އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (12)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދިރާސާ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(17 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 4

ހަތަރުވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. 'والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރީން ބާވައިލެއްވުނު އެއްޗިއްސައް ވެސް އީމާންވާ މީހުންނެވެ. އަދި އާޚިރަތް ދުވަސް އަންނާނޭ ކަމާ މެދު، އެ މީހުން ޔަގީންކުރެއެވެ' މި އާޔަތުގައެވެ. މި އާޔަތުގައި ފުރަތަމައަށް ބަޔާންކުރެވިފައި ވަނީ މުއުމިނުންނަކީ މާތްﷲ ބާވައިލެއްވި ފޮތްތަކަށް އީމާންވާ މީހުން ކަމެވެ. މި ގޮތުން، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ، މުހައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ފޮތް ކަމުގައިވާ ކީރިތި ޤުރުއާނަށް އެންމެ ފުރަތަމައިން، އެ މީހުން އީމާންވެއެވެ. މީގެ މާނައަކީ، އެ ފޮތަކީ މާތްﷲ ބާވައިލެއްވި ފޮތެއްކަން ހިތުގެ އަޑީން ގަބޫލުކުރުމެވެ. އަދި އެ ފޮތުގައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމުގައި ވެސް ގަބޫލުކުރުމެވެ. އަދި މި ގަބޫލު ކުރުން މުއުމިނުންގެ ކިބައިން ފެނިގެން ދެއެވެ. އެ މީހުނަކީ، އެ ފޮތުގައި އެންގަވައިފައިވާ ގޮތުގެ މަތީން، އެ މީހުންގެ އަމަލުތައް، ބެހެއްޓުމަށްޓަކައި މަސައްކަތްކުރާ ބައެކެވެ. 

މިއަށްފަހު، ދެން އޮތީ އެ މީހުންނަކީ މުހައްމަދުގެފާނުގެ ކުރީގެ ނަބީބޭކަލުންގެ މައްޗަށް ބާވައިލެއްވުނު ފޮތްތަކަށް ވެސް އީމާންވާ ބަޔެއް ކަމުގައެވެ. ސަލާމްލެއްވި އިބްރާހީމުގެފާނުގެ މައްޗަށް ބާވައިލެއްވުނު ސުހުފުތަކަށާއި – ފަތްފުށްތަކަށާއި -، ސަލާމްލެއްވި މޫސާގެފާނުގެ މައްޗަށް ބާވައިލެއްވުނު ތައުރާތަށާއި ސަލާމްލެއްވި ދާއޫދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ޒަބޫރަށާއި އަދި ސަލާމްލެއްވި އީސާގެފާނުގެ މައްޗަށް ބާވައިލެއްވުނު އިންޖީލަށް ވެސް 'އީމާންވާ' މީހުންނެވެ. މި ފޮތްތަކަށް އީމާންވުމުގެ މާނައަކީ، އެ ފޮތްތަކަކީ ވެސް އިލާހީ ފޮތްތަކެއް ކަމުގައި ޤަބޫލުކުރުމެވެ. ކީރިތި ޤުރުއާން ފަދައިން، އެ ފޮތްތަކުގެ އަސްލުވެސް ބާވައިލެއްވީ މާތްﷲކަން ޤަބޫލު ކުރުމެވެ. މިއަދު، އަޅުގަނޑުމެންގެ އަތުގައި މިއިން އެއްވެސް ފޮތެއްގެ އަސްލެއް ނެތެވެ. އެހެންވެ، މި ފޮތްތަކުގައިވާ ތަފްސީލީ ވާހަކަތަކަށް އީމާންވުން، އެ މީހުންގެ މައްޗަކަށް ލާޒިމުވެގެން ނުވެއެވެ. އެ ފޮތްތަކުގެ ތަފްސީލީ ވާހަކަތަކަށް ބަލައިލާ އިރު، އޭގައި ހިމެނޭ ވާހަކަތަކުގެ ތެރެއިން، ކީރިތި ޤުރްއާނާއި ތައާރުޟުނުވާ، އާދެ، ފުށުނާރާ، ވާހަކަތައް، މުއުމިނުން ގަބޫލުކުރެއެވެ. 

