއެވެ. އޭގެ މާނައަކީ އެ މީހުންނަށް ލިބިފައިވާ މުދަލުންނާއި ފައިސާއިން، ކެރިކުޅަދާނަ މިންވަރަކުން، އެހެން މީހުންނަށްޓަކައި ހޭދަކުރުމުވެ. އަދި، އެމީހުންނަށް ލިބިފައިވާ ކުޅެދުމަކާއި ހުނަރެއް ބޭނުން ކޮށްގެން އެހެން މީހުންނަށް އެހީތެރިވެ ޚިދުމަތްކޮށް ދިނުމެވެ. މިސާލަކަށް، ހިލޭ ސާބަހަށް، މަސައްކަތެއް ކޮށްލައިދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްލައިދިނުން ނުވަތަ އެއްޗެއް އުނގަންނައިލަދިނުން، މިއީ ވެސް އެ މީހަކަށް ލިބިފައިވި ރިޒްޤުން ހޭދަކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އާދެ، މުއުމިނުންގެ ސިފަތަކުގެ ތެރޭގައި، އެ މީހުންގެ މުދަލުންނާއި ފައިސާއިން، އަދި އެ މީހުންނަށް ލިބިފައިވާ ކުޅެދުމަކާއި ހުނަރެއް ބޭނުންކޮށްގެން، އެހެން މީހުންނަށް އެހީތެރިވެ ޚިދުމަތްކޮށް ދިނުން ހިމެނެއެވެ.

(ނުނިމޭ)

www.fanvai.info