އަދުގެ ޚާއްސަ

Print

ހައްތާ އަސަރު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

ޢަލީ ޚާލިދު، ފިޔާތޮށިވިލާ، ސ.ހިތަދޫ

ހިނގާ ހަމަ ކޮންމެ ކަމަކީވެސް، ކުރިން އިސްވީ ކަމެއްގެ އަސަރު،

         ހިނގާ ހަމަ ކޮންމެ ކަމަކުންވެސް،ފަހުގެ ކަމަކަށް ކުރާނެ އަސަރު.

ތަޅައި  މެރުމާ،  މިތާ މިހިނގާ  ނުބައި  ރޭވުންތަކާއި  މަކަރު،

         ނަގައިލި މިއީ ބަޔަކު ކޮންމެސް، ނުވަތަ ކުރި،ކަންތަކެއްގެ އަސަރު.

ރިވެތި އަޚުލާޤަށާ، ދީނަށް، ދޮށީ  އުމުރަށް  ދެވުނު  އެ ޤަދަރު،

         ދިވެހި  އިސްޓޭޖުގައި، މީވެސް، ފެނުނު  ފީތާ ތަކެއްގެ  އަސަރު.

ޢުލޫމާ ފަންނުގައި ދިވެހިންގެ ގުލްޝަނުގައި ވިއަސް  އެ ވަރަދު،

         ސުލޫކު މުޅިން އަނދައި ދިޔުމުން ހުރީ ތަނުގައި އެ ވަހުގެ އަސަރު.

ސިޔާސަތުތައް، ގޮވޭހާލުގެ ދުލުގެ ގޮވުމާއި  ވުމުން އެ  ފަރަޤު، 

         ޤިޔާދަތަކުން  ނެރޭ   ޙުކުމުން، ކުރާނޭހޭ  އެދޭ  މި  އަސަރު.

އުޅޭ މައްސަލަ، ނިޝާނާއި އޭގެ، ވަކިކޮށް ނޭނގުމުން... ބަޚަބަރު،

         ގެޅޭ ފުލަކުން  ނެތޭ ނޫނީ އަޅާ ކަނޑުގައި ރޮނގެއްގެ  އަސަރު.

ވަޅޯގަނޑު  ރާވެރިން ހަދަނީ، އެތަށް  ފަރުވާ  ކުރާށެ، ފަޤަޠް،

         ވަޅޯގަނޑަކުން، ރަވޯ  ކައިފާ  ހޮޑަށް  ލީމާ،  ކުރޭހެ  އަސަރު.

ވިލާތުން ހެދި ޕުލޭނާ، ޗާޓް، އިލާހަށް  ތިބެ  ވެގެން  ކާފަރު،

         ވިލާތުން  އައި ކުދީން ބުންޏަސް، އެއިން ކުރުވާނެތާ އެ އަސަރު.

ޝަހާދާ ގައި ދެތިން  އަހަރުގެ  ވަށައިނުޖެހޭ  ހުރީމަ  ޚަލަލު،

         ޖަމާޢަތުގައި  ދެވޭ  ޚިދުމަތް   ތަކުން  ފެންނާނެ  އޭގެ އަސަރު.

ޢުލޫމުގެ ކަނޑު ތަކަށް ފީނައި، ބަލައި ހޯދައި އެތާނގެ ޤަޢަރު،

         ފުނޫނާއެކު   މުތީ  ނެރެގެން   މެނޫނީ   ނުކުރުވޭނެ   އަސަރު.

މިތާ އޮތް ދީނަށާ، ގައުމިއްޔަތަށް ނުބަލައި  މި ގެންނަ  ޚަބަރު،

         މިތާ މި ކުރާ  ކޮޕީޕޭސްޓުން  ނުބައި  ނެތިއެއް  ނުދާނެ  އަސަރު.

އޮޅުން ހުރި ކޯސްތަކުން މިދެވޭ،  ޖަވާނީ  މާލިމީން ގެ ޚަބަލު،

         ލޮޅުން  އަރުވައި  ތަނަށް ދައްކާލަނީ  ޤަރުނެއްފަހުން  އެ  އަސަރު.

ނަގާ ފިކުރީ  ޣިޒާގައި ނެތް،  އިލާހީ  ވިޓަމިނެއްގެ  ރަސަމް،

         ޢަޤާއިދު ގައި  ނަގާ  މަތިވަރު ގެ ހުންނާނެޔެ  ނުބައި އެ  އަސަރު.

ފަޅާ ދަތްދޮޅިއަކުން އިސްތަށި، އޮޅާ ބޮލު ފޮތިކޮޅެއްގެ ޕަވަރު،

         ދަމާ  ބޭރަށް  ނުލާނެޔެ  ހަމަ  މި  ދައްކާހައި  ނުބައިވި  އަސަރު.

ނަގާ ބިޔަރާޅުތައް ބިރުވެރި، ބަލައި ހޯދައި ނަގާ  އެ   ސަބަބު، 

         އަޅާށޭ   ފިޔަވަޅެއް  އެދެވޭ،   އެދޭނަމަ   ފެހިކަމެއް ގެ  އަސަރު.  

_____________________________

އިދާރާ

އެނގޭތަ؟

ވާހަކަ