އިލާހީ ފޮތްތަކަށް އީމާންވުން ރަމްޒުކޮށް ދެނީ، އިލާހީ ހިދާޔަތަކީ، މަގުދެއްކުމަކީ، ކީރިތި ޤުރުއާން ބާވައިލެއްވުމާ ހިސާބުން ފެށުނު ކަމެއް ނޫންކަމެވެ. ކީރިތި ޤުރާން ބަޔާންކުރާ ގޮތުގައި، ދުނިޔޭގައި އިންސާނުން ދިރިއުޅޭން ފެށީއްސުރެން ވެސް، މާތްﷲ މީސްތަކުންނަށް ހިދާޔަތު ދައްކަވަމުން ގެންދެވިއެވެ. މީސްތަކުންގެ އަޚުލާޤީ ހާލަތު އޮތް ގޮތުގެ މައްޗަށް ބަލައި، އެ ފަދަ ހިދާޔަތަކަށް ބޭނުންވެފައި ވި ވަގުތުވަގުތުތަކުގައި ރަސޫލުބޭކަލުން މެދުވެރިކުރައްވައި އިލާހީ ހިދާޔަތު މީސްތަކުންނަށް ގެނެސްދެވުނެވެ. މީގެ މިސާލުތައް ކީރިތި ޤުރުއާނުގެ އެކިއެކި ސޫރަތްތަކުގައި ބަޔާންކުރެވިފައި ވެއެވެ. މީގެ ތަފްސީލު އެ އާޔަތްތަކުގެ ތަފްސީރު ލިޔެވޭ އިރު، އިރާދަކުރެއްވިއްޔާ، ގެނެސް ދެވޭނެއެވެ. 

މުއުމިނުންނަކީ އިލާހީ ފޮތްތަކަށް އީމާންވާ ބަޔެއްކަން ބަޔާންކޮށް ދިނުމަށް ފަހު، ދެން އޮތީ އެ މީހުންނަކީ އާޚިރަތް ދުވަހަށް އީމާންވާ ބައެއް ކަމުގައި ފާހަގަކުރެވިފައެވެ. އާޚިރަތް ދުވަސް އަންނާނޭ ކަމާމެދު ކުޑަ ވެސް ޝައްކުކަމެއް ނެތި ޔަގީން ކަށަވަރުކޮށް، ހިތުގެ އަޑީން އެ ކަން ގަބޫލު ކުރާ ބަޔެއް ކަމުގައެވެ. މީގެ މާނައަކީ، އެ މީހުން ޔަގީން ކުރާ ގޮތުގައި، މާތްﷲ ފިޔަވައި، ކައުނާއި ކާއިނާތުތައް، ދުނިޔެއާއި ދުނިޔޭގައި ލެއްވިގެންވާ ހުރިހާ އެއްޗެއް ނެތިކުރައްވާނޭ ދުވަހެއް އަންނާނެއެވެ. ހުރިހާ މަޚްލޫގުނެއްމެ މަރުވެ، ނެތިގޮސް، އަޅުގަނޑުމެން މި ދަންނަ ހަޔާތާއި ވުޖޫދަށް ނިމުން އައިސް މި ވުޖޫދު ނެތި ދާނޭ ދުވަހެއް އަންނާނެއެވެ. އަދި އެއަށް ފަހު، އާ 'ދުނިޔެ'އެއް 'އާ ވުޖޫދެއް' އުފައްދަވައި، މީސްތަކުން، އަލުން ދިރުއްވާނެއެވެ. ދެން، މާތްﷲގެ ހަޟްރަތުގައި މީސްތަކުން، މަހްޝަރުކޮށް އެއްކުރެވި، ހާޒިރުކުރެވޭނެއެވެ. އަދި އެއަށް ފަހު، ދުނިޔޭގައި އެ މީހުންގެ އަމަލުތައް ހުރި ނެތް ގޮތުގެ މައްޗަށް ބަލައި، ހިސާބު ބެއްލެވޭނޭ ކަމެވެ. ދެން، އެ މީހުންނަށް ހައްގުވާ ޖަޒާއެއް ދެވޭނޭކަމެވެ. ސުވަރުގެވަންތަ ވެރީންނަށް ސުވަރުގޭގެ ނިއުމަތެވެ. ނަރަކަ ހައްގުވާ މީހުންނަށް ނަރަކައިގެ އަޒާބެވެ. މުއުމިނުންނަކީ މި ކަންކަން، ހިތުގައި އެއްވެސް ޝައްކަކާ ނުލައި، ކަށަވަރުކޮށް ގަބޫލުކުރާ ބަޔެކެވެ.

އާޚިރަތް ދުވަހުގެ ވާހަކަ ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި އައިސްފައިވެއެވެ. ޚާއްސަ ގޮތެއްގައި މައްކީ ސޫރަތްތަކުގައެވެ. ކީރިތި ޤުރުއާނުގައި އާޚިރަތުގެ ވާހަކަ ގިނަގިނައިން އައިސްފައިވަނީ، އެއީ، އިންސާނާގެ އަޚުލާގައި ސުލޫކަށް ހެޔޮ ބަދަލެއް ގެނުވައިދޭ ބާރަކަށް ވާތީއެވެ. މި ކަން އަލްމާޢޫނު ސޫރަތުން ފެނިގެންދެއެވެ. މައްކާގެ މުޝްރިކުންނަށް ނިސްބަތްކޮށް، އެ މީހުން އާޚިރަތް ދުވަސް ގަބޫލުކުރާން ބޭނުން ނުވާ ސަބަބު، މި ސޫރަތުގައި ބަޔާން ކުރެވިފައިވާ ބަޔާންކުރުމުންނެވެ. أرأيت الذي يكذب بالدين، فذلك الذي يدع اليتيم ولا يحض على طعام المسكين. "ކަލޭގެފާނު، އެ ބަހީ، މުހައްމަދުގެފާނު، ޖަޒާދިނުމުގެ ދުވަސް (އެބަހީ، އާޚިރަތް ދުވަސް) އަންނާނޭކަމާ މެދު އިންކާރު ކުރާމީހާގެ (ވާހަކަ) ދެނެވަޑައިގެން ހުންނެވީމު ތޯއެވެ؟ އޭނާ އަކީ، ފަހެ، ޔަތީމު ކުދީންނަށް (އަޅާނުލާ) ދުރަށްލާ މީހާއެވެ. އަދި ނިކަމެތިންނަށް އަޅައިލުމާއި، ކާއެއްޗެއް ފޯރުކޮށްލައިދިނުމަށް (އެހެންމީހުންނަށް ވެސް) ބާރުނާޅާ މީހާއެވެ." މިއާޔަތުން ދޭހަވަނީ އާޚިރަތް ދުވަސް އަންނާނޭކަމާ މެދު އިންކާރު ކުރަނީ، ބުއްދީގެ ހަމަތަކުން ބަލައި، އެއީ މުސްތަހީލު ކަމަކަށް ދެކިގެން ނޫން ކަމެވެ. ނަމަވެސް، އާޚިރަތް ދުވަހާ ދޭތެރޭ ފިކުރުކޮށް، އެ ދުވަސް އަންނާނޭކަން ގަބޫލުކޮށް ބަލައިގެންފި ނަމަ، ތިމާގެ އަމިއްލަ އަޚުލާގާއި ސުލޫކަށް ބަދަލު ގެންނަން ޖެހޭނެތީއެވެ. ތިމާގެ ދަހިވެތިކަމާއި އަމިއްލަ އެދުން، ތިމާގެ އަނާނިއްޔަތުކަމާއި މަށަށްމަށަށްކަން، ހައްދުފަހަނައަޅައި ދިޔަނުދީ، ވަކި ހުދޫދެއްގެ، މިންގަނޑެއްގެ، ތެރޭގައި ބަހައްޓާން ޖެހޭނެތީއެވެ. ތިމާގެ އިޖުތިމާއި މަސްއޫލިއްޔަތެއްވާ ކަމާއި، އެ ކަން ނިޔާކުރާ ގޮތުން، އެހެން މީހުންނަށް ވެސް، ތިމާ ކެރިކުޅަދާނަ ވީވަރަކުން، އަޅައިލާން ޖެހޭކަން ގަބޫލުކުރާން ޖެހޭތީއެވެ. 

ކީރީތި ޤުރްއާނުގައި، އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭނޭ އަދި އޮތުން ޒަރޫރީ ދުވަހެއްކަމުގައި ވެސް، ބަޔާން ކުރެވިފައިވެއެވެ. އެ ބަޔާންކޮށްދިނުމުގެ ޚުލާސާ މި ތަނުގައި ލިޔެލާނަމެވެ. އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭ ދުވަހެއްކަމުގައި ބަޔާންކޮށްދިނުމުގެ ގޮތުން ތިން ސަބަބެއް ކީރިތި ޤުރްއާނުގައި ހުށަހަޅައިލެވިފައި ވެއެވެ. އެންމެ ފުރަތަމަ، އާޚިރަތް ދުވަހެއް ނެތް ނަމަ، ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، މި ފަދަ އަގުތަކަކީ މާނައެއް ހުރި އެއްޗިއްސަކަށް ނުވާކަން ފާހަގަކޮށްދީފައި ވެއެވެ. އާދެ، މި ކަމަށް އިޝާރަތްކޮށް، އައްޞާއްފާތު ސޫރަތުގެ 21ވަނަ އާޔަތުގައި އާޚިރަތް ދުވަހަކީ، ރަނގަޅާއި ނުރަނގަޅާއި ދެމެދު ފައިސަލާކުރުމުގެ ދުވަސް ކަމުގައި ސިފަކުރެވިފައި ވެއެވެ. "މިއަދަކީ (އާޚިރަތް ދުވަހަކީ) ފައިސަލާކޮށް ނިޔާ އިއްވުމުގެ ދުވަހެވެ." ރަނގަޅު ގޮތަކީ ކޮބައި ކަމާއި ނުރަނގަޅު ގޮތަކީ ކޮބައިކަން ވަކިކޮށް، ކަނޑައަޅައި، އެ މީހެއްގެ ހައްގު ޖަޒާ ނޫނީ ސަޒާ، އެ މީހަކަށް ދެވޭ ދުވަހެވެ. މި ފަދަ ދުވަހެއް ނެތް ނަމަ، ދުނިޔޭގައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހެޔޮ އަމަލު ކުރުމުގައި އޭނާގެ ހަޔާތް ވޭތުކޮށްލާ ހެޔޮލަފާ ސޯލިހު މީހާއާއި، ވައްކަމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލާ މުޖުރިމާ ދެމީހުންގެ ތަފާތެއް ނެތެވެ. މަރުވެ ދިޔުމުން ދެމީހުންގެ ކަންތައްތައް ވެސް ނިމުނީއެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވަނީ މިފަދައިން ކަންތައްވުމީ ބުއްދި ގަބޫލު ކުރާ ކަމެއް ނޫނެވެ.

ދެވަނަ ސަބަބަކަށް ބަޔާން ކުރެވިފައިވަނީ އާޚިރަތް ދުވަހެއް ނެތް ނަމަ، ހަމަހަމަ ކަމާއި އަދާލަތު ގެއްލި އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެން ދިޔުމެވެ. ކީރިތި ޤުރްއާނުގެ ސަބައު ސޫރަތުގެ 25 ވަނަ އާޔަތާއި އަދި 26 ވަނަ އާޔަތް ބައްލަވާލައްވާށެވެ. "ކަލޭގެފާނު (މުހައްމަދުގެފާނު، މައްކާގެ މުޝްރިކުންނާއި މުޚާތަބުކޮށް ވިދާޅުވާށެވެ!) ތިމަންބައި މީހުން ކުރި ކުށަކާ މެދު ކަލޭމެން މަސްއޫލުވާކަށް ނުޖެހޭނެއެވެ. އަދި ކަލޭމެން އަމަލު ކުރަމުންގެންދާ ގޮތާއި ބެހޭ ގޮތުން ތިމަންބައި މީހުން މަސްއޫލުވާކަށް ނުޖެހޭނެއެވެ. ކަލޭގެފާނު (އަދިވެސް، އެމީހުންނަށް) ވިދާޅުވާށެވެ. ތިމަންމެންގެ ސާހިބު ވަންތަ ރަސްކަލާނގެ ތިމަންމެން ހުރިހާ އެންމެން އެއްކުރައްވައި އެއްތަން ކުރައްވާ ނެތެވެ. ދެން، އެއަށްފަހު، ތިމަންމެންގެ މެދުގައި ހައްގާއި އެއްގޮތަށް (ނިޔާ އިއްވަވައި) ހުކުމް ކުރައްވާނެތެވެ. އެކަލާނގެއީ އެންމެ އަދުލުވެރިގޮތުގައި ހުކުމް ކުރައްވާ އަދި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ." އާދެ، މި ދެ އާޔަތުން ދޭހަވަނީ ކޮންމެ މީހަކުވެސް، ދުނިޔޭގައި، އެމީހަކު ކުރިކަމަކާ މެދު ސުއާލު ކުރެވޭނޭ ކަމެވެ. އޭނާގެ އަމަލުތަކާއި މެދު މަސްއޫލުވާން ޖެހޭނޭ ކަމެވެ. އާޚިރަތް ދުވަހެއް ނެތް ނަމަ، އެއްވެސް މީހަކު އޭނާ ކުރިކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ދޭތެރޭ މަސްއޫލުވާކަށް ނުޖެހޭނެއެވެ. 

ދުނިޔޭގައި ހިނގާ އެކި އެކި ޖަރީމާތަކަށް ނިކަން ނަޒަރު ހިންގާ ލައްވައި ވިސްނާލަ ބައްލަވާށެވެ. ބައެއް މީސްމީހުން، ދުނިޔޭގައި ގަތުލް އާންމު ފަދަ ބޮޑެތި ބޮޑެތި ޖަރީމާތައް ހިންގައެވެ. މިސާލަކަށް ހިޓްލަރު، ސްޓާލިން އަދި ޕޮލްޕޮޓް ފަދަ މީސްމީހުންނެވެ. އަދި ބައެއް މީހުން، އެމީހުންގެ މުޅި ހަޔާތް، މީހުން މެރުމުގައި އެބަ ހޭދަކޮށްލައެވެ. މިސާލަކަށް ޖަނަވާރުގެ ނަމުން މަޝްހޫރު ވެފައިވާ ކޮލަމްބިޔާގެ ލުއީސް ގަރަވީތޯ، ރަޝިޔާގެ އަންޑްރެއި ޗިކަޓިލްކޯ އެމެރިކާގެ ޓެޑް ބަންޑީ، ޗައިނާގެ ޔޭން ޒިންގްހައި އިންޑޮނީޝިޔާގެ އަހުމަދު ސުރާޖީ އަދި އެމެރިކާގެ ރިޗާޑް ކުކްކިލިންސްކީ ފަދަ ގާތިލުންނެވެ. މީގެ ތެރެއިން ބައެއް މީހުން ސަތޭކައަށް ވުރެ ގިނަ މީހުން މެރިއެވެ. މިސާލަކަށް، ރިޗާޑް ކުކްކިލިންސްކީ، 1986ގައި، އޭނާ ހައްޔަރު ކުރެވުމަށް ދާންދެން، އޭނާގެ ރަސްމީ މަސައްކަތަކީ މީހުން މެރުން ކަމުގައި ބަލައި، އޭނާގެ އަމިއްލަ އިއުތިރާފުން އެނގޭ ގޮތުގައި، ސަތޭކައަށް ވުރެ ގިނަ މީހުން މަރާފައި ވެއެވެ. (މީނާގެ ހަޔާތުގެ ވާހަކަ 'ދަ އައިސް މޭން' މިފޮތުގައި ބަޔާން ކުރެވިފައި ވެއެވެ. އަދި އޭނާއާއި ކުރެވުނު ބައެއް ބަސްދީގަތުން ޓީވީގެ ޒަރިއްޔާއިން ދެއްކުނެވެ. އަދި މި ބަސްދީގަތުމުގެ ރެކޯޑު ކުރުންތައް ޔޫޓިއުބުން މިއަދުވެސް ފެންނަން އެބައޮތެވެ. 'ދަ އައިސް މޭން ޓޭޕްސް' ބައްލަވާލައްވާށެވެ!)

މިފަދަ މީހުން، އެއްވެސް ހައްގަކާ ނުލައި މީހުން މެރިއެވެ. ތަފާތު އުމުރުގެ މީހުންނެވެ. މިފަދަ ބައެއް މީސްމީހުންނަކީ އެމީހުން ކުރި ކުށްތަކާ އެއްވަރުގެ އަދަބު ދުނިޔެމަތީގައި ލިބުނު ބައެކޭ ނުބުނެވޭނެއެވެ. އެތައް ސަތޭކަ މީހުން މެރި މީހަކު، ވިއްސަކަށް އަހަރު ޖަލުގައި ހޭދަކޮށްލުން އެއީ އަދުލު އިންސާފު ކަމުގައި ބެލެވިދާނެތޯއެވެ؟ އަދި، މީގެ އިތުރުން، އެފަދަ މީސްމީހުންގެ އަތުން މަރުވެ ދިޔަ މީހުންގެ ހައްގު ކޮބައިތޯއެވެ؟ އެމީހުންގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ ވަކިވާން ޖެހުމާއި، އެމީހުންނަށް ދުނިޔޭގައި ލިބެންއޮތް ހައްގުތައް ކޮބައިތޯއެވެ؟ އާޚިރަތް ދުވަސް ނެތް ނަމަ، ރިޗާރޑް ކުކްކިލިންސްކީ ފަދަ ގާތިލުން އެމީހުންގެ ޖަރީމާތަކަށް މަސްއޫލުވާންޖެހި، އެޖަރީމާތަކުގެ ހަގީގީ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އެމީހުންގެ އަނިޔާ ލިބުނު މީހުންގެ ހައްގުތައް ހޯދޭނޭ ގޮތެއް ވެސް ނޯންނާނެއެވެ. ކަންތައް މިހެން އޮތް ނަމަ، ދުނިޔެވީ ހަޔާތް ވެގެން ދާނީ އެމީހަކު ހިތުހުރި ގޮތަކަށް ކަންތައްތައް ކުރަން އޮތް ތަނަކަށެވެ. ދުނިޔަވީ ގާނޫނަށް ފިލެއް އޮތް ހިނދެއްގައި، ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ކޮންމެ ފަދަ ޖަރީމާއެއްވެސް ކުރަން ޖެހެލުންވާންވީ ސަބަބެއް ނެތެވެ. މިއީ ކީރިތި ޤުރުއާން ދެކޭ ގޮތުގައި ބުއްދި ގަބޫލު ކުރާ ކަމެއްނޫނެވެ.

ތިންވަނަ ސަބަބަކީ ދުނިޔޭގައި އެކަންކަމުގެ ހަގީގަތް ދެނެގަންނަށް ބޭނުންވާ އެތައް އެތައް ކަމެއް ވެއެވެ. ކީރިތި ޤުރްއާނުގައި ގެނެސް ދެވިފައިވާ އެއް މިސާލު ލިޔެލާނަމެވެ. ސަލާމް ލެއްވި އީސާގެފާނުގެ ހަގީގަތާއި ބެހޭގޮތުން ތަފާތު ވާހަކަތައް މީސްތަކުން ދައްކައެވެ. އެއްބަޔަކު ދެކެނީ އީސާގެފާނަކީ އިލާހެއް ކަމެވެ. އެމީހުންގެ އިލާހީ ތަސައްވުރުގައި މާތްﷲއީ ތިންކައުވަންތަ ކަލެކެވެ. އެމީހުން ދެކޭގޮތުގައި އެކަލާނގެ ޒާތުފުޅުގައި ތިންބައި ހިމެނެއެވެ. މީގެ ތެރެއިން އެއްބައަކީ އީސާގެފާނެވެ. އެމީހުން ދެކޭ ގޮތުގައި މިބައި މާތްﷲގެ ޒާތުފުޅުން ފިސާލުވެ، ވަކިވެ، މަރިޔަމްގެފާނު މެދުވެރިކޮށް، އިންސާނީ ސިފަ ލިބިގެން ދުނިޔެއަށް އުފަންވީއެވެ. އަނެއްބަޔަކު ދެކެނީ އީސާގެފާނަކީ މަރިޔަމްގެފާނާއި ކޮންމެ ވެސް މީހަކަށް، ކައިވެނީގެ ބޭރުން، ލިބިވަޑައިގެން އާދަމީ ދަރިކަލެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވަނީ އީސާގެފާނުގެ މިސާލަކީ އާދަމްގެފާނުގެ މިސާލު ކަމެވެ. މައިކަނބަލަކާއި ބަފައިކަލަކާއި ނުލައި އާދަމްގެފާނު ހެއްދެވުނު ފަދައިން، ބަފައިކަލަކާއި ނުލައި އީސާގެފާނު ހެއްދެވުނީއެވެ. މިއީ ކަމުގެ ހަގީގަތްކަން، އާޚިރަތް ދުވަހުން އެނގޭނޭކަން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވެއެވެ. 

އަދި މީގެ އިތުރުން ވެސް، އަޅުގަނޑުމެން އެކަންކަމުގެ ޖަވާބު ލިބިގަންނަން ބޭނުންވާ އެތައްކަމެއް ވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގެއްލޭ މީހުންނާއި، މަރާލެވި، އެމީހުންގެ ގާތިލަކީ ނުވަތަ ގާތިލުންނަކީ ކޮބައިކަން ނޭނގޭ މީހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައެއް ކަހަލަ ކަންތައްތައް ހިނގާ ގޮތުގެ ސިއްރެވެ. މިސާލަކަށް، އެއްބަޔަކު ދުނިޔެއަށް އުފަންވަނީ ސަމައްތަރު ހެޔޮ، ފުރިހަމަ ގޮތުގައެވެ. އަނެއް ބަޔަކު، ނުކުޅެދޭ ހާލުގައެވެ. އެއްބަޔަކަށް ފުރިހަމަ ސިއްހަތަކާއި ދުޅަހެޔޮކަން ލިބިފައި ވެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެން ޖެހެނީ ބަލިހާލުގައެވެ. އެއްބަޔަކު ދުނިޔޭގައި ތަނަވަސްކަންމަތީ އުޅެއެވެ. އަނެއްބަޔަކު އުޅެން ޖެހެނީ ފަގީރުކަންމަތީ ދަތި ހާލުގައެވެ. އެއްބައިމީހުން ދުނިޔޭގައި ދިގު އުމުރެއް ވޭތު ކުރެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެނީ ކުޑަ ދުވަސް ކޮޅަކު ނުވަތަ މަދު އަހަރުކޮޅަކުއެވެ. މިހެން ކަންތައްތައް ވުމަކީ ތަބީއީ ކަމެކޭ ބުނެ ނިންމާލެވިދާނެ ބާވައެވެ؟ މިކަމުގައިވެސް ސިއްރެއް ވާނޭ ކަމާއި، މިކަމުގެ ހަގީގަތް އެނގޭނޭ ދުވަހެއް އޮންނަން ޖެހޭނޭ ކަމަށް ފެނެއެވެ. ކަހަފު ސޫރަތުގައި މިފަދަކަންކަމުގެ ސިއްރެއްވާނޭކަމާއި، އަދި ފަހުން އެކަންކަން އެނގޭނޭކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. މިވާހަކަތަކާއި ގުޅޭ އާޔަތްތަކުގެ ތަފްސީރު ލިޔެވޭއިރު، އިރާދަ ކުރެއްވިއްޔާ، މީގެ ތަފްސީލު ގެނެސް ދެވޭނެއެވެ. މިކަންކަމަށް އިޝާރަތް ކުރެވި، ޙައްޖު ސޫރަތުގެ 17 ވަނަ އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. "ހަމަ ކަށަވަރުން، އީމާންވި މީހުންނާއި (އެބަހީ، މުސްލިމުންނާއި) ޔަހޫދީންނާއި ސާބިއީންނާއި ނަސާރާއިންނާއި މަޖޫސީންނާއި މުޝްރިކުން، މިއެންމެންގެ މެދުގައި، ޤިޔާމަތް ދުވަހުން، ފައިސަލާ ކުރައްވައި، (އެމީހުންގެ މެދުގައި ޚިޔާލުތަފާތުވީ މައްސަލަތަކާއި ބެހޭ ގޮތުން ރަނގަޅުގޮތަކީ ކޮބައިކަން) މާތްﷲ ނިޔާ ކަނޑައަޅުއްވާ ނެތެވެ. ހަމަކަށަވަރުން، ހުރިހާ ކަމަކަށް، މާތްﷲ ހެކިވެ ވޮޑިގެން ވެއެވެ." 

އާދެ، މިދެންނެވި ސަބަބުތަކަށް ޓަކައި، އާޚިރަތް ދުވަހަކީ ކޮންމެހެންވެސް އަންނަން ޖެހޭނޭ ދުވަހެއްކަން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައި ވެއެވެ. މީސްތަކުން ހެޔޮ މަގަށް އެޅުވުމަށް ބާރު އެޅުވުމުގެ ގޮތުންނެވެ. އަޅުގަނޑުމެންގެ ވުޖޫދު ގުޅިފައިވަނީ ހަމައެކަނި ދުނިޔެއާއި އަދި ދުނިޔަވީ ހަޔާތާއި ނޫންކަމާއި، އާޚިރަތް ދުވަހަކާއި އަދި އުޚުރަވީ ހަޔާތެއްވާކަމާއި، އިންސާނާގެ ދުނިޔެވީ އަމަލުތަކާ މެދު އެދުވަހުން މަސްއޫލުވާން ޖެހޭނޭކަން ހިތުގެ އަޑިން ގަބޫލު ކުރެވިއްޖެ ނަމަ، އޭނާގެ އުޅުން އިސްލާހު ކުރުމަށް ބާރު އަޅައި އެހީވެދޭނެތީ އެވެ. މިސަބަބަށްޓަކައި، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގައި އާޚިރަތުގެ ވާހަކަތައް ގެނެސް، އެދުވަސް ލޮލަށް ފެންނަ ކަހަލަ ގޮތަކަށް ސިފަކޮށްދީ ބަޔާން ކުރެވިފައިވެއެވެ. ތަޤުވާވެރި މުއުމިނުންނަކީ މިކަން، އާދެ، އާޚިރަތްދުވަސް އަންނާނޭކަން، ހިތުގެ އަޑިން ގަބޫލުކޮށް، ކަށަވަރު ކުރާ ބައެއް ކަމުގައި، އަޅުގަނޑުމެން އަލްބަޤަރާ ސޫރަތުގެ އެއާޔަތުގެ މާނައާއި މެދު ވިސްނަމުންދާ މި އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. އާދެ، وبالآخرة هم يوقنون، އާޚިރަތް ދުވަސް (އަންނާނޭކަމާއި މެދު) ތަޤުވާވެރި މުއުމިނުން ޔަގީންކޮށް ކަށަވަރުކުރެއެވެ.

ތަޤުވާވެރި މުއުމިނުންގެ މުހިއްމު ބައެއް ސިފަތައް ބަޔާންކޮށް ދިނުމަށްފަހު، މިބައި ނިންމާލެވިފައިވަނީ، އެމީހުންނަށް، އިލާހީ ހިތްވަރާއި ބިޝާރާ ދެމުންނެވެ. ދުނިޔަވީ ހަޔާތް އެމީހުން ވޭތު ކުރަމުން ގެންދަނީ ރަނގަޅު ގޮތުގައި ކަމާއި އަދި އާޚިރަތް ދުވަހުން އެމީހުންނަށް ކާމިޔާބު ލިބޭނޭކަން ބަޔާން ކުރަމުންނެވެ.

أولئك على هدى من ربهم وألئك هم المفلحون، 'އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ދެއްކެވި ތެދު މަގުގައި ތިބި ބަޔަކީ އެމީހުންނެވެ. އަދި ކާމިޔާބީ ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ'. މިއާޔަތުގެ ހިޔަލުގައި ހިނދުކޮޅެއް ހޭދަކޮށްލަމާތޯ އެވެ.

أولئك 'އެއީ' މިލަފްޒަކީ އަރަބި ބަހުގައި ގިނަ ބަޔަކަށް އިޝާރަތް ކުރުމަށް ބޭނުންކުރެވޭ ނަމެކެވެ. މިއާޔަތުގައި މިލަފްޒުން އިޝާރަތް ކުރަނީ ދެވަނަ އާޔަތުގައި ނަންގަނެވިފައިވާ، އަދި ދެން އޮތް ދެއާޔަތުގައި އެމީހުންގެ ސިފަތައް ބަޔާންކޮށް ދެވިފައިވާ، ތަޤުވާވެރި މުއުމިނުންނަށެވެ. މިއާޔަތުގައި ބަޔާން ކުރެވިފައިވަނީ އެމީހުންތިބީ މާތްﷲގެ ހިދާޔަތުގެ މަގުގައި ކަމެވެ. އާދެ، އެމީހުން ތިބީ އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތަލަ ސާބިތުކޮށްގެން ކަމެވެ. އެހެނީ، ވަކިކަހަލަ ސިފަތަކެއް ލިބިފައި ވުމެވެ. ދެވަނަ އާޔަތާއި ތިންވަނަ އާޔަތުގައި ބަޔާން ކުރެވިފައިވާ ސިފަތަކެވެ. ޣައިބަށް އީމާންވުމާއި ނަމާދު ޤާއިމު ކުރުމާއި، ލިބިފައިވާ ރިޒްގަކުން އެހެން މީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރުއާނަށާއި އަދި އެފޮތުގެ ކުރީންވެސް ބާވާލެއްވުނު ފޮތްތަކަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުން، މިސިފަތަކެވެ. މިކަމުން، އާދެ، އެމީހުން އެތިބީ ތެދު މަގުގައިކަން ކަނޑައަޅާލެވި ފާހަގަކޮށްދެވިފައި ވުމުން، ޝައްކެއްނެތް ގޮތުގައި، އެމަގުގައި ތިބުމަށް ހިތްވަރާއި ބާރު ލިބިގެން ދެއެވެ.

މިއާޔަތުގައި މިނަންގެނުވުނު އިލާހީ ހިތްވަރު ދިނުމުގެ އިތުރުން، ތަޤުވާވެރި މުއުމިނުންނަށް ބިޝާރާއެއް ވެސް ދެވިފައިވެ އެވެ. އާދެ، އެމީހުންނަކީ 'ފަލާހު'، ކާމިޔާބު، ލިބިގެންވާ މީހުންނެވެ. ދުނިޔަވީ ހަޔާތުގެ ވަރުގަދަ އިމްތިހާނުން ފާސްވެ، އާޚިރަތް ދުވަހުން، އިނާމު ލިބޭނޭ މީހުންނަކީ އެމީހުންނެވެ. އާޚިރަތް ދުވަހުން، ދިންނެވުމުގެ އިނާމު ލިބުމުގެއެވެ. ނަރަކައިގެ ވޭނާއި އަޒާބުން މިންޖުވެ، ސަވާބައި ދަރުމަ ލިބޭނޭ މީހުންނަކީ އެމީހުންނަށް ވީތީއެވެ. އެމީހުންގެ ދުނިޔަވީ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްލުމުގެ ނަތީޖާއެވެ. އެހެންވެ، އާޚިރަތް ދުވަހު، އެމީހުން، ބިރުގަނެ، ޖެހިލުންވާންވީ ކަމެއް ނެތެވެ. މާތްﷲގެ ރުހިވޮޑިގަތުމާއި އަދި، އެކަލާނގެ ސަވާބާއި ނިއުމަތް، އައްތީނު ސޫރަތުގައި ބަޔާން ކުރެވިފައިވާ ފަދައިން، (فلهم أجر غير ممنون) މެދުކެނޑުމެއް ނެތި އެމީހުންނަށް ލިބޭނޭ ތީއެވެ.

އާދެ، މިހިސާބުން އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ ތަފްސީރު ނިމުނީއެވެ. ނިންމާލުމުގެ ގޮތުން، މިބައިގެ ކުރު ޚުލާސާއެއްގެ މައްޗަށް އަދި އެއްފަހަރު ބަލައިލަމާތޯއެވެ. މިބައި ފެށުނީ ވަކިކުރެވިފައިވާ އަކުރަތަކުގެ ތެރެއިން ތިން އަކުރަކުންނެވެ. އަލިފް ލާމް މީމް، މިތިން އަކުރުންނެވެ. އެއަށްފަހު، ކީރިތި ޤުރްއާނުގެ މައުޟޫއަކީ އިލާހީ ހިދާޔަތުގެ މަގު ބަޔާން ކޮށް ދިނުންކަން ކަނޑައަޅާ ލެވުނެވެ. އަދި، މިކަމުން ފައިދާ ކުރާނީ ތަޤުވާވެރި މުއިނުންނަށް ކަމުގައި ބަޔާން ކުރެވުނެވެ. ދެން، މިފަދަ މުއުމިނުންގެ ބައެއް ސިފަތައް ބަޔާންކޮށްދެވުނެވެ. އޭގެ ތެރޭގައި، ޣައިބަށް، އީމާންވުމާއި، ނަމާދު ގާއިމުކުރުމާއި އެހެން މީހުންނަށް، ވީވަރަކުން، އެހީތެރިވުމާއި، ކީރިތި ޤުރުއާނާއި އަދި އެހެން އިލާހީ ފޮތްތަކަކީވެސް މާތްﷲ ބާވާލެއްވި ފޮތްތަކެއްކަމަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުން ހިމެނެއެވެ. 

މިބައިގައި، އިސްލާމް ދީނުގެ އަގީދާއާ ބެހޭ ބައެއް މުހިއްމު އަސާސުތައް ބަޔާން ކުރެވި ނުވަތަ އެކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ މާތްﷲއަށާއި މަލާއިކަތް ބޭކަލުންނަށް އީމާންވުމެވެ. މިކަން، ޣައިބަށް އީމާންވުމުގެ ތެރޭގައި ހިމެނެއެވެ. ދެން ފޮތްތަކަށް އީމާން ވުމެވެ. މިކަމުގެ ތެރޭގައި ރަސޫލުބޭކަލުންނަށް އީމާންވުން ހިމެނެއެވެ. ތިންވަނައަށް، އާޚިރަތް ދުވަހަށް އީމާންވުމެވެ. އީމާންކަމުގެ ބައެއް އަސާސީ ކަންތައްތަކުގެ އިތުރުން، މިބައިގައި އިސްލާމް ދީނުގެ ދީނީ ބައެއް ރުކުންތައް ވެސް ބަޔާން ކުރެވިފައި ވެއެވެ. ނަމާދު ކުރުމާއި ޒަކާތް ދިނުމެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